ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 18

ދަރިފުޅު ފާތުމައިދިއަށް މާލެ ދެއްކުން

ފެންނާމަނިކުފާނުގެ އަންހެންދަރި ބަނޑިހިގޭ ފާތުމައިދި ފުރާވަރަށް އަރަމުންއައި ދުވަސްވަރު މާގަދައެއްކޮށް މާލެ ދާހިތުން އެވާހަކަ ފެންނާމަނިކުފާނު ކައިރީގައި ބުނެފިއެވެ. މާލެ ބަލާހިތްވަނީއޭ މާލެ ދާހިތްވަނީއޭ ކިޔައިގެން ކުރުނުކޮށް ފެންނާމަނިކުފާނުގެ ކައިރީގައި އާދޭސްކުރާން ފަށައިފިއެވެ. މިކަމަށް ފެންނާމަނިކުފާނުގެ ފަރާތުން ތަރުހީބު ލިބޭގޮތް ނުވީމާ މިދީދީގެ މަންމަ އެޅެގޭ އައިމިނާދި ކައިރީގައިވެސް މިވާހަކަ ދައްކާން ފަށައިފިއެވެ. ބުނެއެވެ. މާލެއަކީ ހާދަހާ ރީތި ތަނެކޭ މީހުން ކިޔައެވެ. މިހެން ރާއްޖެތެރޭ ރަށެއްގައި އެހެންތަނެއް ނުފެނި ބަންދުވެގެން ތިބޭ ބަޔަކު ތަރައްގީއެއްވެސް ނުވާނެއެވެ. ލޮލެއްވެސް ނުހުޅުވޭނެއެވެ. އަހަރެމެންކަހަލަ ބޮޑުން ހަގީގީ ބޮޑުންކަމުގައިވާނީ މާލޭގައި އެއުޅުއްވާ ބޮޑުންނާއި ބައްދަލުވެވި އެވެރިންގެ އުޅުން ހުންނަ ނުހުންނަގޮތް ވެސް ދަސްކޮށްގެންނެވެ.

މިމޭރުމަކުން އާދޭސްކޮށްގަތީމާ އެޅެގޭ އައިމިނާދިވެސް މިކަމަށް ރުހިއްޖެއެވެ. އެހެންވެ ފެންނާމަނިކުފާނު ރުއްސާންކަމަށް ގޮސް އައިމިނާދި ބުންޏެވެ. އަހަރެމެންގެ ދަރި ފާތުމައިދިއަށް މާލެ ދައްކައިލާކަށް އަދިވެސް ނުވޭހެއްޔެވެ. އެމަންޖެ އެހުންނަނީ މާލެ ދާހިތުން މޮޔަވެފައެވެ. އެދީދީ އެދައްކަނީއަކީ މުޅިއަކުން ގޯސްވާހަކައެއްވެސް ނޫނެވެ. ބަގީޗާގެއަށް ވަދެލައި އަތިރީގެއަށް ވަދެލައި ދަހަރާގެއާއި ބޮޑުފެންވަޅުގެ އަދި ޑޭޒީމާގެ އަށްވެސް ވަދެލައި މިހެން އުޅެލީމާ އެދީދީގެ ފަތަރާސީކަންވެސް ވާނީ އިތުރެވެ. އަދި އަހަރެމެންނަކީ އުޅުންހުރި ބަނިޔާދަން ބައެއްކަން މާލޭ ބެއިފުޅުންނަށް ދެއްކުމުގެ ބާރަކަށް ވެސް މިކަންތައެް ވާނެއެވެ. އެހެންވީމާ އަހަރެންނަށް ފެންނަނީ ފާތުމައިދިއަށް މާލެ ދައްކައިލުމެވެ.

މިއަޑުއަހާން ހުރެފައި ފެންނާމަނިކުފާނު ބުންޏެވެ. އާނއާނ ތިޔަވީގޮތުން ދެން އެދީދީއަށް މާލެ ދައްކާން ޖެހުނީތާއޭ ލަސްނުކޮށް ތިޔަކަމާ އަހަރެން އެބައުޅެމެވެ. މިހެން ބުނެފައި ބަނޑިހިގޭ ސަރުދާރު ދޮންއައްލާ ގެނެސްފައި އަމުރުކުޅައެވެ. ސަމައްތަރުހެޔޮ ފެންފޯއްރުކެއް އުފުރާލައިގެން ގެނެސްބަލާށެވެ. ދޮންއައްލާ އާދޭހޭ ބުނެފައި ނުކުމެގެންގޮސް މާލަސްތަކެއް ނުވެ ކޮންމެވެސްތާކުން ފެންފޯއްރުކެއް އުފުރާލައިގެން ގެނެސް ބަނޑިހިގޭ ގޯތިތެރޭގައި ބާއްވައިފިއެވެ.

މިރުކަށް ބަލާންހުރެފައި ފެންނާމަނިކުފާނު ބުންޏެވެ. ތިޔަރުއް ފޫޓަކުން ފޫޓަކުން ބުރިކޮށްބަލާށެވެ. ނިކަންއަވަހަށް ދޮންއައްލާ މިކަންކޮށް ނިންމާލައިފިއެވެ. ބުރިކޮށް ނިމުނުއިރު ދިހަވަރަކަށް ގޮޅި އޮތެވެ. ފެންނާމަނިކުފާނު އަމުރުކުޅައެވެ. ތިޔަގޮޅިތައް މާކައިރި ނުވާނެހެން މިތާގައި އަތުރައިބަލާށެވެ. ކޮންމެ ދެގޮޅިއެއްގެ ދޭތެރޭގައި މަދުވެގެން ދެ ފޫޓެއްހައި ދުރުމިން ހުންނަންވާނެއެވެ. ރުކުގެ ގޮޅިތައް މިތަރުތީބުން އަތުރައި ނިމުނީމާ ބުންޏެވެ. މިގޮޅިތަކުގެ ކައިރީގައި ވަޅުގަނޑެއް ކޮނެފައި އޭގެތެރެއަށް މިގޭ ހަނޑަސްބުރިން ޗަކަގެނެސް އަޅައިބަލާށެވެ. މިކަންކޮށްނިމުނީމާ ބުންޏެވެ. އާނއާނ މިހާރު މިއޮތީ މާލެ ތައްޔާރުކުރެވިފައެވެ. އަވަހަށް ފާތުމައިދި ގެންނާށެވެ.

މިތާކަށް ފާތުމައިދި ގެނެސްފައި ބުންޏެވެ. ދަރިފުޅާއެވެ. މިތަނުން ގޮޅިއަކަށް އަރައިބަލާށެވެ. ދެން މިދީދީ ގޮސް މިތަނުން ގޮޅިއަކަށް އަރައިފިއެވެ. މިގޮޅީގެ ކުޑަކަމުން މީގެ މަތީގައި މިދީދީއަށް ކިރިޔާ ހިފަހައްޓާލެވެނީއެވެ. ގޮޅި ގުޑާވަރުންނާއި ދެފައި ރަނގަޅަށް ޖައްސާލާނެ ތަންކޮޅެއް ނެތުމުން ގިނައިރުތަކެއް ނުވެ މީގެ މަތިން މިދީދީ ކައްސާލައިގެން ވެއްޓިއްޖެއެވެ. ހަމަވެއްޓުމާއެކު ފެންނާމަނިކުފާނު ބުންޏެވެ. ދަރިފުޅާއެވެ. މާލޭގެ މިސާލަކީ މިއީއެވެ. ގެއަކަށް ވަދެއްޖައީވިއްޔާ އެގޭގެ ތެރޭގައި ގުޑިލާންވެސް ނޭގޭނެއެވެ. ގެތައް އެހައި ކުޑަވެފައި ނުތަނަވަސްވާނެއެވެ. އެއްގެއާއި އަނެއްގެއާއި އެއްވެސް ގުޅުމެއް ނޯންނާނެއެވެ. ކޮންމެ ގެއެއްގައިވެސް މީހުން ދިރިއުޅޭނީ މީގެ ގޮޅިތަކުގެ މަތީގައި އުޅެންޖެހޭ ގޮތަށެވެ.

މިގޮޅިތަކުގެ ކައިރީގައި ދޮންއައްލާ ކޮނުނު ވަޅުގަނޑަށް ހަނޑަސްބުރިން ގެނައި ޗަކަ އަޅައިފައި އޭގެ މައްޗަށް ހުރީ ރީތިފަސްލައިފައެވެ. މިވަޅުގަޑުގެ ކައިރިއަށް ގޮސް ހަނޑަސްބުރީގައި ގެންގުޅޭ ދަނގަޑު ގެނެސް އޭތި ފާތުމައިދި އަތަށް ދީފައި ފެންނާމަނިކުފާނު ބުންޏެވެ. ތިޔަތަނަށް ދަަނގަޑު ހަރައިބަލާށެވެ. މިހެން އެންގީމާ ފާތުމައިދި އަތަށް ބާރުލާފައި މިވަޅުގަނޑުގެ ތެރެއަށް ދަގަނޑު ވައްދައިލައިފިއެވެ. ހަމަވައްދައިލުމާއެކު އޭގެތެރޭގައި ހުރި ޗަކަސް ބުރަބުރައިގެންގޮސް ފާތުމައިދިގެ މޫނާއި ލިބާސްވެސް ހަޑިވެއްޖެއެވެ. މިތަން ދެކޭން ހުރެފައި ފެންނާމަނިކުފާނު ބުންޏެވެ. ދަރިފުޅާއެވެ. މާލޭގެ މިސާލަކީ ތިޔައީއެވެ. ބޮޑުކަމުދާން ވެގެން ހަނޑަސްބުރީގައި ދަނގަޑު ޖެހީމާ ވާނީ ތިޔަހެންނެވެ.

މިޒާތުން މާލޭގެ މިސާލުތައް ފެންނާމަނިކުފާނު ތަމްސީލުކޮށްދިނީމާ ފާތުމައިދި ބުންޏެވެ. ތިޔަކަހަލަ ރަށަކަށް ދާން ބޭނުމެއް ނޫނެވެ. އެކަހަލަ ރަށެއްގައި އުޅޭ ބޮޑުންވެސް ވާނީ މުޑުދާރު ނަޖިސް ބަޔަކަށެވެ. އެހެންވީމާ ބޮޑުންވަންތަކަން އެންމެ ބޮޑުވެފައި ތާހިރުކަންވެސް ބޮޑީ އަހަރެމެންނެވެ. މަށެއްދެން ތިޔަ މާލެއަކަށް ނުދާނަމެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!