ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 9

ނާއިބު މީހާގެ ޒިންމާ ފެށޭ ހިސާބު
ފެންނާމަނިކުފާނަކީ އޭރުގެ މީދޫގައި އަދި ރާއްޖޭގައިވެސް ކަންކަން ކުރަމުން ހިންގަމުން އައި އުސޫލަށް ފެތޭ އަދި އެ އުސޫލުގެ މޭސްތިރިއެކެވެ. އެއީ ޑިމޮކްރަޓިކް އުސޫލުތޯ ނުވަތަ އެހެން އެއްޗެއްތޯ ބަހުސް ކުރުމަކީ މި ލިޔުން ލިޔުމުގެ މަގްސަދެއް ނޫނެވެ. އެހެންވީމާ އިންސާފު ކުރަން ދޫކޮށްލާނީ ކިޔުންތެރިންނަށެވެ.

މީދޫގައި ހިތާވެގެން އުޅުނު ޒުވާން އަންހެންކުއްޖަކާއި ފިރިހެންކުއްޖަކަށް ހަމައުޅެއުޅެވެސް ކައިވެނި ކުރެވޭނެ ގޮތެއް ނުވިއެވެ. ހުރަހަކަށް ވަނީ އަންހެންކުއްޖާގެ ބައްޕައެވެ. މީނާ ވަލީދޭން އިންކާރު ކުރާތީ ކައިވެނި ކުރެވޭނެ ގޮތެއް ނެތީއެވެ. މިކަމާއި ކަންބޮޑުވެގެން މި ދެކުދިން އުޅުމުގެ ތެރޭގައި ކޮންމެވެސް މީހަކު ލަފާ ދީފިއެވެ. ފެންނާމަނިކުފާނުގެ ކައިރިއަށް ގޮސްބަލާށެވެ. އޭނާގެ ކިބައިގައި ތިޔަކަން ހައްލުކުރުމުގެ ކޮންމެވެސް ހިކުމަތެއް އޮވެދާނެކަން ނޭގެއެވެ.

މިއީ މޮޅު ބުއްދިއެއްކަމަށް ފެނިގެން މިދެކުދިން ބަނޑިހިގެއަށް ހިގާއްޖެއެވެ. ވާހަކަ ދެއްކީ ފިރިހެންކުއްޖާއެވެ. އެއީ ބަންކެއުވަލިގޭ އަހަންމާ އެވެ. މީނާ ބުންޏެވެ. އަހަރެމެން ދެކުދިން ހިތާވެގެން ރޭ ދުވާ ވަކިނުވެ މިހެން އުޅޭތާ މިހާރު ވަރަށް ގިނަދުވަސް ވެއްޖެއެވެ. އަހަރެމެން ބޭނުމީ ކައިވެންޏެވެ. އެކަމަކު މީނދަ އަންހެންކުއްޖާގެ ބައްޕަ މިކަމަށް އިންކާރު ކުރާތީ ކައިވެނި ކުރެވޭކަށެއް ނެތެވެ. ކައިވެނި ނުކުރެވުނަސް އަހަރެމެން ދެކުދިންނަކީ ދެން ވަކިވާކަށެއް ތިބި ބައެއް ނޫނެވެ. މިކަން މިރަށު އެންމެންވެސް ދަންނާނެއެވެ. ވަލީ ނުދޭން އެއުޅެނީ ކީއްވެގެންކަން އެނގެނީއަކީ ވެސް ނޫނެވެ. އަހަރެންނަކީ އުޅުން ވިޔާނުދާ މީހަކީމެއް ނޫނެވެ. އަތްފައިން މަސައްކަތްކުރަން ނޭގޭ މީހަކީމެއްވެސް ނޫނެވެ. އަންބަކު ގެންގުޅެވޭނެ އުރަތްޕެއް ނެތީކީވެސް ނޫނެވެ. އެހެންވީމާ މިކަމުގައި ގޮތެއް ދައްކަވައިދެއްވާތޯ ފެންނާމަނިކުފާނުގެ އަރިހަށް އައިސް ތިބީމެވެ.

ނިކަން ގަޔާވެހުރެ މިވާހަކަތައް އަޑު އެހުމަށްފަހު ފެންނާމަނިކުފާނު ބުންޏެވެ. އާނ އާނ ދެން ދިޔައަސް އެންމެ ރަނގަޅެވެ. އަހަރެން ތިޔަކަންތައް ވަރަށް އަވަހަށް އެބަބަލަމެވެ. މިހެން ބުނެ މި ދެކުދިން ފޮނުވާލުމަށްފަހު ދޮން އައްލާއަށް ގޮވައިގެން ގެނެސް ފެންނާމަނިކުފާނު އަމުރު ކުޅައެވެ. ބާރަށް ހިގާފައިގޮސް ކޮއްކޯގެ މަނިކުފާނު ގެންނާށެވެ. ދޮން އައްލާ ގޮސް ކޮއްކޯގެ މަނިކުފާނު ބަނޑިހިގެއަށް ހާޒިރުކޮށްފިއެވެ. މިކަމަށް ބައިގަޑިއިރުވެސް ނުނަގައެވެ.

ކޮއްކޯގެ މަނިކުފާނު ފެނުމުން ފެންނާމަނިކުފާނު ބުންޏެވެ. މިއަދާ ހަމައަށް އަހަރެން ހީކޮށްގެން ހުރީ ތިޔައީ ހެވާއި ނުބައި ވަކިކުރަން އެނގޭ ކަންކަމުގައި ބުއްދި އިސްކުރާ މީހެއް ކަމަށެވެ. އެކަމަކު ހަގީގަތަކީ އެއީ ނޫންކަން މިއަދު ކަށަވަރުވެއްޖެއެވެ. މީ ދެން ކިހައި ދެރަކަމެއްހޭ ބޭރުފުށުން ފެންނަ ސިފަޔާއި އެތެރޭގެ ސިފަ ހާދަހާ ތަފާތެވެ. މިމޭރުމަކުން ފެންނާމަނިކުފާނު ފޮށިގަތީމާ ކޮއްކޯގެ މަނިކުފާނު ބުންޏެވެ. އަހަރެން ބުއްދި އިސްނުކޮށް ކުރީ ކޮންކަމެއްހޭ ކުރިވަކިކަމެއް ބުނަނިކޮށް އެކަން އިސްލާހުކޮށްފާ ހުށީމެވެ.

ފެންނާމަނިކުފާނު ބުންޏެވެ. ކަލޭގެ ދަރި ހައްވައިދީ މިއަދު މިގެއަށް އަތުވެއްޖެއެވެ. ކަލޭ ވަލީ ނުދީގެން ކައިވެނި ނުކުރެވިގެން އުޅޭ ވާހަކަ ބުނެފިއެވެ. އޭބަލަގަ ކޮއްކޯގެ މަނިކުފާނޫ އެވެ. ދެ މީހަކު ހިތާވެގެން އެކަކު އަނެކަކާ ނުލައި ނޫޅެވޭ ހިސާބަށް ދިޔައިމާ ދެން ހިފެހެއްޓުމަކީ ބަފަޔަކުވިޔަސް ކުރަން ޖެހޭނެ ކަމެއް ނޫނެވެ. ކުރެވޭނެ ކަމެއްވެސް ނޫނެވެ. އެދެމީހުން އެތިބީ ރޭދުވާ ވަކި ނުވާ މިންވަރަށް ހިތާވެފައެވެ. އެއީ ތަސައްރަފު ފުދި ބޮޑެތިވެފައި ތިބި ކުދިންނެވެ. ދެން އެމީހުން ކުރާކަމެއްގެ މޭވާ އަހަރެމެންނަށް ފެނުނީމާ އޭގެ ޒިންމާ އުުފުލާނީ ކާކުބާވައެވެ. ނޫނެކެވެ. އިސްލާމީ ޝަރީއަތުގައި ރަށުގެ ނާއިބު މީހާގެ މައްޗަށްވެސް ޒިންމާތަކެއް ވެއެވެ. އެހިސާބަށް ދިޔުމުގެ ކުރިން ފިޔަވަޅު އެޅުމަކީ މިރަށުގެ ނާއިބު މީހާގެ ހައިސިއްޔަތުން އަހަރެންގެ މައްޗަށް ލާޒިމުކުރާކަމެކެވެ. އެހެންވީމާ ކަލޭ ވަލީ ދިނަސް ނުދިނަސް ރުހުނަސް ނުރުހުނަސް މިރޭގެ އިޝާ ވަގުތަށް ފަހު އަހަރެން އެދެކުދީންގެ ކައިވެނި ކޮށްދޭނަމެވެ.

މިއަޑު އިވިފައި ކޮއްކޯގެ މަނިކުފާނު ބުންޏެވެ. އަހަރެން ދޭން ޖެހޭ ވަލީއެއް އޮތިއްޔާ އެވަލީއެއް ފެންނާމަނިކުފާނާއި ހަވާލުކޮށްފީމެވެ. އެހެންވީމާ ފެންނަގޮތަކަށް ކަންތައް ކުރާށެވެ. އަހަރެންގެ މައްސަލައެއް ނެތެވެ. މިހެން ކިޔާފައި ނުކުމެގެން ހިގާއްޖެއެވެ.

ރަހާގެ ފުތާ ގަންހިންގުން
ބަނޑިހިގެއަށް ގަމު ކަތީބު ދޮންރަހާގެ ފަރާތުން ފަލަމަޑީގެ ބާވަތްތަކުގެ ފުނިވަރެއް ލިބުނު ދުވަހެކެވެ. މީގެތެރެއިން ފުރައްދެ އަލައިގެ ކޮންމެވެސް މިންވަރެއް މުޅޯއްޓަކަށް އަޅައިފައި ބަނޑިހިގޭގައި ޚާދިމަކަށް އުޅޭ ރަހާގެ ފުތާގެ އަތަށް ދީފައި އެތަކެތި ގަނޑުވަރަށް ގެންގޮސް ދޭށޭ ފެންނާމަނިކުފާނު އަންގައިފިއެވެ. މި މީހަކީ ރަހާގެ ޝީރީނުމެންގެ ބައްޕައެވެ. އޭރު ގަނޑުވަރުގައި ދިރިއުޅެނީ ފެންނާމަނިކުފާނުގެ އެންމެ ދޮށީ ދަރި އައިމިނައިދި އާއި އެދީދީގެ ފިރިމީހާ ފާއިޒެވެ. މި އައިމިނާދިއަކީ ފެންނާމަނިކުފާނާއި އެދުރުގޭ ދޮންދީދީގެ ކައިވެނިން ލިބުނު ދަރިއެކެވެ.

ރަހާގެ ފުތާ މިތަކެތި ހިފައިގެން ބަނޑިހިގެއިން ނިކުމެނިކުމެ ހުއްޓައި ފެންނާމަނިކުފާނުގެ އަނބިމީހާ އެޅެގޭ އައިމިނާދި މީނާގެ ކައިރީގައި ސިއްރު ސިއްރުން ބުންޏެވެ. ތިޔަ މުޅޯށި ގެންދަންވީ ގަނޑުވަރަކަށް ނޫނެވެ. ތިޔަތަކެތި ގެންގޮސްދޭންވީ ހަސަންކާރަށެވެ. އޭރު ހަސަންކާރުގައި ދިރިއުޅެނީ އެޅެގޭ އައިމިނައިދީގެ ބޭބެ އެޅެގޭ ހުސައިން ދީދީއާއި އެދީދީގެ އަނބިމީހާ ހަސަންކާރި މަރިޔަމް ދީދީއެވެ. ކޮންމެއަކަސް ރަހާގެ ފުތާ މިތަކެތި ހިފައިގެންގޮސް ހަސަންކާރިގެއަށް ލައިފިއެވެ. ދޮންދަރީގެ ގެއަށް އަލަ ފޮނުވުމަށްވުރެ އައިމިނައިދިއަށް މުހިއްމުވީ އެއްބަނޑު ބޭބެގެ ގެއަށް މިތަކެތި ފޮނުވުމަށެވެ. އެހެންވެ ފެންނާމަނިކުފާނަށް ސިއްރުން މިކަން މިމަގުން ނިންމާލައިފިއެވެ.

އެދުވަހު މެންދުރު މިސްކިތުން ފައިބައިގެން ފެންނާމަނިކުފާނު ގޮސްވަނީ ގަނޑުވަރަށެވެ. އެގެއަށް ގޮސް އަހައިފިއެވެ. ކަނބުލޯ އައިމިނައިދިއެވެ. ބައްޕަ މިއަދު ފޮނުވި އަލަ މީރު ހެއްޔެވެ. އެއީ ބައްޕައަށް ގަމުން ލިބުނު އެއްޗެކެވެ. މިއަޑު އަހާފައި އައިމިނައިދި ބުންޏެވެ. ބައްޕަ ތިޔަ ބުނާ އަލައެއް އަހަރެން ނުދެކެމެވެ. މިގެއަކަށް ނުގެނެއެވެ. މިކަމާ ހައިރާންވެގެން ފެންނާމަނިކުފާނު ގޮސް ރަހާގެ ފުތާއާ ސުވާލުކުރިއެވެ. ކަލޭގެ ކައިރީގައި އެތަކެތި ގެންގޮސް ގަނޑުވަރަށް ލާށޭ ބުނީމާ ގެންދިޔައީ ކޮންގެޔަކަށް ހެއްޔެވެ. މީނާ ވަރަށް ބިރުން ހުރެ ޖަވާބު ދިނެވެ. މާފުކުރައްވާށެވެ. ފެންނާމަނިކުފާނު އެހެން ވިދާޅުވިއެއް ކަމަކު އަހަރެން ގޮސްގޮސް ހުއްޓައި މިގޭ އައިމިނައިދި ވިދާޅުވީ އެތަކެތި ގެންގޮސް ހަސަންކާރަށް ލުމަށެވެ. އެހެންވީމާ އަހަރެން އެތަކެތި ގެންދިޔައީ ހަސަންކާރަށެވެ.

މިކަމާ ފެންނާމަނިކުފާނު ކިތަންމެ ރުޅިއަޔަސް އަނބިމީހާ ކުރިކަމެއްވީމާ އޭނާއާ ދިމާލަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެޅެގޭ އައިމިނާދިއަކީ ފެންނާމަނިކުފާނު މާވަރަކަށް ހިތާވާ އަންބެކެވެ. އެހެންވީމާ ހުރިހާ ރުޅިއެއް ބޭލީ ރަހާގެ ފުތާއަށެވެ. ރަހާގެ ފުތާ އަތަށް އާ މުޅޯއްޓެއް ދީފައި އޭނާގެ ކަރުގައި ފަތެއް އެލުވައި އެފަތުގައި މިތަކެއްޗަކީ ބަނޑިހިގެއިން ގަނޑުވަރަށް ގެންދާތަކެތިކަމަށް ލިޔެފައި ފޮނުވައިފިއެވެ. އަދި ގަނޑުވަރަށް ދާ މަގުމަތީގައި ވީހާވެސް ގިނަ މަގުމަގުން ހިނގައި ވީހާވެސް ގިނަބަޔަކަށް އެފަތް ދެއްކުމަށްވެސް ފެންނާމަނިކުފާނު އަމުރު ކުޅައެވެ. އެހެންކަމުން ރަހާގެ ފުތާ އެންމެފަހުން ގަނޑުވަރަށް އެތަކެތި ގެންދިޔައީ ޒާތެއްގެ ގަން ހިންގުމެއްގައެވެ.

You may also like...

1 Response

  1. Rahaakkalow says:

    ރަހާގެ ފުތާ ގަންހިންގުމަކީ އޭނާގެ އިންސާނީ ކަރާމާތް ނަގާލުމެވެ. މިވާހަކަ ލިޔުނީމާ އެއީ ފެންނާމަނިކުފާނުގެ އާއިލާގެ މީހުން ރުޅިއަންނާނެ ކަމެއްދޯއެވެ. ބަލަ ރަހާގެ ފުތާގެ އާއިލާއެއް ވެސް އެބައޮތެވެ. އެވެރިން ބޭނުމީ މިވާހަކަ ދައްކާށެވެ. ސާބަހޭ މީދޫ ޑޮޓް ކޮމް ޓީމު.ވެރިކަން ކުރި މީހުންގެ ވަތުބަތާން ހާމަކޮށް ހަގީގީ ތާރީޚު ގެނެސްދޭން ތިކުރާ ހިތްވަރު އަހަރެމެން ބަލައިގަންނަމެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!