ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 15

ހުކުރު އަޅައިފިމީހަކަށް ކެއުންވެސް ހަރާމްވާނެ

އިސްލާމީ ޝަރީއަތުގައި ހުއްދަ ނޫންކަންތައް ފިޔަވައި ރައްޔިތުން ކުށްވެރިވާ މާގިނަކަންތަކެއް އިހުޒަމާނުގައި ނޯވެއެވެ. އާއްމުގޮތެއްގައި ކުށްވެރިވާ އޮންނަނީ ތިން ސަބަބެކެވެ. އެއްސަބަބަކީ ހުކުރު އެޅުމެވެ. މިއީ ވަރަށްވެސް ބޮޑު ކުށެކެވެ. މަގުބޫލު އުޒުރެއް ނެތި ހުކުރު އަޅައިފި މީހަކަށް ހަމައެދުވަހު ވެރިކަމުގެ ފަރާތުން އަދަބު ދޭނެއެވެ. އާއްމުގޮތެއްގައި އަދަބު ދެނީ ތައުޒީރު ކުރުމަކުންނެވެ. ދެވަނަ ސަބަބަކީ ވަގުރުކު އެޅުމެވެ. ތިންވަނަ ސަބަބަކީ ބަންޑާރަ މަސައްކަތަށް ފުރަގަސް ދިނުމެވެ. ބަންޑާރަ މަސައްކަތަކީ ވެރިކަމުގެ ފަރާތުން ރައްޔިތުން ލައްވާ ކުރުވާ ކޮންމެ މަސައްކަތެކެވެ.

ސިއްތީބީގެ އަހުމަދު ބެޔާއަކީ އޮޅުދޫކަރަޔާއި އުތުރުކަރަޔަށް ވިޔަފާރި ކަމުގޮސް އުޅުނު މީހެކެވެ. އަތްމަތި ތަނަވަސް އުޅުންހުރި މީހެކެވެ. ރަށުފެންވަރުން އެންމެ އަބުއި ދިރިއުޅުމެއް އުޅެމުންދިޔަ މީހެކެވެ. މިއަހުމަދުބެޔާ އިނދެގެން އުޅުނީ ދޮންފުތާގެ ހަމީދާއާއެވެ. މިދެމަފިރިން ދިރިއުޅުނީ ބަނޑިހިގޭ ކުރިމަތިން ހުންނަ ގެއެއްގައެވެ. އަހުމަދުބެޔާގެ ތަނަވަސް ދިރިއުޅުމާއި ކަރަކަރައިން ގެނެސްފައި ހުންނަ މުދަލަކީ ފެންނާމަނިކުފާނު ވަރަށް ހަސަދަވެރިވާ ކަންކަމެވެ. މިހެންވެ އަހުމަދުބެޔާއަށް ލޮޓިއެއް ދޭނެ ފުރުސަތަކަށް ފެންނާމަނިކުފާނު ހުންނަނީ ބަލަބަލައެވެ.

މިހެން އުޅުމުގެ ތެރޭގައި ކޮންމެވެސް ހުކުރުދުވަހެއްގައި އަހުމަދުބެޔާ ހުކުރުއަޅައިފިއެވެ. މިއީ ވަރަށް ނުވާކަމެކެވެ. ހުކުރުން ފައިބައިގެން ބަނޑިހިގެއަށް ނުގޮސް ފެންނާމަނިކުފާނު އެންމެ ފުރަތަމަވެސް ދިޔައީ ހަމީދާގެއަށެވެ. ދިޔައިރު އެގޭ އުނދޯލިގޭގައި އަހުމަދުބެޔާ އޮށޯވެގެން އޮތެވެ. ބަދިގޭގައި ކޮންމެވެސް ރަހަމީރު އެއްޗެއް ތައްޔާރުކުރުމާއިގެން ހަމީދާ އުޅެއެވެ. ފެންނާމަނިކުފާނު ރަނގަޅަށް ބަލައިލިއިރު އޮޅުދޫކަރައިން ގެނެސްފައި ހުރި އަގު ބޮޑު ތަށިތަކަކާއި ޖޯޑުތަކަކާއި ބޯތަށިތަކެއް މިތާގައި ހުރި ވެލިފުންޏެއްގެ މަތީގައި އަވީލައިފައި ހުއްޓެވެ. ފެންނާމަނިކުފާނު އެދިޔަގޮތަށް ގޮސް ލަކުޑި ފަތިގަޑަކުން މިތަށިތަކުގައި ތެޅިތެޅީނުން ފުނޑުފުނޑުކޮށްލައިފިއެވެ.

މިކަމެއް ކުރުމަށްފަހު ބުންޏެވެ. ހުކުރަށް ނުގޮސް އޮވެ ކެއުންވެސް ހަރާން ވާނެއެވެ. އަދި ކާތަކެތި އަޅަން ގެންގުޅޭ ތެލި ތަށިފަދަ ތަކެތީގައި އަތްލުންވެސް ހަރާންވާނެއެވެ. އެހެންވީމާ މިގޭ ތަށިތައް ރަށުގެ ނާއިބުމީހާގެ ހައިސިއްޔަތުން ތަޅައިލީއެވެ. މީގެފަހުން ހުކުރެއް އަޅައިފިއްޔާ މިގެ ވެސް ތަޅައިލާހުށީމެވެ. އަހުމަދުބެޔާ ހަމައަނގައިންވެސް ނުބުނެ އޮވެއްޖެއެވެ.

އަހުމަދުބެޔާގެ އަބުއި ދިރިއުޅުމަކީ ފެންނާމަނިކުފާނުގެ އިތުރުން އެމަނިކުފާނުގެ ކޮއްކޮ ދެށިނާގެ އިބްރާހިމް ދީދީވެސް ވަރަށް ހަސަދަވެރިވާ ކަމެކެވެ. އަހުމަދުބެޔާގެ ހުދު ފަގުޑިތަކާއި ކޮނޑިކެނޑިތަކާއި ގަންޖުފަރާސްތަކަކީ އެދުވަސްވަރު އާދައިގެ މީހުންނާއި އަރަފޯދޭ އެއްޗެއް ނޫނެވެ. ކޮންމެވެސް ހުކުރުދުވަހެއްގައި ދެށިނާގެ އިބްރާހިމްދީދީ ހުކުރަށް ދިޔައިރު މީނާ އާއްމުގޮތެއްގައި އިށީދެ އިންނަ މަގާމުގައި އެދުވަހު އިނީ އަހުމަދުބެޔާއެވެ. މިއީ މިސްކިތުގެ ދޮރާއި ޖެހިގެން ކަނާތްފަރާތުން އެތެރެއަށް ހުންނަ އަށްޓެއްކަހަލަ މަގާމެކެވެ. އަހުމަދުބެޔާ އިނީ ވަރަށްވެސް ހުދުކަން ގަދަ އަގުބޮޑު ފަގުޑިއެއް ބޮލުގައި އަޅައިގެންނެވެ. މިމަންޒަރު ފެނިފައި އިބްރާހިމްދީދީ ހެދިގޮތަކީ ފަގުޑި ދަމައިގެންފައި އެއަށް ދެތިންފަހަރަކު ކުޅު ޖަހައިފައި ދޮންދީދީގެ ފުޅައްމަތިން ވަލުތެރެއަށް އެއްލައިލީއެވެ.

ބޮޑުކަމުދާގޮތް ބެލުން

ފެންނާމަނިކުފާނުގެ އަމިއްލަ މަސައްކަތްވެސް ބަންޑާރަ މަސައްކަތޭ ބުނެފައި ރައްޔިތުންލައްވައި ކުރުވައެވެ. އެއްފަހަރަކު ބަނޑިހިގޭ ކޮންމެވެސް މަސައްކަތެއް ކުރުވަންވެގެން ވައްލިއަރި އަހައްމަދާ ގާތުގައި ބުނީމާ މި އަހައްމަދާ މިކަމުން ރެކިގެންފިއެވެ. ބަނޑިހިގޭ މަސައްކަތު ނުގޮސް މީނާ ދިޔައީ އެހެން ކޮންމެވެސް ކަމެއްގައެވެ. މިކަމާ ފެންނާމަނިކުފާނު ރުޅިއައިސްގެން އަނެއް ދުވަހު ދޭވާނިން ފޮނުވައިގެން އަހައްމަދާ ގެނެސް ބަނޑިހިގޭ ކޮށާރާއި ދިމާލުން ވަލުތެރޭގައި ބަނދެފައި ބާއްވައިފިއެވެ.

މިގޮތަށް ބަނދެފައި އޮންނަތާ ދެތިން ގަޑިވީމާ އަހައްމަދާ ހަޅޭލާން ފަށައިފިއެވެ. ބުނެއެވެ. އަހަރެން ބަނޑު ދިޔާވެގެން ބޭރަށް ހިންގާ ގޮތްވަނީއެވެ. އެހެންވީމާ ބޮޑުކަމުދާން އަހަރެން ފޮނުވައިދޭށެވެ. އެހެން ނޫނިއްޔާ މިތާގައި އޮވެގެން ގަޔަށް ބޮޑުކަމު ދެވިދާނެއެވެ. މީނާ މިގޮވުން ގޮވާތާ އިރުކޮޅެއްވީމާ ފެންނާމަނިކުފާނުގެ އަންހެނުން އެޅެގޭ އައިމިނައިދި ބުންޏެވެ. އެތާގައި އެމީހާ އޮވެގެން ގަޔަށް ބޮޑުކަމު ގޮސްފިއްޔާ މިގޭ ފެންޑާގައި ތިބެން އުނދަގޫވާވަރަށް ވަސް ހުންނާނެއެވެ. އެހެންވީމާ އޭނާ ދޫކޮށްލާށެވެ.

އައިމިނާދި މިކަމަށް އެދިގަތީމާ ބަނޑިހިގޭ ސަރުދާރު ދޮން އައްލާއަށް އަމުރުކޮށްފައި ފެންނާމަނިކުފާނު ބުންޏެވެ. މިކަލޭގެ ބޮޑުކަމުދާން އޭނާ އެދޭ ހިސާބަކަށް ގެންދާށެވެ. އެކަމަކު ކަލޭ ވަރަށް ފަރުވާތެރިވާން ވާނެއެވެ. މީނާ ބޭރުކުރާ ނަޖިހަކީ ބަނޑު ދިޔާވުމުގެ ތެރޭން ފައިބާ ދިޔާ ނަޖިސްތޯ ކަށަވަރު ކުރަންވާނެއެވެ. ނޫނީ އާދައިގެ ކެއުމަށްފަހު ބޭރުކުރާ ހަރު ނަޖިސްތޯވެސް ބަލަން ޖެހޭނެއެވެ. މިބަހަށް ދޮން އައްލާ އާދޭހޭ ވިދާޅުވި ގޮތެކޭ ކިޔައިފައި އަހައްމަދާ ގޮވައިގެން ހިގާއްޖެއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!