މީދޫ ދޮންފޫޅުވައް ދަނޑާއި ކަށަވަކީގެ ހަގީގަތް

ކަށަވަކި ނުވަތަ އައްޑޫ ނަމުންނަމަ ދޮންފޫޅުވައް ގަހަކީ ވަލުތެރޭގައި ތިރިކޮށް ހެދޭ ގަހެކެވެ. މިގަސް އެންމެ ރަނގަޅަށް ހެދެނީ ތެތްފިނި ބިމުގައެވެ. އާއްމު ގޮތެއްގައި ހަތަރުފޫޓާއި ހަފޫޓާއި ދެމެދު އުސް މިނަކަށް ހެދެއެވެ. މިގަހަށް ކިޔާ އިނގިރޭސި ނަމަކީ ޝޯބަޓަން ނުވަތަ އަރްޑިސިއާ އެވެ. ބޮޓެނިކަލް ނަމަކީ އަރްޑިސިއާ އެލިޕްޓިކާ އެވެ. މިގަހަށް ކިޔާ ރަސްމީ ދިވެހި ނަމަކީ ކަށަވަކި އެވެ.

އައްޑޫ އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ ހިސާބެއްގެ މީހުންވެސް ކިޔާ އުޅެނީ ކަށަވަކި އެވެ. މިގަހުގައި އަޅާ މޭވާއަކީ ބްލެކްބެރީ ޒާތަކަށް ހުންނަ ކުޑަކުޑަ މޭވާއެކެވެ. ރަހަވެސް ބްލެކްބެރީއާ ގާތް ކުރެއެވެ. މޭވާ އަޅާނީ ކޯނި ކޯންޏަށެވެ. ދޮންނުވާ އިރު ފެހިކުލައިގައި ހުންނަ މޭވާ ދޮންވުމުން ހުންނާނީ ގަދަ ދަނބު ކުލައިގައެވެ. މިމޭވާއަކީ އާއްމުކޮށް އެހެން މޭވާ އާއި ޚިލާފަށް ދޮންވަމުންދާއިރު ތަފާތު ކުލަކުލައަށް ބަދަލުވާ މޭވާއެކެވެ. މިގޮތުން މަޑު ފިޔާތޮށި މެރޫން އަދި ރަތް ކުލައިގައި ހުރެއެވެ.

ކަށަވައްކަކީ ރާއްޖޭގެ ވަރަށް މަދު ރަށެއްގައި ނޫނީ ހެދިފައި ހުންނަ ތަން ނުފެންނަގަހެކެވެ. އައްޑު އަތޮޅުގެ ރަށްރަށާއި ފުވައްމުލަކުގެ އިތުރުން ރ. އަތޮޅު އިނގުރައިދޫ ވަލު ތެރޭގައި ގިނަ އަދަދަކަށް މިގަސް ހެދިފައި ހުރެއެވެ. އައްޑު އަތޮޅުގައި އެންމެ ގިނައިން މިގަސް ހުރީ މީދޫގައެވެ. މީދޫ މާއެޅެ ސަރަހައްދުގައި ދޮންފޫޅުވައް ދަނޑޭ ކިޔާ ތަނެއް ވެސް އޮވެއެވެ.

މީދޫ ދޮންފޫޅުވައް ދަނޑުގައި މިޒާތުގެ ބައިވަރެއް އޮވެއެވެ. މީދޫއަށް މިގަސް ތައާރަފުވީ ކޮންދުވަސްވަރެއްގައި ކިހިނެއްކަން އެނގޭކަށެއް ނެތެވެ. ދޮންފޫޅުވައް ދަނޑު އޮތީ މީދޫ މާއެޅެ ސަރަހައްދުގައި އިނގިރޭސިން އުޅުނު ހިސާބުގައި ކަމަށް ވާތީ އެމީހުން ގެނައި އެއްޗެއް ކަމަށް ވެސް ހީކުރެވުނެވެ. ނަމަވެސް ރަށުގެ އުމުރުން ދުވަސްވީ މީހުން ބުނާ ގޮތުން އިނގިރޭސިންގެ ކުރީގައިވެސް ދޮންފޫޅުވައް ގަސް ހުއްޓެވެ.

ކުރީ ޒަމާނުގައި މީދޫ ދޮންފޫޅުވައް ދަނޑަކީ މަޝްހޫރު ތަނެކެވެ. ދެޖިންސުގެ ޒުވާން ކުދިން ދޮންފޫޅުވައް ބިންނަން ދިއުމާއި ދޮންފޫޅުވައް ކެއުމަކީ އޭރު އޮންނަ އާދައެކެވެ. ކޮންމެއަކަސް އޭރުގެ ދޮންފޫޅުވައް ދަނޑު މިހާރަކު ނެތެވެ. އެދަނޑު އޮތް ސަރަހައްދުގައި އެތާކުމިތާކުން ހާލަކުން ގަހެއް ނޫނީ ނުފެނެއެވެ. ގަސްތައް މަރުވީ ރަށުމީހުން އެހިސާބުގެ ވަލުތެރޭގައި އެކިފަހަރު މަތީން އަލިފާން ރޯކޮށް އެންދުމުގެ ސަބަބުންނެވެ. ތަންކޮޅެއް ކުރީން އެކިމީސްމީހުންގެ ގޯތިގޯތި ތެރޭގައިވެސް މިގަސް ހެދިފައި ހުއްޓާ ފެނެއެވެ.

ދޮންފޫޅުވަކުން ލިބޭ ތަފާތު ސިއްހީ ފައިދާތަކެއް ހުރެއެވެ. އޭގެތެރޭގައި ބޭސްއުފައްދާ ފަރާތް ތަކުން ، ލޭގަނޑު ކުރުމާ ދެކޮޅަށް (އެންޓި ބެކްޓީރިއަލް) މާއްދާއެއްގެ ގޮތުގައި އަދި ބެކްޓީރީއާއި ދެކޮޅަށް މަސައްކަތް ކުރާ (އެންޓި ޕްލެޓެލެޓް) މާއްދާއެއްގެ ގޮތުގައި ކަށަވައް ބޭނުން ކުރެއެވެ. މީގެ އިތުރުން ބައެއް ކަހަލަ ފައިޓޯނިއުޓްރިއެންޓްތައް ވެސް ހުންނަ ކަމަށް ފާހަގަ ކުރެވިފައި ވެއެވެ. އެގޮތުން ހުންނަ މާއްދާ ތަކުގެ ތެރޭގައި ސިރިންޖިކު އެސިޑް، އަމައިރިން، ބާރގެނިން އަދި ކުއުރެސްޓިން ފަދަ މާއްދާތައް ހިމެނެއެވެ.

އިރުމަތީ އޭޝިއާގެ މެލޭޝިއާ އާއި ތައިލޭންޑް ފަދަ ގައުމު ތަކުގައި ހަކީމީ ބޭސްވެރިކަމުގައި ކުއްޅަވަކާއި އެގަހުގެ ފަތްތައް ބޭނުން ކުރެއެވެ. މެލޭޝިއާގައި މޭގެ ރިހުމަށާއި މޭދަށުގައި ހުންނަ ރިހުން ލުއިކުރުމަށް ކަށަވައް ފަތް ޗިސްކޮށްގެން އޭގެ ޕޭސްޓް ބޭނުންކޮށް އުޅެއެވެ. އަދި އެޕޭސްޓް ހާޕީސް ސިމްޕްލެކްސް އަދި ހިމަބިހި ފަދަ ބަލި ޖެހުމުން އުފެދޭ ފޮޅާއި ބިހީގައި އުނގުޅައެވެ. ތައިލޭންޑްގެ ގަދީމީ ބޭސްވެރިކަމުގައި ބޭރަށް ހިންގުން ހުއްޓުވުމަށާއި ހުން ފިނި ކުރުމަށްވެސް ކަަށަވައް ބޭނުން ކޮށްފައިވެއެވެ.

ދޮންފޫޅުވަކަކީ ރީތީ ގަދަ ފެހި ކުލައެއް ހުންނަ ގަހެކެވެ. މިއީ ރާއްޖޭގައިވެސް ނާދިރުކޮށް ހުންނަ ގަހެކެވެ. ދުނިޔޭގެ ބައެއް ގައުމު ތަކުގައި ހިމާޔަތް ކޮށްފައިވާ ގަސް ތަކުގެ ތެރޭގައި ކަށަވަކި ގަސް ހިމެނެއެވެ. މިގޮތުން ބަލާއިރު ދޮންފޫޅުވަކަކީ މީދޫއަށް ވެސް ވަރަށް ޚާއްސަ އަދި މީދޫގެ ނޭޓިވް ޕްލާންޓެއް ކަމުގައި ބަލަން ޖެހެއެވެ. ވީމާ މީދޫގައި ދޮންފޫޅުވައް ގަސް އާލާކޮށް ހިމާޔަތް ކުރުމަކީ ކުރަން ޖެހޭ ކަމެކެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *