ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 14

އަޑުގަދަ މީހާގެ ރުއްގިނަވުން
އިހުޒަމާނުގައި ރާއްޖޭގެ ރަށްރަށުގައި އެންމެ މުދާވެރިކަން ބޮޑު ބަޔަކީ އެރަށެއްގެ ވެރީންނެވެ. ނުވަތަ ވެރިމީހާއެވެ. އެދުވަސްވަރު މުދާވެރިކަމާއި ތަނަވަސްކަމުގެ އަސްލު ގުޅިފައި އޮންނަނީ ރުއްގަސް ގިނަވުމާއެވެ. ކޮންމެ ރަށެއްގައިވެސް އެންމެ ރުއްގަސް ގިނަމީހަކީ އެރަށެއްގެ ނާއިބު މީހާ ކަތީބު ނުވަތަ މުދިން ކަލޭގައެވެ. އެ ރުއްގަހަކީ ކޮންމެހެން ވާރުތަވެގެން އައިސްފައި ހުންނަ ތަކެއްޗަށްވުން ލާޒިމެއް ނޫނެވެ. އަދި އެމީހަކު އިންދި ތަކެއްޗަށްވެސް ވާކަށް ނުޖެހެއެވެ. ކޮންމެވެސް ގޮތަކުން އަމިއްލަ ވަނީއެވެ. ނުވަތަ ކުރަނީއެވެ. ފަހަރުގައި އެއީ އެންމެ އަޑުގަދަ މީހާއަށްވާތީ ލިބޭތަކެއްޗަށް ވަނީވެސް ތޯއްޗެކެވެ. އިހުގެ މިސާލުބަހެއްގައި ބުނެއުޅެއެވެ. އަޑުގަދަ މީހާގެ ރުއްގަސް ގިނަވާނެއެވެ. ފެންނާމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި އެމަނިކުފާނަށްވުރެ ރުއްގަސް ވަކިން ގިނަމީހަކު މީދޫގައި ނޫޅެއެވެ. ޚާއްސަކޮށް މަތިވަރު ރަގަޅުވެފައި ގިނައިން ކާށި ލިބޭ ރުކެއް ވިއްޔާ އެރުކެއްގެ މިލްކުވެރިޔަކީ ފެންނާމަނިކުފާނެވެ.

ބަންކެއުވަލިގޭ ހައްވާ މަނިކުފާނު އިންދި ރުކެއް ކައިލަގެ ތަންގަނޑުގެ ވަލުތެރޭގައި ހުރެއެވެ. މި ރުކަކީ މަތިވަރު ވަރަށްވެސް ރަގަޅު ރުކެކެވެ. އެއްދުވަހަކު މި ހައްވާ މަނިކުފާނުގެ ތިން ފިރިހެންދަރިން މިރުކުން ކުރުނބާއަޅައިގެން ބޯން ތިއްބައި އެހެންލާފައި ފެންނާމަނިކުފާނަށް ދެވިއްޖެއެވެ. ރުކުގެ ވަށައިގެން ދެތިން ފަހަރަކު ހިގާލައިފައި ރުކުގެ މަތިވަރުގެ މޮޅުދެރަމިނަށް ވިސްނުން ހިންގައިލައިފައި ފެންނާމަނިކުފާނު ސުވާލުކުރިއެވެ. ކުދީންނޭވެ. ކުރުނބާ އަޅައިގެން ތިޔައުޅެނީ ކާކުގެ ރުކަކުންކަން އެގޭ ބާވައެވެ.

މިތަނުން އެންމެ ދޮށްޓަށް ހުރި ބަންކެއުވަލިގޭ މުހުއްމައިދި ބިރުން ހުރެ ޖަވާބުދިނެވެ. ނޭގެއެވެ. މިއަޑުއިވިފައި ފެންނާމަނިކުފާނު ބުންޏެވެ. ކާކުގެ ރުކެއްކަން ނޭގޭ ރުއްރުކުން ކުރުނބާ އެޅުމަކީ ކުށެކެވެ. އެއީ ވައްކަމެކެވެ. ތިޔަ ރުކަކީ އަހަރެންގެ ރުކެކެވެ. އެކަމަކު ކުރުނބާ އަޅައިގެން ތިޔައުޅެނީ ނޭގުމެއްގައި ތިބެގެން ކަމަށްވާތީ މިފަހަރު މާފުކޮށްފީމެވެ. މިހެން ބުނެފައި މީނާގެ އަތުގައި އޮތް ކުޑަވަރެއްގެ ވަޅިއަކުން މިރުކުގައި ފެންނާމަނިކުފާނުގެ ނަން ލިޔެފިއެވެ.

މިތަން ދެކޭން ހުރެފައި މެދަށް ހުރި ބަންކެއުވަލިގޭ އަހައްމާ ބުންޏެވެ. ތިޔަ ރުކަކީ އަހަރެމެންގެ މަންމާގެ ރުކެކެވެ. ކުރުނބާ އަޅައިގެން މިތިބީ އެހެންވީމައެވެ. މިހެން ބުނެފައި ގޮސް މީނާގެ އަތުގައި އޮތް ކަތިވަޅިއަކުން ފެންނާމަނިކުފާނު ނަން ލިޔުނުތަން ކޮށާލައިފިއެވެ. މިކަމެއް ކުރުމަށްފަހު ބުންޏެވެ. ކިތަންމެ ގިނައިން ނަން ލިޔުނަސް ކަންތައްކުރާނީ ހަމަ މިހެންނެވެ. އަދި އަހަރެމެން ނޫން އެހެންބަޔަކު މިރުކަށް އަރައިފިއްޔާ އެބަޔަކު ވައްޓައިލާނަމެވެ. އަތްނުފޯރައިފިއްޔާ ދަނޑިން ތަޅައިގެންވެސް ވައްޓައިލާނަމެވެ. މި އަޑުއިވިފައި ފެންނާމަނިކުފާނު ހަމަ އެކައްޗެކޭވެސް ނުބުނެ ހިގާއްޖެއެވެ. އެފަހަރު ރުއް އަތުލާން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

ވަލިގޭ ހަސަނުގެ ކުދީންގެ ރުކެއް ރައިވެރިންގެ މިސްކިތާ ދިމާލުން ވަލުތެރޭގައި ހުރެއެވެ. މިރުކަކީ މަތިވަރު ވަރަށްވެސް ރަގަޅު ރުކެކެވެ. މިރުކާއި ދޭތެރޭ ފެންނާމަނިކުފާނުގެ ހިތުތެރޭގައި ދަހިވެތިކަމެއް ހިގައިފިއެވެ. މިރުކުގެ ހައްގުވެރީންގެ ތެރެއިން ހަސަން ދީދީ ފިޔަވައި އެހެން ކުދިންނަކީ ވަރަށް ބަސްމަދު މަޑުމައިތިރި ބައެކެވެ. ކިރިޔާވެސް މައްސަލައަކީ ހަސަން ދީދީއެވެ. އެހެންވީމާ ހަސަންދީދީ ހައްލާލެވެނިކޮށް ރުއް ލިބިދާނެކަމަށް ފެންނާމަނިކުފާނު ޔަގީންކޮށްފިއެވެ. މިހެން ހިތުލައިގެން ގޮސް ހަސަންދީދީއާ ބައްދަލުކޮށްފައި ބުންޏެވެ. މިވެނިތަނެއްގައި ހުންނަ މިވެނިވައްތަރެއްގެ ރުކަކީ ކަލޭމެން ކުދިންގެ ރުކެއްދޯއެވެ.

ހަސަންދީދީ ޖަވާބު ދިނެވެ. އާނއެކެވެ. ފެންނާމަނިކުފާނު ބުންޏެވެ. ކަލޭ ފިޔަވައި އެހެން ހުރިހާ ކުދިން އެ ރުއް މަށަށް ދީފިއެވެ. އެހެންވީމާ ކަލޭގެ ހައްގުވެސް ދެން ދޫކޮށްލަންވީއެވެ. ހަސަންދީދީ ރުޅިއަރައިގެންފައި ބުންޏެވެ. އެހެން އެންމެން ދިނަސް މަށެއް ނުދޭނަމެވެ. އަދި އެހެންމީހުން ދީފިއޭ ތިޔަ ބުނާބުނުންވެސް އަހަރެން ގަބޫލެއް ނުކުރާނަމެވެ. އެރުކާއި ކައިރިވެލިޔަސް މަގޭ ނުލަފާކަން ދައްކައިލާނަމެވެ. މިދުވަހުވެސް ފެންނާމަނިކުފާނުގެ ރޭވުން ޗޮކުން ދިޔައިމާ އަނގައިންވެސް ނުބުނެ ހިގާއްޖެއެވެ.

ކުކުޅު ރިހަޔާއި ކުކުޅުގެ މިލްކުވެރިކަން
އެއްދުވަހެއްގެ މެންދުރު ރަށުތެރޭގައި ހިގައިލާންކަމަށް ފެންނާމަނިކުފާނު ނިކުމެގެން އުޅެނިކޮށް ހުޅުދުމައިގޭ ކައިރިން މާގަދައެއްކޮށް ކުކުޅުރިހަ ކެކޭވަސް ދުވައިފިއެވެ. އެދުވަސްވަރު ކުކުޅުރިހަ ކެއްކުމަކީ ކޮންމެ ކޮންމެ ބަޔަކަށް ކުރެވޭ ކަމެއް ނޫނެވެ. ކުރެވޭ މީހުންވެސް އެކަންކުރާނީ ކޮންމެވެސް މާލޫދެއް ފާތިހާއެއް ކަހަލަ މުނާސަބާއަކަށެވެ. އެކަހަލަ ކަމެއް ކުރިޔަސް ފެންނާމަނިކުފާނު ކަހަލަ ބޮޑުންނަށް ދައުވަތު ދޭން ޖެހޭނެއެވެ. ރަށުގައި ކޮންމެ ފަންތިއެއްގެ ކޮންމެ ބަޔަކު މިވަރުގެ ކޭމެއް ތައްޔާރުކުރިއަސް ފެންނާމަނިކުފާނަށް ރަހަ ނުލިބޭގޮތަށް އެކަންކޮށްގެން ނުވާނެއެވެ. އެކަމަކު މިދުވަހު މިވަރަށް ކުކުޅު ރިހަ ކެކޭވަސް ދުވިއިރު މިކަމުގެ މައުލޫމާތު ފެންނާމަނިކުފާނަށް އޮތީ ނުލިބިއެވެ.

މިހެންވެ މިއީ ކޮންގެޔަކުން ކައްކާ ކެއްކުމެއްތޯ ބެލުމަށް އެކި ގޭގޭ ބަދިގެ ފާސްކުރަމުން ގޮސް ބަންކެއުވަލިގޭ ބަދިގެ ވެސް ބަލައިފިއެވެ. އެވަގުތު އެގޭ ހައްވާމަނިކުފާނު އުޅެނީ ވަރަށް އަވަދިނެތި ކުކުޅު ރިހަ ކެއްކުމުގެ މަސައްކަތުގައެވެ. ހައްވާމަނިކުފާނަށް އަތްގާތްކޮށްލަދޭން އޭނާގެ އަންހެން ދަރި ޝަޒިއްޔާވެސް އުޅެއެވެ. އޭރު ޝަޒިއްޔާއަކީ އަދި ކުޑަކުއްޖެކެވެ. ކުޑައިކޮށް ވިސްނާން ހުރެފައި ފެންނާމަނިކުފާނު ސުވާލުކުރިއެވެ. މިގޭގައި މިއަދު ކަތިލައިގެން އުޅެނީ ކިތައް ކުކުޅު ބާވައެވެ. ހައްވާމަނިކުފާނު ޖަވާބު ދިނެވެ. ހަތަރު ކުކުޅެވެ.

ފެންނާމަނިކުފާނު ބުންޏެވެ. ހުޅުދުމައިގޭ ކުރިމަތިން އެއޮތް ހުރަސް މަގުގެ ދެކުނު ފަރާތުގައި އުޅޭ ހުރިހާ ކުކުޅަކީ މަގޭ އަމިއްލަ ކުކުޅެވެ. އެހެން ދެވަނަ މީހެއްގެ ކުކުޅެއް މިބުނި ސަރަހައްދުގައި ނޫޅޭނެއެވެ. އެހެންވީމާ މީގެފަހުން އެއްވެސް ކުކުޅެއް ހިފައި އެއްވެސް ކަތިލުމެއް ކަތިލައިގެން ނުވާނެއެވެ. އިވިއްޖެހެއްޔެވެ. މިއަށް ހައްވާމަނިކުފާނު ހަމައެކައްޗެކޭވެސް ނުބުނެއެވެ. އެދުވަހު ހަވީރު ހައްވާމަނިކުފާނުގެ ފިރިމީހާ ކުންނިއަރި އިބްރާހިމް ދީދީ މަހުން ލަފައިގެން ގޭ ދޮށަށް އައީމާ މިވާހަކަ ހައްވާމަނިކުފާނު ކިޔައިދީފިއެވެ. މީނާ ރުޅިގަދަވެގެން ހަމަވަގުތުން ހަރުކޮށް ހިގާފައި ބަނޑިހިގޭ ދޮށަށް ހިގާއްޖެއެވެ.

ކުންނިއަރި އިބްރާހިމް ދީދީ ދިޔައިރު ފެންނާމަނިކުފާނު އިނީ ބަނޑިހިގޭ ބޭރު ފެންޑާގައި އޭނާގެ ރަސްމީ އުނދޯލީގައެވެ. އިބްރާހިމްދީދީ ސުވާލުކުރިއެވެ. ކުކުޅުހާލަށް ވަކި ސަރަހައްދެއް އޮވޭ ބާވައެވެ. ސަރަހައްދު ވަކިކުރިއަސް އިން ފަހަނަޅައި ނުދާން އެތަކެއްޗަށް އެގޭނެ ބާވައެވެ. އޭ މީނދަ މީހާއެވެ. ކުކުޅު ރިހަ ކާން ބޭނުންވިޔަސް ތިޔައީ ދެން ބޮޑުވަރެވެ. މި ބަނޑިހިގޭ ބަދިގޭގައި ކައްކަނީ ކޯއެްޗެއްތޯ ބަލަން އަހަރެންވެސް ނާންނަމެވެ. ރަށުގެ ނާއިބު މީހާގެ މައްސޫލިއްޔަތުގެ ތެރޭގައި ގޭގޭ ބަދިގެއަށް ވަދެ އެގޭގައި ކައްކަނީ ކޯޗެއްތޯ ބެލުން ނުހިމެނެއެވެ. އެހެންވީމާ މީގެ ފަހުން ބަންކެއުވަލިގޭ އިމުން އެތެރޭގައި ފައިވެސް ބީއްސާލައިގެން ނުވާނެއެވެ. އެހެންނޫނިއްޔާ ދެން ވާހަކަ ދައްކާނީ މަގޭ މިހިރަ މުލައްދަނޑިންނެވެ. މިހެންބުނެ ގުންފައި ޖަހާފައި ނުކުމެގެން ހިގާއްޖެއެވެ. ފެންނާމަނިކުފާނު ހަމަ އެކައްޗެކޭވެސް ނުބުނެއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!