މާވައިދޫ އުސްވެލިގަޑުގެ ހަގީގަތަކީ ކޮބާ؟

ދިވެހިރާއްޖެއަކީ ދުނިޔޭގައިވާ އެންމެ ބިންތިރި ގައުމެވެ. ދިވެހިރާއްޖޭގެ ރަށެއްގައި ގުދުރަތީގޮތުން އުފެދިފައިވާ އެންމެ އުސް ތަންކޮޅު އޮތީ ކޮން ރަށެއްގައިބާވައެވެ. އެއީ އައްޑުއަތޮޅުގެ ވިލިގިލީގައި އޮންނަ ފަސްގަޑެކޭވެސް ބައެއް މީހުން ލިޔެފައިހުއްޓާ ފެނެއެވެ. އެކަމަކު އަޅުގަޑުގެ ދުރުމިޔަށް އަރާފައިވަނީ އެހެން ތަނެކެވެ. އެއީ ތިލަދުންމަތި ދެކުނުބުރީ މާވައިދޫގެ ދެކުނުފަރާތުގައިވާ އުސްވެލިގަޑެވެ. މިހާރުވެސް ގާތްގަޑަކަށް ބާރަތޭރަ ފޫޓަށްވުރެ ތިރިއެއް ނުވާނެއެވެ. ވަރަށް ފުޅާ ސަރަހައްދަކަށް ފެތުރިފައިވާ ވެލިގަޑެކެވެ.

މި ވެލިގަޑަށް ބަލައިލީމާ ބޮޑަށް ޔަގީންކުރެވެނީ އެއީ ގުދުރަތީ ގޮތުން އެތަނަށް ޖަމާވެފައިވާ ވެލިކަމެވެ. އެވަރުގެ ބޮޑު ސަރަހައްދަކަށް އެވަރަށް އުސްކޮށް ސާފު ހިމުންދޮންވެލި ޖަމާކުރުމަކީ ބަޔަކު ކުރުން އެކަށީގެންވާ މަސައްކަތެއް ނޫނެވެ. އެއްގަމުގައި އުސްކޮށް ވެލިފުނި ޖެހުމަކީ ކުރީޒަމާނުގައި ދިވެހިން ކޮށްއުޅުނު ކަމެކެވެ. ފުވައްމުލަކާއި ތޮއްޑޫއާއި ހައްދުންމަތީ ގަމުގައި ހުރި އެފަދަ ވެލިފުނިފުންޏަކީ ކުރީޒަމާނުގެ ދާގަބާތައް ފޮރުވުމަށްޓަކައި ކޮށްފައި ހުންނަ މަސައްކަތެވެ.

މާވައިދޫ އުސްވެލިގަޑު އޮތީ އެއްގަންތެރެޔަކު ނޫނެވެ. ގޮނޑުދޮށުގައެވެ. ކޮށިމަގޭ ކިޔުނު މަގު ނިމޭތާގައެވެ. އެހެންވީމާ އެހިސާބުގައި ދާގަބާއެއް ހުރުން އެކަށީގެނެއް ނުވެއެވެ. މިވެލިގަޑު އޮތީ އިރުމައްޗަށްވާގޮތަކަށްވެސް ނޫނެވެ. ހުޅަނގު ދެކުނުގައެވެ. މިރާއްޖޭގައި އައިރުދީނަށް މީހުން އުޅުނުއިރު ވޭރުތަކާއި ދާގަބާތައް ހަދައިއުޅުނީ ރަށްރަށުގެ އިރުމަތީ ބިތުގައެވެ.

ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށަށް އާއްމުގޮތެއްގައި ވެލި ޖަމާވަނީ އޮއިވަރާއެކުގައެވެ. އެކި މޫސުމުގައި ރަށުގެ ގޮނޑުދޮށުގެ އެކި ދިމަދިމާލަށް އެވެލިތައް ދައުރުވަމުން ޖަމާވަމުންދާނެއެވެ. މާވައިދޫގައިވެސް އެކި މޫސުމުގައި އެކި ހިސާބު ގޮނޑުދޮށަށް ވެލި ޖަމާވެއެވެ. އެކަމަކު އުސްވެލިގަޑަކީ މިގޮތަށް ދައުރުވާ ވެލިގަޑެއް ނޫނެވެ. އެއީ ދައުރުނުވެ އެތާގައި އަބަދުވެސް އޮންނަ އާދަޔާ ޚިލާފަށް އުސް ދާއިމީ ވެލިގަޑެކެވެ. އެހެންވީމާ މިފަދަ ވެލިގަޑެއް އެތާގައި އޮތުމުގެ ފަހަތުގައި އޮންނާނެ ކަމަށް ގަބޫލުކުރެވެނީ ގުދުރަތީ ސަބަބުތަކުގެ ތެރެއިން އާއްމުގޮތެއްގައި ދިވެހިންނަށް ނުފެންނަ ކޮންމެވެސް ސަބަބެކެވެ. ވަރުގަދަ ތޫފާނަކަށްވެސް ވެދާނެއެވެ. މީލާދީން އަށާރަ ސަތޭކައިގެ އަހަރުތަކުގެ ކުރީކޮޅު މުއީނުއްދީނު އެއްވަނައިގެ ރަސްކަމުގައި ތިލަދުންމައްޗަށް ކުރި މަޝްހޫރު ވިއްސާރަޔާއި އެރި ތޫފާނުގެ އަސަރެއް ބާވައެވެ. އެހެންވެސް ވެދާނެއެވެ.

އާއްމުކޮށް ނުފެންނަ އާދަޔާ ޚިލާފު ކަމަކުން މިވަރުގެ ވެލިގަޑެއް ޖަމާވެދާނެ ކަމަށް ގަބޫލުކުރަން ޖެހެނީ ކޮޅުމަޑުލު ހިރިލަންދޫއަށް 90 ގެ އަހަރުތަކުގެ ކުރީކޮޅު ދިމާވި ކަމެއްގެ ސަބަބުންނެވެ. އެއްރެއެއްގެ ދަންވަރު އެރަށު މީހުން ނިދާފައި ތިއްބާ އިވުނީ ގަދަފަދަ އަޑެކެވެ. އަނެއްދުވަހު އަލިވެގެން ބެލިއިރު ރަށުގެ ހުޅަގު ދެކުނުފަރާތު ފަޅުތެރެއިން ބޮޑު ސަރަހައްދެއް ވަނީ ހިކިފައެވެ. މުޅިންވެސް އޮތީ ވެއްޔާއި އަކިރިއެވެ. މިއީ ކޮންގޮތަކުން ހިނގިކަމެއްކަން އަދާ ހަމަޔަށްވެސް ބަލައި ހޯދައި ދިރާސާއެއް ކޮށްފައި ނެތެވެ. ހަމަ އެގޮތަށް މާވައިދޫގެ އުސް ވެލިގަޑުގެ ހަގީގަތް ދެނެގަތުމަށްވެސް ދިރާސާއެއް ކުރެވިފައި ނެތީއެވެ. ދިރާސާ ކުރެވިފައި ނެތުމަކީ ދިރާސާއެއް ކުރަން ޖެހޭ ސަބަބު ނެތުމެއް ނޫނެވެ. ސަބަބު އެބަހުއްޓެވެ.

ކުރިޒަމާނެއްގައި ކުރި ބޮޑުވިއްސާރަ އުތުރުގެ އަތޮޅުތަކުގައި މަޝްހޫރުވެގެންވަނީ ކޭލަކުނު ތަޅާލި ވިއްސާރައިގެ ނަމުންނެވެ. މި ވިއްސާރައިގައި ފަޅުވި އެއްރަށަކީ ކޭލަކުނެވެ. އެރަށް ފަޅުކޮށްފައި ދިޔަ މީހުން އާބާދުކުރި އެއްރަށަކީ ވައިކަރަދޫކަމަށްވެސް ބައެއް މީހުން ގަބޫލުކުރެއެވެ. ޔަގީނުންވެސް އެ ވިއްސާރައިގައި މާވައިދޫއަށް ބޮޑެތި ބޮޑެތި ގެއްލުންތައް ލިބުނެވެ. އެވާހަކަ ކޮންމެވެސްވަރަކަށް ތާރީޚުގައި ލިޔެވިގެންވެއެވެ. މާވައިދޫ އާބާދުވީ ކޮންެއިރަކު ކޮން ހާދިސާޔަކާކަން ގުޅިގެންކަން ލިޔެވިގެން ނުވެއެވެ. އެނގޭކަށްނެތެވެ. ޖުމްލަގޮތެއްގައި މާވައިދޫގެ ތާރީޚުވެސް އެނގޭކަށް ނެތެވެ.

މާވައިދޫއަކީ މިހާރު ފަޅުރަށެކެވެ. ސަރުކާރުން ވަނީ އެރަށުގެ ރައްޔިތުން 2011 ވަނަ އަހަރު ހދ ނޮޅިވަރަންފަރަށް ބަދަލުކުރައްވައިފައެވެ. އެހެންވީމާ އެއީ މިހާރު ފަޅުރަށެކެވެ. ފަޅުރަށެއްގެ ތާރީޚު ހޯދުމަކީ ނުވަތަ ދެނެގަތުމަކީ ގިނަބަޔަކު ބޭނުންވާ ކަމަކަށް ނުވެދާނެއެވެ. އެކަމަކު އަޅުގަޑުގެ ނަޒަރުގައި މާވައިދޫއަކީ ދިގު ތާރީޚެއް ލިބިގެންވާނެ ވަރަށް މުހިއްމު ރަށެކެވެ. ތިލަދުންމަތީ އިރުމަތީބިތުގައިވާ އެހެން ރަށްރަށެކޭ އެއްފަދައިން ތިލަދުންމަތީގެ ތާރީޚުގައި މާވައިދޫ ވާނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެކަމާދޭތެރޭ ޝައްކެއްވެސް ނެތެވެ.

ފަޅެއް ބަނދަރެއް ނެތް މަސްވެރިކަމުގެ ކުޑަކުޑަ ރަށަކަށް މާދިގު ތާރީޚެއް ލިބިގެން ނުވާނެ ކަމަށް ހީކުރާ ބަޔަކުވެސް އުޅެފާނެއެވެ. މާވައިދޫއަކީ ކުޑަ ރަށެކެވެ. އެކަމަކު އެއީ ބިންގަޑު މޮޅު ރަށެކެވެ. ރަށް ކުޑަޔަސް އެހިސާބުގައި ދަނޑުވެރިކަމަށް އެންމެ މަޝްހޫރު އެއްރަށަކީވެސް މާވައިދޫއެވެ. އެހިސާބުގެ ގިނަ ރަށްރަށުގައި މާވައިދޫ ފަދައިން ފަޅެއް ބަނދަރެއް ނޯވެއެވެ. މީގެ މިސާލުތަކަކީ ނޫމަރާޔާއި ކުމުންދޫއާއި ނޮޅިވަރަމެވެ. އެރަށްރަށަކީ ބޮޑު ތިލަދުންމަތީގައިވެސް ދޮށީ ރަށްރަށެވެ. އެހެންވީމާ އެ ދޮށީކަމުން މާވައިދޫ އިސްތިސްނާ ވާންޖެހޭ ސަބަބެއް ނެތެވެ. އަޅުގަޑު ގަބޫލުކުރާހިތްވަނީ މިއީ ހަމަ ދާދި އެކުއެކީގައި އާބާދުވެފައިވާ ރަށްތަކެއް ކަމުގައެވެ. ރާއްޖޭގައި މީހުން ދިރިއުޅެން ފެށި ހުރިހާ ސަބަބުތަކެއް މާވައިދޫއަށްވެސް ލިބިގެންވެއެވެ. ރަށް ކުޑަވިޔަސްމެއެވެ.

ނޮޅިވަރަންފަރަށް 2011 ގައި މާވައިދޫ ރައްޔިތުން ބަދަލުވިއިރު މާވައިދޫގެ އާބާދީއަކީ ގާތްގަޑަކަށް ހަސަތޭކައެވެ. އެމީހުންގެ މައިގަޑު މަސައްކަތަކީ މަސްވެރިކަމެވެ. އެހެންވީމާ އެންމެ ބޮޑު ދައްޗަކަށް ވެފައިއޮތީ ފަޅެއް ނެތުމުގެ ދަތިކަމެވެ. ރަށް ގިރުމުގެ މައްސަލައެވެ. މީގެ އިތުރަށް އާބާދީކުޑަވީމާ ޚާއްސަ ފަންނުތަކުގެ މީހުން ރަށުގައި ނެތުމުގެ މައްސަލަވެސް އޮތެވެ. އޭގެ މާނަޔަކީ ކުރީ ޒަމާނުގައި އެރަށުގައި ފަންނުވެރިން އުޅެފައިނެތުމެއް ނޫނެވެ. ރަށުން ފެންނާންހުރި ދުވަސްވީ އާސާރުތަކަށް ބަލައިލީމާ އެއީ ފަންނުވެރިން އުޅުނު ރަށެއްކަން އެނގެއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *