ހިތަދޫ އަތިރަގޭ ނުވަ ބެއިންގެ މަންމަ ޚަދީޖާ މަނިކުފާނަކީ ކޮން ބޭފުޅެއް؟

ތަޢާރަފް

އައްޑުއަތޮޅު ހިތަދޫ އަތިރަގޭ ދަރިކޮޅަކީ ހިތަދޫގައި ވަރަށް މަޝްހޫރު އަދި ބޮޑު ދަރިކޮޅެކެވެ. ފަހުގެ އަތިރަގޭ ދަރިކޮޅު ކަމުގައި ބެލެވިފައި ވަނީ ހިތަދޫ ކައްޓަލަދަޑިގޭ މޫސާ އެދުރުތަކުރުފާނުގެ ދަރިކަލުން އަތިރަގޭ މުޙައްމަދު ތައްޚާނުގެ ނުވަ ބެއިންގެ ދަރިކޮޅެވެ. އަތިރަގޭ މުޙައްމަދު ތައްޚާނުގެ މަންމައަކީ މީދޫ ގަނޑުވަރު ދޮން ޙުސައިން ތަކުރުފާނުގެ ދަރިކަލުން ގަނޑުވަރު މުޙައްމަދު ބޮޑުފުތްތަކުރުފާނުގެ ދަރިކަނބަލުން ފާތިމާ މަނިކެ އެވެ. އަތިރަގޭ މުޙައްމަދު ތައްޚާނުގެ ބައްޕަ ކައްޓަލަދަޑިގޭ މޫސާ އެދުރު ތަކުރުފާނަކީ މީދޫ ކެއުޅާރާގެ ދި ސަންފާބީފާނު ގެ ކުޑައިބީ، މުލަކު އިހަލަގެދަރު ދޮން ޢުމަރު ކަލޭގެއާ ކައިވެނި ބައްލަވައިގެން ލިބިލެއްވި އައިސާފާނުގެ ފާތުމާފާނުގެ ޔޫސުފު އެދުރުތަކުރުފާނުގެ ދަލޭކާފާނުގެ ދަރިއެކެވެ.

މި މަޟްމޫނުގައި އަޅުގަނޑު އަލިއަޅުވާލެވޭތޯ މި ބަލަނީ އަތިރަގޭ މުޙައްމަދު ތައްޚާނުގެ އަނބިކަނބަލުން ޚަދީޖާ މަނިކުފާނަކީ ކޮންބޭފުޅެއް ކަމާ މެދު އެވެ.

އަތިރަގޭ މުޙައްމަދު ތައްޚާނާއި ޚަދީޖާ މަނިކުފާނު ކައިވެނިބައްލަވައިގެން ލިބިލެއްވި ކުދީންނަކީ (1) އަތިރަގޭ ޢަލީ ރަހާ، (2) އަތިރަގޭ ދޮންރަހާ، (3) އަތިރަގޭ ކުދުރަހާ، (4) އަތިރަގޭ އަޙްމަދުދީދީ، (5) އަތިރަގޭ މޫސާދީދީ، (6) އަތިރަގޭ ކުދުރަނާ، (7) އަތިރަގޭ ދޮންރަނާ، (8) އަތިރަގޭ ހިމަދީދީ، (9) އަތިރަގޭ އާމިނަތުދީދީ އެވެ. މިދަރިކޮޅުން އުފެދުނު މަޝްހޫރު ބޭފުޅުންގެތެރޭގައި އަތިރަގޭ ޢަލީ ރަހާގެ ދޮންރަހާގެ ޢަބްދުﷲ ދީދީ އާއި އަތިރަގޭ ހިމަދީދީ ގެ އިބްރާހިމް މަނިކުފާނުގެ ދަރިކަލުން ފަޟީލަތުއްޝައިޚު ޙުސައިން ރަހާ އާއި އޭނާގެ އަޚް ސިއްކަގޭ ޢަލީ މަނިކުފާނު ހިމެނެއެވެ. އަތިރަގޭ ޢަލީ ރަހާގެ ދޮންރަހާގެ ޢަބްދުﷲ ދީދީ އަކީ މުއްސަނދި ވިޔަފާރިވެރިއަކަށް ވުމުގެ އިތުރަށް ތައުލީމީގޮތުންނާއި ހުނަރުވެރިކަމުގެ ގޮތުން އަރައި ހުންނެވި ވިސްނުންތޫނު ބޭފުޅެކެވެ. ފަޟީލަތުއްޝައިޚު ޙުސައިން ރަހާ އަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއިން ކިޔަވާ ވިދާޅުވެ ޢާލަމީ ފާސް ނަންގަވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު އައްޑުއަތޮޅު ހިތަދޫގައި ވަރަށް ފުޅާދާއިރާއެއްގައި ތަޢުލީމް އުނގަންނައިދިނުމުގެ ޙަރަކާތް ހިންގެވި ބޭފުޅެކެވެ. މީގެ އިތުރުން ފަޟީލަތުއްޝައިޚު ޙުސައިން ރަހާ އަކީ އެއްފަހަރާ ދެކުނުގެ ހަތަރު އަތޮޅުގެ އަތޮޅުވެރިކަން، ދައުލަތުން ފަތްކޮޅު އަރުވައިގެން ކުރެއްވި ބޭފުޅެކެވެ.

އަތިރަގޭ ބައެއް ކުދީންގެ ނަމުގެ ފަހަތަށް ދީދީ ކިއުނީ، ހިތަދޫ ގަނޑުވަރާއި އަތިރަގެއާ ދެމެދު ހިނގި ވާދަވެރިކަމެއްގެ ތެރެއިން ކަމަށް ބުނެވެއެވެ. އާއްމުގޮތެއްގައި ނަމުގެ ފަހަތަށް ދީދީ ކިޔަމުން އައީ ދިމިޔަގިލީ ޚާންދާނުގެ ބޭފުޅުންނެވެ. އަތިރަގޭ ދަރިކޮޅަކީ ދިޔަމިގިލީ ޚާންދާނާ ނުގުޅޭ އިސްދޫ ޚާންދާނާ ގުޅިފައިވާ ބަޔަކަށް ވީނަމަވެސް މި ވާދަވެރިކަމުގެ ތެރެއިން މިގޮތަށް ކިޔަމުން އައީއެވެ. ހިތަދޫ ގަނޑުވަރު ދަރިކޮޅަކީ ދިޔަމިގިލީ ޚާންދާނާ ގުޅިފައިވާ ދަރިކޮޅެކެވެ. އެހެނީ ދިހަވަނަ ހަސަން ރަސްގެފާނުގެ ޢަލީ މަނިކުފާނުގެ ބަނޑޭރި ޙަސަން މަނިކުފާނުގެ އިބްރާހިމް މަނިކުފާނު (ބޮޑުރަހާ)ގެ ދޮންރަހާ ކައިވެނިބެއްލެވި އައްސުލްޠާނު މުޙައްމަދު ޢިޔާސުއްދީނު ރަދުންގެ އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ މޫސާދީދީގެ އާމިނަތުދީދީ އާއެވެ. މިދެމަފިރިންނަށް ލިބުނު ކުދީންނަށް ކިއުނީ ދީދީ އެވެ. އެއަށްފަހު މި ދީދީ ވީ އަތިރަގޭ ކުދީންނާއި ގަނޑުވަރު ކުދީންނާ ދެމެދު ބޮޑު ވާދަވެރިކަމަކަށެވެ. މިހެންވެގެން ދިޔަ ދުވަސްވަރު އަތިރަގޭ މުޙައްމަދު ތަކުރުފާނުވެސް އެދުވަސްވަރު އަތިރަގެއަށް އުފަންވި ކުދީންނަށް ދީދީ ކިއީ އެވެ.

ބަހުސް

ސުވާލަކީ ހިތަދޫ އަތިރަގޭ މުޙައްމަދު ތައްޚާނު ކައިވެނި ބައްލަވައިގެން، މަތީގައި ބަޔާންކުރެވުނު ނުވަ ބެއިން ލިބިލެއްވި ޚަދީޖާ މަނިކުފާނަކީ ކޮން ބޭކަނބަލެއްތޯ އެވެ؟ މިފަހަކަށް އައިސް ބައެއް ލިއުންތަކުގައި މި ޚަދީޖާ މަނިކުފާނުގެ ނަސަބު ލިޔެވިފައިވަނީ ނުބައިކޮށް ކަމަށް އަޅުގަނޑަށް ފާހަގަކުރެވެއެވެ. އެހެންކަމުން މި މައްސަލައިގައި އަޅުގަނޑަށް ފެނިފައިވާ އެކިއެކި ލިއުންތަކަށް ޙަވާލާދީ ބައެއް ނުކުތާތައް ފާހަގަކޮށްލަން ގަސްދުކުރަމެވެ.

1. މިފަހުގެ ބައެއް ލިއުންތަކުން މި ޚަދީޖާ މަނިކުފާނަކީ ދިހަވަނަ ޙަސަން ރަސްގެފާނުގެ ޢަލީ މަނިކުފާނުގެ ބަނޑޭރި ޙަސަން މަނިކުފާނުގެ އިބްރާހިމް މަނިކުފާނުގެ ޚަދީޖާ މަނިކުފާނު ކަމަށް ލިޔެވިފައި ހުއްޓައި ފެނެއެވެ. މި ގޮތަށް ދިމާވާން މެދުވެރިވި މައިގަނޑު ސަބަބެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވުނީ ހިތަދޫގެ ދަރިކޮޅުތަކާބެހޭ ލިއުންތައް ލިއުއްވާ ހެއްދެވި ބޭފުޅެއް ކަމުގައިވާ އަޙްމަދު ޖަމީލު، ރިޔާޒު، ސ. ހިތަދޫ (ކަތީބުގެ އަހްމަދުދީދީ) ގެ ލިއުއްވުންތަކަށް ބަލައިގެން މިގޮތަށް ބައެއް ފަރާތްތަކުން ލިޔަމުން ދިއުމެވެ.

2. އަޙްމަދު ޖަމީލު ލިއުއްވާފައިވަނީ “ބަނޑޭރި ޙަސަން މަނިކުފާނުގެ އިބްރާހިމް މަނިކުފާނު (ބޮޑުރަހާ)، ބޮޑުގޭ ޢަލީތަކުރުފާނުގެ ޙައްވާ މަނިކެގެ އާމިނާ މަނިކެ އާއި ކައިވެނި ބައްލަވައިގެން ލިބުނު ޚަދީޖާ މަނިކުފާނު އަކީ ހިތަދޫ އަތިރަގޭ ދަރިކޮޅުގެ ފެށުމެވެ. މި ޚަދީޖާ މަނިކުފާނު ކައިވެނިބެއްލެވީ ތަޅަމުދިތަކުރުގެ އައިސާ މަނިކެގެ ފާޠިމާ މަނިކެގެ ޔޫސުފުއެދުރު ތަކުރުފާނުގެ މުޙައްމަދު ތައްޚާނާ އެވެ. މިފަރާތުން މި ޚަދީޖާއަށް ލިބުނު ބޭފުޅުންނަކީ ހިތަދޫ އަތިރަގޭ ނުވަ ބެއިންނެވެ.”… މި ލިއުމުގައި މި ނޫންވެސް ވަރަށްގިނަ ކުށްތައް ހުރިކަން ފާހަގަކުރެވެއެވެ. އަތިރަގޭ މުޙައްމަދު ތައްޚާނުގެ ބައްޕައަކީ ޔޫސުފު އެދުރު ތަކުރުފާނެއް ނޫނެވެ. އަތިރަގޭ މުޙައްމަދު ތައްޚާނުގެ ބައްޕަ ކައްޓަލަދަޑިގޭ އެދުރު ތަކުރުފާނުގެ ޢަރަބި ނަމަކީ މޫސާ އެވެ. އެހެންކަމުން އެއީ މޫސާ ތަކުރުފާނެކެވެ.

3. އަޅުގަނޑަށް އެކި ދުވަސްވަރު އެކި ތަންތަނުން ފެނިފައިހުރި ލިއުންތަކާއި، އެކިއެކި މީހުންނާއި ވާހަކަދައްކައިގެން ހޯދިފައި ހުރި މައުލޫމާތު ތަކަށް ބުރަވާއިރު މި ޚަދީޖާ މަނިކުފާނަކީ ދިހަވަނަ ޙަސަން ރަސްގެފާނުގެ އިބްރާހިމް މަނިކުފާނުގެ ޢަލީ މަނިކުފާނުގެ އިބްރާހިމް މަނިކުފާނު (އިބްރާހިމް ރަހާ) ގެ ދަރިކަނބަލެއްކަން އެނގެއެވެ.

4. މިގޮތުން މިކަމަށް ބާރުލިބިދޭ ދެ ލިއުމެއްގެ ވާހަކަ ބަޔާންކޮށްލާނަމެވެ. އެއިން އެއް ލިއުމަކީ ހިތަދޫ ސިއްކަގޭ ދޮންމަނިކުފާނުގެ ލިއުއްވުމެވެ. ދޮންމަނިކުފާނަކީ މި ޚަދީޖާ މަނިކުފާނުގެ އަތިރަގޭ ހިމަދީދީގެ އިބްރާހިމް މަނިކުފާނުގެ ސިއްކަގޭ ޢަލީ މަނިކުފާނުގެ ބޭފުޅެކެވެ. ދޮންމަނިކުފާނު ލިއުއްވަނީ “އާދެ! އައްސުލްޠާނު ޢަލީ (ހަތްވަނަ) ރަދުންގެ އައްސުލްޠާނު ޙަސަން (ދިހަވަނަ) ރަދުންގެ އިބްރާހިމް މަނިކުފާނުގެ ޢަލީ މަނިކުފާނުގެ އިބްރާހިމް ރަހާގެ ޚަދީޖާ މަނިކުފާނު، އަތިރަގޭ މުޙައްމަދު ތަކުރުފާނާ ކައިވެނި ބައްލަވައިގެން 9 ބޭފުޅުން ލިބުނެވެ. އޭގެތެރެއިން އަށްވަނައަށް އަންނަނީ، އަޅުގަނޑުގެ ކާފަ، އިބްރާހިމް މަނިކުފާނުގެ، މަންމައެވެ. އާއްމުވެފައިވާ ނަމަކީ އަތިރަގޭ ހެމަދީދީ އެވެ.”

5. އަނެއްލިއުމަކީ މި ޚަދީޖާ މަނިކުފާނުގެ އަތިރަގޭ ޢަލީ ރަހާގެ ދޮންރަހާގެ ޢަބްދުﷲ ދީދީ ހައްދަވާފައިވާ އޭނާގެ މަތިކޮޅުގެ ޗާޓެކެވެ. އެ ޗާޓުގައި ވާ ގޮތުން މި ޚަދީޖާ މަނިކުފާނަކީ “ގަމު މަނިކެގެ ޢަލީ މަނިކުފާނުގެ ރަހާ ގެ ޚަދީޖާ މަނިކުފާނު” އެވެ. އެހެންކަމުން މި ލިއުމުން އެއީ ހަސަންރަސްގެފާނުގެ އިބްރާހިމް މަނިކުފާނުގެ ޢަލީ މަނިކުފާނުގެ އިބްރާހިމް ރަހާގެ ޚަދީޖާ މަނިކުފާނު ކަން ސާފުވެއެވެ. ސަބަބަކީ ގަމު މަނިކެ (ގަމު ގެދަރު އާމިނާ މަނިކެ) ކައިވެނި ބެއްލެވީ ހަސަން ރަސްގެފާނުގެ އިބްރާހިމް މަނިކުފާނާ ކަމަށް ވާތީ އެވެ. ގަމު މަނިކެ (ގަމުގެދަރު އާމިނާ މަނިކެ) އަކީ މީދޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ބޮޑު ފާތިމާ ބީފާނުގެ އަލްވަޒީރުލް ޙާއްޖު މޫސާ ކުޑަބަނޑޭރި ތަކުރުފާނުގެ ޙައްވާ މަނިކެގެ އާމިނާ މަނިކެ އެވެ.

6. މަތީގައި ބަޔާންކުރެވުނު ދެ ލިއުންވެސް އެކަތި އަނެކައްޗާ ދިމާވެއެވެ. އަދި މި ނޫންވެސް އެތައްގޮތަކުން މި ޚަދީޖާ މަނިކުފާނަކީ އިބްރާހިމް ރަހާގެ ދަރިކަނބަލެއްކަން އެނގެއެވެ.

7. މިގޮތުން އަލްފާޟިލް މުޙައްމަދު އިބްރާހިމް ލުޠުފީ ނަކަލު ކުރައްވާފައި އޮތް އަތިރަގޭ ދަރިކޮޅުގެ ލިއުންތަކަކާއި، ވަކިބޭފުޅެއް ކަން ނޭނގޭ ބޭފުޅަކު ލިއުއްވާފައި އޮތް އަތިރަގޭ ދަރިކޮޅާބެހޭ ފޮތަކުން ވެސް އެނގެން އޮތްގޮތުގައި އަތިރަގޭ މުޙައްމަދު ތަކުރުފާނު ކައިވެނިބެއްލެވި ބޭފުޅަކީ ޙަސަން ރަސްގެފާނުގެ އިބްރާހިމް މަނިކުފާނުގެ ޢަލީ މަނިކުފާނުގެ އިބްރާހިމް ރަހާގެ ޚަދީޖާ މަނިކުފާނު އެވެ.

ނިންމުން

އެހެންކަމުން މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށް ރިއާޔަތްކޮށް ޚަދީޖާ މަނިކުފާނުގެ ނަސްލު ބަޔާންކުރުމުގައި ސައްޙަ ގޮތެއްކަމަށް އަޅުގަނޑަށް ބުރަވެވެނީ އެއީ ހަސަން ރަސްގެފާނުގެ އިބްރާހިމް މަނިކުފާނު، ގަމުގެދަރު އާމިނާ މަނިކެ އާ ކައިވެނިބައްލަވައިގެން ލިބިލެއްވި ޢަލީ މަނިކުފާނުގެ އިބްރާހިމް ރަހާ ގެ ޚަދީޖާ މަނިކުފާނު ކަމަށެވެ. (ނިމުނީ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!