ކުދުރަނިޔަގެ އައްޝައިޚް މުހައްމަދު މަނިކުފާނު

އައްޝައިޚް މުހައްމަދު މަނިކުފާނު (ކުދުރަނިޔަގެ ބެއްޔާ) އަކީ މުޅި ދިވެހިރާއްޖެއަށް މަޝްހޫރު ހަކީމީ ބޭސްވެރިއެކެވެ. މުހައްމަދު މަނިކުފާނަކީ އޭނާގެ ޙަޔާތުގައި ދިވެހިރާއްޖޭގައި ހުންނެވި އެންމެ ފުންނާބު އުސް ދިވެހި ބޭސްވެރިޔާ އެވެ. އޭނާ ދިވެހިބޭސް ވެރިކަމުގެ ޢިލްމު ހާސިލް ކުރެއްވީ އައްޝައިޚުލް ޙާފިޒު އިބްރާހިމް ތަކުރުފާނު (އައިސާދަރު ދޮންބެއްޔާ) އާއި އައްޝައިޚް އަހުމަދު ދީދީގެ އަރިހުންނެވެ.

ސުއްމުވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި ސުއްމުވުލް އަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ދައުރުގައި ދިވެހިބޭސް ވެރިކަން ދިރުއްވައި އާލާކުރައްވަން ޢަމަލީގޮތުން މަސައްކަތް ކުރެއްވި އެއްބޭފުޅަކީ އައްޝައިޚް މުހައްމަދު މަނިކުފާނު އެވެ. އެދުވަސްވަރު ރާއްޖޭގެ އެކި ރަށްރަށުން ދަރިވަރުން މާލެ ގެނެސް ތަމްރީނު ދެއްވިއިރު މުހައްމަދު މަނިކުފާނު އެ ދަރިވަރުންނަށް ކިޔަވައި ދެއްވިއެވެ.

ކުދުރަނިޔަގެ މުހައްމަދު މަނިކުފާނުގެ ބައްޕައަކީ ގަނޑުވަރު ހުސެންތައްޚާނުގެ އައިސާދަރު ޙަސަން ތައްކާނުގެ ކުދުރަނިޔަގެ އަލްޚަޠިބު މޫސާ ތައްޚާނުއެވެ. އަލްޚަޠިބު މޫސާ ތައްޚާނުގެ މަންމައަކީ އަލް ފަޤީހު މޫސާ އެދުރު ތަކުރުފާނާއި ކުދުރަނިޔަގެ އާމިނާ ރަނިޔައަށް ލިބިވަޑައިގަތް ކުދުރަނިޔަގެ ފާތުމާފާނެވެ. މުހައްމަދު މަނިކުފާނުގެ މަންމައަކީ އައްޝައިޚް އިބްރާހިމް ތަކުރުފާނު (އައްސާދަރި ދޮންބެއްޔާ)ގެ ޚަދީޖާ މަނިކުފާނެވެ.

މުހައްމަދު މަނިކުފާނު ދެ ކައިވެންޏެއް ކުރެއްވިއެވެ. ފުރަތަމަ ކައިވެންޏަކީ އައިސާދަރު ހުސައިން މަނިކުފާނާއި ގަނޑުވަރު އަހުމަދުދީދީގެ އާމިނަތުދީދީގެ ހައްވާދީދީގެ ދަރިކަނބަލުން އާމިނަތުދީދީ އާއެވެ. އާމިނަތުދީދީ ނިޔާވުމުން ދެން މުހައްމަދު މަނިކުފާނު ކައިވެނި ބެއްލެވީ ގދ. ގައްދޫ ބޮޑު ދޮންކަލޯގެ އަލީގެ ހައްވާ ދިޔަ (އައިސާގެދިޔަ) އާއެވެ. މި ދެކައިވެނިން މުހައްމަދު މަނިކުފާނަށް ލިބުނީ 9 ބޭފުޅުންނެވެ. އެއީ މީދޫ އާމިނަތު ދީދީ ބަނޑުން 3 ބޭފުޅުންނާއި ގައްދޫ ހައްވާ ދިޔަ ބަނޑުން 6 ބޭފުޅުންނެވެ.

ކުދުރަނިޔަގެ މުހައްމަދު މަނިކުފާނު ފުރަތަމަ ގައްދޫއަށް ދިޔައީ އެރަށަށް ފުރޭތައެއް އަރައި ރަށް ނާމާންވެ މީހުން މަރުވާތީ ބޭސްވެރިކަމާއި ފަންޑިތަ ވެރިކަން ކުރުމަށެވެެ. ރޭގަނޑު އެފެންނަ މަންޒަރެއް ފެނުމުން އެބަޔަކު މަރުވަނީއެވެ. އެބަޔަކަށް ވާކަމަކީ އެފެނުނު ކަމެއްގެ ވާހަކަ އެހެން މީހުންނަށް ކިޔައިދިނުމެވެ. ދެން ދެތިން ދުވަސް ފަހުން އެމަންޒަރު ދުށް ބަޔަކު މަރުވަނީއެވެ.

މިކަންތައް ބޮޑުވެ ރަށް ނާމާން ވާން ފެށުމުން އެރަށުގެ ބަޔަކު މާލެ ގޮސް އެވާހަކަ އެންގުމުން ސަލާހުއްދީން ވިދާޅުވި ކަމަށްވެއެވެ. ތިޔަ ކަމެއް ރަގަޅު ކުރެވޭނެ މީހަކަށް މިހާރު މިރާއްޖޭގައި ހުރި މީހަކީ އައްޑޫ މީދޫ ކުދުރަނިޔަގެ މުހައްމަދު މަނިކުފާނެވެ. ސަލާހުއްދީނު، މުހައްމަދު މަނިކުފާނަށް ފޮނުވި ސިޓީއަކާއެކު އެމީހުން އައްޑޫ މީދޫއަށް ހިނގައްޖެއެވެެ. އެކަމުގައި އިސްކޮށް ތިއްބެވީ ގައްދޫ އިސްމާއީލް ކަލޭފާނާއި ޚަތީބު ހުސައިން މަނިކު އެވެ. ބެއްޔާ ގައްދޫއަށް ދިޔައީ 1945 ވަނައަހަރުގައި ކަމަށް ބުނެވެއެވެ.

މުހައްމަދު މަނިކުފާނަށް ގައްދޫ ހައްވާ ދިޔަ ބަނޑުން ކުދިން ލިބުނު ފަހުންވެސް މީދޫއަށް ދިޔައެވެ. އެދިޔުމެއްގައި ދިޔައީ ގައްދޫ އަންހެނުންނާއި އަބްދުލްމުހުސިނާއި އަބްދުލްއަޒީޒު ވެސް ގޮވައިގެންނެވެ. ބެއްޔާ މީދޫއަށް ގޮސް ހުރީ ބެއްޔާގެ އަމިއްލަ ގޭގައެވެ. އެއީ މީދޫ ކުދުރަނިއަގެއެވެ.

އޭރު އަބްދުލްމުހުސިނުގެ އުމުރަކީ 9 އަހަރެވެ. އަބްދުލްއަޒީޒުގެ އުމުރަކީ 9 މަހެވެ. މިދަތުރަށްފަހު މީދޫ އިން ފުރައިގެން ގައްދޫއަށް ބެއްޔާ އެނބުރި ދިޔައީ އޭރު މީދޫގައި ތިބި ދެ ކުދީންގޮވައިގެންނެވެ. އެއީ ފާތުމަތުދީދީ އާއި ހައްވާދީދީއެވެ. އޭރު އަބްދުލްހަކީމު ހުރީ އިންޑިޔާ އަށް ތައުލީމް ހާސިލް ކުރަން ގޮސްފައެވެ.

ބެއްޔާ މީދޫ އިން ފުރައިގެން ދިޔައީ އައިސާދަރު ހުސެން މަނިކުފާނުގެ މުހައްމަދުދީދީ އާއި ކުދުރަނިއަގެ ހަވާލު ކޮށްފައެވެ. ކުދުރަނިޔަގެ އިތުރުން މީދޫ ދެކުނުގެއަކީ ވެސް ބެއްޔާގެ ގެއެކެވެ. ބެއްޔާ އާއި މުހައްމަދުދީދީ އަކީ ދެބެއިންގެދަރި ދެ މީހުންނެވެ. ބެއްޔާގެ އަންހެނުން އާމިނަތުދީދީ އާއި މި މުހައްމަދުދީދީ އަކީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!