އަލްގާޒީ މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނު

liyun2ގާޒީ މަހުމޫދު (ރަންފުތު ފަނޑިޔާރުތަކުރުފާނު)ގެ ބައްޕައަކީ މީދޫ ކަޅިހާރު ދޮންސީދި ކަލޭގެ ދި ބޮޑު ދޮންދަލިކާނލެގެ ފުތް ކަޅިހާރު ދޮންބުއި ނާއިބުކަލޭގެ އެވެ. މަންމައަކީ މުލަކު ދޮންމަރިޔާ އެވެ. މިހާރުވެސް މީދޫގައި އެހެރަ މަރިޔާގެ އަކީ މި ދޮންމަރިޔާއަށް ނިސްބަތް ކުރެވޭ ގެއެވެ.

ރަންފުތު ފަނޑިޔާރު ތަކުރުފާނުގެ ބައްޕައާ އެއްބަނޑު އެއްބަފާ ބޭފުޅުންނަކީ ދޮން އީސާ ނާއިބު ކަލޭގެފާނާއި ދޮންކަދީދާބޫ އެވެ. މި ތިންބޭފުޅުންނާއި އެއްބަނޑު ވަކި ބަފައި ބޭފުޅުންނަކީ އަލްގާޒީ މުހައްމަދު ޝަމްސުއްދީން (އައްޑޫ ބޮޑު ފަނޑިޔާރުތަކުރުފާނު)ގެ ބޭފުޅުން ކަމުގައިވާ ހުސައިން ފަނޑިޔާރު ތަކުރުފާނާއި އިބްރާހިމް ނާއިބު ފަޑިޔަތް ތަކުރުފާނާއި އަހުމަދު ޝިހާބުއްދީނު ބޮޑު ނާއިބު ތަކުރުފާނާއި މުގުރީ ބޮޑު ފާތިމާ ބީފާނެވެ. އެހެންކަމުން ރަންފުތު ފަނޑިޔާރު ތަކުރުފާނުންގެ ބައްޕަ ކަޅިހާރު ދޮންބުއި ނާއިބު ތަކުރުފާނަކީ އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދޮންދަރިކަލެކެވެ.

ގާޒީ މަހުމޫދު ކިޔަވައި ވިދާޅުވީ ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނާއި އެތަކުރުފާނުގެ ބޮޑުބޭބެއިން ކަމަށްވާ އައްލާމާ އަހުމަދު ޝިހާބުއްދީނާއި ގާޒީ ހުސައިން ގުތުބުއްދީނާއި އިބްރާހިމް ނާއިބު ފަޑިޔަތް ތަކުރުފާނުގެ އަރިއަހުންނެވެ. މި މަހުމޫދު ބޮޑުފުޅުވެގެން ކައިވެނިބެއްލެވީ ގަނޑުވަރު ވަށޮރަންދިޔެ އާއެވެ. ލިބިވަޑައިގަތް ބޭފުޅުންނަކީ އަލްޚަތީބު މުހައްމަދު ސިރާޖުއްދީނު (ފޮނަދޫ ޚަތީބު ތަކުރުފާނު) އާއި ގަނޑުވަރު ސިއްތީފާނެވެ.

ގާޒީ މަހުމޫދަށް ފަހު ގަނޑުވަރު ވަށޮރަންދިޔެއާ އައްލާމާ އަހުމަދު ޝިހާބުއްދީނުވެސް ކައިވެނި ބައްލަވައިގަތެވެ. މި ބަނޑުން ޝިހާބުއްދީނަށް ލިބިވަޑައިގަތީ ކުދުރަނިއަ އާއި ކުޑައިބީފާނެވެ. ރަންފުތު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން ޚަތީބު ސިރާޖުއްދީނަކީ އިސްކަންދަރު ރަސްގެފާނުގެ ޒަމާނުގައި އެރަސްގެފާނުގެ ކޮއްކޯ ކަނބާފާނަކާއި ކައިވެނިބައްލަވައިގެން މާލޭގެ ޚަތީބުކަމުގައި ހުންނެވި އިލްމުވެރި ބެއިކަލެކެވެ. ފޮނޮދޫ ޚަތީބޭ ކިޔުނީ އެރަށުގައި ފަސްދާނުލެވިގެންވާ ކަމަށްޓަކައެވެ. އެކަލޭގެފާނު ފޮނަދުވަށް ވަޑައިގަތީ އައްސުލްތާނު އައްސައްޔިދު މުހައްމަދު ޝަމްސުއްދީނު ބުނި އައްސައްޔިދު އަބްދުއްރައްޒާގުލް ހަމަވީ އަވަހާރަވެގެން މި ތަކުރުފާނު ރަސްކަމަށް އިސްކުރާން މީސްތަކުން ގަސްތު ކުރީމާ ރަސްކަން ނުކުރާންވެގެން އެކަމަށް ފިއްލަވައިގެންނެވެ.

ތާރީޚީ ބައެއެް ލިޔުންތަކުގައި ގާޒީ މަހުމޫދަކީ އަހުމަދު ޝިހާބުއްދީނުގެ ދޮންދަރިއެއް ކަމަށާއި މަހުމޫދުގެ މަންމައަކީ ގަނޑުވަރު ވަށޮރަންދިޔެ ކަމަށާއި މަހުމޫދު ކައިވެނި ބެއްލެވީ މުލަކު ދޮންމަރިޔާއާއި ކަމަށް ލިޔެފައިވާ ލިއުމަކީ ވަރަށް ބޮޑު ކުށެކެވެ. ދިރާސާތަކުން ޔަގީންވާ ގޮތުގައި މުލަކު ދޮންމަރިޔާ އަކީ މަހުމޫދުގެ މަންމައެވެ. މަހުމޫދު ކައިވެނި ބެއްލެވީ ގަނޑުވަރު ވަށޮރަންދިޔެއާއެވެ. އެހެންކަމުން އަހުމަދު ޝިހާބުއްދީނުގެ ދޮންދަރިއަކީ މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނެއް ނޫނެވެ. ޝިހާބުއްދީނުގެ ދޮންދަރިއަކީ މަހުމޫދު ރަންފުތު ފަނޑިޔާރުގެ ދަރިކަލުން ފޮނަދޫ ޚަތީބު ތަކުރުފާނެވެ. އަހުމަދު ޝިހާބުއްދީނަކީ ފޮނަދޫ ޚަތީބު ތަކުރުފާނުގެ ކާފަ ކަމަށްވާ ކަޅިހާރު ދޮންބުއި ނާއިބު ކަލޭގެއާ އެއްބަނޑު ބޮޑުބޭބެ ވެސް މެއެވެ.

މިއޮޅުމެއް އެރުމުގެ މައިގަޑު ސަބަބަކީ ދޮންބުއި ނާއިބަކީ ޝިހާބުއްދީނުގެ ބައްޕަ ޝަމްސުއްދީނުގެ ދޮންދަރިއަކަށް ވުމާއި ޝިހާބުއްދީނަކީ މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނުގެ ބޮޑު ބޭބެ ކަމަށްވެފައި އެތަކުރުފާނު ކައިވެނި ބެއްލެވި ކަމަނާއަކާއި ޝިހާބުއްދީނު ފަހުން ކައިވެނި ކުރެއްވުމާއި މަހުމޫދު ރަންފުތު ފަނޑިޔާރަށް މި ބަނޑުން ލިބިވަޑައިގެންނެވި މުހައްމަދު ސިރާޖުއްދީނުގެ ދޮންބައްޕަ އަކަށް ޝިހާބުއްދީނު ވުމެވެ. މިކަމުގެ ސަބަބުން އެކި ލިޔުންތައް މަސްހުނިވެފައި ވަނީއެވެ.

ފަނޑިޔާރުކަމަށް ރަންފުތު ފަނޑިޔާރު ތަކުރުފާނު އައްޔަން ކުރެވުނީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު އޭނާގެ ބައްޕަައާއި އެއްބަނޑު އިބްރާހިމް ނާއިބު ފަޑިޔަތް ތަކުރުފާނުގެ ދަރިކަލުން ގާޒީ ހަސަން ތަކުރުފާނު ފަނޑިޔާރުކަމުން ދުރުކުރުމަށްފަހު 1074ހ. (1663މ.) ގައެވެ. މާގިނަ ދުވަސްތަކެއްނުވެ ހަމަ މިއަހަރު ގާޒީ ހަސަން ތަކުރުފާނު އަވަހާރަވެއްޖެއެވެ. ގާޒީ ހަސަން ތަކުރުފާނު ފަނޑިޔާރުކަމަށް އިސްކުރެވުނީ އޭނާގެ ބޮޑުބޭބެ ގާޒީ ހުސައިން ގުތުބުއްދީން 1072ހ. (1661މ.) ގައި އަވަހާރަވުމުންނެވެ.

ގާޒީ މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނު އަވަހާރަވީ ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް 15 މުހައްރަމް 1089ހ. (09 މާރިޗު 1678މ.) ވީ ބުދަ ދުވަހުއެވެ. މި ތަކުރުފާނު ފަނޑިޔާރުކަމުގައި ހުންނެވީ ފަނަރަ އަހަރު އެވެ. ފަސްދާނުލެވިފައިވަނީ މާލޭ ހުކުރުމިސްކިތު ގަބުރުސްތާނުގައެވެ.

މީދޫގެ އާސާރީ މިސްކިތެއް ކަމުގައިވާ ލޮނޑިކެޑެ މިސްކިތަކީ މަހުމޫދު ރަންފުތު ފަނޑިޔާރު ބިނާކުރެއްވި މިސްކިތެކެވެ. މި މިސްކިތް ބިނާކުރުމުގައި އެ ތަކުރުފާނު އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިކަން މީދޫގެ ތާރީޚުން އެނގެއެވެ. އެ ތަކުރުފާނު ދިރިއުޅުއްވި ގެ ހުރީ ވެސް މި މިސްކިތާ މާދުރުނޫން ހިސާބެއްގައެވެ. އެއީ މިހާރު މީދޫ މަރިޔާގެ އެވެ. މި ސަރަހައްދުގައި މިތަކުރުފާނު މިސްކިތެއް ބިނާކުރެއްވީ މީދޫ އިސްލާމްވުމާއި ގުޅިގެން ހިނގި ހަނގުރާމަތަކުގައި ވަރަށް ގިނަ ބަޔަކު ޝަހީދުވެގެން ވަޅުލެވިފައިވާ ސަރަހައްދަކަށް ވުމުންނެވެ.

ދިވެހިރާއްޖޭގެ މީސްތަކުންނަށް ހެޔޮނުބައި އުނގަންނަވައި ދެއްވުމަށްޓަކައި ދިވެހިބަހުން ޒުހުރުލް ކަމާލާތި ފީ އަހުކާމިލް އިބާދާތި މިނަމުގައި ބޮޑުތަރުތީބު ލިއުއްވި މާލޭގެ އިލްމުވެރިއެއް ކަމުގައިވާ އަލްޚަތީބު އަލީ އެދުރުތަކުރުފާނު އޭނާގެ ފޮތުގެ މުގައްދިމާގައި އެކި ދަންނަބޭކަލުން ލިޔުއްވާފައިވާ ފޮތްތަކުގެ ނަން ލިޔުއްވަމުން ދިވެހި ބަހުން ފުރަތަމަ ލިޔެވުނު މިފަދަ ފޮތެއްގެ ގޮތުގައި ރަންފުތު ފަނޑިޔާރު ތަކުރުފާނު ތަރުޖަމާކޮށް ލިޔުއްވި ފޮތެެެއްގެ ވާހަކައާއި އެ ތަކުރުފާނުގެ ދަރިކަލުން މުހައްމަދު ސިރާޖުއްދީނު ލިއުއްވި ފޮތެއްގެ ވާހަކަ ބަޔާން ކުރައްވައެވެ.

މަހުމޫދު ރަންފުތު ފަނޑިޔާރު ލިޔުއްވި ފޮތުގެ ނަމަކަށް އަލީ އެދުރު ލިއުއްވާފައި އޮތީ ކިތާބު އަލްގާޒީ މަހުމޫދު މިހެންނެވެ. އަދި އަރަބި ބަހުން ލިޔެފައިވާ އެ މުގައްދިމާގައި އެއީ ފަންޑިތަ ފޮތެކޭ ލިޔުއްވާފައެއް ނުވެއެވެ. އަލީ އެދުރު ލިޔުއްވި ދީނީ ތައުލީމުގެ ފޮތެއްގައި ދެންވެސް އެފަދަ ފޮތްތަކެއްގެ ވާހަކަ ބަޔާން ކުރެއްވުމުގެ ތެރޭގައި ބަޔާން ކުރައްވާނީ ދީނީ ތައުލީމުގެ ފޮތެއްގެ ވާހަކަކަން އެނގެއެވެ. މީދޫގެ ތާރީޚުން ވެސް މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނު ފިގުހު އިލްމުގެ ފޮތްތައް ލިޔުއްވިކަން އެނގެއެވެ.

އަލީ އެދުރު އަރަބި ބަހުން ލިޔުއްވާފައިވާ އިބާރާތުގައި ވަނީ فَرَأَيْتُ أَصْحَابَنَا رَحِمَهُمُ اللهُ قَدْ تَرْجَمُوْا فِي ذالِك كُتُبًا شَتّى كَكِتَابِ الْقَاضىْ مَحْمُوْدَ الَّذِيْ حَرَّمَ عَلى غَيْرِ أَقَارِبِهِ أَنْ يَنْظُرَ إِلَيْهِ وَكِتَابِ إبْنِهِ الخَطِيْب مُحَمَّدٍ މިހެންނެވެ. މި އިބާރާތުން ދޭހަވާގޮތުން އެކި ބޭކަލުން ތަރުޖަމާ ކުރެއްވި ބައެއް ލިޔުންތައް ފެނިފައިވާ ކަމަށާއި އެގޮތުން ގާޒީ މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނު ލިޔުއްވި ފޮތަކީ އޭނާގެ ތިމާގެ މީހުން ނޫން އެހެން މީހުން ބެލުން މަނާ ކުރައްވާފައިވާ ފޮތެއް ކަމާއި އަދި އޭނާގެ ދަރިކަލުން ޚަތީބު މުހައްމަދު ސިރާޖުއްދީނު ވެސް ފޮތެއް ލިޔުއްވިކަން އެނގެއެވެ.

ނަމަވެސް ބޮޑުތަރުތީބުގައި ހުސައިން ސަލާހުއްދީނު ދިވެހި ބަހުން ލިޔުއްވާފައިވާ މުގަދިމާގައި ވަނީ ކިތާބު ގާޒީ މަހުމޫދު މިފޮތަކީ އައްޑޫ ރަންފުތު ފަނޑިޔާރު ކަލޭގެފާނު ތަރުޖަމާ ކުރެއްވި ފަންޑިތަ ފޮތެއް ކަމަށެވެ. އަދި މި ފަންޑިތަ ފޮތް މިހާރުވެސް އައްޑޫގައި މައުޖޫދު ވެގެންވާ ކަމަށެވެ. މިތަނުގައި ސަލާހުއްދީނު އެވިދާޅުވާ ފަންޑިތަ ފޮތަކީ ސަލާހުއްދީނު އައްޑޫގައި ކިޔަވައި ވިދާޅުވާން ހުންނެވިއިރު ފެނިވަޑައިގަތް ފޮތަކަށް ވުމުން އަލީ އެދުރުގެ މުގައްދިމާގައި ބަޔާން ކުރެއްވި ކިތާބު މަހުމޫދަކީ އެއީ ކަމަށް ސަލާހުއްދީނަށް ހީފުޅު ކުރެއްވުނީ އެވެ. ނަމަވެސް އަލީ އެދުރުގެ އަރަބި މުގައްދިމާއިން އެޭނާ އެވިދާޅުވަނީ ފަންޑިތަ ފޮތެއްގެ ވާހަކަ ނޫންކަން ރަނގަޅަށް ދޭހަވެއެވެ.

ފަންޑިތަ ފޮތްތައް އަތުލައި ނައްތާލުމުގެ ބަހަނާގައި މުހައްމަދު އަމީނުގެ ދައުރުގައި މާލެއިން ބަޔަކު ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑޫއަށް ފޮނުވައިގެން ހުރިހާ ގެއަކަށް ވަދެ ފޮތްތައް ފޭރުމުގެ ތެރޭގައި މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނާއި ފޮނަދޫ ޚަތީބު ތަކުރުފާނު ލިޔުއްވި ފޮތްތައްވެސް ވަނީ ނައްތާލައިފައެވެ. އެޒަމާނުގެ ތައުލީމުގައި ބޭނުންކުރީ މައިގަޑު ގޮތެއްގައި އަރަބި ފޮތްތަކެވެ. އަދި އަމިއްލަ މީސްމީހުންވެސް ބޭސްވެރިކަމާއި އާއިލީ ވަނަވަރާއި ނުޖޫމީ އިލްމާއި ނެވިކަމުގެ އިލްމާއި މިޒާތުގެ ތަކެތި ލިޔެގެން އުޅުނީވެސް އަރަބި ބަހުންނެވެ.
މާލެއިން ދިޔަ މީހުން އިލްމީ ފޮތްތަކާއި ވަގުފު ފަތްތަކާއި އާއިލީ ވަނަވަރު ފޮތްތައް ފޭރި އެހުރިހާ ފޮތެއް އެއްކޮށް ހުޅުޖަހައި އަންދާލީއެވެ. ބައެއް މީހުން ވަޅުލައިގެން ފޮތްތައް ފޮރުވާންވެސް ފޮރުވިއެވެ. އެގޮތުން މަދު ބައެއް ފޮތްފޮތް ސަލާމަތްވިއެވެ.

ގާޒީ މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން ޚަތީބު ސިރާޖުއްދީނު ނުވަތަ ފޮނަދޫ ޚަތީބު ތަކުރުފާނުގެ އެންމެ އިސް ދަރިވަރަކީ ހައްދުންމަތީ ގަމު މަހުމޫދު ރަތްބެއިގެ ދަރިކަލުން ހަސަން ތާޖުއްދީން ކަމަށް ވެފައި މި ދެބޭފުޅުންގެ ބައްޕައަށް ވެސް މަހުމޫދު ކިޔާތީ ބައެއް ފަރާތްތަކުން އެއީ އެއް މަހުމޫދެއް ކަމަށް ބަލައިގެން ފޮނަދޫ ޚަތީބާއި ހަސަން ތާޖުއްދީނަކީ ދެބެއިން ކަމަށް ލިޔެފައިވަނިކޮށް ފެނެއެވެ. އަދި ގަމު ރަތްބެއިއަކީ އައްޑޫ ގަމު ރަތްބެއި ކަމަށް ވެސް ލިޔެފައިވަނިކޮށް ފެނެއެވެ.

މިފަދަ ގޮތްގޮތަށް ލިޔެވޭ ސަބަބެއް އެބައޮތެވެ. އެއީ އެދުވަސްވަރު އިލްމު އުނގަންނައި ދިނުމަކީ ހަމައެކަނި އެބައެއްގެ އާއިލާގެ މެދުގައި އޮންނަ ކަމަކަށް ވެފައި މާދުރުގައި ހުންނެވި ހައްދުންމަތީ ގަމު މީހަކަށް އައްޑުއަތޮޅުގެ އިލްމުވެރިއަކު އެއްވެސް ކަހަލަ އާއިލީ ގުޅުމެއްނެތި ކިޔަވައި ދިނުމަކީ އެކަށީގެންވާ ކަމަކަށް ނުވާތީ އެވެ. އަދި ހަމައެފަދައިން ރަންފުތު ފަނޑިޔާރު ތަކުރުފާނުގެ ފޮތަކީ ވެސް ހަމައެކަނި އެތަކުރުފާނުގެ އާއިލާގެ މީހުން ބެލުމަށް ލިޔުއްވާފައިވާ ފޮތަކަށް ވުމުން އެދުވަސްވަރުގެ ކަންތައް އޮތްގޮތް ވަރަށް ސާފެވެ. އެހެންވީމާ އެއީ އެކެއްގެ ދެބެއިން ކަމަށް ނުވިޔަސް އަދި ގަމު ރަތްބެއި މަހުމޫދަކީ އައްޑޫ ގަމު ރަތްބެއި ކަމަށް ނުވިޔަސް ސިރާޖުއްދީނާއި ތާޖުއްދީނަކީ އާއިލީ ކޮންމެވެސް ގުޅުމެއް އޮތް ބޭފުޅުން ކަމުގައި ދުށުމަކީ ކުށެއް ކަމަށް ނިންމުމުގެ ޖާގައެއް ނެތެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *