އައްޑޫ މީދޫ މުޙައްމަދު ފެންނާމަނިކުފާނު

އައްޑު އަތޮޅު މީދޫ ދެށިނާގެ މުޙައްމަދު ދީދީ އަކީ ސާދަވަނަ ޤަރުނުގެ ތެރޭގައި ރާއްޖެ ދުށް ޝަޚްސިއްޔަތު ތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. މީދޫ ދެށިނާގެ މުޙައްމަދު ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1313 ވަނަ އަހަރުގެ ޖުމާދަލްއޫލާ މަހުގެ 14ވަނަ ދުވަހުއެވެ. އެއީ 4 ނޮވެމްބަރ 1895 ވި ހޯމަދުވަހުއެވެ.

ސ. މީދޫ ދެށިނާގެ މުހައްމަދު ދީދީގެ ބައްޕަކީ އައްޝައިޚުލް ފަޤީހު އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން (އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނު) ގެ އަލްޤާޟީ ޙުސައިންގެ ޤުޠުބުއްދީންގެ އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑުފުތް ތަކުރުފާނުގެ އައްނާއިބު އިބްރާހިމްތަކުރުފާނުގެ ފާތުމާފާނުގެ އިބްރާހިމް ތަކުރުފާނުގެ އާމިނާފާނުގެ ފާތުމާ ފާނުގެ އަލްޤާޟީ އިބްރާހިމް މަޖުދުއްދީންގެ އަޙްމަދު މަނިކެވެ.

މަންމައަކީ އައްޝައިޚުލް ފަޤީހު އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން (އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނު) ގެ އަލްޤާޟީ ޙުސައިން ޤުޠްބުއްދީންގެ އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑު ފުތް ތަކުރުފާނުގެ އައްނާއިބު ޙަސަންތަކުރުފާނުގެ ޙައްވާފާނުގެ ޙުސައިން ތަކުރުފާނުގެ އާމިނާފާނުގެ އަލްޚަޠީބު ޢަލިތަކުރުފާނުގެ ގަނޑު
ވަރު އައްނާއިބު މުޙައްމަދު ތަކުރުފާނުގެ ގަނޑުވަރު އައްނާއިބު ޙަސަންދީދީގެ އައްނާއިބު އަލްޚަޠީބު އިބުރާހިމް ދީދީގެ އާމިނާ ދީދީ އެވެ. އިސްވެ ދެންނެވުނު ވަނަވަރަށްބަލާއިރު ދެށިނާގެ މުޙައްމަދު ދީދީ އަކީ ދެފަރާތުންމެ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން (އައްޑޫބޮޑު ފަނޑިޔާރު ތަކުރުފާނު) އާއި ގުޅިފައިވާ ބޭފުޅެއްކަން އެނގެއެވެ. މީގެ އިތުރަށް މަންމަ ފަރާތުން މުޙައްމަދު ދީދީ ވަނީ ދިޔަމިގިލީ ދަރިކޮޅުގެ އިބްރާހިމް ރަސްގެފާނާއި ގުޅިފައެވެ. އެއީ އިބްރާހިމް ރަސްގެފާނުންގެ ދަރިކަލުން އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ދަރިކަލުން އިބްރާހިމް ފާމުލަދޭރިކިލެގެ ފާނުގެ ދަރިކަނބަލުން އާއިޝަތުދީދީ (ދޮށީ ދީދީ) ގެ ދަރިކަލުން ގަނޑުވަރު އައްނާއިބު ޙަސަން ދީދީ އަކީ ދެށިނާގެ މުޙައްމަދު ދީދީގެ މުނިކާފަ ކަމުންނެވެ.

ދެށިނާގެ މުޙައްމަދު ދީދީގެ ފުރަތަމަ އެދުރުންގެ ތެރޭގައި މީދޫ އެދުރުގޭ އައްޝައިޚް އަޙްމަދު ދީދީ އާއި ފުވައްމުލަކު ދޫޑިގަމު އަލްޤާރީ އިބްރާހިމް ދީދީ ހިމެނެއެވެ. މީގެ އިތުރަށް މުޙައްމަދު ދީދީ ތަޢްލީމް ޙާޞިލު ކުރެއްވުމަށް މާލެ ވަޑައިގެން މާފަންނު ބަގީޗާގޭގައި ހުންނަވައި ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ގެ އަރިހުން ޢިލްމު އުނގެނި ވަޑައިގަތެވެ. އެހެންކަމުން މުޙައްމަދު ދީދީ ހިމެނިވަޑައިގެންފައިވަނީ ޙުޞައިން ޞަލާޙުއްދީންގެ އިސް ދަރިވަރުންގެ ތެރޭގައެވެ. އަދި ރާއްޖޭގައި ތަޢްލީމު ފެތުރުއްވުމުގެ ކަންތަކުގައިވެސް މުޙައްމަދު ދީދީގެ ޙިއްޞާއެއް އޮވެއެވެ. މިޙިއްސާއަކީ މީދޫގައި މަދަރުސާއެއް ފެއްޓެވުމެވެ.

އައްޝައިޚް ދެށިނާގެ މުޙައްމަދު ދީދީ އެކި ގޮތްގޮތުން މާލޭގައި އުޅުއްވި އުޅުއްވުމުގައި އެދުވަސްވަރު ތިއްބެވި ދައުލަތުގެ ވަރަށް އިސްބޭފުޅުންނާއި ރަޙުމަތްތެރި ކަމުގެ ގާތްކަން އުފެދިފައިވެއެވެ. މީގެ ތެރެއިން ބައެއް ބޭފުޅުންގެ ތެރޭގައި އަތިރީގޭ އަހްމަދު ދޮށިމޭނާ ކިލެގެފާނާއި ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެ ފާނާއި މުޙައްމަދު ފަރީދު މަނިއްޕުޅު ހިމެނެއެވެ. އަދި މުޙައްމަދު ދީދީގެ ވަރަށް ގާތް ރައްޓެހި ބޭފުޅުންގެ ތެރޭގައި ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަމާލުއްދީނާއި އައްނާއިބު އައްޝައިޚް ޢަބްދުލް ޤައްޔޫމާއި އައްނަބީލު މަލިން މުޙައްމަދު ދީދީ އާއި އައްޝައިޚް މުޙައްމަދު ނަޞީރު މަނިކު، ފަދަ ބޭފުޅުންވެސް ހިމެނެއެވެ.

އައްޝައިޚް މުޙައްމަދު ދީދީ ދެ ކާވެނި ކުރެއްވިއެވެ. ފުރަތަމަ ކާވެނި ކުރެއްވީ 1339 ވަނައަހަރު އެވެ. ދެވަނަ ކާވެނި ކުރެއްވީ 1341 ވަނަ އަހަރުއެވެ. ދެބަނޑުން ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން 4 ފިރިހެން ބޭފުޅުންނާއި 2 އަންހެން ބޭފުޅުން ބޮޑުފުޅުވިއެވެ. އެބޭފުޅުންގެ އާއިލާ އެބައޮތެވެ.

ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާހުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނު ހިޖްރައިން 1346 ވަނައަހަރު ޙައްޖުގެ ފަރްޟު އަދާ ކުރެއްވުމަށް އަރަބި ކަރައަށް ވަޑައިގަތްއިރު އައްޝައިޚް މުޙައްމަދު ދީދީ ވެސް ގެންދެވިއެވެ. އެބޭފުޅުން އެފަހަރު މާލެއިން ފުރާވަޑައިގަތީ 26 ޖުމާދަލްއޫލާ 1346 ގައެވެ. މިއީ އެންމެ ފުރަތަމައަށް މުޙައްމަދު ދީދީ ޙައްޖަށް ވަޑައިގަތް ފަހަރެއެވެ. ދެވަނަ އަށް އައްޑޫ މީދޫ މުޙައްމަދު ފެންނާމަނިކުފާނު ޙައްޖަށް ވަޑައިގަތީ ހިޖްރައިން 1370 ވަނައަހަރުއެވެ. އެފަހަރު ޙައްޖަށް ވަޑައިގަތްއިރު އަރިހުގައި އަނބިކަނބަލުން މީދޫ އެޅެގޭ ޢަބްދުﷲ ދީދީގެ އާމިނަތު ޢަބްދުﷲ ދީދީ ވެސް ގެންދެވިއެވެ. އަދި ޙައްޖުގެ ފަރްޟު އަދާކުރެއްވުމަށް ޙުރުމަތް ތެރިވެގެންވާ މައްކާގައި އުޅުއްވި އުޅުއްވުމުގައި މުޠައްވަފު ހަމަޖައްސަވައިދެއްވި ޚާއްޞަ ފުރުސަތެއްގައި ފެންނާ މަނިކުފާނުގެ ދެކަނބަލުން ގެފުޅަށް ވެދެވަޑައިގެންނެވިކަން ފާހަގަކޮށްލެވެއެވެ.

އައްޝައިޚް މުޙައްމަދު ދީދީ އަދާކުރެއްވި ސަރުކާރުގެ ވަޒީފާތަކަށްބަލާއިރު އެންމެ ފުރަތަމަ ލިބިވަޑައިގަތް ވަޒީފާއަކީ އައްޑޫ ހިތަދޫ އާއި ފޭދޫ ނާއިބު ކަމުގެ ވަޒީފާއެވެ. މިކަމުގެ ފަތްކޮޅު ދެއްވީ 14 ރަބީޢުލްއާޚިރު 1345ގައެވެ. އެއީ މީލާދީ ގޮތުންނަމަ 21 އޮކްޓޯބަރ 1926 އެވެ. އެއިގެ ދުވަސްކޮޅެއްފަހުން މީދޫ ޚަޠީބުންގެ ތެރެއަށް މުޙައްމަދު ދީދީ ލެއްވިއެވެ. އެއީ ހިޖުރައިން 1347 ވަނައަހަރު ތެރޭގައެވެ. ކުރިން އޮތް ދެމަޤާމުގައި ހުންނަވަނިކޮށް އައްޑު އަތޮޅު ބޮޑުން އެއީ ހިޖުރައިން1347 ވަނައަހަރު ތެރޭގައެވެ. ކުރިން އޮތް ދެމަޤާމުގައި ހުންނަވަނިކޮށް އައްޑު އަތޮޅު ހުޅުދޫއާއި މީދޫ ނާއިބުކަން ދެއްވިއެވެ. މިދެރަށުގެ ނާއިބުކަމާއި މަތިކުރައްވައި ފަތްކޮޅު ދެއްވީ 1363 ޝައްވާލު 8 ގައެވެ. އެއީ 26 ސެޕްޓެމްބާރ 1944 އެވެ. އައްޝައިޚު މުޙައްމަދު ދީދީ ނުވަތަ އައްޑޫ މީދޫ ދެށިނާގެ މުޙައްމަދު ދީދީ އަކީ ދެވަނަ ބޮޑުހަނގުރާމައިގެ ނުރައްކާތެރި ދުވަސްވަރު އައްޑު އަތޮޅުގައި ހިނގި ހަމަނުޖެހުމާއި ފިތުނައިގެ ގަޑުބަޑުތެރޭގައި އަތޮޅު ރައްޔިތުންންގެ ޝުޢޫރުތައް ސަރުކާރާއި އެއްކޮޅަށް އެނބުރުވުމަށް ވަރަށް ބުރަކޮށް މުޅިއަތޮޅުތެރޭގައި މަސައްކަތްކުރެއްވިބޭފުޅެކެވެ. މިކަންވަނީ ދައުލަތުން ޤަބޫލު ކުރައްވައިފައެވެ. އަދި އަތޮޅުގައި ހިންގި ގަޑުބަޑުގެ ކަންތައް ތަޙްޤީޤް ކުރެވުމަށް ސަރުކާރުން އައްޔަން ކުރެއްވި ކޮމިޓީގައި ހިމެނިވަޑައިގަތީ އައްނަބީލު މަލިމް މުޙައްމަދު ދީދީ އާއި އައްޝައިޚް ދެށިނާގެ މުޙައްމަދު ދީދީއެވެ. އައްޝައިޚް މުޙައްމަދު ދީދީގެ މިދެންނެވި ޤަވްމީ ޚިދުމަތުގެ އަގުވަޒަންކުރައްވައި އޭނާއަށް ވަނީ ދައުލަތުން ކަންގަތިކޮލީގެ ޢިއްޒަތް ދެއްވައިފައެވެ. އައްޑޫ މީދޫ ދެށިނާގެ މުޙައްމަދު ދީދީއަށް ފެންނާކަމަށް ކޮލިލުމުގެ ރަސްމިއްޔާތު އޮތީ 25 ޝަޢުބާން 1367 (3 ޖުލާއި 1948) ވި ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއްޖެހިވަގުތުއެވެ. އެދުވަހު މުޙައްމަދު ދީދީ އަށް ކޮލި ލެއްވިއިރު ކޮލިކަލޭގެ ކިޔުއްވީ “އައްޑޫ މީދޫ އަލްމަރުޙޫމް ފަނޑިޔާރުތައްޚާނުގެ އަޙްމަދު މަނިކަށްއުފަން، ދެށިނާގެ މުޙައްމަދު ދީދީ އަށް ފެންނާމަނިކުފާނެވެ. ކިއްޔާއި އުރަންނައެވެ. މިހެން އަހައި ދެކެ ދެނެތިބެ މި މުޙައްމަދުދީދީ އަށް ފެންނާމަނިކުފާނެވެ. ނުކީ ކޮންމެ މީހަކު އަހައިދެކެ ދެނެގެންފި ނަމަ”މިފަދައިންނެވެ.

އައްޝައިޚް މުޙައްމަދު ފެންނާ މަނިކުފާނު ދައުލަތުގެ ވަލީކޮމިޓީއިން ފޮނުއްވި ރަސްމީ ދަތުރުފުޅެއްގައި ކޮޅުބަށްވަޑައިގަތެވެ. އެއީ 25 ޛުލްޙިއްޖާ 1369 (8 އޮކްޓޯބަރ 1950) ވި އާދީއްތަދުވަހު މާލެއިން ފުރި ގަންޖާ ސަލާމަތުންނެވެ. މުޙައްމަދު ފެންނާ މަނިކުފާނުންގެ އަރިހުގައި އަލްފާޟިލް ޙަސަން ރަނަހަމާންތި ކަލޭގެފާނުވެސް ވަޑައިގަތެވެ. ވަލީކޮމިޓީއިން މިދެބޭފުޅުން ފޮނުއްވީ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ރާއްޖޭގެ ތަޚްތާއި ޙަވާލުވެވަޑައިގަތުމަށް މާލެ ވަޑައިގަތުމަށް އެދި ކޮމިޓީއިން ފޮނުއްވި ސިޓީފުޅެއް ރަންނަބަނޑޭރި ކިލެގެފާނަށް ރައްދު ކުރެއްވުމަށެވެ.

އައްޝައިޚް މުޙައްމަދު ފެންނާމަނިކުފާނަކީ ވަރަށްގިނަ ގޮތްގޮތުން މުޅި އައްޑުއަތޮޅާށާއި މީދޫއަށް ޚިދުމަތް ކުރައްވައި ފައިވާ ބޭފުޅެކެވެ. އޭނާގެ ޚާއްޞަރޮނގަކީ ޝަރްޢީ ދާއިރާ ކަމަށްވީނަމަވެސް ގާތްގަނޑަކަށް 1929 އިން ފެށިގެން އަވަހާރަވުމާއި ހަމަޔަށް މީދޫ ކަތީބުންގެ ތެރޭގައި ޚިދުމަތް ކުރެއްވިއެވެ. މިގޮތުން ޢަމަލީ ޚިދްމަތް ކުރެއްވި ދުވަސްވަރުގެ ތެރެއިން 1948 ވަނައަހަރުގެ ތެރޭގައި މީދޫ ކާޑުގޭގެ ޢިމާރާތް ދެބުރި ޢިމާރާތެއްގެ ގޮތުގައި ބިނާކުރެއްވުމަށް ފަހު އެތަން ރަށް ހިންގާ އިދާރާގެ ނަމުގައި ހިންގަވައި މިކާޑުގޭގައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްލިބޭނެ ގޮތް ތަނަވަސް ކޮށް ދެއްވުމުގައި އިސް ދައުރެއް އަދާކުރެވިއެވެ. އަދި މިއީ ރާއްޖެތެރޭގެ ރަށެއްގައި ރަށްހިންގުމަށް ފުރަތަމަ ޤާއިމް ކުރެވުނު ދެބުރި ޢިމާރާތްކަން މިތާނގައި ފާހަގަ ކޮށްލަމެވެ. މިނޫންވެސް ގިނަގުނަ ޢުމްރާނީ ތަރައްޤީގެ މަސައްކަތް މީދޫގައި ފެންނާމަނިކުފާނުގެ އިސްނެންގެވުމާއި އެކު ހިންގާފައިވާކަން ފާހަގަކުރެވެއެވެ. މީގެތެރޭގައި މީދޫ މާމިސްކިތް ނުވަތަ ކުރީގެ ހުކުރު މިސްކިތް އާކުރެއްވުންވެސް ހިމެނެއެވެ. ފެންނާ މަނިކުފާނުންގެ ކާފަ ދަރިކަލަކު މީގެ ހައަހަރު ކުރީން ލިޔުއްވާފައިވާ ފަދައިން މުޙައްމަދު ފެންނާމަނިކުފާނު މީދޫގެ ރައްޔިތުންނަށް ދޫކުރެއްވި އެންމެ އަގުބޮޑު ތަރިކައަކީ ޤާޟީމުޙައްމަދު ޝަމްސުއްދީން ސްކޫލްކަން ކަށަވަރެވެ. މި ސްކޫލް މަދަރަސަތުލް ހިދާޔާގެ ނަމުގައި 1943 ޑިސެމްބަރ 29 ގައި އުފެއްދެވީ މީދޫ ދެށިނާގެ މުޙައްމަދުދީދީ (ފަހުން ފެންނާމަނިކުފާނު) އެވެ. އެހެންކަމުން މިހާރުގެ ޤާޟީ މުޙައްމަދު ޝަމްސުއްދީނު ސްކޫލްގެ ބާނީ އަދި އެންމެފުރަތަމަ ނާޡިރަކީ މުޙައްމަދު ފެންނާމަނިކުފާނު ފިޔަވައި ދެވަނަ ބޭފުޅެއްނޫނެވެ.

1953 ވަނައަހަރު ފެށުނީ ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުކުރެއްވުމުގެ އިޢުލާނާއި އެކުގައެވެ. މިކަމުގެ ރަސްމީ ދަރުބާރު އޮތީ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު މާލޭގައެވެ. މިރަސްމިއްޔާތުގައި އެންމެ މުހިއްމު ކަމަކަށްއޮތީ ރައީސުލްޖުމްހޫރިއްޔާ (އަލްއަމީރު މުޙައްމަދު އަމީން) މަޤާމާ ޙަވާލުވެ ވަޑައިގަތުމުގެ ގޮތުން ހުވައިކުރެއްވުމެވެ. ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ ގެއިން އައްޔަންކުރެއްވި އަށް މެމްބަރުންގެ ވަފްދުގައި ހިމެނިވަޑައިގަތް އެއްބޭފުޅަކީ މުޙައްމަދު ފެންނާ މަނިކުފާނެވެ. ޢިއްޒަތުގެ ހެދުންކޮޅުގައި މުޙައްމަދު ފެންނާ މަނިކުފާނު އެ މުހިއްމު އަދި އެހާމެ ތާރީޚީ ދަރުބާރަށް ޙާޟިރުވެވަޑައިގަތެވެ. އަދި ކަމާއިބެހޭ އެހެނިހެން އިހްތިފާލު ތަކުގައިވެސް ބައިވެރިވެ ވަޑައިގަތްމެއެވެ.

އައްޝައިޚް މުޙައްމަދު ފެންނާމަނިކުފާނަކީ އައްޑުއަތޮޅުގެ އަތޮޅުވެރިކަން ކުރެވިބޭފުޅަކަށް ނުވިނަމަވެސް އެތަކެއްފަހަރު އަތޮޅުވެރިޔާގެ ބަދަލުގައި ނުވަތަ އަތޮޅުވެރިޔާގެ ޤާއިމް މަޣާމެއްގެ ޙައިޘިއްޔަތުން އަތޮޅަށް ޚިދުމަތް ކުރެްވި ބޭފުޅެކެވެ. މިގޮތުން ބަލާއިރު ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު އިނގިރޭސިން އައްޑުއަތޮޅުގައި ވައިގެ މަރުކަޒެއް ހެދުމަށް އައީ 1955 ނޮވެމްބަރ 25 ގައެވެ. އެއައި އިރު އަތޮޅުވެރިޔާގެ ބަދަލުގައި އަތޮޅުހިންގެވުމުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދެވީ ފެންނާމަނިކުފާނެވެ. އަދި 56 / 1957 ވަނަ އަހަރު ސ. ގަމުގެ މީހުން ފޭދޫ އަށް ބަދަލު ކުރެވުމާއި ބެހޭގޮތުން އޭރުގެ ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އުފެއްދެވި މަޝްވަރާކޮމިޓީގެ މެންބަރުކަންވެސް ފެންނާމަނިކުފާނު ކުރެއްވިއެވެ. އައްޝައިޚް މުޙައްމަދު ފެންނާ މަނިކުފާނާ އައްޑޫ މީދޫ ނާއިބުކަމާއި މަތިކުރެއްވީ 17 ޝައވާލު 1377 އެވެ. އެއީ މީލާދީގޮތުން 6 މެއި 1958 ގައެވެ. އެދުވަހު މުޙައްމަދު ފެންނާމަނިކުފާނަށް އެކަމުގެ ފަތްކޮޅު ދެއްވިއެވެ.

ފެންނާމަނިކުފާނަކީ އަމިއްލަފުޅު ހައިޘިއްޔަތުން ވިޔަފާރިކުރެއްވި މޮޅު ވިޔަފާރި ވެރިއެކެވެ. ދިރިއުޅުއްވުމުގައި އިޤްތިޞާދު ކުރެއްވުމުގެ މައްޗަށް ވަރަށްބޮޑަށް ބާރު އެޅުއްވިއެވެ. ޤަވްމީ ޚިދްމަތަށް އިސްކަންދެއްވި ހަރުދަނާ ބޭފުޅެކެވެ. ޢުމުރުގެ އެންމެފަހު ވަގުތާއި ހަމަޔަށްވެސް ހުންނެވީ ދައުލަތުގެ ވަޒީފާގައެވެ. މީދޫ ކަތީބުކަމާއި ނާއިބުކަމުގައެވެ.

ފެންނާމަނިކުފާނަކީ ޢިލްމަށްލޯބިކުރެއްވި ބޭފުޅެކެވެ. ފޮތް ބެއްލެވުމަށް ޝަވްޤްވެރިކަން ދެއްވިބޭފުޅެއްމެއެވެ. މިގޮތުންގިނަ ޢަދަދެއްގެ އަދަބީ ފޮތްތަކާއި ތާރީޚް ފޮތްތައް ގޭގައި ބަހައްޓަވައިގެން ބައްލަވައި މުޠާލއާ ކުރައްވައި އުޅުއްވިއެވެ. މިގޮތުން އެއްކުރައްވާ މަޢުލޫމާތު މީހުންނަށް ފޯރުކޮށް ދެއްވުމަށް ވެސް މަސައްކަތް ކުރެއްވިއެވެ. ފެންނާމަނިކުފާނު ފޮތްބެއްލެވުމަށް ދެއްވި ޝައުޤުވެރިކަން އެނގޭ އަނެއް ހެއްކަކީ 1948 ޖުލާއި 8 ވަނަ ދުވަހު މަޖީދީ ކުތުބުޚާނާގެ މެމެބަރަކަށް ވެވަޑައިގަތް ވެވަޑައިގަތުމެވެ.

އިސްކޮޅުގައި 5 ފޫޓް 3 އިންޗިހުރި ފެންނާ މަނިކުފާނުގެ ގައިކޮޅުގެ ކުލައަކީ އޮޅަލިކުލައެވެ. މުޙައްމަދު ފެންނާމަނިކުފާނު ޢުމުރުގެ ފަހުބަގައި ޓީ.ބީ އަށް ފަރުވާ ހޯއްދަވަމުން ގެންދަވައިފައިވެއެވެ. މިބަލިކޮންޓްރޯލް ވުމަކަށް ގޮސްފައިވަނިކޮށް ޖެހިވަޑައިގަތް ވަރަށްކުއްލި އާލާސްކަންފުޅެއްގައި އުޅުއްވައިފައި އައްޝައިޚް މުޙައްމަދު ފެންނާ މަނިކުފާނު މިދުނިޔެ ދޫކުރެއްވީ 13 ޛުލްޙިއްޖާ 1382 ، (8 މެއި 1963) ވި ބަދަދުވަހުގެ މެންދުރާއި ގާތްވެފައި ވަނިކޮށެވެ. އޭރު ޢުމުރުފުޅުން 69 އަހަރުވެއްޖެއެވެ. ފަސްދާނުލެވުނީ މީދޫކޯގަންނު ޤަބުރުސްތާނުގައެވެ. މަރްހޫމްގެ ފުރާނަފުޅަށް ރަޙްމަތް ލައްވާށިއެވެ. އާމީން.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!