މީދޫ ލޮނޑިކެޑެ މިސްކިތް

ލޮނޑިކެޑެ މިސްކިތް

ލޮނޑިކެޑެ މިސްކިތް ނުވަތަ ރަންފުތު ފަނޑިޔާރު ކަލޭގެފާނު މިސްކިތަކީ މީދޫގެ އެންމެ ހުޅަނގު ފަރާތުގައި ހުންނަ މިސްކިތެކެވެ. އެންމެ ފުރަތަމަ ލޮނޑިކެޑެ މިސްކިތް އިމާރަތް ކުރެވުނީ ހިރިގަލުންނެވެ. ކުރީގެ މިސްކިތުގައި ދެ ދާލާއި މިހުރާބުގެ ހުއްޓެވެ. ލޮނޑިކެޑެ މިސްކިތް ބިނާކުރެއްވީ މަހުމޫދު (ރަންފުތު) ފަނޑިޔާރު ކަލޭގެފާނެވެ. ލޮނޑިކެޑެ މިސްކިތުގެ ބޮޑުމިނަކީ ދިގުމިނުގައި 13 ފޫޓެވެ. ފުޅާމިނަކީ 7.9 ފޫޓެވެ. ފަހުން އެ މިސްކިތް ބޮޑުކޮށް މަރާމާތު ކުރެވުނު އިރު މިސްކިތުގެ ދިގުމިނަކީ 21 ފޫޓެވެ. ފުޅާމިނަކީ 17 ފޫޓެވެ. މިސްކިތުގެ ވެވަކީ މީދޫގައިހުރި އެންމެބޮޑު ވެޔޮ ކަމުގައި ބުނެވެއެވެ. ވެވުގެ ސިޑީގައި ޚާއްސަ ނިޝާނެއް ހުއްޓެވެ. އެ ނިޝާން ބަލާލުމަށްޓަކައި ކުރީޒަމާނުގައި ރަށްރަށުގެ މީހުން މީދޫއަށް ޒިޔާރަތްކުރެއެވެ.

ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގައި ރާއްޖޭގެ ވެޔޮތައް ފޮރުވާލެއްވުމަށް އެންގެވުމާއި ގުޅިގެން ލޮނޑިކެޑެ މިސްކިތުގެ ވެޔޮވެސް ފޮރުވާލެވުނެވެ. އަދި ވެވުގެ އުތުރުން މިސްކިތުގެ އިރުމަތީ ފަރާތުގައި މިސްކިތާއި ކައިރީގައި ހިރިގަލުން ބެހެއްޓެވި ވަޅު މިހާރުވެސް އެބަހުއްޓެވެ. ނަމަވެސް އެސަރަހައްދުގައި މިހާރު ޒިޔާރަތެއްވެސް އަދި މަހާނައެއްގެ ގާކޮޅެއްވެސް ނެތެވެ. މިހާރު އެސަރަހައްދުގެ ބޮޑުބައެއްގައި މަގުތައް ހަދައި މީހުންނަށް ގޯތި ދެވި އެގޯތިގޯތީގައި މީހުން ދިރިއުޅެއެވެ. މިހާރު ލޮނޑިކެޑެ މިސްކިތުގެ ވަށައިގެންވަނީ ފާރެއް ރާނާފައެވެ.

މީދޫ އިސްލާމްވުމާއި ދާދިގާތުގައި މީދޫއަށް އަރައިގަތް ކާފަރުންނާއި ކަޅިހާރާގެ ލަޝްކަރާއި ދެމެދު ކުރެވުނު ވަރުގަދަ ހަނގުރާމައިގެ މައިދާނަކީ ލޮނޑިކެޑެ (ލެޑިކޮޅު) އެވެ. ލޮނޑިކެޑެ ގަބުރުސްތާނަކީ ގިނަ އަދަދެއްގެ ބަޔަކު ވަޅުލެވިފައިވާ ވަރަށް ބޮޑު ގަބުރުސްތާނެކެވެ. އެގަބުރުސްތާނުގައި މަހާނަތަކާއި ޒިޔާރަތްތައް ހުއްޓެވެ. ލޮނޑިކެޑެ ގަބުރުސްތާނުގައި އެންމެފަހުން ހުރި ޒިޔާރަތަކީ ބަބުރު ފަޑިޔަތްތަކުރުފާނުގެ ޒިޔާރަތެވެ. މިހާރު އެޒިޔާރަތްވެސް އެނގޭކަށް ނުހުރެއެވެެ. އެޒިޔާރަތް ހުރީ މިސްކިތުގެ އުތުރުން މިސްކިތާއި 100 ވަރަކަށް ފޫޓް ދުރުގައެވެ.

މީލާދީން 1950ގެ އަހަރުތަކާއި ޖެހެންދެން ލޮނޑިކެޑެ ގަބުރުސްތާނު ސަރަހައްދަކީ އާދަޔާއި ޚިލާފު ހާދިސާތައް ފެންނަ ތަނެކެވެ. އެގޮތުން އެސަރަހައްދަކީ ނާމާން ސަރަހައްދެއްގެ ގޮތުގައި މީދޫ ރައްޔިތުން ބަލައި އުޅުނެވެ. އެފަދަ ތަފާތު ހާދިސާތައް ފެނިފައިވާ މީހުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ. ނަމަވެސް މިހާރު އެބާވަތުގެ ހަދިސާތަކެއް ނުފެނެއެވެ.

އަލްގާޟީ މަހުމޫދު (ރަންފުތު) ފަނޑިޔާރު ކަލޭގެފާނުގެ ބައްޕައަކީ ކަޅިހާރި ދޮން ސީދިކަލޭގެ ދި ބޮޑު ދޮންދަލިކާލެނގެ ފުތް ކަޅިހާރި ދޮންބުއި ނާއިބުކަލޭގެފާނެވެ. މަންމައަކީ ފުވައްމުލަކު ދޮން މަރިޔާ އެވެ.

ރަންފުތު ފަނޑިޔާރު ކަލޭގެފާނަކީ ދިވެހި ތާރީޚަށާއި ދިވެހިރާއްޖޭގެ ތަޢުލީމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭކަލެކެވެ. ދިވެހިބަހުން އެންމެ ފުރަތަމަ ފޮތެއް އެކުލަވާލެއްވީ މިކަލޭގެފާނެވެ. މިކަލޭގެފާނު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން 15 އަހަރު ކުރެއްވިއެވެ. ރަންފުތު ފަނޑިޔާރު ކަލޭގެފާނު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވީ އައްސުލްތާން އިބްރާހިމް އިސްކަންދަރު (1ވަނަ) ސިރީ ކުލަރަން މީބަ ކައްތިރި ބަވަނަ މަހާރަދުން (23 އޮކްޓޯބަރ 1648 އިން 28 ފެބްރުއަރީ 1687) ގެ ރަސްކަމުގައެވެ. އެރަދުންގެ ރަސްކަމުގައި އައްޑޫ މީދޫ މާމިސްކިތް މަރާމާތުކޮށް ދެއްވައި އެރަށުގައި އިތުރު ކުޑަ ދެ މިސްކިތެއް ބިނާކުރުމުގެ އިޒުނަ ދެއްވިއެވެ.

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އެރަދުންގެ އަމުރުފުޅަށް ލޮނޑިކެޑެ މިސްކިތުގެ ބޯގަފަތެއް ލިޔުއްވައި އެރަސްގެފާނުގެ ސިއްކަ ޖެއްސެވިއެވެ. އެފަތް ލިޔުއްވާންވީގޮތް ކިޔައިދެއްވީ ބަނޑޭރި ހުސެއިން ހަނދޭގިރި އެވެެ. ދިވެސް އަކުރުން އެފަތް ކިއުއްވީ މުދިން އިބްރާހިމް އެވެ. މި ބޯގަފަތް ދިވެސް އަކުރުން ތާނައަށް ތަރުޖަމާ ކުރެއްވީ ހުސެއިން ފަހުމީ އެވެ. އެއީ 6 ރަމަޟާން 1378 (16 މާރޗް 1959) ގައެވެ.

ލޮނޑިކެޑެމިސްކިތުގެ ބޯގަފަތުގައި ލިޔެވިފައިވެއެވެ. މަހުމޫދު ރަންފުތު ފަނޑިޔާރު ކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ގަނޑުވަރު ވަށޮރަންދިޔަގެފާނު، އައްޑޫ މީދޫ ލޮނޑިކެޑެ ކިޔާ ތަނުގައި ބިނާކުރެއްވި މިސްކިތް ބެލެހެއްޓޭނެ ގޮތެއް ހައްދަވާދެއްވުން އެދި އައްސުލްތާން އިބްރާހިމް އިސްކަންދަރު-1ގެ ދަރުބާރަށް ވަޑައިގަތެވެ. އެއީ އެރަދުންގެ ރަސްކަމުގެ 28 ވަނަ އަހަރު ހިޖްރައިން 1086 (މީލާދީން 1675) އަހަރުގައެވެ.

ރަންފުތު ފަނޑިޔާރު ކަލޭގެފާނާއި، ފަނޑިޔާރު ކަލޭގެފާނުގެ އަނބިކަނބަލުން ގަނޑުވަރު ރަންދިޔަގެފާނުގެ އެދުމުގެ މަތީން ރަދުން ލޮނޑިކެޑެ މިސްކިތުގެ ބޯގަ ހަމަޖައްސަވައި ދެއްވިއެވެ. ބޯގައަށް ހަމަޖައްސަވައި ދެއްވީ އައްޑޫ މީދޫ އުތުރުން އޮތް ހިކަހެރަ އާއި ހިރިއާދަހެރަ އެވެ. މީދޫ ހުޅަނގު ފަރާތު އުތުރުން ގައްލަނޑު ދޮން އައިހާ ބުބޫގެ ފަންނުން ދިޔަހިންވެ (ގޮނޑުދޮށަށް އަރާފައިބާ ޚާއްސަ ދިމަދިމާ) އިރުމަތީފަރާތުން މެދުމަގުން ދެކުނަށް، ވާދީ އަހައްމަދުގެެ ފަންނުން ހުޅަނގަށް ދާއިރު، އެދެމެދުގައި އޮންނަ އުރައިލައިކާ- ދަނޑުބިން ނޫން އަތިރިމަތީ ކަމަށް ރުއް އިންދާފައިވާ ބިމާއި ރުއްގަހެވެ. މީގެ އިތުރުން އައްޑު އަތޮޅު ގަމުގައި ހުރި ބަންޑާރަ(ރަސްބަޔަށް) ބިން ނޫން އެހެން ބިންތަކުގެ ރަސްބަޔަށްވާ 10 ބައިގެ ތެރެއިން ބަންޑާރައަށް އޮންނަ 200 ބޮނޑި ފިޔަވައި ދެން ބާކީ އޮތްބަޔެވެ.

މީދޫގައި ރަސްގެފާނުގެ އަޅުންނާއި ދެ ބޭފުޅުންއިންދަވާފައިވާ ރުއްގަސްހުރި ބިންތަކާއި އެސަރަހައްދުގައި ހުރި ގަސްގަހުން ލިބޭ ފައިދާއިން ލޮނޑިކެޑެ މިސްްކިތުގެ ހުރިހާ ކަންކަމެއް ކުރުމަށް އައްސުލްތާން އިބްރާހިމް އިސްކަންދަރު (1ވަނަ) އަމުރެއް ނެރުއްވިއެވެ. އަދި މިސްކިތުގެ ހުރިހާ ކަމެއް ކުރުމަށްފަހު ބާކީވާ ތަކެތިން ރަދުންނާއި ރަދުންގެ މަންމާފުޅު ކަނބާ އާއިޝާ އާއި ބައްޕާފުޅު އައްސުލްތާން މުހައްމަދު އިމާދުއްދީން (1ވަނަ) އާއި އޭރު ހުންނެވި އެރަދުންގެ އަނބިކަނބަލުން ސިރާޖުލް އާލަމް އައިމިނާ ރަނި ކިލެގެފާނަށް ހެޔޮ ދަރުމަ ދެއްވުން އެދި ކޮންމެ ރޯދަމަހަކު ޚަތިމެއް ކުރުމަށާއި ކޮންމެ ރަބީއުލްއައްވަލް މަހަކު ދިހަ މީހުން ލައްވާ ކެރޭމިންވަރަކުން ބާރަދުއާ ކިއުމަށްވެސް އަމުރު ކުރެއްވިއެވެ. މިހުރިހާ ކަންކަމުގެ އަމަރު ނެރުއްވާއި މިސްކިތުގެ ބޯގަ ފަތްކޮޅުގައި އެރަދުންގެ ސިއްކަ ޖެއްސެވިއެވެ.

ބޯގަ ފަތްކޮޅުގައިވާ ފަދައިން ވަރަށްގިނަ ޒަމާންތަކެއް ވަންދެން އެގޮތަށް އަމަލުކުރަމުން ގެންދިޔައެވެ. ނަމަވެސް ޒަމާންތައް ބަދަލުވެ އެފަދަ ލިޔުންތަކާއި ވަގުފުތައް އުވިގެން ހިނގައްޖެއެވެ. އޭގެފަހުން ލޮނޑިކެޑެ މިސްކިތް ވީރާނާވުމުން އެކިމީހުން އެ މިސްކިތް މަރާމާތު ކުރިއެވެ. ހިރިގަލުގެ މިސްކިތް ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށް އެޅެގޭ ކުދުތުއްތު ދީދީ އެމިސްކިތް އުވައިން ރާނައި އިމާރާތް ކުރެއްވިއެވެ.

ދާދިފަހުން މިސްކިތާއި މިސްކިތުގެ ފުރާޅު ހަލާކުވެފައި ވަނިކޮށް ދިވެހި ސަރުކާރުގެ އެހީތެރިކަމާއެކު މިސްކިތް އާކުރައްވައި އާ ޓިނު ޖަހައި ހިޔާކޮށް މިސްކިތުގެ ފާރު ރާނާފައިވެއެވެ.

You may also like...

1 Response

  1. މިއަދު ފެންނަން ހުރި ލޮނޑިކެޑެ މިސްކިތް ނިސްބަތް ވެފައިވަނީ ލިޔުމުގައިވާ ފަދައިން ރަންފުތް ފަނޑިޔާރާއަށް ކަމާމެދަކު ދެބަސްވެވޭކަށް ނެތް. އެހެނަސް މިހާރު ފެންނަން އެހުރި މިސްކިތަކީ މީގެ 85 ވަރަކަށް އަހަރު ކުރިން އެޅެގޭ ކުދު ތުއްތު ދީދީ އުވައިން ރާނުވައި އިމާރާތް ކުރި މިސްކިތެއް ކަމަށް ދުވަސްވީ މުސްކުޅިއަކު އޭނަގެ ދުލުން ހާމަކުރި އަޑު ވަނީ އިވިފައި. ރަންފުތް ފަނޑިޔާރާ ހިރިގަލުން ޢިމާރާތް ކުރި މިސްކިތުން މިހާރު ހިރިގަލުގެ އަސަރު ފެންނަން ނެތުމަކީ ވަރަށްދެރަކަމެއް.