ފަޟީލަތުއްޝައިޚް އަލްޙާއްޖު ޢަބްދުއްރަޙުމާން އަލްއަޒުހަރީ

އައްޝައިޚުލް ޙާއްޖު އަބްދުއްރަޙުމާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 1875 ވަނަ އަހަރު އައްޑޫ މީދޫ ގައެވެ. އޭނާއަކީ ވަރަށް ގިނަ ތާރީޚީ ރިކޯޑްތަކެއްގެ ވެރިއެކެވެ.

އަބްދުއްރަހުމާނުގެ ބައްޕައަކީ އައްޑޫ މީދޫ ވަށޮދިޔަގެ އަލްމުއައްލިމު އަލީ އެދުރުއެވެ. މަޝްހޫރު ލިޔާ މާލިމީ (ވަށޮދިޔަގެ މާލިމީ) އެވެ. މީނާއަށް ލިޔަން ދޮންކަލޯއޭ ވެސް ކިޔައެވެ. ވަށޮދިއަގެ މާލިމީއަކީ މި ރާއްޖޭގެ ދެކުނުގައިތިބި އަތު ލިޔުން ރީތި މީހުންގެ ތެރެއިން ޢަރަބި ތާނަ އަށް އެންމެ މަޝްހޫރު އެއް ފަންނާނެވެ. މީނާގެ އަތުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞްހަފެއް ޤައުމީ ކުތުބުޚާނާގައި ދާދިފަހަކާޖެހެންދެން ވެސް އޮތެވެ. އަބްދުއްރަހުމާނަކީ އޭނާގެ ބައްޕަ ވެސް ފަދައިން ވަރަށް ޗާލުކޮށް ލިއުއްވި ބޭފުޅެކެވެ.

އަބްދުއްރަހުމާނު އެންމެ ފުރަތަމަ ކިޔަވައި ވިދާޅުވީ އޭނާގެ އުފަން ރަށުންނެވެ. މީދޫގައި އަބްދުއްރަހުމާންގެ އިސް އުސްތާޒަކީ އައިސާބީގެދަރު ދޮންބެއްޔާ (ހާފިޒު އިބްރާހިމް) އެވެ. މީދޫން އެދުވަސްވަރު ލިބޭން ހުރި އިލްމެއް ހާސިލް ކުރެއްވުމަށް ފަހު އޭނާގެ ތައުލީމީ ދައުރު ނިންމާލެއްވީ މިސްރުންނެވެ. މިސްރުގެ މަޝްހޫރު ޖާމިއުލް އަޒުހަރުން (އަޒްހަރު ޔުނިވަސިޓީން) ތަޢުލީމު ޙާޞިލުކުރައްވައިގެން އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެންނެވި ދިވެއްސަކީ އަބްދުއްރަހުމާންއެވެ. އޭނާއަކީ ވަރަށް ދޫ ފަސޭހަ ބަލާޣާތްތެރި މުޤައްރިރެކެވެ. ޢިލްމުލް ކަލާމް (އިސްލާމިކް ފިލޯސަފީ) އަށް އަރާހުންނެވި ބޭފުޅެކެވެ. ޢިލްމުލް މަންތިޤު (ލޮޖިކް) ދެނެވަޑައިގަންނަވާ ބޭފުޅެއްވެސް މެއެވެ.

އަބްދުއްރަހުމާން މީދޫން މާލެއަށް ވަޑައިގެންނެވީ 1904 ވަނަ އަހަރުއެވެ. އޭގެ ދުވަސްކޮޅެއް ފަހުން މުޙައްމަދު ޝަމްސުއްދީނުގެ ރަސްކަމުގައި ވެދުމުގެ ފަތްކޮޅު ހިއްޕަވައިގެން އަޙުމަދު ކުޑަދޮށިމޭނާ ކިލެގެފާނު 1905 ވަނަ އަހަރު ސިލޯނަށް ވަޑައިގަންނަވަމުން އަރިހުގައި އަބްދުއްރަހުމާނު ގެންދެވިއެވެ. ބޭނުންފުޅަކީ، އަލްޤާޟީ ޢަބްދުލް ޙަކީމުގެ ދަރިވަރު، އައްޝައިޚުލް އައްލާމާ ޢަލީ އެދުރު ތަކުރުފާނު ހެއްދެވި ޒުހުރުލް ކަމާލާތު ނުވަތަ މުޅިރާއްޖެއަށް މަޝްހޫރު ބޮޑުތަރުތީބު ހަލާކުވެ ރާއްޖެއިން ނެތި ހިނގައިދާނެކަމުގެ ބިރުހީވެގެން އެފޮތް އަލުން ޗާޕުކުރެއްވުމެވެ. މިގޮތުން ފޮތް އަލުން ލިޔާނެ މީހެއްގެ ގޮތުގައި އަބްދުއްރަހުމާނު ގެންދެވީއެވެ. އެއައްފަހު އައްޝައިޚު މަލިމް މޫސާކަލޭގެފާނާއި ޢަބްދުއްރަޙުމާނު އާއި ދެކަލުން ސިލޯނުން ބަންގާޅަށް ވަޑައިގެން ބަންގާޅުގެ މެހެންދީބާޢު ކިޔާއަވަށުގައި ބޮޑުތަރުތީބު ޗާޕްކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. މިދަތުރުގައި ބޮޑުތަރުތީބުގެ އިތުރުން އެހެނިހެން ވެސް ފޮތްތައް ޗާޕުކުރެއްވި ކަމުގައިވެއެވެ.

ޗާޕުގެ މަސައްކަތް ނިމެންކައިރިވީމާ މަލިމް މޫސާކަލޭގެފާނު އަރިހުގައި ޢަބްދުއްރަޙުމާނު ވިދާޅުވިއެވެ. ތިމަން އަބްދުއްރަހުމާން މިފަހަރު ރާއްޖެއަކަށް ނުދާނަމެވެ. ތިމަން ދާނީ މިޞްރުގެ ޖާމިޢުލް އަޒުހަރަށް ޢަރަބި ކިޔަވާށެވެ. އެކަމަށްޓަކައި މިޞްރަށް ދެވޭނެގޮތް ހަމަޖައްސައިދޭށެވެ. މިވާހަކަ މަލިމް މޫސާކަލޭގެފާނު އަޙުމަދު ކުޑަދޮށިމޭނާ ކިލެގެފާނަށް ލިޔުއްވީމައި ކިލެގެފާނު އެންގެވީ ޢަބްދުއްރަޙުމާނު މިޞްރަށް ފޯރައި އެތާގައި ހަމަޖެހޭނެހައި ޚަރަދު ދޭށެވެ. މިގޮތުން މިދަތުރަށް ބޭނުންވާނެކަމަށް ލަފާކޮށް 300 ރުފިޔާ މަލިމް މޫސާ ކަލޭގެފާނު ދެއްވިއެވެ.

ޢަބްދުއްރަޙުމާނު މިޞްރާ ހަމައަށް ވަޑައިގަތީ 1906 ވަނައަހަރުއެވެ. މިއަށްފަހު 15 އަހަރުފަހުން 26 ޑިސެމްބަރ 1921 ގައި އެނބުރި ރާއްޖެވަޑައިންނެވިއެވެ. މިފަހަރު ރާއްޖެވަޑައިގެން އޭނާގެ އުފަން ރަށް މީދޫގައި ހުންނަވަނިކޮށް ދާދިއަވަހަށް ދައުލަތުގެ ފަރާތުން އޭނާ މާލެ ގެނެސް 11 ޖޫން 1922 ގައި ސަރުކާރުގެ ބޮޑު ނާކޮޅު ”އަޠިއްޔަތުއް ރަޙުމާނު” ގައި ރާއްޖެއިން ފޮނުވާލެއްވިއެވެ.

އަބްދުއްރަހުމާނުގެ މި އަރުވައިލުމަކީ ވަރަށް ތާރީޚީ އަރުވައިލުމެކެވެ. މިއީ ދިވެއްސަކު އެއްވެސް ސަބަބަކަށްޓަކައި ސަރުކާރުގެ ފަރާތުން ގައުމުން ބޭރުކޮށް އަރުވައިލި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ރަށަކަށް އޭނާ އަރުވާނުލައި އޭނާ ވަޑައިގަންނަވާނެ ގައުމަކަށް ވަޑައިގަތުމުގެ ފުރުސަތު ސަރުކާރުން ދިނީ އިލްމުވެރިންނަށް ދިވެހިންކުރާ އިހުތިރާމެއްގެ ބޮޑުކަމުން އޭނާއާ ދޭތެރޭ އިހާނެތި ގޮތަކަށް ކަންތައް ކުރަން ޖެހިލުން ވެގެންނެވެ.

އަބްދުއްރަހުމާން އަރުވައިލާން ޖެހުނު ސަބަބުތަކާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. އެންމެ ބޮޑަށް ގަބޫލު ކުރެވޭ ގޮތަކީ އޭނާގެ އުފަން ރަށުގައި އޮތް ބޭފުޅިޒަމްގެ އުސޫލްތަކާ ދެކޮޅަށް އަބްދުއްރަހުމާން ވާހަކަފުޅު ދެއްކެވުމާއި އަބްދުއްރަހުމާނަކީ އާއިލީ ގޮތުން ރަށުގެ ބޮޑަކަށް ނުވެފައި ކުއްލިއަކަށް ބޮޑު އިލްމުވެރިއެއްގެ ގޮތުގައި ވަޑައިގަތުމުން ރަށުގެ ވެރިންނަށް އެކަން ހަޖަމު ނުކުރެވި ސަރުކާރުގައި ޝަކުވާ ދެންނެވުމެވެ. އޭގެ އިތުރުން އަބްދުއްރަހުމާންގެ ސީދާ ސާދާ ވާހަކަފުޅު ދެއްކެވުންތަކަކީ އެދުވަސްވަރު ސިޔާސީ ގޮތުން ސަރުކާރަށް ނުރައްކަލެއް ކަމަށް ސަރުކާރުގެ ވެރިންނަށް ގަބޫލު ކުރެއްވުމެވެ.

މީގެ އިތުރަށް އައްޑުއަތޮޅަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގައި އަބްދުއްރަހުމާން ދީނީ ތަގްރީރު ދެއްވިއިރު ސަރުކާރުގެ ބައެއް އެންގެވުންތަކާ ފުށުއަރާ ވާހަކަތައް ވިދާޅުވެ ވެލާމަސް ހަލާލު ކުރެއްވުމަކީ ވެސް އޭނާ ކުށްވެރިވުމަށް މެދުވެރިވި ސަބަބެއް ކަމަށް ބުނެވެއެވެ. މަސްވެރިންގެ އަތުން ރަށްރަށުގެ ވެރިކަމުގެ ފަރާތަށް ނެގޭ ބައި ހަރާމް ކުރެއްވުމާއި ރައިވެރިންގެ އަތުން ވެރިންނަށް ނެގޭ ބައި ހަރާމް ކުރެއްވުމަކީ ވެސް އެދުވަސްވަރު ރަށްފުށުގެ އާދަކާދަތަކާ މުޅިން ފުށުއަރާގޮތަށް އަބްދުއްރަހުމާން ނެރުއްވި ފަތުވާތަކުގެ ތެރޭގައި ހިމެނުނު ކަންތައްތަކެވެ. މިހުރިހާ ސަބަބުތަކެއް ހިމެނިގެން އަމިއްލަ ގައުމުން ފައްސައިލެވުނު ފުރަތަމަ ދިވެއްސަކަށްވުމުގެ ތާރީޚީ ލަގަބާއެކު ޢަބްދުއްރަޙުމާނު ވަޑައިގަތީ އަނެއްކާވެސް މިޞްރަށެވެ.

މިޞްރުގައި ހުންނަވާފައި ދެވަނަ ފަހަރަށް ރާއްޖެ ވަޑައިގަތީ 1933 ވަނަ އަހަރުގެ ޖުލައި މަހު ބާރަ ވަނަ ދުވަހުއެވެ. އެދުވަސްވަރަކީ ޝަމްސުއްދީން ރަދުންގެ ރަސްކަމުގެ ބާރު ކުޑަވެ އަތިރީގޭ ޚާންދާނުގެ ވަޒީރުންގެ ބާރު އެންމެ ގަދަވެފައި އޮތް ދުވަސްވަރެވެ. ވެރިކަން ނުހަނު ހަލަބޮލިވެފައި އޮތް ދުވަސްވަރެކެވެ. މިފަދަ ދުވަސްވަރެއްގައި އަބްދުއްރަހުމާން ރާއްޖެވަޑައިގަތީ މިސްރުން ކައިވަންޏެއްވެސް ކުރައްވައިގެން އަނބިކަމަނާއާއި ތުއްޕުޅު ދެ ބޭފުޅުންނާވެސް އެކުގައެވެ. ކަންދިމާކުރިގޮތުން އަތިރީގޭ ޚާންދާނުގެ އެންމެ ބާރުގަދަ އެއް ވަޒީރު ކަމަށްވާ ޙަސަން ފަރީދުދީދީ އާއި އަބްދުއްރަހުމާނާ ދެމެދު ވަރަށް އަވަހަށް ޒާތީ މައްސަލަތަކެއް ފެށުނެވެ. މި މައްސަލަތަކުގެ އަސްލަކީ އަބްދުއްރަހުމާންގެ އަނބިކަނބަލުން މިސްރު ސިއްތިއާ ހިތާ ވުމަށް ހަސަން ފަރީދު މަސައްކަތް ކުރެއްވުން ކަމަށް ކިޔައި އުޅުނެވެ. މާލޭގައިި ދީނީ ތަޤްރީރު ދެއްވުމާއި މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނަށް އަގުހުރި ނަޞޭޙަތް ދެއްވުމުގައި އޭނާ ބުރަ މަސައްކަތްތަކެއް ކުރެއްވުމުގެ ނަތީޖާއަކީ އާއްމުންގެ މެދުގައި އަބްދުއްރަހުމާންގެ މަގްބޫލުކަން އުފުލިގެން ދިއުމެވެ. ސަރުކާރުގެ ވެރިންނަށް މިކަން ވެގެންދިޔައީ ވޭނަކަށެވެ. އެމީހުންނަށް ގަބޫލު ކުރެވުނު ގޮތުގައި އަބްދުއްރަހުމާން ގޮޅިއަކަށް ނުފައްތައިފިނަމަ އޭނާ ވެރިކަންވެސް ހޯއްދަވައިފާނެއެވެ.

ކޮންމެއަކަސް ޢަބްދުއްރަޙުމާނު ޤަބޫލުކުރައްވާ އުސޫލުތަކާއި ދިވެހިސަރުކާރު ޤަބޫލުކުރާ ގިނަކަންތައް ތަފާތުވެއެވެ. އެޗްސީޕީ ބެލް އޭނާގެ މޮނޮގްރާފްގައި ލިޔުއްވާފައިވަނީ އެދުވަސްވަރު ދިވެހިން އާންމުކޮށް ދީނީ ކަންތައްކަމުގައި ބަލައި އުޅުނު ބިދުއަ ކަމުގައި ހިމެނޭ ބައެއް ކަންތައް އަބްދުއްރަހުމާން ބާތިލް ކުރެއްވި ކަމަށެވެ. ލަސްތަކެއް ނުވެ ދައުލަތުގެ ވެރިންގެ ކުރިމަތީގައި ޢަބްދުއްރަޙުމާނު ކުށްވެރިވެ އޭނާގެ ހަށިކޮޅުގައި ތައުޒީރުކުރުމަށްފަހު ކ.އަތޮޅު ވިލިގިއްޔަށް ފޮނުވާލީއެވެ.

އަބްދުއްރަހުމާންގެ ހަށިކޮޅުގައި ތައުޒީރުކޮށް ނިމުމުން ގާޒީ ކުރެން އަބްދުއްރަހުމާން ސުވާލު ކުރެއްވިކަމަށްވެއެވެ. ތިމަންގެ ގައިގައި ތިޔަވަރަށް ދުއްރައިން ތެޅީ ދީނުގެ ކޮން ހުކުމެއް އަދި އުސޫލެއްގެ ދަށުން ހެއްޔެވެ؟ އަބްދުއްރަހުމާން ކަހަލަ އިލްމުވެރިއެއްގެ މި ސުވާލަށް ދޭނެ އިލްމީ ޖަވާބެއް ގާޒީގެ ކިބަޔަކު ނެތެވެ. އެހެންވެ އޭނާ ދިނީ އެދުވަސްވަރުގެ ބާޒާރީ ޖަވާބެކެވެެ. ގާޒީ ބުނި ކަމަށް ވަނީ ތިޔަ އޮތީ ތަޅައި ބުރާންތިކޮށްފައެވެ. އިތުރު ވާހަކަ ދައްކާނޭ ކަމެއް ނެތެވެ.

އަބްދުއްރަހުމާން ކުށްވެރިވުމުގެ އެންމެ އިސް ސަބަބަކީ ހަސަން ފަރީދުގެ ހިތްޕުޅުގައި އަބްދުއްރަހުމާންގެ އަނބިކަނބަލުންނާމެދު އުފެދުނު ޝުއޫރުތަކާއި އެޝުއޫރުތަކަށް އެކަމަނާ ދެކޮޅު ހެއްދެވުންކަމީ އެދުވަސްވަރު މުޅި މާލެ ދެނަހުރި ބޮޑު ސިއްރުކަމަށް ބުނެވެއެވެ. ކަންތައް މިހެން އޮތަސް އަދި އޭނާ އަށް ނުހައްގު އަދަބުތަކެއް ދެވުނަސް އަރުވައިލެވުނު ރަށުގައި ޢަބްދުއްރަޙުމާނު އުޅުއްވާނެ ގެއެއް އަޅުއްވާދެއްވައި އެގޭގައި ޚިދުމަތްކުރާނެ މީހަކު ސަރުކާރުން ބެހެއްޓެވިކަމުގައިވެއެވެ.

މިޞްރުގެ ޖާމިއުލް އަޒުހަރުން ކިޔަވައި ވިދާޅުވުމަށް ފަހު ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން އަބްދުއްރަހުމާން ހުންނެވީ އަލް އަޒުހަރުގެ ރުވާޤުލް ހުނޫދް (އިންޑިއަން ސަބް ކޮންޓިނެންޓަށް ނިސްބަތްވާ ދަރިވަރުންނާ ބެހޭ ޑިޕާޓްމަންޓް) ގެ ވެރިޔާގެ މަޤާމު ގައެވެ. ދެ ފަހަރެއްގެ މަތިން މިޞްރުގައި މުޅިއެކު 27 އަހަރަށްވުރެ ގިނަދުވަސް އޭނާ ހޭދަ ކުރެއްވިއެވެ. މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވި ދަރިއެއްގެ ޝުކުރު މި ފޮތުގައި އޭނާ ބަޔާން ކުރައްވާފައިވަނީ އަބްދުއްރަހުމާން މިސްރުގައި ތިރީސް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރެއްވި ކަމަށެވެ. އެކަމަކު އަބްދުއްރަހުމާންގެ ހަޔާތުގެ މުހިންމު އެކި ތާރީޚުތައް ބަލައި ހިސާބު ހަދައިލުމުން މުހައްމަދު އަމީން ވިދާޅުވާ މުއްދަތު ދިމަލެއްނުވެއެވެ.

ޝައިޚް އަބްދުއްރަހުމާނަކީ އަޒުހަރު ޔުނިވަރސިޓީގެ މިހާރުގެ ޢިލްމުވެރީން ވެސް އިއުތިރާފްވެވަޑައިގަންނަވާ ވަރަށްބޮޑު ޢިލްމުވެރިއެކެވެ. މިޞްރުގައި ހުންނަވާފައި ރާއްޖެއަށް އެންމެފުރަތަމަ އެނބުރި ވަޑައިގަތްއިރު އަޒްހަރުން ޝަހާދާ ޢާލިމިއްޔާ (ޑިގްރީ) ނަންގަވާފައިވެއެވެ. ލިޔުންތަކުން އެނގޭ ގޮތުގައި ބޭރު ޤައުމެއްގެ ޔުނިވަރސިޓީ އެއްގައި މަތީ މަޤާމެއް ފުރުއްވި ފުރަތަމަ ދިވެއްސަކީ އަބްދުއްރަހުމާނެވެ. އަދި ރާއްޖޭގެ ފުރަތަމަ ޑިގްރީ އިލްމުވެރިޔަކީ ވެސް އަބްދުއްރަހުމާނެވެ.

އަބްދުއްރަހުމާން އޭނާގެ އަމިއްލަ ފޮތްތައް ވެސް ލިޔުއްވިއެވެ. މީގެތެރޭގައި ތައުޙީދުގެ ޢިލްމު ފޮތަކާއި ޢަޤީދާގެ މައްޗަށް ލިއުއްވިފޮތަކާއި ޢަރަބިބަސް އުނގަންނައިދިނުމަށް ލިޔުއްވި ފޮތެއް ހިމެނެއެވެ. އެދުވަސްވަރުގެ ސިޔާސީ އަދި އިޖުތިމާއީ އޮއިވަރު ހުރިގޮތުން މިއިން އެއްވެސްފޮތެއް ރާއްޖޭގައި ޝާއިޢު ކުރެވިފައި ނެތަސް މީނާގެ އެއްބަފާ ޙަސަންމަނިކާ އަތުގައި މީގެ ބައެއް ފޮތްތައް ހުއްޓެވެ. އަދި މާލެ އަތޮޅާއި އަރި އަތޮޅުގެ ބައެއް މީހުންގެ އަތުގައިވެސް ބައެއްފޮތްތައް ހުރިކަމަށްވެ އެވެ.

އަބްދުއްރަހުމާނުގެ ދީނީ އަދި ސިޔާސީ ނަޒަރިއްޔާތާއި ސަރުކާރުގެ ނަޒަރިއްޔާތު ދިމާނުވެގެން އޭނާ ކުށްވެރިވިކަމަށް ވިއަސް އޭނާއަކީ ދީންވެރި ތަވާޟުޢުވެރި ޒާހިދު ހިތްހެޔޮ މިޒާޖުގެ ބޭފުޅެކެވެ. މިޞްރުގައި ހުންނެވިއިރުވެސް މިޞްރުން ދިމާވި ދިވެހި ބޭބޭފުޅުންނާއި ދަރިވަރުންނަށް ވަރަށް ބޮޑަށް އެހީތެރިވެ ދެއްވިއެވެ. ދައުލަތުގެ ކުރީގެ ބަންޑާރަ ނާއިބެއްކަމުގައިވި ފަޟީލަތުއްޝައިޚު އިބްރާހިމް ލުތުފީ ވިދާޅުވާ ކަމަށް އޭނާގެ ދަރިކަލުން އަދި މަޝްހޫރު ތާރީޚު އިލްމުވެރިޔާ އަލްއުސްތާޒު މުހަންމަދު ލުތުފީ ލިޔުއްވާފައިވަނީ އަބްދުއްރަހުމާނަކީ އެދުވަސްވަރު މިސްރަށްދާ ހުރިހާ ދިވެހިންގެ ބަފައިކަލުން ކަމުގައެވެ. ދިވެހި ދަރިވަރުންނާ އަބްދުއްރަހުމާން ބައްދަލު ކުރައްވާ ކޮންމެ ދުވަހަކީ އީދެއް ފަދަ ދުވަހެއް ކަމުގައެވެ.

ޝައިޚް އަބްދުއްރަހުމާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވީ އުމުރުފުޅުން 61 އަހަރުގައި 8 ޑިސެމްބަރ 1936 ވީ އަންގާރަ ދުވަހުގެ ހަވީރުއެވެ. ފަސްދާނުލެވިފައިވަނީ ވިލިގިލީގެ ކުރީގެ މިސްކިތުގެ ގޯތި ތެރޭގަ އެވެ. މިހައިއިރު ވިލިގިލީގެ ހުރަސް ބޮޑުމަގަށް ޝައިޚް އަބްދުއްރަހުމާން ހިނގުމުގެ ނަން ދިނުމާއި ވިލިގިލީގެ ޕްރީ ސްކޫލަށް ޝައިޚް އަބްދުއްރަހުމާން ޕްރީ ސްކޫލޭ ކިޔައި ނަންދީފައި ވަނީ އަބްދުއްރަހުމާންގެ ހަނދާނުގައެވެ.

abdul-rahuman-2

ވިލިގިލީގައި އަބްދުއްރަހުމާން އަވަހާރަވުމުން އޭނާގެ މިސްރު އަނބިކަމަނާ އާއި ދެ ބޭފުޅުން ސަރުކާރުގެ ޚަރަދުގައި މިޞްރަށް ފޮނުއްވައިދެއްވިއެވެ. އަބްދުއްރަހުމާނަށް މިސްރު ސިއްތީގެ ބަނޑުފުޅުން ލިބިވަޑައިގަތް ދެ ބޭފުޅުންގެ ތެރެއިން ހަގަށް ހުންނެވި ދަރިކަނބަލުން ސިއްތި ދައުލަތު ވަނީ އެބޭފުޅުން މިސްރަށް އެނބުރި ވަޑައިގެންނެވިތަނާހެން ދިމާވި އެކްސިޑެންޓެއްގައި އަވަހާރަވެފައެވެ. ދޮށްޓަށް ހުންނެވި ދަރިކަލުން އަބްދުލް އަޒީޒުގެ އާއިލާ މިސްރުގެ ގާހިރާގައި އެބައޮތެވެ. ރައީސް މައުމޫން މިސްރަށް ކުރެއްވި ދަތުރުފުޅެއްގައި އަބްދުލްއަޒީޒުއާ ބައްދަލު ކުރައްވާފައިވާ ކަމަށް މިސްރުގައި އެދުވަސްވަރު ކިޔަވަން ތިބި ދިވެހި ބައެއް ދަރިވަރުން ބަޔާންކުރެއެވެ.

އަބްދުއްރަހުމާން އައްޑޫ މީދޫން އެންމެ ފުރަތަމަ މާލެއަށް ވަޑައިގެންނެވީވެސް އޭނާގެ އުމުރުފުޅުން 30 އަހަރުގައެވެ. މާލެއަށް ވަޑައިގެންނެވުމުގެ ކުރިން މީދޫގެ ބޭކަނބަލަކާ ކައިވެނި ކުރައްވައި އަންހެން ބޭފުޅަކު ލިބިވަޑައިގެންފައިވެއެވެ. އޭނާ މާލެއަށް ވަޑައިގަތީ އަދި ފަހުން މިސްރަށް ވަޑައިގަތީ މީދޫ އަނބިކަނބަލުން ފާތުމައިދީ ވަރިކުރައްވާފައިކަމެއް އެނގިއެއް ނެތެވެ. މިސްރުގައި ހުންނަވާފައި ފުރަތަމަ މީދޫ އަށް ވަޑައިގަތްއިރު އަބްދުއްރަހުމާންގެ މީދޫ ދަރިކަނބަލުން އާމިނައިދީ ހުންނެވީ ބޮޑުފުޅުވެފައެވެ. މި އައިމިނައިދީގެ އާއިލާ މީދޫގައި އެބައޮތެވެ.

މަރްހޫމް އަބްދުއްރަހުމާނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށިއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *