ފުވައްމުލަކުގެ ވަނަވަރާ މެދު ކުރު ދިރާސާއެއް

ފުވައްމުލަކުގެ ޖިއޮގްރަފީ

އައްޑުއަތޮޅާ އެންމެކައިރީގައިވާ އަތޮޅަކީ ނުވަތަ ރަށަކީ ފުވައްމުލަކެވެ. މޫސުން ރީތި ދުވަސް ތަކުގައި ސީދާ ކޮށް ދަތުރު ކުރާނަމަ އައްޑުއަތޮޅު މީދޫ އާއި ފުވައްމުލައް އެއް ފަހަރާ ފެންނާނެއެވެ. އައްޑު އަތޮޅާއި ފުވައްމުލަކުގެ ދުރުމިނަކީ 36 ކިލޯ މީޓަރެވެ. ހުވަދު އަތޮޅާއި ފުވައްމުލަކާ ދޭތެރޭގެ ދުރުމިނަކީ 55 ކިލޯމީޓަރެވެ.

ފުވައްމުލަކަކީ ތަބައީ އަތޮޅެއް ނޫނެވެ. އެހެންނަމަވެސް އެއީ ސިޔާސީ ގޮތުންނާއި އިދާރީ ގޮތުން އަތޮޅެކެވެ. ތަބައީ އަތޮޅަކަށް ވަނީ ޖިއޮގްރަފިކަލް ގޮތުން ވަކި ސިފަތަކަކާއި ބައްޓަމެއް ލިބިގެންވާ ރަށްތަކެވެ. އެފަދަ ސިފައެއް ފުވައްމުލަކަށް ލިބިގެންނުވެއެވެ. ތަންކޮޅެއް ކުރީ ޒަމާނުގައި އެއީ ސިޔާސީ ގޮތުން ނުވަތަ އިދާރީ ގޮތުން ވެސް ވަކި އަތޮޅެއް ނޫނެވެ. މިކަން އެނގެނީ މީލާދީ ސަނަތުން ވިހި ވަނަ ސައްތައިގެ ކުރީކޮޅު ރާއްޖޭގައި ބޯހިމެނިއިރު ފުވައްމުލަކަކީ އައްޑު އަތޮޅުގެ ރަށެއްގެ ގޮތުގައި ލިޔުންތަކުގައި ފާހަގަކޮށްފައި އޮންނަ އޮތުމުންނެވެ. އޭރު އެއީ އައްޑޫމުލަކެވެ.

ފުވައްމުލައް އޮންނަނީ މެދަށް އަޑި ކޮށެވެ. ރަށުގެ ދެކުނު ފަރާތަށްވުރެ އުތުރު ފަރާތް ވަނީ ތިރިކޮށެވެ. ރަށުގެ އެންމެ ކައިރިފަށުން އެންމެ ތިރި ކަމަށް ވަނީ މާލެގަމު އަވަށު ބަނޑަހާ ފަންނާ ދިމާ އިން ނެވެ. މިރަށަކީ ފެން ހެޔޮރަށެކެވެ. އެންމެ އުސްކޮށް އޮންނަނީ ހޯދަޑު އަވަށެވެ. މިރަށުގައި އެންމެ ފުރަތަމަ މީހުން ވަޒަން ވެރިވެ އުޅެން ފެށީ ރަށުގެ ދެކޮޅުގައެވެ. މިހާރު އެރަށް ބެހިފައިވަނީ އިދާރީ ގޮތުން 8 އަވަށުގެ މައްޗަށެވެ. އެއަވަށްތަކަކީ:-
1- ދަނޑި މަގު
2- ދިގުވާނޑު
3- ހޯދަޑު
4- މާދަޑު
5- މިސްކިތް މަގު
6- ފުނާޑު
7- މާލެގަން
8- ދޫނޑިގަމް މިއެވެ.
އަވަށެއްގެ ގޮތުގައި ކުރީގައި ބެލެވުނު ދަށުކުބާ އަވަށް މިހާރު ވަނީ އުވިގޮސްފައެވެ.

އިސްލާމް ދީން ޤަބޫލު ކުރުން

މުލަކުމީހުން ފުރަތަމަ އުޅުނު ދީނަކީ ބުދުދީނެވެ. ބުދު ދީނުގެ އަސަރު މިހާރުވެސް ފެންނަން އެބަހުއްޓެވެ. މިބައިމީހުން ބުދުދީނުގައި އުޅޭތާ އެތައް ޒަމާންތަކެއް ފާއިތުވެ ދިއުމަށްފަހު އިސްލާމް ދީނަށް ގޮވައިލެއްވުމަށް އެންމެ ފުރަތަމަ އެރަށަށް ދުރުވި ބޭކަލަކީ އައްޑު އަތޮޅު ޔޫސުފް ނާއިބް ކަލޭގެފާނުއެވެ. މިކަލޭގެފާނު މުލަކުން އެބުރި އަތޮޅަށްވަޑައިގަތުމުން އެކަލޭގެފާނުގެ ދަރިކަލުން ޢަބްދު ނާއިބު ކަލޭގެފާނު އިސްލާމްދީނަށް ގޮވައިލެއްވުމަށް މުލަކަށް ވަޑައިގަތެވެ. މިޢަބްދު ނާއިބު ކަލޭގެފާނަށް ނިސްބަތްވާ އިތުރު ނަންތަކެއްވެއެވެ. ޢުމަރު ނާއިބުކަލޭގެ ފާނު، ބޯދާ އަލްގެދަރި ނާއިބު ކަލޭގެފާނު އަދި ނާއިބުކަލޭގެ މިއީ ވެސް އެކަލޭގެފާނުންގެ ނަންތަކެވެ. މިކަލޭގެފާނު މުލަކުގައި އުޅުއްވި ގޭގެ ނަމަކީ އަލްގެދަރެވެ.

އެކަލޭގެފާނުންގެ ގޮވައި ލެއްވުމަށް އިޖާބަދިނީ މަދު މީސްކޮޅެކެވެ. ވަރަށް ގިނަ ބަޔަކު އެކަލޭގެފާނާ ދެކޮޅު ހެދިއެވެ.

ނަތީޖާއަކަށްވީ އެކަލޭގެފާނު ދިގުވާނޑު ވޭރެގަމިގޭ މަގުން ވަޑައިގަންނަވަނިކޮށް ދުޝްމަނުންގެ މީހަކު ރުކެއްގައި އޮވެފައި ދިން ނުރައްކާތެރި ޙަމަލައެއްގައި އެކަލޭގެ ފާނު ޝަހީދު ވުމެވެ. ފުވައްމުލަކުގެ ފަސްގަޑުގައި އިސްލާމްދީނަށްޓަކައި އެންމެފުރަތަމަ ޝަހީދުވި ބޭކަލަކީ މިކަލޭގެފާނު ކަމަށްބެލެވެއެވެ. އެކަލޭގެފާނު ފަސްދާނު ލެވުނީ ދަޑިމަގު އަވަށު ގެއްމިސްކިތުގެ އިރުމަތީގައި ހުރި ބިސްތާނުގައިވާ ޒިޔާރަތުގައެވެ.

ގެއްމިސްކިތް ބޮޑުކޮށް އަލުން ޢިމާރާތް ކުރެވުނު ދުވަސްވަރު  ޢަބްދު ނާއިބު ކަލޭގެ ފާނުންގެ ޤަބުރު ވަނީ، ކޮނެ ނަގައި އެރަށުގެ ދިގުވާނޑު އަވަށުގެ އަރުއް ފަންނު ކިޔާ ގަބުރުސްތާނުގައި ވަޅުލެވިފައެވެ. މި ކަން ކުރެވުނީ 04 ސެޕްޓެމްބަރ 1997 ގައެވެ. މިކަލޭގެ ފާނުންގެ ދަރިކޮޅުތައް މިހާރުވެސް ދެމިގެން އެބައާދެއެވެ.

ޢަބްދު ނާއިބު ކަލޭގެ ފާނު ޝަހީދުވި ޚަބަރު އައްޑުއަށް ލިބުމުން މީދޫގެ ލަޝްކަރެއް ދިޔައެވެ. އެލަޝްކަރުގެ އެންމެ އިސް ވެރިންނަކީ މުހައްމަދު އަޑަފި އެދުރުކަލޭގެފާނާއި އަބޫބަކުރު ނާއިބު އެދުރު ކަލޭގެފާނެވެ. މިއީ މަޝްހޫރު ކޮއްކިރެއި ދެބެއިންނެވެ. މިދެކަލުން ވަޑައިގަތީ އިސްވެރީންގެ ގޮތުގައި ޒާތެއްގެ ލަޝްކަރަކާއެކު ވެސް އެކީގައެވެ.  މިބެއިކަލުން ވަޑައިގެން ތިއްބެވި ގެއަށް ކިޔަނީ ހޯދަޑިގެއެވެ.

އަބޫބަކުރު ނާއިބުކަލޭގެފާނުގެ ގޮވައި ލެއްވުމަށް ހޯދަޑު މީސްތަކުން އިސްލާމް ދީން ޤަބޫލުކުރިއެވެ. އެއަށްފަހު އެރަށުގެ އެހެން އަވަށް ތަކުގެ އެންމެން ވެސް މާގިނަ ދުވަސް ތަކެއް ނުވެ އެކަލޭގެފާނުންގެ ބަސް ޤަބޫލުކޮށް އިސްލާމް ދީން ޤަބޫލް ކުރިއެވެ.

އަބޫބަކުރު ނާއިބުކަލޭގެފާނު އަވަހާރަވެ ފަސްދާނު ލެވިފައިވަނީ ދަޑިމަގު އަވަށުގެ ގެއްމިސްކިތުގެ އިރުމަތީ ފަރާތުގައިހުރި ބިސްތާނުގެ ތެރޭގައިވާ ޒިޔާރަތުގައެވެ. މުހައްމަދު އަޑަފި އަޑަފިކަލޭގެ ފަސްދާނު ލެބވިފައިވަނީ ކެޑޭރެ މިސްކިތުގެ ހަރިންމަ ތެރޭގައެވެ. އެމިސްކިތުގެ ސަރަހައްދުގައިވާ އެންމެ ބޮޑު ދެކީލައަކީ މުހައްމަދު އަޑަފިކަލޭގެ މަހާނައިގައި ހުރި ދެކީލައެވެ.  ކީރިތި ޤުރުއާން ހިތު ދަސް ހާފިޒުންގެ ސާޅީސް ބޭކަލަކު އެ މިސްކިތުގެ ހަރިއްމަތެރޭގައި ފަސްދާނު ލެވިފައިވާނެއެވެ.  މި ދެ ބޭކަލުންނަކީ ކޮއްކިރެއި މުހައްމަދު އެދުރު ކަލޭގެފާނުގެ އައުލާދުންނެވެ.

މުލައް ފަޅުވުން

މުލައްފަޅުވި ޢަދަދާއި ބެހޭ ގޮތުން ޚިލާފު ތަކެއްވެއެވެ. ބުނެވޭގޮތުގައި 3 ފަހަރު ފަޅުވިއެވެ. އަދި 7 ފަހަރު ފަޅުވި ކަމަށްވެސް ބުނެވެއެވެ. މީގެތެރެއިން ތިންފަހަރު ބަޔާން ކޮށްލާނަމެވެ.

ފުރަތަމަ ފަހަރު: ފުވައްމުލައް ފަޅުވެފައި ވަނިކޮށް އެރަށް ކޮށައި ޢިމާރާތްކޮށް އާބާދުކޮށް އެރަށުގައި ވަޒަން ވެރިވި މީހަކީ އަލީ އަޑަފިކަލޭގެ އާއި އޭނާގެ އެކުވެރީންގެ ބައެކެވެ. މިއަލީ އަޑަފިކަލޭގެ އަކީ ޔޫސުފުނާއިބުކަލޭގެ ފާނުގެ ފުތް ދޮން ޙަސަން ޚަތީބު ކަލޭގެ ފުތް ކަނބުރު އަދަރަހަން ޚަތީބުގެ ފުތް އުޠުވާނު ޚަޠީބުގެ ފުތް ސީދި ނާއިބުކަލޭގެ ފުތް އަލީ އަޑަފި ކަލޭގެ އެވެ. މީނާ ވަޒަންވެރިވެ އުޅުނީ މާދަޑި އަވަށު ކެޑޭރެ ގޭގައެވެ. މި އަލީ އަޑަފި ކަލޭގެފާނު ބިނާކުރެއްވި މިސްކިތުގެ ނަމަކީ ކެޑޭރެ މިސްކިތެވެ.

ދެވަނަ ފަހަރު: ފުވައްމުލައް ފަޅުވެފައި ވަނިކޮށް މިފަހަރު އެރަށް ކޮށައި ޢިމާރާތްކޮށް އާބާދުކޮށް އެރަށުގައި ވަޒަން ވެރިވި މީހަކީ ދޮން އަބާ ކިރާއި އޭނާގެ އެކުވެރީންގެ ބައެކެވެ. މީނާ ބިނާކުރެއްވި މިސްކިތުގެ ނަމަކީ އަބާކިރު ކަލޭގެ މިސްކިތެވެ. މިދޮން އަބާކިރަކީ ޔޫސުފު ނާއިބު ކަލޭގެ ފާނުންގެ ފުތް ޢަބްދު ނާއިބު ކަލޭގެފާނުގެ ފުތް ޔަހްޔާ ނާއިބުކަލޭގެފާނުންގެ ފުތް ޢުމަރު ފަނޑިޔާރުކަލޭގެފާނުގެ ރަންފުތުކަލޭގެ ފުތް ހާނާރު މުޙައްމަދުކަލޭގެ ފުތް ރަންފުތްކަލޭގެ ފުތް ދޮން އަބޫބަކުރުކަލޭގެފާނު އެވެ. މީނާ މަޝްހޫރުވެފައިވަނީ ހުވަދޫ އަބާކިރުގެނަމުންނެވެ.

ތިންވަނަ ފަހަރު: ފުވައްމުލައް ފަޅުވެފައި ވަނިކޮށް މިފަހަރު އެރަށް ކޮށައި ޢިމާރާތްކޮށް އާބާދުކޮށް އެރަށުގައި ވަޒަން ވެރިވި މީހަކީ މުލަކު މޫނުފާކު މުދިން ކަލޭގެފާނު އެވެ. މޫނުފާކު މުދިންކަލޭގެފާނަކީ ޔޫސުފު ނާއިބު ކަލޭގެ ފާނުގެ ފުތް ހޯދަޑު ދޮން ޙަސަން ޚަޠީބު ކަލޭގެ ފުތް ކަބުރު އަދަރަހަން ޚަޠީބުގެ ފުތް އުޠުވާން ކަތީބުގެ ފުތް ސީދި ނާއިބު ކަލޭގެ ފުތް ޢަލީ އަޑަފިކަލޭގެ ފުތް ކެހެރި ތައި ނާއިބު ކަލޭގެ ފުތް ކެހެރި ތައި ދޮން އަބަރަހަން ޚަޠީބު ކަލޭގެ ފުތް މޫސާ ޚަޠީބު ކަލޭގެ ފުތް އިބްރާހިމް ޚަތީބުކަލޭގެ ފުތް އަނބުލެމަގި ދޮން ޙުސެން ކަތީބުކަލޭގެ ދިޔަރެހިމަގު ދޮން ޙަސަން ޚަޠީބު ކަލޭގެ ފާނުގެ ފުތް މޫނުފާކު މުދިން ކަލޭގެފާނު އެވެ.

ފުވައްމުލައް ފަޅުވި ސަބަބުތަކާ މެދު…

މުލައް ފަޅުވަނީ ކޮންމެ ވެސް ވަބާއެއްގައި ގިނަ ޢަދަދަކަށް މީހުން މަރުވާންފެށުމުން މިރަށު މީސްތަކުން ރަށް ދޫ ކޮށްފައި ދޯނި ފަހަރުގައި އެކި ރަށް ރަށަށް ދިއުމުންނެވެ. މިގޮތުން ޔަޤީންކަމާއެކު އައްޑު އަތޮޅު މީދުއަށް ދިޔަކަން އެގެއެވެ. މުލަކުން ފުރައިގެން މީދުއަށް ދިޔަ ދޯނިފަހަރުތަކުގައި ގިނަޢަދަދަކަށް މަރުވެފައިވާ މީހުންތިބެއެވެ. މަރުނުވެ ދިރި ތިބޭމީހުން ވެސް ތިބެނީ ގަދަފަދަ ހުމެއްޖެހި ވަރަށްބޮޑަށް ޙާލު ދެރަވެފައެވެ. މިގޮތަށް މަރުވެގެން ގެނެވޭ ހުރިހާ މީހުން ވަޅުލެވިފައިވަނީ މީދޫގެ ”މާކަންމަތި” ކިޔާ ޞަރަޙައްދުގައެވެ. އެތަނަށް ފުވައްމުލަކު މީހުންކިޔައި އުޅެނީ މުލަކު ކައްބިމެވެ. އެތަނަކީ ކޯގަންނުގެ ހުޅަގު ފަރާތުގައިވާ ވަކި ޚާއްޞަ ޞަރަޙައްދެކެވެ. މިމީހުން ވަޅުލެވުނު ބިން މިހާރުވެސް އެނގެން އެބައޮތެވެ.

ޤަދީމީ މިސްކިތްތައް

އެންމެ ފުރަތަމަ މިރަށުގައި ބިނާކުރެވުނު މިސްކިތަކީ މިރަށު މީހުންނަށް އިސްލާމް ދީނުގެ ތެދުމަގު ދެއްކެވުމަށް އެރަށަށް ދުރުވި އައްޑޫ މީދޫ އަބޫބަކުރު ނާއިބުކަލޭގެފާނު ބިނާކުރެއްވި މިސްކިތްކަމުގައިވާ ގެއްމިސްކިތެވެ.

ގަދީމީ މިސްކިތްތަކުގެ ތެރެއިން ދެން ފާހަގަކޮށްލެވެނީ އަބާކިރު ކަލޭގެ މިސްކިތާއި އަލްގެދަރު މިސްކިތާއި ކެޑޭރެ މިސްކިތާއި ހެނިއަރި މިސްކިތާއި މަތި އަތި މިސްކިތް ނުވަތަ ބޮއިމަތީ މިސްކިތް އަދި ދޫނޑިގަމި އަވަށު އުނަކެޑެ މިސްކިތެވެ.

ނިންމައިލުން

ފުވައްމުލަކަކީ މިއަދުގެ ދިވެހި ރާއްޖެއަށް ބަލާއިރު ހުރިހާ ގޮތަކުންވެސް އެންމެ ކުރީގައިވާ އެއް ރަށެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެއީ ތިން ވަނަ އަށް އެންމެ ސައިޒް ބޮޑު އަދި އާބާދީގެ ގޮތުން ތިން ވަނަ އަށް އެންމެ ބައިބޯ ރަށެވެ. މިފަދަ ރަށެއްގެ ތާރީޚީ ވަނަވަރާއި ތުންތުން މަތިން ދެކެވެމުން އަންނަ ބައެއް ވާހަކަތައް އެއްކޮށް ރިފަރެންސް ހަދާ މީހުންނަށް ފަސޭހައަކަށް ކޮންމެވެސް ބަޔަކު ޝާއިއު ކުރުމަކީ މުހިއްމު ކަމެއް ކަމަށް އަހުރެން ދެކެމެވެ. އެހެންވެ ހިލޭ ސާބަހަށް މި ލިޔުން އެކުލަވައިލީއެވެ. މިއީ ސިޔާސީ މަގްސަދެއްގައި ނުވަތަ އެނޫންވެސް އެފަދަ މަގްސަދެއް އޮވެގެން ކުރި ކަމެއް ނޫނެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!