ދިވެހި ލިއުންތެރިކަމުގެ އެހާރާއި މިހާރު

އަޅުގަނޑުމެން ދިވެހިންނަކީ ކުޑަކުޑަތަނެއްގައި އުޅޭ މަދު މީސްކޮޅަކަށްވެފައި، ލިޔެކިއުމާ ފޮތްތެރިކަމުގެ ގޮތުން ތިޔާގިކަންކުޑަ ބައެއް ނަމަވެސް އެކިދުވަސްވަރު އެކި މިންވަރަށް ދިވެހި އަދަބީ މަސައްކަތް ކުރެއްވި އަދީބުން ދިވެހި ޤަޥްމުން ފެނި ގެއްްލި ގޮސްފައި ވާކަން ދިވެހިތާރީޚުން އެނގެއެވެ. އެހެންނަމަވެސް ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީގެ ލިއުންތެރިކަމާބެހޭ މަޢުލޫމާތު އެނގެން އޮތީ ވަރަށް މަދު މިންވަރަކަށެވެ.

ދިވެހިރާއްޖެއިން ފެންނާންހުރި އެންމެ ޤަދީމީ ލިއުންތަކަކީ ރާއްޖޭގެ ބައެއް ސަރަޙައްދުތަކުން ކޮނެގެން ނެގިފައިވާ ހިރިގާފަދަ ތަކެތީގައި ބިންވަޅުނަގައި ލިޔެވިފައިވަނިކޮށް ފެންނާންހުރި ބުޑިސްޓް ޒަމާނުގެ ލިއުންތަކެވެ. މިފަދަ ލިއުންތަކުގައި ހުރީ އެޒަމާނުގެ ދީނާ ގުޅުންހުރި ވާހަކަތަކެވެ. އަދި އެލިއުންތައް ލިޔެފައިވަނީ އިންޑިއާގެ ކޮންމެވެސް ސަރަޙައްދެއްގައި އެދުވަސްވަރު ބޭނުންކުރެވުނު އަކުރު ތަކަކުންނެވެ. އޭގެފަހުން ފެންނަންހުރި ޤަދީމީ ލިއުންތަކަކީ ލޯމާފާނު ތަކުގައި ލިޔެފައިވާ ލިއުންތަކެވެ. ލޯމާފާނުތައް ލިޔެވިފައިވަނީ އެވޭލާ އަކުރުންނެވެ. އެވޭލާއަކުރަކީ ޤަދީމީ ސިންގަޅަ އަކުރާ ދާދި އެއްގޮތް އަކުރެކެވެ.

ލޯމާފާން ތަކުގައި ލިޔެވިފައިވަނީ ސަރުކާރުގެ އަމުރުތަކާއި، މިސްކިތްތަކުގެ ބޯގަ ނުވަތަ ވަޤުފް ތަކާއި އަދި ވެސް އެހެނިހެން މުހިއްމު ތާރީޚުތަކާއި ކަނޑައެޅުން ތަކުގެ ވާހަކައެވެ. ދިވެހިރާއްޖޭގެ ތާރީޚުގެ އެންމެ ތަފްޞީލީ އަދި ފުރިހަމަ މަޢުލޫމާތުތަކެއް ފޯރުކޮށްދޭ، އެންމެ ޤަދީމީ ލިއުންތަކަކީ ވެސް ލޯމާފާންތަކެވެ. މިގޮތުން އެންމެ މަޝްހޫރު ލޯމާފާން ތަކަކީ އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނެވެ. ލޯމާފާންތައް ތައްޔާރު ކުރެވިފައިވަނީ ލޮއި ފޮތިތަކެއްގައި ބިންވަޅުނަގައި ލިޔެވިގެންނެވެ. އަދި މިފޮތިތައް ވަނީ އެއްފޮތި އަނެއްފޮތްޗާ ގުޅުވާ އަމުނާފައެވެ.

ދެން ދިވެހި ލިއުންތެރިކަމުން ފެންނާން އޮތީ ދިވެސް އަކުރުން ލިޔެވެމުންދިޔަ ޒަމާނެވެ. އެވޭލާ އަކުރާ ތަފާތުކޮށް ދިވެސް އަކުރުވަނީ ދިވެހިބަހުން ލިއުމަށް ފަސޭހަ ގޮތްތަކެއް ގެނެސް ފައެވެ. ޚާއްޞަ ގޮތެއްގައި ދިވެހިން އިސްލާމްވުމާ ގުޅިގެން ބައެއް ޢަރަބި އަކުރު ދިވެސް އަކުރުގެ ތެރޭގައި ބޭނުންކުރެވިފައި ވަނިކޮށް ފެނެއެވެ. އެވޭލާ އަކުރާ ދިވެސް އަކުރަކީ ވެސް ވާއަތުން ކަނާއަތަށް ލިޔެވުނު ދެ އަކުރެވެ. އެހެންކަމުން މި ދެއަކުރު ބޭނުންކޮށްގެން ދިވެހިބަހުން ލިއުމުގައި އެދުވަސްވަރު އުނދަގޫތަކެއް ދިމާވެފައިވާކަން ފާހަގަކުރެވެއެވެ. ސަބަބަކީ ދިވެހިރާއްޖެ އިސްލާމްވުމާ ގުޅިގެން ދިވެހިބަހުގެ ލިއުންތަކުގެ ތެރޭގައި ދީނީ ވާހަކަތައް ލިއެވޭ އިރު ޢަރަބި އަކުރާއި، ބައެއް ޙަދީޘް ތަކާއި ކީރިތި ޤުރުއާނުގެ އާޔަތްތައް ލިޔަން ޖެހުމުން، ޢަރަބި ލިއުމަކީ ކަނާއަތުން ވާއަތައް ލިޔާ ލިޔުމަކަށް ވުމުން ދަތިވަނީއެވެ. ތާނަ އަކުރު އުފެދެން މެދުވެރިވީ މިސަބަބާހުރެ ކަމަށް ފެނެއެވެ. ތާނައަކުރު އުފެއްދެވި ބޭފުޅުން ތާނައަކުރު އުފައްދަވާފައިވަނީ ޢަރަބި ވިޔައަކުރުތަކާއި އެދުވެސްވަރު ބޭނުންކުރެވުނު ދިވެހި ވިޔައަކުރުތަކުން ނަމޫނާ ނަގައިގެން ކަމަށް ފެނެއެވެ.

ތާނައަކުރުން ދިވެހި ލިޔަންފެށުމަކީ ދިވެހިބަހުގެ ލިއުންތެރިކަމަށް ގެނެވުނު އިންޤިލާބެއްކަން ފާހަގަކުރެވެއެވެ. ތާނައަކުރުން ލިޔެވިފައިވާ އެންމެ ޤަދީމީ ލިއުމެއް ފެންނާން އޮތީ ދިވެހި ޤަޥްމިއްޔަތުގެ އެންމެ ބޮޑު ބަޠަލު ކަމުގައިވާ ބޮޑުތަކުރުފާނު، އާދެ، އައްސުލްޠާނުލް ޢާޒީ މުހައްމަދުތަކުރުފާނުލް އަޢުޡަމުގެ ދަރިކަލުން ކަލާފާނުގެ ރަސްކަމުގައި ލިޔެފައިވާ ލިއުމެކެވެ. އެހެންކަމުން ބައެއް މުއައްރިޚުން ލަފާކުރައްވަނީ ތާނައަކުރުވެސް އުފެދިފައިވާނީ ބޮޑުތަކުރުފާނުގެ ރަސްކަމުގެ ދުވަސްވަރު ކަމަށެވެ.

ދިވެހިބަހުން ފޮތްތައް ތައުލީފުކުޅަ އެންމެފުރަތަމަ ޢިލްމްވެރިއެއްގެ ގޮތުގައި ތާރީޚުން ފެންނަން އޮތީ އަލްޤާޟީ މަޙުމޫދު (ރަންފުތު ފަނޑިޔާރު ތަކުރުފާނު) އެވެ. އޭނާއަކީ އައްޑޫ މީދޫ އަލްޤާޟީ މުޙުއްމަދު ޝަމްސުއްދީނު ނުވަތަ އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދޮންދަރިކަލުން ކަޅިހާރު ދޮންބުއި ނާއިބްތަކުރުފާނުގެ ދަރިކަލުންނެވެ. އެދުވަސްވަރު ރާއްޖޭގެ ފަނޑިޔާރުކަންކުރެއްވި މިތަކުރުފާނަކީ ދިވެހި ތާރީޚުގައި ފޮނަދޫ ޚަޠީބު ތަކުރުފާނުގެ ނަމުން މަޝްހޫރުވެފައިވާ އަލްޢައްލާ މުޙައްމަދު ސިރާޖުއްދީނުގެ ބައްފައެވެ.

އަލްޢައްލާމާ މުޙައްމަދު ސިރާޖުއްދީނު ނުވަތަ ފޮނަދޫ ޚަޠީބު ތަކުރުފާނާއި އޭނާގެ ދަރިވަރު އަލްޤާޟީ ޙަސަންތާޖުއްދީނަކީ ދިވެހި ލިއުންތެރިކަމުގެ އެހާރުގެ އެންމެ އަލިގަދަ ދެ ދަންމަރެވެ. ފޮނަދޫ ޚަޠީބު ތަކުރުފާނު ދިވެހިބަހުން ދީނީ ތަޢުލީމު އުނގަންނަވާ ދެއްވުމަށް އެތައް ފޮތެއް ތައުލީފު ކުރައްވައި، އަދި މާލޫދު ފޮތްތަކެއް ލިއުއްވި އެވެ. ފޮނަދޫ ޚަޠީބު ތަކުރުފާނުގެ ދަރިވަރު އަލްޤާޟީ ޙަސަން ތާޖުއްދޫނަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން ދިވެހިރާއްޖޭގެ ތާރީޚު ޢަރަބި ބަހުން ލިއުއްވާން ފެއްޓެވި ކަލޭގެފާނެވެ. ޙަސަންތާޖުއްދީން ދިވެހިބަހުންވެސް އެތައް ލިއުމަކާއި ފޮތްތަކެއް ލިއުއްވި ކަމަށް ވެއެވެ. އަދި ޙަސަންތާޖުއްދީނުގެ ފަހުން ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި ކޮންމެ ބޭފުޅަކު ވެސް ދިވެހިތާރީޚު ލިއުއްވަމުން ގެންދެވިއެވެ. މިކަންތައްތައް މިމަގުން ކުރައްވަމުން އައީ ދިވެހިރާއްޖޭގެ ރަސްގެފާނުގެ އަމުރުފުޅަށެވެ. މިގޮތުން ދިވެހިތާރީޚު ޢަރަބިބަހުން އެންމެފަހަކަށް ލިއުއްވި ފަނޑިޔާރު ބޭކަލަކީ އަލްޤާޟީ މޫސާ ބަދުރުއްދީނުލް އައްޑުވިއްޔު އެވެ.

ދިވެހި އަދަބިއްޔާތުގެ އެންމެ އަލިގަދަ ތަރިއަކީ ބަނޑޭރި ޙަސަން މަނިކުފާނު އެވެ. ބަނޑޭރި ޙަސަން މަނިކުފާނުގެ ދިޔޯގެ ރައިވަރާއި އަރިއަތޮޅު އަރުމާޒަކީ ދިވެހި އަދަބަށް އެމަނިކުފާނު ދޫކުރައްވާފައިވާ އަގުނުކުރެވޭފަދަ ޚަޒާނާއެކެވެ. އެއީ ދިވެހި ވަޒަންބަހުރުވައިގެ ހަމައާ ދިވެހި ބަހުގެ އަދަބިއްޔާތު އުނގެނުމަށް ބޭނުންވާ ކޮންމެ ދަރިވަރަކު ދިރާސާކުރުން ލާޒިމް ލިއުއްވުންތަކެކެވެ. ބަނޑޭރި ޙަސަން މަނިކުފާނަށް ފަހު އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީނުގެ ރައިވަރު ތަކަކީ ވެސް ދިވެހި ލިއުންތެރިކަމަށް ލިބިގެންދިޔަ އިތުރު މުއްސަނދިކަމެކެވެ.

ދީނީ ރޮނގުން ލިޔެވިފައިވާ ފޮތްތަކުގެ ތެރެއިން އަހުމަދު ޙާޖީ އެދުރުކަލޭގެ ފާނުގެ “ކިތާބު ތުހުފަތުލް އޫލާ” އަކީ ހެޔޮނުބައި އޮޅުންފިލުވައި ދެއްވުމުގެގޮތުން އެކަލޭގެފާނު ދިވެހިލިއުންތެރިކަމަށް ދޫކުރެއްވި ފޮތެކެވެ. މިފޮތް ހިމެނިފައިވަނީ މިރޮނގުން ލިޔެވިފައިވާ ޤާދީމީ ފޮތްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ފެންނާން އޮތް ވަރަށް ފުރިހަމަ ފޮތެއްގެގޮތުގައެވެ. އަދި އަހުމަދު ޙާޖީ އެދުރުކަލޭގެފާނުގެ ޅެންތަކާއި ރައިވަރުތަކަކީ ވެސް ދީނީ ރޮނގުން ހައްދަވާފައިވާ ވަރަށް ފުރިހަމަ ތަކެއްޗެވެ.

ޢަލީ އެދުރުގެ ބޮޑުތަރުތީބު ނުވަތަ “ޒުހުރުލް ކަމާލާތި ފީ އަޙްކާމިލް އިބާދާތި” އަކީ ވެސް ދިވެހި ބަހުން ލިޔެވިފައިވާ ފިޤްހު ޢިލްމްގެ ފޮތްތަކުގެ ތެރެއިން އެންމެ ކުރީ ސަފުގައި ގުނާލެވޭ ފޮތެކެވެ. މިފޮތަކީ އަތުންލިޔެގެން އެތައް ޒަމާންތަކެއް ވަންދެން ދިވެހިން ހެޔޮނުބައި ދަސްކުރަމުން ދިޔަ ފޮތެކެވެ. މިގޮތުގައި ޒަމާންތަކެއް ދިއުމަށްފަހު ކަލްކަތާއަށް ފޮނުވައިގެން މިފޮތް ޗާޕްކޮށް ނެރެދެއްވީ އަތިރީގޭ އަޙްމަދު ދޮށިމޭނާކިލެގެފާނެވެ. ބޮޑުތަރުތީބަށްފަހު ދިވެހިބަހުން ލިޔެވުނު މިފަދަ ދެވަނަ ފޮތަކީ އައްޑޫ މީދޫ ނާއިބުގޭ އަލްޢައްލާމާ އަޙަމަދުދީދީ ލިއުއްވި “އަޙްމަދުދީދީ ތަރުތީބު” އެވެ. މިފޮތަކީވެސް ރާއްޖޭގެ އެކި ކަންކޮޅުތަކާއި މަލިކުގައި ދީނުގެ ޢިލްމު އުނގެނުމަށް އެތައްބަޔަކު ބޭނުންކުރެއްވި ފޮތެކެވެ. އޭގެފަހުން އައްޝައިޚު މުޙައްމަދު ޖަމާލުއްދީން ނާއިބު ތުއްތުގެ “ތުއްތު ތަރުތީބު” އަކީ ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ފޮތެކެވެ.

ނާއިބު ތުއްތު އަކީ ދިވެހި ލިއުންތެރިކަމަށް އެތައްގޮތަކުން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި ވަރަށްބޮޑު ޢިލްމްވެރިއެކެވެ. ނާއިބު ތުއްތުގެ މަޟްމޫނުތަކާއި ރައިވަރުތަކަކީ އެފަދަ ދެވަނައެއް ނުވާފަދަ ތަކެއްޗެކެވެ.

ދިވެހިބަހުން އެންމެބޮޑު ފޮތެއް، މިޒަމާނުގެ ފޮތްލިއުމުގެ އުޞޫލްތަކާ އެއްގޮތަށް، ލިއުއްވި ޢިލްމްވެރިއަކީ އައްޑޫ މީދޫ އައިސާބީގެދަރު ދޮންބެއްޔާގެ ދަރިކަލުން އައްޝެއިޚު އަޙްމަދު ދީދީ އެވެ. އޭނާ ލިއުއްވި ފޮތަކީ “ޠިއްބުލް ފުޤަަރާއި ފީ ޙިކްމަތިލް އުމަރާއި” އެވެ. މިފޮތަކީ ދިވެހި ބޭސްވެރިކަމުގެ ރޮގުން ލިޔެވިފައިވާ އެންމެފުރިހަމަ ފޮތެވެ. މިފޮތް ލިއުއްވާފައިވަނީ ޢަރަބި ބަހުގެ ތަފާތު އެތައް ފޮތްތަކެއް ބައްލަވައިގެންނާއި ދިވެހިންގެ ޤަދީމީ ބެސްވެރިކަން ދިރާސާކުރައްވައިގެންނެވެ. އައްޝައިޚު އަޙްމަދު ދީދީ އަކީ މިނޫން ވެސް ތަފާތު އެތައް ފޮތްތަކެއް ލިއުއްވައިފަވާ ވަރަށްމޮޅު ލިއުންތެރިއެކެވެ.

ޠިއްބުލްފުުޤަރާއި އަށްފަހު ދިވެހިބަހުން ލިޔެވުނު އެންމެ ފުރިހަމަ އަދި އެންމެ ބޮޑުފޮތަކީ ފަޟީލަތުއްޝައިޚު ޙުސއަިން ޞަލާޙުއްދީނު ލިއުއްވި ކީރިތި ރަސޫލާގެ ސީރަތެވެ. ޙުސައިން ޞަލާޙުއްދީނު ލިއުއްވި ސީރަތާ އަދި އެމަނިކުފާނުގެ އެހެން ލިއުއްވުންތަކަކީ އަނެއްކާވެސް ދިވެހި ލިއުންތެރިކަމަށް ބޮޑު އިންޤިލާބެއް ގެނުވި ލިއުންތަކެކެވެ.

ދިވެހިރާއްޖޭގައި އެކިޒަމާންތަކުގައި ތަފާތު މޮޅެތި ލިއުންތެރިން އުފެދުނު ނަމަވެސް އެބޭބޭފުޅުންގެ ލިއުންތައް ލިޔެވެމުންދިޔައީ އަތުންނެވެ. ބައެއް ފޮތްތައް ކަލްކަތާ ފަދަ ތަންތަނަށް ފޮނުވައިގެން ޗާޕް ވެސް ކުރެވެމުން ދިޔައެވެ. ސަބަބަކީ އެދުވަސްވަރު ދިވެހިރާއްޖޭގައި ޗާޕްކުރުމުގެ ޚިދުމަތް ދެވެމުން ނުދާތީ އެވެ. މިއުނިކަން ފޫބައްދައިދެއްވި ބޭފުޅަކީ އައްޑޫ މީދޫ އައްޝައިޚު އިބްރާހިމް ބަހާއުއްދީނެވެ. އެއީ އެތަކުރުފާނު ކަލްކަތާއިން ޗާޕްމެޝިނެއް ބައްލަވައިގެން ގެނެސް އޭނާގެ ގެ “އައްޑުއަތޮޅު ހުޅުދޫ އެޅެހިށިގޭ”ގައި ޗާޕްކުރައްވަން ފައްޓަވައިގެންނެވެ. ދިވެހިރާއްޖޭގައި ޗާޕްގެ މަސައްކަތް ފުރަތަމަ ކުރައްވާން ފެއްޓެވި ފަރާތަކީ މިއީއެވެ.

އައްޝައިޚު އިބްރާހިމް ބަހާއުއްދީނަކީވެސް ޗާޕްކުރުން ތަޢާރަފް ކުރެއްވުމުގެ އިތުރުން ދިވެހި ލިއުންތެރިކަމާ އަދަބިއްޔާތައް ތަފާތު ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އިބްރާހިމް ބަހާއުއްދީނު ލިއުއްވި “ޖައްނާތުލް ފިރުދައުސް” އާއި “ރިސާލާ” އަކީ ފާހަގަކޮށްލެވޭ ފޮތްތަކެކެވެ.

ދިވެހިރާއްޖޭގެ ލިއުންތެރިކަމަށް އެންމެ ބޮޑު ބަދަލެއް އައިކަމަށް ފާހަގަކުރެވެން ފެށީ ފުރަތަމަ ފަހަރަށް ދިވެހިިރާއްޖޭގައި ޤާނޫނު އަސާސީ އެއް ލިޔެވި، އެޤާނޫނު އަސާސީގެ ދަށުން ދިވެހި ދައުލަތް ހިނގާންފެށި ހިސާބުންނެވެ. އާ ޤާނޫނު އަސާސީގެ ދަށުން އުފެދުނު ސަރުކާރުގެ ފަރާތުން ނެރެންފެށި “އަލްއިޞްލާޙު” ކިޔާ މަޖައްލާ ހިމެނިގެން ދިޔައީ ދިވެހި ނޫސްވެރިކަމުގެ ފެށުން ކަމަށެވެ. އޭގެފަހުން ދިވެހި ލިއުންތެރިކަމުގެ ވައްޓަފާޅިއަށާއި ގޮތްތަކަށް އައީ އެތައްބަދަލެއް އަންނަމުންނެވެ.

އަލްއަމީރު ޙަސަން ފަރީދުއާއި އަލްއަމީރު މުޙައްމަދު އަމީން ދިވެހި ދައުލަތް ހިންގި ދުވަސްވަރަކީ ދިވެހި އަދަބިއްޔާތު މުޅިން އާ ޒަމާނީ ގޮތްތަކަކަށް ބަދަލުވެގެން ދިޔަ ދުވަސްވަރެކެވެ. މިހާރު އަޅުގަނޑުމެންނަށް މިފެންނަ ގޮތަށް ދިވެހި ޅެމާއި ލަވަތައް ޢާއްމުވާން ވެށީ މިދުވަސްވަރެވެ. މިހާރު އަޅުގަނޑުމެން މިދެކޭފަދަ ގޮތަކަށް ފުރަތަމަ ޅެމެއް، ދިވެހިބަހުން، ހެއްދެވި ބޭފުޅަކީ މައުލަވީ ހުތް ޢަލިދީދީ އެވެ. އެއީ ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީނުގެ ބައްޕައެވެ.

މިދުވަސްވަރު އަޅުގަނޑުމެންނަށް ފެނިގެންދިޔަ މޮޅު ލިއުންތެރިންގެ ތެރޭގައި އައްޝައިޚު މަލިން މޫސާ މާފަތް ކަލޭގެފާނާއި، އައްޝައިޚު މުޙައްމަދު ޖަމީލުދީދީ އާއި، މުޙައްމަދު އަމީނު އާއި މަލިމް މުޙައްމަދު ދީދި އާއި މުޙައްމަދު އިސްމާއިލް ދީދީ އާއި އަލްފާޟިލް އަޙްމާދު ކާމިލުދީދީ އާއި އަލްއުސްތާޛު އިބްރާހިމް ޝިހާބް ފަދަ ބޭފުޅުން ހިމެނެއެވެ.

މުޙައްމަދު އަމީނު ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ދުވަސްވަރަކީ ދިވެހި ލިއުންތެރިކަމުގެ ބަހާރު މޫސުމެވެ. އެދުވަސްވަރު ދިވެހި ޤަޥްމުން ދެޖިންސުގެ އާ ލިއުންތެރިންނާ ޅެންވެރިން އުފެދިގެންއައެވެ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި މިވާ ޒަމާނީ ލިއުންތެރިކަމަކީ މުޙައްމަދު އަމީނު ކުރެއްވި މަސައްކަތްޕުޅު ތަކުގެ ނަތީޖާއެވެ.

އަލްއުސްތާޛު މައުމޫނު އަބްދުލް ޤައްޔޫމް ރައީސްކަމާ ޙަވާލުވެވަޑައިގެން އުފެއްދެވި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤަޥްމީ މަރުކަޒު ހިމެނިގެން ދިޔައީ އަނެއްކާވެސް ދިވެހި ލިއުންތެރިކަމަށް އާރޯކަމެއް ލިއްބައިދިން މަރުކަޒަކަށެވެ. މިމަރުކަޒުން ކުރެއްވެވި މަސައްކަތްޕުޅުތަކެއްގެ ނަތީޖާއެއްގެ ގޮތުން ދިވެރާއްޖޭގައި އާ ލިއުންތެރިންތަކެއް އުފެދި، ދިވެހި ބަހަށާއި ދިވެހި ލިއުންތެރިކަމަށް މީހުންގެ ހިތްތަކުގައި ލޯބި ޖެހިގެން ދިޔައެވެ.

ޒަމާނުއްސުރެ އަތުން ލިޔެވެމުން އައި ލިއިންތެރިކަމަށް ޒަމާނުގެ ޓެކްނޮލޮޖީ ވެއްދުމަށް ކުރެވުނު މަސައްކަތުގައި ފުރަތަމަ ދިވެހި ޓައިޕް ރައިޓަރ އީޖާދުކުރެވި، އެއިން މާބޮޑު ކުރިއެރުންތަކެއް ނުހޯދިވަނިކޮށް ކޮމްޕިއުޓަރުން ތާނަ ލިޔެވޭގޮތް ފަހިވެގެން ދިޔައެވެ. ކޮމްޕިއުޓަރ ބޭނުންކޮށްގެން ދިވެހިބަހުގެ ލިއުންތައް ލިޔެވޭގޮތް ހަމަޖެހިގެން ދިއުމުން، ދިވެހި ލިއުންތެރިކަމަށް ވެސް މިޒަމާނުގެ ކުރިއަރައިފަވާ ލިއުންތެރިކަމާ ފައިހަމަކޮށް ތަރަޤީވުމަށް ފުރުޞަތު ލިބިގެންދިޔައެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!