ނިއްވާނުލެވުނު ދީނީ އަދި ގައުމީ ޚިދުމަތުގެ ހުޅުކޮޅު

ދީނީ އަދި ގައުމީ ޚިދުމަތުގެ ހުޅުކޮޅަކީ ދިރޭ ބާރެއް ލިބިފައިވާ އެއްޗެކެވެ. އެ ހުޅުކޮޅު ނިއްވާލުމަށް މަސައްކަތްކޮށް ނިއްވާލެވުނުކަމަށް ހީކުރެވުނަސް އެ ކަމެއް ނުވާނެ އެވެ. އަނެއްކާ ވެސް އެ ޚިދުމަތުގެ ހުޅުކޮޅު ދިއްލޭނެ އެވެ. އޭގެ ސަބަބަކީ ދީނީ އަދި ގައުމީ ޚިދުމަތުގެ އަލީގެ ހުޅުކޮޅަކަށް ވުމުންނެވެ. މިވާހަކަ ދަންނަވައިލީ ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ދީނީ އަދި ގައުމީ ޚިދުމަތުގެ އައްޔެއް ޢާއްމުކޮށް ފެންނަފަށަށް ނައިސް ނުވަތަ ފެންނަފަށަށް އަޔަނުދީ ވިޔަސް ދެ ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާކަން އެނގެން ހުރުމުންނެވެ.

މި ދިގު މުއްދަތަކީ 1773މ. ގައި ހުރާގޭ މުޙައްމަދު މަނިކުފާނު ދިވެހިރަސްކަން އަތުލައްވައި ރަސްކަމުގެ ބޭނުމުގައި ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުރުމާއި، 1981މ. ގައި ދިވެހިބަހުން ނެރުނު “ދިވެހިތާރީޚު” ފޮތާއި “ޙާޖީ ބަންޑާރައިންގެ ހަނގުރާމަ” މި ދެ ފޮތް ނެރުމާއި ދެމެދެވެ. އަހަރުތަކަށް ބަލާނަމަ އެ ދެމެދުގައި 200 އަށްވުރެ ގިނަ އަހަރު ވޭތިވެފައިވެ އެވެ. މިހެންވީމާ މިއީ ހިނގި ކަމެއްތޯ ނޫންތޯ އެ ބަޔަކަށް ބެލެންއޮތް ވަރެއްގައި ބަލަން ބޭނުންވާނެ ބަޔަކު ވެސް ނުތިބޭނެކަމެއް ނޭނގޭނެ އެވެ.

ސުލްޠާން މުޙައްމަދު ޣިޔާސުއްދީނަކީ ދީންވެރި ޢިލްމުވެރި ދިވެހިންގެ ދީނާއި ދިވެހިންގެ ގައުމަށްޓަކައި މަތީ ފެންވަރުގައި ތަފާތު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވުމުން ޢާއްމު ދިވެހިންގެ ލޯތްބާއި އިޙުތިރާމު ނުހަނު ބޮޑަށް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގާލައި ރާއްޖެ އަތުލައި އަޅުވެތިކުރުމަށްޓަކައި 6 ނަވާއި 9 އޮޑީގައި ބޭރުން ރާއްޖެއަށް އައި ކާފިރުންނާއި ކުރިމަތިލައްވަން އަމިއްލަފުޅަށް ނުކުމެވަޑައިގެން އެބައިމީހުންނާއި ހަނގުރާމަކުރައްވައި ދީނާއި ގައުމަށް ނަޞްރު ހޯއްދަވައިދެއްވި ހިތްވަރުފުޅު ގަދަ ބަޠަލެކެވެ. ކުރީގެ ބައެއް ލިޔުންތަކުގައި އެ ރަދުންނަށް “ޣާޒީ”ގެ ނަންފުޅުން ނިސްބަތްކޮށްފައި ވަނީ އެހެންވެ އެވެ.

މީގެ އިތުރަށް ދިވެހިރާއްޖޭގައި އެކި ދުވަސްވަރު ހިނގާފައިވާ ގިނަ ކަންކަމެއްގެ މަޢުލޫމާތު އެންމެބޮޑަށް އެނގިވަޑައިގަންނަވާ އެއް ބޭފުޅެއްކަމަށްވާ އުސްތާޛުލް މަރުޙޫމް އިބްރާހީމް ޝިހާބުގެ ލިޔުއްވުމެއްގައި “އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީން އިސްކަންދަރު” ލިޔުއްވާފައިވަނީ ވެސް އެ ނަންފުޅުން އެ ރަދުންނަށް މުޚާޠަބުކުރެއްވުން ޙައްގުވީމަ އެވެ. އެކަން އެ މަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެވެ. ބަޔަކު ރުހުނަސް ނޫނީ ނުރުހުނަސް ޙަގީގަތަކީ މިއެވެ. ސުލްޠާން މުޙައްމަދު ޣިޔާސުއްދީނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިލިންކުން ވެސް ލިބިވަޑައިގަންނަވާނެ އެވެ.

ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ކުރެއްވި އެއްވެސް ޚިދުމަތެއް ޢާއްމުކޮށް ފެންނަފަށަށް ތިލަނުވެ ނޫނީ ތިލަވިޔަ ނުދީ ހިފަހައްޓާފައިވަނީ އެ ރަދުންގެ ހަށިކޮޅާއި ފުރާނަފުޅު ނައްތައިލި މަގުން އެ ރަދުންގެ ޚިދުމަތުގެ ވާހަކަ ވެސް ނައްތައިލުމަށް ކަމަށް ތާރީޚު ދިރާސާކުރައްވާ ގިނަ ބޭފުޅުން ދެކިވަޑައިގަނެވެ. އެއީ އެ ރަދުންގެ ޚިދުމަތުގެ އުސް އަލިތައް ޖީލުތަކަށް ފޯރަމުންދާނަމަ، ދިވެހިރަސްކަމަށް ގަދަވެގަނެ ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުރި ލާއިންސާނީ ނުބައި ނުލަފާ ރަޙުމުކުޑަ ޖަރީމާ ހިންގި ފަރާތްދެކެ ނުރުހުންވުމާއި ނަފުރަތުކުރުން އިތުރުވަމުން ދިޔުމަކީ އެގޮތަށް އެކަން ނުވުމަށްވުރެ ވުން އެކަށޭނަ ކަމަކަށްވާތީ އެވެ. އެހެންވީމާ އެ ރަދުން ޝަހީދުކުރީއްސުރެ އެ ރަދުންގެ ވާހަކައޮތީ ދެއްކުން މަނާ، އެހުން މަނާ، ލިޔުން މަނާ، ހޯދުން މަނާ ވާހަކައަކަށްވެފަ އެވެ. އެ ރަދުންގެ ވާހަކަ ދެއްކުން ހުއްދަ، އެހުން ހުއްދަ، ލިޔުން ހުއްދަ، ހޯދުން ހުއްދަ ވާހަކައަކަށްވީ އެ ރަދުން ޝަހީދުކުޅަތާ ދެ ގަރުނަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

ފާހަގަކުރެވޭ ނުކުތާތަކެއް:
1- އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ ދިވެހި ގައުމަށް ބޭނުންތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ތަފާތު ގިނަ ގޮތްގޮތުންނެވެ. 1949މ. ގައި އެ ކިލެގެފާނު ލިޔުއްވި “ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު” ނުވަތަ “ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު” މިފޮތަކީ އެ ފޮތުގެ ދީބާޖާގައި އެ ކިލެގެފާނު ލިޔުއްވާގޮތުން ވެސް ކިޔަވާކުދިންނަށްޓަކައި އެކުލަވައިލެއްވި ފޮތެއްކަން އެނގެ އެވެ. ދިވެހިތާރީޚަށް ލޯބި ޖެއްސެވުމުގެ ބޭނުންފުޅުގަ އެވެ. ދިވެހިގައުމަށް ޚިދުމަތްކުރެއްވި އަބްޠާލުންގެ ޒިކުރާ އައުކޮށް އެއިން ޢިބްރަތް ލިބިގަތުމަށެވެ. ގައުމީ ޖޯޝް އުފެއްދެވުމަށެވެ.

މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އެކުލަވައިލެއްވި މި ފޮތަކީ ދިވެހިތާރީޚާއި ދިވެހި ގައުމީ އަބުޠާލުންނާއި ބެހޭ ގޮތުން ކިޔަވާކުދިންނަށް ޚާއްޞަކުރެއްވި މުހިމު ފޮތަކަށްވާއިރު ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ދިވެހިގައުމަށް ކޮށްދެއްވި އެއްވެސް ޚިދުމަތެއް މި ފޮތުން އެނގޭކަށް ނެތެވެ. ނަމަވެސް އެނޫން ބޭބޭފުޅުންގެ ދިވެހިގައުމަށް ކޮށްދެއްވި ޚިދުމަތްތައް ކިތަންމެ ކުރުކޮށް ވިއަސް އެބަ އެނގެ އެވެ. މިހެންވީމާ ކިޔަވާ ކުދިންނަށް މިއިން ކުރާނީ އެންމެ ރަނގަޅު ފައިދާތޯ ނޫންތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ.

2- ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން 1981މ. ގައި ނެރުއްވައި ޢާއްމުކުރައްވާފައިވާ “ދިވެހި ތާރީޚު” ފޮތަކީ އޭގެ 70 ވަރަށް އަހަރު ކުރީގައި މަޝްހޫރު ޙާޖީ ޢިމާދުއްދީންގެ ރަސްކަމުގެ ދުވަސްވަރު އެ ރަދުން “ދިވެހި ތާރީޚު ދިވެހިބަހުން ތާނަ އަކުރުން ލިއުއްވުމަށް ރުއްސަވައި އެކަމަށް ވަކި ކޮމިޓީއެއް ކަނޑައަޅުއްވައި އަލްގާޟީ ޙަސަން ތާޖުއްދީން ހެއްދެވި ދިވެހިރާއްޖޭގެ ތާރީޚާއި އެ ތާރީޚުގައި އޭގެފަހަށް އެކިއެކި ފަނޑިޔާރު ބޭކަލުން ޢަރަބި ބަހުން ލިއުއްވާފައިވާ ތަކެއްޗާއި އަދި އެކިއެކި ޒަމާން ޒަމާނުގައި ލިޔެވިފައި ދިވެހިބަހުން ހުރި ތާރީޚީ ތަކެއްޗާއި މި އެންމެހައި ތަކެތި އެ ކޮމިޓީއާއި ޙަވާލުކުރެއްވުމުން އެ ކޮމިޓީއިން ލިއުއްވި ފޮތެއްކަން އެ ފޮތުން އެނގެ އެވެ.

މިހެންވުމުން އުފެދޭ ސުވާލަކީ ވޭތިވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭ މި ފޮތް ޢާއްމުކޮށް ފެންނަފަށަށް ނައިސް އޮތީ ކީއްވެތޯ އެވެ؟ ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ދިވެހިގައުމަށް ކޮށްދެއްވި ޚިދުމަތްތަކުން ބަޔެއް ކިތަންމެ ކުރުކޮށް ވިޔަސް މި ފޮތުން އެނގެން ހުރުމުންތޯ އެވެ؟ ނުވަތަ އެހެން ބައެއް ބޭބޭފުޅުން ކުރައްވާފައިވާ ބައެއް ކަންކަމަށް ވިޔަސް އިނގިލި ދިއްކުރެވެން އޮތް ގޮތެއްގައި އިނގިލި ދިއްކޮށްލެވެން އޮތީމާތޯ އެވެ؟

3- ދިވެހި ތާރީޚާއި ޘަގާފަތަށް ޚިދުމަތްކުރާ މަޖިލީހުން ނެރުއްވި “ޙާޖީ ބަންޑާރައިންގެ ހަނގުރާމަ” މި ފޮތަކީ ޙާޖީ ބަންޑާރައިން ނުވަތަ ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ރަސްކަމުގެ ދުވަސްވަރު ދިވެހިރާއްޖެ އަތުލައިގަތުމަށް އައި މަލާބާރީން ނުވަތަ ހޮޅިންގެ ބޮޑު ލަޝްކަރަކާއި ދިވެހި ގައުމަށްޓަކާ ކުރެއްވި ހަނގުރާމައެއްގެ ވާހަކަ އެ ރަދުންގެ އަމިއްލަފުޅު ޢިބާރާތުން ލިޔެފައި އޮތް ފޮތެކެވެ. ސުވާލަކީ، އޭރުއްސުރެ މިފޮތް އޮތީ ވެރިކަމުގެ ފަރާތުގައި ތިބި ބަޔަކަށް ނުފެންނަ ހިސާބުގައި ތޯއެވެ. ނުފެންނަ ހިސާބެއްގައި ނަމަ ދަންނަވާނޭ އެއްޗެއް ނެތެވެ. ފެންނަ ހިސާބެއްގައި ނަމަ ދަންނަވާނީ މިހާ ދުވަސް ވަންދެން މި ފޮތް ޢާއްމުކޮށް ފެންނަފަށަށް ނުގެނެސް އޮތީ ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ފަދަ މަތީ ފެންވަރުގެ ގައުމީ ބަޠަލެއް ޝަހީދުކުޅަ ބަޔަކާމެދު މީސްތަކުން ނަފުރަތާއި ނުރުހުންތެރިކަން އިތުރަށް އުފެދުން އެކަށީގެންވީމާތޯ އެވެ؟

4- 1 ޖެނުއަރީ 1953މ. ގައި ރާއްޖޭގައި އުފެއްދި ފުރަތަމަ ޖުމްހޫރީ ވެރިކަމާއި ގުޅިގެން ނެރުއްވި “ދިވެހި ޖުމްހޫރިއްޔާއަށް މަރުޙަބާ” މިފޮތުގައި އެ ޖުމްހޫރިއްޔާގެ ރައީސް އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވި “ދިވެހި ރަސްކަމުގެ މައްޗަށް ކަޅި އުކައިލުމެއް” މި މަޟްމޫނުގެ ދެ ބަޔަކަށް ބަލައިލަމާތޯ އެވެ.

ފުރަތަމަ ބައި
“ދިވެހި ރަސްކަލުންނާއި ރަނިކަނބަލުންގެ ލިސްޓްއަށް ނަޒަރު ހިންގައިލާއިރު . . . . އާދެ! ބައެއް ރަސްކަލުންނަކީ އެބެއިފުޅުންގެ ހިއްމަތާއި މިންނަތުން މާތްރަސްކަލާނގެ ވާގިފުޅާއެކު ދިވެހިރާއްޖެއަށް އަގުނުކުރެވޭ ފަދަ ފައިދާތައް ޙާޞިލްކޮށްދެއްވި ރަސްކަލުންނެވެ. މިދެންނެވިފަދަ ރަސްކަލުންގެ އަބަދަށްފެހި މިސާލުތަކެއްކަމުގައި ދަރުމަވަންތަ ރަސްގެފާނާއި ބޮޑުރަސްގެފާނު، ޣާޒީ ބަންޑާރައިންނާއި، ދޮންބަންޑާރައިން، އިސްކަންދަރު ރަސްގެފާނާއި، ނޫރައްދީން ބަންޑާރައިން ފުދޭނެއެވެ. އަނެއްބައި ރަސްކަލުންނަކީ ޣާޒީ ބަންޑާރައިންނާއި ދޮންބަންޑާރައިން، ޢަލިރަސްގެފާނާއި، އިސްކަންދަރު ރަސްގެފާނު ފަދަ ހިތްވަރުފުޅު ގަދަ ފަހުލަވާނުންނެވެ. ގައުމުގެ ދިފާޢުގައި ދެއެތިން އެކައްޗަށް ހިތްޕެވި ތެދުވެރި ދިވެހިދަރިންނެވެ.
އަދިވެސް އަނެއްބައި ރަސްކަލުންނަކީ އައްސުލްޠާނު މުޙައްމަދު މުޙުޔިއްދީނުލްޢާދިލް އާއި، އައްސުލްޠާން އައްސައްޔިދު މުޙައްމަދު ޝަމްސުއްދީން ފަދަ ދީންވެރި ތަގުވާވެރި ރަސްކަލުންނެވެ. . . . . އާދޭހެވެ! ދިވެހިރާއްޖޭގައި ރަނިކަންކުރެއްވި ދެތިން ބެއިފުޅުންގެ ތެރެއިން އެންމެވަރުގަދަ ޝަޚުޞިއްޔަތެއްގެ ވެރިއަކު ކަމުގައިވި ރެހެންދި ޚަދީޖާއެއް އަޅުގަޑު ހަދާން ނައްތައެއް ނުލާނަމެވެ.”

ދެވަނަ ބައި
“ޝައްކަކަށް ވަސްވާހަކަށް ތަނެއްނުދެއެވެ. ދިވެހިރާއްޖެއިގައި ހިގަމުންއައި ބައެއް ރަސްކަންތަކުގެ މައްޗަށް ވިސްނައިލުމުން އަޅުގަޑުމެންގެ ހިތްތައް ފުރިއުތުރި އަރައިގަންނަނީ ޝުކުރުވެރިކަމާއެކު ލޯބިވެރިކަމުގެ ޝުޢޫރުތަކުންނެވެ. ލިސްޓަކީ ދިގު ލިސްޓެކެވެ. ފަޚުރުވެރި ލިސްޓެއްމެއެވެ. ތިޔަބޭފުޅުންގެ އަރިއަހުން މަޢާފު އެދެމުން ލިސްޓްގެ ބައެއް ނަންފުޅު އަޅުގަޑު ތަކުރާރުކޮށްލާނަމެވެ.

އައްސުލްޠާނު މުޙައްމަދު ބިން ޢަބުދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުން
އައްސުލްޠާނު ޢަލީ ސިރީ އައުދަސިއާކަ ކައްތިރި މަހާރަދުން
އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން
އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނުލް އައްވަލް ސިރީ ކުލަސުންދުރަ ކައްތިރިބަވަނަ މަހާރަދުން
އައްސުލްޠާން އިބްރާހީމް އިސްކަންދަރު ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުން
އައްސުލްޠާނު މުޙައްމަދު މުޙުޔިއްދީނުލް ޢާދިލް ސިރީ ނާކިރީ ސުންދުރަ މަހާރަދުން
އައްސުލްޠާނުލް މުކައްރަމް މުޙައްމަދު ޢިމާދުއްދީން ސިރީ ނަވަރަންނަ ކީރިތި މަހާރަދުން
އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުން
އައްސުލްޠާނު އިބްރާހީމް ނޫރައްދީން އިސްކަންދަރު ކީރިތި މަހާރަދުން
އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީން ސިރީ ކުލަސުންދުރަ ކައްތިރިބަވަނަ މަހާރަދުން

މިފަދަ ނަންފުޅުތަކަކީ އެނަންފުޅުތައް އިވިލުމުންވެސް ތެދުވެރި ކޮންމެ ދިވެއްސެއްގެ ހިތުގައި އައު ރޫޙެއް އުފެދެންވާނޭ ނަންފުޅުތަކެވެ. ޢާއްމުކޮށް މިހުރިހައި ރަސްކަލުންނަކީ ޚާއްޞަކޮށް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ފަދަ ޚާއްޞަ ބަޠަލުންގެ ނަންފުޅަކީ ދިވެހިޖައްވުގައި ފުރާނައެއް ދެމިހުރިހައި ހިދެއްގައި ފިލައިދާނޭ ނަންފުޅުތަކެއްނޫނެވެ.
މާތްރަސްކަލާނގެ ވާގިފުޅާއި ލައިގެން އަޅުގަޑުމެންނާއި ހަމައަށް ވާރުތަވަމުން އައިސްފައިވާ މިނިވަންކަމަށްޓަކައި އަޅުގަޑުމެންގެ ޝުކުރު އިންތިހާ ދަރަޖައަށް ޙައްގުވެގެންވަނީ އެފަދަ ރަސްރަސްކަލުންނަށެވެ. އަލްއަމީރުލް ޙާއްޖު އަލްމަރުޙޫމް އިބްރާހީމް ދޮށިމޭނާކިލެގެފާނު، އަލްއަމީރުލް ޙާއްޖު އަލްމަރުޙޫމް އަޙުމަދު ދޮށިމޭނާ ކިލެގެފާނު، އަލްއަމީރުލް ޙާއްޖު އަލްމަރުޙޫމް ޢަބުދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު ފަދަ ތެދުވެރި ޚިދުމަތްތެރި ދިވެހި ދަރީންނަށެވެ.”

މަތީގައި އެ ވަނީ ދިވެހިތާރީޚަށް ވެސް އަދި ދިވެހިގައުމަށް ވެސް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވި އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ނަންފުޅުގައިވާ ލިޔުއްވުމެއްގެ ދެ ބަޔެކެވެ. ނުވަތަ ދެ ޕެރެގްރާފެވެ. އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ނަންފުޅުގައިވާ ލިޔުއްވުމެއް ކަމަށް ދެންނެވީ އެ ކިލެގެފާނަށް އެތައްގޮތަކުން އެނގިވަޑައިގަންނަވާނޭ އުނިއިތުރު އެ ލިޔުއްވުމުގައި ހުރުން ފިޔަވައި، އަދި އެތައްގޮތަކުން އެ ކިލެގެފާނަށް އެނގިވަޑައިގަތުން ކޮންމެހެން ލާޒިމުކަމަށް ގިނަމީހުން ގަބޫލުކުރާ ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ނަންފުޅު އެ ލިޔުއްވުމުގައިވާ ދިވެހި ގައުމީ ޚިދުމަތުގެ އެއްވެސް ގިންތީއަކުން އެއްވެސް ހިސާބަކުން ފެންނަން ނެތި ގެއްލިގެންދިޔުމުން އެއީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ލިޔުއްވުމެއްތޯ ނޫންތޯ ސުވާލު އުފެދޭނެތީ އެވެ. އެއީ ބަލައިގަތުން ފަސޭހަކަމަކަށްނުވާނެތީ އެވެ. އެއީ ކުޑަކަމަކަށް ނުވާނެތީ އެވެ. އެއީ ދިވެހިތާރީޚު އޮޅިގެންދިޔުން އެކަށީގެންވާ ކަމަކަށްވާނެތީ އެވެ.

އެހެނީ، އެ ލިޔުއްވުމުގައިވާ ޢިބާރާތަކުން ދަންނަވާ ނަމަވެސް “މާތްރަސްކަލާނގެ ވާގިފުޅާއި ލައިގެން އަޅުގަޑުމެންނާއި ހަމައަށް ވާރުތަވަމުން އައިސްފައިވާ މިނިވަންކަމަށްޓަކައި އަޅުގަޑުމެންގެ ޝުކުރު އިންތިހާ ދަރަޖައަށް ޙައްގުވެގެންވާ” ބޭފުޅަކު ދިވެހި ގައުމީ ޚިދުމަތުގެ އެއްވެސް ގިންތީއަކުން ފެންނަން ނެތި އެ ލިޔުއްވުމުން ގެއްލިގެން ގޮސްފައިވުމަކީ ކުޑަ ކަމެއްނޫނެވެ. ވަރަށްބޮޑު ކަމެކެވެ. އެއީ ހިތްވަރުފުޅު ގަދަ ފަހުލަވާނެކެވެ. ދިވެހިގައުމުގެ ދިފާޢުގައި ދެ އެތިން އެކައްޗަށް ހިތްޕެވި ތެދުވެރި ދިވެހިދަރިއެކެވެ. ސުލްޠާން މުޙައްމަދު ޣިޔާސުއްދީނެވެ. މީގެ ހެއްކަކީ ދިވެހިތާރީޚެވެ. ދިވެހި މުއައްރިޚުންނެވެ. ދިވެހިންނެވެ. އަދި މިހާރު ފެންނަން ހުރި ލިޔުންތަކެވެ.

ދިވެހި ގައުމީ ޚިދުމަތުގެ އެއްވެސް ގިންތީއަކުން ދިޔަމިގިލީ އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ފެންނަން ނެތި ގެއްލިގެންދިޔަ އެ ލިޔުއްވުން ލިޔުއްވި ބޭފުޅެއްކަމަށް އެ ލިޔުއްވުމުން އެނގެނީ ދިވެހިތާރީޚަށް ވެސް އަދި ދިވެހިގައުމަށް ވެސް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވި ރައީސް އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެ ކިލެގެފާނު ނިސްބަތްވެ ވަޑައިގަންނަވަނީ ގައުމީ ބަޠަލެއްކަމަށްވާ ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުރި ލާއިންސާނީ ނުބައި ނުލަފާ ރަޙުމުކުޑަ ޖަރީމާ ރާއްވަވައި ހިންގެވިކަމަށް ތާރީޚު ހެކިދޭ ހުރާގޭ ޚާންދާނަށް އެކަންޏެއް ނޫނެވެ. އަދި ކީއްތޯ އެވެ. ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ނިސްބަތްވެ ވަޑައިގަންނަވާ ދިޔަމިގިލީ ޚާންދާނަށް ވެސް އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ނިސްބަތްވެ ވަޑައިގަނެއެވެ. އެ ކިލެގެފާނަކީ ދިޔަމިގިލީ އިބްރާހީމް ރަސްގެފާނުގެ އަންހެން ދެ ބޭފުޅަކާ ވެސް ގުޅިވަޑައިގަތުން އޮވެގެން ދުނިޔެއަށް ވަޑައިގަތް މަންމައަކާއި ބައްޕައެއްގެ ލޮބުވެތި ދަރިކަލެކެވެ.
Family Dhiyamigili
ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ގައުމީ ޚިދުމަތުގެ އެންމެ އޮއްޓަރެއް ވެސް ޢާއްމުކޮށް ފެންނަފަށަށް ތިލަނުކުރުމަކީ ދިވެހި ރަސްކަމުގެ ބޭނުމުގައި އެ ރަދުން ޝަހީދުކުޅަ ބަޔެއްގެ ވިރާސީ ޢަހުދުނާމާގެ މާއްދާއެއްތޯ އެވެ؟ މިއަށް އިސްތަށިފުޅު ލަންބަވައި ކިޔަމަންވެ ވަޑައިގަތުމަކީ އެތައް ރޮނގަކުން ދިވެހިގައުމަށް ވެސް ނުހަނު ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވި ރައީސް އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ވެސް ވާޖިބު ކަމެއްތޯ އެވެ؟ މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ އެވެ؟

ތެދެކެވެ. ދީނީ އަދި ގައުމީ ޚިދުމަތުގެ ހުޅުކޮޅަކީ ދިރޭ ބާރެއް ލިބިފައިވާ އެއްޗެކެވެ. އެ ހުޅުކޮޅު ނިއްވާލުމަށް މަސައްކަތްކޮށް ނިއްވާލެވުނުކަމަށް ހީކުރެވުނަސް އެ ކަމެއް ނުވާނެ އެވެ. އަނެއްކާ ވެސް އެ ޚިދުމަތުގެ ހުޅުކޮޅު ދިއްލޭނެ އެވެ. އޭގެ ސަބަބަކީ އެއީ ދީނީ އަދި ގައުމީ ޚިދުމަތުގެ އަލީގެ ހުޅުކޮޅަކަށް ވުމުންނެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *