އައްޑޫ ގަމުގައި ސަރުކާރުން ހިންގި ފެކްޓަރީ 1
ކިތަންމެ ބޮޑު ގެއްލުމެއް ވިޔަސް އައްޑުއަތޮޅުގެ ރައްޔިތުންގެ ފައިދާއަށްޓަކައި ހިންގާ ގޮތަށް ސަރުކާރުގެ ދީލަތިކަމާއި މޫރިތިކަމުން ހައްދަވައި ދެއްވި ކަމަށް އޭރުގެ ސަރުކާރުން ދައުވާކުރެއްވި ފެކްޓަރީތަކުގެ ހަގީގަތާމެދު އެއްޗެއް ބުނެލާންކަމަށެވެ. އިޒުނަ ދެއްވުން އެދެމެވެ.
21ޖޫން 1981 ގައި އައްޑުއަތޮޅު ގަމުގައި ހެދުން ތައްޔާރު ކުރާ ދެ ފެކްޓަރީއެއް ހިންގަން ފެށިއެވެ. މި ދެ ފެކްޓަރީއަކީ ސިލްވަރލައިން ގާރމެންޓްސް މޯލްޑިވްސް (ޕްރައިވެޓް) ލިމިޓެޑާއި ޖޭ.އެސް.އެމް/ އެސް.ޓީ.އޯ މޯލްޑިވްސް (ޕްރައިވެޓް) ލިމިޓެޑެވެ. ޖޭ.އެސް.އެމް/އެސް.ޓީ.އޯ އަކީ ފަހުން ގަން އެޕޭރަލް މޯލްޑިވްސް (ޕްރައިވެޓް) ލިމިޓެޑެވެ. ސިލްވަރލައިން ފެކްޓަރީ ހިންގުނީ ދެ ފެކްޓަރީ އެއްގެ ގޮތުގައެވެ. އެއީ ސިލްވަރލައިން ގާރމެންޓްސް ފެކްޓަރީ އާއި ސިލްވަރލައިން ޓީޝާރޓް ފެކްޓަރީއެވެ. ޖޭ.އެސް.އެމް/އެސް.ޓީ.އޯ ވެސް ދެބަޔަކަށް ބެހިފައިވެއެވެ. އެއީ ޖޭ.އެސް.އެމް/އެސް.ޓީ.އޯ ވޫވަން ޑިވިޜަނާއި، ޖޭ.އެސް.އެމް/ އެސް.ޓީ.އޯ ނިޓިން ޑިވިޜަނެވެ. މިފެކްޓަރީތައް ހިންގީ ހޮންގކޮންގގެ ކުން ފުންޏެއްކަމުގައިވާ ޑީޓެކްސް ލިމިޓެޑުންނެވެ. ދިވެހި ސަރުކާރާ ހިއްސާވެގެން ހިންގުނު ކަމުގައިވިޔަސް ހުރިހާކަމަކާއި ޙަވާލުވެ ޒިންމާދާރުވީ ޑީޓެކްސް އެވެ. އެތަނުން ލިބޭ ފައިދާގެ %51 ދިވެހި ސަރުކާރަށެވެ. އަނެއް %49 ޑިޓެކްސް އަށެވެ.
މި ފެކްޓަރީތަކުން ތައްޔާރުކުރާ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ޝާރޓްސް، ޕޭންޓްސް، ޝޯރޓްސް، ބްލައުސް، ސްކާރޓްސް، ސުވިޓަރ ފަދަ ބާވަތްތަކެވެ. މިތަކެތި ބޭރުކުރެވެނީ އެމެރިކާ އާއި ކެނެޑާ އަދި ޔޫރަޕްގެ ބައެއް ޤައުމުތަކަށެވެ. މި ފެކްޓަރީތަކަށް ދިމާވި ކަމަށް ބެލެވޭ އެންމެ ބޮޑު އެއް މަސްއަލައަކީ ގަވައިދުން މުސާރަ ނުދެވުމެވެ. ދެމަސް ފާއިތުވެ ނިމޭއިރުވެސް އޮންނަނީ މުސާރަ ނުދެވިފައެވެ. ބައެއްފަހަރު ފުލައިޓް ދަތުރު ނޯންނާތީ މާލެއިން މުސާރަ ނުގެނެވިގެން ކަނޑު ބޯޓެއް ކުއްޔަށް ހިފައިގެން މުސާރަ ނަގަން ދާން ޖެހެއެވެ. ދަގަނޑު ފޮށްޓަކަށް ފައިސާ އަޅައިގެން 3 މީހަކު މިދަތުރުގޮސްފައި އައުމުން ލިބޭނީ ވެސް އެއްމަސްދުވަހުގެ މުސާރައެވެ. އަނެއް މަހުގެ މުސާރައެއް ނުލިބޭނެއެވެ. އެންމެ ދެރަކަމަކީ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ގަމުގައި ހުޅުވިފައި ހުންނައިރުވެސް އެ ބޭންކުން މިފައިސާ ލިބޭގޮތް ހަމަޖެހިފައި ނެތުމެވެ.
ފެކްޓަރީގައި މަސައްކަތްކުރާ ދިވެހީންނަށް -/300ރުފިޔާގެ މުސާރައެއް ދެވުނެވެ. އަދި އިތުރު ގަޑީގައި ކުރާ މަސައްކަތަށްވެސް އޯވަރޓައިމްގެ އުޞޫލުން އުޖޫރަދެވެއެވެ. ކެއުން ބުއިމާއި ދަތުރުގެ ޚަރަދާއި ބޭސްކުރުމުގެ ޚަރަދު ކުރަންޖެހެނީ ވެސް މުސާރައިންނެވެ. ގިނަ މީހުން ކެއުމަށްޓަކައި ކާތަކެތި ގެންދަންޖެހެނީ ރަށުން ޕާރސަލް ކޮއްގެންނެވެ. މިގޮތަށް ކާތަކެތި ގެނެސްގެން ނޫނީ ފައިސާކޮޅެއް ރައްކާ ނުކުރެވެއެވެ. ބައެއްކުދީން ކަނީ ހޮޓަލުންނެވެ. ހޮޓަލުން ކައިއުޅޭ ކުދީން ރަށަށް ގެންދާނެ ފައިސާ އެއް ނުހުރެއެވެ. ފެކްޓަރީގައި މަސައްކަތް ކުރުމަށް އައްޑު އަތޮޅުގެ އެކި ރަށްރަށުން އަންނަ ހުރިހާ މީހުންގެ ދަތުރު ޚަރަދު އެމީހުން އަމިއްލައަށެވެ. ހިތަދުއާއި ހަމައަށް ބަހުގައެވެ. ހުޅުމީދޫއަށް ދޯނިފަހަރު ގައެވެ. ދަތުރުކުރުމަށްޓަކައި ކޮންމެ މީހަކު މަހަކު 30 ރުފިޔާ އެސް.ޓީ.އޯ އަށް ދައްކަންޖެހެއެވެ. މި30ރުފިޔާ ވެސް ދިނުން ދަތިވެގެން ބައެއް މީހުން ރަށަށް ނުގޮސް އުޅެވޭތޯ ބަލައެވެ.
އާއްމުގޮތެއްގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހެންދުނު 7:30 އިން ހަވީރު 4:30 އަށެވެ. އެއީ މެންދުރުގެ ކެއުމަށް އެއްގަޑިއިރުގެ ބްރޭކަކަށް ފަހުގައެވެ. ގިނަ ރޭރޭ އޯވަރޓައިމްގެ ގޮތުން 10ޖަހަންދެން މަސައްކަތް ކުރުމަކީ މަޖުބޫރު ކަމަކަށް ވެފައި ވެއެވެ. އޯވަރޓައިމަށް ތިބުމަށް އުޒުރުވެރި ވިޔަސް ރަށަށް ނުފޮނުވައި މަސައްކަތް ކުރަން މަޖުބޫރު ކުރުވައެވެ. ފެކްޓަރީގައި މަސައްކަތްކުރާ ކުދީން ބަލިވުމުން ބައިތިއްބާނެ ސިކްރޫމެއް ނުހުރެއެވެ. ކުއްޖަކު ބަލިވެއްޖެނަމަ ހަދާގޮތަކީ ބަލި ކުދީން ދިގު ގޮނޑިއެއްގައި ނުވަތަ ފިލާގަނޑެއްގެ މަތީގައި ބާއްވަނީއެވެ. ބައެއްފަހަރު އަންހެން ކުދީންގެ އަތުގެ އިނގިއްޔަށް ތިނޯސް ވަދެ އިނގިލީގެ ތެރެއަށް ބިނދި ނުވަތަ ދަގަނޑުގޮށް (ސްނެޕް ބަޓަން) ޖަހާއިރު ގޮށުގެ ދެފަޅި އިނގިލީގެ ދެފަރާތަށްޖެހި ޗިސްޗިސްވެ ލޭފައިބާ އިރުވެސް ފަރުވާ ނުދެވިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވެނީވެސް ވަރަށް ގިނަވަޤުތު ތަކަކަށް ފަހުއެވެ. މިގޮތަށް އިނގިލި ހަލާކުވެފައި ތިބި ކުދިން ވަރަށް ގިނަވާނެއެވެ. ކުއްޖަކު ބަލިވެ ހާލުބޮޑުވާއިރުވެސް އެންމެ ކުޑަވެގެން މައިންބަފައިންގެ ކާރިއަށް ފޮނުވޭނެ ފަދަ ގޮތެއްވެސް ހަމަޖެހިފައި ނުހުރެއެވެ.
އޭޕްރީލް 1983 ގައި ޕާރސަނަލް ސެކްޝަނެއް އުފެދި ފެކްޓަރީގެ އަސާސީ ޤަވާޢިދު އެކުލަވާލުމުގެ މަސައްކަތް ފެށުނެވެ. މިޚަބަރު ލިބުމުން މަސައްކަތްތެރީން މަސައްކަތް ކޮށްފައިވަނީ ހިތް ހަމަޖެހިގެންނެވެ. މަސައްކަތަށް ހާޒިރުނުވާ މީހުންގެ ޢަދަދު %50 މަދުވެ، އަމިއްލައަށް ވަޒީފާ ދޫކޮށްލާ ފަރާތްތައް މަދުވިއެވެ. ނަމަވެސް މާގިނަދުވަސްތަކެއްނުވެ މިކަންތައްވެސް ވަޅުޖެހުނެވެ. 1984 ގެ ފަހުކޮޅު ފެކްޓަރީގެ މެނޭޖަރެއްގެ ވަޒީފާ އަށް އައީ މރ.ކޭ.ޖީ ލިއޯއެވެ. މިއީ ފެކްޓަރީގެ މުސްތަޤުބަލް ވަރަށް އުޖާލާވި ދުވަސްވަރެކެވެ. ނަމަވެސް ވަރަށްކުރު މުއްދަތެއްގައި ހިގި ޒާތީ މައްސަލަ ތަކެއްގައި އޮޅުވާލުމެއްގެ ތެރޭން އޭނާ ރާއްޖެއިން ފޮނުވާލިއެވެ. އެއަށްފަހު ފެކްޓަރީގެ މެނޭޖަރެއްގެ މަޤާމަށް އައީ މިސްޓަރ ޕޫންސަން އެވެ. އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމަށް މިސްޓަރ ފިލިޕްސަން އެވެ. އަދި ކުންފުނީގެ ޑައިރެކްޓަރ މިސްޓަރ ކޭ.ޖީ.ޗޮއި ގަމުގައި ހުންނަ ގޮތަށް ހަމަޖެހުނީވެސް މިއަހަރުއެވެ.
1985ގެ ކުރީކޮޅު މުވައްޒަފުންގެ ޖޮބް ސިކިއުރިޓީއެއް ނެތިގެން އެތަކެއް މައްސަލަތައް ދިމާވުމުން އެސް.ޓީ.އޯ އިން ގަވާއިދެއް ފޮނުވިއެވެ. މިއީވެސް ތާކުންތާކު ޖެހޭ އެއްޗެއްނޫން ކަމަށް އެންމެފަހުން އެސް.ޓީ.އޯ އިން ގަބޫލު ކުރިއެވެ. މިއަހަރުގެ ކުރީކޮޅުން ފެށިގެން ފެކްޓަރީއަށް ބޭނުންވާ ވަރަށް ދިވެހީން ނުލިބުމުގެ މައްސަލަ ދިމާވިއެވެ. އެހެންވެ ބޭރު ގައުމުތަކުން މީހުން ހޯދަން ޖެހުނެވެ. މިގޮތުން 4 ފެބްރުއަރީ 1986ގައި ސިލޯނުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ 112 މީހުން ގެނެސް މިމީހުންނަށް ވަކި ޝިފްޓެއް އުފެދުނެވެ. މިމީހުންގެ މަސައްކަތުން ދައްކާ ނަތީޖާ ހީކުރިހާ ރަގަޅެއް ނޫނެވެ. ތަޖުރިބާ ލިބިފައިވާ ކުއްޖަކަށް އެވްރެޖްކޮށް ދުވާލަކަށް 16.07ގަމީސް ނިންމޭއިރު ތަޖުރިބާ ލިބިފައި ނުވާ ދިވެއްސަކަށް ނިންމެނީ 17.22ގަމީހެވެ. ބިދޭސީންނަށް މަހަކު -/80 ޑޮލަރާއި ކެއުން ބުއިމާއި އަދި ހުރުން ހަމަޖެހިފައިވެއެވެ. ގައިގެ ކުލަވެސް ތަފާތެއް ނެތް މި ދެބައި މީހުންކުރާ މަސައްކަތަކީ ހަމަ އެއް މަސައްކަތެކެވެ. އެންމެފަހުން ބިދޭސީ މުވައްޒަފުން އިތުރުވަމުން އައިސް ސިލޯނުގެ 600 މުއައްޒަފުންނަށް އިތުރުކުރެވުނެވެ.
ދިވެހީންގެ ތެރޭގައި މައިގަނޑަކަށް ހިމެނެނީ އައްޑުއަތޮޅުގެ މީހުންނެވެ. ފުވައްމުލަކު މީހުންވެސް އުޅެއެވެ. މައްސަލަ ބޮޑުވެއްޖެއެވެ. ދިވެހިންގެ ޖޮބް ސިކިއުރިޓީއެއް ނެތެވެ. ކަނޑައެޅިފައިވާ ވަކި ގަވައިދެއް ނެތެވެ. މެނޭޖްމެންޓް ތެރޭގައި އެތައްއެތައް ގޯހެއް ހިގައެވެ. ހަމަޖެހިފައިވާ ކޮމްޕެނީ ޕޮލިސީ އެއްނެތެވެ. މީހުން ގެންގުޅުމުގެ ގޮތްގަނޑު އެގިފައެއް ނެތެވެ. މީހުންގެ ފަރާތުން މަސައްކަތް ކުރުވުމުގެ ތަޖުރިބާ އެއްނެތެވެ. އަނގައިން ބުނެވޭ ކޮންމެ ބަހަކީ ގަވައިދުތަކަކަށް ވެއްޖެއެވެ. ބޭކާރު ޚަރަދުތައް ގިނަވެއްޖެއެވެ. ކުންފުނީގެ މުދާ އަމިއްލަ އެކިބޭނުންތައް ފުއްދުމަށާއި ރަސްމީ ބޭނުންތައް ފުއްދުމަށާއި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ވަޑައިގަތުމުން ސިއްރު ހަދިޔާ ދިނުމަށް ބޭނުންކުރާ ތަކެއްޗަށް ބަދަލުވެއްޖެއެވެ.
ޖޭ.އެސް.އެމް / އެސް.ޓީ.އޯ ވޫވެން ޑިވިޝަނުގެ ހާލަތާ މެދު އެހެން އެއްޗެއްވެސް ބުނެލާނަމެވެ. 1986ގެ ޖުލައިމަހު މިފެކްޓަރީގައި އަންހެނުންގެ 7 ފާޚާނާ ހުރިއިރު ބޭނުންކުރެވެނީ ހަމައެކަނި 3 ފާޚާނާ އެވެ. އަންހެނުންގެ ޢަދަދަކީ 297 އެވެ. ފިރިހެނުންގެ 2 ފާޚާނާ ހުރިއިރު ބޭނުންކުރެވެނީ 1 ފާޚާނާއެވެ. ފިރިހެނުންގެ ޢަދަދަކީ 227 އެވެ. މި ފެކްޓަރީގައި 524 މުއައްޒަފުން ތިބޭއިރު ފެން ބުއިމަށް ހުރީ އެންމެ ފެން އިސްކުރެކެވެ. ކާންތިބޭނެ ތަނެއް ނެތެވެ. ފެކްޓަރީގެ މުދާ ރައްކާ ކުރާ ކޮންމެވެސް ތަނެއްގައި ތިބެގެން ރަށުން ގެންނަ އެތިކޮޅު ކައިލަނީއެވެ. 1986ގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އަމިއްލައަށް ވަޒީފާއިން ވަކިވި ފަރާތްތަކުގެ އެވްރެޖަކީ މަހަކު 14މީހުންނެވެ. މަސައްކަތަށް ހާޒިރު ނުވެގެން ވަކިކުރަންޖެހުނު މީހުންގެ އެވްރެޖަކީ މަހަކު 28 މީހުންނެވެ. މިޢަދަދަކީ1983 އާއި އަޅާބަލާއިރު ތިންގުނަ މަތީ ޢަދަދުތަކެވެ.
ވަޒީފާ ދޫކޮށްދާމީހުން ގިނަވާން ފަށައިފިއެވެ. ހާޒިރު ނުވާމީހުން ގިނަވާން ފަށައިފިއެވެ. މުވައްޒަފުން ހޯދުން ދަތިވާން ފަށައިފިއެވެ. ނަތީޖާއެއްގެ ގޮތުން ކަނޑައެޅޭ މުއްދަތަށް އޯރޑަރުތަކެއް ނުނިންމެއެވެ. ސިލްވަރލައިން ފެކްޓަރީ ބަނގަރޫޓްވީއެވެ. ޖޭ.އެސް.އެމް/އެސް.ޓީ.އޯ އިން ހުރިހާ މުދަލަކާއި މުވައްޒަފުންނާއި ހަވާލުވާން ވެސް ޖެހުނީއެވެ. (ނުނިމޭ)
ފަހުގެ ޚިޔާލުތައް