ދިވެހިންނަކީ ކަނޑު ދަތުރު ފަތުރު ކުރުމުގެ ހުނަރުވެރި ބައެއް

ބޯދާ ދިވެހިންނަކީ ކަނޑު ދަތުރުފަތުރު ކުރުމުގައި ވަރަށްވެސް ހުނަރުވެރި ބައެކެވެ. ދުނިޔޭގެ ގިނަގައުމުތަކަށް ދިވެހިން ދަތުރުކުރީ އަމިއްލައަށް އޮޑިފަހަރު ބަނދެގެންނެވެ. އެންމެފުރަތަމަ އޮޑިފަހަރު ބަނދެފައިވަނީ މަޑޫތައް ރޯނުން ބަނދެގެންނެވެ. އެއަށްފަހު އިލިޖަހައިގެންނެވެ. މި އޮޑިފަހަރު ދުއްވީ ފަލިޖަހައިގެންނާއި ރިޔަލުގައެވެ.

ބޭރު ގައުމުތަކަށް ދިވެހިން ދަތުރުކުރީ މައިގަނޑު ދެ ބޭނުމެއްގައެވެ. ފުރަތަމަ ބޭނުމަކީ ވިޔާފާރިއެވެ. ދެވަނަ ބޭނުމަކީ ގައުމީ އަދި ފަރުދީ ބޭނުންތަކެވެ.

ރާއްޖޭގެ ދެކުނު މީހުން ރިޔާނެގި އޮޑިފަހަރުގައި އަހަރަކު އެއްފަރު އޮޅުދޫ ކަރަޔަށް ވިޔަފާރި ދަތުރުކުރިއެވެ. މިފަދަ ދަތުރެއް ކުރެވެނީ ގާތްގަނޑަކަށް ފަސްމަސް ދުވަހުންނެވެ. ސިލޯނަށް ކުރާ ދަތުރުތަކުގައި މޫސުން ރީތިނަމަ ރަށުން ފުރައިގެން ތިންރޭ ނުވަތަ ހަތަރު ރޭ ފަހުން ކޮޅުނބުގެ ބައްތިތައް ފެނެއެވެ. ޖެހިގެން އަންނަ ދުވަހު ކޮޅުނބުގައި ބަނދަރުކުރާނެއެވެ. ދިވެހި އޮޑިފަހަރުގެ ސްޕީޑަކީ ގާތްގަޑަކަށް ގަޑިއަކު ހަތަރު މޭލެވެ.

ވެރިކަމުގެ ފަރާތުން ބޭރުގެ ގައުމުތަކާއި ސިޔާސީ ގުޅުން ގާއިމުކުރުމަށް ކުރާ ދަތުރަކީ ރަދުންގެ ފަރާތުން ފަތްކޮޅުތަކާއި ވެދުން ހިފައިގެން ސަފީރަކާއެކު ބޭރު ގައުމުތަކަށް ކުރެވޭ ދަތުރުތަކެވެ.

ރަށުން ފުރީއްސުރެން މާލިމީ ކުރާ މަސައްކަތަކީ ރެއާއި ދުވާލު އޮޑި ދަތުރު ކުރާގޮތާއި ދަތުރުކޮށްފައިވާގޮތް ބަލައި ދިރާސާ ކުރުމެވެ. އެގޮތުން އިރާއި ހަނދަށް އަދި  ތަރިތަކަށް ބަލައިގެން ފިލާ އަޅާނެއެވެ. މީގެ އިތުރުން ވާގަނޑަކުން ދަތުރު ބަލައި ހިސާބުކުރާނެއެވެ. އޮޑީގެ ފަޅުވެރީންނާއި މާލިމީ އަކާއި މުދިމަކާއި އޮޑީގައި ބައިތިއްބަނީ އޮޑީގެ ވެރިފަރާތުންނެވެ. ދަތުރުވެރީން ގެންދާ މުދަލުގެ 1/10 ބައި ނާލުގެ ގޮތުގައި އޮޑިވެރިޔާއަށް ދޭންޖެހޭނެއެވެ. އައްޑޫ އޮޑިފަހަރުގައި ދަތުރުވެރިންނަށް ކައްކައި ކާން ދިނުމުގެ ކަންތައްތައް ހަމަޖައްސަނީ އޮޑީގެ ވެރިފަރާތުންނެވެ. ދަތުރުވެރީންގެ ބައެއް މީހުން އެމީހުންގެ އަމިއްލަ ތަކެތިވެސް ކައިބޮއި އުޅޭނެއެވެ.

ބޯދާ ޒަމާނުގައިކުރާ މިފަދަ ދަތުރުތައް ކުރަނީ ދިވެހި ސަރުކާރުން ހުއްދަނަގައިގެނެއްނޫނެވެ. ދަތުރަކަށް ތައްޔާރުވުމުގެ ގޮތުން ކުރާކަމަކީ ކޮއްތާއި ބޯފެނާއި ދަރު އޮޑިޔަށްލުމެވެ. ދަތުރުވެރީން ގެންދާ ސާާމާނުތައް އޮޑިއަށްލުމުގެ އިތުރުން ދަތުރުވެރީން އެބައިމީހުންގެ ގާތްތިމާގެ މީހުންނަށާއި ރަހުމަތްތެރިންނަށް ވަސިއްޔަތްކުރުން އޮވެއެވެ.

އެޒަމާނުގައި ރާއްޖޭގެ ރަށްރަށުގައި ބަނދަރެއް ނޯވެއެވެ. ވުމާއެކު އޮޑިއަށް އަރަންޖެހެނީ ބޮއްކުރާތަކާއި ދޯނިފަހަރު ތަކަށް އަރައިގެންގޮހެވެ. ދަތުރުވެރީންނާއި އެމީހުންގެ މުދަލާއި ސާމާނުތައް އޮޑިއަށް އަރުވަންވާނީ އެމީހެއްގެ މުދަލުގައި ނަންޖަހާފައެވެ. ހުރިހާ މުދާތަކާއި މީހުން އޮޑިއަށް އަރާ ނިމުމުގެ ކުރިން މާލިމީ އޮޑިއަކަށް ނާރާނެއެވެ. އޭނާ އެރުމާއެކު އޮޑި ފުރާނެއެވެ.

އޮޑި ފުރާދުވަހު ގާތްތިމާގެ މީހުން އަތިރިމައްޗަށް ގޮސް ދަތުރު ވެރީންނާއި ސަލާން ކުރާނެއެވެ. އޮޑި ފުރައިގެން ދިއުމުން އެބައިމީހުން ގެޔަށްދާނީ ހިތާމަކޮށް ކަރުނައަޅައި ރޮމުންނެވެ.

ބޭރު ގައުމުތަކަށް ކުރާ ވިޔަފާރި ދަތުރުތަކުގައި ގެންދާ ތަކެއްޗަކީ ހިކިކަނޑުމަހާއި މިޔަރު އުރަހައާއި ރިހާކުރާއި ވެލާމަހާއި ވެލާ ބިހާއި ބޮއްޔާއި ކަހަނބު ފަތާއި މާވަހަރެވެ. މީގެ އިތުރުން ރޯނާއި ކާށްޓާއި ބޮނޑި އާއި ވެށުމާއި ހުއްކަރާއި އައުރުހާއި އަސާރަ އާއި ކުފުރާ އާއި ވެލި ހަކުރުވެސް ގެންދާނެއެވެ. މިތަކެތި ބަންގާޅަށާއި އެފުރިކާއަށާއި ރޯމަށާއި އަރަބިކަރަ އަށާއި ޔަމަންކަރައަށް ވިއްކައެވެ.

ދިވެހިން ދަތުރުކުރާ ގައުމުތަކުގެ ތެރޭގައި އޮޅުދޫކަރައާއިި މާލާބާރުކަރައާއި އިރާގުކަރައާއި އަސޭ ކަރައާއި ސީނުކަރައާއި ބަންގާޅާއި އެފުރިކާއާއި އާއި މެލޭޝިޔާއާއި ތުރުކީ ވިލާތް ހިމެނެއެވެ. މިދަތުރުތަކުގައި ގެންދާ ތަކެތި ވިއްކައިގެން ލިބޭ ފައިސާއަށް ގަންނަ ތަކެތީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި ލޯކަންވާރާއި އަތަރާއި ދިވެހި ބޭސް ހަދަންބޭނުންކުރާ ބާވަތްތަކާއި ކަފަ އާއި ތަށްޓާއި ރުނބައާއި ވޮށާއި ފުނޑާ ދަޔާއި ދިރިއުޅުމަށް ބޭނުންކުރާ އެހެނިހެން ބައެއް ސާމާނު ހިމެނެއެވެ.

ސިލޯނަށް ކުރާ ދަތުރުތަކުގައި ބަނދަރު ކުރުމާއެކު ޑޮކްޓަރުންގެ ޓީމެއް އޮޑިއަށް އަރާނެއެވެ. މިޓީމު އޮޑިއަށް އެރުމަށްފަހު މީހުންގެ އަދަދު ގުނާނެއެވެ. އެއަށްފަހު އޮޑިވެރިޔާ އާއި ލިޔުންތަކެއް ހަވާލުކުރާނެއެވެ. މިލިޔުންތައް ލިބުމުން އޮޑީގެ ހުރިހާ މީހުން ވެކްސިންޖަހަން ދާންޖެހޭނެއެވެ. ވެކްސިންޖަހައި ނިމުމުން ޕާސްޕޯޓް ލިބޭނެއެވެ. ޕާސްޕޯޓް ލިބުމުން ނޫނީ އެރަށުގެ އެއްވެސްތާކަށް ދިއުމަކީ މަނާކަމެކެވެ.

ދަތުރުވެރީން ގެންދިޔަ މުދާ ވިއްކުމަށްފަހު ރަށަށް ގެންދާނެ މުދާ ގަންނާނެއެވެ. މުދާގަނެ ދަތުރު ނިމޭނީ ދެ ތިން މަސް ދުވަހުންނެވެ.

މޫސުމް ބަދަލުވެ އިރުވައި މޫސުމުގެ ވައި ޖެހެންފެށުމުން ނޫނީ ދިވެހިރާއްޖެ އައުމަށްް ދަތުރު ނުފަށާނެއެވެ. އޮޑި ފަހަރު ދާނީ އެބައިމީހުންގެ އަތޮޅަށެވެ. ނޫނީ އޮޑިވެރިމީހާގެ ރަށަށެވެ. ބައެއް އޮޑިފަހަރު މާލެއަށް އަންނާނެއެވެ. މިގޮތުން އޮޑިއެއް މާލެއަށް އައިސްފިނަމަ ހަފުތާއެއްހާ ދުވަސްވާންދެން މާލޭގެ ކަނޑުތޮށީގެ ބޭރުކައިރީގައި ކަރަންޓީނުގައި އޮންނަންޖެހެއެވެ. މިގޮތުގައި ތިބޭއިރު އޮޑީގެ ކުނބުކުރީގައި ކަރަންޓީނު ދިދަ ނަގާފައި ހުންނަން ޖެހޭނެއެވެ. ކަރަންޓީނު ފިލުމުން ނޫނީ މާލެއަށް ފޭބުމަކީ މަނާކަމެކެވެ. އަދި ފުރުމަކީވެސް މަނާކަމެކެވެ.

ރަށުގައި ތިބޭމީހުން އޮޑީގެ ޚަބަރު ބަލަން އުޅޭނީ އިރުވައި މޫސުމުގެ ވައި ޖެހެން ފެށުމުންނެވެ. އޮޑީގެ ޚަބަރު ބަލަން ކުރާކަމަކީ އޮޑިއާދޭތޯ އަތިރިމައްޗަށްގޮސް އޮޑި ފެނޭތޯ ބެލުމާއި ރަށުތެރޭގައި ހުންނަ ދިގުރުށްރުކަށް އަރައި ތިބެ އޮޑިއެއް ފެނޭތޯ ބެލުމެވެ. މިގޮތުން އޮޑިއެއްފެނިއްޖެނަމަ އެފެނުނު މީހާ ރުކުގައި އޮވެ އޮޑިއެއް އަންނަކަން އަންގާނެއެވެ. އެ ޚަބަރާއެކު އިސާހިތަކު މުޅިރަށުތެރޭގައި އޮޑިއެއް އަންނަ ޚަބަރު ފެތުރިގެންދާނެއެވެ.

އެޒަމާނުގައި މުވާސަލާތީ ކަންތައް ހުންނަގޮތުން އޮޑިފަހަރު ރަށުން ފުރުމަށްފަހު ރަށުގައި ތިބޭ ބަޔަކަށް ދަތުރުވެރިންގެ ޚަބަރެއްވުމަކީ ވަރަށް ނާދިރުކަމެކެވެ. ޚަބަރެއްލިބުނަސް އެ ޚަބަރެއް ލިބޭނީ އެހެން އޮޑިއަކުން ދަތުރު ކުރިިބަޔަކާއި ދިމާވެ ވާހަކަދެކެވިފައިވާނަމައެވެ. އެޒަމާނުގައި ތެލިފޯނާއި ކޮމިއުނިކޭޝަން ވީއެޗްއެފް ސެޓްފަދަ ތަކެއްޗަކީ މީހުން ދަންނަ ތަކެއްޗެއްނޫނެވެ. ވުމާއެކު ދަތުރުވެރީންގެ ޚަބަރުބެލޭނެ ގޮތެއް ނުހުރެއެވެ. އޮޑިފަހަރު ދަތުރުކުރަމުން ގޮސް ބައެއް އަތޮޅުތަކާއި ކާރިވުމުން ރަށްރަށުން ދޯނިފަހަރުގައި މީހުން އޮޑިދޮށަށް ދާނެއެވެ. މިފަދައިން ގޮސް އޮޑިފަހަރުގެ ޚަބަރު އަހައި އޮޅުން ފިލުވާނެއެވެ.

އޮޑިފަހަރު ރަށަށް އަންނަ ދުވަހު ރަށު މީހުން ތިބޭނީ ވަރަށް އުފަލުންނެވެ. އޮޑި އަންނާތީ އެކަމުގެ އުފަލުގައި ދަތުރުވެރީންގެ ގޭގައި ކުކުޅު ކަތިލައި ރޫސިޔާބަތް ކައްކައި ސަދަގާތްދީ ހަދާނެއެވެ.

You may also like...

1 Response

  1. އަލްކެމިސްޓް says:

    މިއި ވަރަށް މުހިއްމު މައުލޫމާތު ކޮޅެއް ހިމަނާފައިވާ ލިޔުމެއް . އަދި ފުރިހަމަ ކޮށްލަން ރިފަރެންސް ހަދާލަން ރަނގަޅު ފޮތް ތަކަކީ:

    1.ކަނޑުވައި މުޙައްމަދު މަނިކު. (1999). ވަނަވަރު. މާލެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ.
    2.އަހުމަދު ޝަފީޤް. (2000). ދަންފުޅި. މާލެ. މިނިސްޓްރީ އޮފް އިންފޯމޭޝަން ކަލްޗަރ
    3.މުހައްމަދު އިބްރާހިމް ލުޠުފީ. (1995). ދިވެހިރާއްޖޭގެ ޖިއޯގްރަފީގެ ވަނަވަރު. މާލެ. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް.
    4.މުހައްމަދު ޙަސަން މަނިކު. (2002). ރާއްޖޭގައި ކަނޑުދަތުރުކުރުން. މާލެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.

Leave a Reply

Your email address will not be published. Required fields are marked *