އައިސާދަރި އަހައްމައިދީގެ ވަނަވަރު

ފަޟީލަތުއްޝައިޚު އަޙްމަދު ދީދީ އިބްނު އިބްރާހިމް ތަކުރުފާނު ނުވަތަ އައިސާބީގެދަރު އަޙްމަދުދީދީއަކީ އައްޑޫމީދޫ ގަނޑުވަރު އައްޝައިޚް އަލްޚަޠީބު އައްނާއިބު ޙުސައިންތަކުރުފާނުގެ އަލްއައްލާމާ އައްޝައިޚު އަލްޙާފިޡު އިބްރާހިމް ތަކުރުފާނު އަޚޫޚުލް ޤާޟީ މޫސާ ބަދުރުއްދީން (އައިސާދަރި ދޮންބެއްޔާ)ގެ ދަރިކަލުންނެވެ. މައިކަނބަލަކީ އައްޑޫމީދޫ ގަނޑުވަރު އައްޝައިޚު އަލްޚަޠީބު އައްނާއިބު މުޙައްމަދު ތަކުރުފާނު އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީނު ރަދުންނަށް ދިއަފުރަސޫތާވިނުފަން އަލްއަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނުންގެ ދަރިކަނބަލުން އަލްއަމީރާ ޢާއިޝަތު ދޮށީދީދީއާއި ކާވެނިބައްލަވައިގެން ލިބިވަޑައިގަތް ގަނޑުވަރު އަޙްމަދުދީދީގެ ދަރިކަނބަލުން ދޮންދީދީއެވެ. އަޙްމަދު ދީދީގެ މަތިފުށް ހަތަރު ފަރާތުންމެ އަލްޢައްލާމާ މުޙައްމަދު ޝަމްސުއްދީނުލްކަބީރު ބޮޑުފަނޑިޔާރު ތަކުރުފާނާއި އައްޑޫ މީދޫ ކޯގަންނު މެދުޒިޔާރަތުގައި ފަސްދާނު ވެޑުވިފައިވާ މައުލާނާ ވަލިއްޔުﷲއަލްފަޤީހު އަލްއިމާމް ޔޫސުފު ނާއިބު އިބްނު ޢީސާ އަލްޤާދިިރު މިކަލޭގެފާނާއި ގުޅިފައިވެއެވެ.

އަޙްމަދު ދީދީ ދުނިޔާގެ އަލިކަން ދެކެވަޑައިގަތީ 1298ހ. ގައި އައްޑޫމީދޫ އައިސާބީގެ ދަރުގައެވެ. އޭނާ އެމަދްރަސާތަކަކުން ކިޔަވައި މޮޅުވި ދެ މަދަރުސާއަކީ އޭރު ރާއްޖޭގައި ހުރި އެންމެ ޢިލްމީ ދެ މަދްރަސާއެވެ. އެއްމަދްރަސާއަކީ އޭނާގެ ޢިލްމްވެރި ބައްޕަ އަލްޢައްލާމަތު އައްޝައިޚު އަލްޙާފިޘު އިބްރާހިމް ތަކުރުފާނުންގެ މަދްރަސާއެވެ. އެއީ ވަރަށްގިނަ ޢިލްމުވެރިންތަކެއް ޢިލްމުވެރިވެގެން ނުކުތް މަދްރަސާއެކެވެ. އެތަކުރުފާނުންގެ އަރިހުން ދަރިވަރުވެގެން މޮޅުވި ޢިލްމުވެރީންގެ ތެރޭގައި ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން، ފަޟީލަތުއްޝައިޚް އިބްރާހިމް ލުޠްފީ، ފަޝީލަތުއްޝައިޚް ޢަބްދުއްރަޙްމާނު، އައްޑޫ މީދޫ އެދުރުގޭ ފަޟީލަތުއްޝައިޚް އަޙްމަދު އިބްނުމުޙައްމަދު ދީދީ، އިބްރާހިމް ފަނޑިޔާރުތަކުރުފާނުގެ ދޮންމަނިކުގެ ފަޟީލަތުއްޝައިޚް ޢަލިދީދީ، އައްސައްޔިދު ޙުސައިން ޢަފީފުއްދީން (ބޮޑުފެންވަޅުގޭ ސީދީ) ފަދަ ފުންނާބުއުސް ޢިލްމުވެރިންނާއި މާންދޫގޭ އަލް އަމީރު ދޮށީ މަނިއްޕުޅު، އަލްޚަޠީބު ޙުސައިންދީދީ (ގދ. ފިޔޯރީތުއްތުދީދީ)، ގދ. ތިނަދޫ އައްޝައިޚް މުދިމް ޙުސައިންތަކުރުފާނުފަދަ ފާހަގަކުރެވޭ އެތައް ޢިލްމީ ޝަޚްޞިއްޔަތްތައް ހިމެނެއެވެ. ފަޟީލަތުލް އުސްތާޛް އައްޝައިޚް މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވެއެވެ. (އައްޝައިޚް އަލްފަޤީހު އަލްޙާފިޡު އިބްރާހިމްތަކުރުފާނު/ދޮންބެއްޔާ) “މިތަކުރުފާނަކީ ދިވެހީންގެ ތެރެއިން ވަރަށްގިނަ ބައަކަށް ކިޔަވައިދެއްވި އުސްތާޛެކެވެ. އޭނާގެ އަރިހުން ކިޔަވައިގެން މޮޅުވީ ހަމައެކަނި ސ. އަތޮޅުގެ ދަަރީންނެއްނޫނެވެ. އޭނާގެ ޢިލްމީ ޚިދްމަތް ކަނޑުތައް ހުރަސްކޮށް މާލެއާއި ހަމައަށް ފޯރާފައިވެއެވެ. ” (ޢުލޫމުގެ ގުލްޝަން/އަމާޒް،48، ޖުލާއި1976، ޞ.14-15)

އަލްއުސްތާޛް އިބްރާހިމް ޝިހާބު “ތާރީޚީ އަޞްލުތަކާއި ސިއްރުތަކުގެތެރެއިން ދިވެހި ރަށްވެހިކަން މިޒަމާނަށް ކުރިމަތިލުން” މިޞުރުޚީގެ ދަށުން ލިޔުއްވި މަޤާލާގައިި ވިދާޅުވެފައިވެއެވެ. “ތަޢުލީމު ފެތުރުމުގެ ގޮތުން މިރާއްޖޭގައި ފަހަކަށް އައިސް ފާޅުވެގެންވާ ޚިދްމަތެއް ފުރަތަމަކުރެއްވީ އަޅުގަނޑުމެންގެ މެދުގައި މަޝްހޫރު ނާއިބުތުއްތުއާއި މީދޫގައި ހުންނެވި އިބްރާހިމް ދޮންބެއްޔާއެވެ. މިދެކަލުންގެ އަރިހުން ކިޔެވި މީހުންގެ ތެރެއިންވެސް އެކަށީގެންވާ ރަނގަޅު ގިނަ ދަރިވަރުންތަކެއްް އުފެދުނީ ދޮންބެއްޔާގެ އަރިހުންނެވެ. އޭނާގެ ދަރިވަރުންގެ ތެރޭގައި އެންމެރަނގަޅަށް ޢަރަބިބަހާއި ދީނުގެ ޢިލްމާއި ބޭސްވެރިކަމުގެ ޢިލްމު ދެނެލައްވާ ބޭކަލުން ތަކެއް ރާއްޖޭގެ އެދުވަސްވަރު ވަނީ ދެކިފައެވެ.”

ފަޟީލަތުއްޝައިޚް އަޙްމަދު ދީދީ ތަޢުލީމު ޙާޞިލު ކުރެއްވި ދެވަނަ މަދްރަސާއަކީ އަލްޢައްލާމަތު އައްޝައިޚް އަލްފަޤީހު މުޙައްމަދު ޖަމާލުއްދީން ނާއިބު ތުއްތޫގެ މަދްރަސާއެވެ. ދެއަހަރުދުވަސް ވާނދެން ނާއިބުތުއްތުގެ އަރިހުން ތަޢުލީމް ޙާޞިލް ކުރެއްވުމުގައި މާލޭގައި ފަޟީލަތުއްޝައިޚް އަޙްމަދުދީދީ ހޭދަކުރެއްވިއެވެ. އެދުވަސްވަރު، އައްޝައިޚް ޢަލީ ހުސާމުއްދީން އިބްނު ޢަބްދުލް ޤާދިރުއްނުސުކީފަދަ ޢިލްމުވެރީންގެ އަރިހުންވެސް ފަޟީލަތުއްޝައިޚް އިތުރު ތަޢުލީމީ ފާއިދާތައް ހާޞިލު ކުރެއްވިއެވެ. ޙުސައިން ޞަލާޙުއްދީނު ލިޔުއްވައެވެ. “އަލްފަޤީހު އިބްރާހިމްތަކުރުފާނު (ދޮންބެއްޔާ) އަލްޙާއްޖު ޢިމާދުއްދީނުގެ ރަސްކަމުގެ ކުރީކޮޅުގައި މާލެ ދުރުވި ދަތުރު ރަށަށްފުރުއްވިއިރު މިތަކުރުފާނާއި އެކުގައި މާލޭ ބޮޑުގަލުގޭ މޫސާދީދީގެ ފުތް ދަރަވަންދޫގޭ ޙުސައިން ދީދީ ޢިލްމު ކިޔެވުމުގެ އެދުމުގައި އައްޑުވަށް ދިޔައެވެ. އެއީ 1311ހ. މިވަނައަހަރުއެވެ. މިދަތުރު އެތަކުރުފާނު ރަށަށް ދުރުވެފައި މި ޙުސައިންދީދީ އަށާއި އެދުރުގޭ އަހުމަދު ދީދީއަށާއި މިތަކުރުފާނުންގެ އަޙްމަދުދީދީ އަށާއި ކިޔަވައިދެއްވަން ފައްޓަވައިފިއެވެ. މިއިރު މިތިންމީހުންގެ ޢުމުރުން ތޭރައަހަރު ވެގެން ސައުދަ އަހަރަށް އަޅާއިގަތީއެވެ. “އިބްރާއިމްތަކުރުފާނު (ދޮންބެއްޔާ) ކިޔަވައިދެއްވި ތަޢުލީމު ފުރިހަމަވުމުން ޙުސައިން ދީދީ މާލެ ފޮނުއްވަމުން އެދުރުގޭ އަޙުމަދު ދީދީއާއި ޙުސައިން ދީދީއާއި ދެބޭފުޅުންނަށް އެތަކުރުފާނު ބުނުއްވިކަމަށް ޞަލާހުއްދީން ލިޔުއްވާފައިވެއެވެ. “ދެން ތިޔައިގެ ދެކުދީން ނާއިބު ތުއްތޫގެ އަރިހަށް ދިއުމުން ކިޔެވިދާނެޔޭ ކިޔަވައިނުދެއްވައެއް ފަރަކުވެސް ނުޖެހޭނެމެޔޭ ދެން ހުސައިންދީދީ މާލެ އަތުވެއްޖެއެވެ. ދެ އަޙުމަދުދީދީ އައްޑޫގައި ކިޔެވުމާއިގެން މަޝްޣޫލުވެ ތިއްބެވީއެވެ. “ނާއިބުތުއްތު އެދުވަސްވަރު ގިނަގިނައިން އުޅުއްވީ އުތުރު ރަށްރަށުގައި ކަމަށާއި މާލޭގައި ވަޒަންވެރިވެ ހުންނަވާންފެށުމުން ހުސައިންދީދީ ކިޔަވާން ފަށްޓަވާފައި އަށްޑުވަށް ސިޓީފޮނުވުމުން އެދުރުގޭ އަޙްމަދުދީދީ މާލެ ވަޑައިގެން ކިޔަވާވިދާޅުވާން ފެއްޓެވިކަމަށާއި ދުވަސްކޮޅަކުން ދޮންބެއްޔާގެ އަޙްމަދު ދީދީ ވެސް މާލެވަޑައިގެން ދެއަހަރެއް ވާނދެން ނާއިބުތުއްތުގެ އަރިހުން ކިޔަވާ ވިދާޅުވާން މާލޭގައި ހުންނެވިކަމަށްވެސް ޞަލާހުއްދީން ލިޔުއްވާފައިވެއެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ސަލާހުއްދީނުގެ ލިޔުއްވުންތަކުން އެނގޭގޮތުގައި ދޮންބެއްޔާ ކިޔަވައިދެއްވި މާއްދާތަކުގެ ތެރޭގައި ތައުޙީދު، ފިޤްހު، ތަފްސީރު، ޙަދީޘް، ޢަރަބިބަސް، ބަސްފޮތް ބަލަން ދަސްކޮށްދިނުންފަދަ މާއްދާތައް ހިމެނުނެވެ. އަދި ކިޔަވައިދެއްވި ފޮތްފޮތުގެ ތެރޭގައި ތަފްސީރު މަޢާލިމުއްތަންޒީލާއި އާޖުރޫމިއްޔާ ކިޔާ ނަޙްވު ފޮތެއް ހިމެނެއެވެ.

“ސައުރަވަންނަ ފަރްޟު” މިފޮތުގައި ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވައެވެ. “މިފޮތަކީ އަހުރެންގެ އުމުރުން 14 އަހަރުގައި އައްޑުވަށް ގޮސް އަހުރެންގެ އެދުރު އަލްޢާލިމު އަލްފާޟިލް އައްޝައިޚް އިބްރާހިމް އިބުނު ޙުސައިނުލް މީދުވިއްޔުލް އައްޑުވިއްޔި މިކަލޭގެފާނުގެ ގޭގައި ކިޔަވަންހުރި ދުވަސްވަރުގައި ކިޔަވައިދެއްވި ފޮތެކެވެ. މި ކިޔެވިފޮތް ލިޔުއްވާފައިވަނީ އައްޝައިޚް އިބްރާހިމް ތަކުރުފާނުންގެ އެއްކިހުނުފަން އަލްޢާލިމު އަލްފާޟިލް އައްޝައިޚް އަލްޤާޟީ މޫސާ ބަދުރުއްދީނުލް މީދުވިއްޔިލް އައްޑުވިއްޔި މިތަކުރުފާނުންގެ އަތްޕުޅުންނެވެ. ލިޔުއްވައި ނިންމަވާފައިވަނީ 1291ހ. މިވަނަ އަހަރު ގައެވެ. އެފޮތަކީ މިސައުރަވަންނަ ފަރްޟު ނޫންކިތަންމެ ކުދިކުދި މަތަންތަކެއް ލިޔުއްވާފައިވާފޮތެކެވެ. އައްޑޫގެ ޢިލްމުވެރި ޒާތުގެ މުސްކުޅިން ބުނުއްވަނީ މިސައުރަވަންނަ ފަރްޟަކީ އައްޝައިޚް މުޙައްމަދު ޖަމާލުއްދީނުލް މަޙައްލީ ވާދޫ ދަންނަ ކަލޭގެފާނު މިރާއްޖެ ދުރުވެ ރާއްޖޭގައި ފެތުރުއްވެވި ޢިލްމުތަކުގެ ތެރެއިން އެއްޗެއްކަމުގައެވެ. އެފޮތަކީ އެހެންނާ އޭނާ އޭނާ ހެއްދެވި ފޮތެކެވެ. އެހެންނާ އޭނާ ގެންނެވި ފޮތެކެވެ. މިދެގޮތުންކުރެ އެއްގޮތެއްވެސް އެމީހުންނަކަށް އޮޅުމެއް ނުފިލައެވެ. އަހުރެން މާލެއައިސް މާލޭގައިހުރެ ރޭދުވާ ތަކުރާރުވަމުން އައިސް އަހުރެންގެ ޢުމުރުން ސާޅީސް އަހަރު ވެއަތުވެގޮސް މުސްކުޅިއަތަށް އެޅުނު ފަހުން އެފޮތުގެ މަތީން ހަނދާންވާންފަށައިފިއެވެ. އެފޮތުގައި ހުރި ޤުރްއާނުގެ އާޔަތްތަކާއި ޙަދީޘްތައް ދަސްވެފައި ހުރިކަމާއި އެކު ފޮތް އޮތް ތަރުތީބު ގޮތެއް ހަނދާންނެތެވެ. ދެންފޮތް ދެކެލާން ބޭނުންވެގެން އަހުރެންނާއެކު ޢިލްމު އުނގެނޭން އުޅުއްވި އަޙުމަދު އިބްނު އިބްރާހިމް ތަކުރުފާނު މިދީދީއަށް ސިޓީލިއުއްވުމުން އޭނާ އެފޮތް ފޮނުއްވައިފިއެވެ. އަޙްމަދުދީދީ އަށް މާތްﷲ ހެޔޮޖަޒާ ދެއްވާނެތެވެ. “އަދި އެފޮތަކީ ވާދޫ ދަންނަކަލޭގެފާނުގެ ޒަމާނުއްސުރެ އިސްލާމްދީން އުނގަންނައިދޭ ދަންނަބޭކަލުން ގެންގުޅުއްވި ފޮތެއްކަމާއި އެފޮތަކީ އެތަކުރުފާނު ޙިޖާޒުކަރައިގައްޔާއި ޔަމަނުކަރައިގައި ޢިލްމު ހޯއްދެވުމަށް އުޅުއްވާފައި ރާއްޖެ ދުރުވިއިރު ގެންނެވި އެއްޗެއްކަން ފަހުން ތަޙްޤީޤު ވެފައިވާކަމަށް ވެސް ލިޔުއްވައެވެ.

އަލްއުސްތާޛް މުޙައްމަދު ޖަމީލު ލިޔުއްވައެވެ. “ފަޟީލަތުއްޝައިޚް ޙުސައިންޞަލާޙުއްދީނަކީ މިދެންނެވި ޢިލްމުވެރިޔާ (އައްޝައިޚު އަލްޙާފިޘު އިބްރާހިމް ތަކުރުފާނު) ގެ އަރިހުން ދަރިވަރުވެގެން މޮޅުވި ޢާލިމެކެވެ.

ހަމައެފަދައިން މާންދޫގޭ އަލްއަމީރު ދޮށީ މަނިއްޕުޅަށް އަރަބިބަސް އުނގަންނައި ދެއްވީވެސް އަލްފަޤީހު އިބްރާހިމް ތަކުރުފާނު ދޮންބެއްޔާއެވެ. ސ. އަތޮޅުގެ ދަރީންކުރެ އަލްމަރްހޫމް އެދުރުގޭ (ފަޟީލަތުއްސައިޚް) އަޙްމަދު ދީދީ އާއި ދޮންބެއްޔާގެ ދަރިކަލުން (ފަޟީލަތުއްޝައިޚް) އަޙްމަދު ދީދީ އަކީވެސް ދޮންބެއްޔާގެ އަރިހުން ދަރިވަރުވެގެން ނިކުތް މޮޅުޢާލިމުންނެވެ.

ދޮންބެއްޔާގެ އަޙުމަދު ދީދިގެ މަޝްހޫރު ބޭސްފޮތް (ތިއްބުލްފުޤަރާއި) މިއީ ދިވެހި ފޮތްތަކުގެ ތެރެއިން އޭނާ ދޫކުރައްވާފައިވާ ވަރަށްވެސް އަގުހުރި މުދަލެކެވެ. “(ޢުލޫމުގެ ޤުލްޝަން/އަމާޒް،48، ޖުލާއި 1976، ޞ.14-15)

ފަޟީލަތުއްޝައިޚް އަޙްމަދު ދީދީ އަކީ ތައުޙީދު ފިޤުޙު، ތަފްސީރު ޙަދީޘް، ނަޙްވު، ޞަރުފު، ޢިލްމުލް ބަލާޣާ ފަދަ ޢަރަބި ބަހާއި ދީނީ އަދި ޝަރްޢީ ޢިލްމުތަކުގައި އަރާހުންނެވި ބޭފުޅެކެވެ. ދިވެހިރާއްޖެ ދުވަހަކުވެސް ދުށް ކުޅަދާނަ ޙަކީމީ ބޭސްވެރިޔާއެވެ. އަޙުމަދު ދީދީއަކީ ޢިލްމުވެރިއަކަށް އަދި ބޭސް ވެރިޙަކީމަކަށްވުމުގެ އިތުރަށް މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ރޮނގުތަކުގައި ވެސް ފަންނުވެރިއެކެވެ. ތިލޭރު އަތްކަމާއި ފޭރާންކުރުމާއި ދެބާވަތުގެ ވަޑާމަށް ކުޅަދާނަ މަސައްކަތްތެރިއެކެވެ. ޢަރަބި ތާނަ ރީތިކޮށް ލިޔުއްވުމުގައި ކުޅަދާނަ ޚައްޠާޠެކެވެ. ނަމަވެސް އޭނާ އެންމެ ޚާއްޞަ ޢިނާޔަތްތެރިކަމެއް ދެއްވީ ބޭސްވެރިކަމުގެ ރޮނގަށެވެ. އަލްފާޟިލު އަޙްމަދު ޝަފީޤު އެކުލަވާލެއްވި “ދިވެހި މަސައްކަތްތެރިކަން” މިފޮތުގައި އޭނާ ލިޔުއްވާ ގޮތުގައި ފަޟީލަތުއްޝައިޚް އަޙްމަދު ދީދީއަކީ ލާގެ މަސައްކަތުގެ އުސްތާޛެކެވެ.

ބޭސްވެރިކަމާއި އެނޫން ރޮނގުތަކުގައި އެނަމޫނާއަކަށް އޭނާ ތަބާވެ ވަޑައިގަތް ނަމޫނާއަކީ އަދި އޭނާގެ އެންމެ ބޮޑު އުސްތާޒަކީ އޭނާގެ އިލްމުވެރި ބައްޕަ އަލްޢައްލަމާތު އައްޝައިޙު އަލްޙާފިޡު އިބްރާހިމް ތަކުރުފާނު (އައިސާބީގެދަރު ދޮންބެއްޔާ) އެވެ. އެތަކުރުފާނަކީ ދިވެހިހަކީމުންގެ ތެރެއިން ޔޫނާނީ-އަރަބިބޭހާއި ދިވެހިބޭހުގެ ރޮނގުގައި އެންމެ އަރާހުންނެވި އެއްހަކީމެވެ. ދޮންބެއްޔާއަކީ އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީނު މުސްކުޅި ބަންޑާރައިންގެ ޒަމާނުގައި އެރަދުންގެ ޚާއްޞަ ޑަކްޓަރުވެސް މެއެވެ.

ހީނަރުވެފައި އޮތް އިހުގެ ދިވެހި ބޭސްވެރިކަން ދިރުއްވައި ތަރައްޤީކުރުމަށް ދިވެއްސަކު ދުވަހަކުވެސް ނުކުރާ މިންވަރަކަށް ފަޟީލަތުއްޝައިޚް އަޙްމަދު ދީދީ މަސައްކަތް ކުރެއްވިއެވެ. ޢަރަބި ބޭހާއި ދިވެހި ބޭހުގެ ޢިލްމުގައި އޭނާއަށް ލިބިފައިވާ ކުޅަދާނަކަން އޭނާގެ މިމަޤްސަދުގައި އޭނާއަށް މަތީ ދަރަޖައަކަށް ވާގިވެރިވިއެވެ.

ދިވެހި ބޭސްވެރިކަން ދިރުއްވުމަށް އޭނާ މުޠާލަޢާ ކުރައްވަމުން ގެންދެވީ ބޭސްވެރިކަމުގެ މައިދާނުގައި މުޅި ދުނިޔޭގައި ވިދި “ރިފަރެންސް” ފޮތްތަކެވެ. އާދެ! ތަސްހީލުލްމަނާފިޢި، ކިތާބުއްރަޙްމަތި ލިއްސުޔޫޠީ، ތަޛްކިރަތުލްއަންޠާކިއްޔާ، މުފްރަދާތުއިބްނުލްބައިޠާރު، އަބޫބަކުރުއްރާޒީގެ އަލްޙާވީ، އިބްނުއްނަފީސުގެ މޫޖަޒުލްޤާނޫނު، އިބްނުސީނާގެ ޤާނޫނުފަދަ އިސްލާމީ ސިވިލައިޒޭޝަނުގެ ބޭސްވެރިކަމުގެ ފަންނާއި ގްރީކުންގެ ބޭސްވެރިކަމުގެ ފޮތްތައް ދިރާސާކުރެއްވުމަށްފަހު ދިވެހިބަހުން ބޭސްފޮތްތައް ލިޔުއްވިއެވެ. އޭގެ ތެރެއިން ފަސްފޮތް މިހާރުވެސް ފެންނަން އެބައޮތެވެ. އެބޭސް ފޮތްތައް މުޠާލިޢާ ކުރާމީހަކަށް އަޙްމަދު ދީދީގެ ޢަރަބިބަހާއި ދިވެހި ބަހުގެ ފެންވަރުގެ މަތިވެރިކަން ވަންހަނާވެގެން ނުވާނެއެވެ. މިހެނީ އާދައިގެ ޢަރަބިބަހުގެ ފޮތެއް ތަރުޖަމާކުރުމަށްވުރެ ބޭސްވެރިކަމުގެ ފަންނުގެ ފޮތްތައް ތަރުޖަމާކޮށް ފަތްޕިލާވެއްޔާއި ބޭހުގެ މާއްދާތަކާއި ބަލިބައްޔަށް ކިޔާ ނަންތައް ދިވެހި ބަހަށް ގެނައުން މާއުނދަގޫ ވާނެއެވެ. އޭނާ ބޭސްވެރިކަމުގެ ރޮނގުގައި ލިޔުއްވި އެންމެ ބޮޑު އަދި އެންމެ އަގުހުރި ފޮތަކީ ޠިއްބުލްފުޤަރާއި ފީ ހިކްމަތިލްއުމަރާއި އެވެ.

އަޙްމަދު ދީދީގެ ބޭސްވެރިކަމާއި ޢިލާޖްގެ މަޤްބޫލުކަން ހުއްޓިގެންވީ ދިވެހި ޖަޒީރާތަކަށް އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ކަނޑުތައް ހުރަސްކޮށް އޮޅުދޫކަރައިގެ ޑޮކްޓަރުންގެ މެދުގައިވެސް އޭނާގެ ބޭސްވެރިކަމަށް މަޤްބޫލުކަން ލިބުނެވެ. އާދެ! އޭނާގެ އަރިހުން ބޭސްފަރުވާ ހޯދި މީހަކު އެދުވަސްވަރު ސިލޯނުގެ ޑޮކްޓަރެއްގެ ގާތަށް ދިޔުމުން އަޙްމަދު ދީދީ އޭނާއަށް ބޭސް ކުރެއްވި ގޮތީ އޭނާގެ އެބައްޔަށް ފަރުވާދެވޭނޭ އެންމެ ރަނގަޅު ގޮތްކަމަށް ލަފާ ދެއްވިއެވެ. އެލަފާގެ މަތިން އޭނާ ރާއްޖެއަށް އައި އިރު އަޙްމަދު ދީދީ ވަނީ އަވަހާރަވެފައެވެ.

ފިޒިޝަނުންނަކީ ކޮންމެ ހިނދެއްގައިވެސް ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމުގެ މަތިވެރި ވާޖިބު އަދާކުރުމުގައި ދެމިތިބެން ޖެހޭބަޔެއްކަން އޭނާވަނީ އަމަލީގޮތުން ސާބިތުކޮށް ދައްކަވާފައެވެ. އައްޑު އަތޮޅު މީދޫގައި މީހަކު މަރުވެގެން އެމައްޔިތާގެ މޫނު ދެކިލާން އަޙްމަދު ދީދީ ވަޑައިގެންނެވި ދުވަހެކެވެ. މަރުވެފައި އޮތް މީހާގެ މޫނު ހަމަފެނިވަޑައިގަތުމާއެކު އޭނާ ވަޅުނުލައި ބާއްވަން ވިދާޅުވެފައި ގެއަށް ވަޑައިގެންފައި އެނބުރި ވަޑައިގަތީ ބޭހާއި ފަރުވާދޭނެ ސާމާނު ހިއްޕަވައިގެންނެވެ. އެމީހާގެ ދުލުގެ ކޮޅުގައި ބޭހެއް ޖައްސަވައި އޭނާގެ ވިންދު ބައްލަވައި ހެއްދެވުމަށްފަހު ކަފުން ބާލަން ވިދާޅުވިއެވެ. އޭގެ ފަހުގައި އެތަނުން އަޙްމަދު ދީދީ ތެދުވެ ވަޑައިގަތިީ އެމީހާ ތެދުވެ ހަރަކާތްކުރާން ފެށި ފަހުންނެވެ. އެމީހާ މަރުވީ އޭގެ ފަހުގައި ފުރިހަމަ ސިއްހަތުގައި ހުރެ ތިން ފިރިހެން ދަރިން ލިބި ބޮޑުވިވެސް ފަހުންނެވެ.

އަޙްމަދު ދީދީއަކީ ހެދިހުރި ހަށިކޮޅާއި އިސްކޮޅު މެދުމިނު ލޫޅާފަތި ދޮން ބޭފުޅެކެވެ. އަޙްމަދު ދީދީ ދިރިއުޅުއްވީ އޭނާގެ އުފަން ރަށް އައްޑު އަތޮޅު މީދޫގައެވެ. ނަމަވެސް އޭނާ ބޭސްފަރުވާގެ ޚިދްމަތް ދެއްވަން މާލެއާއި ރާއްޖޭގެ އެކި ތަންތަނަށް ގިނަގިނައިން ދަތުރު ކުރައްވާ އުޅެއްވިއެވެ. އޭނާ ތަނަކަށް ވަޑައިގެން ފިއްޔާ އެތަނެއްގައި އޮންނަނީ “ކުލިނިކް” ހުޅުވިފައެވެ. ބޭސްފަރުވާގެ ޚިދްމަތް ދިވެހިންނަށް އޭނާ ދެއްވީ މުޅިންވެސް ހިލޭ ދަރުމައަށެވެ. އެއްވެސް އަގެއް އުޖޫރައެއް ނުހިއްޕަވައެވެ. އައްޑުއަތޮޅު މީދޫގެ ނާއިބުކަން ކުރެއްވިއެވެ. އަވަހާރަވީއިރުވެސް އޭނާ ހުންނެވީ އެމަޤާމުގައެވެ.

ބޭސްވެރިކަމުގެ ރޮނގުގައި އޭނާގެ އަރިހުން ކިޔަވައިގެން މޮޅުވި ދަރިވަރުންތަކެއް ރާއްޖޭގެ އެކިކަންކޮޅު ތަކުގައި އުފެދުނެވެ. އޭނާގެ ދަރިވަރުންގެ ތެރޭގައި އޭނާގެ ދަރިކަލުން މުޙައްމަދު ދީދީއާއި އޭނާގެ ދައްތަގެ ދަރިކަލުން ކުދުރަނިޔަގެ މުޙައްމަދު މަނިކުފާނަކީ ފާހަގަކުރެވޭ ދެ ބޭސްވެރީންނެވެ.

އަޙްމަދު ދީދީ އަވަހާރަވިއިރު އޭނާއަކީ އަރަބިތާނަ ލިޔުއްވުންރީތި ބޭފުޅަކަށް ވުމާއެކު ޢަރަބިބަހުގެ ތުރާސީ ފޮތްތައް އަލްއިމާމުއްނަވަވީގެ މިންހާޖު، އަލްއާޖުރުމިއްޔާ ފަދަ ފޮތްތައް އޭގެ އަސްލު ޗާޕު ފޮތްފޮތުން ބައްލަވައިގެން ވަރަށްރީތިކޮށް ލިޔުއްވާފައިހުއްޓެވެ. މީގެ ބައެއްފޮތްތައް އަދި މިހާތަނަށް ވެސް އެބަހުއްޓެވެ. މިބުރަމަސައްކަތް ކުރެއްވީ ޢިލްމަށް އޭނާގެހުރި ލޯތްބެއްގެ ބޮޑުކަމުންނެވެ. އަބަދުވެސް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންތަކަކަށް އުނގަންނަވައި ދެއްވުމުގައި ހޭދަކުރެއްވި އުސްތާޒަކަށް ވެފައި އެޒަމާނަކީ ޗާޕްފޮތްތައް ދަރިވަރުންނަށް ޢާއްމުކޮށް ލިބެންހުރި ޒަމާނަކަށް ނުވުމާއެކު ގިނަދަރިވަރުންނަށް ބޭނުންހިފޭނޭ ފޮތްތައް ލިޔުއްވުމަށެވެ. އަޙްމަދު ދީދީ އަވަހާރަވިއިރު އޭނާގެ، ގެ މިހާރުގެ ސ.މީދޫ އަލިވާގޭ ގައި ލައިބްރަރީއެއްހައި ގިނައަދަދެއްގެ ފޮތްތައް ހުއްޓެވެ. ނަމަވެސް އެކިމީސްމީހުން ބަލަންހޯދި ފޮތްތައް އަނބުރައި ރައްދުކުރެވިފައިނެތުމާއި ދެމެހެއްޓެނިވި ގޮތަކަށް ރައްކައުތެރިކުރެވޭނޭ ގޮތެއް ހަމަޖެހިފައި ނެތުމުގެ ސަބަބުން އޭގެވަރަށް މަދުފޮތެއް ފިޔަވައި ގިނަފޮތްތައް މިހާރު ފެންނާކަށްނެތެވެ.

ފަޟީލަތުއްޝައިޚް އަހްމަދުދީދީ ބޭހުގެ ރޮނގުގައްޔާއި އެނޫން ރޮނގުތަކުގައި ގިނަ ފޮތްތަކެއް ލިޔުއްވިއެވެ. ރަށުގެ ނާއިބުކަމުގައި ހުންނަވައި މުޢާމަލާތުގެ ޢަޙްކާމުގައި ލިޔުއްވިފޮތާއި ދިވެހި ތާރީޚާއި އިސްލާމީ ތާރީޚާއި ނަސަބުގެ ޢިލްމާއި މީދޫގެ ވަޤުފުތަކާއި އެރަށުގެ ދަރިކޮޅުގެ މައްޗަށް ލިޔުއްވިފޮތް ވަރަށްބާކޮށް އެކަމުގެ މިހާރުވެސް ފެންނަން އެބައޮތެވެ. ފަޟީލަތުއްޝައިޚު އަޙްމަދު ދީދީ ލިޔުއްވި ފޮތްތައް ދިގުމުއްދަތަކަށް ރައްކާތެރިކުރުމަށް އެޅުނު ހުރަސްތަކުގެ ތެރޭގައި އެފޮތްތައް ލިޔުއްވާފައިހުރީ އަނދުން ދަވާދުންކަމަށްވުމުން ފޮތްތަކުގެ ގަނޑުތައް އަވަހަށްފީވެ ހަލާކުވާގޮތް މެދުވެރިވުމާއި ފޮތްތެރިކަމުގެ އެތަރިކައަށް އަމާނާތްތެރިނޫން އަތްތަކުގައި އެފޮތްތައް ޖެހޭގޮތްވިކަން ހިމެނެއެވެ.

މިފޮތް ލިޔުއްވައި ނިންމެވިތާ މާގިނަ ދުވަސް ތަކެއްނުވެ އަޙްމަދު ދީދީ އަވަހާރަވެއްޖެއެވެ. އެއީ 11ޝަޢުބާން 1357ހ. ދުވަހެވެ. ފަސްދާނު ލެވިފައިވަނީ މީދޫ ކޯގަންނު ގަބުރުސްތާނުގައި ބޮޑުފަނޑިޔާރު ތަކުރުފާނު ބިނާކުރެއްވާފައިވާ ފަނޑިޔާރު މިސްކިތުގެ އިރުއުތުރުން މިސްކިތާ ކާރީގައެވެ. މިމިސްކިތަކީ އަޙްމަދުދީދީ އެމިސްކިތެއްގެ އިމާމުކަން ކުރައްވައި އަދި ބަލަހައްޓަވަމުން ގެންދެވި މިސްކިތެކެވެ.

އަޙްމަދު ދީދީގެ އަނބިކަނބަލުންނަކީ ސ. މީދޫ ގަނޑުވަރު އަޙުމަދު ދީދީގެ ޢަލިދީދީގެ މަރިޔަމް ދީދީ އެވެ. އަޙުމަދު ދީދީ އާއި މަރިޔަމް ދީދީގެ ދެބޭފުޅުން ތިއްބެވިއެވެ. އެއީ އިބްރާހިމް ދީދީ އާއި މުޙައްމަދު ދީދީ އެވެ. ގދ. ފިޔޯރީ ފޫޅުމާގެ އާމިނަތު ދީދީއާ ކާވެނިބައްލަވައިގެން ބޭފުޅަކު ލިބިވަޑައިގަތެވެ. އެއީ ޢަލި ދީދީއެވެ. މުޙައްމަދު ދީދީ އާއި ޢަލި ދީދީގެ ދަރިކޮޅު އެބައޮތެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!