ބަބުރު ފަޑިޔައްތަކުރުފާނުގެ ޒިޔާރަތުގެ ހަގީގަތް
އީދިގަންމޫލެ ފަންނުން އަތިރިއަށް ފައިބާއިރު މުލިމަތީގައި ފެންނާން ހުންނަ ކަމަށް ބުނާ މަހާނަތަކާއި ޒިޔާރަތުގެ ހަގީގަތަކީ ކޮބައިބާވައެވެ. މަހާނަތަކޭ މިދެންނެވީ އާދައިގެ މަތިން މާކަންމަތީގައި ވަޅުލެވިފައިވާ މީހުންގެ މަހާނަތަކުގެ ވާހަކައެއް ނޫނެވެ. އިހުގެ މާކަންމައްޗަކީ މިހާރުގެ މުލިމަތިން ބަޔެއްވެސް ހިމެނުނު ސަރަހައްދެކެވެ. އެހެންވީމާ މުލިމަތީގައިވެސް ހަގީގަތް ނޭގޭ މިނިކަށިތައް ގިނައެވެ.
މުލިމަތީގައިވާ މަހާނަތަކުގެ ތެރެއިން މީސްތަކުންގެ ސަމާލުކަން ހުއްޓެނީ ތިން މަހާނައަކަށެވެ. އެއީ ބަބުރު ފަޑިޔައްތަކުރުފާނުގެ މަހާނައޭ ކިޔުނު މަހާނައަކާއި ލެއްގި ބެއްޔާ މަހާނައޭ ކިޔުނު މަހާނައަކާއި ދާދިފަހަކުން ބޮޑު ހަނގުރާމައިގެ ދުވަސްވަރު މަރުވެގެން ވަޅުލި ބީރައްޓެހި އަންހެނެއްގެ މަހާނައެވެ. މީގެ ތެރެއިން ބަބުރު ފަޑިޔައްތަކުރުފާނުގެ މަހާނައަކީ ދާދިފަހަކާ ހަމަޔަށްވެސް ވެލިލައި ގާފޮޅު ރާނައި އަދި ހިޔާވެސްކޮށް ޒިޔާރަތެއްގެ ސިފަ ގެނެސްފައި ހުރި މަހާނައެކެވެ. އެހެންވީމާ މި ލިޔުމުގައި ބަލައިލާނީ މިއީ ކޮން ފަޑިޔައްތަކުރުފާނެއް ކަމާއި މިޒިޔާރަތަކީ ކޮން ގޮތަކަށް އުފެދުނު ޒިޔާރަތެއްކަމާއި މެދުގައެވެ.
ފަޑިޔައްތަކުރުފާނެކޭ ބުނީމާ އެއީ ކޮންމެވެސް ކަހަލަ ދަރަޖަވެރިއެއްކަން އެނގެއެވެ. މީދޫގައި ދަރަޖަވެރިން ވަޅުލާފައިވާ ހަމަޔާއި އުސޫލުން ބޭރުގައި މާދުރު ވަލެއްގެ ތެރޭގައި އެކަހަލަ ދަރަޖަވެރިޔަކު ވަޅުލާން މެދުވެރިވީ ކީއްވެގެން ބާވައެވެ. މީދޫގެ ދަރަޖަވެރީންނާއި އިލްމުވެރިންގެ ތެރޭގައި ބަބުރު ފަޑިޔައްތަކުރުފާނޭ ކިޔުނު މީހަކު ހިމެނިގެންވޭ ބާވައެވެ.
ހިތަދޫ ތޫނޑޭރެ ޒުލައިޚާބީގެ ބޭރެމާތެ ބީފާނު ކައިވެނިކުރީ ކުޑަބަނޑޭރި މޫސާތަކުރުފާނޭ ކިޔުނު މީހަކާއެވެ. މި ދެމަފިރިންނަށް ލިބުނު ހަތަރު ދަރީންގެ ތެރެއިން އެކަކީ ބަބުރު ހުސައިން ތަކުރުފާނެވެ. މިއީ ހިތަދޫ މީހެކެވެ. ބަބުރު ތަކުރުފާނޭ ކިޔުނީ ބުނެވޭ ގޮތުގައި ހަމުގެ ކުލަ ކަޅުކަމުންނެވެ. މި ތަކުރުފާނަކީ ދަރަޖަވެރިޔެކެވެ. ހިތަދޫއާއި ގަމުގައި އަދި މީދޫގައި އާއިލީގޮތުން މިތަކުރުފާނާއި ގުޅިފައިވާ ދަރަޖަވެރީންވެސް ތިއްބެވެ. އެހެންކަމުން މިއީ ކޯގަންނުގައި ވަޅުލުމަށް ޝަރުތުހަމަވާ މީހެކެވެ. އެހެންނަމަވެސް ދަތުރުވަރިއެއްގައި މީދޫގައި އުޅެނިކޮށް ނިޔާވީއެވެ. އަދި ކޮންމެވެސް ސަބަބަކާހެދި ކޯގަންނު ނޫންތަނެއްގައި ވަޅުލީއެވެ.
ޚުރާފާތުގެ ކަންކަން ފެތުރުމަކީ އިހު ވަރަށް އާއްމު ކަމެކެވެ. މިގޮތުން އީދިގަންމޫލެ ފަންނުން އަތިރިއަށް ފައިބާ މީހުންނަށް އެހިސާބުން ގުރުއާން ކިޔަވާ އަޑު އިވޭ ވާހަކަޔާއި އެނޫންވެސް ވާހަކަ އާއްމުވެ ބަބުރު ތަކުރުފާނުގެ މަހާނައިގެ ވަށައިގެން ގާފޮޅެއް ރާނައި ހިޔާކޮށް ޒިޔާރަތެއްގެ ސިފަ ގެނައީއެވެ. މި މަހާނައިން އިވޭ ކަމަށް ބުނާ އަޑުއަޑާއި ފެންނަ ކަމަށް ކިޔާ މަންޒަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެކެވެ. ޒިޔާރަތް ހިޔާކޮށްފައި ހުރީ ފަނުންނެވެ.
މިކަން މިމަގުން ހިނގަމުން އައިސް ވައްހާބީންގެ އަސަރު މީދޫއަށްވެސް ފޯރައި ޒިޔާރަތްތައް ތަޅައި ނައްތާލުމުގެ ތެރެއިން އެންމެ ފުރަތަމަ ނައްތައިލެވުނު ޒިޔާރަތަކީ ބަބުރު ތަކުރުފާނުގެ ޒިޔާރަތެވެ. މިކަންކުރި މީހާ ވަރަށް ގިނަބަޔަކު ދަނެއެވެ. ކޮންމެއަކަސް އެހިސާބުން އެޒިޔާރަތާއި އެޒިޔާރަތުގެ އަސަރުވެސް ވަނީ ނެތިގެންގޮސްފައެވެ.
ބަބުރު ފަޑިޔައްތަކުރުފާނަކީ މީދޫ މީހެއް ނޫނެވެ. އެއީ ހިތަދޫ މީހެކެވެ. އެއީ ފަނޑިޔާރެއްވެސް ނޫނެވެ. އެއީ އެޒަމާނުގައި ދަރަޖަވެރި ކުރުމުގެ އުސޫލުގެ ތެރެއިން ދަރަޖަވެރި ކުރެވުނު މީހަކީއެވެ. ވަކި ޚާއްސަ މަސައްކަތްތަކެއް ކުރި މީހެއްކަން އެނގޭކަށްވެސް ނެތެވެ. މިތަކުރުފާނުގެ ތިމާގެ މީހުންގެ ތެރެއިން ވަރަށް މަޝްހޫރު އެހެން ފަޑިޔައްތަކުރުފާނެއް އުޅުއްވިއެވެ. ފަހަކަށް އައިސް ބައެއް މީހުން ވާހަކަދެއްކުމުގައި ފަނޑިޔާރުތަކުރުފާނާއި ފަޑިޔައްތަކުރުފާނު އޮޅުވާލައެވެ. އެއީ މައުލޫމާތުގެ ފަގީރުކަމާއި އިހުގެ ދަރަޖަތަކާއި ލަގަބުތައް ދަތުން ކުޑަވުމުގެ ސަބަބުންވާ ގޮތެކެވެ.
ފަހުގެ ޚިޔާލުތައް