މި ނެރު ހަދާފައި ނޫނީ ހުއްޓައިލުމެއް ނެތެވެ
މީދޫ އުތުރު ފަރާތުން މާކަނޑަށް ވަދެ ނިކުމެވޭ ގޮތަށް ފަރު ގޮއްވައިގެން ނެރެއް ހެދުމުގެ ވާހަކަ ދެކެވެން ފެށުމުން ބައެއް މީހުންނަށް އެއީ ގޯސް ކަމަކަށްވެ ޒާތްޒާތުގެ ލިޔުންތައް ލިޔާތީ ފެނިއްޖެއެވެ. ފޭސްބުކް ނޫން ބުކެއް ހައްދަވައިގެން ނުކިޔާ މީހުންވެސް ކީބޯޑް ސައެންޓިސްޓުންނަށްވެ ތިމާވެށީގެ ވާހަކައިން ފަތުވާ ނެރޭތީ ފެނިއްޖެއެވެ. ޖިއޮގްރަފީއެއް ޖިއޮލޮޖީއެއް ވަކިނުވިއަސް މިދެކަމުގެ ވާހަކައިން ގޮވާތީ އިވެން ފަށައިފިއެވެ. އެހެންވެ އަޅުގަނޑުވެސް ދެތިން ބަހެއް އަމުނާލަން ކަމަށެވެ.
މީދޫގައި ނެރެއް ހެދުމުގެ ޚިޔާލަކީ ވަކި މީހެއްގެ ރިޔާސީ ކެންޑިޑެސީއާއި ގުޅުވައިގެން މީދޫ ރައްޔިތުން ދެކެންފެށި ހުވަފެނެއް ނޫނެވެ. އެއީ މާކުރީގެ ހުވަފެނެކެވެ. މިހުވަފެން ހަގީގަތަކަށް ހެދުމުގެ ގޮތުން ކުރަން ޖެހޭ ދިރާސާތަކާއި ވިސްނަން ޖެހޭ ވިސްނުންތައް އޮތީ މާކުރީގައި ވެސް ފުރިހަމަކޮށް ނިމިފަ އެވެ. އޭގެތެރޭގައި ތިމާވެށީގެ ނަޒަރިއްޔާތުން ވިސްނަންޖެހޭ ވިސްނުންތަކަށްފަހު ކަމާބެހޭ އިދާރާތަކުގެ މާހިރުން ފުރިހަމަކޮށްފައިވާ އީއައިއޭ ރިޕޯޓްވެސް ހިމެނެއެވެ.
ނެރު ހެދުމަށް ވަކި ކެންޑިޑޭޓެއްގެ އެހީތެރިކަމަށް މީދޫގެ ރައްޔިތުން އެދިފައިވަނީ މި ނެރުހަދައިދީފިނަމަ މިއަހަރު ވޯޓުދިނުން ލާޒިމުކުރާ ގޮތަކަށްވެސް ނޫނެވެ. މީދޫ ރައްޔިތުންގެ ވޯޓަކީ އެ ކެންޑިޑޭޓަށް އާވޯޓެއްވެސް ނޫނެވެ. ނެރު ހެދުމުގައި އެ ކެންޑިޑޭޓުގެ އެހީތެރިކަމަށް މީދޫ ރައްޔިތުން އެދިފައިވަނީ އެންމެފުރަތަމަ ވޯޓު ދީފައެވެ. 2008 ގެ ރިޔާސީ އިންތިޚާބުގައި ރަށްރަށުން ވޯޓުދިންގޮތް ބަލައިލީމާ މިހަގީގަތް ފެންނާނެއެވެ.
ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް އޮތީ ހެދިފައެވެ. އެ ގާނޫނުތަކަކީ ހިތަދޫއަށް ވަކިގޮތެއް، މަރަދޫއަށް ވަކި ގޮތެއް އަދި މީދޫއަށް ވަކިގޮތެއް ހެދުމަށް ބާރުއަޅާ ގާނޫނުތަކެއް ނޫނެވެ. އެއީ އެންމެނަށްވެސް ހަމަހަމަ ގާނޫންތަކެކެވެ. ކަންމިހެން އޮތްއިރު ހިތަދޫ ފަޅުތެރެއިން އެތައް ހެކްޓަރެއްގެ ބިން ހިއްކައި ހިތަދޫ އިރު އުތުރުފަރާތުން މާކަނޑަށް ނެރުކަނޑައި ގަމުން ފެށިގެން ހިތަދޫއާ ހަމައަށް ހުރިހާ ރަށްތަކެއް ކޯޒްވޭތަކުން ގުޅާލައި ހައިވޭ ހަދައި ރައްޔިތުންގެ ލުއިފަސޭހަޔަށް ކަންތައް ކުރަމުންދާދިއުން މިގާނޫންތަކާ ފުށުނާރައި މީދޫގައި ނެރެއް ހެދުމުން އެއީ ފެހި ގާނޫން އަސާސީ މުގުރާލުމަކަށްވުމަކީ ހެއްވާކަމާއި ޒާތީ ތައްސުބާއި މޮޔަކަމުގެ ކޮޅުނެތްކޮޅެވެ.
ކޮންމެ ކަމެއްވެސް ކުރަނީ ދިރާސާތަކަށްފަހު ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބިގެންނެވެ. މީދޫ ނެރުގެ މަޝްރޫއަށްވެސް އެހުއްދަ އޮތީ ލިބިފައެވެ. އެހެން ރަށްރަށުގައިވެސް މިފަދަ މަޝްރޫއުތައް ހިންގަނީ މިއުސޫލުންނެވެ. އެކަމަކު މިއުސޫލުން މީދޫ އިސްތިސްނާކުރަން ބަޔަކު އެބަ ބޭނުންވެއެވެ. ކާބަން ނިއުޓްރަލްކޮށް އެންމެ އެވޭލާ ގަދީމީ ޒަމާނުގެ ނަމޫނާ ދައްކަން މިރާއްޖޭގައި އޮންނަން ޖެހޭ ރަށަކީ މީދޫކަމަށް ގަބޫލު ކުރެވެނީވެސް ތޯއްޗެކެވެ. އޭގެ ހަގީގަތް އެގޭނީ ހަމައެބަޔަކަށެވެ. އެބައެއްގެ ސިކުނޑީގައި ރަނގަޅު ނިޔަތެއް ނެތްކަން ކަށަވަރެވެ.
މީދޫ ނެރުގެ މަޝްރޫއު ނިމުމުން އެމަޝްރޫއުގެ ފައިދާ އޮތީ ހަމައެކަނި މީދޫއަކަށް ނޫނެވެ. ހަމައެވަރަށް ހުޅުދޫއަށްވެސް އެފައިދާ އެބައޮތެވެ. ކުރިއަށް އޮތްތަނުގައި ހުޅުދޫއާއި މީދޫގައި ބޭނުންކުރާނީ ބޮޑު އެއްބަނދަރެވެ. އެބަނދަރު ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެހެންވީމާ ނެރުގެ މަޝްރޫއަކީ މީދޫ ދެބޮއްކުރާއަކާއި ތިން ދޯންޏެއް މާކަނޑަށް ނެރެ ދިހަ މިނިޓް ސަލާމަތް ކުރުމަށް އޮޑިވެރީންގެ އެދުމަށް ހިންގަން އުޅޭ މަޝްރޫއެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ. މި މަޝްރޫއު ނިމުމުން މާކަނޑަށް ވަދެ ނިކުމެ ވުމުގައި ސަލާމަތްވާނީ އެންމެ ދިހަ މިނިޓެއް ނޫނެވެ.
މީދޫ އިރުއުތުރުފަރާތު ބޭރަކީ އާއްމުކޮށް މަސްވެރިކަމުގެ ސަރަހައްދެވެ. އެސަރަހައްދަށްދާން މިހާރު ހޭދަވާ ވަގުތުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ބޮޑުބައި މިނެރުގެ ސަބަބުން ސަލާމަތްވާނެއެވެ. ވަގުތާއެކު އެސަލާމަތްވަނީ ތެލެވެ. ރުފިޔާއެވެ. ޚަރަދެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
އެތެރެވަރިން އެންވެރިކަން ކުރާނަމަ މާކަނޑަށް ނުކުތުމުގައި މިނެރުގެ ސަބަބުން މާބޮޑު ފަސޭހައެއް ނުލިބޭނެ ވާހަކައަށް އަޅުގަނޑުވެސް އެއްބަހެވެ. އެކަމަކު އެންވެރިކަމަށް އަބަދު ނުކުންނަނީ އެތެރެވަރިއަށް ބާވައެވެ. އެތަނުން މާކަނޑަށް ނުކުތުމަށްފަހު ދެން އެނބުރި އަންނަނީވެސް އަދި ބަނދަރު ކުރަނީވެސް އެތެރެވަރީގައި ބާވައެވެ. ވާހަކައެއް ދައްކާއިރު ދެކޮޅު ޖެހޭގޮތަށް ދައްކާނަމަ އެއީ އެކޮޅުމިކޮޅު ބަލައި ހޯދާފައި ދައްކާ ވާހަކައެއްކަން އެހެންމީހުންނަށްވެސް މޭރުންވެދާނެ ތޯއްޗެކެވެ.
މީދޫ އުތުރުފަރާތުގައި ނެރެއް ހެދުމަކުން ހިތަދޫ، މަރަދޫ އަދި މަރަދޫފޭދޫ އާއި ފޭދޫ މީހުންނަށް ކުރާނެ މަންފާއެއް ނެތެވެ. އެމަންފާ އޮތީ ހުޅުދޫއާއި މީދޫގެ ރައްޔިތުންނަށެވެ. އަދި ފުވައްމުލަކު މީހުންނަށްވެސް ކުރާނެއެވެ. އޭގެ ސިއްރަކީ ފުވައްމުލަކުން އައްޑޫއަށް ދަތުރުކުރާނަމަ މިނެރުގެ ސަބަބުން ވަގުތާއި ޚަރަދުގެ ވަރަށް ބޮޑުބައެއް ސަލާމަތް ކުރެވޭތީއެވެ. އެއީ ފުވައްމުލަކުން ގަމަށް ނުވަތަ ފޭދޫއަށް ކުރާ ދަތުރެއްކަމުގައިވިއަސް ކަންއޮތްގޮތެވެ. އެހެންވީމާ މީދޫއާއި ހުޅުދޫއަށް މަންފާ ކުރަނިވި ކަމެއްގައި އެހެންބަޔަކު ނުކުމެ ތިމާވެއްޓޭ ސިކުނޑިއޭ މުންޖޭ ކިޔަން ފެށީމާ އެ ބަޔަކު އެގޮވަނީ އައުގުރާނަ ނޫން އެއްޗެއް ކަމަށް ބެލޭނެ ގޮތެއް ނެތެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނެރުގޮއްވައި ބަނދަރު ހަދައި ކޯޒްވޭތައް ހަދައި ބިން ހިއްކަނީ އެތަންތާގައި ދިރިއުޅޭ މީހުންގެ ބޭނުންތަކަށެވެ. އެފަދަ މަސައްކަތްކުރާ އެންމެން މޮޔައިންނަށް ނުވެފައި އަދި އެމަސައްކަތްތަކަކީ އިއާދަނުކުރެވޭވަރުގެ ގެއްލުމަކަށްވެސް ނުވެފައި ކުއްލިއަކަށް ހުޅުމީދޫގެ ނެރުގެ މައްސަލާގައި އެދެރަށުގެ އެންމެން ގަމާރުންނާއި މޮޔައިންނަށްވެފައި އެ ނެރަކީ އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް ތިމާވެއްޓަށް ލިބިދާނެ ކަމަކަށް ވެގެން ފެހި ގާނޫނު އަސާސީގެ މާއްދާތައް ބަޔަކު ހިތުދަސްކުރިއަސް ފަރުވާލެއް ނެތެވެ. ޕެސިފިކާއި އެޓްލާންޓިކް ގުޅުވައިދޭ ޕެނަމާ ކެނަލާއި ރެޑްސީ އާއި މެޑިޓެރޭނިއަންސީ ގުޅުވައިދޭ ސުއޭޒް ކެނަލްގެ ތާރީޚު ބަލައިލާށެވެ. ދުނިޔޭގެ އެކިތަންތާގައި ހަދަމުންދާ ޑޭމްތަކަށް ބަލައިލާށެވެ. ހައްތާވެސް ތިމާވެއްޓަށް ނުރައްކާ ކަންކަމެވެ. އެކަމަކު ކުރަން ޖެހުނީމާ ކަމުގެ ނުރައްކާ ކިތަންމެ ބޮޑަސް އެންމެންވެސް އެތިބެނީ ކޮށްގެންނެވެ. އިސްތިސްނާވާ ބަޔަކު ނެތެވެ.
ޑައިނަމައިޓް (ފަރެންދާ) ބޭނުންކޮށްގެން ފަރުގޮއްވައި ނެރު ހެދުމަކީ އައްޑުއަތޮޅަށް އާކަމެއް ނޫނެވެ. ފަރު ގޮއްވައިނުލާ އެންމެ ރަށެއްވެސް ނެތެވެ. އިނިރޭސިންގެ ޒަމާނުގެ ކުރީކޮޅު ރައްޔިތުން އެދިގެން އަތޮޅު އޮފީހުގެ އިޒުނަޔާއެކު އިނގިރޭސިން ވަނީ އައްޑޫ ދެބިތުގެ ފަރުގެ ވަރަށް ގިނަތަންތަން ގޮއްވައިފައެވެ. ހުޅުމީދޫއަށް ބަލާއިރު ތިން ތަނެއްގައި ޑައިނަމައިޓް އަޅައިގެން ގޮއްވާފައިވެއެވެ. އެއީ ކެޑެވާހެރައިގެ ކޮޅު، ހިކަހެރައިގެ ކޮޅު އަދި ހުޅުދޫ ވެހަމެދުވަތި ކިޔާ ތަނެކެވެ. މީގެ ތެރެއިން ކެޑެވާހެރައިގެ ކޮޅުގައި ގޮއްވާފައިވަނީ އޭރަށް ބަލާއިރު ވަރަށް ބޮޑު ގޮއްވުމެކެވެ. އެހެންވީމާ މިކަންކަން ނޭގިތިބެ ހޯހޯއޭ ތިޔައީ އަހަރެމެން އަދި ދުވަހަކުވެސް ކުރިކަމެއް ނޫނޭ، ޑައިނަމައިޓޭ ވެއްޓޭ ފަރޭ ފަޅޮލޭ ގޮވީމާ ތިޔަތިބެވެނީ ހަމަރޮލާކަން ޔަގީންވެއެވެ.
މީދޫ ނެރު ގޮއްވުމުގެ މަސައްކަތް ހުޅުމީދޫ ރައްޔިތުން ކުރާނެއެވެ. މިފަހަރު ނުކުރެވުނިއްޔާ އެހެންފަހަރަކުންވެސް ކުރާނެއެވެ. އެފަހަރު ނުކުރެވުނިއްޔާ ދެންއަންނަ ފަހަރަކުންވެސް ކުރާނެއެވެ. މިޚިޔާލާއި މިބޭނުމަށް ނިމުމެއް ނެތެވެ. ވަކި ކެންޑިޑޭޓެއްގެ އެހީތެރިކަން ލިބުނަސް ނުލިބުނަސް އެމަސައްކަތް ކުރާނެއެވެ. އެކަން ހަޖަމުނުކުރެވޭ ބަޔަކު ތިބިއްޔާ ޑައިޖިން ބޮއެގެންވިޔަސް ލުޔެއްލިބޭތޯ އުޅުން ބުއްދިވެރިއެވެ.
ނިންމާލުމުގެ ކުރިން އެހެން ވާހަކައެކެވެ. ހުޅުމީދޫއަކީ އަތޮޅު ހިންގަން ތިބޭ ބަޔަކާއި އެބަޔަކަށް ތާއީދުކުރާ މީހުންގެ ތަރިކަ މުދާގަނޑެއް ނޫނެވެ. މަޖިލީހުގެ ގޮނޑި ހޫނުކުރަން ތިބޭ ބައެއްގެ މިލްކެއްވެސް ނޫނެވެ. ޕާޓީތަކުން ކުޅޭ ކުޅިވަރުގައި ދެކޮޅަށް ޖަހައި ތަޅައި މަރައި ހަދަން ޖެހޭ ބޯޅައެއްވެސް ނޫނެވެ. ހުޅުމީދޫ ރައްޔިތުން ބޭނުން ގޮތަކަށް އެމީހުންގެ ދިރިއުޅުން ބައްޓަން ކުރާނެ އެވެ. ގޯތި ގެދޮރު ވެސް އާރާސްތު ކުރާނެ އެވެ. މިވާހަކަ މިއަދު މިދައްކާގޮތަށް މާދަމާވެސް އަޅުގަނޑުމެން ދައްކާނަމެވެ. އެނބުރޭ ސިޔާސީ އޮއިވަރަކުން މިވާހަކައިގެ މިސްރާބު ބަދަލު ވުމެއްނެތެވެ
ފަހުގެ ޚިޔާލުތައް