ނަފްސާނީގޮތުން އިންސާނާ ހެދި ބޮޑުވަމުންދިއުމުގެ 8 މަރުޙަލާ

މަޝްހޫރު ނަފްސާނީ ޢިލްމްވެރިއެއް ކަމުގައިވާ އެރިކް އެރިކްސަން ލިއުއްވާފައިވާގޮތުގައި ރަނގަޅު ޞިއްޙަތެއްގައި ބޮޑުވަމުން އަންނަ އިންސާނަކު ތުއްތު ކުއްޖެއްގެ މަރުޙަލާއިން ބޮޑު މީހެއްގެ މަރުޙަލާގެ ފަހުބަޔާ ހަމައަށް އައުމާ ދެމެދު ނަފްސާނީގޮތުން ތަފާތު 8 މަރުޙަލާއެއް ކަޑައްތުކުރެއެވެ. މީގެ ކޮންމެ މަރުޙަލާއަކާ ގުޅިފައިވަނީ އިންސާނާ ކާމިޔާބުކަމާއެކު ނުވަތަ ނާކާމިޔާބާއެކު ގިރާކުރާ ނަފްސާނީ މައްސަލަ ތަކެކެވެ. ކާމިޔާބުނުކުރެވުމުން އިންސާނާގެ ޝަޚުޞިޔްޔަތު ފުރިހަމައަށް ބިނާވެގެންނެއް ނުދެއެވެ. މިކަމުގެ ސަބަބުން އިތުރަށް ޝަޚްޞިއްޔަތު ތަރައްޤީވުމަށް ހުރަސްއެޅެއެވެ. އަދި މިއިންކޮންމެ މަރުޙަމާއެއްގައިވެސް އިންސާނާ، އާގޮންޖެހުންތަކަކާ ކުރިމަތިލައި އެކަމުން ތަޖުރިބާތައް ލިބިގަނެއެވެ. ކޮންމެ މަރުޙަލާއެއްގެ ވެސް ފެށުން ބިނާވެފައިވަނީ ކުރީގެ މަރުޙަލާ ކާމިޔާބުކަމާއެކު ނިންމާލެވޭ ނިންމާލުމުގެ މައްޗަށެވެ. އެއްވެސް މަރުޙަލާއެއްގައި ދިމާވި ގޮންޖެހުންތައް ކާމިޔާބުކަމާއެކު ނިންމާލެވިފައި ނުވާނަމަ މުސްތަޤްބަލުގައި އެ ގޮންޖެހުންތައް އަލުން މައްސަލަތަކެއްގެ ގޮތުގައި ފާޅުވާނެއެވެ.

އެއްވަނަ މަރުޙަލާ
މިއީ ތުއްތުކުއްޖާ ވިހެއުމުން ފެށިގެން 12 މަހާއި 18 މަހާ ދެމެދުގެ މަރުޙަލާއެވެ. މި މަރުޙަލާގައި ކުއްޖާ އެހެންމީހުންނަށް އިތުބާރުކުރުމާއި އިތުބާރުނުކުރުން ދަސްކުރާނެއެވެ. އަދި ބުއްބުއިމުގެ އިތުރުން ކާން ފެށާނެއެވެ.

މި މަރުޙަލާގައި ތުއްތުކުދިން އެކުދިން ބަލަހައްޓައި ގެންގުޅޭ މީހުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ކުރެވޭ ބަރޯސާއާއި އެފަރާތްތަކުގެ ލޯތްބާއި އަޅާލުމުގެ ސަބަބުން އިތުބާރުކުރުމުގެ ޙިއްސު ތަރައްޤީކުރެއެވެ. މިކަންކަން ފޯރުކޮށް ނުދެވޭނަމަ އިތުބާރު ނުކުރެވުމަށް މަގުފަހިވެގެން ދެއެވެ.

ޙަޤީޤަތުގައި އެރިކް އެރިކްސަންގެ ތިއަރީގެ ފުރަތަމަ މަރުޙަލާ އަމާޒުކުރެވިފައިވަނީ ތުއްތުކުއްޖާގެ އަސާސީ ބޭނުންތައް މައިންބަފައިންގެ ފަރާތުން ފުއްދައިދިނުމުގެ މައްޗަށެވެ. މި މަރުޙަލާގައި ތުއްތުކުއްޖާ ހުރިހާކަމަކަށްވެސް ބަރޯސާވާނީ މައިންބަފައިންގެ މައްޗަށެވެ. ޚައްޞަކޮށް ކެއުމާއި އަޅާލައި ބެލެހެއްޓުމުގައި މަންމަގެ މައްޗަށެވެ. ކުއްޖާއަށް ދުނިޔެއާއި މުޖުތަމަޢު ދަސްވަމުންދަނީ މައިންބަފައިން އެކުއްޖާއާއި މުޢާމަލާތްކުރާ މިންވަރެއް ނުވަތަ ގޮތެއްގެ ނިސްބަތުންނެވެ. މައިންބަފައިން ދަރިފުޅަށް އަޅާލައި ފަރުވާތެރިކަމާއެކު ލޯބިދެވޭ މިންވަރެއްގެ ސަބަބުން ދަރިފުޅު ދުނިޔެއާމެދު ދެކޭގޮތް އެއީ އިތުބާރާއެކު ދެކޭގޮތަކަށް ވެގެންދެއެވެ. މައިންބަފައިންގެފަރާތުން ދަރިފުޅަށް ރައްކާތެރި މާޙައުލެއް ހޯދައި ނުދެވޭނަމަ ނުވަތަ ދަރިފުޅުގެ އަސާސީބޭނުންތައް ފުއްދައި ނުދެވޭނަމަ ދަރިފުޅުގެ ހިތުގައި އުފެދިގެންދާނީ އިތުބާރު ނުކުރެވުމުގެ އިޙްސާސް ތަކެވެ.

އެރިކް އެރިކްސަން ބަޔާންކުރައްވާގޮތުން ތުއްތުއުމުރުގައި ކުޑަކުއްޖާ ޙާޞިލުކުރާ އެންމެ މުހިއްމު ކުރިއެރުމަކީ، އެހެން މީހުން، ޚާއްޞަކޮށް އޭނާ ބަލަހައްޓާ އަދި އޭނައާ އެންމެކައިރި މީހުން، އޭނާގެ އަސާސީ ބޭނުންތައް ފުއްދައިދޭތޯ ނުވަތަ ނޫންތޯ ދެނެގަތުމެވެ. އޭނާ ބަލަހައްޓާ، އޭނާގެ އެންމެކައިރީ މީހުންނަކީ އޭނާގެ ކެއުމާއި، ލޯބިލިބުމާއި، ހިތްހަމަޖެހުން އަބަދުމެ ފޯރުވައިދިނުމުގެ ވަޞީލަތް ކަމުގައިވާނަމަ ތުއްތުކުއްޖާ އިތުބާރުކުރަން ދަސްކުރާނެއެވެ. އެއީ އެހެންމީހުންނަށް ކަންކަމުގައި ބަރޯސާކޮށް އިތުބާރުކުރެވިދާނެކަމެވެ. އެމީހުން ފަރުވާކުޑަކުރާނަމަ ނުވަތަ އިހާނާތްތެރިކޮށް ޢަމަލުކުރާނަމަ ތުއްތު ކުއްޖާއަށް ދަސްވާނީ އިތުބާރު ނުކުރުމަށެވެ. އެއީ ދުނިޔެއަކީ ބަރޯސާނުކުރެވޭ، ކަންކަން ކުރިއަށް ލަފާކުރަންނޭގޭ، އަދި ފަހަރެއްގައި ނުރައްކާތެރި ތަނެއްކަމެވެ. މިހެންވުމުން، ކުއްޖާއަށް ކުރެވިފައިވާ އިތުބާރުނުކުރެވުމުގެ ތަޖުރިބާތަކުގެ ސަބަބުން ނުރައްކާތެރިކަންކަމަށް މަގުފަހިވެފައިވަނީ ކިހާ މިންވަރަކަށްކަން އެނގޭނީ ޙަޔާތުގެ ތަނަކޮޅެއް ފަހުގައެވެ.

ދެވަނަ މަރުޙަލާ
މިއީ ކުޑަކުއްޖާގެ އުމުރުން 18 މަހާއި 3 އަހަރާ ދެމެދުގެ މަރުޙަލާއެވެ. މި ދުވަސްވަރު ކުއްޖާ ކަންކަން އިޚްތިޔާރުކުރަން ދަސްކުރެއެވެ. އަމިއްލަ މިނިވަންކަމާއެކު ކަންކަންކުރުމާ ދެކޮޅަށް ލަދުވެތިވުމާއި ޝައްކުއުފެދުމުގެ އަރާރުން ހިތުތެރޭގައި އުފެދެއެވެ. މިދުވަސްވަރު ޤަޟާޙާޖަތްކުރުމުގެ ތަމްރީނުތައް ލިބިގަނެއެވެ.

މި މަރުޙަލާގައި ކުޑަކުދިން އެމީހުންގެ ޖިސްމާނީ ހުނަރުތަކުގެ މައްޗަށް، އަމިއްލައަށް ކަންކަން ކޮންޓްރޯލްކުރުމާއި އަމިއްލަ މިނިވަންކަމުގެ ޙިއްސު ތަރައްޤީކުރެއެވެ. ކާމިޔާބު މީހަކަށްވުމަށް މަގުފަހިވާނީ މި މަރުޙަލާގައި އަމިއްލަ މިނިވަންކަމުގެ އިޙްސާސްތައް އުފެދުމުންނެވެ. ލަދާއި ޝައްކުގެ އިޙްސާސް އުފެދޭނަމަ ނާކާމިޔާބު މީހަކަށް ވުމުގެ ސަބަބަކަށް ވެދެއެވެ.

ކުޑަކުއްޖާއަށް އަމިއްލަ އިޚްތިޔާރުގައި ޙަރަކާތްތެރިވެ އުޅެވެން ފެށުމުން، ވަށައިގެންވާ މާޙައުލުގެ ކަންކަން ހޯދައި ބަލަން ފަށައެވެ. މި މަރުޙަލާގައިވެސް މައިގަނޑު ރައްކާތެރިކަން ފޯރުވައިދެނީ މައިންބަފައިންނެވެ. މިކަމުގެ ސަބަބުން ކުއްޖާއަށް ބޭރަށް ނިކުމެ އޭނާގެ އިޚްތިޔާރު ޤާއިމްކުރެވެއެވެ.

ތިންވަނަ މަރުޙަލާ
މިއީ ޕްރިސްކޫލްގެ ދުވަސްވަރެވެ. ކުއްޖާގެ އުމުރުން 3 އަހަރާއި 6 އަހަރާ ދެމެދުގެ މަރުޙަލާއެވެ. މިދުވަސްވަރު ކުއްޖާ ކަންކަމަށް ޤަޞްދުކުރަން ދަސްކުރެއެވެ. އަމިއްލަޔަށް ކަންކަމަށް އިސްނެގުމާ ދެކޮޅަށް ކުށެއްކުރެވުމުގެ އިޙްސާސްކުރެވުމުގެ އަރާރުން ހިތުތެރޭގައި އުފެދެއެވެ. ކަންކަން ހޯދައި ބަލައި ދެނެގަނެއެވެ.

މި މަރުޙަލާގައި ކުޑަކުދިން، ވަށައިގެންވާ މާޙައުލުގެ އެކިއެކި ކަންކަމުގެ މައްޗަށް ބާރުފޯރުވައެވެ. އަދި މި މަރުޙަލާގައި ޙާޞިލުކުރެވޭ ކާމިޔާބީގެ ސަބަބުން ދިރިއުޅުމުގެ މަޤުޞަދު ބިނާވެގެންދެއެވެ. ކަންކަމުގެ މައްޗަށް އެމީހުންގެ ބާރުފޯރުވައި އެކަމުގެ ތަޖުރިބާތައް ކުރަން ބޭނުންވުމުން، އެ ބޭނުންވާ ގިނަކަންކަން ނުކުރެވޭނަމަ އެކަމުގެ ސަބަބުން ހިތުގައި ކުށްވެރިވުމުގެ އިޙްސާސް އުފެދިގެންދެއެވެ.

ހަތަރުވަނަ މަރުޙަލާ
މިއީ ސްކޫލް ޢުމުރުގެ ދުވަސްވަރެވެ. ކުއްޖާގެ އުމުރުން 6 އަހަރާއި 12 އަހަރާ ދެމެދުގެ މަރުޙަލާއެވެ. މި މަރުޙަލާގައި އުފެއްދުންތެރިވުމާއި ދެކޮޅަށް ތިމާއީ ދެރަ މީހެއްކަމުގެ އިޙުސާސް އުފެދުމުގެ އަރާރުން ހިތުތެރޭގައި އުފެދެއެވެ. މިދުވަސްވަރު އާއްމުކޮށް ކުއްޖާ ދާނީ ސްކޫލަށެވެ.

މި މަރުޙަލާގައި، އާ އިޖްތިމާޢީ އަދި ތައުލީމީ ބޭނުންތަކާއި ކުރިމަތިލާން ޖެހެއެވެ. ކާމިޔާބަށް މަގުފަހިވަނީ ޤާބިލުކަމުގެ ހިއްސު އުފެދުމުންނެވެ. ނާކާމިޔާބު ވާންޖެހޭ ސަބަބަކީ ތިމާއަކީ ދެރަމީހެއްކަމާއި ތިމާއަށް ކަންކަން ނުވާނެކަމުގެ އިޙްސާސް އުފެދޭނަމައެވެ.

ފަސްވަނަ މަރުޙަލާ
މިއީ ޒުވާން ޢުމުރެވެ. ކުއްޖާގެ އުމުރުން 12 އަހަރާއި 19 އަހަރާ ދެމެދުގެ މަރުޙަލާއެވެ. މިމަރުހަލާގައި ތިމާގެ އަމިއްލަ އައިޑެންޓެޓީއާ ދެކޮޅަށް އަމިއްލަ ދައުރު އޮޅުންއެރުމުގެ އަރާރުން ހިތުތެރޭގައި އުފެދެއެވެ. މި ދުވަސްވަރު އިޖުތިމާޢީ ގުޅުންތައް ޤާއިމްކުރެއެވެ.

މި މަރުޙަލާގައި ޓީނޭޖު އުމުރުގެ ކުދިން އަމިއްލަ ނުވަތަ ޒާތީ ޙައިސިއްޔަތުތަކެއް އުފައްދަން ޖެހެއެވެ. ކާމިޔާބަށް މަގުފަހިވެގެންދަނީ އަމިއްލަ ނަފްސަށް ތެދުވެރިވެވުނު މިންވަރަކުންނެވެ. ނާކާމިޔާބުވަނީ އެމީހެއްގެ ދައުރު އޮޅުންބޮޅުންވެވި އަމިއްލަ ނަފްސް ބަލިކަށިވުމުގެ އިޙްސާސްގެ ސަބަބުންނެވެ.

ހަވަނަ މަރުޙަލާ
މިއީ ބޮޑުވެ ޒުވާނަކަށް ވުމުގެ އުމުރެވެ. މީހާގެ އުމުރުން 19 އަހަރާއި 40 އަހަރާ ދެމެދުގެ މަރުހަލާއެވެ. މި ދުވަސްވަރު ލޯބީގެ ގުޅުންތައް ދެނެގަނެއެވެ. އެހެން މީހުންނާއި ގާތްކޮށް އުޅުމާއި ދެކޮޅަށް ވަކިން އުޅުމުގެ އަރާރުން ހިތުތެރޭގައި އުފެދެއެވެ.

މި މަރުޙަލާގައި ޒުވާން ބޮޑެތިމީހުން، އަނެއް ޖިންސްގެ މީހުންނާއެކު ލޯތްބާއި ޒަވާޖީ ގުޅުންތައް އުފައްދަންޖެހެއެވެ. ކާމިޔާބު ވަނީ ބަދަހި ގުޅުމުގެ ސަބަބުންނެވެ. ނާކާމިޔާބުވަނީ އެކަނިވެރިކަމާއި ވަކިން އުޅުމުންނެވެ.

ހަތްވަނަ މަރުޙަލާ
މިއީ މެދުއުމުރުގެ މަރުޙަލާއެވެ. މީހާގެ އުމުރުން 40 އަހަރާއި 65 އަހަރާއި ދެމެދެވެ. މި ދުވަސްވަރު އިންސާނާ ކަންކަމަށް ފަރުވާތެރިކަން ބަހައްޓާނެއެވެ. އަމިއްލަ އާގޮތްތައް އުފެއްދުމާއި ދެކޮޅަށް ޙަރަކާތްމަދުވެފައި ބޯދާގޮތް ދެމެހެއްޓުމުގެ އަރާރުން ހިތުތެރޭގައި އުފެދޭނެއެވެ. މިދުވަސްވަރު މަސައްކަތްކޮށް އާމްދަނީހޯދުމާއި ދަރިން ބަލައިބޮޑުލުރުމުގައި ދެމިހުންނާނެއެވެ.

މި މަރުޙަލާގައި، މީސްތަކުން އާކަންތައްތަކާއި، އެއްޗެހިތައް އުފައްދައި އެމީހުންގެ ފަހުން އަންނާނެ ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ބަހައްޓަން ވާނެއެވެ. މީގެތެރޭގައި ދަރިން ހޯދުމާއި އެހެންމީހުންނަށް ފައިދާވާނެ އީޖާބީ ބަދަލުތައް ގެނައުން ހިމެނެއެވެ. ކާމިޔާބު ވަނީ އެމީހެއްގެ ބޭނުންތެރިކަމާއި ކަންކަން ޙާޞިލު ކުރެވިއްޖެކަމުގެ އިޙްސާސް އުފެދުމުންނެވެ. ނާކާމިޔާބުވަނީ ދުނިޔޭގެ ކަންކަމުގައި ތިލަކޮށް އުޅެވުމުންނެވެ.

އަށްވަނަ މަރުޙަލާ
މިއީ މަތީ ޢުމުރުގެ މަރުޙަލާއެވެ. މީހާގެ އުމުރުގެ 65 އަހަރާއި މަރުވުމާ ދެމެދެވެ. މިދުވަސްވަރު މީހާ ވިސްނުންތެރިވާނެއެވެ. ނަފްސުގެ ފުދުންތެރިކަމާއި ދެކޮޅަށް މާޔޫސްވުމުގެ އަރާރުން ހިތުތެރޭގައި އުފެދެއެވެ. ޙަޔާތުގެ ނިމިދިޔަ ބަޔަށް އަލުން ބަލައި ވިސްނުމުގެ ދުވަސްވަރެވެ.

މި މަރުޙަލާގައި އުމުރުން ދުވަސްވެފައި ތިބޭމީހުން އެމީހުންގެ ޙަޔާތުގައި ވޭތުވެދިޔަ ބަޔަށް ނަޒަރުހިންގައި ކަންކަން ޙާޞިލު ކުރެވިއްޖެކަމުގެ އިޙްސާސް ކުރަންޖެހެއެވެ. އަދި މި މަރުޙަލާގައި ކާމިޔާބުވަނީ ބުއްދިވެރިކަމާއި ޙިކްމަތްތެރިކަމުގެ އިޙްސާސްގެ ސަބަބުންނެވެ. ނާކާމިޔާބުވަނީ ކަންކަން ނުކުރެވުމުގެ ދެރައާއި، ހިތާމައާއި، މާޔޫސް ގެ ސަބަބުންނެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!