الأوهام لعقل غير مستقر – ނަޝީދުގެ ވެރިކަމާއި އައްޑޫ 2
ނަޝީދުގެ ޚިޔާލީ ދުނިޔެއާއި އައްޑޫ ސާކް ސަމިޓް
ސާކަކީ ދެކުނު އޭޝިއާގެ 8 ގައުމުގެ މައްޗަށް އެކުލެވިގެންވާ ސަރަހައްދީ ޖަމާއަތެވެ. މި ޖަމާއަތުގެ ވެރިން ކޮންމެ އަހަރަކު އެއްފަހަރު އެއްތަންވާން ލާޒިމުކުރެއެވެ. އެކަމަކު ކޮންމެ އަހަރަކު އެކަމެއް ނުކުރެވެއެވެ. ބައެއްފަހަރު ތިން ހަތަރު އަހަރުގެ މެދުކެޑުމަކަށްފަހުވެސް އެއްތަންވެވެއެވެ. މިގޮތަށް އެއްތަންވާވުމަށް ކިޔަނީ ސާކް ސަމިޓެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ސާކް ސަމިޓަކީ ބޫޓާނުގެ ވެރިރަށް ތިމްޕޫގައި 2010 ގެ އެޕްރީލް 28 އިން 29 އަށް ބޭއްވުނު ސޯޅަ ވަނަ ސާކް ސަމިޓެވެ. އެސަމިޓަށް ފަހު ނިންމުނީ ދެން އޮންނަ ސަމިޓެއް ދިވެހިރާއްޖޭގައި ބޭއްވުމަށެވެ. ބޫޓާނު ސަމިޓަކީ ވަރަށް ބޮޑަށް ބޫޓާނުގެ ސަގާފީ ގޮތް ފެނިގެންދިޔަ އާދައިގެ ސަމިޓެކެވެ. އެސަމިޓަށް ފަހު ރައީސް ނަޝީދު ޚިޔާލު ކުރެއްވީ ދެން ބާއްވާ ސަމިޓު ސާކުގެ ތާރީޚުގައިވެސް ފާހަގަކުރެވޭނެ ފޭންސީ ސަމިޓަކަށް ހެއްދެވުމަށެވެ.
އައްޑޫގައި ސަތާރަ ވަނަ ސާކް ސަމިޓު ބޭއްވުމުގެ ކުރިން ދެ ފަހަރަކު ރާއްޖޭގައި ސާކް ސަމިޓު ބޭއްވުނެވެ. އެއީ 1990 ވަނަ އަހަރު ބޭއްވުނު ފަސްވަނަ ސާކް ސަމިޓާއި 1997 ގައި ބޭއްވުނު ނުވަވަނަ ސާކް ސަމިޓެވެ. ފުރަތަމަ ސަމިޓަށްޓަކައި މައުމޫން މާލޭގައި ބިނާކުރެއްވި ދަރުބާރުގެ ވަނީ މާލޭގެ މުހިއްމު ލޭންޑް މާކަކަށް ވެފައެވެ. އެހެންވީމާ ނަޝީދު ނިންމެވީ އެއަށްވުރެ ސްޓޯރީބުކް ދަރުބާރުގެއެއް ހައްދަވައިފައި އެއަށްވުރެ ކާނިވާ މާހައުލެއްގައި ހުރިހާކަމެއް ގެންދެވުމަށެވެ. މިކަން ކުރުމަށް ވިސްނެވިއިރު ނަޝީދުގެ ޚިޔާލީ ދުނިޔޭގައި މިފަދަ ކަމަކަށް އެންމެ އެކަށީގެންވަނީ އައްޑޫ ކަމަށް ނިންމަވައިފިއެވެ.
އައްޑޫ އިޚުތިޔާރުކުރުމުގެ ސަބަބު
ސާކުގެ ހުރިހާ ސަމިޓެއް ބޭއްވިފައިވަނީ އުތުރު ހެމިސްފިއަރގައެވެ. ގިނަމީހުން ދަންނަނީވެސް މުޅި ސާކަކީ އުުތުރު ހެމިސްފިއަރ އަށް ނިސްބަތްވާ ޖަމާއަތެއް ކަމުގައެވެ. އެކަމަކު ރާއްޖޭގެ ދެ އަތޮޅެއް އީކުއޭޓަރުން ދެކުނުގައި އެބައޮވެއެވެ. އެއީ އައްޑޫ އާއި ފުވައްމުލަކެވެ. އެހެންވީމާ ސާކުގެ އެހެން އެއްވެސް ގައުމަކަށް ނުކުރެވޭނެ ކަމެއް ކުރުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ. އެއީ އީކުއޭޓަރުން ދެކުނުގައި ދުނިޔޭގެ ދެކުނު ހެމިސްފިއަރގައި ސާކު ސަމިޓު ބޭއްވުމެވެ. އެކަންވާނީ ސާކުގެ ރިކޯޑަކަށެވެ. އަބަދުވެސް ރިކޯޑު ގާއިމް ކުރެއްވުމަށް އިސްކަންދެއްވާ ރައީސް ނަޝީދަށް މިއީ ވަރަށްވެސް ގަޔާވެވުނު ޚިޔާލެއް ކަމުގައިވެއްޖެއެވެ.
ސަމިޓު ބާއްވަން ޚިޔާލުކުރާއިރު އައްޑޫގައި އެއަރޕޯޓެއް އެބައޮތެވެ. ބޭރުން ޑައިރެކްޓް ފްލައިޓު ގެނެވެން އެބައޮތެވެ. އިންޓަރނޭޝަނަލް ހޮޓެލް ޗޭނެއް ކަމުގައިވާ ޝަންގްރިލާއިން ހިންގާ ވިލިގިލި ރިސޯޓު އޮތީ 2009 ގައި ހުޅުވިފައެވެ. ރާއްޖޭގެ އެންމެ އެނދު ގިނަ ރިސޯޓު ކަމަށްވާ ހެރެތެރެ އައިލެންޑް ރިސޯޓު އޮތީ 2008 ގައި ހުޅުވިފައެވެ. ގަމުގައި ދޫގަހަކާއި އީކުއޭޓަރ ވިލެޖު ކިޔާ ދެ ހޮޓާ އެބަހުއްޓެވެ. އެހެންވީމާ ބޭރުގެ އިއްޒަތްތެރިންނާއި ނޫސްވެރިން ބޭތިއްބުމަކީ ކުރެވިދާނެ ކަމެކެވެ. ގަމާއި ހިތަދޫއާ ދޭތެރޭ ޒަމާނީ ގޮތަށް ތާރު އަޅައިގެން ހަދާފައިވާ ހައިވޭއެއް އެބައޮތެވެ. މިހުރިހާކަމެއް މިގޮތަށް ހުރުމުން ސާކް ސަމިޓު ބޭއްވުމަށް ދެން އިތުރަށް ކުރަން ޖެހޭ ކަމަކީ ކޮންވެންޝަން ސެންޓަރެއް އެޅުމެވެ.
ބޫޓާން ސަމިޓުން އެނބުރި މާލެ ވަޑައިގެންފައި އެންމެ ފުރަތަމަވެސް ނަޝީދު ކުރެއްވިކަމަކީ ދެން ސަމިޓު ބާއްވާނީ ރާއްޖޭގައި ކަމާއި ރާއްޖޭގައި މިސަމިޓު ބާއްވާނީ އައްޑޫގައިކަން ނަޝީދުގެ ރޭޑިއޯ ޚިތާބުގައި އިއުލާން ކުރެއްވުމެވެ. މިކަން އިއުލާން ކުރެއްވީ 2010 ގެ މެއި މަހުއެވެ. މިކަން އިއުލާން ކުރެއްވިއިރު ކޮންވެންޝަން ސެންޓަރު އަޅާނެ ތަނެއް އޮތީ ނުނިންމިއެވެ. އެހެންވެ ކޮންވެންޝަން ސެންޓަރު އެޅުމުގެ އަމަލީ މަސައްކަތް ފެށުން ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ.
ކޮންވެންޝަން ސެންޓަރު އެޅުން
ނަޝީދުގެ އެންވައިރުމަންޓު މިނިސްޓަރ އަސްލަމާއި މަޖިލީހުގެ ހިތަދޫ އުތުރު މެންބަރު އަސްލަމާއި އައްޑޫ މޭޔަރު ސޯބެއާ މަޝްވަރާކޮށްގެން މިއެންމެނަށް އެއްބަސްވެވުނީ ހިތަދޫ މާކިޅި ކިޔާ ބޮޑު ކުޅިއެއްގެ މެދުގައި ކޮންވެންޝަން ސެންޓަރު އެޅުމަށެވެ. ކުރަންޖެހޭ މަސައްކަތް ކިތަންމެހާވެސް ބޮޑެވެ. ކުރަންޖެހޭ ޚަރަދުވެސް އިންތިހާއެވެ. އެހެންނަމަވެސް ނަޝީދުގެ ހުވަފެން ހަގީގަތަކަށް ހަދަން އެބަޖެހެއެވެ. އެހެންވީމާ ކުޅީގެ މެދުގައި ކޮންވެންޝަން ސެންޓަރު ހެދުން މުޅިން ފައިނަލްކޮށް މަސައްކަތް ފެށޭވަރުވީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ސެންޓަރުގެ ބިންގާ އެޅިއިރު ސަމިޓު ބޭއްވުމާ ދޭތެރޭގައި އަހަރަކަށްވުރެ މުއްދަތު އޮތީ ކުރުވެފައެވެ. އެއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސަމިޓު ބާއްވަން ޖެހެއެވެ.
ތެޅިފޮޅިގެން ކުޅި ހިއްކައިގެން ކޮންވެންޝަން ސެންޓަރު ބިނާކޮށް ދިހަ މަހުގެ ތެރޭގައި ގާތަގަޑަކަށް ނިންމައިފިއެވެ. ކުޅިއެއްގެ މެދު ހިއްކައިގެން އަވަސް އަރުވާލައިގެން ހެދި ތަނަކަށްވާތީ ބިންގަޑު ދެރަވަރުވެ އިމާރާތް ދާދި އަވަހަށް ވެއްޓުމުގެ ބިރު އޮތަސް އެކަމަށް ސަމާލުކަން ދިން މީހަކު ނެތެވެ. އެންމެންވެސް އަތުކުރި އޮޅާލައިގެން ތިބީ ތާރީޚަށް ސަމިޓު ބޭއްވުމަށެވެ. ފަހުންވެސް ބޭނުން ކުރެވޭ ގޮތަށް ވަރުގަދަކޮށް ހެދުން އޮތީ ނުވިސްނާ ކަމެއްގެ ގޮތުގައެވެ.
ކޮންވެންޝަން ސެންޓަރުގެ ވަށައިގެން ތާރު އަޅައިގެން މަގު ހެދުމާއި ހިތަދޫ ބޮޑުމަގުގައި ތާރު އެޅުންވެސް ދިޔައީ މިމަޝްރޫއުގެ ތެރެއިންނެވެ. ކޮންވެންޝަން ސެންޓަރަށް ބޭނުންވާނޭ ސާމާނާއި މެހުމާނުން ދަތުރުކުރައްވާނޭ ވެހިކަލްތައް ވެސް ބޭރުން ގެނައީއެވެ. މުޅި މަޝްރޫއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ބަޖެޓަކީ 231 މިލިއަން ދިވެހި ރުފިޔާއެވެ. އެކަމަކު ކަންކޮށް ނިމުނުއިރު ގާތްގަޑަކަށް 700 މިލިއަން ރުފިޔާ އޮތީ ޚަރަދު ކުރެވިފައެވެ. ކޮންވެންޝަން ސެންޓަރު ނިންމައި ސަމިޓު ބޭއްވުނީ ކަނޑައެޅި ބަޖެޓަށް ވުރެ ތިން ގުނަ އިތުރަށް ޚަރަދުކޮށްގެން ކަމަށް އޮޑިޓަރ ޖެނެރަލް 2013 ގައި ނެރުއްވި ރިޕޯޓުގައި ވިދާޅުވެފައިވެއެވެ.
ސަމިޓާއި ގުޅޭ ވަރަށް ގިނަކަންކަން ނަޝީދުގެ ސަރުކާރާއި ގުޅުން ހުރި އެކި ކުންފުނިތަކަށް އޮތީ ކޮންޓްރެކްޓް ކުރެވިފައެވެ. އެ ކުންފުނިތަކަށް އެޑްވާންސްކޮށްނާއި އެނޫންވެސް ގޮތްގޮތަށް ފައިސާ ދީފައި އޮތަސް ތާރީޚަށް ގިނަ ކަންކަން ނުނިމިގެން އެންމެފަހުން ރާއްޖޭގެ މުއްސަނދީން ތަކެތި ދީގެންނާއި ސިފައިން ނެރެގެން ވެސް ނިންމަން ޖެހުނެވެ. ހަތް ސަތޭކަ މިލިއަން ރުފިޔާއަކީ ވަރަށް ވެސް ބޮޑު އަދަދެކެވެ. އޭގެ ތެރެއިން ވަރަށް ގިނަ ފައިސާ އައްޑު އަތޮޅުގެ އިގްތިސާދުގެ ތެރެއަށް ވަދެ ދައުރުވާން ފެށިއެވެ. އެހެންވީމާ ދައުލަތުގެ ބައިތުލްމާލުން ބޭކާރު ޚަރަދުތަކެއް ކުރެވި ގިނަ ފައިސާ ކޮރަޕްޝަނަށް ވަދެގެން ދިޔަކަމަށް ވިޔަސް ވަގުތީގޮތުން އައްޑު އަތޮޅުގެ އިގްތިސާދަށް ހެޔޮ ބަދަލެއް އައެވެ. އެއީ ހަގީގަތެކެވެ.
ސަމިޓާއި ގުޅުން ހުރި އެހެން މަޝްރޫއުތައް
ފޭދޫ ބަނދަރު ބޮޑުކޮށް ބޮޑު ހިލަޖަހައިގެން ތަރައްގީ ކުރެވުނީ ސާކް ސަމިޓަށެވެ. ހުޅުމީދޫ ގައި ހުންނަ އަތޮޅު މަދަރުސާގެ ގޯތި ތެރޭގައި މަލްޓި ޕާޕަސް ހޯލެއް ހެދީވެސް ސާކް ސަމިޓުގެ އެކި ކަންކަމަށެވެ. ހުޅުދޫ އާއި މީދޫގެ ތިން މަގަކުން ބައެއްގައި ގާ އަތުރައިދިނީވެސް ސާކް ސަމިޓަށެވެ. މިހެންގޮސް ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ތަރައްގީގެ ބައެއް ކަންކަމަށް ސަމިޓުގެ ސަބަބުން މަގު ފަހިވިއެވެ. މަރަދޫ އާއި މަރަދޫ ފޭދޫ އަދި ފޭދޫގެ ބޮޑު މަގު ހެދުމަށް ފަހިވެގެން ދިޔައީވެސް ސަމިޓުގެ ތެރޭން ލަންކާގެ ރައީސާއި ރައީސް ނަޝީދު ކުރެއްވި މަޝްވަރާއެއްގެ ތެރެއިންނެވެ.
މިހެން މިކަން ހިގިޔަސް ސަމިޓަށް ހޭދަކުރެވުނު 700 މިލިއަން ރުފިޔާގެ ތެރެއިން 500 މިލިއަނަށް ވުރެ ގިނަ ފައިސާ ކުރެވުނީ ބޭކާރެވެ. އޭގެ ތެރޭގައި ކޮންވެންޝަން ސެންޓަރަށް ކުރެވުނު ހޭދަ ހިމެނެއެވެ. އެހެނީ ކޮންވެންޝަން ސެންޓަރަކީ ދާއިމީ ކުރެވޭނެ ތަނެއް ނޫނެވެ. އެތަން ބަލަހައްޓައި ހެދުންވެސް އެއީ ބޮޑުވެގެންވާ އިސްރާފެކެވެ. މި އިސްރާފު ފޮރުވަން ނަޝީދު ވިދާޅުވަމުން ގެންދެވީ ކޮންވެންޝަން ސެންޓަރަކީ މުޅި ދެކުނު އޭޝިއާގައިވެސް ހުރި އެންމެ ފެންވަރު ރަގަޅު މޮޅު ކޮންވެންޝަން ސެންޓަރު ކަމަށާއި ސަމިޓަށް ފަހު މިތަން ހިންގާނީ ކޮންފަރެންސް ބާއްވަން ބޭރު މީހުންނާއި ދިވެހިންނަށް ކުއްޔަށް ދީގެން ކަމުގައެވެ. ކޮންފަރެންސް ބާއްވަން ދިވެހިންނާއި ބޭރު މީހުން އައްޑޫއަށް ގެންނާނެ ގޮތުގެ ޕްލޭނެއް ނުހައްދަވައެވެ. އެކަމާ ބެހޭ ގޮތުން ދެއްކެވީ ހުސް ވާހަކަތަކެކެވެ.
އީސީސީ ދޮވެލުމާއި ވީރާނާވުން
ސަމިޓު ބޭއްވުނީ 2012 ނޮވެމްބަރު ދިހަޔަކުން އެގާރައަށެވެ. ކޮންވެންޝަން ސެންޓަރު ކިރިޔާ ހުޅުވޭވަރުވީވެސް ސީދާ ސަމިޓަށެވެ. ސަމިޓު ހަމަނިމުމާއެކު މަހެއްވެސް ނުވަނީސް ނަޝީދުގެ ސަރުކާރުން ސަމިޓުގެ ބަޖެޓުގައި ހިމަނައިގެންނާއި ނުހިމަނައި ސަމިޓަށް ގެނައި ހުރިހާ ތަކެއްޗެއް މާލެގެންގޮސް ނިންމައިފިއެވެ. އޭގެ ތެރޭގައި ކޮންވެންޝަން ސެންޓަރުގެ އަސާސީ ތަކެތިވެސް ހިމެނެއެވެ. އަތު ޖެހެން ހުރި އެއްޗެއް ވިއްޔާ ވަގުންވެސް ގޮސް އަވަދިކޮށްފިއެވެ. އަހަރު ނިމުނުއިރު ކޮންވެންޝަން ސެންޓަރުގެ ހުރީ ތޮށިގަޑެކެވެ. އެތޮށިގަޑު ބެލެހެއްޓުމުގެ ޚަރަދުވެސް އޮތީ ބޮޑު ކަމަކަށްވެފައެވެ. ސީލިންގުން ތަންތަން ވެއްޓެނީއެވެ. ކުލީގެ މެދަށް ސެންޓަރު ގެބެމުންދަނީ އެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ.
ސަމިޓުގެ ކުރިންނާއި ސަމިޓުގެ ތެރޭގައި ނަޝީދު ވިދާޅުވަމުން ގެންދެވީ އީސީސީއަކީ އައްޑޫގެ ތަރައްގީގެ ފޮޓޯކަމުގައެވެ. ރާއްޖޭގެ އެހެން އަތޮޅުތަކަށް ނަމޫނާއެއް ކަމުގައެވެ. އަދި މުޅި ދެކުނު އޭޝިއާއަށް ވެސް ރާއްޖެއިން ދޭ ހަދިޔާއެއްކަމުގައެވެ. ކުރިމަގުގައި ރާއްޖެ ތަރައްގީވެގެންދާނީ މި ބިންގަލުގެ މަތީގައި ކަމަށެވެ. އެހެންނަމަވެސް ސަމިޓު ނިމުމާއެކު ލަވަ ބަދަލުވެއްޖެއެވެ. ރާގާއި މިއުޒިކްވެސް ބަދަލުވެއްޖެއެވެ. ކޮންވެންޝަން ސެންޓަރު ބެލެހެއްޓުމަކީ ސިޓީ ކައުންސިލަށް ވެސް އަދި މިނިސްޓްރީއަކަށް ވެސް ނޫފުއްލޭވަރުގެ ބުރަޔަކަށްވެ އެތަން ވީރާނާވާން ދޫކޮށްލެވިއްޖެއެވެ. އެކަމަކު ދޭސީންނާއި ބިދޭސީން އެތަނުގެ ކައިރިއަށް ގޮސް ފޮޓޯ ނެގުން ދުލެއް ނުކުރެއެވެ. ނަޝީދު ވިދާޅުވިފަދައިން އެތަން ހަގީގީ މާނައިގައި ފޮޓޯއަކަށް ވެއްޖެއެވެ.
މޮނިއުމަންޓުތަކާއި ބަހަނާތައް
ސަތާރަ ވަނަ ސާކް ސަމިޓުގެ ތީމަކީ ބިލްޑިން ބްރިޖަސް އެވެ. މި ތީމުގެ ދަށުން ދީންތަކާއި ސަގާފަތްތަކުގެ މެދުގައި ބުރިޖު އެޅުމުގެ ކަންތައް ސަމިޓާއި ދިމާކޮށް ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ. އައްޑޫގެ އެކިރަށްރަށުގައި ބުދު ބެހެއްޓުނީ ދީންތަކުގެ މެދުގައި ބުރިޖު އަޅައި ދިވެހި ފަސްގަނޑުން އައިރުދީންތަކުގެ ރަމްޒުތަކަށް ޖާގަ ދިނުމަށް ކަމަށް އާއްމުން ބުނަމުން ދިޔައެވެ. ސަރުކާރުން ބުނަމުން ދިޔައީ އެއީ ބުދު ނޫންކަމަށާއި އެއީ އެކުވެރިކަމާއި ދެނެގަތުމުގެ ރަމްޒީ ހަނދާންތަކެއް ކަމުގައެވެ.
ކޮންމެއަކަސް ބަޔަކު ނުކުމެ މޮނިއުމަންޓުތަކަށް ކަޅުތެޔޮ ޖަހައި ބައެއް މޮނިއުމަންޓުތައް ތަޅާލައިފިއެވެ. ނަޝީދުގެ ސަރުކާރުން ބުނަމުން ދިޔައީ ކޮންމެ މޮނިއުމަންޓަކީވެސް ކޮންމެވެސް ގައުމެއްގެ ހަދިޔާކަމުގައެވެ. އެއަށް ސަރުކާރުން ކުރި ޚަރަދެއް ނެތްކަމުގައެވެ. އެކަމަކު ޔަގީނުންވެސް އެގޭކަމަކީ ހުޅުދޫ އާއި މީދޫގައި އެދެރަށުގެ ރައްޔިތުން އެދޭ ބައްޓަމަކަށް މޮނިއުމަންޓު ހަދައި ގާއިމްކުރުމަށް ސަރުކާރުން ފައިސާ ހޭދަކުރިކަމެވެ. އެހެންވީމާ ބުދުކަމަށް ބެލެވުނު އެހެން މޮނިއުމަންޓުތަކަށް ފައިސާ ހޭދަނުކުރާކަމަށް ދުށުމުގެ ފުރުސަތެއް ނެތެވެ.
ބުދު ބެހެއްޓުމުގެ މައްސަލަ ފެންމަތިވެގެން އައިދުވަސްކޮޅު ރައީސް ނަޝީދުގެ ހަރުގޭގައި އަޑަށް ބާރުލާފައި އައްޑޫ މަޖިލިސް މެންބަރަކު ވިދާޅުވީ ބުދު ހުންނާނީ ބަހައްޓާފައި ކަމަށާއި ދެންވެސް ބަހައްޓާނެ ކަމުގައެވެ. އެހެންވީމާ މިބުދަކީ ނޭގުމެއްގެ ތެރޭގައި އޮޅުމަކުން ބެހެއްޓުނު ބުދެކޭ ބުނެވޭކަށް ނެތެވެ. އެއީ އެނގިގެން ތިބެ ކުރިކަމެކެވެ. ފަހުން މިކަން ސީރިއަސް ކަމަކަށްވީމާ ނަޝީދު ވިދާޅުވީ އަސްތާ ބުދު ބަހައްޓައިފި ހެއްޔެވެ. ތިމަން މަނިކުފާނު އަދި ތިޔެއް ނުވެސް ދެކެމެވެ. އެހެން ވިދާޅުވިއިރު ބައެއް ބުދުތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޚުދު އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. (ނުނިމޭ)
ފަހުގެ ޚިޔާލުތައް