ސުވައިދީބު ޕާލަމެންޓް މާ މިނިވަން، މާ ބިރުވެރި!
އައްޑު އަތޮޅާއި ފުވައްމުލަކާއި ހުވަދު އަތޮޅު (ގއ. ގދ) ހިމެނޭ ގޮތަށް އުފެއްދި ދައުލަތް، ޔުނައިޓެޑް ސުވާދީބް ރިިޕަބްލިކް ނުވަތަ އެކުވެރި ސުވާދީބް ޖުމްހޫރިއްޔާއަށް 56 އަހަރު، ފުރޭނީ އަންނަ ޖަނަވަރީން ތިން ވަނަ ދުވަހު އެވެ. މި ރިޕޯޓް އަވަސް ކޮށްލީ މާދަމާއަކީ ރާއްޖޭގެ ޕާލަމެންޓްރީ އަދި ގައުމީ ހަޔާތުގެ މުހިންމު ދުވަހަކަށް ވެފައި ދިވެހި ދައުލަތުން ވަކިވެ، އުފެއްދި ސުވާދީބު ދައުލަތާއި އެ ދައުލަތުގެ ޕާލަމެންޓްރީ ހަޔާތުގެ މައްޗަށް އަވަސް ކަޅިއެއް އަޅައިލާން ވެގެނެވެ.
“ސުވާދީބަކީ އެންމެ އިހުޒަމާނުގައި އެންމެ ދެކުނުގެ ތިން އަތޮޅު ކަމަށްވާ އައްޑޫ އަތޮޅާއި ފުވައްމުލަކާއި ހުވަދު އަތޮޅަށް ދިވެހިން ކިޔައި އުޅުނު ޖުމްލަ ނަން އެ ނަމަށް ނިސްބަތްކޮށް އެ ޖުމްހޫރިއްޔާއަށް ނަން ދިނީ. އެ ނަން ކިޔުމުގެ މޭސްތިރިއަކީ ސުވާދީބު ސަރުކާރުގެ ރައީސް އަފީފު ދީދީ.” ތާރީހު ލިޔުންތެރިޔާ، މަރުހޫމް ސިއްކަގޭ މުހައްމަދު ނަސީމް ވިދާޅުވި އެވެ. – — މި މައުލޫމާތު އަޅުގަނޑުގެ ޑައިރީގައި ނޯޓް ކުރެވިފައި ވަނީ އޮކްޓޫބަރު 17، 2010 ގެ ހަވީރު 5:30، ހ، ސުނާރުގައެވެ–.
ދިވެހި ތާރީހު ދަންނަ، އަދި ދިރާސާ ކުރާ ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ދެކުނުގެ ތިން އަތޮޅަށް ސުވާދީބޭ ކިޔަން ފެށީ މީލާދީން 15 ވަނަ ގަރުނު ނުވަތަ 16 ވަނަ ގަރުނުގެ ތެރޭގަ އެވެ. އައްޑޫ އަތޮޅުގެ ކަންކަން ދިރާސާ ކުރާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ތިން އަތޮޅުގެ ބަދަލުގައި ހުވަދު އަތޮޅަށް އެކަނި ނިސްބަތްކޮށް ސުވައިދީބޭ ކިޔައި އުޅުނު ޒަމާނެއްގެ ގަނޑުތަކެއް ވެސް ކަލަންޑަރުގައި އެއްލުނެވެ.
އައްޑޫ އަތޮޅާއި ފުވައްމުލަކާއި ހުވަދު އަތޮޅު ދިވެހި ދައުލަތުން ވަކިވެގަނެ ވަކި ޖުމްހޫރިއްޔާއެއް އުފައްދައި އެ ދައުލަތުގެ މިނިވަންކަން އިއުލާންކުރީ ޖަނަވަރީ 3، 1959 ގައެވެ. އެ ދައުލަތް އުވާލީ ސެޕްޓެމްބަރު 23، 1963 ގައެވެ. އެއީ ދައުލަތް އުފެދުނުތާ ހަތަރު އަހަރު ފަހެވެ.
ހެކިތަކަށް ބަލާއިރު ސުވާދީބް ދައުލަތް އެކުލަވާލާފައި އޮތީ ފެޑެރަލް ޑިމޮކްރެޓިކް ޕްރެޒިޑެންޝަލް ނިޒާމެއްގެ މައްޗަށް ކަމަށް މުޅިން ބުރަވެވެ އެވެ. އެހެން ކަމުން ދައުލަތުގައި ހިމެނުނު ކޮންމެ އަތޮޅަކަށް ވެސް ވަކި ދިދައެއް ހާއްސަވެ އެވެ. އަދި މުޅި ދައުލަތަށް ވަކި ދިދައެއް ވިހުރުވައެވެ.
މާދަމާއަކީ ރާއްޖޭގެ ޕާލެންޓްރީ ހަޔާތުގެ ބޮޑު ދުވަހަށް ވާތީ މި ރިޕޯޓްގައި ސުވައިދީބް ދައުލަތާއި ސަރުކާރުގެ ކަންކަންމުގެ މައްޗަށް އަލި އަޅުވާލުމުގެ ބަދަލުގައި ހާލިބާލި ނުވާނީ ހަމައެކަނި ސުވާދީބު ދައުލަތުގެ ޕާލަމެންޓްރީ ހަޔާތަށް ވަނިއްޔާ އެވެ. — އެ ދައުލަތުގެ އެހެން ވާހަކަތަކަށް އެެހެން ފަހަރަކުން ލިޔާނީ އެވެ–.
އިނގިރޭސި އާކައިވް އާއި ރާއްޖެއިން ފެންނަން ހުރި ތާރީހީ ލިޔުންތަކާއި ސުވާދީބު ސަރުކާރު ތަޖަރުބާކުރި ބައެއް ބޭބޭފުޅުންނާ ހަވާލާދީ އެކި ފަރާތްތަކުން ބުނެދީފައިވާ ވާހަކަތަކަށް ބަލާއިރު ސުވާދީބު ދައުލަތުގެ ރައްޔިތުންގެ މަޖިލީހަކީ ނުވަތަ ޕާލަމެންޓަކީ މިޒަމާނުގެ ޑިމޮކްރަސީއަކަށް ފިޓްވާ ގޮތަށް ފައްކާކޮށްފައި އޮތް ވަރަށް މިނިވަން އެހާ ޑިމޮކްރެޓިކް ޕާލަމެންޓެކެވެ.
އައްޑޫ އަތޮޅު، ހާއްސަކޮށް ސުވާދީބު ސަރުކާރުގެ ތާރީހު ދިރާސާ ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ސ. ހިތަދޫ ޗަމްޕާޕޫލްގޭ ހަސަން ސައީދު، 1996 ވަނަ އަހަރު ބަނޑޮސް ރިސޯޓްގައި އަޅުގަނޑަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ސުވާދީބް ޕާލަމެންޓަށްވުރެ ޑިމޮކްރެޓިކް ޕާލަމެންޓެއް ސަރަހައްދުގެ ގައުމުތަކުގައިވެސް އޭރު ނެތެވެ.
މީދޫ ކަޅިހާރި އަހުމަދު މުޖުތަބާ ވިދާޅުވި ގޮތުގައި ސުވާދީބް ޕާލަމެންޓްގެ ފްލޯ ޗާޓް އެންމެ ވައްތަރީ އަދި އެ ޕާލެމެންޓްގެ ނިޒާމާއި ޕްރެކްޓިސް ވެސް އެންމެ ވައްތަރީ އޭރު އިނގިރޭސި ވިލާތުގެ ލަންޑަންގެ ޕާލަމެންޓާ އެވެ.
އެމްޑީޕީގެ ފުރަތަމަ ކޮންގަރެސްއަށް ތައްޔާރުވާން ވެގެން އެ ކޮންގްރެސް އޮންނާނެ ގޮތުގެ ގްރާފެއް އޭރު ނުކުތް ހުވާސް މަޖައްލާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްސަވައި ދެއްވައި ޕާޓީގެ ގުނަންތައް ކިޔައި ދެއްވި އިރު ވިދާޅުވީ “އެމްޑީޕީގެ ގައުމީ މަޖިލިސް ހިނގާނީ ސުވާދީބް ސަރުކާރުގެ ޕާލަމެންޓް ވެސް ހިނގިހާ މިނިވަން” ކޮށް ކަމަށެވެ. — މ. ޔާގޫތު ގޭގައި އިންނަވައިގެން އެ އިންޓަވިއު ދެއްވި އިރު ހާމިދު އަބްދުލް ޣަފޫރާއި ކުރީގެ ވަޒީރު މުހައްމަދު އަސްލަމް އިންނެވި އެވެ–.
“ކޮންގްރެސް ތެރެއިން ގައުމީ މަޖިލީހެއް އަންނާނީ، އެ ގައުމީ މަޖިލިސް މިނިވަން ވާނެ ޑިމޮކްރެޓިކްވާނެ، ރާއްޖެއިން މިސާލެން ނަގާނަމަ އެއީ ސުވާދީބު ސަރުކާރުގެ ޕާލަމެންޓްހާ މިނިވަން ތަނެއް، ކެކޭ ކަހަލަ ބަހުސް ހިނގާނީ،” ނަޝީދު ވިދާޅުވި އެވެ.
ދިރާސާތައް ބުނާ ގޮތުން ސުވާދީބު ދައުލަތުގެ ޕާލަމެންޓްގެ ފޯމޭޝަނާއި ގޮނޑިތައް ތަރުތީބު ކޮށްފައި ވަނީ ވެސް ލަންޑަން ޕާލަމެންޓް، ވެސްޓްމިންސްޓާ ވެސް އޮތް އުސޫލަށެވެ. އަދި ޕާލަމެންޓަށް މައްސަލަ އާއި ބިލު ހުށަހަޅައި ބަހުސްތައް ކުރުމާއި ބައިލައި ގަތުމާއި ފާސް ކުރުން ވެސް އޮތީ އެ ނިޒާމުގެ ތެރޭގައި ބުރު ހަމަވެ ވަށައި ޖެހޭ ގޮތަށެވެ.
މެންބަރުން އިންތިހާބު ކުރުން
މެންބަރުން އިންތިހާބު ކުރުން ވެސް އޮތީ ހަމަ އެ އުސޫލަށެވެ. އަދި މެމްބަރުންގެ އިމްތިޔާޒުތައް މުޅިންމެ އެއްގޮތެވެ.
ރާއްޖޭގެ ޕާލަމެންޓަށް މެންބަރުން އިންތިހާބު ކުރުމަށް ދާއިރާތައް ކަނޑައަޅައިގެން ނުވަތަ ވަކި އަދަދަކަށް ބޯ ހަމަވާ ގޮތަށް ކޮންސްޓިޓުއެންސީ ކަނޑައަޅައިގެން އެ ދާއިރާތަކުން ޕާލަމެންޓަށް މެންބަރުން އިންތިހާބު ކުރަން ފެށީ ފެހި ގާނޫނު އަސާސީއަށްފަހު އެވެ. ނަމަވެސް މާކުރިން ސުވާދީބް ޕާލަމެންޓަށް މެންބަރުން އިންތިހާބު ކުރީ އަދި މެންބަރުންގެ އަދަދު ކަނޑައެޅީ ދާއިރާގެ ރައްޔިތުންގެ ބޮލުގެ ނިސްބަތަށް ބަލައިގެން ދާއިރާތަކުން ހަމަހަމަ ގޮތެއްގައި ރައްޔިތުން ރެޕްރެޒެންޓް ކުރެވޭނެ އަދި ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއިންނެވެ. ޕާލަމެންޓަށް ސަރުކާރު އައްޔަން ކުރަނީ އެންމެ މެންބަރެކެވެ.
އައްޑޫ ސަރަހައްދީ ޕާލަމެންޓް
ސުވާދީބް ދައުލަތުގެ ޕާލަމެންޓަށް ކިޔާ އާންމު ނަމަކީ ޕާލަމެންޓް ނުވަތަ އެސެމްބްލީ އެވެ. އެ ބާރުގައި ދާއިމީ ކޮމެޓީ ތަކާއި ވަގުތީ ކޮމެޓީތައް ވެސް ތަރުތީބު ވެފައިވެއެވެ. އިދާރީ ހިންގުމާއި ވަކި ކުރެވި ދެފުށް ފެންނަ، އާންމުންނަށް ހުޅުވައިލެވޭ ގޮތަށާއި ކްލޯސް ޑޯ ޑިބޭޓް ހިނގައެވެ. މަޖިލިސް ކުރާ ގެއަކީ ގަމުގައި ހުންނަ މާރަނގަ އެވެ.
ޕާލަމެޓަށް މެންބަރުން އިންތިހާބު ކުރި ގޮތް
ޕާލަމެންޓަށް މެންބަރު އިންތިހާބ ކުރީ އެކަމަށް “ޓައިމްސް އޮފް އައްޑޫ” ގައި އިއުލާންކޮށް، ކުރިމަތިލައި ހިސާބަކަށް ކެމްޕޭން ވެސް ކޮށްގެނެވެ. ޕާލަމެންޓްގެ ރައީސް އިންތިހާބު ކުރީ ރައްޔިތުން އިންތިހާބު ކުރި މެންބަރުންގެ ތެރެއިން ވޯޓް ނަގައިގެނެވެ. އެއީ ސިއްރު ވޯޓެއް ކަމެއް އަތް އުފުލައިގެން ކަމެއް ސާފެއް ނުވެއެވެ.
ފޯމޭޝަނަށް ފިޓްވާ ގޮތަށް މެންބަރުން އައިސްފައި ވަނީ ހިތަދޫން 17 މެންބަރުން ފޭދޫން 10 މެންބަރުން ހުޅުދޫން އަށް މެންބަރުން މީދޫން ހަތް މެންބަރުން މަރަދޫން ހަ މެންބަރުން އަދި މަރަދޫ ފޭދޫން ތިން މެންބަރުންނެވެ.
ފުވައްމުލަކާއި ހުވަދު އަތޮޅު ނުހިމެނެނީ ކީއްވެތޯ ސުވާލު އުފެދޭ ދޯ އެވެ؟
ސަބަބަކީ މުޅި ސުވާދީބުގެ ދައުލަތުގައި އޮތީ ފެޑެރަލް ޕާލަމެންޓެކަށްވުމުން ކޮންމެ އަތޮޅެއްގައިވެސް ސަރަހައްދީ ޕާލަމެންޓެއް އޮންނާތީ އާއި އެސެމްބްލީގެ ފުރަތަމަ އިންތިހާބާ ކުރިމަތިވި އިރު އަނެއް ދެއަތޮޅު ދޮކޮޅަށް ދެފައި، އެއްފައި މާލެއަށް އަނެއްފައި އައްޑުއަށް ލައިގެން އޮތުމުންނެވެ. އަދި ދިވެހި ސަރުކާރުގެ އަސްކަރީ ފިޔަވަޅުތަކުގެ ސަބަބުން އެ އިންތިހާބު ހުވަދު އަތޮޅާއި ފުވައްމުލަކުގައި ބޭއްވޭ ގޮތެއް ނުވި އެވެ.
އިންތިހާބަށް ގޮވައިލުން
ސުވާދީބު ދައުލަތުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތީ އެޕްރީލް 1961 ގަ އެވެ. ފުރަތަމަ އިންތިހާބުގައި މަޖިލީހަށް އިންތިހާބު ކުރާ 51 މެންބަރުން އިންތިހާބު ކުރުމަށް އައްޑު އަތޮޅުގެ ހަ ރަށުން 244 ކެންޑިޑޭޓުން ކުރިމަތިލި އެވެ.
އައްޑޫގެ ދާއިރާތަކުން އިންތިހާބުވީ ކޮންބައެއް؟
އަވަސްކޮށް މި ބަލައިލަނީ އައްޑޫ އިންތިހާބުގައި ދާއިރާތަކުން ހޮވުނު މެންބަރުންނަށާއި ލިބުނު ވޯޓަށާއި ޕާލަމެންޓް ހިނގައި ދިޔަ ގޮތުގެ މައްޗަށެވެ.
ހިތަދޫން އިންތިހާބު 17 މެންބަރުން:
1- މޫސާ އަލިދީދީ / ލިބުނު ވޯޓް :851
2- އަހުމަދު ސޯލިހު އަލިދީދީ / ލިބުން ވޯޓް: 843
3- މުސާ އަހުމަދު ދީދީ / ލިބުނު ވޯޓް: 843
4- އިބްރާހިމް އަބްދުލް ހަމީދު ދީދީ / ލިބުނު ވޯޓް: 761
5- އަލީ ފަހުމީ ދީދީ / ލިބުނު ވޯޓް 750
6- ކަޅާގެ އަލިމަނިކާ / ލިބުނު ވޯޓް: 734 (މައި ފުށުން މުންޑޫ އާދަމް ހަލީމް ނިސްބަތް ވަނީ މި އަލި މަނިކާގެ އާއިލާއަށެވެ.)
7- މޫސާ މުސްތޮފާ / ލިބުނު ވޯޓް: 596
8- މުހައްމަދު ސައީދު / ލިބުނު ވޯޓް: 589
9- އަބްދުﷲ ހަބީބް / ލިބުނު ވޯޓް 589
10- މުހައްމަދު އިބްރާހިމް ދީދީ / ލިބުނު ވޯޓް: 579
11- ހުސައިން އަހުމަދު / ލިބުނު ވޯޓް 524
12- އަލީ މުރުތޮލާ / ލިބުނު ވޯޓް 523
13- އަބްދުލް މަޖީދު ސަލީމް / ލިބުނު ވޯޓް 506
14- އަބްދުﷲ މޫސާ ދީދ / ލިބުނު ވޯޓް 487
15- އަބްދުލް އަޒީޒް / ލިބުނު ވޯޓް 483
16- އަބްދުﷲ އަލީ / ލިބުނު ވޯޓް 457
17- އައްބެއްޔާގެ އިބްރާހިމް ދީދީ 422
މީދޫ ހަތް މެންބަރުން:
1- މުހައްމަދު ނަސީމް / ލިބުނު ވޯޓް 187
2- އަބްދުﷲ ނާފިޒް / ލިބުނު ވޯޓް 186
3- އިބްރާހިމް ފަހުމީ ދީދީ / ލިބުނު ވޯޓް 185
4- އަބްދުﷲ ބާގިރު / ލިބުނު ވޯޓް 182
5- މުހައްމަދު ވަހީދު / ލިބުނު ވޯޓް 157
6- މުދިން ދީދީގެ މުހައްމަދު ދީދީ / ލިބުނު ވޯޓް 144
7- ކަތްދާ ދީދީގެ އަބްދުﷲ ދީދީ / ލިބުނު ވޯޓް 90
ހުޅުދޫ އަށް މެންބަރުން:
1- މުދިން ތައްހާނު / ލިބުނު ވޯޓް 192
2- މުހައްމަދު ތައުފީގު 174
3- މުހައްމަދު އިބްރާހިމް / ލިބުނު ވޯޓް 173
4- ތައްހާނުގެ އަލީ ތައްހާނު / ލިބުނު ވޯޓް 172
5- ރެކި ދީދީގެ ވަހީދު / ލިބުނު ވޯޓް 171
6- ތައްހާނުގެ މުހައްމަދު ތައްހާނު / ލިބުނު ވޯޓް 170
7- ގައުމާތަގެ މުހައްމަދު ތަކުރުފާނު / ލިބުނު ވޯޓް 170
8- އަލި މަނިކުފާނު / ލިބުނު ވޯޓް 151
ފޭދޫގެ 10 މެންބަރުން:
1- ދޮންރަހާ ހަތީބު / ލިބުނު ވޯޓް 362
2- އަބްދުﷲ މަނިކުފާނު ހަތީބު / ލިބުނު ވޯޓް 350
3- ދޮންތުއްތު ކަތީބު / ލިބުނު ވޯޓް 350
4- ހުސައިން މަނިކުފާނު ހަތީބު / ލިބުނު ވޯޓް 344
5- އީދުގަލުގޭ އިބްރާހިމް މަނިކުފާނު / ލިބުނު ވޯޓް 343
6- އީދުގަލުގޭ އަހުމަދު މަނިކުފާނު / ލިބުނު ވޯޓް 336
7- ބޭރުގޭ އަހުމަދު މަނިކުފާނު / ލިބުނު ވޯޓް 298
8- އީދުގަލުގޭ އަލި މަނިކުފާނު / ލިބުނު ވޯޓް 295
9- ޒަކަރިޔާ މުހައްމަދު / ލިބުނު ވޯޓް 198
10- މޫސާ ރަހާގެ ހުސައިން މަނިކުފާނު / ލިބުނު ވޯޓް 187
މަރަދޫ ފޭދޫ ތިން މެންބަރުން:
1- އަހުމަދު ޒާހިރު ކަތީބު / ލިބުނު ވޯޓް 135
2- އަހުމަދު މޫސާ / ލިބުނު ވޯޓް 85
3- އަހުމަދު ވާފިރު ކަތީބު / ލިބުނު ވޯޓް 70
މަރަދޫ ހަ މެންބަރުން:
1- މޫސާ ހަތީބު / ލިބުނު ވޯޓް 218
2- މުހައްމަދު ވަހީދު ކަތީބު / ލިބުނު ވޯޓް 205
3- ހަސަން ސައީދު / ލިބުނު ވޯޓް 189
4- އަބްދުﷲ ސައީދު / ލިބުނު ވޯޓް 169
5- ވަކަރުގޭ ދޮންރަހާ / ލިބުނު ވޯޓް 140
6- މޫސާ ވަޖްދީ / ލިބުނު ވޯޓް 121
މަޖިލީހަށް ރައީސް އަބްދުﷲ އަފީފް އައްޔަން ކުރައްވާ މެންބަރުގެ ގޮތުގައި އައްޔަން ކުރެއްވީ މުހައްމަދު އިބްރާހިމް ދީދީ އެވެ.
ތަޅުމުގައި ފާހަގަ ކޮށްލެވުނު މެންބަރުން
ދިވެހި ރާއްޖޭގެ ޕާލަމެންޓްރީ ހަޔާތުގައި އިބްރާހިމް ޝިހާބާއި އިބްރާހިމް ނާސިރާއި މާދޫގޭ އަލީ އަހުމަދާއި ހަސަން އަފީފާއި މުހައްމަދު ޝިހާބާއި މުހައްމަދު ނަޝީދާއި (އަންނި) އާއި އިބްރާހިމް ޝަރީފް (މަވޯޓާ) ފަދައިން އައްޑޫ ފެޑެރަލް އެސެމްބްލީގައި ވެސް އާދަޔާހިލާފު އެމްޕީން ފެނުނެވެ.
އޭގެ ތެރެއިން ތަޅުމުގަ އާއި ކޮމެޓީތަކުގައި އެންމެ ފާހަގަ ކޮށްލެވުނު މެންބަރުންގެ ތެރޭގައި ރެކިދީދީގެ ވަހީދާއި އަބްދުﷲ ނާފިޒް ހިމެނެ އެވެ. އެއީ އާދަޔާ ހިލާފު ދެ އެމްޕީންނެވެ. މީގެ ތެރެއިން ނާފިޒަކީ މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބަފައިބެއެވެ. މުހައްމަދު އިބްރާހިމް ދީދީ އާއި މުސާ ވަޖުދީ އަކީ ވެސް ފާހަގަކޮށްލެވޭ ދެ މެމްބަރުންނެވެ.
މުޅި މަޖިލީހުގައި ވެސް އެންމެ ވަރުގަދަ އަދި އަނގަ ގަދަ މެންބަރަކީ އިންތިހާބުގައި 187 ވޯޓު ހޯއްދަވައިގެން ވަޑައިގެންނެވި މީދޫ މެންބަރު މުހައްމަދު ނަސީމެވެ. ގިނަ މެންބަރުންނަކީ ވަރަށް މނިވަން މެންބަރުންނެވެ. ބަހުސްތަކުގައި އެއްގަލަކަށް ނޭރިގެން ކިތަންމެ ހާލަތެއް އާދެ އެވެ.
އެ މަޖިލީހުގައި މާ ވަރުގަދަ މެންބަރަކު އިންނަވަ އެވެ. އެއީ ރެކިދީދީ ވަހީދެވެ. އޭނާގެ ހިޔާލު އޭރު ވެސް ހުރީ މިޒަމާނާ ވަރަށް ގާތްކުރާ ގޮތަކަށެވެ. ޓެކްސްއާ ބެހޭ ގޮތުން ވަރަށް ތަނަވަސް ހިޔާލު މަޖިލީހަށް ހުށަހެޅުއްވި އެވެ. އެދުވަސްވަރު ވެސް ޓެކުހަކީ އައްޑު އަތޮޅު މީހުންނަށް އާ އެއްޗެއް ނޫނެވެ. އެ ގޮތުން އަފީފުގެ ސަރުކާރުގައި ޓެކްސް ނަގާ ވަރު ބޮޑު ކަމަށް ބުނެ އޭނާ ސަރުކާރަށް ވަރަށް ފާޑު ވިދާޅުވެގެން ބޮނޑިއެއް ވެސް ބުޔެވެ.
އެ ބަހުސްގައި މަޖިލީހުގައި ވަހީދުގެ އަނގަ ގަދަވުމުން ދަމާހަލާ ހިތަދުއަށް ގެންގޮސް ކާޑުގޭގައި އޭނާ ބަންދުކޮށް ބިރުދައްކައި ރޯނުން ދެ އަތް ބަންނަން ސަރުކާރުން މަސައްކަތްކޮށްފައި ވެއެވެ. އެކަން ކުރީ އަފީފު އޭނާ ދިރިއުޅުއްވާ ފިނިފެންމާގޭގައި އިންނަވައި ސީދާ އޯޑަރު ނެރުއްވައިގެނެވެ.
މަޖިލިސް އެއްވާ ގޮތް
އާންމުކޮށް ރައްޔިތުންގެ މަޖިލިހެއް އެއްވާ ގޮތަށް އެއް ނުވި ނަމަވެސް މަޖިލީހުގެ އިސް ކޮމެޓީތައް ނުވަތަ އެގްޒެކެޓިވް ކައުންސިލްތައް ބަރާބަރަށް ބައްދަލުވެ މަޖިލިސްކުރެ އެވެ. ބައެއް ގުނަންތަކުގެ އަވަސް ބައްދަލުވުންތައް ބައެއް ފަހަރު ހިތަދޫގައި ވެސް ބާއްވާފައި ވެއެވެ.
ފާހަގަކޮށްލެވޭ ބިލްތައް
އައްޑޫ ޕާލަމެންޓަށް ހުށަހެޅު އެންމެ ފާހަގަކޮށްލެވޭ ބިލަކީ އަދި ވެސް ރާއްޖޭގައި މުޅި ހަމައަކަށް ނޭޅި އޮތް ޓެކްސްގެ ބިލެވެ. އަދި ބިމާބެހޭ ބިލާއި ބޭންކިންއާއި ދަތުރުފަތުރާބެހޭ ބިލާއި ތަރިކާ މުދަލާ ބެހޭ ބިލާއި އަރުވާލުމާ ބެހޭ ބިލާއި ކުށް ކަނޑައެޅުމާބެހޭ ބިލާއި (އަދިވެސް ކުށުގެ ބާވަތް ކަނޑައެޅުމުގެ ގާނޫނެއް ނެތް) ޕަބްލިކް ޔުޓިލިޓީޒްއާބެހޭ ބިލާއި އާންމުންގެ މުދާ ދައުލަތަށް ހިފުމާ ބެހޭ ބިލެވެ.
މީގެ ތެރެއިން ޓެކްހާބެހޭ ބިލާއި ބޭންކިންއާއި ބެހޭ ބިލަކީ ބަހުސް ފޯރި ގަދަވެ ޒުވާބުކޮށް ބައެއް މެންބަރުހުން ހޫނުވެ މަޖިލިސް ދޫކުރެއްވި ކަމަށް ބުނެވޭ ދެ ބިލެވެ. އަދި އެ ދެ ބިލުގެ ސަބަބުން ބައެއް މެންބަރުންނަށް އަނިޔާތައް ލިބިފައި ވެއެވެ. އަދި މި ޕާލަމެންޓްގައި އިނގިރޭސި ވިލކާތުގެ ބައެއް ސިޔާސ ބޭފުޅުން ތަގުރީރު ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި އިނގިރޭސި ސަފީރު އާތިންޓަން ޑޭވީ ހިމެނެ އެވެ.
މެންބަރުންނަށް ރިޝްވަތު ދިނުމާއި ބިރު ދެއްކުން
އައްޑޫ ޕާލަމެންޓްގައި ވެސް ސަރުކާރުން މެންބަރުން ގަންނާށާއި ބިރު ދައްކާ އަނގައަށް އުނގުރި ކޮށްޕަން މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަބްދުﷲ ނާފިޒާއި ރެކިދީދީގެ ވަހީދަކީ ވަރަށް ބާރު ބޮޑުވި ދެ މެންބަރުން ކަމަށް ވެއެވެ. އޭ ބޭފުޅުންނަށް ހުށަހެޅުނު ހުށަހެޅުންތަކަށް ބޯ ނުލެނބުމުން ރޯނުން ބަނދެ އަދަބު ދީ ބިރު ދައްކާ ހަދާފައިވެ އެވެ.
ބަހުސްތައް ހިނގަމުން ދިޔައިރު ވޯޓްގައި ބައިވެރި ނުވުމާއި ގިއްގަޅުވާލައި ނިޒާމް ގެއްލުވުލުމާއި ސަރުކާރަށް ތާއީދު ކުރާ މެންބަރުން ބޭނުންވާ ގޮތަށް ކަންކަން އަނބުރާލައި ބާރުތައް ކޮންޓްރޯލް ކޮށްލުންފަދަ ކަންކަން ޖެހިލުން ކުޑަ ގޮތަކަށް ކޮށްފައި ވެއެވެ. — ތަފުސީލުތަކާއި ޑިބޭޓްތަކުގެ ހޫނުގަނޑު އަވަސް އަރުވާލައިގެން ލިޔުމުގެ ބޭނުން ނެތުމުން ފަހަށް ބާއްވާލީ އެވެ–.
ފަހުގެ ޚިޔާލުތައް