ބަޣާވާތުގެ ތަފާތު ވައްތަރުތައް

ރާއްޖޭގައި އެއިރެއްގައި އޮންނަ ވެރިކަމާދެކޮޅަށް ނޫނީ އެވެރިކަމެއްގައި ކުރާ ކަމަކާ ދެކޮޅަށް ރާއްޖޭގައި ކުރާ ކަންކަމަށް ކިޔާފައިވަނީ އެކި ނަންނަމެވެ. މިއީ ދިވެހިރާއްޖެއަށް “ޑިމޮކްރަސީ” ލެއްގުމުގެ މާ ކުރިންވެސް މިކަން ހިނގަމުންދާގޮތެވެ. މިނަމޫނާ ނަގާފައިވަނީ އިންސާނާގެ ހަށިގަނޑުގެ އެކި ހިސާބުތަކުގައި މުލިހިޖެހުމުން މުލިހީގެ ނަން ބަދަލުވާ އުޞޫލުންކަމަށް ވެދާނެއެވެ.

ގިނައަނގަ ހުންނަ ކޮންމެ މުލިއްސަކީ “ވިޔާއްދަ” އެވެ. ނުވަތަ ކުޅަނދުރު ހަތާ މުލިއްސެވެ. ކަންފަތުކޮރު ތެރޭ މުލިއްސެއް ޖަހައިފިނަމަ އެއަށްކިޔަނީ “ކޮރުވިޔާއްދަ” އެވެ. ލޮލުގެ ފަލަކޮޅުގެ އަޑީން ކަރުނަވަރުތެރޭ މުލިއްސެއް ޖަހައިފިނަމަ އެއީ “އެސްނާޅި” އެވެ. ކިހިލިފަތް ދޮށުގައި މުލިއްސެއް ޖަހައިފިނަމަ އެއީ “ދިއްގޮނޑި” އެވެ. ފުރަގަސްފަރާތުގައި މުލިއްސެއް ޖަހައިފިނަމަ އެވަނީ “ބަވާސީ” އަކަށެވެ. ނަމަވެސް ލޮލުގެ ފަލަކޮޅުގެ އަޑީން ކަރުނަވަރުތެރެއާއި ކިހިލިފަތްދޮށާއި ފުރަގަސްފަރާތް ނޫން ތަނެއްގައި ގިނަ އަނގަނެތި މުލިއްސެއް ޖަހައިފިނަމަ އެވާނީ ބަރާބަރު މުލިއްސަށެވެ. އެހެންނަމެއް ނުކިޔާނެއެވެ. ކިޔާނީ “މުލިހި” އެވެ. ތަފާތަކަށްވާނީ އެކި ތަންތާނގައި ޖަހާ މުލިހީގެ ބޮޑުމިނާއި ދުޅަވާވަރާއި އޭގެ ސަބަބުން ތަދުވާވަރުގެ ކުޑަބޮޑުކަމެވެ.

މާފިލާފުށީގައި ވަކި ވެރިކަމެއް ގާއިމުކޮށްގެން އުޅުއްވި ސާމިޔާ ފާށަނާކިލެގެފާނު އިސްކޮށް ހުންނަވައިގެން މާލެއިން އުތުރުގެ ބައެއް ރަށްރަށުގެ މީހުންނާ އެކީ މާލޭގައި އޮތް ރަސްކަމާދެކޮޅަށް ހަނގުރާމަކޮށް ގިނަބަޔަކު މަރުވެދިޔަ ނަމަވެސް އެއީ ސާމިޔާ ފާށަނާކިލެގެފާނު ކުރެއްވި ބަޣާވާތަކަށްނުވެއެވެ. އެކަންވީ ބާވަތެއްގެ “ޅިޔަންފަހަވެރި މައްލަވަ” ކުރުމަކަށެވެ. މިމައްލަވައިގެ ނިމުމަކީ ސާމިޔާ ފާށަނާކިލެގެފާނު ރިހީގެ ހިލިހިލާއެއް ޖެއްސެވުމަށް ފަހު ފުވައްމުލަކަށް އަރުވާލައި އެރަށުގައި އަވަހާރަވެދިޔުމެވެ.

ޙާޖީ ޢިމާދުއްދީން ރަދުން ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް އެއްރެއަކު ފުރަމެންދަމު މުލީގޭމަނިއްޕުޅު(ޝަމްސުއްދީން3 ރަދުން)ގެ ދެއަތްޕުޅުގައި 2 މީހަކު ހިފައިގެން ރަސްކަމުގެ ކޮއިލަށް ގެންގޮސް އެމަނިއްޕުޅު ރަސްކަމުގެތަޚުތުގައި ވަޑުވައި ޙާޖީ ޢިމާދުއްދީން ރަސްކަމުން ޣަޒުލްކޮށްފިއެވެ. މިކަމަކަށް ބަޣާވާތެކޭ ކިޔާ އަޑެއްނީވެއެވެ. މިކަމަށް ކިޔައިއުޅުނު އެއްނަމަކީ “ނައިބުތުއްތު އޮޑިއަށްލުން” އެވެ. ނައިބުތުއްތު ހުންނަވާނޭ އެއްވެސްގެއެއް މާލޭގެބިމުގައި ނެތިއްޔާ މާލެ ފަޅުތެރޭ ކޮންމެވެސް އޮޑިއެއްގައި ވެސް އެމަނިކުފާނަށް ހުންނެވިދާނެތާއެވެ. މައްސަލައެއްނޫނެވެ.

ޝަމްސުއްދީން ރަދުންގެ ދަރިކަލުން ޕްރިންސް ޙަސަން ޢިއްޒުއްދީން ރަސްކަމަށް އިސްނުކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށް ކުރެވުނު ތަދުބީރުގައި ގާނޫނު އަސާސީއެއް ހެދިފަހުން މާލޭގެ ގުޅަކުޅޭ ފަސްގަނޑަށް ބަޔަކުނުކުމެ އެ ގާނޫނު އަސާސީ އޮތްތާކުން ދަމައިނެރެ އެ އެތި ވީދައި ކުދިކުދިކޮށްލިއެވެ. މިކަމަށް ކިޔައިއުޅުނު އެއްނަމަކީ “ހަވަރު އެއްވެލުން” އެވެ. ހަވަރު އެއްވެލުމަކީ އާދައިގެ ކުޑަކަމަކަށްވެގެން ވެސް ނުވާނެއެވެ. އެހެނީ ހަމަ މިދުވަހު އެގާނޫނު އަސާސީގެ ދަށުން ކަނޑައެޅިފައި ތިއްބެވި ވަޒީރުންގެ ގިނަބޭފުޅުން ހަވަރަށް ދެއްވުމަށް ހަވަރު އެއްއަޑަކުން ގޮވަގޮވައި ތިއްބައި އެބޭފުޅުން ފޮނުވާލެއްވީ މުއްދަތެއްނެތި އޮޅުދޫކަރައަށެވެ. ކުޑަ ނަޞީބެއްނޫނެވެ.

މުއްދަތެއްނެތި އޮޅުދޫކަރައަށް ފޮނުވާލެއްވި ބޭފުޅުންގެތެރެއިން ވަޒީރުލްޙައްޤާނިއްޔާ ޙުސައިން ޞަލާޙުއްދީންގެ މާބަގީޗާގެ އެދުވަހު ހަލާކުކޮށްލިއެވެ. އަދި ބަންޑާރަނައިބު އިބްރާހީމް ރުޝްދީ އެމަނިކުފާނުގެ ގޭގެ އުނދޯލީގައި އޮންނަވަނިކޮށް ބިންމައްޗަށްވައްޓާލައި އޮޅިއޮޅިމަތިން ދަމަމުން ނެރި ތަޅައިހެދީ އިންސާނިއްޔަތު ކަމެއް ނެތިއެވެ. ނަމަވެސް މިކަމަކީ ބަޣާވާތެއްނޫނެވެ. އެހެންވާކަށްވެސް ނެތްތާއެވެ. ކަމަކީ އޭރުއޮތް ރަސްކަމާދެކޮޅަށް ހިންގި ކަމެއް ނޫނިއްޔާއެވެ. ރަސްކަމާއެއްކޮޅަށް ހިންގި ކަމެކެވެ. އެހެންވީމާ މިކަމުގެ ނަމަކަށްވީ “މޮޓަރުބޯޓްގެ ގަނޑުބަޑު” އެވެ. ރީތި ނަމެކެވެ. މިކަމާގުޅިގެން ދެން ހިނގީ އަނެއްކޮޅުގެ ކަމެކެވެ. ރަސްކަމާ ދެކޮޅުގެ ކަމެކެވެ. ޝަމްސުއްދީން ރަދުން ރަސްކަމުން ޣަޒުލްކޮށް، އެރަދުންގެ ދަރިކަލުން ޕްރިންސް ޙަސަން ޢިއްޒުއްދީނާ އެކީ ފުވައްމުލަކަށް ފޮނުވައިލީއެވެ. ނަމަވެސް މިކަމެއް ބަޣާވާތަކަށްނުވެއެވެ. ބާވަތެއްގެ ގަނޑުބަޑެކެވެ. ކުރީގެ ގަނޑުބަޑުގެ ނަމުގެ ކުރިއަށްއައީ މޮޓަރުބޯޓެވެ. މިފަހަރު ހެންވޭރު ގަނޑުވަރެވެ. “ހެންވޭރު ގަނޑުވަރުގެ ގަނޑުބަޑު” އެވެ.

މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ސަރުކާރުންކުރައްވާ ބައެއް ކަންކަމާމެދު ހިތްހަމަނުޖެހިގެން އެކަންކަން ރަނގަޅުވޭތޯ ބޮޑު ތިލަދުންމަތީ 552 އުޅަނދުގައި 7452 މީހުން މާލެ ދިޔުމުގެ ނަތީޖާއަކީ އޭގެތެރެއިން ބައެއް މީހުންގެ ބުރިހަން ނަގައި އިހާނެތިގޮތުން އެތާނގައި ލޮނުމިރުސް އުނގުޅައި ރަށްރަށަށް އަރުވާލުމެވެ. މިކަންތައްގަނޑަށް ކިޔާ އަޑުއިވެނީ “އުތުރު ގަނޑުބަޑު” އެވެ. ބަޣާވާތެއްނޫނެވެ.

ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުޙައްމަދު އަމީން ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް އެމަނިކުފާނުގެވެރިކަން ވައްޓާލި ވައްޓާލުމަށް ބަޣާވާތެކޭ ކިޔާތީ އަޑެއްނާހަމެވެ. އެފަހަރު އޮޅުވާލައިގެން އެމަނިކުފާނު މާލެ ގެނެސް ދޫނިދޫގައި ބަންދުކުރިއެވެ. ދޫނިދޫގައި ހުންނަވަނިކޮށް ރޭވިފައިވާ ކަމެއްގެތެރެއިން އެމަނިކުފާނު މާލެގެނެސް ހަށިކޮޅަށް އަރައިގަނެ ބިންމައްޗަށް ވައްޓައިލައި އެމީހެއްގެ އަތުގައި ޖެހުނު އެއްޗަކުން އެމީހަކު ހިތަށްއެރިގޮތަކަށް އެމަނިކުފާނުގެ ގައިކޮޅުގައި ތަޅައި ދަމާކޫއްތާ ގެންގޮސް ބޮޑުއިސްޓޯރުގެ ތަޅަންމައްޗަށް ބަންޑުން ވައްޓައިލައި އެތަނުން ގެންގޮސް މާލެފަޅުތެރޭ އޮތް ބޮއްކުރާތެރެއަށް ގުޅައަކަށް ޖެހީ އިސްތަށިފުޅާއި ނޭފަތްޕުޅާއި އަދި އަނގަފުޅުންވެސް ލޭފޮދު އޮހެރެމުންދަނިކޮށެވެ. ކޮންމެގޮތަކުން ބެލިކަމަށްވިއަސް މިކަމަކީ ވަ

ކިބަޔަކަށް މާބޮޑު ކަމަކަށްނުވާ ކަމެކޭ ހީވެއެވެ. ކަމަކީ “ފުރަތަމަ ޖުމްހޫރިއްޔާ އުވުން” ވިއްޔާއެވެ. ބަޣާވާތެއްނޫނެވެ.

މުޙައްމަދު ފަރީދު ރަދުންގެ ރަސްކަމުގައި ދެކުނު ތިން އަތޮޅުގެ ރައްޔިތުންނަށް ބައެއްކަހަލަ ކަންކަމުގައި ދަތިތަކެއް މެދުވެރިވުމުން އެބައިމީހުން ދިރިއުޅުމަށް ކުރާ މަސައްކަތަށް ވަރަށްބޮޑުދައްޗެއް މެދުވެރިވިއެވެ. މިހެންވުމުން އެކަންކަމާ އެބައިމީހުން ހިތްހަމަނުޖެހިފައިވާ ދަނޑިވަޅެއްގައި ފުރުޞަތުގެ ބޭނުންހިފައި އެދިދައަށް އިރުއޮއްސުމެއްނުވާ އިނގިރޭސީންގެބަޔަކު ބައެއްމީހުންގެ ބޮލަށް ވަދެގެން އޭރު ރާއްޖޭގައި އޮތް ސަރުކާރާއި ވަކިކުރުވައި އެ ތިންއަތޮޅުގައި ވަކި ވެރިކަމެއް ކުރުވިއެވެ. މިކަން ހިމެނިގެން ދިޔައީ ދުނިޔެ ހެއްދެވީއްސުރެ މިހާތަނަށް ދުނިޔޭގައި ނުހިނގާވަރުގެ ބޮޑުވެގެންވާ ބަޣާވާތަކަށެވެ. މަޝްހޫރު “ދެކުނުގެ ބަޣާވާތު” އެވެ. “މަގޫދަނޑި ސަރުކާރު” އަށެވެ. “ފެންބައްޑާ ސަރުކާރު” އަށެވެ. ނަމަވެސް މުޙައްމަދު ފަރީދު ރަދުންނާއި އެރަދުންގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ ހަށިކޮޅަކަށް ދެކުނުގެ ތިންއަތޮޅުގެ އެއްވެސްބަޔަކު އަރައިގަނެ ލޭއޮހޮރުވުމަކަށް ގެންދާކަށް ނޫޅެއެވެ. މިހެންމެ ލަންޓަންތަކުގެ ހޮޅިދަނޑިއެއްގެ ދެފަރާތަށް އެއިން ބޭފުޅެއްގެ ދެފައިންޕުޅު ގެންގޮސް އިރާލުމަކަށްވެސް ބޭނުމެއްނުވެއެވެ. އަދި އެއިން ބޭފުޅެއްގެ ކުރިމަތިފުޅު ފަރާތުގައި ޖެހުންފަދަ ލާއިންސާނީ ވަޙުޝީކަމެއް ކުރާކަށްވެސް ދެކުނުގެ ތިން އަތޮޅުގެ އެއްވެސްމީހަކު ނޫޅެއެވެ.

ދިވެހިރާއްޖެ މިހާތަނަށް ދެކިފައިނުވާ ފަދަ އަނިޔާވެރި ޕޯޗްގީޒުންގެ 17 އަހަރުގެ އަޅުވެތި ވެރިކަމުން ރާއްޖެ ސަލާމަތްކުރެއްވުމަށް އުތީމު ތިންބެއިން ކުރެއްވި މަސައްކަތުގައި ދެ ހާޖީންނާއި ދަންޑަހެލުގެ އިތުރަށް ދެކުނު ތިން އަތޮޅުގެ މުޖާހިދުން ބައިވެރިވެ ލަޝްކަރެއް އެކުލަވާލައި މިމަސައްކަތަށްޓަކައި އައްޑޫ ހިތަދޫ ކޯއްޓެއާއި އަދި ހުވަދޫ ގަމު ކޯއްޓޭ ބޭނުންކުރިކަމަށްވެސް ބޭރުގެ ތާރީޚު ޢިލްމުވެރިއެއްކަމަށްވާ އެޗް.ސީ.ޕީ ބެލް ވެސް ލިޔުއްވާފައިވެއެވެ. މިއީ ދެކުނު ތިން އަތޮޅުގެބަޔަކު ކުރި ކޮންކަހަލަ ކަމެއްބާވައެވެ. މާތްވެގެންވާ އިސްލާމްދީނާއި ގައުމަށްޓަކައި އެބައިމީހުން ކުރި ކަމެއްބާވައެވެ. ނޫނީ މިކަންވެގެންދާނީ “ދެކުނުގެ މުސްކުޅި ބަޣާވާތު” އަށް ނޫން ބާވައެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!