ބަދަލުގެ ނަތީޖާ

ދިވެހިރާއްޖޭގައި ވަރަށް ގިނަކަންތައްތަކެއް ބަދަލުވެއްޖެ އެވެ. މި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ރަނގަޅު ބަދަލާއި ނުރަނގަޅު ބަދަލެވެ. އަދި މީގެތެރެއިން ގިނަ ބަދަލުތަކަކީ ނުރަނގަޅު ބަދަލުތަކެއް ކަމަށް ބެލެވެއެވެ. އަޅުގަނޑުމެންގެ ޤަޥްމް މިވަނީ ހަމަނުޖެހުންތަކެއްގެ ތެރޭގައެވެ. ސިޔާސީ އިޞްލާޙްތަކަށް މަސައްކަތްކުރައްވާ ބޭފުޅުންގެ އަބުރުވައްޓާލުމާއި އެފަދަ ބޭފުޅުންނަށް ދަތިކުރުން މިވަނީ ޢާއްމު ކަމަކަށްވެފައެވެ. މިފަދަކަންތައްތައް ކުރުމުގައި އެކިއެކި ޕާޓީ ތަކުގެ އެކްޓިވިސްޓުންނާއި، ސަރުކާރުގެ މަތީމަޤާމްތައް އަދާކުރައްވާ ފަރާތްތަކުގެ ދެމެދުގައި ތަފާތެއް ނެތެވެ. އިންޞާފުވެރި ވެރިކަމެއް ހިންގުމަށް ބޭނުންވާ “ގުޑް ގަވާރނަންސް” ގެ އުޞޫލުތަކާއި ހަމަހަމަކަންވަނީ ނައްތާލެވިފައެވެ. މިއީ ސަރުކާރުގެ ބާރުތައް ކޮންޓްރޯލް ކުރުމުގެ ނިޔަތުގައި ކުރެވޭ ކަމެއް ކަމަށް ފެނެއެވެ. މިނިވަން ޑިމޮކްރެޓިކް ވެއްޓެއް ޤާއިމްކުރުމަށް މަސައްކަތްކުރައްވާ މީހުންނާއި އިންޞާފުން ކަންތައް ކުރެއްވުމަށް ޝަޥްޤުވެރިވާ ފަރާތްތަކާއި، ނޫސްވެރިންނަށް ދަތިކުރުމާއި އުނދަގޫތައް މެދުވެރި ކުރުމުގައި ޙައްދެއް ނެތެވެ.

މިފަދަ އުނދަގޫ ދަތިތަކެއް ތަޙައްމަލު ކުރަންޖެހޭ ޙާލުގައިވެސް އިޞްލާޙަށް މަސައްކަތްކުރައްވާ ބޭފުޅުން އެބޭފުޅުންގެ މަސައްކަތުގައި އެ އުޅުއްވަނީ ކީއްވެގެންތޯއެވެ؟ މިސުވާލު އަޅުގަނޑުގެ ހިތުގައި އުފެދެއެވެ. މިފަދަ ކޮންމެ ބޭފުޅަކީ ވެސް އެބޭފުޅެއްގެ އަމިއްލަ ޢާއިލާގެ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އެޅިފައިވާ ބައެކެވެ. އަދި އެފަދަ ބޭފުޅުން މިދެންނެވިފަދަ އިޞްލާޙީ ޙަރަކާތްތަކުގައި އެއުޅުއްވަނީ އެބޭފުޅުންނަށް ކުރެއްވޭނެ އެހެން މަސައްކަތެއް ނެތިގެނެއްވެސް ނޫނެވެ. ބޭނުމިއްޔާ ސަރުކާރުހިންގާ ޕާޓީއަށް ވަދެ، ސަރުކާރުގެ މަތީ މަޤާމެއް ހޯއްދަވައިގެން ހިހޫތަނުން ފަރިއްކުޅުއްވައިގެން އުޅުއްވެވިދާނެއެވެ.

އެކަމަކު މަޝްހޫރުކަމާއި، ފައިސާއާއި، ސަލާމަތްކަން ލިބިގަތުމަށް ވުރެން ބޮޑަށް ޙާލުގެ ދުލުން ގޮވާލެވޭ އެހެން ގޮވާލުމެއްވެއެވެ. އެއީ ޟަމީރުގެ ގޮވާލުމެވެ. ހަމަވިސްނުމުގެ ގޮވާލުމެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އެތައް ބުރަމަސައްކަތެއް ކޮށްގެން ދިވެހިން ޙާޞިލުކުރި މިނިވަން މީޑިއާ މިއަދު ކޮބައިތޯއެވެ؟ ޤަވްމު ނަލަހައްދާ ޒީނަތްތެރި ކުރެވިފައިވަނީ ކިހާވަރަކަށްތޯ ބަލަން ބޭނުންކުރެވޭ މޫނުބަލާ ލޯގަނޑަކީ މިނިވަން މީޑިއާއެވެ. ނޫސްވެރިން މެދުވެރިކޮށް ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ޤަޥްމުގެ ޙާލަތު ބަލާލެވިދާނެއެވެ. އަދި ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ ޅަދަރިންގެ މުސްތަޤުބަލް ބިނާކުރުމަށްޓަކައި ޤަޥްމުގެ މުހިއްމު މަޤާމްތަކަށް ހޮއްވަވާފައި ތިއްބަވާ ބޭފުޅުންގެ ޢަމަލުތައް ހުންނަގޮތާއި އެބޭފުޅުން ކުރައްވާ މަސައްކަތްތައް ވެސް ދެނެގަންނާނީ މީޑިޔާ މެދުވެރިކޮށެވެ. ބައެއްފަހަރު މިދެންނެވި މޫނުބަލާ ލޯގަނޑުން ފެންނަ ހިޔަންޏަކީ މާ އުފާވެރި ތަޞްވީރަކަށް ނުވެހިނގައިދާނެއެވެ. އެކަމަކު ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ ސިޓިންރޫމްތަކުގެ ސަރަންފީގޮނޑީގައި ތިއްބަވައިގެން ޤަޥްމުގެ ޙާލަތު ބައްލަވާނީ، އެތައް ނުރައްކާތަކަކާ ކުރިމަތިލެއްވުމަށްފަހު، ނޫސްވެރިން މިދެންނެވި މޫނުބަލާލޯގަނޑު ތަކުގެ ޒަރީޢާއިން ތިޔަބޭފުޅުންނާ ހަމައަށް ފޯރުކޮށްދޭ މައުލޫމާތުތަކުންނެވެ.

ދިވެހިރާއްޖޭގައި އިޞްލާޙަށް މަސައްކަތްކުރީ ވަކި ޕާޓީއެއް ނުވަތަ ވަކި ފަރުދެއްވެސް ނޫނެވެ. އިޞްލާޙަށް މަސައްކަތްކުރެއްވި ބޭފުޅުންގެ އަމާޒަކީ ދިވެހިރާއްޖެއަކީ ދެފުށް ފެންނަ، މިނިވަން، ޑިމޮކްރެޓިކް އަދި ލިބެރަލް ނިޒާމެއް ޤާއިމްވެފައިވާ ޤަޥްމަކަށް ހެދުމެވެ. މިދެންނެވި ލަފްޒްތަކާ ބެހޭގޮތުން ތަންކޮޅެއް ބޮޑަށް ވިސްނަމާތޯއެވެ. މި ލަފްޒް ތަކުގައި ފުން މާނަތަކެއް ވެއެވެ. “ދެފުށްފެންނަ” ނިޒާމެއް ބޭނުންވާ ސަބަބަކީ، ހުޅުވާލެވިފައިވާ މާޙައުލެއްގައި ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހުމާއި، ރައްޔިތުން ސަރުކާރަށް ދީފައިވާ އިތުބާރު ނަހަމަގޮތުގައި ބޭނުން ނުކުރެވުމެވެ. “ލިބެރަލް” ނިޒާމެއް ބޭނުންވާ ސަބަބަކީ ހުރިހާ އިންސާނުން ވެސް ހައްދަވާފައިވަނީ ތަފާތުކޮށްކަން އަޅުގަނޑުމެން ޤަބޫލްކުރުމާއި، އިންސާނުން އިންސާނުންގެ ގޮތުގައި އަޅުގަނޑުމެން ޤަބޫލްކުރަން ޖެހޭނެކަމާއި، ކޮންމެހެން އަޅުގަނޑުމެން ބޭނުންހާ ގޮތަކަށް އެހެން މީހުން ތަބާވާން ނުޖެހޭނެ ކަން އެނގުމެވެ. “ޑިމޮކްރެޓިކް” ނިޒާމެއް ބޭނުންވާ ސަބަބު އެއީ މިތާ ތަފްޞީލްކޮށް ބަޔާންކުރަންޖެހޭ ވަރަށްވުރެން މާ ފާޅުކަން ބޮޑު އެއްޗެކެވެ.

ބައެއް ފަރާތްތަކަށް އޭގެ ރަހަ ކިތަންމެ ހިތި ކަމުގައިވިޔަސް ޑިމޮކްރަސީގެ އަޑު އަޅުގަނޑުމެން އަދިވެސް އުފުލާނަމެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ބޮލުގައި ޤަޥްމުގެ ޢައްދާރުންކަމުގެ ލަގަބު އެޅުވިޔަސް އެންމެރަނގަޅެވެ. މި ލަޤަބު މީގެ ކުރީގެ ދުވަސްތަކުގައިވެސް ލިބިގަތް ފަދައިން އަދިވެސް ފަޚުރުވެރިކަމާއެކު އަޅުގަނޑުމެން ލިބިގަންނާނަމެވެ. ބައެއްމީހުންނަށް ފަހަރެއްގައި ހީވިޔަސް އަޅުގަނޑުމެންގެ އެއްވެސް ސިޔާސީ މަޤްޞަދެއް ނެތެވެ. އަޅުގަނޑުމެންގެ ފާޑުކިއުން އެހާބޮޑަށް ސަރުކާރަށް އަމާޒުވާ ސަބަބަކީ ކްރިކެޓްގެ މުޙާވިރާއެއްގައި ބުނެވޭ ފަދައިން، ފިލްޑްކުރާ ޓީމާ ދިމާލަށް ބޯޅަ އުކުމުގެ ބޭނުމެއް ނޯންނާނެތީވެއެވެ. މިދަނޑިވަޅުގައި އަޅުގަނޑުމެން ހަނދާންކުރަންޖެހޭ އެއްކަމަކީ، 11 ނޮވެމްބަރ 2008 އިން ފެށިގެން ރާއްޖޭގެ ވެރިކަން ހިންގުމުގައި ފާއިތުވަމުން މިދާ ދުވަސް ތަކަކީ ރާއްޖޭގެ ޙަޔާތުގައި އެންމެ ގިނަކަންތައްތައް ހަމަތަކާއި އުޞޫލްތަކުން އެއްކިބާވެގެން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރެވެމުން ދާ ދުވަސްތައް ކަމެވެ.

މިހާރުގެ ސަރުކާރުން އިންޞާފުން އެއްކިބާވެ ކުރައްވާ ކަންތައްތަކާ އަޅުގަނޑުމެން ދެކޮޅުހެދުމުގެ މާނައަކީ ކުރީގެ ސަރުކާރުން ކުރެއްވި ހުރިހާކަމަކަށް އަޅުގަނޑުމެން ތާއީދުކުރުމެއް ނޫނެވެ. ކުރީގެ ސަރުކާރަކީ ވެސް ވަރަށްގިނަ ކަންތައްތަކެއް ގޯސްކޮށް ކޮށްފައިވާ ބައެކެވެ. އެކަމަކު އޭގެ މާނައަކީ އެސަރުކާރުން ކުރެއްވި ހުރިހާ ރަނގަޅު ކަންތައްތަކެއްވެސް އެއީ ގޯސް ކަންތައް ތަކަކަށް ހެދުމެއް ނޫނެވެ. އަދި ކޮންމެކަމެއްގައި އެސަރުކާރު ޑިސްކްރެޑިޓް ކުރުމެއް ވެސް ނޫނެވެ. ހަމައެފަދައިން މިހާރުގެ ސަރުކާރަކީ މާރަނގަޅަށް ކަންތައްތައް ކުރަމުންދާ ބައެއް ކަމުގައި އަޅުގަނޑުމެން ބަލަންޖެހޭ ސަބަބެއްވެސް ނުމެ ނޫންމެއެވެ. ޙަޤީގަތުގައި މިހާރުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް ކަންތައްތަކަކީ މިއޮތްހާދުވަހު އިޞްލާޙައް މަސައްކަތް ކުރެއްވި ބޭފުޅުން ދައްކަމުންދިޔަ މިނިވަންކަމާއި، ޑިމޮކްރަސީއާއި، އަދި އިންސާނީ ޙައްޤުތަކުގެ ވާހަކައަށް ހުރި ލަދުވެތިކަމެކެވެ.

މިހާރު އެބޭފުޅުން ކުރައްވަމުން އެގެންދަވާ ކަންތައްތަކުގެ ސަބަބުން މީހުންގެ ހިތްތަކުގައި އުފެދޭ ފާރުގަނޑުތަކަކީ ވަރަށް ގިނަ ޒަމާންތަކަކަށް ދެމިގެންދާނެ ޒަޚަމް ތަކެކެވެ. މިކަން އެއްވެސް ބޭފުޅަކު ހަނދުމަ ނައްތަވައި ލައްވައިގެން ނުވާނެއެވެ.

އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން އޮތްވާހަކައަކީ، ރައީސް ނަޝީދުއެވެ. މަނިކުފާނު ރިޔާސީ އިންތިޚާބަށް ފުރަތަމަ ކެމްޕެއިން ކުރެއްވިއިރު އަޅުގަނޑުމެން މަނިކުފާނަށް ވަރަށް ތާއީދު ކުރީމުއެވެ. އެދުވަސްވަރު، އިންސާނީ ޙައްޤުތަކާއި ލިބެރަލް ވެލިއުސް ތަކަށް މަނިކުފާނު އިސްކަން ދެއްވާ މިންވަރު މަނިކުފާނުގެ ވާހަކަތަކުން ވަރަށް ބޮޑަށް ހާމަވާން  ހުއްޓެވެ. އެކަމަކު ރައީސްކަމާ ޙަވާލުވި ފަހުން މަނިކުފާނުގެ ޢަމަލުތައް ފެންނަމުންދަނީ މިދެންނެވި އުޞޫލްތަކާ ޚިލާފަށް ވަރަށް މޮޔަ ގޮތަކަށެވެ.

ތިމަންނަ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ދަހިވެތިކަމުގައި ނުއުޅުއްވާކަމަށް، މަނިކުފާނު، އަޅުގަނޑުމެން ކައިރީ ވިދާޅުވީމުއެވެ. އެކަމަށްޓަކައި މަނިކުފާނު މަސައްކަތްތަކެއް ނުކުރައްވާކަމަށްވެސް ވިދާޅުވީމުއެވެ. އެމަޤާމު މަނިކުފާނުގެ އުނގުތެރެއަށް އަމިއްލައަށް ވެއްޓުނީކަމަށް ވެސް މަނިކުފާނު ވިދާޅުވީމުއެވެ. މަނިކުފާނު ބޭނުންވަނީ ދިވެހިރައްޔިތުންނަށް، ތާހިރު ދިރިއުޅުމެއް ހޯއްދަވައިދެއްވުމަށް ކަމަށް ވިދާޅުވީމުއެވެ. އެކަމަކު މިހާރު މިވީގޮތަކީ ދިރިއުޅުން ތާހިރު ވެގެން ދިޔަދިޔައިނުން ގޮސް ދިވެހި ސިންގާސަނާ މުޅިން ތަޢައްޔަރުވީއެވެ.

ހިތާމައަކީ ޤަޥްމަށްޓަކައި މަނިކުފާނުގެ ހުވަފެންތައް ކަމަށް ވިދާޅުވަމުން އައި ކަންތައްތައް އެންމެ ތިންމަސް ދުވަސް ވެސް ނުވަނީސް ފުނޑުފުނޑުވެގެން ދިޔަކަމެވެ. އިޞްލާހުގެ ނަމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ، އަދި އިންޞާފުން އެއްކިބާވެގެންވާ އެތައްކަމެއް، މަނިކުފާނުގެ ސަރުކާރުން ކުރެއްވުމާއި، ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ހޭދަކުރެއްވުމުގައި، ކުރީގެ އެއްވެސް ސަރުކާރަކުން ނުގެންދާ މިންވަރަށް މަނިކުފާނުގެ ސަރުކާރުން ގެންދަވައިފީމުއެވެ. މަނިކުފާނުގެ ޢަމަލުތައް މިހާރު ތިޔަހުރީ، ކުޑަކުދިންކުޅޭއެއްޗެހި ވިއްކާ ފިހާރައަކަށް ކުޑަކުއްޖަކު ދޫކޮށްލުމުން ހުންނަ ފަދަ ގޮތަކަށެވެ. މި މިސާލު ފަހަރެއްގައި މަނިކުފާނާ ނުގުޅިވެސް ހިނގައިދާނެއެވެ. ސަބަކީ އެއްވެސް ކުޑަކުއްޖަކު ޤަޥްމެއްގެ މުސްތަޤްބަލް މިފަދަ ގޮތަކަށް ހަލާކުކޮށެއް ނުލާނެތީއެވެ. ވެރިކަމުގެ ބާރަށް އެދުންވެރިވެ މަނިކުފާނު މިވަގުތު މަސްތުވެފައިވާ މިންވަރުން މިކަން ނުފެންނަނީއެވެ. އެކަމަކު ޒަމާންތަކެއްފަހުން މަނިކުފާނުގެ ޕާޓީގެ ތަރިކަ އަކަށް މިކަންތައްވެގެން ދިއުމުން މަނިކުފާނު ހިތާމަ ކުރައްވާނެއެވެ.

އަޅުގަނޑުމެން، މިކަމުގައި އަޅުގަނޑުމެންގެ އަމިއްލަ ޢަމަލުތައް ބެހެއްޓުނުގޮތާމެދު ހިތްހަމަޖެހެއެވެ. ސަބަބަކީ އަޅުގަނޑުމެން އެއްވެސް މީހަކަށް ކުރުނީސްކޮށްފައި ނުވާނެތީއެވެ. މިމަސައްކަތުގައި އަޅުގަނޑުމެން ދަތުރުކުރީ އެކަންޏަކުނޫނެވެ. އަޅުގަނޑުމެންގެ ގާތް އެތައްބަޔަކު ބައިވެރިވިއެވެ. މިހުރިހާފަރާތްތަކާމެދު ވެސް މިހާރުވަނީ ވަރަށް އިހާނާތްތެރި ގޮތްތަކެއްވެފައެވެ. އެކަމަކު މަނިކުފާނު ކިތަންމެ ހިތްހަމަ ނުޖެހުނަސް މަނިކުފާނަށް މަޖްބޫރުވާނީ އިހާނާތްތެރި ގޮތްތައް އަޅުގަނޑުމެންނާ ދޭތެރޭ މެދުވެރިކުރި ފަރާތްތައް ޙިމާޔަތް ކުރުމަށެވެ. މިކަމުގައި މަނިކުފާނުގެ އެއްވެސް އިޚްތިޔާރެއް ނެތެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެން މަނިކުފާނާދޭތެރޭ ހަމްދަރުދީވަމެވެ.

އަޅުގަނޑުމެން މިވާހަކަތައް ލިއުމުގައި ކުރިއަށް ދާނަމެވެ. ކިތަންމެބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހުނަސް ވަރިހަމައެވެ. މިއީ އެންމެ މީހެއްގެ ޖިހާދެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔަކަށް މިކަމުގެ ހިތި ތަޖުރިބާ ކުރަން ޖެހޭނެއެވެ. އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި އަޅުގަނޑުމެންގެ މިމަސައްކަތުގެ ސަބަބުން ޤަވްމުގައި ފަރުދީ މިނިވަންކަން ޤާއިމް ކުރުމަށް މަސައްކަތް ކުރާފަރާތް ތަކަށް އިތުރު ބާރެއް ލިބިގެން ދާނެއެވެ.

މީހުން އާއްމުކޮށް އަޅުގަނޑުމެން ކައިރިން އަހާ ސުވާލެއްވެއެވެ. ތިޔަހާބޮޑު ނުރައްކަލަކާ ކުރިމަތިލައިގެން ތިޔައުޅެނީ ކީއްކުރަންހެއްޔެވެ. އެމީހުން ބުނާ ގޮތުން މިކަމުގެ ސަބަބުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން މުޅިން ހަލާކުވެގެން ހިނގައި ދާނެއެވެ. މިއީ މިކަން އޮތްގޮތް ކަން ހަމަކަށަވަރުން އަޅުގަނޑުމެނަށް ވެސް އެނގެއެވެ. އެކަމަކު މިހާރު މިވާހަކަ ނުދައްކައިފިއްޔާ މިވާހަކަދައްކާނެ ބަޔަކު ނެތި ހިނގައިދާނެއެވެ. މިހިސާބުން ޚިޔާލަށް އަންނަނީ ތިއޮލޮޖީގެ ޢިލްމްވެރިއެއްކަމުގައިވާ ޖަރުމަނުގެ “މާރޓިން ނީމްލާރ” ކިޔާމީހެއްގެ މިސާލެވެ. އޭނާގެ ޒުވާން ދުވަސްވަރު އޭނާޔަކީ އެންޓި ސެމިޓިކް ޚިޔާލުގެ މީހެކެވެ. އަދި ހިޓްލަރަށް ތަޢުރީފް ކުރައްވާބޭފުޅެކެވެ. އެކަމަކު  ނާޒީންނަށް ވެރިކަން ލިބުމުން އޭނާޔަށް ފެނުނީ ނާޒީންނާ މެދު އޭނާ ޚިޔާލުކުރި ގޮތަކަށެއް ނޫނެވެ. ހިޓްލަރު ނައްތާލަން މަސައްކަތްކުރީ ހަމައެކަނި ޔަހޫދީންނެއް ނޫނެވެ. އޭނާޔާ ޚިޔާލްތަފާތުވާ ކޮންމެ މީހެކެވެ. ނީމްލާ މިކަމާ ދެކޮޅަށް އަޑުއުފުލިއެވެ. އެހެންކަމުން ޖެހުނީ 1945 އިން 1947 އާދެމެދު ކޮންސެންޓްރޭޝަން ކޭމަޕްތަކުގައި އަނިޔާ ލިބި، މިއަނިޔާތަކުގެ ސަބަބުން ގާތްގަނޑަކަށް އޭނާގެ ފުރާނަ އޭނާޔާ ވަކިވެގެން ދިޔައެވެ. ބަންދުގައި ހުންނެވިއިރު ނީމްލާރ ޅެމެއް ލިއުއްވިއެވެ. އޭގައި ވެއެވެ:

ފުރަތަމަ އެބައިމީހުން އައީ ޔަހޫދީން ބަލައެވެ.
އަހަރެން އެކަމާ ދެކޮޅަށް އަޑުއުފުލައެއް ނަހަދަމެވެ. ސަބަބަކީ އަހަންނަކީ ޔަހޫދީއަކަށް ނުވާތީއެވެ.

ދެން އެބައިމީހުން އައީ ކޮމިއުނިސްޓުން ބަލައެވެ.
އަހަރެން އެކަމާ ދެކޮޅަށް އަޑުއުފުލައެއް ނަހަދަމެވެ. ސަބަބަކީ އަހަންނަކީ ކޮމިއުނިސްޓަކަށް ނުވާތީއެވެ.

ދެން އެބައިމީހުން އައީ މަސައްކަތު ޔުނިއަންތަކުގެ މީހުން ބަލައެވެ.
އަހަރެން އެކަމާ ދެކޮޅަށް އަޑުއުފުލައެއް ނަހަދަމެވެ. ސަބަބަކީ އަހަންނަކީ މަސައްކަތު ޔުނިއަނެއްގެ މީހަކަށް ނުވާތީއެވެ.

ދެން އެބައިމީހުން އައީ އަހަރެން ބަލައެވެ.
އޭރު އަހަރެންނަށްޓަކައި އަޑުއުފުލާނެ އެއްވެސް މީހަކު ބާކީ ވެފައެއް ނެތެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!