ނެރު ގޮއްވުން އަނގަ ގޮއްވުމަކަށް
އައްޑޫ މީދޫގެ ހުޅަނގު އުތުރު ފަރާތުން ނެރެއް ކަނޑައި މިޒަމާނުގެ ބޮޑެތި ދޯނިފަހަރަށް ކޮންމެ މޫސުމެއްގައިވެސް ފަސޭހައިން ވަދެނިކުމެވޭނެ ގޮތް ހެދުމުގެ ޚިޔާލަކީ ވަރަށް ދުވަސްވީ ޚިޔާލެކެވެ. އެޚިޔާލު ފެށިގެން އައީ މައުމޫނުގެ ދައުރުގައެވެ. މި ޚިޔާލަކީ އަޅުގަނޑު ވަރަށް ތާއީދުކުރި ޚިޔާލެކެވެ. ތާއީދު ކުރުމުގެ ވަރަށް ގިނަ ސަބަބު އެބަހުއްޓެވެ.
މިޚިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ފަރުދީގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެއެވެ. އެކިސަރުކާރުތަކުގައި ވަޒީރު ބޭފުޅުންގެ އަރިހަށް ހިނގުމާއި މި ސައިޓާއި އަދި އެނޫންވެސް ބައެއް ސައިޓުތަކުގައި މިނެރެއް ހަދަން ޖެހޭ ސަބަބުތަކުގެ މައްޗަށް ވަރަށް ގިނަ ލިޔުންވެސް ލިޔެވިފައިވާނެއެވެ. ނެރުހެދުމުގެ ކަންތައް މިކަހަލަ ގޮތަކަށް އައިސް ނެރުގެ އެންމެ މުހިއްމު ބައިކަމުގައިވާ ފަރުގޮއްވުން މިއައީ އިހައްދުވަހުއެވެ. ފަރުގޮއްވީމާ އެކަމާއި ދެކޮޅަށްވެސް އަދި އެއްކޮޅަށްވެސް ވަރަށް ގިނަބަޔަކު ސޯޝަލް މީޑިއާގައި ޝުއޫރުތައް އޮއްސާލިއެވެ. ބަލަން ހުރެފައި މިއީ އަޅުގަނޑުވެސް ތާއީދު ކުރާކަމެއް ކަމަށް ބުނެފީމެވެ.
ނެރު ގޮއްވުމަށް ތާއީދު ކުރުމަކީ ވަކި ސަރުކާރަކަށް ތާއީދު ކުރުމެއް ނޫނެވެ. ނެރު ހެދުމުގެ ޚިޔާލަކީ ޔާމީނުގެ ސަރުކާރަށް ވުރެ މާކުރީގެ ޚިޔާލެކެވެ. އަދިކިއެއްތަ، ވަހީދާއި ނަޝީދުގެ ސަރުކާރުތަކަށް ވުރެވެސް ކުރީގެ ޚިޔާލެކެވެ. އެހެންވީމާ ނެރު ހެދުމަށް ތާއީދު ކުރުމާއި އެނެރު ހަދާބަޔެއްގެ ސިޔާސީ ފިކުރަށް ތަބާވުމަކީ ގުޅުވޭނެ ދެކަމެއް ނޫނެވެ.
ނެރު ގޮއްވައިލީމާ އެކަމާއި ގުޅިގެން އަޅުގަނޑު ފޭސްބުކުގައި ކުރި ޕޯސްޓަށް ކޮމެންޓު ކުރެއްވި ބޭފުޅުންގެ ތެރޭގައި އާފިޔާ މޫސާއޭ ކިޔުނު ބޭފުޅަކުވެސް ހިމެނިވަޑައިގެންނެވިއެވެ. އާފިޔާގެ ކޮންމެ ކޮމެންޓެއްގެ މިސްރާބު ހުރީ އަޅުގަނޑާއި އަޅުގަނޑުގެ ވިސްނުމަށް މަލާމާތް ރައްދު ކުރުމާއި ދިމާއަށެވެ. އެހެންވެ މިކަން ޒާތީ ކަމަކަށް ނުހެއްދެވުމަށް ވަރަށް އިހުތިރާމާއެކު ދެންނެވީމެވެ. އެފަހުން އަޅުގަނޑުގެ ވޯލްގައި އާފިޔާ ކޮމެންޓެއް ނުކުރައްވައެވެ.
އަޅުގަނޑުގެ ރަހުމަތްތެރިޔަކު މެސެންޖަރއިން އަޅުގަނޑަށް ކޮންމެވެސް މީހެއްގެ ފޭސްބުކް ސްޓޭޓަސްއެއްގެ ސްްކްރީންޝޮޓެއް ފޮނުވިއިރު މިއެއްޗަކީ އާފިޔާގެ ސްޓޭޓަސްއެކެވެ. އޭގައިވަނީ އައްޑޫ މީދޫ މުޅި ރައްޔިތަށް މަލާމާތް ކުރައްވާފައެވެ. މޮޔައިންނޭ ވިދާޅުވެފައެވެ. އަދި މި މުޖުތަމައާއި ގުޅުނު ބަޔަކަށް އޮތީ ވީހާވެސް އަވަހަށް ސަލާމަތްވެގެން ބެޗުން ކަމަށް ވެސް ލިޔުއްވާފައިވެއެވެ.
މިސްކްރީންޝޮޓް އަޅުގަނޑުގެ ވޯލްގައި ހިއްސާކޮށް މިހިރީ އައްޑޫ މީދޫ ގޮނޑިޔަށް ރޮޒައިނާ އާދަމް ހޮވައިދިން ކުދިންނަށް އެދެމެއިން ދެއްްވި ހަދިޔާއެކޭ ލިޔެފީމެވެ. އަދި މިގޮތަށް މަލާމާތް ކުރާކުރުމާއި ގޮވާ އެއްޗިއްސަކީ ނަޖިސް ކަމަށް ގަބޫލުކުރާތީ މިނަޖިސް ހޯދައިގަތް ކުދީންނަށް ސަލާމޭ ވެސް ލިޔެފީމެވެ. އަޅުގަނޑަކީވެސް މީދޫ މީހަކަށް ވެފައި ފަރުދީ ހައިސިއްޔަތެއް އޮންނާނެއެވެ. އޮންނަންވެސް ޖެހޭނެއެވެ. އަދި ރޮޒައިނާ ހޮވުނު ފަހަރު އެހެން މީހަކު ހޮވަން އަމަލީ ގޮތުން މަސައްކަތްކުރި މީހެއްގެ ގޮތުން މިކަން މިހެންވީމާ ކޮބާކޮބާ ކިހިނަކުން ހީވޭހޭ އަހައިލުމަކީ އަޅުގަނޑު ކުރަން ބޭނުންވި ސުވާލަކަށް ވެސް އޮތީވެފައެވެ.
އިރުކޮޅަކުން އަޅުގަނޑުގެ އެހެން ރައްޓެއްސަކު މެސެންޖަރއިން ފޮޓޯއެއް ފޮނުވައިފިއެވެ. އޭގައި އޮތީ ރޮޒައިނާ އާދަމްގެ ލިޔުއްވުމެކެވެ. އޭގައި އޮތީ ފަޅު ގޮއްވާ ވާހަކައެވެ. އެއްތާކު ދެތާކު ނޫނެވެ. ހުރިހާތާކުވެސް އޮތީ ފަޅު ގޮއްވާ ވާހަކައެވެ. ދެން ޑައިނަމައިޓު ލައިގެން މިކަންކުރާ ވާހަކައެވެ. ރޮޒައިނާގެ މަންމަގެ މަލާމާތް ރައްދުވެ އެކަމުގެ ނުތަނަވަސްކަމުގައި ހުއްޓައި މިކަހަލަ އެއްޗެއް ލިބުނީމާ ހިތަށް އެރީ އަޅުގަނޑުމެންގެ މެންބަރަށް ގޮއްވަން މިއުޅޭ ތަނެއްވެސް މިއޮތީ އޮޅިވަޑައިގެންފައެވެ. އެހެންވީމާ އެ ލިޔުންވެސް އަޅުގަނޑުގެ ވޯލްގައި ހިއްސާކޮށް ފަރާއި ފަޅު ވަކިނުވެ ވާހަކަ ދެއްކީމާ ދެން ފެންނާނީ މޮޔައިން ނޫންތޯ ސުވާލުކޮށްފީމެވެ.
އަޅުގަނޑުގެ މިޕޯސްޓަށް ކޮމެންޓު ކުރެއްވި ބޭފުޅުންގެ ތެރޭގައި ރޮޒައިނާވެސް ހިމެނިވަޑައިގަންނަވައެވެ. އެހެންނަމަވެސް ރޮޒައިނާއަކީ އަޅުގަނޑުގެ އެފްބީ ރައްޓެއްސެއް ނޫނެވެ. ޕަބްލިކްކޮށް އަޅުގަނޑުގެ ޕޯސްޓް އިނީމާ ރޮޒައިނާއަށް ވެސް ކޮމެންޓު ކުރެއްވުނީއެވެ. އެކޮމެންޓުތަކަށް އަޅުގަނޑު ޖަވާބުދޭން ޖެހިއްޖެނަމަ މައްސަލަ ވަރަށް ގޯސްވެދާނޭ ކަމަށް ބަލައިގެން އަޅުގަނޑުގެ ޕޯސްޓްގެ ސެޓިން ބަދަލުކޮށް ހަމައެކަނި އެފްބީ ރައްޓެހިންނަށް ފެންނަ ގޮތް ހަދައިފީމެވެ.
މިހިސާބުން މައްސަލަ ނިމުނީކަމަށް ބަލައިގެން ހުއްޓައި ރައްޓެހިން ގުޅާފައި އަޅުގަނޑަށް އަމާޒު ކުރައްވައި ރޮޒައިނާ ލިޔުއްވާފައިވާ ފަތްކޮޅެއްގެ ވާހަކަ ބުނަން ފަށައިފިއެވެ. މީގެ ސްކްރީންޝޮޓްވެސް ފޮނުވައިފިއެވެ. އެހިސާބުން އަޅުގަނޑު ނިންމީ ދެން މިކަމުގައި އިތުރު ވާހަކައެއް ނުދެއްކުމަށެވެ. އެހެންނަމަވެސް އަޅުގަނޑުގެ ޕްރޮފެޝަނަލް މަސައްކަތްތަކުގެ ތެދުވެރިކަމާ މެދު އޭގައި ސުވާލު ކުރައްވާފައިވާތީ އެއްޗެކޭ ބުނެލާނަމޭ ހިތައި މިވާހަކަ ލިޔަން ފަށައިގަނެވުނީއެވެ.
މަޖިލިސް އިންތިޚާބުގައި ރޮޒައިނާއަށް އަޅުގަނޑު ތާއީދު ނުކުރި އެއްސަބަބަކީ ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރެފައިވުމެވެ. އެހެންވީމާ އަޅުގަނޑު މަސައްކަތްކުރީ އެމީހަކު ހޮވޭތޯއެވެ. ދެން ނުހޮވުމީ އަޅުގަނޑުގެ ފޭލްވުމެކެވެ. ހޮވުނީ ރޮޒައިނާއެވެ. ހޮވުނު މީހާގެ މެންޑޭޓު އަޅުގަނޑު ހުރީ ގަބޫލުކޮށްގެންނެވެ. މިހެން ހުއްޓައި އަޅުގަނޑުގެ ޕްރޮފެޝަނަލް މަސައްކަތްތަކުގެ ތެރެއިން އެއްރޭ ރޮޒައިނާއާ ދިމާވެއްޖެއެވެ. ކެމްޕޭނު ދުވަސްވަރުގެ ވާހަކަ ދެއްކެވީމާ އަޅުގަނޑު ހިތުން ޑިޕްލޮމެޓިކްވާން ވެގެން ބުނެފީމެވެ. ރޮޒައިނާ ކަހަލަ އެއްގޮތެއްގައި ސާބިތުވެ ހުންނަވާ ބޭފުޅަކު ހޮވުނުކަން ނަސީބުތާއެވެ. މިހާރު ފެންނަނީ ގިނައިން ކޮޅު ބަދަލުކުރައްވާ ބޭފުޅުން ވިއްޔާއެވެ.
ރޮޒައިނާގެ ޕޯސްޓުގައި މިވާހަކަޔަށް ވެސް އޮތީ އިޝާރާތް ކުރައްވައިފައެވެ. އަދި އަޅުގަނޑު ހަގީގަތް އޮޅުވާލަން ޒާތީވެގެން ހަސަދަވެރިވެގެން އުޅޭކަމަށްވެސް އޮތީ ތުހުމަތު ކުރައްވާފައެވެ. ރޮޒައިނާއަކީ ސިޔާސީ ބޭފުޅެކެވެ. އަޅުގަނޑަކީ ސިޔާސީ މީހެއް ނޫނެވެ. މިހާވަރަށްވެސް ނެރުގެ މައްސަލައިގައި ވާހަކަ ދެކެވުނީ އެކަމަކީ މީގެ އެތައް އަހަރެއްކުރީން ފެށިގެން އެކެމްޕޭނެއްގައި އަޅުގަނޑުވެސް ޝާމިލްވާ ކަމަކަށް ވުމުންނެވެ. ނެރު ހެދުމުގެ މުހިއްމުކަމުގެ މެސެޖު ދިނުމަށް ޑޮކިއުމެންޓަރީ އާއި އެފަދަ އެނޫންވެސް ކަންކަމަށް އަމިއްލަ ޚަރަދުގައި މީދޫއަށް މީހުން ފޮނުވައިގެން ރިޕޯޓުތަކެއް ގެނެސްދެވުނީވެސް މިކަމުގެ ތެރެއިންނެވެ.
ދެން މުޅި މީދޫއަށް ނިސްބަތްކުރައްވައި އާފިޔާ ދެއްކެވި ވާހަކަ އާއި ގޮއްވީ ފަޅުކަމަށް ރޮޒައިނާ ވިދާޅުވި ވިދާޅުވުމަށް އަޅުގަނޑު އެއްޗެކޭ ދެންނެވީ އަޅުގަނޑަކީ މީދޫ މީހަކަށްވީމައެވެ. ކޮންމެހެން ވަކިމީހެއްގެ ކައިރީގައި ވަކި މަސައްކަތެއް ކުރަން ހަވާލުކޮށްފައި ހުރި މީހަކަށް ވެގެން ނޫނެވެ. އެކަމަކު ފަހުން ވިސްނައިލިއިރު އަޅުގަނޑަށް މިހުރެވެނީ ހަގީގަތުގައި އަޅުގަނޑު ދާންވީ ހިސާބަށްވުރެ މާދުރަށް ނުކުމެވިފައިކަމުގެ އިހުސާސް ކުރެވިއްޖެއެވެ.
އެހެންވީމާ އަޅުގަނޑު ދެއްކި ވާހަކަތައް އަޅުގަނޑު ނަގައިފީމެވެ. އެއްވެސް މީހަކާއި ނުވަތަ ބަޔަކާއި މުޑިއެރުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫނެވެ. އަދި އަޅުގަނޑުގެ ޕްރޮފެޝަނަލް ދާއިރާ ތަންދޭކަމެއް ވެސް ނޫނެވެ. ރޮޒައިނާ އާދަމުގެ ދެމައިންނާއި މުޅި އާއިލާއަށް އަޅުގަނޑު އެދެނީ ބާއްޖަވެރިކަމެވެ. ތިޔަ ދެމައިންނަށް އަބަދުވެސް ކުރިއެރުމާއި މޮޅުގޮތެވެ. ބައެއްގެ އަނގަ ގޮއްވައިގެން އަޅުގަނޑަށް ލިބޭނެ މޮޅެއްވެސް އުފަލެއްވެސް ނެތެވެ.
ފަހުގެ ޚިޔާލުތައް