ކިލެގެފާނުގެ ބެއިފުޅުންނާއި މީދޫ ރައްޔިތުންގެ ލޯބީގެ ކުޅިސަމާ

ކިލެގެފާނަކީ ރަސްދަރިކަލެކެވެ. އެއީ ޝަހީދުކުޅަ ބަންޑާރައިންގެ ދަރިކަލުންނެވެ. ދިޔަމިގިލީ ޚާންދާނުގެ އެންމެ ފަހު އަމީރެވެ. ހުރަވީ ޚާންދާނުގެ ރަސްކަން ނެގެހެއްޓުމަށްޓަކައި ދިޔަމިގިލީގެ ދަންމަރު ނިއްވާލުމަށް ހުރާގޭ މުހައްމަދު މަނިކުފާނު ގަސްތު ކުރެއްވިއެވެ. ގިޔާސުއްދީނު ރަދުން ކަނޑުފެއްތި ގޮތަށް ކިލެގެފާނުވެސް ކަނޑު ފެއްތުމަށް ހީފުޅު ކުރެއްވިއެވެ.

ވަރަށް ގިނަ ސަބަބު މެދުވެރިވެގެން ކަނޑުފެއްތުމާއި މަރުން ކިލެގެފާނު ސަލާމަތްވެވަޑައިގަތެވެ. ފުވައްމުލަކު ކަރެއްޔެއޭ ކިޔުނު ގޭގެ ދެމަފިރިންގެ ބެލުމުގެ ދަށުގައި ހުންނަވައިގެން ކިލެގެފާނު ބޮޑުފުޅުވީ ފުވައްމުލަކުގައެވެ. ދުނިޔޭގެ އޮޔާއި ވައިވެސް ބަދަލުވެ ހުރަވީ ޚާންދާނުގެ އޭރުގެ ރަސްގެފާނުގެ ހިތްޕުޅުވެސް މަޑުމޮޅިވެ ކިލެގެފާނުގެ ވަރަށް ޒުވާން އުމުރުގައި ފާމުދޭރިކިލެގެ ކަމަށް ކޮލިލައްވައި ދެކުނުގެ ތިން އަތޮޅުގެ ވެރިކަން ކިލެގެފާނަށް ދެއްވައިފިއެވެ.

ދިޔަމިގިލީ ޚާންދާން ނިންމައިލުމަށް ހުރާގޭ މުހައްމަދު މަނިކުފާނު ރޭއްވެވިކަމުގައި ވިޔަސް އިރާދަފުޅާއި މިންވަރުފުޅުގައި އޮތީ އަދި އެހެން ގޮތެކެވެ. ކިލެގެފާނު ވެވަޑައިގަތީ ގިނައިން ކައިވެނި ކުރައްވައި ގިނައިން ބޭފުޅުން ހޯއްދެވުމަށް ގަދައެޅުއްވި ބޭފުޅެއް ކަމުގައެވެ. މުޅިއެކު 8 ކައިވެނިން ޖުމްލަ 18 ބޭފުޅުން ހޯއްދެވިއެވެ. އަނބިއަނބިކަނބަލުންގެ ތެރެއިން ފާފު އަތޮޅު ހިމިތީ ކަނބަލަކު ފިޔަވައި ދެން ތިއްބެވީ މުޅިންވެސް ފުވައްމުލަކު ކަނބަލުންނެވެ. އަބަދުވެސް ހަތަރު އަނބިކަނބަލުން ތިއްބަވާ ކަމަށް ބުނެވެއެވެ.

ކިލެގެފާނުގެ ބޭފުޅުންވެސް އުޅުއްވީ މިފަދަޔަކުންނެވެ. އެބޭފުޅުންވެސް ނުހަނު ގިނަ ކައިވެނި ކުރައްވައި އެހާމެ ގިނައިން ބޭފުޅުން ހޯއްދެވިއެވެ. ހުވަދު އަތޮޅާއި އައްޑު އަތޮޅު އަދި ފުވައްމުލަކުގައި އާއިލީގޮތުންނާއި ބުރުސޫރައިގެ ގޮތުން ފާހަގަކޮށްލެވޭ ވަރުގެ ކަނބަލަކު ހުންނަވައިފިނަމަ އެއީ ކިލެގެފާނުގެ ކޮންމެވެސް ބޭފުޅެއްގެ އަނބިކަނބަލެކެވެ. ރީތި އަބުއި ފިރިހެނަކު ވިއްޔާ އެއީ ކިލެގެފާނުގެ އަންހެން ބޭފުޅެއްގެ ފިރިކަލެކެވެ. މިއީ އެދުވަސްވަރުގެ މަންޒަރެވެ. މި ލިޔުމުގައި އިންސާފު ކުރެވޭތޯ ބަލާނީ ކިލެގެފާނުގެ އެކި ބޭފުޅުން މީދޫއަށް ވަޑައިގެން ވަރިކައިވެނީގެ ކަންތައް ކުރިއަށް ގެންދެވި ގޮތުގެ މައްޗަށެވެ.

ކިލެގެފާނުގެ އެންމެ ދޮށީ ބޭފުޅަކީ އައިސާދިއެވެ. އެއީ މަޝްހޫރު ދޮށީ ދީދީއެވެ. މިދީދީގެ ފިރިފުރާވަރު އުމުރުގައި ހުވަދޫ ކަނޑުން ދެކުނުގައި ހުރި އެންމެ ރީތި އަބުއި ފިރިހެނަކީ ހުވަދުއަތޮޅު ކޮނޑޭ އަލި މަނިކުފާނެވެ. އެހެންކަމުން ކިލެގެފާނު އެދިވަޑައިގެން މި ދީދީ ކޮނޑޭއަށް ފޮނުއްވައި އަލި މަނިކުފާނާއި ކައިވެނިކޮށްދެއްވައިފިއެވެ. މިކައިވެނިން ދެ ކުދިން ލިބިވަޑައިގެންފައި ވަނިކޮށް އަލި މަނިކުފާނުގެ ފަރާތުން ސިޔާސީ ކޮންމެވެސް އުނި ސިފައެއް ފެނިވަޑައިގަތީމާ ކިލެގެފާނު ބޮޑު އޮޑިއެއްގައި ކޮނޑޭއަށް ވަޑައިގެން ޚާދިމުންނަށް އަމުރު ކުރައްވައިގެން ގޭގެ ފުރާޅު ވައްޓާލައްވައި ވާޖަހައިގެން އެނދާއިއެކު ދޮށީ ދީދީ ނަންގަވައިގެން ކައިވެނިވެސް ރޫޅާލައްވައި ދޮށީ ދީދީ ފުވައްމުލަކަށް ގެންދެވި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އޭރު ދޮށީ ދީދީ އޮންނެވީ މުހުއްމައިދިއޭ ކިޔުނު ތުއްޕުޅު ދަރިކަލުންނާއިގެން އަދި މުޅިން ގަދަވެވަޑައިނުގެން ދާންމަތިކޮޅުގައެވެ.

ކޮނޑޭ އަލި މަނިކުފާނަށް ފަހު ދެން މުޅި ދެކުނުގައިވެސް ހުންނެވި އެންމެ ބަނިޔާދަން ޒުވާނަކީ މީދޫ ގަނޑުވަރު މުހުއްމާ ތައްކާނެވެ. މިހެންވެ މުހުންމާ ތައްކާނާއި ދޮށީ ދީދީ ދެވުމަށް އަމުރުކުރައްވައި މުހުއްމާ ތައްކާނުގެ ބައްޕަ ހުޅުދޫ ގެދަރު އަލި ތައްކާނަށް ކިލެގެފާނު ސިޓީއެއް ލިޔުއްވައިފިއެވެ. މި ސިޓީއަށް ފަހު ދޮށީ ދީދީ މީދޫއަށް ވަޑައިގެން އެތައްޚާނާއި ކައިވެނިކުރައްވައިފިއެވެ. މިކައިވެނިން ހަތަރު ބޭފުޅުން ލިބިވަޑައިގަތެވެ. ބުނެވޭ ގޮތުގައި މިކައިވެންޏަކީ ނިކަން އަޑިގުޑަންކަން ބޮޑު ކައިވެންޏެކެވެ. އެއްފަހަރަށްވުރެ ގިނައިން ވަކިވާންވެސް ޖެހިވަޑައިގަތް ކަމަށް ބުނެވެއެވެ. އިތުރު މީހަކު ހޯއްދެވުން ހުތުރު ކަމަކަށް ވެގެން ދޮށީ ދީދީ ފަހުން ހުންނެވީ ހުހަށެވެ. މުހުއްމާ ތައްޚާނު އެހެން މީހަކާ ކައިވެނިބައްލަވައިގެން އިތުރު ބޭފުޅުންވެސް ހޯއްދެވިއެވެ.

މީދޫ އެދުރުގޭ އިބިރިހިން ތައްޚާނު (ފަހުން އިބްރާހިމް މަޖްދުއްދީން – އިބިރިހިން ފަނޑިޔާރު ތައްކާނު)ގެ އެންމެ ޒުވާން އުމުރުގައި އެ ތައްކާނު އުޅުއްވަން ގަސްތުކުރެއްވީ ފުވައްމުލަކު ކަނބަލަކާއި ކައިވެނިކުރައްވައިގެން ފުވައްމުލަކުގައެވެ. މިގޮތަށް އުޅުއްވަނިކޮށް ކިލެގެފާނުގެ އަހައްމައިދިގެ ދުރުމިއަށް އިބިރިހިން ތައްކާނުގެ އަނބިކަނބަލުން އަރައިފިއެވެ. އޭރު އެކަނބަލެއްގެ ފުށުން އިބިރިހިން ތައްކާނަށް ދެ ބޭފުޅުވެސް ވަނީ ލިބިވަޑައިގެންފައެވެ. އަހައްމައިދި ހިތްޕުޅާ ހަމަކުރައްވާ ކަނބަލަކަށްވީމާ ވަރިކުރައްވަން އިބިރިހިން ތައްކާނަށް މަޖުބޫރު ވެވަޑައިގެންފިއެވެ. އެއްރޭ ދަންވަރު އަނބިކނބަލުން ވަރިކުރައްވާފައި ސިއްރިޔާތުގައި ދޯންޏެއް ތައްޔާރުކުރައްވައި އެދޯނީގައި ވަޑައިގެން އިބިރިހިން ތައްކާނު މީދޫ މާއެޅެ ފުއްޓަރުފަރާތު ފަރުމައްޗަށް ފައިބައިވަޑައިގެންފިއެވެ.

މިތަނުން އިބިރިހިން ތައްކާނުވެސް ހެއްދެވީ މޮޅު އެއްޗެކެވެ. ފުވައްމުލަކުގައި ހުންނަވާފައި މީދޫއަށް ވަޑައިގަތީ ކޮންގޮތަކަށްހޭ މީހުން ސުވާލުދެންނެވީމާ ޖަވާބުގައި ވިދާޅުވީ ދެން ހަމަ އައީ ކަމަށެވެ. މިޖަވާބުން މީހުން ހީކުޅައީ ކަނޑުގައި ހިންގަވާފައި ވަޑައިގަތީ ކަމަށެވެ. ފުވައްމުލަކު އަނބިކަނބަލުން ވަރިކުރައްވާފައި ވަޑައިގެން ދެން އިބިރިހިން ތައްކާނު ކައިވެނިކުރެއްވީ ހުޅުދޫ އަތިރަގޭ ކޮންމެވެސް މަނިކެއަކާއެވެ. ދެށިނާގެ ކުދިންނަކީ މިބަނޑުން ލިބިވަޑައިގެންނެވި ބޭފުޅުންނެވެ. އެއީ ދެށިނާގެ ފުރަތަމަ ޖެނެރޭޝަނެވެ.

ކިލެގެފާނުގެ ބޭފުޅުންގެ ތެރެއިން ހަސަން ދީދީ އަކީ ވެސް މީދޫ ކަނބަލުންނާ ވަރަށް ގަޔާވެވަޑައިގެންނެވި ބޭފުޅެކެވެ. ހަސަން ދީދީ އުޅުއްވަނީ ފުވައްމުލަކުގައެވެ. އެކަމަކު މީދޫން އެކަނިވެސް ދެ ކަނބަލަކު ފުވައްމުލަކަށް ގެންދެވިއެވެ. ހަސަންދީދީ އެންމެ ފުރަތަމަ މީދޫން ކައިވެނިކުރެއްވި ކަނބަލަކީ ކަޅިހާރި އައިޝާފާނެވެ. މިކަމަނާ ފުވައްމުލަކަށް ގެންދަވައި ތިން ހަތަރު ބޭފުޅުން ލިބިވަޑައިގެންފައިވަނިކޮށް ހަސަން ދީދީ އެހެން ކަނބަލުންނާ ކައިވެނިކުރެއްވުން ނުހުއްޓަވައިގެން އަރައިރުންވާންޖެހި ވަރި ކުރެއްވީ ކަމަށް ކިޔައެވެ. މި ބަނޑުން ހަސަން ދީދީއަށް ލިބިވަޑައިގަތް ބޭފުޅުންގެ އައުލާދުގެ ތެރޭގައި ވެލާނާގެ އިބްރާހިމް ނާސިރާއި ފުވައްމުލަކު ޑރ ޖަމީލު ހިމެނިވަޑައިގަންނަވައެވެ.

އައިޝާފާނާއި ހަސަން ދީދީގެ ޖަގަޑާގައި އައިޝާފާނު ވިދާޅުވިޔޯލައެވެ. ކިތަންމެ ގިނަމީހުންނާ އިނަސް ދެން މީދޫއަކުން އިންނާނެ މީހަކު ނުވާނެއެވެ. މިހެން ވިދާޅުވެގެން މިއީ ދޮގެއްކަން ދައްކަވަން މީދޫން އިތުރު ކަނބަލަކު ހޯއްދަވަން ހަސަން ދީދީ ބޭނުންފުޅުވެއްޖެއެވެ. މިކަމަށް ގަސްތުކުރައްވައިގެން މީދޫއަށް ވަޑައިގެންފައި މިދީދީގެ ދައްތަ ދޮށީ ދީދީ ހުންނަވާ ގެ ކަމަށްވާ ގަނޑުވަރަށް ވަޑައިގަތް މަގުމަތީގައި ކުދުރަނިޔަގެ އުނދޯލި ގެއިން ނުހަނު ރީތި ކަނބަލަކު ފެނިވަޑައިގެންފިއެވެ. ކުދުރަނިޔަގެ ހުންނަނީ ގަނޑުވަރާ އިންވެގެންނެވެ. މި ކަނބަލަކީ ކުދުރަނިޔަގެ ފާތުމާފާނެވެ.

ހަސަންދީދީ އަށް ފެނިވަޑައިގެންނެވި ފާތުމާފާނު އިންނެވީ އުނދޯލީގައި ވަރަށް ތުއްޕުޅު ބޭފުޅަކަށް ގާތުން ކިރުދެއްވާށެވެ. އެހެންކަމުން އައިބު މަންޒަރުތަކެއްވެސް ހަސަން ދީދީއަށް ފެނިވަޑައިގަތް ކަމަށް ކިޔަތެވެ. އަވަސްއަވަހަށް އެގެއަށް ވަދެވަޑައިގެން ސުވާލުކުރެއްވިއެވެ. ކަނބުލޯ އަހަންނާ އިންނަން ރުހިދާނެ ބާވައެވެ. ހަސަން ދީދީއަކީ ކާކުކަން ފާތުމައިފާނަށް އެނގިވަޑައިގަނެއެވެ. އެއީ ކިލެގެފާނުގެ ޕުރިންސެއްކަން ވެސް އެނގިވަޑައިގަނެއެވެ. ސިފަވެސް ހުތުރެއް ނޫނެވެ. މިހެންވެ ކުޑައިކޮށް ހިނިފުޅުވަޑުވާފައި ޖަވާބު ދެއްވިއެވެ. މީހުންނާއި އިނދެގެން އުޅޭ އަނބީންނަށް އެހެން ފިރިހެނުންނާއި އިންނަން ރުހޭ ބަސް ދެވޭ ބާވައެވެ. އަހަރެން އުޅެނީ މީހަކާ އިނދެގެންނެވެ. ދެދަރީންވެސް އެބަތިއްބެވެ. އުނގުގައި މިއޮތީ އެންމެ ޅަ ކުއްޖާއެވެ.

ހަސަން ދީދީ ވިދާޅުވިއެވެ. ތިޔަ ބުނީ މިހާރު އިނދެގެން އުޅޭ ވާހަކައެވެ. މިރެއަށް އިރު އެއްސޭއިރު ތިޔަކަންތައް އަދި ތިހެން ނޯވެދާނެއެވެ. ކަނބުލޯ ހުސްހަށިބައިވެސް ވެދާނެއެވެ. އެހެންވެއްޖެނަމަ އަހަރެންނާ އިނދެފާނަން ހެއްޔެވެ. މި ސުވާލަށް ފާތުމާފާނު ޖަވާބު ދެއްވިއެވެ. ޝައްކެއްވެސް ނެތެވެ. ތިޔަކަންތައް އަހަރެން ކޮށްފާނަމެވެ. ހަސަން ދީދީ ސުވާލުކުރެއްވިއެވެ. ކަނބުލޯގެ ފިރިމީހާއަކީ ކާކު ބާވައެވެ. މިހައިއިރުވީ ކޮންތާކު ބާވައެވެ. ފާތުމާފާނު ވިދާޅުވިއެވެ. ފިރިޔަކީ އައިސާދަރު ކަޅު އަބޫ އެވެ. މިހައިރުވީ ފެންވަރައިގެން މެންދުރު ނަމާދުކުރަން ކޯގަންނަށް ގޮހެވެ.

އައިސާދަރު ކަޅު އަބޫއަކީ އައިސާދަރު ހުސެން ތައްކާނުގެ ދެވަނަ ދަރިކަލުންނެވެ. އެއީ އައިސާދަރު ދޮން ބެއްޔާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. އަދި އަލްގާޒީ މޫސާ ބަދުރުއްދީނުގެ ކޮއްކޮއެވެ. އެއީ މީދޫގައި ނުހަނު ނުފޫޒުގަދަ އާއިލާއެކެވެ. އެހެނަސް ހަސަން ދީދީ އަކީ ކިލެގެފާނުގެ ބޭފުޅަކަށްވީމާ ކުދު އަބޫގެ ބޮޑު ކަމެއް ނޯންނާނެތާއެވެ. ހަސަން ދީދީ އޭނާގެ ދޯނީގެ ފަޅުވެރިންނަށް އެންގެވީ ކޯގަންނަށް ގޮސް ކަޅު އަބޫ ހޯދައިގެން އަނބިމީހާ ވަރިކުރަން މަޖުބޫރު ކުރުމަށެވެ. ހަސަން ދީދީ އާއްމުކޮށް ދަތުރު ކުރައްވާއިރު ދޯނިން ގެންދަވަނީ މިޒާތުގެ ކަންކަން ކުރެވޭ ކަހަލަ މީހުންނެވެ.

މި މީހުން ކޯގަންނަށް ދިޔައިރު ކަޅު އަބޫ އޮންނެވީ ކޯގަންނު ބޮޑު ވެޔޮ ތެރޭގައެވެ. މި ވެވުން އެރުން މަނާކޮށްފައި މިވެރިން ބުންޏެވެ. ވެވުން އެރޭނީ އަނބިމީހާ ވަރިކޮށްފައެވެ. ކަޅު އަބޫ މިކަންތަކާ ދޭތެރޭ ވަރަށް ހައިރާންވެގެން ސުވާލުކުރެއްވިއެވެ. ތިޔަވަރަށް އަހަރެންގެ އަނބިމީހާ ބޭނުންވެގެން އުޅެނީ ތީގެ ތެރެއިން ފަހެ ކާކު ބާވައެވެ. މިމީހުން ޖަވާބު ދިނެވެ. އެމީހަކީ ކިލެގެފާނުގެ ހަސަން ދީދީ އެވެ. އަހަރެމެންނީ އެދީދީ ފޮނުވައިގެން އައިސްތިބި ބަޔަކީމެވެ. މިހެންގޮސް އިރު އޮއްސި އަނދިރިވެއްޖެއެވެ. ކަޅުއަބޫ އޮންނެވީ ވެވުން ނޭރިފައެވެ. އެންމެފަހުން އަނބިމީހާ ވަރިކޮށްފީމޭ ވިދާޅުވެއްޖެއެވެ.

ކުދުރަނިޔަގެ ފާތުމައިފާނު ހުސްހަށިބައިވެ ތިންމަސް ފުރުނު ދުވަހު ހަސަން ދީދީ އޭނާއާ ކައިވެނި ކުރައްވައިފިއެވެ. މިކައިވެނިން ދެތިން ބޭފުޅަކު ލިބިވަޑައިގަތެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ ކުދުރަނިޔަގެ އަލި ދީދީ އެވެ. މި އަލިދީދީ ވެސް ބޭނުންފުޅުވީ މީދޫ ކަނބަލަކާ ކައިވެނި ކުރެއްވުމަށެވެ. އެހެންވެ މީދޫއަށް ވަޑައިގެން ބެއްލެވިއިރު އެންމެ ކަމުދާ ކަނބަލަކަށް ފެނިވަޑައިގަތީ ކަޅިހާރި ސިއްތީފާނެވެ. މި ސިއްތީފާނާއި ކައިވެނިކުރައްވައިގެން ހަތަރު ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އެ އައުލާދުގެ ބޭފުޅުން މިހައިރު ފެންނާނީ އެޅެބެއްޔާގެ އާއި ކަޅިހާރު އަދި ފަންނިޔަރާއި ކުދުގެއިންނެވެ.

ފުވައްމުލަކުގައި ވެސް އަދި މީދޫގައި ވެސް ކިލެގެފާނުގެ ހަސަން ދީދީގެ އައުލާދު މަޝްހޫރުވެގެން ވަނީ ވަރަށް ހަރަކާތްތެރިންގެ ގޮތުގައެވެ. މިޒަމާނުގައި ފެންމަތިވެގެން އުޅޭ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައިވެސް ފުވައްމުލަކާއި މީދޫގައި ގިނައިން އެކްޓިވިސްޓުންގެ ގޮތުގައި ފެންނާނީ އެ އައުލާދުގެ ބޭފުޅުންނެވެ.

ކޮންމެއަކަސް ހުރާގޭ މުހައްމަދު މަނިކުފާނު ނައްތާލަން ބޭނުންފުޅުވި ދިޔަމިގިލީ ދަރިކޮޅު ވަނީ ދެކުނުގެ ހަތަރު އަތޮޅަށް ފެތުރިފައެވެ. އެ ހަތަރު އަތޮޅުގައި އެންމެ ގިނައީ އެ ދަރިކޮޅުގެ މީހުންނެވެ. މިކަމަކީ ވިސްނައި ފިކުރުކުރާ ބަޔަކަށް ފިލާވަޅަކަށް ވާވަރުގެ ކަމެކެވެ.

You may also like...

2 Responses

  1. Kokkirei Edhuru Thakkan says:

    އަހަރެން ދަންނަ އެދުރު ތައްކާނަކީ ދޮއްތަޑަފި އެދުރު ތައްކާނެވެ. މި އެދުރު ތައްކާނު ފުވައްމުލަކުގައި ހުރެފައި އެރަށުގެ ހޮރަނގުވަޅަކަށް ފޭބުމަށްފަހު ޢާއިބު ވިއެވެ. އެއަށްފަހު މި އެދުރު ތައްކާނު ފެނުނީ މީދޫ ގައިހުރި ހޮރަގުވަޅަކުން ނެވެ. ބުނެވޭގޮތުގައި އެވަޅަކީ ދާޔާގެ ފެންބޯ ވަޅެވެ.

  2. Kokkirei Edhuru Thakkan says:

    sahha meehekeve

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!