ޓާރޝަރީ ކެއަރ ދޭންޖެހެނީ ހަސްފަތާލުގެ މެނޭޖްމަންޓަށެވެ.

ހިތަދޫ ސަރަހައްދީ ހަސްފަތާލާ ބެހޭ ގޮތުން މިހާތަނަށް އިވެނީ ހުސްވާހަކަތަކެކެވެ. އެ ހަސްފަތާލު ފެންނަނީ ދުރުދުރުންނެވެ. އެތަނާބެހޭ ގޮތުން އަމިއްލައަށް ކުރެވިފައިވާ އެއްވެސް ތަޖުރިބާއެއް ނެތެވެ. އެކަމަކު އިހަށް ދުވަހަކު އެތަނަށް ދާންޖެހި މިހާލަތު ހަމަ ކުއްލިއަކަށް ބަދަލުވެއްޖެއެވެ. ބެލުން ލާޒިމުކުރާ މީހަކު އެތަނުގައި އެޑްމިޓްކުރުމާއެކު ފިކުރުތައް ޕްރައިމަރީ ލެވެލް ފަހަނަޅައި ސެކަންޑަރީ ލެވެލްއަށް ގޮސް ދާދި އަވަހަށް ޓާރޝަރީ ލެވެލްއަށް ވެސް އަރައިފިއެވެ.

ބުނާތީ އިވެއެވެ. ހިތަދޫ ހަސްފަތާލު މިހާރު އެހެރަގެން ބަދަލުވަމުންދަނީ ޓާރޝަރީ ހޮސްޕިޓަލަކަށެވެ. މިފެންވަރަށް އެތަން ތަރައްގީ ކުރުމާ ބެހޭ މަޝްރޫއެއް ރޭވި އެ މަޝްރޫއަށް އަމަލީ ސިފަގެނައުމުގެ އެއްބަސްވުމެއްގައި ދާދިފަހުން ސޮއިކުރި މަންޒަރުވެސް ފެނުނެވެ. އެހެންވެ ވައިގެ ތެރޭގައި އުދުހެމުން ވިލާތަކުގެ ތެރޭގައި ލޫދެމުން އަވަސްއަވަހަށް ހިތަދޫއަށް ދިޔައީ ޓާރޝަރީ ލެވެލްއަށް ބަދަލުވަމުންދާ ހަސްފަތާލެއް ދުށުމުގެ އުންމީދުގައެވެ.

އަހުރެންނަށް ހިތަދޫ ހަސްފަތާލު ފެނުނީ ޕްރައިމަރީ ކެއާރގެ ތަނެއްގެ ގޮތުގައެވެ. ތަނުގެ އިންސާނީ ވަސީލަތްތަކާއި އެނޫންވެސް ކަންކަން ތަރުތީބު ކުރެވިފައި ވަނީ ޕްރައިމަރީ ކެއާރ އަށެވެ. ދެން އެބަޔަކު ކިޔަން ބޭނުންވާ ނަމެއް ކިޔުން އެއީ އަދި އެހެން މައްސަލައެއްތާއެވެ. ނަމަކާއި އަހުރެންނާއި ކޮންބެހުމެއް ހެއްޔެވެ؟ އަހުރެންދިޔައީ އެހެން ބޭނުމެއްގައެވެ. އެހެންވެ އަހުރެން ވާހަކަ ދައްކާނީ އަހުރެންނަށް ފެނުނު ކަންތަކާ ބެހޭ ގޮތުންނެވެ.

ހިތަދޫ ސަރަހައްދީ ހަސްފަތާލުގައި ޚިދުމަތްދޭން ތިބޭ އާދައިގެ މުވައްޒަފުންގެ ޒިންމާތައް އެމީހުން ބަރާބަރަށް އަދާކުރާ ކަމަށް އަހުރެންނަށް ފެނުނެވެ. ތަނަކުން ޚިދުމަތްދެވޭނީ އެތަނެއްގައި ހުރި ވަސީލަތަކާއި އެތަނެއްގައި ތިބޭ ބައެއްގެ ކެރިފޯރުންތެރިކަން ހުރިވަރަކުންނެވެ. އާއެކެވެ. ކަންވާރަކުން ތިކިތަޅާހުށީ އޭގެ އެތެރޭގައި ހުރި އެއްޗަކުންނެވެ. ފެން ބާލިދީއަކުން މާމުއި ތިކިތެޅުމަކީ ހަމަމުޅީންމެ މުސްތަހީލު ކަމެކެވެ.

ތަނުގައިތިބި މުވައްޒަފުންނާއި މެދު އަހުރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ހިނިތުންވުމާއި މުރާލިކަމާއި ހިތްހެޔޮކަމާއެކު ޚިދުމަތްދެއެވެ. މީގެ ތެރޭގައި އަހުރެން މެނޭޖުމަންޓު ނުހިމަނަމެވެ. މެނޭޖުމަންޓު އިސްލާހުވާން އެބަޖެހެއެވެ. ތަންކުރިއަރާނީ ހިންގުން ހަރުދަނާ ވެގެންނެވެ. ތަނުގެ ހިންގުން މިހާރު އޮތް ހާލަތަށް ބަލާއިރު އެކަމަށް ބޭނުންވަނީ ޕްރިމަރީ ކެއަރ އަދި ކިއެއްތަ ސެކަންޑަރީ ކެއަރއެއް ވެސް ނޫނެވެ. އެކަމަށް ޓާރޝަރީ ކެއާރ ބޭނުންވެއެވެ. މިކަމުގެ ހެއްކަކީ މަރާމާތަށް ބޭނުންވެފައިވާ ބައިތައް މަރާމާތު ނުކުރެވި ހުރުމެވެ. ތަނުގެ ގަވާއިދުތައް ނުހިފެހެއްޓި ބޮއްސުން ލައިފައި އޮތުމެވެ. އިމަޖެންސީ ކޮޓަރި ނުވަތަ ވޯޑަށް ބޭރުން ވަންނާން ހުންނަ ދޮރު ރަނގަޅަށް މަސައްކަތް ނުކުރާތާވީ ކިހާ ދުވަހެއްކަމެއް ނޭގެއެވެ. ވައި ރޯޅިއެއް ޖެހިލިޔަސް އެދޮރު ހުންނަނީ ހުޅުވިފައެވެ. ސީލިންގުގެ ބައެއް ތަންތަން ވެއްޓި ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއްވީއިރު އެތަންތަންވެސް މަރާމާތެއް ނުކުރެވެއެވެ. ވާރޭ ވެހޭއިރު ހަސްފަތާލުގެ އެތަންމިތާގައި ބާލިދީ ބަހައްޓައިގެން ނޫންގޮތަކަށް ފަރުޖެއްސޭނެ ގޮތެއް ނޯވެއެވެ. ވިއްސާރަވެއްޖެނަމަ ހަސްފަތާލުގެ ޕޯޓިކޯ ތެރެ އޮންނަނީ ފެންބޮޑުވެފައެެވެ.

މިވާހަކަ ދެއްކީމާ ބުނާމީހާ ބުނާނެއެވެ. ތިޔައީ ބަޖެޓުގެ މައްސަލައެކެވެ. ތިޔައީ މިނިސްޓްރީގެ މައްސަލައެކެވެ. އެންމެ ރަނގަޅެވެ. ތަނުގެ ދޮރު ހަލާކުވީމާ އެދޮރު މަރާމާތުކުރަން ނުވަތަ ތަޅުބަދަލުކުރަން ދާން ޖެހޭނީ ހެލްތު މިނިސްޓަރެވެ. ފުރާޅު ބައްދައި ދަވާދުއާކޮށް ކުނިކަހައި ފޮޅާ ސާފުކުރާނީ ސްޓޭޓް މިނިސްޓަރުންނެވެ. ހަސްފަތާލު ހިންގަން އެކިވަރުވަރުން އެތަނަށް ލާފައިތިބޭ މީހުން ކުރަންޖެހޭ އެއްވެސް ކަމެއް އޮވެގެން ނުވާނެއެވެ. ތާރުއަޅައި ހަދާފައިވާ މަގުތަކުގައި ދުއްވުމާއި ކެފޭތަކަށްވަދެ މޮޅެތިހާ ވާހަކަ ދެއްކުން ފިޔަވައި އެހެންކަމެއް ކުރާކަށް ނުޖެހޭނެއެވެ. އެކަމަކު އަހުރެންނަށް މިކަން ފެންނަނީ މިގޮތަކަށް ނޫނެވެ. ކުރާންޖެހޭ ކުދިކުދި ކަންތައް ނުކުރެވޭކަމަށް ވާނަމަ އެއީ މެނޭޖުމަންޓުގެ މައްސަލައެކެވެ. އެކަމުގައި އެފަރާތްތައް ޒިންމާވާން ޖެހޭނެއެވެ.

ހަސްފަތާލުގެ ވޯޑުތަކަށާއި އައިސީޔޫއަށާއި އެނޫންވެސް ތަންތަނަށް އާއްމުން ވަދެނިކުމެވުމުގައި އުސޫލުތަކެއް ހެދިފައިހުރެއެވެ. އެކަމަކު ހިތަދޫ ސަރަހައްދީ ހަސްފަތާލުން މިފަދަ އުސޫލަކަށް އަމަލު ކުރެވޭތީއެއް ނުފެނުނެވެ. ޚާއްސަކޮށް ރޭގަނޑު ދަންބަޔަށް އަޅައިލީމާ ދެން އެތަނަކީ ހަމައެއް ލަމައެއް އޮންނަ ތަނަކަށް ނުވެއެވެ. ރަށުތެރޭގައި އެނބުރޭ ކުދިންގެ މަންޒިލަކަށް ވަނީ ވެސް ހަސްފަތާލެވެ. އެކުދިވެރިން ދުންފަތުގެ އިސްތިއުމާލު ކުރަނީވެސް ހަސްފަތާލުގެ އެތެރޭގައެވެ. އައިސީޔޫއެއް އެހެންތަނެއް އެހެންތަނެއް އިސްތިސްނާނުވެއެވެ. މުވައްޒަފުންވެސް ތިބެނީ އެއިންކުއްޖަކު ނުރުހުންވެދާނެތީ ބިރުންނެވެ. އަހުރެންނަށް ފެންނަ ގޮތުގައި މިއީވެސް މެނޭޖުމަންޓުގެ މައްސަލައެކެވެ.

ހަސްފަތާލެއް ޓާރޝަރީ ލެވެލްގެ ތަނަކަށް ބަދަލުކުރެވޭނީ ހަމައެކަނި ސޮއިކުރެވޭ އެއްބަސްވުމަކުން ނޫނެވެ. އަދި އެތަނަށް ގެނެވޭ މެޝިނަރީޒްގެ މޮޅުދެރަކަމަކުން ވެސް ނޫނެވެ. ޓާރޝަރީ ލެވެލްއަށް ގެންދެވޭނީ އެންމެ ފުރަތަމަ ސެކަންޑަރީ ލެވެލްއަށް ގޮސްގެންނެވެ. މިހުރިހާ ލެވެލްތައް ފަހަނަޅައި ދިޔުމުގައި ހަރުދަނާ ހިންގުންތެރިކަން ބޭނުންވާނެއެވެ. މިވަގުތު އެއްވެސް ލެވެލްއެއްގެ ފަރުވާ ބޭނުންވާނަމަ އެފަރުވާއެއް ދޭން ޖެހޭ ކަމަށް އަހުރެންނަށް ފެނުނީ ހަސްފަތާލުގެ މެނޭޖްމަންޓަށެވެ. މާފުކުރާށެވެ. މިއީ އަހުރެންނަށް ފެންނަ ގޮތެވެ.

މިވާހަކަ އަހުރެން މިދައްކަނީ ހަސްފަތާލެއް ހިންގަން ޖެހޭގޮތުގެ އިލްމާއި ތަޖުރިބާ އަހުރެންގެގެ ކިބައިގައި ހުރެގެނެއް ނޫނެވެ. އަދި ހަސްފަތާލުން ވަޒީފާއެއް ބޭނުންވެގެން އެނިޔަތުގައެއްވެސް ނޫނެވެ. މިވާހަކަ ދެއްކުމުގައި އަހުރެން ބުރަމިވަނީ ފަރަންޖީ ބަހުން އެކިޔާ ކޮމަން ސެންސަށެވެ. އެހެންޏާ ފަހެ މިވަރަށް ބޮއްސުންލައިގެންދާއިރު އެކަން މޭރުންނުވާކަށް މިއީ ރޮކެޓް ސައެންސެއްވެސް ނޫނިއްޔާއެވެ.

މެނޭޖުމަންޓުގެ ވާހަކަ ދައްކާތަނެއްގައި މެނޭޖަރުން ހޮވާގޮތާ ދޭތެރޭ އެއްޗެއް ނުބުނެ ދޫކޮށްލައިފިނަމަ އެކަންވާނީ ވަރަށްވެސް ދެކޮޅުނުޖެހޭ ކަމަކަށެވެ. އެހެންވެ މިކަމުގައި އަހުރެންގެ ރައުޔުވެސް ހާމަކޮށްލާން ކަމަށެވެ. ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހަސްފަތާލުތަކާއި ފެނަކައިގެ އިންޖީނުގެ ތަކާއި އެނޫންވެސް ޔުޓިލިޓީޒް ތަކަށް މުވައްޒަފުން ހޮވާ އުސޫލަކީ މިރާއްޖޭގައި އެންމެން ދަންނަ ސިއްރެކެވެ. މިކަން ހިގަމުން އަންނަނީ ރައްޔިތުންނަށް ޚިދުމަތްދޭން އެކަމަށް އެންމެ ކުފޫހަމަވެގެންވާ މީހާ ހޮވުމުގެ ބަދަލުގައި އެމީހާއަށް ކަމެއްކޮށްދިނުމުގެ ނިޔަތުގައެވެ. މިކަން ކުރިއަށްދަނީ ޕާޓީލައިނުގެ ތެރެއިން ނުވަތަ އެފަދަ ކޮންމެވެސް ލައިނެއްގެ ތެރެއިންނެވެ. މިއީ އިއްޔެއަކު މިއަދަކު ފެށުނު ކަމެއް ނޫނެވެ. މިއީ އަބަދުގެވެސް އާދައެވެ. އެހެންވީމާ ވާންޖެހޭގޮތްމިވަނީއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!