އައްޑޫގެ ހެއްވާ ސްޕޯޓްސް ކައުންސިލް

ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލުން މާވަރުގަދަ ސްޕޯޓްސް ކައުންސިލެއް އެކުލަވައިލި ވާހަކަ ނޫހުން ފެނުނެވެ.މިއީ ނުވަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކައުންސިލެކޯލައެވެ. ބޭނުމަކީ އައްޑޫގައި ކުޅިވަރު އާލާކޮށް ތަރައްގީ ކުރުމާއި ކުޅިވަރާ ގުޅޭ ކަންކަމުގައި ސިޓީ ކައުންސިލަށް މަޝްވަރާ ދިނުމޯލައެވެ. ސްޕޯޓްސް ކައުންސިލުގައި ހިމެނޭ މީހުން އެއްތަންކޮށް އެމީހުންނަށް ލިޔުމެއް ދިން ވާހަކަވެސް ނޫހުން ފެނުނެވެ. ކޮންމެއަކަސް އެ ނުވަ މީހުންގެ ނަންތަކާއި ވަނަވަރަށް ބަލައިލިއިރު އަސްތާ އޭގެ ތެރޭގައި ހުޅުމީދޫއަށް ނިސްބަތްވާ މީހަކު ހުރިކަމަށް ނުފެނުނެވެ. އައްޑޫ ސިޓީގެ ސްޕޯޓްސް ކައުންސިލްގައި ހުޅުދޫ މީހެއް އަދި މީދޫ މީހެއް ނެތެވެ.  ހުޅުދޫ އާއި މީދޫ އެއްކޮށްލުމަށްފަހު މިހާރު މިކިޔަނީ ހުޅުމީދޫ އެވެ.  އެއީ ހިތަދޫ ނެގުމަށްފަހު ދެން ތިޔަކިޔާ ސިޓީގައި އޮތް އެންމެ ބޮޑު  ޔުނިޓެވެ. އާބާދީގެ ގޮތުންނާއި އެނޫންވެސް ހުރިހާ ގޮތަކުންނެވެ. އެކަމަކު  ނުވަ މެންބަރުން ހިމެނޭ ސްޕޯޓްސް ކައުންސިލުގައި ހުޅުމީދޫއަށް ނިސްބަތްވާ  ހަމަ އެންމެ ފުރާނައެއްވެސް ނެތެވެ. އެހެންވީމާ މިކަން ހިގައިދިޔަ ގޮތަށް ކޮންމެވެސް މިންވަރެއްގެ ވިސްނުމެއް ހިންގައިލާން އެބަޖެހެއެވެ. އެކި ނޫސްނޫހުގެ އާކައިވްތައް ހާވައި ބެލިއިރު މިކަމަކީ އަމާ ބުނީމާ ފަރަށްދާ އުސޫލަށް ކޮށްފައި އޮތް ކަމެއްކަމަށް ހީކުރެވެއެވެ. ސިޓީ ކައުންސިލުން ކުރީ އާއްމު އިއުލާނެކޯލައެވެ. ސްޕޯޓްސް ކައުންސިލުގައި ހިމެނެން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށް ފުރުސަތު ދިނީ ސިޓީ ކައުންސިލުން ނެރުނު އާއްމު އިއުލާނަކުންނެވެ. އެ އިއުލާން ޝާއިއުކުރީ ކޯޗެއްގައި ކަމެއް ނޭގެއެވެ.

ދެން މައްސަލައެއް ނެތެވެ. އެ އިއުލާނަށް އިޖާބަދިން މީހުން ގެނެސް އިންޓަރވިޔު ކުރުމަށްފަހު ނުވަ މީހަކު ވަނީ ސެލެކްޓްކޮށް ފަތްކޮޅު ދީފައެވެ. އެހިސާބުން އެއޮތީ މޭޔަރު ސޯބެއަށް ޒިންމާ އަދާކުރެވިފައެވެ. އެކަމަކު ސްޕޯޓްސް ކައުންސިލެއް އުފެއްދުމުގެ މަގްސަދާއި އައްޑުއަތޮޅު އެކުލެވިގެންވާ ގޮތާއި ކުޅިވަރުގެ ކަންކަން އަތޮޅުގައި ކުރިއަށްދާ އުސޫލަށް ރިއާޔަތްކުރާއިރު މިކަންކުރެވިފައި މިއޮތީ ވަރަށްވެސް ދޯދިޔާ ގޮތަކަށެވެ.

ހުޅުމީދޫއަށް ނިސްބަތްވާ މީހުން ނުވަތަ މީހަކު ކުރިމަތިނުލުމުގެ މާނައަކީ މިކަމަށް ކުފޫހަމަވެގެންވާ ބަޔަކު އެފަސްގަނޑުގައި ނެތުން ބާވައެވެ. އަދި އެފަސްގަނޑަށް ނިސްބަތްވާ ޖަމިއްޔާއެއް ކުލަބެއް ވެސް ނެތީބާވައެވެ. ނޫނެކެވެ. ކުފޫ ހަމަވެ ފުދި އިތުރުވާ މީހުން އެބަތިއްބެވެ. ކުލަބު ޖަމިއްޔާތައް ވެސް އެބަހުއްޓެވެ. އެކަމަކު އެމީހުންގެ ތެރޭގައި ސިޓީ ހޯލުގެ ނޯޓިސް ބޯޑު ކިޔަންދާ މީހުންނާއި ސަރުކާރުގެ ގެޒެޓް ހިތުދަސްކުރާ މީހުން ނެތީ ކަމަށް ވެދާނެއެވެ. ސިޓީ ކައުންސިލުން ނެރުނު އިއުލާން ނުފެނުނީ އެހެންވެގެން ކަމަށް ވެދާނެއެވެ. ކޮންމެގޮތެއްވިޔަސް އެ އިއުލާން އޮތީ ނުފެނިއެވެ.

ސިޓީ ކައުންސިލުގައި ތިބޭ ބަޔަކަށް މުޅި ސިޓީގެ ވިންދާއި އިހުސާސް އެގެން ޖެހޭނެއެވެ. އެގޮތުން ހުޅުމީދޫގައި ކުޅިވަރުގެ ކަންތަކުގައި ނަގާކިޔަނީ ކޮންބައެއްކަންވެސް އެގެން ޖެހޭނެއެވެ. ތިޔަ ކައުންސިލުގައި ހުޅުމީދޫ ތަމްސީލުކުރާ މީހަކުވެސް އެބަހުއްޓެވެ. އެހެންވީމާ ސިޓީ ކައުންސިލުން ނެރުނު އިއުލާނަށް ހުޅުމީދޫ މީހެއްގެ ފަރާތުން އިޖާބަ ނުލިބުނީމާ އެވީގޮތް ބަލައި ގުޅަން ޖެހޭ މީހުންނަށް ގުޅައިގެން ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނެތެވެ. ޒިންމާ އަދާކުރެވުނު ކަމަށް ވާނީ އެގޮތަށްވެސް އަމަލު ކުރެވުނު ނަމައެވެ.

މިހާރު ތިޔަކަންތައް ކުރިގޮތުން ސްޕޯޓްސް ކައުންސިލްގެ ހައިސިއްޔަތު ގެއްލިއްޖެއެވެ. ތިޔަ އުފެއްދުނީ ނަމެއްގައި ކައުންސިލެކެވެ. ތިޔަ ކައުންސިލް ބަލައިގަންނާނެ މީހަކުވެސް ނެތެވެ. އެވަރުގެ ކައުންސިލެއް އުފައްދަވައިގެން މޭޔަރާއި ޑިޕިއުޓީ މޭޔަރު ހެވިފައި ތިއްބަވާށެވެ. ތިޔަކުރެއްވުނީ ވަރަށް މޮޅުކަމެއްކަމުގައި ހީފުޅު ކުރައްވާށެވެ. އެކަމަކު އެހެން މީހުން ހިތަށް ކަހިރުވަކެކޭވެސް ނާރާނެކަން ހަނދުމަފުޅު ބަހައްޓަވައްޗެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!