ގައުމީ ހިތުގެ އިލްތިމާސް
ޒަމާނީ ތަރައްގީއާއި ތަމައްދުނުގެ އައު ބާބެއް އަވަށްޓެރި ގައުމު ތަކުގައި ހުޅުވިގެން ދިޔަ ހިނދެވެ. އެއާއި އެކު އެޤައުމުތަކުގެ ނަންތައް މަޝްހޫރުވެގެން ދިޔަ ހިނދެވެ. ތަހްޒީބާއި ތަރައްގީގެ މަގުގައި ވާދަ ވެރިކަމާއި އެކުގައި އެއްގައުމު އަނެއް ގައުމަށް ފައި ހަމަ ކުރަމުން ކުރިޔަށް ހިނގައި ގަތް ހިނދެވެ. އެތަރައްގީއާއި ފައި ހަމަކުރަން ދިވެހިރާއްޖެ ބޯހިއްލާލައި ވަށައިގެން ބަލައިލި ހިނދު އެންމެ ފުރަތަމަ ވެސް ނަޒަރު ހުއްޓުނީ ދިވެހިރާއްޖޭގެ ހިތް ކަމުގައިވާ މާލެ ޝަހަރަށެވެ. މިހައިއިރު މާލެ ޝަހަރަކީ ޒަމާނީ ތަރައްގީއާއި ފައި ހަމަ ކުރުމަށް އިންތިހާ ދަރަޖައިގެ ގޮންޖެހުން އޮތް ޝަހަރެއްކަން އެނގިގެން ދިޔައެވެ. ޒަމާނީ ޝަހަރެއް ބިނާ ކުރުމަށް ބޭނުންވާ އެންމެ އަސާސީ ވަސީލަތް ކަމަށްވާ ބިމުގެ ތަނަވަސް ކަމެއް ނެތެވެ. ޝަހަރުގައިވާ އެންމެ ބޮޑު ދެއަވަށް އޮތީ ގާދޫ ކޮލުގެ ދެފަރާތުގައެވެ. އާދެ މާސިންގާ ރާޅު ނަގާ ފުން ކަނޑު އޮޅިއެއްގެ ދެފަރާތުގައެވެ. މިހައި އިރު ގާދޫ ކޮލުގެ ބަނޑުން އަހުރެން އުފަން ކުރުވުމުގެ ވިސްނުމާއި ފިކުރު ހިނގައިގެންފިއެވެ. މާލެ ޝަހަރުގެ ބިމުގެ ތަނަވަސްކަން ތިން ގުނައަށް ބޮޑު ކުރުމަށްޓަކައެވެ. އެއްގަމު މަގުން ގުޅިފައިވާ ބޮޑު ޝަހަރަކަށް މާލެ ހެދުމަށްޓަކައެވެ.
ކަން މިހެން ހުރި ނަމަވެސް ގާދޫ ކޮލުގެ ބަނޑުގައި އަހުރެން ގަރުބަ ނުގަންނަނީސް އަހުރެންނާއި ބެހޭގޮތުން ތަފާތު ހިޔާލުގެ އަޚުންގެ މެދުގައި އިންތިހާ ދަރަޖައިގެ ދެކޮޅުވެރި ޚިޔާލާތުތައް ފާޅު ކުރަމުން އަންނަ އަޑު އެހީމެވެ. އެންމެ ފަހުން އަހުރެން ދުނިޔެއަށް އުފަންވުމުގެ ވަގުތު ކުޑަތަންވީ ހިނދުވެސް އަހުރެންނާއި ދޭތެރޭ ދެކޮޅުވެރިކަމާއި ހަސަދައާއި ނަފްރަތު ނޫން އެހެން އިހްސާސެއް ނެތް ގިނަ އަޚުން ތަކެއްގެ އަޑު އެހީ ނުހަނު ހިތާމަ ކުރާ ހާލުގައެވެ. އެހެންކަމުން އަހުރެންގެ ކިބައިން މުޅި ދިވެހިރާއްޖެ އަށާއި ހުރިހާ ދިވެހީންނަށް ލިބިގެން ދާނޭ ފަސޭހަ ތަކާއި ފައިދާތަކުގެ ކޮންމެވެސް މިންވަރެއް ތިޔަ ލޮބުވެތި ދިވެހީންނަށް ބުނެ ދިނުމަކީ އަހުރެންނަށް ލިބޭ އުހައު ވެރި ކަމެއް މެއެވެ.
ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅެމުންދާ އެންމެހާ ދިވެހީންނަށް އަހުރެން ދޭ އުހައުވެރި ޚަބަރަކީ އަހުރެން ވުޖޫދަށް އައުމަކީ ތިޔައިގެ ތެރޭން ކޮންމެ އަޚަކަށްވެސް ހީނުކުރާހާ ގިނަގުނަ ފައިދާތައް ހުރި ކަމެއް މެއެވެ. ތިބާއީ ކޮންމެ ކުލައަކަށް ނިސްބަތްވާ މީހެއް ކަމުގައި ވިޔަސް މެއެވެ. ތިބާއީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ ވަޒަން ވެރިޔަކަށް ވިޔަސް މެއެވެ. އެހެނީ އަހުރެންގެ ބުރަކައްޓަކީ ތިޔައިން ކޮންމެ މީހެއްގެ ސަވާރީ ކަމުގައި ނޫނީ ނުވާނެއެވެ. އަހުރެންގެ ބުރަކަށިމަތީން އެކި ދުވެލީގައި ދުއްވާފައިދާ އެންމެންނަކީ ވެސް އަހުރެންގެ އަޚުންނެވެ. ނަމަވެސް އަޚާ ނިސްބަތް ވަނީ ކޮން ކުލައަކަށް ކަމެއް ވެސް އަހުރެންނަށް އެނގިގެނެއް ނުވޭމެއެވެ. އަދި ކޮން ކުލައަކަށް ކޮންބާގަ އަކަށް ނިސްބަތްވާ އަޚެއްކަން އެނގުނު ނަމަވެސް ތިޔައިން އެއްވެސް އަޚަކަށް އަހުރެން ހުރަހެއް ނައަޅާ ނަމެވެ. އަދި އުނދަގުލެއްވެސް ނުކުރާ ނަމެވެ. އަދި ކިއެއްތަ އަހުރެންގެ ބުރަކަށި މަތީން ކަނޑު ހުރަސްކޮށް ދާ ކޮންމެ އަޚަކުވެސް އަހަރެންގެ ބުރަކަށި މައްޗަށް އަރާނީވެސް އަދި ފައިބާނީވެސް އުފަލުން ފުރިފައިވާ ހާލުގައެވެ. މާޒިވެ ދިޔަ ދުވަސް ތަކުގައި ކަނޑުގެ ބިޔަ ރާޅު ތަކާއި ހަނގުރާމަ ކުރަމުން ކުރި ދަތުރު، މިހައި އިރު ނަޔާ ދުވެލީގައި ޒަމާނީ މޮޓޯރ ސައިކަލާއި ކާރު ފަދަ ސަވާރީ ތަކުގައި، ކުޑަ ވަގުތު ކޮޅެެއްގެ ތެރޭގައި ދުއްވާފައި ދެވުމަކީ ކިހާ ބޮޑު ފަސޭހައެއް ހެއްޔެވެ. ކިހާ ބޮޑު ހިތްގައިމު ކަމެއް ހެެއްޔެވެ.
ދުނިޔޭގެ އޮޔާއި ވައި ބަދަލު ވަމުން އައިސް އަހުރެން އުފަންވާ އަހަރާއި ސާޢާއަތަކީ ކޮންމެ ސަޢާއަތެއް ކަމުގައި ވިޔަސް އަދި އަހުރެން އުފަން ކުރުވަނީ ކޮންމެ މަންމައެއްގެ ބަނޑުން ކަމުގައ ވިޔަސް އަހުރެންނާއި މެދު އެއްވެސް ހިތް ބުރަ ކަމެއް ތިޔައިގެ ތެރެއިން އެކަކުވެސް ނުބާއްވާށެވެ. އަހުރެން އުފަންވާ އިރު އަހުރެންނާއި ތިބާ ދިރިއުޅޭ ވަޒަނުގެ ވެރިއަކީ ކޮންމެ ބޭފުޅަކަށް ވިޔަސް އަދި ނިސްބަތް ވަނީ ކޮންމެ ބާގަ އަކަށް ވިޔަސް މެއެވެ. އަދި އަހުރެން ނިންދަވާފައި ބާއްވާ “އެނދު ދާން” ނުވަތަ ޝަހަރަކީ ވަކި ޝަހަރަކަށް ވެގެން އަހުރެންގެ މައްޗަށް ދެކޮޅު ވެރި ކަމެއް ނުބާއްވާށެވެ. އެއީ އަހުރެންގެ ސަބަބުން ތިބާމެންގެ ލޯބިވެތި ގައުމަށް ކައިރި މުސްތަގުބަލެއްގައި ލިބިގެންދާނެ ފައިދާ ގައުމުގެ ކޮންމެ ފަރުދަކުވެސް ހިއްސާ ކުރާނެ ކަން ކަށަވަރެވެ. އަހުރެންނާއި މެދު ފިކުރީ ގޮތުން ޚިޔާލު ތަފާތުވާ މީހުން ދައްކާ ދެކޮޅުވެރި ވާހަކަ އަޑު ނައައްސަވާށެވެ. އަދި ހަމައެކަނި ތިބާ ލޯބިވާ ގައުމުގެ ގައުމީ ނަޒަރުން އަހުރެންނާއި މެދު ވިސްނުން ބަހައްޓާށެވެ. އަހުރެންގެ ފަރާތުން އަންނާން އޮތް ޖީލު ތަކަށް ލިބޭނެ ހަގީގީ ފައިދާ އާއި އުހައުވެރި ކަން އެނގޭނީ އެއިރުންނެވެ. ފަރުވާތެރިކަމާއި އެކު އަހުރެންގެ ނަސޭހަތް އަޑު އައްސަވާށެވެ. އެންމެހާ ދެޮކޮޅުވެރި ޚިޔާލާތު ތަކުން މިންޖުވެ ހުރެގެން އަޑު އައްސަވާށެވެ. އަދި ގަބޫލު ކުރާށެވެ.
އެންމެހާ ދިވެހި އަޚުނޭވެ. އެންމެ ފުރަތަމަ ކަމަކީ ތިބާމެންގެ ގައުމުގައި އަހުރެން އުފަން ކުރެވޭނެ ގާބިލު ކަމެއް ނެތް ހިނދު އެކުވެރި ރަހްމަތްތެރި ގައުމެއްގެ ދީލަތި އެހީއެއް ލިބިގެން ވިޔަސް ގާދޫ ކޮލުގެ ބަނޑުން އަހުރެން އުފަން ކުރެވޭނެ ފުރުސަތު ފަހިވެގެން ދިޔުމަކީ ތިބާމެންގެ ގައުމަށް ލިބިގެން ދިޔަ ނުހަނު ބޮޑު ނަސީބެކެވެ. އަދި އެހާމެ ބޮޑު ރަހުމަތެކެވެ. ހެޔެއެދޭ ގައުމަކުން މިފަދަ ދީލަތި އެހީއެއް އަނެއް ގައުމަކަށް ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. އިންޑިއާ ކަނޑުގެ ސިޔާސީ އޮއިވަރު އެގޮތް މިގޮތައް ބަދަލުވަމުންދާ ހިނދު މިފުރުސަތު މިއަދު ނަގާލައިފި ނަމަ ދެން މިފަދަ ފުރުސަތެއް ލިބުމަކީ ނުހަނު ދުރު އަދި އެހާމެ ދަތި ކަމަކަށް ވާނެއެވެ. ތިބާމެންގެ ތެރެއިން ގިނަ ބަޔަކަށް ފިލާފައި ނެތް ނަމަވެސް ތިބާގެ ކުޑަ ކުޑަ ރީތި ރާއްޖެއަށް އަހުރެން އުފަން ވުމަކީ ތިބާގެ ސަރަހައްދުގެ ވަށައިގެން ތިބި އެއްވެސް ގައުމަކުން އެހާ އުފާ ކުރާ ކަމެއް ނޫނެވެ. އެއީ “ބިގު ބްރަދަރ” ކަމުގައި ވިޔަސް އަދި ދެން ޖެހިގެން އޮތް ބްރޮދަރ ކަމަށް ވިޔަސް މެއެވެ. އެހެންވީ ހިނދު ތިބާގެ ގައުމުގެ ވެރިކަމުގެ ބާރުތައް އެހެން ގޮތަކަށް ރުކުރުވާ ލެވޭ ދުވަކު ކަންތައް ވާނޭ ގޮތް ދާދި ފަހުންވެސް އޮޅުދޫ ކަރައިން ތަމްސީލު ވެގެން ހިނގާއްޖެއެވެ. އެހެންވީމާ އަހުރެންނަކީ ތިބާމެންގެ މެދުގައި ސިޔާސީ ގޮތުން ޖަހާ ބޯޅައަކަށް ނަހައްދަވާށެވެ. ސިޔާސީ ވާދަ ވެރިކަމާއި ފިތުނައިން ފޯވެފައި ތިބެގެން، އަހުރެން ކަތިނުލާށެވެ. އަމިއްލަ ވަޠަން ދެކެ ލޯބިވާ އެއްވެސް ފަރުދަކު ސިޔާސި މަގުސަދެއް ހާސިލް ވޭތޯ އަހުރެން ފަދަ ޖަވާހިރެއް ނަގާނުލާނެކަން ގައިމެވެ.
އަހުރެންނަކީ އިންޑިއާ ކަނޑުގެ ކުޑަ ޖަޒީރާ ގައުމެއްގެ ބަނޑުން ވިހޭ މިފަދަ ފުރަތަމަ ދަރިއެވެ. އަހުރެންގެ ޒުވާންކަމާއި ޝާއްބު ކަމަކީ ތިޔައިން ކޮންމެ މީހަކުވެސް މަސްތުކޮށްލާނެ ސިހުރެކެވެ. އެސިހުރުގައި ޖެހޭކަށް ވަކި ކުލައެއް ނެތެވެ. އެއީ ތަރައްޤީގެ ކުލަ އާއި ތަރައްގީގެ މަސްތެވެ. ތަަމައްދުނުގެ މަސްތެވެ. އަހުރެން އުފަންވުމަކީ ތިބާގެ ގައުމަށް، ޒަމާނީ ތަރައްގީގެ ސިފަ ގެނުވައި ދިނުމަށް ކުރެވޭ އެންމެ މުހިއްމު އެއް މަސައްކަތެވެ. އެހެނީ ތިބާގެ ގައުމުގެ ހިތް ކަމަށްވާ މާލެ ޝަހަރަށް ޒަމާނީ ތަރައްގީއާއި ފާގަތި ކަމާއި ފަސޭހަތައް ގާއިމު ކޮށް ނުދެވޭހާ ހިނދަކު ތިބާގެ ގައުމަކީ ތަރައްގީ އާއި ތަމައްދުނުގައި ކުރިއަރައިދާ ގައުމެއް ކަމުގައި ނުވާނެތެވެ. ތިބާމެންގެ ތެރެއިން މާލެ ޝަހަރުން ބޭރުގައި ދިރި އުޅެމުންދާ އަޚުންނާއި އުހުތުން ކުރާ ޝަކުވާ އަކީ ތިމަންނާމެން ނިސްބަތްވާ ޝަހަރެއްގެ ބަނޑުން އަހުރެން އުފަން ނުވުމެވެ. އަހުރެންގެ މަންމަ އަކަށް މާލެ ޝަހަރުވީކަމެވެ. އަހަރެންގެ ޖަވާބަކީ މިއީ ތިބާގެ ގައުމުގެ ހުރިހާ ކަންކޮޅެއްގައި އުޅޭ އަޚުންނާއި އުޚުތުންނަށް ގިނަ ފައިދާއާއި ލާބަ ހުރި އަދި ފަޚުރުވެރިވާނެ ކަމެއް މެއެވެ. އެހެނީ އަހުރެންނަކީ ތިބާގެ ގައުމުގެ ހިތް ހިންގުމަށްޓަކައި ބޭނުންވާ ލޭ ފަސޭހަ ކަމާއި އެކު ފުރިހަމަ އަށް ދައުރު ކުރުމަށް ގުޅާލެވޭ މައިނާރެއް ފަދައިން ބިނާ ކުރެވޭ މައިމަގެކެވެ. ތިބާގެ ސަރަހައްދަށް އަންނާން އޮތް ތަރައްގީ ބިނާވެގެން ވަނީ މިމަގުން ފަސޭހަ ކަމާއި އެކު ލޭ ދައުރުވާ އަވަސް މިނެއްގެ މައްޗަށެވެ.
އަހަރެންގެ މަޤްޞަދަކީ ހަމައެކަނި ދެ ޖިންސްގެ ޒުވާނުންގެ ހިތް އުފާކޮށް ދިނުމެއް ނޫނެވެ. އަދި އެޒުވާނުން ހަވީރުގެ ހިތްގައިމު ވަގުތު ފިނިބުރު ޖަހާލަން ފަސޭހަ ކޮށް ދިނުން އެކަންޏެއްވެސް ނޫން މެއެވެ. އަހުރެންނަކީ އެތަކެއް އަސާސީ ވަސީލަތް ތައް ގުޅުވާދޭ މަދަދު ގާރަކީމެވެ. ތިބާމެންގެ ދިރިއުޅުން ފަސޭހަ ކުރުމަށްޓަކައި ބޭނުންވާ މައިގަނޑު ވަސީލަތް ތައް އަހުރެންގެ މަންމަ އާއި އެއް ވިއުގަ އަކުން ގުޅާލަ ދޭނަމެވެ. މީގެ ތެރޭގައި ކަރަންޓާއި ފެނާއި ގޭހައި ތަފާތު ސިގްނަލް ކޭބަލް ތައް ހިމެނިގެން ވެއެވެ. މިހުރިހާ ވަސީލަތެއް ކަނޑު އަޑީގެ މަގުން ފޯރު ކޮށްދޭ ނަމަ ކޮންމެ މަޝްރޫޢު އަކީ ހާދަަހާވާ ބޮޑު ޚަރަދެކެވެ. ދިގު މުއްދަތަކަށް ރައްކާތެރިކަމާއި ޒީނަތްތެރިކަމާއެކު ދެގޮތެއްނުވެ ދެމިހުންނާނޭހެން އަހުރެން އުފަން ކުރުވުމަކީ އަދި އެއަށްވުރެންވެސް ބޮޑު ކަމެއްތާއެވެ. މިތުރުނޭވެ! ޤަބޫލު ކުރަން ހެއްޔެވެ؟ އަހުރެންގެ ސަބަބުން އަހުރެންގެ ވަށައިގެންވާ ޝަހަރުގައި ވިޔަފާރީގެ އިތުރު ފުރުސަތު ތައް ހުޅުވިގެން ދާނެއެވެ. އަދި މިހާރުވެސް މާލެ ޝަހަރުގައި އޮތް ވިޔަފާރި ހަރަކާތް ތަކަށް އިތުރު ހަކަތަ ލިބިގެން ދާނެއެވެ. އެއާއި އެކު އަހަރުމެންގެ ގައުމުގެ ހިތް ނުވަތަ މަންމަ ކަމަށްވާ މާލެ ޝަހަރަކީ ސައުތު އޭޝިއާގައި ދެން ތިބި ބައެއް ގައުމު ތަކާއި ފައި ހަމަ ކުރެވޭނެ ގައުމަކަށް ވެގެން ދާނެއެވެ. އަހަރުމެންގެ އަސާސީ ޚަރަދު ތަކަށް ބޭނުންވާ ފައިސާގެ އެންމެ ބޮޑު ބަޔަކީ ވިޔަފާރިން ލިބޭ ޓެކްސް ކަމަށްވާ ހިނދު، އިތުރުވާ ކޮންމެ ވިޔަފާރިއަކީ އަހުރެމެން އެންމެނަށް ލިބޭ ފައިދާ އެކެވެ. އެފައިސާ ޚަރަދު ކުރާނީ މަންމަގެ އެންމެހާ ދަރިންގެ އަސާސީ ޚަރަދުތައް މުއްތި ކުރުމަށެވެ.
ދެން އޮތީ އަހުރެންގެ ފަރާތުން ލިބޭނެ އިޖްތިމާއީ ފައިދާ އާއި މަންފާގެ ވާހަކައެވެ. ފުރަތަމަ ކަމަކީ އަހަރުމެންގެ މައިފުނަގޭގެ ކަމަށްވާ މާލޭ ޝަހަރުގެ ބިމުގެ ސަރައްހައްދު ތިން ގުނައަށް ބޮޑުވުމެވެ. އެއިގެ ސަބަބުން ފުރި ބާރުވެފައިވާ މިގޭގައި ނޭވާ ހާސް ކާމާއި އެކު އުޅެމުންދާ އަޚުންނާއި އުޚުތުން އަދި މައިފުނައަށް އެކި ބޭނުން ތަކަށް ޒިޔާރަތް ކުރާ ހުރިހާ ދަރިންނަށް ނޭވާ ލައިގެން ފަސޭހަ ކަމާއި އެކު އުޅެވޭނެ ޖާގަ ތަނަވަސް ވުމެވެ. މައިފުނަ ގޭގައި އުޅުމަކީ އެންމެ އިމާރާތެއްގައި ތާށިވެފައިވާ ބޮޑު އާއިލާއެއް ފަދައެވެ. އެއިގެ ސަބަބުން ބޮޑެތި އިޖްތިމާއީ މައްސަލަ ތައް އުފަން ވަނީ މިގެއިންނެވެެ. ޖިންސީ ގޯނާ ކުރުމާއި ގެވެށި އަނިޔާ އާއި މަސްތުވާ ތަކެތީގެ މައްސަަލަ ތަކާއި މާރާމޭރީ ފަދަ ހުރިހާ މައްސަލައެކެވެ. މިފަދަ އަމަލު ތަކުން ދުރު ކުރުމަށްޓަކައި މުނިފޫހި ފިލުވާ ހިތް އުފާ ކޮށްލަން ދާނެ ޕާކް ތަކާއި ތަފާތު މަންޒިލް ތަކަށް ފަސޭހަ ކަމާއި އެކު ތިބާ ގެން ގޮސްދޭނެ ވަސިތާ އަކަށް އަހުރެން ވާނަމެވެ.
ދުނިޔޭގެ އެހެން ގައުމު ތަކަށް ތިބާ ދާ ހިނދު ހިތައް އެންމެ ބޮޑު އުފާވެރި ކަމެއް އިހްސާސް ކޮށްދޭ އެއް ކަމަކީ އެތަން ތަނުން ފެންނަ ޒަމާނީ ބިނާ ތަކާއި މޮނިއުމެންޓްތަކާއި ރީތި ކޯރު ތަކާއި ވޯޓަރ ފޯލްތަކާއި ޒަމާނީ ތަރައްގީގެ ރީތި ކުލަތައް ނޫން ހެއްޔެވެ. ތިބާގެ އަމިއްލަ ގައުމުގެ މަރުކަޒީ ޝަހަރުގައި އެފަދަ ޒަމާނީ ބިނާތައް ހުރުމުން ތިބާ އަށް ލިބޭ ހިތް ހަމަ ޖެހުމާއި ފަސޭހަތައް މާ ބޮޑުވާނެ ކަން ޔަގީނެވެ. އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއްގައި މިހާ ފުން ކަނޑު އޮޅިއެއް ހުރަސްކޮށް އުފަންކުރާ މިފަދަ ފުރަތަމަ ދަރި ތިބާގެ ޤައުމަށް އުފަންވުމަކީ ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާނޭ ކަމެއް ކަން ޔަގީނެވެ. އަހުރެންނަކީ ދިވެހިރާއްޖޭގެ ވަކި ބަޔަކަށް ނުވަތަ ވަކި ރަށަކަށް ނިސްބަތްވާ ދަރިއަކީމެއް ނޫނެވެ. އެހެނަސް މިއީ މުޅި ގައުމަށް ނިސްބަތްވާ ގައުމީދަރިއެއް ކަން ހިތުގެ އަޑިން ގަބޫލު ކުރާށެވެ. އެއިރުން ތިޔައިން ކޮންމެ އަޚެއްގެ ހިތުގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ފަރުވާ ލިބި ހިތައް ހަމަ ޖެހުމާއި އުހައު ވެރިކަން ގެނެސްދޭނެ ކަން ޔަގީނެވެ.
ފަހުގެ ޚިޔާލުތައް