ރޯނު އެދުރު

މީދޫ ސޮރަކު އަހުރެންނާ ދިމާލަށް އެއްފަހަރަކު ރޯނު އެދުރެކޭ ބުންޏެވެ. ރޯނު އެދުރު ކިޔަން އެގުނަސް އެސޮރަށް ވެސް އަދި އެސޮރު ކަހަލަ ވަރަށް ގިނަ އެހެން މީހުންނަށްވެސް ރޯނު އެދުރަކީ ކޮބައިކަން ރަނގަޅަށް އޮޅުންފިލާހެން ހިޔެއްނުވެއެވެ. އަހުރެންނަށް ހަމަ ހީވާ ކޮންމެ އެއްޗެއް ތެދުހަގީގަތަކަށްވުން ލާޒިމެއްވެސް ނުކުރޭތާއެވެ. އަހުރެންނަކީ ހަމަ އެކަހަލަ އެދުރަކަށްވެސް ވެދާނެ ތޯއްޗެކެވެ.

ހާސަރު ދިގުނުކޮށް ވާހަކައެއް ކިޔައިދޭނަމެވެ. ދާދިފަހަކުން އަހުރެން ސަންސެޓް ކާނާ ދުއްކާނުގެ ޖިފުޓިއެއްގެ ދަށުގައި ކަޅު ގަހުވަ ތައްޓެއް ބޯންކަމަށް އިންދައި ދުރުދުރުން މީހަކު ޒާތަކަށް މޮށޭން ފަށައިފިއެވެ. މިމީހަކު ކިޔާ އެއްޗަކަށް ވިސްނުން ހިންގައިލިއިރު ބުހުތާނޭ ގާރޫނޭ ޑިމޮކްރަސީއޭ ހައްގޭ ރައްޔިތުންނޭ ކިޔާކަމަށް މޭރުންވެއެވެ. ވަރަށްވެސް އަސަރުގަދަ އެމުނުންތަކެކެވެ. އަހުރެން މީނާއަށް ގޮވާލާފައި ބުނެފީމެވެ. ނިކަން ތިކިޔާ އެއްޗެއް މަގޭ ކައިރިއަށް އައިސް ކިޔައިބަލާށެވެ. ހިލާ އަހުރެންގެ ގާތަށް އަންނާކަށް އެއްބަހެއް ނުވިއެވެ. ދުރުގައި ހުރެގެން ދޭ ޒުވާބަކީ ތިޔަކަހަލަ ދޮގުވެރި މަކަރުވެރި ކެހިވެރިއަކާ ވައިއެޅޭ ހިސާބަށް ވެސް ދާން ބޭނުން ނުވާ ކަމަށެވެ.

ރަހުމަތްތެރިކަމެއްވެސް ހިނގާފައިނެތް އަދި މުއާމަލާތެއްވެސް ހިންގިފައި ނެތް މީހަކު މިބީދައިން މޮށެން ފެށީމައި ހިތަށް ލައްކަ ލޮޚުސާންތަކެއް ކުޅައެވެ. އެކަމަކު ނާރުތަކުގެ މައްޗަށް ބާރު ހިންގައި ނިކަން ހަމަޖެހޭވައްތަރު ދައްކާލާފައި ބުނެފީމެވެ. މިތުރާއެވެ. ތިޔައީވެސް ރައްބީގެ ބޮޑު ދޮލަނގުން ކައިގެން ބޮޑުވެ ހަޔާތުގެ އިރު އަސްރަކަށްވުރެ ތިރިއަށް ލަނބާލާފައިހުރި މީހަކީމުތާއެވެ. މަށަކީވެސް ތިޔަފަދަ މީހަކީމެވެ. ދެމީހުން މިހިރަ މޭޒުކައިރީގައި ތިބެގެން ސައްލާކުޅައްޔާ ކޮން ގެއްލުމެއް ހެއްޔެވެ. ވާނީ ފައިދާއެކެވެ. އަންނާށެވެ. މަށަކީ ވެސް ތިޔަ ކިޔާ ތަކެއްޗާ ނިކަން ފިކުރާވާ މީހަކީމެވެ.

މިޒާތަކަށް ދެތިން އެއްޗެއް ބުނެވުނުތަނާ މިމީހަކު އަހުރެންގެ ކައިރިއަށްލެފި ކުޑައިކޮށް ލޯބޮޑުކޮށް މާގަދަ ވައްތަރެއް ދައްކައިގެން ގޮނޑިއެއްގައި ފޫ ހަރައިފިއެވެ. އަހުރެން ބުނެފީމެވެ. މިވަރުގެ ކަމެކެވެ. އެކަމަކު ދުރުގައި ހުރެގެން ކަރުގެ ނާރުތަކަށް އަނިޔާވެރިވާންވެސް ވެއްޖެއެވެ. މަހަމަ ހައިރާންވެއްޖައީމެވެ. ތިޔައީ ފަހެ މީހުން އުޅޭ ގޮތް ހެއްޔެވެ. މިޒާތަކުން މީނާޔާ ނިކަން ރަނގަޅަށް ބެހި މީނާގެ ހިތް ފުށްގަނޑަކަށް ވަންދެން އެކި ގޮތްގޮތަށް މޮޑެލައިފީމެވެ. މާތް މީހުން ތިބޭ ވައްތަރަށް އިރުކޮޅަކު އިނދެފައި މީނާ އެބަބުނެއެވެ. ދެން އެހެންވިއްޔާ އެންމެ ރަނގަޅެވެ. އަހަރުމެން އެވަރަށް މަސައްކަތްކޮށްގެން ހޮވި އަހުރެމެންގެ ވެރިޔާ ނަގައި އެއްލާލި މީހުންނާ އެއްބައިވެގެން ތިޔަ އުޅެނީ ކީއްވެގެން ހެއްޔެވެ.

މީނާ މިވަރަކަށް ނުރުހިގެން އުޅޭ ސަބަބު އަދި ކިރިޔާ މިއެގުނީއެވެ. އަހުރެންނަކީ އެބުނާ ވެރިޔާއަށް ސަނާކިޔާ މީހެއް ނޫންކަމާއި ހަމަފާޅުގައި ނުކުމެ ދެކޮޅުހަދާ މީހެއްކަން މީނާއަށް އޮތީ އެނގިފައެވެ. އެހެންވެ މީނާ މިއުޅެނީ އަހުރެންނަށް ކުޅިދައްކާލަންކަމަށް ހިތު ލައިގެން ތޯއްޗެކެވެ. އަހުރެން ބުނެފީމެވެ. ވެރިކަމަކީ އަހުރެންދޭ އެއްޗެއް ހެއްޔެވެ. ބަލަގަ އެއީ މަތީ ފަރާތުން މިންވަރު ކުރައްވާ އަމާނާތެއްކަން ނުދަންނަމު ދޮތައެވެ. މިހިސާބަށް ހަމަ ދިޔަތަނާ މީނާ ތެދުވެ ހޯހޯއޭ ގޮވައިގެންފިއެވެ. ބުންޏެވެ. އޭރުވެސް މަށަށް އެގެއެވެ. މިހާރު ދެން މުޅިން ޔަގީންވީއެވެ. ތިޔައީ ހަމަ ފައްކާ ރޯނު އެދުރެކެވެ.

You may also like...

1 Response

  1. Dhon Manik says:

    Roanu edhurunney bunevenee thiyahen veemathaa eve… Thiyaee hama fakkaa roanu edhurekeve

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!