އަލްގާޒީ ހަސަން ތަކުރުފާނު

އަލްގާޒީ ހަސަން ތަކުރުފާނަކީ ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. ގާޒީ ހަސަން ތަކުރުފާނުގެ ބައްޕައަކީ ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދޮށީ ދަރިކަލުން އިބްރާހިމް ނާއިބު ފަޑިޔަތްތަކުރުފާނެވެ. މަންމަޔަކީ އައްޑޫ ގަމު ބޭކަނބަލެކެވެ. ގާޒީ ހަސަން ތަކުރުފާނުގެ މަންމަ އާއި ބައްޕަގެ ތިއްބެވީ މި ތަކުރުފާނު ހިމަނައިގެން ދެ ބޭފުޅުންނެވެ. ދެން ހުންނެވީ މާވައުރަންދިބީފާނެވެ.

ގާޒީ ހަސަން ތަކުރުފާނު ކިޔަވައި ވިދާޅުވީ އޭނާގެ ބައްޕަ އިބްރާހިމް ނާއިބު ފަޑިޔަތް ތަކުރުފާނާއި ގާޒީ ހުސައިން ގުތުބުއްދީނާއި އައްލާމާ އަހުމަދު ޝިހާބުއްދީނާއި ގާޒީ މަހުމޫދު ރަންފުތު ފަޑިޔާރުތަކުރުފާނުގެ އަރިއަހުންނެވެ. ގުރުއާނާއި ފިގުހަށް ވަރަށް ކުރިއަރައިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެދުވަސްވަރު ދެވަނައެއް ނެތްފަދަ ގާރީއެކެވެ. ބުނެވޭ ގޮތުގައި ގާޒީ ހަސަން ތަކުރުފާނުގެ އަޑު ރީތިކަމުން އެތަކުރުފާނު ގުރުއާން ކިޔަވައި ވިދާޅުވާ އަޑު އެހުމަށްޓަކައި މާލޭ ހުކުރު މިސްކިތަށް ވަރަށް ގިނަ މީހުން ޖަމާވެއެވެ.

ގާޒީ ހަސަން ތަކުރުފާނު އައްޑޫ ދޫކުރައްވައި މާލެ ވަޑައިގަތީ ސުލްތާނު މުހައްމަދު އިމާދުއްދީނު އެއްވަނަ އަވަހާރަވެ އެރަދުންގެ ދަރިކަލުން ސުލްތާނު އިބްރާހިމް އިސްކަންދަރު އެއްވަނަ ރަސްކަމަށް އިސްވެވަޑައިގެންފައި ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ އައުލާދުގެ ބޭފުޅުން އަލުން މާލެއަށް ވަޑައިގަތުމަށް ދައުވަތު ދެއްވުމުން މި ތަކުރުފާނުގެ ބޮޑުބޭބެއިން ކަމަށްވާ ގާޒީ ހުސައިން ގުތުބުއްދީނާއި އައްލާމާ އަހުމަދު ޝިހާބުއްދީނާއި އެކުގައެވެ. ގާޒީ ހަސަން ތަކުރުފާނުގެ ބައްޕަ އިބްރާހިމް ފަަޑިޔަތް ތަކުރުފާނު މާލެވަޑައި ނުގެން އައްޑޫ މީދޫގައި ކިޔަވައިދެއްވާން މަޑު ކުރައްވައި ދަރިކަލުން މާލެ ފޮނުއްވީއެވެ.

ރާއްޖޭގެ ފަނޑިޔާރުކަމަށް ގާޒީ ހަސަން ތަކުރުފާނު އިސްކުރެވުނީ އިސްކަންދަރު ރަސްގެފާނުގެ ދައުރުގައި މީލާދީން 1662 ގައެވެ. އޭރު މިތަކުރުފާނަކީ ވަރަށްވެސް ތަޖުރިބާ މަދު ވަރަށް ޒުވާން ބޭފުޅެކެވެ. މި މަގާމަށް ގާޒީ ހަސަން ތަކުރުފާނު އިސްކުރެވުނީ އެ މަގާމުގައި ކުރިން ހުންނެވި މިތަކުރުފާނުގެ ބޮޑު ބޭބެ ގާޒީ ހުސައިން ގުތުބުއްދީނު އަވަހާރަވުމުންނެވެ. ގާޒީ ހުސައިން ގުތުބުއްދީނުގެ މަހާނަ ގަލުގައި އަރަބިން ލިޔެފައިވާ މޮޅު އަދި ދިގު ލިޔުން ލިޔުއްވާފައިވަނީ ގާޒީ ހަސަން ތަކުރުފާނެވެ.

ގާޒީ ހުސައިން ގުތުބުއްދީނު އަވަހާރަވުމުން ގާޒީ ހަސަން ތަކުރުފާނު ފަދަ ޅަ ބޭފުޅަކަށް ފަނޑިޔާރުކަން ދެއްވި ސަބަބުތަކާއި މެދު ބުނެވެނީ އޭރު މިފަދަ މަގާމަކަށް އެކަށީގެންވާ އިލްމުވެރި ހަރު ދަންނަބޭކަލުންގެ ތެރެއިން ގިނަ ބޭފުޅުން މިމަގާމަށް ނޫނެކޭ ވިދާޅުވުމެވެ. އައްލާމާ އަހުމަދު ޝިހާބުއްދީނަށް ފަނޑިޔާރުކަން ހުށައެޅުއްވުމުން އޭނާ ވިދާޅުވީ ފަނޑިޔާރުކަން ބޭނުން ނޫން ކަމުގައެވެ. އެއަށްފަހު މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނުވެސް ވިދާޅުވީ މިފަދައިންނެވެ. އެކަމަކު ގާޒީ ހަސަން ތަކުރުފާނަށް ފަހު މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނު ތަންކޮޅެއް ފަހުން މިމަގާމަށް އާނއެކޭ ވިދާޅުވެ ފަނޑިޔާރުކަންވެސް ކުރެއްވިއެވެ.

ކުރީ ޒަމާނުގައި މީދޫގެ އިލްމުވެރި ވަރަށް ގިނަ ބޭފުޅުން ފަނޑިޔާރުކަން ކުރެއްވި ބީދައިން ވަރަށް ގިނަ ބޭފުޅުން ފަނޑިޔާރުކަން ކުރެއްވުމަށް އިންކާރުވެސް ކުރައްވައިފައިވެއެވެ. އިންކާރު ކުރެއްވި ބޭފުޅުންގެ ތެރޭގައި އައްލާމާ އަހުމަދު ޝިހާބުއްދީނާއި ގަނޑުވަރު މުހައްމަދު ސިރާޖުއްދީނާއި ގާޒީ ހުސައިން ގުތުބުއްދީނުގެ ދަރިކަލުން މުހައްމަދު ބޮޑުފުތް ތަކުރުފާނާއި އައިސާބީގެދަރު އައްޝައިޚު ދޮންބެއްޔާ އާއި އައްނާއިބު އެޅެގޭ އިބްރާހިމް ދީދީއާއި ގާޒީ އިސްމާއީލް ބަހާއުއްދީނުގެ ދަރިކަލުން ޝައިޚް ދޮންމަނިކު ހިމެނިވަޑައިގަންނަވައެވެ. ފަނޑިޔާރުކަމަކީ ނިޔާ އިއްވުން ހިމެނޭ ކަމަކަށްވާތީ ގޯހަކުން އިއްވޭ ނިޔާއަކީ ބައެއްގެ ހައްގަށް އަރައިގަނެވި ނަރަކައިގެ ދޮރު ހުޅުވިދާނޭ ކަމެއް ކަމުން މިބޭފުޅުން ފަނޑިޔާރު ކަމަށް ނޫނެކޭ ވިދާޅުވީއެވެ. މީން ކޮންމެ ބޭފުޅަކީ މިޒާޖުގައި މަޑުމައިތިރިކަމާއި ދީންވެރިކަން ވަރަށް މަތީ މިންވަރަކަށް ހިމެނުނު ބޭފުޅުންނެވެ.

ގާޒީ ހަސަން ތަކުރުފާނުގެ ފަނޑިޔާރުކަމަށް ގާތްގަޑަކަށް ދެ އަހަރެއްހައި ދުވަސްވީތަނާ މި ތަކުރުފާނަށް ކުރިމަތިވި ސިއްހީ ވަރަށް ބޮޑު މައްސަލައަކާއި ގުޅިގެން މަގާމުގައި ހުންނެވުމަށް ދަތިފުޅުވެގެން އަމިއްލައަށް އެދިވަޑައިގެން ފަނޑިޔާރުކަމުން ވަކި ކުރެވުނީއެވެ. ގާޒީ ހަސަން ތަކުރުފާނު ފަނޑިޔާރުކަމުން ވަކިކުރެވުނީ މީލާދީން 1663 ގައެވެ. ހަމައެދުވަހު ގާޒީ މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނު ފަނޑިޔާރު ކަމަށް އިސްކުރެވުނެވެ.

ފަނޑިޔާރުކަމުން ވަކިކުރެވުނުތާ ހައެއްކަމަސް ފަހުން އާލާސްކަންފުޅު ބޮޑުވަމުން ބޮޑުވަމުން ގޮސް ގާޒީ ހަސަން ތަކުރުފާނު އަވަހާރަވީއެވެ. އޭރުވެސް އުމުރުގެ ޒުވާން ކަމުގެ ސަބަބުން ހަޔާތުގެ ބައިވެރިޔަކު އެތަކުރުފާނު ނުހޯއްދަވައެވެ. މިސަބަބާއި ހެދި ގާޒީ ހަސަން ތަކުރުފާނުގެ އައުލާދެއް ނެތެވެ. އެތަކުރުފާނުގެ އެންމެ ގާތް އައުލާދަކަށް އޮތީ އެއްބަނޑު އެއްބަފައި ކޮއްކޯކަމަނާ މާވައުރަންދީފާނުގެ އައުލާދެވެ.

ގާޒީ ހަސަން ތަކުރުފާނު އަވަހާރަވެގެން ފަސްދާނުލެވިފައިވަނީ މާލޭގައެވެ. އެ ތަކުރުފާނާއި ބެހޭ ގޮތުން ދިވެހި ތާރީޚުގައި މާގިނަ ވާހަކަތަކެއް ލިޔެވިފައި ނެތެވެ. އެތަކުރުފާނުގެ އާލާސްކަންފުޅަކާއި ގުޅިގެން މަގާމުގައި ހުންނެވުނީ ވަރަށް ކުރު މުއްދަތަކަށް ކަމުގައިވާތީ މަގާމާއި ގުޅޭ ގޮތުން ކޮލި ނަމެއްވެސް ދެވިފައި ނުވެއެވެ. ކޮލި ނަމެއް ނުދެވޭ ފަނޑިޔާރުންގެ ތެރޭގައި ގާޒީ ހަސަން ތަކުރުފާނުގެ އިތުރުން ހިމެނޭ މީދޫއަށް ނިސްބަތްވާ ބޭފުޅަކީ އަލްގާޒީ ޝައިޚް އަލީ ދީދީއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *