ދެވަނަ ބޮޑު ހަނގުރާމައިގައި ތިންވަނަ އަށް ހިނގި އެންމެބޮޑު ކަނޑުމަތީ ކާރިސާ
ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ތިންވަނަ އަށް ހިނގި އެންމެ ބޮޑު ކަނޑުމަތީ ކާރިސާ ހިނގާފައިވަނީ ދިވެހި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު (އެކްސްކުލޫސިވް އިކޮނޮމިކް ޒޯން) ގެ ތެރޭގައި.
• މިކާރިސާ ހިނގާފައިވަނީ 1944 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު ފަހުގައި
• މިކާރިސާ ހިނގާފައިވަނީ ވަން އެންޑް ހާލްފް ޑިގްރީ ޗެނެލްގެ ދެކުނުން އައްޑޫ އަތޮޅުގެ ނާސި އަސްތަމާނު (ނޯތް-ނޯތްވެސްޓް)ން 100 މޭލު ދުރުންނެވެ. ހުވަދޫ އަތޮޅު ތިނަދޫގެ ހުޅަނގުން 58 މޭލު ދުރުމިނުގައެވެ.
• މިކާރިސާގައި ކެޑިވް އިސްމައިލް ޝިޕް ފެތިގެން އެއިން ދަތުރުކުރި 1511 މީހުންގެ ތެރެއިން 214 މީހުންފިޔަވައި އެންމެންގެ ފުރާނަ ގެއްލުނު.
• މިހިތާމަވެރި ފަނާކުރަނިވި ކާރިސާގެ މައުލޫމާތު 40 އަހަރު ވަންދެން އިނގިރޭސި ސަރުކާރުން ސިއްރު ކޮށްފައި ބޭއްވި.
• ފުރާނަ ސަލާމަތް ކުރެވުނު އެންމެން ފަރުވާ ދިނުމަށްޓަކައި ފުރަތަމަ ގެންދިޔައީ އިނގިރޭސިންގެ މިލިޓަރީ ބޭސް ގާއިމު ކޮށްފައިވާ އައްޑު އަތޮޅު ގަމަށް.
ޝައްކެތް ނެތް ގޮތުގައި، ދެވަނަ ބޮޑު ހަނގުރާމައިގެ ނާމާން ކަމާއި ބިރުވެރިކަން ދުނިޔޭގެ ހަތަރު ބިތަށް ފެތުރިގެން ދިޔަ ހިނދު މުޅި ދިވެހިރާއްޖެވެސް ވަނީ އެހަނގުރާމައިގެ ހިތި ތަޖްރިބާ ކޮށްފައެވެ. އެހެން ކަމުން އެ ހަނގުރާމައިގެ ވާހަކަ ތަކަކީ ދިވެހިންގެ ދޫދޫ މަތިން މިއަދާއި ހަމައަށް ވެސް ކިޔަމުން އަންނަ ވާހަކަ ތަކެވެ. އެއިގެ އިތުރުން މަޝްހޫރު ލިޔުން ތެރިން އެހަނގުރާމައިގެ ހާލަތު ބަޔާންކޮށް ފޮތްތަކާއި މަޒުމޫނު ތައް ލިޔެފައިވެއެވެ. މިރޮނގުން ލިޔެވިފައިވާ އެންމެ މަޝްހޫރު ފޮތްތަކަކީ ރައީސް މުހައްމަދު އަމީނު ލިޔުއްވާފައިވާ “ދިވެހިރާއްޖެ ހަނގުރާމައެއްގެ ވިލާ ގަނޑެއްގެ ދަށުގައި” އާއި ” ހަނގުރާމައަށް ފަހު ދިވެހިރާއްޖެ” އެވެ. މީގެ އިތުރުންހަނގުރާމަ އާއި ބެހޭ ތަފާތު ލިޔުއްވުންތައް އެހެނިހެން އަދީބުން ލިޔުއްވާފައި ވެއެވެ. އެއްވެސް ލިޔުއްވުމެއްގައި އެ ހާދިސާ އާއި ގުޅޭ ގޮތުން ލިޔެވިފައެއްނުވެއެވެ. މިހާދިސާ ހިނގާފައިވަނީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައެވެ. އެކާރިސާއިން ސަލާމަތް ކުރެވުނު މީހުންތައް ފުރަތަމަ ގެންދެވުނީ އައްޑޫ އަތޮޅު ގަމަށެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ މުޅި ތާރީޚުގައިވެސް، ހިނގާފައިވާ ތިންވަނަ އަށް އެންމެ ބޮޑު ކަނޑުމަތީގެ ހިތާމަވެރި ކާރިސާއެވެ. މުޅި ހަނގުރާމައިގައި އެންމެ ގިނަ އަދަދަކަށް އަންހެނުން މަރުވި އެއް ކާރިސާއެވެ. ފުރާނަ ގެއްލިގެން ދިޔަ އަންހެނުންގެ އަދަދަކީ 77 އެވެ. އެއީ ނަރުހުންނާއި އަސްކަރީ އެކި އެކި ޚިދުމަތުގައި (ވިމެންސް ރޯޔަލްސް ނާވަލް ސަރވިސް) ތިބި އަންހެނުންނެވެ. އަސްކަރީ އަދަބިއްޔާތުގައި މިކާރިސާ ސިފަ ކޮށްފައިވަނީ ކަނޑުމަތީ ބޮޑު ހަނގުރާމައެއްގެ ގޮތުގައެވެ
އެންމެ ގިނަ މީހުންގެ ފުރާނަ ގެއްލިގެން ދިޔަ އެންމެ ބޮޑު ކާރިސާ އަކީ ބްރިޓިޝް ނޭވީ ޝިޕް، އެޗް އެމް ޓީ ލަންކަސްޓްރިއާ އަށް ޖަރުމަނުގެ ނާޒީން ބޮން އަޅައިގެން ފައްތާލި ކާރިސާއެވެ. އެއީ 17 ޖޫން 1940 ވަނަ އަހަރުގައެވެ. ފުރާނަ ގެއްލުނު މީހުންގެ އަދަދަކީ 4000 އެވެ. މަނަވަރު ފައްތާލައިފައިވަނީ ފްރާންސްގެ ސައިންޓް ނަޒައިރޭ ބަނދަރުގެ ކައިރި ސަރަހައްދަކަށެވެ. މިއީ އިނގިރޭސި ސަރުކާރުން އެންމެ ބޮޑަށް ސިއްރު ކޮށްފައިވާ ކާރިސާއެވެ. ފުރަތަމަ ފަހަރަށް އިނގިރޭސި ސަރުކާރުން މިކާރިސާގެ ހަނދާން ފާހަނގަ ކޮށްފައިވަނީ، އެކާރިސާއަށް 75 އަހަރު ފުރިގެން ، 17 ޖޫން 2015 ގައެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ދެވަނަ އަށް އެންމެ ބޮޑު ކަނޑު މަތީގެ ކާރިސާ އަކީވެސް ޖަރުމަނުގެ ޔޫބޯޓު-156 ސަބްމެރިން އިން، ޓޮރުޕިޑޯ ހަމަލާ ދީގެން ކުނާޑު ޝިޕް ލާކޯނިއާ ފައްތާލި ކާރިސާއެވެ. އެއީ 12 ސެޕްޓެމްބަރ 1942 ވަނަ އަހަރެވެ. އެމަނަވަރު ފައްތާލައިފައިވަނީ ހަނގުރާމައިގެ ކުށްވެރިން (ޖަލު މީހުން) ގޮވައިގެން ދަތުރު ކުރަނިކޮށް ސައުތު އެޓްލާންޓިކް ކަނޑަށެވެ. މިކާރިސާގައިވެސް 1400 މީހުންގެ ފުރާނަ ގެއްލިފައިވެއެވެ.
ބްރިޓިޝް ނޭވީ ޝިޕް، ކެޑިވް އިސްމައިލް ފެތުނު ކާރިސާ ސިއްރު ކޮށްފައި އޮތުން
ބާރަ ސަތޭކަ އަށް ވުރެން ގިނަ މީހުންގެ ފުރާނަ ގެއްލިގެން ދިޔަ މި ކާރިސާގެ ވާހަކަ އަކީ 40 އަހަރު ވަން ދެން ބްރިޓިޝް އެޑްމިރަލްޓީން ސިއްރު ކޮށްފައިވާ ނުހަނު ބޮޑު ހިތާމަވެރި ކާރިސާއެކެވެ. އެހެން ކަމުން މިކާރިސާގެ ވަހަކަ އަކީ އަސްކަރީ ތާރީޚް ލިޔުންތެރިން ބުނެ ނުދީ ހުރި ނުވަތަ ހަނދާން ނައްތާލާފައިވާ ނުހަނު ބޮޑު ކާރިސާއެެކެވެ. އިނގިރޭސި ކަނޑުގެ ސިފައިންގެ އޮފީހަކުން މިކާރިސާ އާއި ބެހޭ ގޮތުން ކުޑަ ނަމަވެސް މައުލޫމާތެއް ފުރަތަމަ ފަހަރަށް ހާމަކޮށްފައިވަނީ އިނގިރޭސި ނޭވީ ނިއުސް މަޖައްލާގެ ޖެނުއަރީ 1977 އަދަދުގައެވެ. އެއީ މުހިއްމު މައުލޫމާތު ތައް ހިމެނިފައި ނުވާ ކުރު ރިޕޯޓެކެވެ. އަދި އެރިޕޯޓްގައި ހިމެނިފައިވާ ގިނަ މައުލޫމާތު ތަކަކީ މުޅީން ރަނގަޅު ނޫން މައުލޫމާތު ކަންވެސް ފަހުން އެގިފައިވެއެވެ.
އިނގިރޭސި ނޭވީން މިކާރިސާގެ މައުލޫމާތު ސިއްރުކޮށްފައި ބޭއްވި އެންމެ ބޮޑު ސަބަބެއް ކަމަށް ވަނީ މިކާރިސާގައި ފުރާނަ ގެއްލިގެން ދިޔަމީހުންގެ އަދަދު ގިނަކަމެވެ. ޚާއްސަކޮށް މަރުވި މީހުންގެ ތެރޭގައި ހިމެނުނު އަންހެނުންގެ އަދަދު ގިނަ ކަމެވެ. އަނެއް މައިގަނޑު ސަބަބަކީ ، ސަބްމެރިން އަކުން ދިން ޓޮރުޕިޑޯ ހަމަލާ އެހާ ބޮޑަށް ޓާގެޓަށް އަމާޒުވީ މުޅި ގާފިލާ އަސްކަރީ ގަވާއިދާ ޚިލާފަށް ދުއްވާފައި ދިއުމެވެ. ހަނގުރާމައިގެ ހާލަތުގައި، އަސްކަރީ މިފަދަ ގާފިލާތައް ނުވަތަ މަނަވަރުތައް ކަނޑު ދަތުރު ކުރާ އިރު ދުއްވަން ޖެހެނީ ކަނޑަ އެޅޭ ދުރުމިނަކަށް ވާގޮތައް ޒިގްޒެގް ޕެޓަރން އަށެވެ. އެއީ ސަބްމެރިން ހަމަލާ އަމާޒުވުން ކުޑަ ކުރުމަށްޓަކައެވެ. މިގާފިލާ ދަތުރު ކުރަމުން ދިޔައީ ޒިގްޒެގް ނައަޅައި ސީދަލަށެވެ. ކާރިސާއަށް ފަހު ހިންގުނު ބޯޑް އިންކުއަރީ ތަހްގީގުން އެކަން ސާބިތުވެފައި ވެއެވެ.
މިކާރިސާގައި ޖުމްލަ ބާރަ ސަތޭކަށް އަށް ވުރެން ގިނަ މީހުންގެ ފުރާނަ ގެއްލިގެން ދިޔަ ކަމީ އިނގިރޭސި ނޭވީން އަދި މުޅި އިނގިރޭސި ސަރުކާރު ލަދުގަންނަން ޖެހޭ ދަރަޖައަށް އިހްމާލު ވެވިފައިވާ ކަމެއް ކަމަށް ގަބޫލު ކުރަން ޖެހެއެވެ. އެހެން ކަމުން މިވާހަކައިގެ ނާޒުކު ކަމަށްޓަކައި އިނގިރޭސި ނޭވީން މިކާރިސާގެ މައުލޫމާތު އާއްމު ކުރާން ބޭނުން ނުވީއެވެ. މިކާރިސާގެ މައުލޫމާތު އޭރުގެ އިނގިރޭސި ބޮޑު ވަޒީރު، ވިންސްޓަން ޗަރޗްހިލްސް އަށް ވެސް ދުވަހުން ދުވަހަށް ފުރިހަމަ އަަށް ލިބިފައި ނެތް ކަން ހާމަވެފައި ވެއެވެ. ބޮޑު ވަޒީރު އެކާރިސާގެ މައުލޫމާތު ސާފު ކުރުމަށްޓަކައި، ފަރސްޓް ލޯޑް އަދި ފަރސްޓް ސީ ލޯޑް އަށް ފޮނުވި މެސެޖް، ސެކެންޑް ވޯލްޑް ވޯރ ވޮލިއުމް ވީ ގައި، ތިރީގައި މިވާ އިބާރާތުން ޝާޢިއު ކުރެވިފައިވެއެވެ.
އިނގިރޭސި ޕްރައިމް މިނިސްޓަގެ ފަރާތުން ފަރސްޓް ލޯޑް އެންޑް ފަރސްޓް ސީ ލޯޑް އަށް،
ތާރީޚް : 19 މާރިޗް ، 1944 މ .
” މިއީ ވަރަށް ސީރިއަސް ކާރިސާ ( ޑިސާސްޓަރ ) އެކެވެ. ކަނޑަށް ޣަރަގުވެގެން ދިޔަ 1055 މީހުންނަކީ ކޮން ބައެއްހެއްޔެވެ. އެއީ ހަނގުރާމައަކަށް ދިޔަ ބައެއްހެއްޔެވެ. ނުވަތަ ހަނގުރާމައެއް ނިމިގެން އެނބުރި އަމިއްލަ ގައުމަށް އަންނަން ދަތުރު ކުރަމުން އައި ބައެއްހެއްޔެވެ. އެއީ އިނގިރޭސިން ހެއްޔެވެ. ނުވަތަ އެމެރިކާނުން ހެއްޔެވެ. މިފަދަ ވަރުގަދަ ބޮޑު ގާފިލާ އަކުން މިއަށް ވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތް ނުކުރެވުނީ ކީއްވެގެންހެއްޔެވެ. ”
ކޮންމެ އަކަސް މިކާރިސާ އާއި ބެހޭ ގޮތުން ވަރަށް ތަފްސީލީ މައުލޫމާތު ހިމެނޭ ފޮތެއް ، 1997 ވަނަ އަހަރު ޕަބްލިޝް ކުރެވުނެވެ. އެފޮތް ލިޔެފައިވަނީ މަނަވަރުން ސަލާމަތްވީ މަދު މީހުންގެ ތެރޭގައި ހިމެނުނު ޗީފް ޕެޓީ އޮފިސަރ އެއްގެ ފިރިހެން ދަރިފުޅު، ބްރިއަން ޖޭމްސް ކްރަބް އެވެ. ބްރިއަން ޖޭމްސް މިފޮތް ލިޔެފައިވަނީ އެތަކެއް އަހަރުތަކެއް ވާނދެން ކުރި ދިރާސާތަކަށް ފަހުގައެވެ. އޭނާގެ ފޮތުގެ ނަމަކީ “ޕެސެޖް ޓު ޑެސްޓިނީ” އެވެ. ބްރިއަން ޖޭމްސް ކްރަބް މިފޮތް ލިޔުމަށްޓަކައި ކުރި ދިގު ދަތުރު ފަށައިގަތީ އޭނާގެ ބައްޕަ އާއި ހަމައިންނެވެ. އެއަށްފަހު އިތުރު މައުލޫމާތު ހޯދާފައިވަނީ އެމަނަވަރުން ދަތުރު ކުރި މީހުންގެ ތެރެއިން ސަލާމަތްވީ ބައެއް މީހުންގެ ޕާސަނަލް ޑައިރީންނާއި އަދި އެމީހުންނާއި އިންޓަރވިއު ކޮށްގެންނެވެ. މީގެ އިތުރުން ނޭޝަނަލް މެރިޓައިމް މިއުޒިއަމް ތަކާއި ރޯޔަލް އަރޓިލަރީ ހިިސްޓޯރިކަލް ޓްރަސްޓެވެ. އަދި ހަނގުރާމައިގައި މަރުވާ މީހުންގެ ގަބުރުސްތާނުގެ މެމޯރިއަލް ރެޖިސްޓަރ ފަދަ ރިކޯޑްތަކުން އެގޮތް މިގޮތައް ހޯދި މައުލޫމާތުގެ އަލީގައެވެ.
އިނގިރޭސި ނޭވީ ޝިޕް ކެޑިވް އިސްމައިލް އަށް ޖަޕާނުގެ ސަބްމެރިން ހަމަލާ ދިނުން.
މިދެންނެވި ހިތާމަވެރި ކާރިސާ އަކީ އިނގިރޭސިންގެ ނޭވީ ފައުޖެއް ގޮވައިގެން ދަތުރު ކުރި މައި މަނަވަރު، “ކެޑިވް އިސްމައިލް” އަށް ޖަޕާނުގެ ސަބްމެރިން އަކުން ދިން ވަރަށް ވަރުގަދަ ކުއްލި ހަމަލާއަކާއި އެކު އެމަނަވަރު ފައްތާލި ކާރިސާއެވެ. މައި ނޭވީ ޝިޕް އަކަށް ކެޑިވް އިސްމައިލް ހިމެނޭ ގޮތުން ދަތުރު ކުރި ގާފިލާގެ ކޮންވޮއި ނަމްބަރަކީ ކޭއަރ8 އެވެ. ގާފިލާގައި ހިމެނުނު އަނެއް ނޭވީ ޝިޕަކީ، އެމްވީ ހޯކިންސް ، ވަރްސޮވާ، އެކަމް، އެލެންގާ އަދި ސިޓީ އޮފް ޕެރިސް އެވެ. މީގެ އިތުރުން ގާފިލާއަށް ހިމާޔަތްދީ މަގު ދައްކަމުން ގާފިލާގެ ކުރީގައި ހުރެގެން ދިޔައީ ޕީޓަރޑް އާއި ޕަލަޑިން ނަމަކަށް ކިޔާ ދެ ބޯޓެކެވެ. އެއީ ކަނޑު މަތީގައި ދުޝްމަނުންގެ ނުރައްކަލެއް ނުވަތަ ހަމަލައެއް އާދޭތޯ ބަލާ މޮނިޓަރ ކޮށް އެފަދަ އުޅަނދު ތަކުން ދޭ ހަމަލާތައް ދިފާޢު ކުރުމަށް ބޭނުންކުރާ ޑިސްޓްރޮއިޔާ މަރުކާގެ ދެބޯޓެވެ.
ޖަޕާނުގެ ސަބްމެރިން އައި-27 އިން ދިން ޓޮރުޕިޑޯ ހަމަލާއިން ކެޑިވް އިސްމައިލް ފެތިފައިވަނީ އެމަނަވަރު ކެންޔާގެ މޮމްބާސާގެ ކިލިންދިނީ ބަނދަރުން ފުރައިގެން ސިލޯނަށް ދިއުމަށްޓަކައި ދަތުރު ކުރަނިކޮށް 12 ފެބްރުއަރީ 1944 ވީދުވަހު މެންދުރު 2:33 ގައެވެ. އެވަގުތު ކެޑިވް އިސްމައިލް މިސްރާބު ޖަހާފައި ހުރީ ހުވަދޫ ކަނޑުގެ މެދުން އޮންނަ ވަން އެންޑް ހާލްފް ޑިގްރީ ޗެނަލްގެ ތެރެއިން ރާއްޖެ ހުރަސްކޮށް ސިލޯނަށް ދިއުމަށްޓަކެެވެ. މަނަވަރުގެ އިންޖީނު ރޫމަށް އަމާޒު ކޮށް ދިން ދެ ޓޮރުޕިޑޯގެ ވަރުގަދަ ހަމަލާއާއި އެކު އެފަދަ ބޮޑު މަނަވަރު ކަނޑުގެ އަޑިއަށް ދިއުމަށް ނެގީ އެންމެ ދެމިނެޓެވެ. ކުޑަ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބޯޓް ފެތުނީ ޓޮރުޕިޑޯ އެރި ހިސާބުން ބޯޓް ދެބުރިއަށް ބިންދައިގެން ދިއުމުންނެވެ. އެހެން ކަމުން އެމަނަވަރުން ދަތުރު ކުރި 1511 މީހުންގެ ތެރެއިން 214 މީހުން ފިޔަވައި އެހެން އެންމެން ކަނޑަށް އަރަގުވެ ފުރާނަ ގެއްލުނެވެ. މިމަނަވަރުގައި ނޭވީންގެ އެންމެ ބޮޑު ކޮންޓިންޖެންޓަކަށް އޮތީ އެފްރީކާގެ ސިފައިންެ ހިމެނޭ ކޮންޓިންޖެންޓެވެ. އެއިގެ އިތުރަށް ބްރިޓިޝް މިލިޓަރީ މީހުންނެވެ. ސަލާމަތްވީ މީހުންގެ ތެރޭގައި ހިމެނެނީ 208 ފިރިހެނުންނާއި އެންމެ 6 އަންހެނުންނެވެ. މަނަވަރު ފެތިފައިވަނީ ވަން އެންޑް ހާލްފް ޑިގްރީ ޗެނެލްގެ ދެކުނުން، އައްޑޫ އަތޮޅުގެ ނާސި އަސްތަމާނު(ނޯތް-ނޯތްވެސްޓް) ން 100 މޭލު ދުރުންނެވެ. އަދި ހުވަދު އަތޮޅުގެ ތިނަދޫގެ ހުޅަނގުން 58 މޭލުު ބޭރުންނެވެ. ޖީޕީއެސް ކޯޑިނޭޓްސް އަކީ ، 00 ދަރަޖަ 57 މިނިޓް އުތުރު އަރުޟު / 16 ދަރަޖަ ، 72 އިރު ތޫލު އެވެ.
ޕިޓަރޑް އާއި ޕަލަޑިން އާއި ޖަޕާނު ސަބްމެރިން، އައި-27 ދެމެދު ބަދަލު ކުރެވުނު ވަރުގަދަ ހަމަލާ
ޖަޕާނުގެ ސަބްމެރިން އައި-27 އަކީ ދިގުމިނުގައި 357 ފޫޓް ހުރި ބޮޑު ސަބްމެރިން އެކެވެ. މިސަބްމެރިން އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ، މީގެ ކުރީންވެސް އިނގިރޭސިންގެ ހަނގުރާމަ މަތީ ބޮޑެތި ހަތަރު ބޯޓަކަށް ހަމަލާ ދީ ފައްތާލައިފައިވާ ސަބްމެރިންއެކެވެ. މިގޮތުން އައި-27 ސަބްމެރިން މަޝްހޫރު ވެފައިވަނީ އިނގިރޭސިންނަށް އެންމެ ގޮން ޖެހުން ބޮޑު ނުރައްކާތެރި ސަބްމެރިންގެ ގޮތުގައެވެ. އެހެން ކަމުން މިގާފިލާގައި ހިމެނުނު ޑިސްޓްރޮއިޔަރ ދެ ބޯޓުގެ ކޮމާންޑަރުން ނިންމީ ކޮންމެފަދަ ގުރުބާނީއެއް ވެގެން ވިޔަސް ކޮންމެ ފަދަ އަގެއް ދައްކަން ޖެހުނު ކަމަށް ވިޔަސް ޖަޕާނުގެ ސަބްމެރިން އަށް ހަމަލާދީ ފައްތާލުމަށެވެ.
ކެޑިވް އިސްމައިލް އަށް ޖަޕާނުގެ ސަބްމެރިން އިން ދިން ޓޮރުޕިޑޯ ހަމަލާ އަކީ ، ކޭއާރ8 ގެ ޑިފެންސް ޝިޕްތައް ކަމަށްވާ ޕިޓަރޑް އާއި ޕަލަޑިންގެ ރާޑަރުން ނެއްޓިގެން އައިސް ވަރަށް ހުށިޔާރުކޮށް ދިން ކުއްލި ހަމަލާ އެކެވެ. ވަރަށް ކާރިކާރިން ފޮނުވާލި 2 ޓޮރުޕިޑޯ ހަމަލާއިން ކެޑިވް އިސްމައިލް ފެތުމާއި އެކު ސަބްމެރިން އެސަރަހައްދު ދޫކޮށް ގާފިލާގެ އެހެން އުޅަނދަކަށް ނުފެނި ފިލޭތޯ މަސައްކަތް ކުރިއެވެ.
ކޮންމެއަކަސް ކެޑިވް އިސްމައިލްއަށް ހަމަލާ ދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޕެޓަރޑް އާއި ޕަލަޑިން އެއިގެ މިސްރާބު ބަދަލުކޮށް ހަނގުރާމައިގެ މައިދާނަށް އައުމަށްޓަކައި އެންމެ ބާރު ސްޕީޑްގައި އަންނަން ފެށިއެވެ. ޑިސްޓްރޮއިޔާ ޝިޕްތައް އަންނަތަން ޖަޕާނުގެ ސަބްމެރިންއަށް ފެނުމާއި އެކު ގާތްގަޑަކަށް 300 ޔާޑު ދުރުން ޑެޕްތް ޗަރޖް ކޮށްގެން ޝިޕްތަކަށް ހަމަލާ ދޭން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ޕިޓަރޑް އާއި ޕަލަޑިން އަށް ޑެޕްތް ޗަރޖް ހަމަލާ އެއް އެރުމުގެ ކުރީން ޕިޓަރޑުން ސަބްމެރިން އަށް ޓޮރުޕިޑޯ ފޮނުވަން ފެށިއެވެ. ނަމަވެސް އެއިގެ ހަމަލާއެއް އެރުމުގެ ކުރީން ކަނޑުމަތީގައި ތިބި މީހުން ތަކުގެ އަޑިއަށްވާ ގޮތައް ކަނޑުގެ އަޑިއަށް ދިޔަ ގޮތައް ފިލައިފިއެވެ. ފެންމަތީގައި ތިބި މީހުންގެ ދަށުން ސަބްމެރިން އަޑިއަށް ދެމިގަތީ އައްޑަނަ އެއްގެ ގޮތުގައި ދިރިތިބީން ބޭނުން ކުރުމަށްޓަކައެވެ. އެއިރުން ފިލައިގެން ދިޔުމުގެ ކުރީން ހަމަލާއެއް ނުދެވޭނެ ކަމަށް ސަބްމެރިންގެ ކެޕްޓަން ޓޮޝިއަކީ ފުކުމުރާ އަށް ވިސްނުނީ ކަމަށް ވެދާނެއެވެ.
ޕަލަޑިންގެ އެންމެ ފުރަތަމަ އޮޕަރޭޝަނަކަށްވީ ކަނޑު މަތީގައި ތިބި މީހުން ސަލާމަތް ކޮށްގެން އަވަހަށް ބޯޓަށް އެރުވުމެވެ. އެގޮތުން ޑިންގީ ލޯންޗް ތަކާއި ލައިފް ބޯޓްތައް ކަނޑުގައި ތިބި މީހުންގެ ތެރެއަށް ބޭލިއެވެ. އަދި ކަނޑުމަތީން އެވަގުތު ފެންނާން ތިބި އެންމެން ޕަލަޑިން އަށް ނެގިއެވެ. އެވަގުތު ދެވަނަ ޑިސްޓްރޮއިޔާރ ބޯޓް ޕިޓަރޑާއި ގާފިލާގައި ހިމެނޭ އެހެން ހުރިހާ އުޅަނދުތައް ސަބްމެރިން ހޯދުމަށްޓަކައި ސަބްމެރިން ޑިޓެކްޓް ކުރާ އެކި އެކި ވަސީލަތްތައް ބޭނުން ކޮށްގެން ލިބޭ ސިގްނަލް އާއި އެއްގޮތައް ދަތުރު ކުރަމުން ދިޔައެވެ. ދަތުރު ކުރަމުން ދިޔައީ ދެކުނުން އުތުރަށެވެ. މިގޮތުން ސިގްނަލް ލިބޭ ދިމަދިމާލަށް ޑެޕްތް ޗަރޖް ހަމަލާ ދެމުން ދަނިކޮށް އެއްގަޑި އިރު ފަހުން ސަބްމެރިން މައްޗަށް އެރިއެވެ. އެއިރު ކެޑިވް އިސްމައިލް އަށް ހަމަލާ ދިން ހިސާބުން 25 ވަރަކަށް މޭލު އުތުރަށް ދެވިފައި ވާނެއެވެ. ލަފާ ކުރެވޭ ގޮތުގައި ސަބްމެރިން ފެންމައްޗަށް އެރީ ޑެޕްތް ޗަރޖްގެ ހަމަލާ އަމާޒު ވެދާނެ ކަމުގެ ބިރު ހީވެގެން ފެންމަތީން ހަމަލާ ބަދަލު ކޮށްގެން ޑިސްޓްރޮޔަރ ތައް ފައްތާލުމަށެވެ. ކޮންމެއަކަސް ސަބްމެރިން އަށް އިނގރޭސިންގެ މިގާފިލާގެ އަސްލު ސައިޒް ރަނގަޅަށް އެގިފައި ނެތް ކަމަށް ގަބޫލު ކުރެވެއެވެ.
ކަނޑުގައި ތިބި މީހުން ޕަލަޑިން އަށް ނެގުމަށްފަހު ޕީޓަރޑާއި ބައިވެރި ވުމަށް އެއިގެ މިސްރާބު ހުރިގޮތައް މިސްރާބު ޖެހުމަށްފަހު ދުވެލި ބާރު ކުރިއެވެ. އެވަގުތު ހުރިހާމީހުންވެސް ބޯޓްގައި އެމީހަކު ހުރި ތަނަކުން އަތުގައި ޖެހޭ ހަރު އެއްޗެއްގައި ބާރަށް ހިފަހައްޓައިގެން ތިބުމަށް ޕަލަޑިންގެ ކޮމާންޑަރ އެނައުންސް ކުރިއެވެ. އެއަށްފަހު ސަބްމެރިންއާއި ޕިޓަރޑުގެ މެދުގައި ހަމަލާ ބަދަލު ކުރަމުން ދިޔަ ސަރަހައްދައް ގޮސް ސަބްމެރިން ފައްތާލުމުގެ ހަނގުރާމައިގައި ޕަލަޑިންވެސް ބައިވެރިވިއެވެ. ހަމަލާ ބަދަލު ކުރަމުންވެސް ސަބްމެރިން ދަތުރު ކުރަމުން ދިޔައީ އުތުރަށެވެ.
މިހަމަލާގައި ޑިސްޓްރޮއިޔާ ޝިޕް ޕިޓަރޑުން ދިޔައީ ޑެޕްތް ޗަރޖު ކުރުމާއި އެކު ޓޮރޮޕިޑޯ ހަމަލާ ފޮނުވަމުންނެވެ. ފުރަތަމަ ފޮނުވާލި 6 ޓޮރުޕިޑޯވެސް ސަބްމެރިން އަށް އަރާފައި ނުވެއެވެ. އެހެން ނަމަވެސް ހަތްވަނަ އަށް ފޮނުވާލި ޓޮރުޕިޑޯ ވަރަށް ރަނގަޅަށް ސަބްމެރިންއަށް އަމާޒުވިއެވެ. އަމާޒުވި ޓޮރުޕިޑޯއާއި އެކު ސަބްމެރިން ދެފަޅިވެގެން ދިޔަތަން ފެނުނެވެ. އެއީ އެދުވަހުގެ ހަވީރު 05:25 ހާ އިރެވެ. ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ސަބްމެރިންގެ އެންމެ ފަޅުވެރިއަކު ސަލާމަތްވެ ޕަލަޑިން އަށް ނަގާފައިވެއެވެ. އެއީ ޖަޕާނުގެ މީހެކެވެ. ސަބްމެރިން ފެތިފައިވަނީ ހުވަދޫ އަތޮޅުގެ ހުޅަނގުން ވަން އެންޑް ހާފް ޑިގްރީގެ މެދަށް ވާ ހިސާށެވެ. ކޮލަމާފުށީގެ ހުޅަނގު ދެކުނުން 65 މޭލު ދުރުމިނެވެ. ޖިއޮގްރަފިކަލް ކޯޑިނޭޓްސް އަކީ ، 1 ދަރަޖަ 25 މިނިޓް އުތުރު އަރުޟު / 22 ދަރަޖަ ، 72 އިރު ތޫލު އެވެ. ކެޑިވް އިސްމައިލް ފެތިފައިވާ ހިސާބާއި އައި27 ސަބްމެރިން ފެތިފައިވާ ހިސާބާއި ދެމެދުގެ ދުރު މިނަކީ 60 މޭލެވެ.
ދެގަޑި އިރާއި ބަޔަށް ދެމިގެން ދިޔަ މިހަމަލާ ބަދަލު ކުރުމުގެ ތެރޭގައި އެންމެ ދަތިވި އަދި ނުރައްކާތެރި ކަމަކަށްވީ، މަރުނުވެ ކަނޑުވެފައި ތިބި ގިނަ އަދަދެއްގެ މީހުންގެ އަޑީން ޑެޕްތް ޗަރޖް ކޮށްގެން ފުރަތަމަ ފަހަރަށް ސަބްމެރިން އަށް ހަމަލާ ދޭން ޖެހުމެވެ. ކެޑިވް އިސްމައިލް ފެތުނު އިރު ލައިފް ބޯޓްގަ އާއި އެކި އެކި އެއްޗެހީގައި އެލިގެން ކަނޑު މަތީގައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވީ ޖަޕާނު ސަބްމެރިން އަށް ޕަލަޑިން ޝިޕުން ޑެޕްތް ޗަރޖް ކުރުމުންނެވެ. މިކަމަކީވެސް މިކާރިސާ ދިގުމުއްދަތަކަށް ސިއްރު ކޮށްފައި ބާއްވަން ޖެހުނު އެއް ސަބަބު ކަމަށް ބެލެވެއެވެ.
ކެޑިވް އިސްމައިލް މަނަވަރުން ސަލާމަތްވީ މީހުން އައްޑު އަތޮޅަށް ގެންދިއުން
ދެގަޑި އިރާއި ބައިގެ ކަނޑުމަތީ ހަނގުރާމައަކަށް ފަހު ޖަޕާނުގެ ސަބްމެރިން ފައްތާލެވުނު އިރު ސަބްމެރިން ދިން ބައެއް ހަމަލާތައް ޕަލަޑިންގެ އިންޖީނު ރޫމާއި އެހެން ދިމަދިމާ އަށް އެރުމުގެ ސަބަބުން އެބޯޓަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެހެން ކަމުން އެބޯޓްގެ އިންޖީނުގައި އިތުރަށް ނުދުއްވޭނެތީ އެބޯޓްގައި ކޮންމެހެން ތިބެންޖެހޭ މީހުން ފިޔަވައި އެހެން ހުރިހާ މީހުން ޕީޓަރޑަށް ނެގިއެވެ. އެއަށްފަހު ޕަލަޑިން ކަފު ޖަހައިގެން، އެދުވަހުގެ ހަވީރު 06:30 ހާއިރު ، ޕީޓަރޑު ދަތުރުފެށީ އައްޑު އަތޮޅު ގަމަށް ދިއުމަށެވެ. މިހައި އިރު ގަމަކީ އިނގިރޭސި ކަނޑުގެ ސިފައިންގެ ސިއްރު މަރުކަޒެެއް ކަމަށްވާ ޕޯޓް ޓީ މަރުކަޒެވެ. ޕަލަޑިން ކަފު ޖަހައިގެން ދާން ޖެހުމުގެ ސަބަބުން ޕީޓަރޑަށް ގަމާއި ހަމައަށް ފޯރީ އަނެއް ދުވަހު، 13 ފެބުރުއަރީ، ގެ ހެނދުނު އިރު އަރަމުން ދިޔަ ވަގުތުގައެެވެ. ޕީޓަރޑާއި ޕަލަޑިން ގަމަށް ދިޔަ ގޮތައް ގޮސް އެލޯންގް ސައިޑް ކުރީ އެއިރު ގަމުގެ ބަނދަރުގައި އޮތް ބްރިޓިޝް ލޮޔަލްޓީއަށެވެ. އެހައި އިރު ވަގުތުން ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި ގަމުގެ މަރުކަޒްގައިވާ އަސްކަރީ މީހުން ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ. ކޭއާރ8 ގާފިލާގައި ހިމެނުނު ދެވަނަ އަށް އެންމެ ބޮޑު މަނަވަރު، ކުރޫޒަރ ހޯކިންސް އަށް ގަމަށް އާދެވުނީ އެދުވަހުގެ މެންދުރު ފަހުގެ ވަގުތެއް ގައެވެ. ހޯކިންސް އައުމަށް ފަހު އެމަނަވަރުންވެސް ޕަލަޑިން އާއި ޕީޓަރޑަށް ބޭނުންވާ އެހީތެރިކަން ދީފައި ވެއެވެ. އެއަށް ފަހު ޕަލަޑިން ފުރިހަމައަށް މަރާމާތު ކުރުމަށް ކެންޔާގައި އޮންނަ އިނގިރޭސިންގެ މަރުކަޒަށް ދިއުމަށް ފުރުވައިލީ ގަމުގެ ބަނދަރުންނެވެ. ކެޑިވް އިސްމައިލް ފެތުނު އިރު ސަލާމަތްވީ މީހުންގެ ތެރެއިން އެކި އެކި އިންޖަރީ ލިބިފައިވާ މީހުންނަށް ގަމުގެ އަސްކަރީ ހޮސްޕިޓަލުން ފަރުވާ ދެވުނެވެ. އެއަށްފަހު ސީރިއަސް އަނިޔާ ލިބިފައި ތިބި މީހުން ސިރީލަންކާގެ ނެގަމްބޯ ހޮސްޕިޓަލްގައި ފަރުވާ ކުރުމަށް ގެންދެވުނެވެ. އެމީހުން ގެންދިޔައީ ކުރޫޒަރ ހޯކިންސް ގައެވެ.
މަރުވި މީހުން ކެންޔާ އަށް ގެންދިއުން
މަރުވެފައި ވަނިކޮށް ކަނޑުން ނެގި ހުރިހާ ހަށިތައް ގެންދިޔައީ އެފްރިކާގެ ކެންޔާ އަށެވެ. އެމީހުން ވަޅުލާފައިވަނީ ކެންޔާގައި ހުންނަ ބްރިޓިޝް-އީސްޓް އެފްރިކަން ވޯރ މެމޯރިއަލް ސެމެޓްރީގައެވެ. މިކާރިސާގައި ފުރާނަ ގެއްލިގެން ދިޔަ ގިނަ މީހުންގެ ނަންތަކާއިި އެމީހުންގެ މިލިޓަރީ މަގާމުގެ މައުލޫމާތު އެންމެ ފުރިހަމަ އަށް ލިބެނީ މި ސެމެޓްރީގެ މެމޯރިއަލް ރެޖިސްޓަރއިން ނެވެ.
ތާރީޚީ ގޮތުން ނޭވީ ޝިޕް ކެޑިވް އިސްމައިލް ނުވަތަ އަކޮންކާގުއާ
ކެޑިވް އިސްމައިލް ނުވަތަ އެބޯޓްގެ ފުރަތަމަ ނަމުން ނަމަ އަކޮންކާގުއާ އަކީ އެންމެ ފުރަތަމަ ކާގޯ އާއި ޕެސެންޖަރުން އުފުލުމަށް ފަރުމާކޮށްގެން ބަނދެފައިވާ ބޯޓެކެވެ. މިބޯޓަކީ ޗިލީގެ ޝިޕިން ކުންފުންޏެއް ކަމަށްވާ ކޮމްޕާނިއާ ސޫދު އެމެރިކާނާ ޑި ވަޕޯރަސް ގެ އޯޑަރަކަށް ، ސޮކޮޓްލޭންޑްގެ ޝިޕްޔާޑެއްގައި ބަނދެފައިވާ ބޯޓެކެވެ. ބޯޓް ބަންނަން ފެށީ ނަވާރަ ސަތޭކަ ވިހި ވަނަ އަހަރުގައެވެ. އަދި ނިމިގެން ބާލާފައި ވަނީ 11 ފެބްރުއަރީ 1922 ގައެވެ. ބޯޓްގެ ދިގު މިނަކީ 422 ފޫޓެވެ. ފުޅާ މިނަކީ 56 ފޫޓް އަދި ހަލްގެ އުސް މިނަކީ 30 ފޫެޓެވެ. ބޯޓުން އުފުލޭ ބަރުދަނަކީ 7513 ޓަނޭޖެވެ. ބޯޓް ދުއްވަން ބޭނުން ކުރީ ފިއުލް އޮއިލް އާއި ސްޓީމް ހަކަތަ އެވެ. މިބޯޓް ބަނދެގެން ބޭލުމަށް ފަހު ފުރަތަމަ ކުރި ދަތުރުން ފެށިގެން ވެސް ތަފާތު އެތައް ހާދިސާ ތަކާއި ދިމާވެ ބޮޑެތި ގެއްލުން ލިބުމުގައި ދިގު ތާރީޚެއް އޮތް ބޯޓެކެވެ. ކާގޯ އާއި ޕެސެންޖަރުން އުފުލުމުގައި ދަތުރު ތަކެއް ކުރެވުނު ކަމުގައި ވިޔަސް ބޯޓަށް ދިމާވި ގެއްލުން ބޮޑު އެތައް ހާދިސާ އަކާއި ގުޅިގެން ބޯޓް ދުއްވި ކުންފުންޏަށް މާލީ ބޮޑެތި ގޮން ޖެހުން ތަކާއި ދިމާވިއެވެ. އެއަށް ފަހު ބޯޓްގެ ވެރި ފަރާތުން އެބޯޓް ވިއްކާލުމަށް 14 ޑިސެމްބަރ1932 ގައި އިއުލާން ކުރިއެވެ. ވިއްކާލުމަށް އިއުލާންކުރިތާ ތިން އަހަރު ފަހުން ، މާރިޗް 1935 ގައި އެބޯޓް ގަނެފައިވަނީ މިސްރުގެ ކުންފުންޏަކުންނެވެ. ބޯޓް ވިއްކާލުމަށް އިއުލާން ކުރުމާއި މިސްރުގެ ކުންފުނިން ބޯޓްގަތުމާއި ދެމެދު، މޫސުމް ގޯސްވެ ތޫފާން ތަކުގައިގައި ޖެހުމުގެ ސަބަބުން އެއް ބަނދަރު ން އަނެއް ބަނދަރުގެ ސަލާމަތީ އައްސޭރީ ފަށުގައި ބަނދަރު ކޮށްފައި ބޭވުނެވެ. ބޯޓް ގަނެފައިވާ މިސްރުގެ ކުންފުންޏަކީ ކެޑީވިއަލް މެއިލް ސްޓީމް ޝިޕް އެންޑް ގްރޭވިން ޑޮކް ކޮމްޕެނީ ލިމިޓެޑް އޮފް އެލެކްޒަންޑްރިއާ އެވެ.
މިބޯޓްގެ ނަން ކެޑިވް އިސްމައިލް އަށް ބަދަލު ކުރީ މިކުންފުނިން ބޯޓް ގަތުމަށް ފަހު އިނގިރޭސި ވިލާތުގެ ލަންޑަނުގައި އަލުން ރަޖިސްޓަރީ ކުރި ހިސާބުން ފެށިގެންނެވެ. ކެޑިވް އިސްމައިލްގެ ނަން ދީފައިވަނީ މިސްރުގެ ރަސްކަންކުރި އިބްރާހިމް ޕާޝާ (ގަވަރނަރ) ގެ ދެވަނަ ފިރިހެން ދަރިކަލުން އިސްމައިލް ޕާޝާ އަދި ފަހުން ކެޑިވް (ވައިސް ރޯއިސް) އަކަށް ވެވަޑައިގެންނެވި، ކެޑިވް އިސްމައިލް ގެ ނަމަށް ނިސްބަތް ކޮށެވެ. މިދެންނެވި މިސްރުގެ ކުންފުނިން ފަސް އަހަރު ވަންދެން މިބޯޓް ދުއްވާފައި ވަނިކޮށް ދެން އެބޯޓް ގަނެފައިވަނީ އިނގިރޭސި ވިލާތުގެ މިނިސްޓަރީ އޮފް ވޯރ ޓްރާންސްޕޯޓުގެ ފަރާތުންނެވެ. އެއަށް ފަހު ނޭވީ ސިފައިން އުފުލުމަށްޓަކައި ބޭނުން ކުރާ އަސްކަރީ ޝިޕަކަށް ބަދަލު ކުރުމަށް ގެންނަން ޖެހޭ ބަދަލާއި އެއް ގޮތައް މޮޑިފައި ކުރެވުނެވެ. ޖަޕާނުގެ ސަބްމެރިން އައި-27 ން ދިން ހަމަލާއިން ކެޑިވް އިސްމައިލް ފެތިފައިވަނީ އަސްކަރީ އުޅަނދަކަށް އެބަދަލު ކުރުމަށް ފަހު ސިފައިންގެ ފައުޖުތަކާއި އެކު ކުރި ދެވަނަ ދަތުރުގައެވެ.
މައުލޫމާތު ނަގާފައިވާ މައިގަނޑު އަސްލަކީ: “ޕެސެޖް ޓު ޑެސްޓިނީ” ނަމަކަށް ކިޔާ ފޮތެވެ. އެއިގެ އިތުރަށް ބީބީސީ ވޯލްޑް ވޯރ2 ޓުޑޭއި އަރކައިވްސް ފަދަ ލިޔުން ތަކުންނެވެ.
Brian Crabb Maritime Books
Passage to Destiny
Medals of England
Bbc World War Two
ފަހުގެ ޚިޔާލުތައް