ދޮށީ ދީދީގެ مقبرة ހުރީ މީދޫގައިތަ ނުވަތަ ފުވައްމުލަކުގައިތަ؟

ދޮށީ ދީދީ އަކީ السلطان محمد غياث لدين ގެ إبراهيم ފާމުލަދޭރި ކިލެގެފާނު ފުވައްމުލަކު މިސްކިތްމަގު ކުޑައިރަނި އެދުރުގޭ مريم މަނިކުފާނާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް عائشة ދީދީ އެވެ. إبراهيم ފާމުލަދޭރި ކިލެގެފާނު މުޅިއެކު އަށް ބޭކަނބަލަކާއި ކައިވެނި ބައްލަވައިގެން ޖުމްލަ އަށާރަ ބޭފުޅުން ހޯއްދެވިއެވެ. މީން ކޮންމެ ބޭފުޅެއްގެ ނަމުގެ ފަހަތަށް ވެސް ދީދީ ކިޔައެވެ. މިހުރިހާ ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅަކީ عائشة ދީދީއެވެ. ދޮށީ ދީދީ ގެ ނަމުން مشهور ވެފައިވަނީ އެހެންވެގެންނެވެ.

ދޮށީ ދީދީގެ ބަފައިކަލުން إبراهيم ފާމުލަދޭރި ކިލެގެފާނުގެ އަސްލު ނަންފުޅަކީ عبد الله އެވެ. އެމަނިކުފާނަށް ކޮލި ލެވުމުން ނަންފުޅަކީ إبراهيم ފާމުލަދޭރި ކިލެގެފާނެވެ. ފާމުލަދޭރިކިލެގެފާނުގެ ބައްޕާފުޅަކީ السلطان محمد غياث لدين އެވެ. ރަސްކަން ލިބިވަޑައިގަތުމުގެ ކުރީން އެމަނިކުފާނުންގެ ނަންފުޅަކީ محمد މަނިކުފާނެވެ. حج އަށް ވަޑައިގަތުމަށްފަހު ނަންފުޅަކީ حاجي ބަންޑާރައިންނެވެ. شهيد ވުމަށްފަހު ނަންފުޅަކީ شهيد ކުޅަ ބަންޑާރައިންނެވެ.

ދޮށީ ދީދީ ފުރަތަމަ ކައިވެނި ބެއްލެވީ ގއ. ކޮނޑޭ علي މަނިކުފާނާއެވެ. ދެވަނަ އަށް ކައިވެނި ބެއްލެވީީ ސ. މީދޫ ގަނޑުވަރު محمد ތައްކާނާއެވެ. علي މަނިކުފާނަށް ދެ ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ކޮނޑޭ ދީދީ (ދޮންދީދީ) އާއި محمد ދީދީ (ތުއްކަލާ ދީދީ) އެވެ. محمد ތައްކާނަށް ލިބިވަޑައިގަތީ ހަތަރު ބޭފުޅުންނެވެ. އެއީ حسن ދީދީ އާއި أحمد ދީދީ އާއި خديجة (ކައްދާދީދީ) އާއި امنة ދީދީ އެވެ.

މީދޫ މީހުން ގަބޫލު ކުރާގޮތުގައި ދޮށީ ދީދީ ފަސްދާނުލެވިފައިވަނީ މީދޫ ކޯގަންނު قبرستان ގައެވެ. ފުވައްމުލަކު މީހުން ގަބޫލު ކުރާގޮތުގައި ދޮށީ ދީދީ ފަސްދާނުލެވިފައިވަނީ ފުވައްމުލަކު ބޮނޑުގެދަރި މިސްކިތުގެ قبرستان އެވެ.

މީދޫގައި ހުރި ދޮށީ ދީދީގެ مقبرة
މީދޫ ކޯގަންނު قبرستانގައި ދޮށީ ދީދީގެ مقبرة އެބަހުއްޓެވެ. އެތަން ހުރީ ފަނޑިޔާރު މިސްކިތުގެ އިރު އުތުރުގައެވެ. އެ مقبرة ހުރި مجموعة ނުވަތަ ބިސްތާނުގައި ދޮށީ ދީދީގެ أحمد ދީދީ އާއި ދޮށީ ދީދީގެ خديجة ދާދީ އާއި ދޮށީ ދީދީގެ امنة ދީދީ ފަސްދާނުލެވިފައިވެއެވެ. ދޮށީ ދީދީގެ حسن ދީދީ ފަސްދާނުލެވިފައިވަނީ ފަނޑިޔާރު މިސްކިތުގެ ދެކުނުގައެވެ.

މީގެ ސާޅީހަކަށް އަހަރު ކުރިއާ ހަމައަށް މީދޫ މީހުން ދޮށީ ދީދީގެ مقبرة އަށް ދޮންވެލިލައި އުޅުނެވެ. މިކަންކުރަނީ ކޮންމެ އަހަރެއްގެ ހިޔަރަކާތް ދުވަހުއެވެ. މިހާރު އެކަމެއް ނޯވެއެވެ. މި مقبرة ގައި ހިރިގަލުން ހަދާފައިވާ الحجر خطيرއެއް ނުހުރެއެވެ. ހުންނަނީ އާދައިގެ ގަލެކެވެ. މި مقبرة ގެ ވާހަކައަކީ ތޯތޯ خاطئة އެއް ނޫނެވެ. މިއީ صلاحية ހުރި ވާހަކައެކެވެ. ހެއްކާއި ގަރީނާ ހުރި ވާހަކައެކެވެ. މިހާރުވެސް مقبرة އެހެރީއެވެ.

ދޮށީ ދީދީ ގިނަ ދުވަސް ތަކެއްވާންދެން ދުނިޔޭގައި އުޅުއްވިކަން އެނގެއެވެ. އެކަމަނާއަށް މާމަ ވިދާޅުވި ބޭފުޅުން ބޮޑުފުޅުވެ އެބޭފުޅުން ކައިވެނިފުޅުތައް ކުރެއްވިއިރުވެސް ދޮށީ ދީދީ ދުނިޔޭގައި ހުންނެވިއެވެ.

ދޮށީ ދީދީއަށް މީދޫގައި ހަތަރު ބޭފުޅުން ލިބިވަޑައިގެން އެބޭފުޅުން ބޮޑުފުޅުވީފަހުން ކޮންމެވެސް ސަބަބަކާއި ހެދި محمد ތައްކާނު އެކަމަނާ ވަރިކުރެއްވިއެވެ. އަދި އެހެން ކަނބަލަކާއި ކައިވެނި ކުރެއްވިއެވެ. މިހެންވުމުން ދޮށީ ދީދީ ގަނޑުވަރު ދޫކުރައްވައި ފަހުން ވަޑައިގެން ހުންނެވީ އެންމެ ހަގު އަންހެން ދަރިކަނބަލުން امنة ދީދީގެ އަރިހުގައި نائب ގޭ (ނާބުގޭ) ގައެވެ. ދޮށީ ދީދީ އަށްވުރެ ކުރިން امنة ދީދީ އަވަހާރަވުމުން ދެން ބަދަލުވެވަޑައިގެންނެވީ ކުންނިއަރަށެވެ. ކުންނިއަރުގައި އުޅުއްވި ދޮށީ ދީދީއަށް މާމަ ވިދާޅުވާ ނާބުގޭ موسى ދީދީގެ އަރިހަށެވެ. އޭރު ދޮށީ ދީދީ ހުންނެވީ ވަރަށް ބޮޑަށް މުސްކުޅިފުޅު ވެފައެވެ. ހިންގަވައި އުޅުއްވުމަށް އަސައެއް ގެންގުޅުއްވިއެވެ. ލޯފުޅުގެ ފެނުން ވަރަށްވެސް ކުޑައެވެ.

އެދުވަސްވަރުގެ ހާދިސާއެކެވެ. ދޮށީދީދީގެ އެންމެ ދޮށީ އަންހެން ބޭފުޅާ ކައްދައިދި އުޅުއްވީ ގަނޑުވަރުގެ ކުރިމަތިން އެހެރަ ގޭގައެވެ. އެގެއަށް މިހާރުވެސް ކިޔައިއުޅެނީ ކައްދައިދީގެ އެވެ. ކައްދައިދި ކައިވެނި ބައްލަވައިގެން އުޅުއްވީ ހުޅުދުމައިގޭ إبراهيم މަނިކުފާނާއެވެ. ކައްދައިދީގެ އެންމެ ހަގު ދަރިކަލުން عبد الله ދީދީ (އެޅެބެއްޔާ) ވަރަށް ތުއްޕުޅުއިރު މި ދީދީއާއެކު މަންމާފުޅުގެ ހާލު ދެކިވަޑައިގަތުމަށް ކައްދައިދި ކުންނިއަރަށް ވަޑައިގަތް ދުވަހެއްގައި عبد الله ދީދީގެ އަރިހުގައި ހުއްކަރުގަނޑެއް ނަގައިދޭން ދޮށީ ދީދީ އެދިވަޑައިގެންފިއެވެ. އޮޅުމަކުން އެ ދީދީއަށް ނަންގަވައިދެއްވުނީ ދުފަން ބޭނުންކުރާ ހުނިގަނޑެކެވެ. ހުއްކަރު ހުންނަނީ ކެޔޮފަތް ކޮޅަކަށް އަޅާފައި ބަނދެފައެވެ. ދޮށީ ދީދީ ދުއްސަވަން ގެންގުޅުއްވާ ހުނި ގަނޑުވެސް ހުންނަނީ އެގޮތަށެވެ. މުސްކުޅިފުޅުވުމާއި ލޯފުޅުގެ ފެނުން ކުޑަވުމުގެ ސަބަބުން ހުނިގަނޑުން ބައެއް ދޮށީ ދީދީގެ އަނގަފުޅަށް ލެއްވިއްޖެއެވެ. މިކަމާއި ވަރަށް ކޯފާވެގެން ކައްދައިދީއަށް ވިދާޅުވިއެވެ. ކަނބުލޯގެ ޅަ ސޮރު އަހުރެން މަރައިފިއެވެ. މިހެން ވިދާޅުވެފައި عبد الله ދީދީއާ ދިމާލަށް އަސާ ހޫރާލެއްވިއެވެ.

މިވާހަކަ އެޅެބެއްޔާގެ ކިބައިން އަޑުއައްސަވައިގެން އެދީދީގެ ދަރިކަނބަލުން ކަޅިހާރި عائشة ދީދީ ވިދާޅުވަނިކޮށް އަޅުގަނޑު އަޑު އެހީމެވެ. އެހެންވީމާ ވަރަށް މުސްކުޅިފުޅު ވެފައި ހުންނެވި ދޮށީ ދީދީ މީދޫގައި އުޅުއްވިކަން އެއީ صحيح ވާހަކައެއްކަން ކަށަވަރުވެއެވެ.

ދޮށީ ދީދީ އަވަހާރަވީ ކުންނިއަރުގައެވެ. އޭރު މީދޫ ގައި ދޮށީ ދީދީގެ ތިން ބޭފުޅުން ހެޔޮހާލުކޮޅުގައި އާރާއި ބާރުގައި ތިއްބެވިއެވެ. އެ ބޭފުޅުންނަކީ މީދޫގެ ނުފޫޒު ހުރި ބޭފުޅުންނެވެ. އެހެންވީމާ މަންމާފުޅު އެ އުމުރުގައި ރަށުން ބޭރަށް ފުވައްމުލަކަށް ފޮނުއްވަން އެބޭފުޅުން ރުހިވަޑައިގަތުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.

ވަރަށް ކުރީ ޒަމާނުގައި މީދޫ މީހުން ހިރިގަލުގެ މަސައްކަތް ކޮށް މަހާނަގައު ހަދައި އުޅުނެވެ. ކޯގަންނާއި އެހެނިހެން قبرستان ތަކުގައި އެ ގާތައް ބެހެއްޓިއެވެ. ކޮންމެވެސް ސަބަބަކާ ހުރެ އެމަސައްކަތް ފަހުން ވަނީ ހުއްޓިފައެވެ. މީދޫގައި ހިރިގަލުން މަހާނަގައު ހެދުން ހުއްޓުނުފަހުން ކޯގަންނު ގައި ޖަހާފައިހުރި ހިރިގަލުގެ ގާތަކަކީ މާލެއިން ފޮނުވާފައިހުރި ޚާއްސަ ގަލެވެ. ގިނައިން ގައު ހަދާފައި ހުންނަނީ އަރިއަތޮޅު ފެންފުށީގައެވެ.

މިފަދަ ބައެއް ގަލުގެ ތެރެއިން ކޯގަންނުގައި ހުރި އެންމެ ބޮޑު ދެ ގައު ފޮނުއްވީ ދޮންބަންޑާރައިންގެ ދަރިކަލުން السلطان محمد معزلدين ގެ ރަސްކަމުގައެވެ. އެއީ ކުޑެއިބީފާނުންގެ ދި އާއިޝާބީފާނުންގެ ދި ހައްވާބީފާނުންގެ ދި ދޮން ޚަދީޖާ ބީ ކަމަނާގެ مقبرة ގައި ޖެހުމަށްޓަކައެވެ. މިހާރުވެސް އެ ދެގައު އެހެރީއެވެ. އެހެން ހުރިހާ ގަލަށްވުރެ އުސްކޮށް ބިޔަކޮށް އެފެންނަނީ އެދެގަލެވެ. އައިސާދަރި ދޮންބެއްޔާގެ މަހާނަ ގައު ފޮނުއްވީ حسين صلاح الدين ގެ ފަނޑިޔާރުކަމުގައި އެމަނިކުފާނެވެ. ގަނޑުވަރު حسن ދީދީގެ ގައު ފޮނުއްވީ އެޅެގޭ علي ދީދީގެ ފަނޑިޔާރު ކަމުގައި އެ ދީދީ އެވެ.

އެދުރުގޭ ކައްދާފާނު އަވަހާރަވިއިރު އެކަމަނާގެ ފިރިކަލުން ގަނޑުވަރު حسن ދީދީގެ مقبرة ގައި އަދި ގަލެއް ނުހުރެއެވެ. ކައްދާފާނު އަވަހާރަވިއިރު ރާއްޖޭގެ އުއްތަމަ ފަނޑިޔާރަކީ އެކަމަނާގެ ދަރިކަލުން އެޅެގޭ علي ދީދީ އެވެ. ކައްދާފާނުގެ مقبرة ގައި ޖަހަން ގައު ހެއްދެވިއިރު ބައްޕާފުޅު حسن ދީދީގެ مقبرة ގައި ޖެހުމަށް ވެސް ގައު ހައްދަވާފައި علي ދީދީ ފޮނުއްވީއެވެ. އެ مجموعة ތެރޭގައި ހުރި އެހެން ބޭފުޅުންގެ مقبرة ތަކުގައި ގަލެއް ނުހުރެއެވެ. އެޅެގޭ محمد ދީދީ އާއި އެޅޭގެ عبد الله ދީދީ ފަސްދާނުލެވިފައިވަނީ ވެސް އެ مجموعة ގައެވެ. އެތަނާއި ޖެހިގެން ހުންނަ ފެންނާ މަނިކުފާނުގެ مقبرة ގައި ޖަހާފައިވާ ގަލަކީ ފެންނާމަނިކުފާނުގެ ދަރިކަލުން عبد الله ބާގިރު މާލެއިން ގެންނެވި ދެ ގަލެވެ. އެހެންވީމާ މީދޫގައި ހުންނަ ދޮށީ ދީދީގެ مقبرة ގައި ހިރިގަލުގެ މޮޅު الحجر خطير އެއް ނެތުމަކީ އެދީދީގެ مقبرة ނޫންކަން ސާބިތުވާން ޖެހޭ ކަމެއް ނޫނެވެ. ދޮށީ ދީދީގެ ބޭފުޅުން އެކަން ނުކުރައްވައި ދޫކޮށްލެއްވީ އެކަމަކީ އޭރު މީދޫގައި ކޮށް އުޅުނު ކަމަކަށް ނުވާތީ އާއި މާލެއިން ގައު ގެނައުމަކީ ޚަރަދު ބޮޑުކަމަކަށް ވެގެންނެވެ..

ފުވައްމުލަކުގައި ހުރި ކަމަށް ބުނާ ދޮށީ ދީދީގެ مقبرة
ފުވައްމުލަކު ބޮނޑުގެދަރި މިސްކިތް ނުވަތަ ކުރީގެ ބަންޑާރަ މިސްކިތުގެ އުތުރުފަރާތުގައި ހުރި مجموعة ގައި ކިލެގެފާނުންގެ އަންހެން ތިން ބޭފުޅެއްގެ مقبرة ތައް އެބަހުއްޓެވެ. އެއިގެ ތެރެއިން އެއް مقبرة ގެ ގަލުގައި އަރަބިން ލިޔެފައިވާ ލިޔުމެއްވެއެވެ. އެލިޔުމުގައި ވަނީ سلطان محمد غياث لدين ގެ إبراهيم ފާމުލަދޭރިކިލެގެފާނުގެ عائشة ދީދީ އަވަހާރަވެ އެކަމަނާގެ ބޭފުޅުންނާއި އެއްބަނޑު ބޭފުޅުންނާއި ވަކިވެވަޑައިގެންނެވީ އުމުރުފުޅުން 36 އަހަރުގައި ކަމަށެވެ. އެ ގަލުގައި ވާގޮތުން އެކަމަނާ އަވަހާރަވީ 17 ޖުމާދަލްއާޚިރާ 1255 ގައެވެ. އެއީ 27 އޯގަސްޓް 1839 އެވެ.

އެ މިސްކިތުގެ އިރުމަތީ ފަރާތުގައި ހުރި مجموعة ގައި ކުޑައިރަނި އެދުރުގޭ مريم މަނިކުފާނާއި ކިލެގެފާނުންގެ محمد ދީދީ އާއި އެ محمد ދީދީގެ إبراهيم ދީދީ އާއި ކިލެގެފާނުގެ އެނޫންވެސް ބައެއް ބޭފުޅުންގެ مقبرة ތައް އެބަހުއްޓެވެ. مريم މަނިކުފާނަކީ ދޮށީ ދީދީގެ މައިކަމަނާއެވެ.

ފުވައް މުލަކުގައި ވާކަމަށް ބުނާ ދޮށީ ދީދީގެ مقبرة ގައި ހުރި ގަލުގައި އެ ވަނީ މުޅިން ރަނގަޅު ވާހަކައެއް ނޫނެވެ. އެހެނީ ދޮށީ ދީދީ އަވަހާރަވީ އުމުރުފުޅުން 36 އަހަރަށް ވުރެ މާ މައްޗަށް ދިޔަފަހުންނެވެ. މާބޮޑަށްވެސް މުސްކުޅިފުޅުވީ ފަހުންނެވެ. ފުވައްމުލަގުގައިވާ ގަލުން އެނގެނީ ދޮށީ ދީދީ އަވަހާރަވީ އެދީދީގެ ބަފައިކަލުން ކިލެގެފާނު އަވަހާރަވިތާ އެގާރަ އަހަރު ފަހުން ކަމެވެ. އެހެންވެއްޖެނަމަ ދޮށީދީދީގެ މުސްކުޅިފުޅު އުމުރުގައި ފެނުމުގެ ފުރުސަތެއް ނެތެވެ. އެހެންވީމާ ފުވައްމުލަކުގައި ވާ ގަލުގައި ހުރީ ދޮށީ ދީދީއާ ބެހޭ ވާހަކަތަކެއް ނޫނެވެ. އެއީ ކޮންމެވެސް އެހެން ބޭފުޅެއްގެ ވަނަވަރެވެ. އެކަން ކުރީގައި ބަޔާންކުރެވުނު ވާހަކަތަކުން ސާބިތުވެއެވެ.

ދޮށީ ދީދީ ފަސްދާނުލެވިފައިވަނީ ފުވައްމުލަކުގައި ކަމުގައި ބުނެވޭ ބުނުމަށް މީދޫ މީހުން އިންކާރު ކުރެއެވެ. ދޮށީ ދީދީ ފަސްދާނުލެވިފައިވަނީ ފުވައްމުލަކުގައި ކަމަށް ކުރީ ޒަމާނުގައި އެއްވެސް ބަޔަކު ބުނެފައެއް ނެތެވެ. މިވާހަކަ ދެކެވެންފެށީ މީގެ ބާރަވަރަކަށް އަހަރު ކުރިންނެވެ.

ދޮށީ ދީދީ އަވަހާރަވީ މީދޫ ކުންނިއަރުގައެވެ. ކުންނިއަރުގައި އެކަމަނާ އޮންނެވި އެނދު ދާންމަތިކޮޅު އަދި އަވަހާރަވެގެން މޫނުފުޅު ދެއްކުމަށްޓަކައި ހަށިކޮޅު ބޭއްވިފައި އޮތް އެނދު ދާންމަތިކޮޅު ދާދި ފަހަކާ ޖެހެންދެންވެސް އެގޭގައި ހުއްޓެވެ. އެހެންވީމާ ދޮށީ ދީދީގެ مقبرة ފުވައްމުލަކުގައި ހުރުމަކީ މުޅިންވެސް مستحيل ކަމެކެވެ.

ބައެއް މީހުންގެ ކުދީންގެ ތެރޭގައި އެއްނަމެއް ކިޔާ ދެ ބަނޑުގެ ކުދީން ތިބެއެވެ. ވީމާ ކިލެގެފާނުންގެ عائشة ދީދީ ކިޔާ ދެވަނަ ބޭފުޅަކު ހުންނެވުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް ކިލެގެފާނުންގެ ބޭފުޅުންގެ ލިސްޓުގައި عائشة ދީދީ ކިޔުނު ދެވަނަ ބޭފުޅަކު ހުންނެވިކަން ފާހަގަ ކުރެވިފައެއް ނެތެވެ. ވީމާ ފުވައްމުލަކުގައި ހުރި مقبرة ގައި ޖަހާފައިވާ ގަލުގައި އެވާ ލިޔުމުގެ ސަބަބުން ވަރަށް ބޮޑު އޮޅުންތަކެއް ވަނީ އަރައިފައެވެ.

ދޮށީ ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކިލެގެފާނުގެ އުމުރުފުޅުން ސަތާރަ އަހަރު ނޫނީ އަށާރަ އަހަރުގައެވެ. އެއީ ކިލެގެފާނުގެ އެންމެ ދޮށީ ބޭފުޅާއެވެ. އެކަމަކު ފުވައްމުލަކުގައި ހުރިކަމަށް ބުނާ ދޮށީ ދީދީގެ مقبرة ގައިި ވާގަލުން ދޭހަވާ އެއްޗަކީ عائشة ދީދީ އުފަންވެވަޑައިގަތީ ކިލެގެފާނުގެ އުމުރުފުޅުން 37 އަހަރުގައި ކަމެވެ. މިއީވެސް مستحيل ކަމެކެވެ. ކިލެގެފާނު އެހުރިހައި ކައިވެންޏެއް ކުރައްވައި އަށާރަ ބޭފުޅުން ހޯއްދެވިއިރު އެންމެ ފުރަތަމަ ކައިވެނިފުޅުން އެންމެ ފުރަތަމަވެސް ބޭފުޅަކު ލިބިވަޑައިގަތީ އުމުރުފުޅުން 37 އަހަރުގައި ކަމަށް ވާނަމަ އެެއީ ކިލެގެފާނަށް ވެސް ކުރެވޭ މަލާމާތެކެވެ.

You may also like...

3 Responses

  1. Kilegefaanu ge Hassan Koi says:

    ފުވައްމުލަކުގައި އެވާ ގަލަކީ ދޮށީ ދީދީގެ ދަރީންގެ ތެރެއިން މާލޭގެ ފެނަށް ދިރުނު ދަރިޔަކު މާލެއިން ތައްޔާރުކުރުވައިގެން ފޮނުވި ގަލެކެވެ. ކަންދިމާކުރި ގޮތުން އޮޑި ލެފީ ފުވައްމުލަކަށެވެ. ދެން އެރަށަށް ގާ ބާލައި ކޮންމެވެސް ގެއެއްގެ އެނދު ތަންދޮށުގައި ހިޔަ އަހަރުވާންދެން އޮތުމަށްފަހު ބަޔަކަށް އެކަން އެގިގެން ނަގައިގަނެގެން ގޮސް އެބުނާ ތަނެއްގައި ޖެހީއެވެ. އެބަޔަކަށް ހީކުރެވިފައި އޮތީ އެބިސްތާނުގެ ތެރޭގައި ދޮށީ ދީދީގެ މަހާނަވެސް ހުންނަ ކަމަށެވެ. ފުވައްމުލަކުގައި މަހާނަގާ ހުރުމުގެ ސިއްރަކީ އެއީއެވެ. ދެން އޮތީ ގަލުގައިވާ ލިޔުމުގައި އެހެރަ ފޫނުބެދޭ ވާހަކަތަކެވެ. މިސާލަކަށް އުމުރެވެ. އެކަންވެފައިވާ ގޮތަކީ ގަލުގައިވާ ލިޔުންކޮޅު ލިޔުނީ މާލޭގައެވެ. އެކަން ކުރުވި މީހާއަށް ދޮށީ ދީދީގެ އުމުރާއި އެނޫންވެސް މުހިއްމު ބައެއްކަންކަމުގެ ސައްހަ މައުލޫމާތު އޮތީ ނުލިބިއެވެ. މިހެންވުމުގެ ސަބަބަކީ މަހާނަގާ ތައްޔާރުކުރީ ދޮށީ ދީދީ ނިޔާވިތާ ވަރަށް ގިނަދުވަސް ފަހުން ކަމަށް ވުމެވެ. މިލިޔުނީ ތިޔަ އޮޅުމެއް އެރުމުގެ ހަގީގީ ސަބަބެވެ. ދޮށީ ދީދީ ނިޔައުވީ މީދޫގައެވެ. ވަޅުލެވިފައިވަނީ މީދޫގައެވެ. މިކަމާދޭތެރޭ އިންކާރު ކުރުމަށް އަގުލީ އެއްވެސް ހުއްޖަތެއް ނެތެވެ. ދޮށީ ދީދީގެ އުމުރުގެ ފަހުކޮޅު ފުވައްމުލަކުގައި އުޅުނު ކަމުގެ ދަލީލެއްވެސް ނެތެވެ. ހައްތާވެސް ކިޔަނީ ފުވައްމުލަކުގައި ހުރެގެން ކުރިކަމެއް ނުވަތަ ދެއްކި ވާހަކައެކެވެ. އެއީ ދަތުރުވަރިއެއްގައި ވެދާނެ ކަމެކެވެ. އެއްބަނޑު މީހުންނާއި އެއްބަފާ މީހުންނާއި ބަފާވެސް އުޅޭ ރަށަށް ދޭތެރެއަކުން ޒިޔާރަތް ކުރާނެއެވެ. އެއީ ދާއިމީ އުޅުމެއް އުޅޭކަށެއް ނޫނެވެ. ދޮށީ ދީދީ މަރުވާން އެހެން ރަށަކަށް ދޫކުރުމަކީ އެދީދީގެ ދަރީންގެ ތެރެއިން ގަނޑުވަރު ހަސަން ދީދީ އާއި ގަނޑުވަރު އަހައްމައިދި އެއްގޮތަކަށްވެސް ރުހި އެއްބަސްވާނެ ކަމެއް ނޫނެވެ.

  2. Ahmed Didi says:

    ދޮށީ ދީދީ ގެ މާފައަކީ ސ. މީދޫ ކުދުރަނިއަގެ އެދުރުތައްކާނެވެ. އެދުރުތައްކާނު ކައިވެނި ބެއްލެވީ ފުވައްމުލަކު ދައިގަނޑު ގަނޑުވަރު އައިސާ މަނިކުފާނާއެވެ. މިދެމަފިރިންނަށް ލިބުނު ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ ކުދުރަނިއަގެ މަރިޔަމް މަނިކުފާނެވެ. މި މަރިޔަމް މަނިކުފާނާއި ކައިވެނި ބެއްލެވީ އިބްރާހިމް ފާމުލަދޭރިކިލެގެފާނެވެ. މިދެމަފިރީންނަށް ލިބަވަޑައިގަތީ ތިންބޭފުޅުންނެވެ. އެއީ 1-ދޮށީ ދީދީ 2-މޫސާ ދީދީ 3-އާމިނަތު ދީދީ އެވެ. އާމިނަތު ދީދީ އަވަހާރަވީ ސ. މަރަދޫގައެވެ. ކުއްޖަކުވިހަން ބަނޑުގައި ރިއްސާތާ ދުވަސްތަކެއް ވުމަށްފަހުގައެވެ. އާމިނަތު ދީދީ ގެ ދަރިކޮޅެއްނެތެވެ. މި އާމިނަތު ދީދީ އަކީ ބެރިމަގި އާމިނަތު ދީދީ އެއްނޫނެވެ. ބެރިމަގި އާމިނަތު ދީދީ އަކީ ކިލެގެފާނު ފުވައްމުލަކު މިސްކިތް މަގި އެދުރުގޭ މަރިޔަމް މަނިކުފާނާއި ކައިވެނި ބައްލަވައިގެން ލިބުނު ބޭފުޅެކެވެ. ކިލެގެފާނު އަވާހާރަވީ މިސްކިތް މަގި އެދުރުގޭ މަރިޔަމް މަނިކުފާނާއި ކައިވެނި ބައްލަވައިގެން ހުންނަވަނިކޮށެވެ. ދޮށީ ދީދީ އާއި މޫސާ ދީދީގެ ދަރިކޮޅު އެބައޮތެވެ. ކިލެގެފާނުގެ ބޭފުޅުންގެ ތެރޭގައި އާމިނަތު ދީދީ ކިޔާ ދެ ބޭފުޅުން އެބަތިއްބެވިއެވެ.

  3. Kirigehaa Handi says:

    އަޅެ ފަހެ މީދޫގައި އުޅުނީ އެދުރު ތައްކާނުގެ ކިތައް ތައްކާނު ބާވައޭ އަހައިލަން ބޭނުމެވެ. ކިލެގެފާނު އެންމެ ފުރަތަމަ ކައިވެނިކުރިކަމަށް މިވަނީ ކޮމެންޓުގައިވާ ގޮތުން އެދުރު ތައްކާނުގެ ދަރިޔަކާއެވެ. އެއީ ކުދުރަނިޔަގެ އެދުރު ތައްކާނެވެ. އެކައިވެނިން ލިބުނު ދޮށީ ދީދީ ކައިވެނިކުރީ އަނެއްކާވެސް އެދުރު ތައްކާނެއްގެ އެއްބަނޑު މުހުއްމާ ތައްކާނާއެވެ. މިފަހަރުގެ އެދުރު ތައްކާނަކީ އެދުރުގޭ އެދުރު ތައްކާނެވެ. ކުޑަކުދިންނަށް އަލިފުބާ ޖަހައިދީ އުޅުނު ކޮންމެ މީހަކީ އެދުވަސްވަރު އެދުރު ތައްކާނެއް ތޯއްޗެކެވެ. އެކަމަކު މިހާތަނަށް އަހަރެން ދަންނަނީ އެންމެ އެދުރު ތައްކާނެކެވެ. އެއީ ހަންޑި ގެންގުޅުނު ތައްކާނެވެ. އެތައްކާނަކީ އައިސާކާލެގެ އޯޑަނާއާއި ތިމާގެ މީހެކެވެ. މިވާގޮތެއް އަޅެ ތިޔަ ބެއިކަލުން ސާފުކޮށްދީބަލާށެވެ. ޝުކުރުވެރިވާނަމެވެ.

Leave a Reply

Your email address will not be published. Required fields are marked *