ވިލާތު ކުންނާރު – މީދޫއަށް ޚާއްސަ މޭވާ

ކުންނާރަކީ ގޯނބިއްޔާއި އެއްވައްތަރަކަށް ހުންނަ އޮށްކުޑަ މޭވާއެކެވެ. ކުންނާރުގެ ކިތަންމެ ވައްތަރެއް ހުރެއެވެ. އޭގެތެރޭގައި ހުތް ކުންނާރާއި ފޮނި ކުންނާރު ހިމެނެއެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފޮނި ކުންނާރު ނުވަތަ ކަށި ކުންނާރު ހެދިފައި ހުރެއެވެ. އެހެން ނަމަވެސް އައްޑޫ އާއި ފުވައްމުލައް ފިޔަވައި ވަރަށް މަދު ރަށެއްގައި ނޫނީ އަސްލު ހުތް ކުންނާރު ގަހެއް ނުހުރެއެވެ. މެދު ރާއްޖެއާއި އުތުރުގެ ތަފާތު މީހުންނާއި ސުވާލު ކުރީމާވެސް، ހުތް ކުންނާރަކީ އެމީހުން ދަންނަ އެއްޗަކަށް ނުވެއެވެ.

އައްޑޫގައި ހުތް ކުންނާރަށް ވިލާތު ކުންނާރޭވެސް ކިޔައެވެ. ވިލާތު ކުންނާރޭ އާއްމުކޮށް ކިޔާ އުޅެނީ މީދޫގައެވެ. އެއީ ވިލާތަކުން ނުވަތަ ކަރަޔަކުން ގެނެވުނު ކުންނާރުގެ ވައްތަރަކަށް ވާތީ ކަމަށް ވެދާނެއެވެ. ވިލާތު ކުންނާރު އެންމެ ފުރަތަމަ މީދޫ އަށް ތަޢާރަފު ކޮށްދެއްވީ މީދޫ ފަނޑިޔާރު ތައްޚާނުގެ ދޮންމަނިކެވެ. އެއީ މީގެ 100 ވަރަކަށް އަހަރު ކުރީން ، ބޭރުން އެ ގަހުގެ މުޑުވައް ގެނެސް މީދޫ ދޮންމަނިކުގެ ގޯތި ތެރޭގައި އިންދައިގެންނެވެ.

ފަނޑިޔާރު ތައްޚާނުގެ ދޮންމަނިކަކީ، އޮޑިފަހަރުގައި ސިލޯނާއި ބަންގާޅު ކަރައިގެ އިތުރުން ބޭރުގެ ގިނަ ގައުމު ތަކަށް ދަތުރުކޮށް އުޅުއްވި މުއްސަނދި ވިޔަފާރި ވެރިއެކެވެ. ފަހުން ހުޅުދޫ އެޅަހިށިގޭ ދޮންމަނިކުގެ ނަމުން މަޝްހޫރުވެފައިވާ ދޮންމަނިކަކީ މިނޫނަސް ތަފާތު އާ އެއްޗިއްސާއި އާ ކަންކަން މީދޫއާއި ހުޅުދުއަށް ތަޢާރަފު ކޮށްދެއްވި، ޚިދުމަތްތެރި ވަރަށް ތަނަވަސް ޚިޔާލުގެ ބޭފުޅެކެވެ.

ވިލާތު ކުންނާރަކީ ފަންސާހަކަށް ފޫޓު އުހަށް ހެދޭ ، އޮފުކަން ގަދަ ރީތި ފަތެއް ހުންނަ ގަހެކެވެ. މިގަހުގެ މޭވާ ކަމަށްވާ ކުންނާރަކީ ބޭރުން ފެންނަ ފެނުމަށް ޗެރީއާއި ވަރަށް އެއްވަތަރުގެ މޭވާއެކެވެ. ވިލާތު ކުންނާރުގެ ތެރޭގައި ކުޑަ ތަފާތެއް ހުންނަ ދެވައްތަރެއް ހުރެއެވެ. އާއްމުކޮށް ހުންނަ ވައްތަރަކީ ދޮންވުމުން މަޑު ހުތްފޮނި ރަހައެއްދޭ ކުންނާރެވެ. އަނެއް ވައްތަރަކީ ތަންކޮޅެއް ހުތް ރަހަ ގަދަ ވައްތަރެވެ. ވިލާތު ކުންނާރު ދޮންވުމުގެ ކުރީން ފެހިކުލަ އަށް އަދި ދޮންވުމުން ގަދަ ރަތް ކުލައަށް ބަދަލު ވެއެވެ. ސައިޒުގެ ގޮތުންވެސް ޗެރީއާއި އެއްވަރެވެ. ކުންނާރު އަޅާނީ ކޯނި ކޯންޏަށެވެ. މިގަހަކީ ވަރަށް ރިތި އޯނަމެންޓަލް ގަހެއްވެސް މެެވެ. މިގަހުގައި އަލަަށް ނުކުންނަ ކުރިތަކާއި އެކު ޅަ ފަތް ހަރުވަން ދެން ހުންނާނީ ވަރަށް އުޖާލާ ގަދަ ރަތް ކުލައެކެވެ. މި ގަދަރަތް ކުލައިގެ ފަތާއި، ހަރުވެފައިވާ މަޑު ފެހިކުލައިގެ އޮފް ކަން ގަދަ ފަތްތަކާއި އެކު ގަސް ފެންނަ އިރު ވަރަށްވެސް ރީއްޗެވެ.

މިގަަހަކީ އޭޝިއާ އާއި އެފްރިކާ ފަދަ ޓްރޮޕިކަލް ސަރަހައްދުތަކުގައި ހެދޭ ގަހެކެވެ. ސައުތު އޭޝިއާގައި އެންމެ އާއްމުކޮށް މިގަސް ހުންނަނީ އިންޑިއާގެ ކެރެލާ ސްޓޭޓްގެ ސަރަހައްދު ތަކުގައެވެ. ކެރެލާ ސްޓޭޓްގެ ރަށް ތަކުގައި މިގަހަށް ކިޔާ އާއްމު ނަމަކީ ލޮއިކާ ނުވަތަ ލަވަލޮލިއްކާ އެވެ.

ވިލާތު ކުންނާރަކީ، މީގެ ފަންސަވީސް އަހަރުގެ ކުރިއާ ޖެހެންދެން އައްޑޫ އަތޮޅު މީދޫގައި މަޝްހޫރު ގަހެކެވެ. އެދުވަސްވަރު މީދޫގައި ވަރަށް ގިނަ ކުންނާރު ގަސް ހުރެއެވެ. ކުންނާރު މޫސުމުގައި އެ ދޮންވުމުން ރަށުގެ ގިނަ ބަޔަކަށް ކުންނާރު ލިބެން ހުރެއެވެ. ހުތް މޭވާ ކާން ބޭނުންވާ ޒުވާން ފުރައިގެ ކުދީންގެ މެދުގައި ވިލާތު ކުންނާރަކީ ވަރަށް މަޝްހޫރު އެެއްޗެކެވެ. ކުންނާރު ބޭނުން ވުމުން އެއިރަކު ދޮން ކުންނާރު ހުރި ކޮންމެވެސް އެއްގެއަކަށް ގޮސް ބުނެފައި، ކުންނާރު ހޯދީމާ ނިމުނީއެވެ. އެމީހަކަށް ދާއިމީ ހުއްދަ އޮންނަ ގަސް ގަހުން ކޮންމެހެން ނުބުނެވެސް ލިބޭނެއެވެ.

ވިލާތު ކުންނާރުން ޖޭމު ކެއްކުން
ދޮންވެ މަޑުވެފައިވާ ކުންނާރު ރޯ މޭވާގެ ގޮތުގައި ކައި އުޅުމުގެ އިތުރަށް، ވިލާތު ކުންނާރުން ކޮށް އުޅުނު އެންމެ މުހިއްމު ކަމަކީ ދޮންވެފައިވާ ކުންނާރުން ޖޭމު ކެއްކުމެވެ. ކުންނާރުން ޖޭމު ކައްކާ ގޮތަކީ :
1 . ދޮންވެފައިވާ ވިލާތު ކުންނާރުގެ ތަނޑި ވަކިކޮށް ރީތިކޮށް ދޮވެ ސާފު ކުރާށެވެ.
2 . ތެއްޔަކަށް ފެން އަޅާފައި އެފެނުގެ ތެރެއަށް ސާފުކުރި ކުންނާރު އެޅުމަށް ފަހު މަޑު ގިނީގައި ކައްކާށެވެ.
3 . ފުރަތަމަ އެޅި ފެން ރަނގަޅަށް ކެކުމުން އެފެން ހުސްކޮށްލާފައި ، ފެން ބަދަލުކޮށްގެން ދެވަނަ ފަހަރަށް ހަމަ
ކުރީންވެސް ގޮތައް ފެން ކެކެންދެން މަޑު ގިނީގައި ކައްކާށެވެ. މިގޮތައް ފެން ބަދަލު ކުރަނީ ކުންނާރުގައި ހުންނަ ހުތްރަހަ ކުޑަ ކުރުމަށެވެ.
4 . ދެވަނަ ފަހަރަށް އެޅި ފެން ކެކިނިމޭ އިރު ކުންނާރު ހުންނާނީ މުއި ފެލާ ލެވޭ ވަރަށް މަޑުވެފައެވެ. ވީމާ މަޑުވެފައިވާ ކުންނާރު ނަގައިގެން ސާފު ފޮތިކޮޅެއްގެ ތެރެއަށް ލާފަ ރަނގަޅަށް ފެލާ ލަނީއެވެ. މިހާރު ނަމަ ޖޫސް މިކުސަރއަށް އަޅައިގެން ގިރުމަށް ފަހު ފުރާނާލައިގެން މުއި ދިޔަވަރު ވަކި ކުރެވިދާނެއެވެ.
5 . ކުންނާރުން ފެލައިލި މުއިގެ ތެރެއަށް ފޮނި ރަހަދޭ މިންވަރަށް ހަކުރު އަޅާށެވެ. އެއަށް ފަހު މަޑު ގިނީގައި އަނެއްކާވެސް ކައްކާށެވެ. ކައްކާނީ ހެޔޮވަރަށް އޮލަ ވަން ދެނެވެ. އެއި ގާތްގާގަޑަކަށް ދިހަ ވަރަކަށް މިނެޓެވެ.
6 . ކައްކާ ނިމިގެން ރަނގަޅަށް ހިހޫވީމާ ފުޅިއަށް އަޅާ މަތި ބަންދު ކުރާށެވެ. އިތުރަށް މީރު ފޮނި ރަހަ ލައްވާން ބޭނުން ނަމަ ސުގަރ ސިރަޕް އަޅުއްވާށެވެ. އެހެން ނޫނީ ބޭނުން އެހެން ރަހަތައް ވެސް އެޅި ދާނެއެވެ. މިގޮތަށް ކުންނާރުން ކައްކާ ޖޭމަކީ ވަރަށް މީރު ޖޭމެކެވެ.

ވިލާތު ކުންނާރަކީ އާއްމުކޮށް ޖޭމު ހަދާފައި ހުންނަ ޕްލަމް އާއިލާގެ މޭވާ އާއި ދާދި އެއްވައްތަރެއްގެ މޭވާއެކެވެ. ޕްލަމް އާއި ބެރީސް ގެ ހުރިހާ ވައްތަރަކުން ތައްޔާރު ކޮށްފައިވާ ޖޭމަކީ ވެސް ހަމަ މިގޮތަށް ތައްޔާރު ކޮށްފައި ހުންނަ ޖޭމެވެ. މިހާރު ރާއްޖޭގެ ރިސޯޓް ތަކުގައި ވެސް ބޭރުގެ ޝެފުން ތަފާތު މޭވާގެ ޖޭމު ކައްކާފައި، ހޯމް މޭޑް ޖޭމު ގެ ގޮތުގައި ރެސްޓޯރެންޓް ތަކުގައި ސާރވް ކުރެއެވެ. މީދޫގައި ކުންނާރުން ކައްކާ އުޅުނީ ޖޭމު އެކަނި ކަމަށް ވިޔަސް ބޭރު ގައުމު ތަކުގައި ، ޖޭމު ކެއްކުމުގެ އިތުރުން ކުންނާރު ސިރަޕް އަދި ކުންނާރު ޕޭސްޓް ތައްޔާރު ކޮށް ހަދައެވެ. ސިރަޕާއި ޕޭސްޓް ހެދުމަށް ވެސް ކުންނާރުގެ މުއި ބައި ( އެތެރޭގައި ހުންނަ އޮލަ ފުށް) ނަގާނީ ޖޭމު ކައްކަންވެސް އެކަން ކުރާ ގޮތަށެވެ.

ވިލާތު ކުންނާރަކީ ސިއްހީ ފައިދާ ތަކެއްވެސް ހުންނަ މީރު ހުތް މޭވާއެކެވެ. މިގޮތުން ބަލާ އިރު ގިނަ މިންވަރަކަށް ވިޓަމިން ސީ ހުރެއެވެ. ކުންނާރުގައި ހުންނަ އެންޓި އޮކްސިޑެންޓްގެ ސަބަބުން ކެންސަރު ޖެހުމާއި ދެކޮޅަށް މަސައްކަތް ކުރެއެވެ. ކުންނާރުގެ އަނެއް ފައިދާ އަކީ ރިއުމެޓިކް ފަދަ ހުޅު ހުޅުގައި އުފެދޭ ރިހުން ފަސޭހަ ވުމަށް އެހީތެރިވުމެވެ.

ވިލާތު ކުންނާރާއި ބެހޭ ފުރިހަމަ ސައެންޓިފިކު ރިސަރޗެއް އަދި ހެދިފައިނެތެވެ. ނަމަވެސް ކުންނާރާއި ބެހޭ ގޮތުން ދެހާސް ދިހަވަނަ އަހަރު ، އިންޑިއާގެ ކެރެލާގެ ސްޓޭޓްގެ ޔުނިވަރސިޓީއަކުން ސައިންޓިފިކް ރިސަރޗެއް ހަދާފައި ވެއެވެ. އަދި ރިސަރޗް ރިޕޯޓް ވަނީ އިންޓަރނޭޝަނަލް ޖަރނަލް އޮފް ފާމަސިއުޓިކަލް ސައިންސް އެންޑް ބައޯ ޓެކްނޮލޮޖީ ގައި ޝާއިކޮށް ފައެވެ. އެރިސަރޗުން އެނގުނު މުހިއްމު ބައި ތަކުގެ ތެރޭގައި، ކުންނާރުގައި އެންޓި ބެކްޓީރިއަލް މާއްދާ ގިނަ މިންވަރަކަށް ހިމެނޭ ކަން އެނގިފައިވެއެވެ. ޚާއްސަކޮށް ތަފާތު ޑްރަގް ރެސިސްޓެންސް ބަލި ތަކަށް އާ އެންޓި ބައޯޓިކެއް އުފެއްދުމަށް ބޭނުންވާ އެންޓި ބެކްޓީރިއަލް މާއްދާއިން މުއްސަނދި ވެފައިވާ ކަން އެގެއެވެ.

ހުތް ކުންނާރަކީ ސްރީލަންކާ ގައިވެސް ރަނގަޅަށް ހެދޭ މޭވާ އަކަށް ވާތީ އެއިގެ ސިއްހީ ފައިދާ އާއި އެއިން ތައްޔާރު ކުރެވޭނެ ކާނާގެ ބާވަތް ތަކާއި ބެހޭ ގޮތުން ދިރާސާ ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
ކޮންމެއަކަސް ވިލާތު ކުންނާރަކީ ގިނަ ގުނަ ފައިދާ ތަކެއް ހުރި މޭވާއެއް ކަމާ މެދު ޝައްކެއް ނެތެވެ. ނަމަވެސް ހިތާމަ އަކީ އައްޑޫ އާއި ފުވައް މުލަކުގައިވެސް ހުތް ކުންނާރު ގަސް ނެތި ދިއުމުގެ ބިރު ހީވެފައި ވުމެވެ. މީދޫގައިވެސް މީގެ ފަސް ވަރަކަށް އަހަރު ކުރިން އެންމެ ދެތިން ގަހަށް ވިއެވެ. ނަމަވެސް މީދޫގައި މިފަހުން އަލުން އިންދައިގެން އާލާ ވަމުންދާ ކަމަށް ފެނެއެވެ. މިހާރު މީދޫގައި ބޮޑުވެ ފޯދިފައިވާ ފަސް ގަސް އެބަހުއްޓެވެ. އައްޑު އަތޮޅުގެ އެހެން ރަށް ރަށުގައި ވެސް ކޮންމެވެސް ވަރަކަށް އަދިވެސް ހުންނާނެ ކަމަށް ބެލެވެއެވެ.

ފުވައް މުލަކުގައި ވެސް ހުރީ އެންމެ ދެ ގަސް ނުވަތަ ތިން ގަސް ކަމަށް ފުވައް މުލަކު ދިގުވާނޑު ކައުންސިލުން، މިދިޔަ އަހަރު ފަހު ކޮޅު ހާމަ ކޮށްފައި ވެއެވެ. ދިގުވާނޑު ކައުންސިލުން އިސް ނަގައިގެން ކުރިއަށް ގެންދަން ފަށާފައިވާ ތިމާވެށި ހިމާޔަތް ކުރުމުގެ މަޝްރޫއެއްގެ ދަށުން ، ފުވައް މުލަކުން ނެތި ގޮސްފައިވާ ނުވަތަ ނެތިދިއުމުގެ ބިރު ހީވެފައިވާ 6 ބާވަތެއްގެ ގަސް ގަހާ ގެހީގެ ތެރޭގައި ހުތް ކުންނާރު ވެސް ހިމެނެއެވެ. މިކަމުންވެސް އެނގެނީ ހުތް ކުންނާރަކީ ދޫކޮށްލާ ވަރަށް ވުރެން މުހިއްމު ގަހެއް ކަމެވެ.

You may also like...

2 Responses

  1. ސާހިބާ says:

    މައުލޫމާތުގެ ކުށެއް މިލިޔުމުގައި ވެއެވެ. އެއީ މިލިޔުމުގައި މިކިޔާ ހުތް ކުންނާރަކީ ހުވަދު އަތޮޅު ގިނަ ރަށްރަށުގައި މިހާރެވެސް މަދުން ނަމަވެސް ހުންނަ މޭވާއެކެވެ. ޚާއްޞަކޮށް ފިޔޯރީ މަޑިވެލި ހޯޑެއްދޫގައި މިގަސްތައް ވަރަށް ކުރީ ޒަމާނުއްސުރެ ހުރެކެވެ. އެހެންވީމާ މީދޫއަށް ޚާއްޞަ މޭވައެކޭ ބުނެވޭނެތޯއެވެ.؟

  2. Nazwaz says:

    English Name : Lov-Lovi
    Scinetific Name is : Flacourtia intermis

Leave a Reply

Your email address will not be published. Required fields are marked *