އާރޭފެ ހުސައިނުގެ ޖަގަޑާގައި ކުށްވެރިވި މީހުން މިނިކާރާއްޖޭގައި 5
ތިލަދުންމަތީ ނޮޅިވަރަންފަރަށް ފޮނުވައިލުން
އަމަނާއިބެހޭ ވުޒާރާއިން ނެރެގެން ބަނދަރުމައްޗަށް ގެންގޮސް ހދ ނޮޅިވަރަންފަރަށް ފުރާ ބައްތެލިފަހަރަށް އަހަރެމެން ލައިފިއެވެ. ބައްތެލީގެ ފަޅުވެރީންނަށް އަންގާފައި އޮތީ އަހަރެމެންނަކީ ދައުލަތާ ދެކޮޅު ބާގީން ކަމަށާއި އަހަރެމެން ދައްކާ އެއްވެސް ވާހަކައެއް އަޑުއަހައި އެއްވެސް ހަމްދަރުދީއެއް ވެގެން ނުވާނެ ކަމަށެވެ. މިގޮތާ ޚިލާފުވެއްޖެނަމަ އަދަބު ލިބޭނޭ ކަމުގައެވެ. މިހެންވެގެން ބައްތެލީގެ ފަޅުވެރީންވެސް ބެލީ އަހަރެމެންނަށް ވީހާވެސް ބޮޑަށް ދުއްތުރާކޮށް ދަތި ކުރެވޭތޯއެވެ.
މާލެއިން ފުރައިގެން ނޮޅިވަރަންފަރަށް ފޯރީ ތިންދުވަހުންނެވެ. ބައްތެލީގައި ކާންދެނީ ޖަލުގެ ގަވައިދުން އެޔަށްވުރެވެސް ކުޑަ އެތިކޮޅެކެވެ. ނޮޅިވަރަންފަރަށް ފޯރިއިރު އަހަރެމެންތިބީ ބަނޑުހައިވެގެންގޮސް ބުރާންތިވެފައެވެ. ބަނދަރު ކުރުމާއެކު ނެވި މީހާ އަހަރެމެން ގޮވައިގެންގޮސް އަތޮޅު އޮފީހަށް ވައްދައިފިއެވެ. އަތޮޅުވެރިޔަކީ މާލެއިން ފޮނުވާފައި ހުރި މާލޭ މީހެކެވެ. ނަމަކީ ސައްޔިދު ސައީދެވެ. ސައްޔިދު ބޭކަލެއްކަމަށް ކިޔައެވެ. ސައްޔިދު ބޭކަލުންނަށް ކުޑައިމީސް ބަހެއް ބުނެފި މީހެއްގެ ދުލުގެ ވާގިނެތޭކަމަށްވެސް އެރަށުގެ މީހުން ގަބޫލު ކުރެއެވެ.
އަތޮޅުވެރިން ވިދާޅުވިއެވެ. ދައުލަތާ ދެކޮޅަށް ބަގާވާތްކުރި މީހުން ދޮތައެވެ. ބަގާވާތް ކުރިޔަސް ދައުލަތުން ތިޔަބައިމީހުންނަށް ހެޔޮކޮށްހިތާތީ ތިޔަ ތިބެވެނީ ދައުލަތުގެ ހެޔޮކަމާއި އޯގާތެރިކަމުގެ ދަށުގައެވެ. އެހެންވީމާ އެކަން ރަގަޅަށް ދަނެގެން މިރަށުގައި އުޅޭށެވެ. ކާންބޯން ޖެހޭނީ ހަލާލުގޮތުގައި އަމިއްލަޔަށް މަސައްކަތް ކޮށްގެންނެވެ. މަސައްކަތް ހޯދުމަކީ ތިޔަބައިމީހުންގެ އަމިއްލަ ކަމެކެވެ. އުޅޭނެ ގެޔެއް ހޯދުމަކީވެސް ތިޔަބައިމީހުންގެ ކަމެކެވެ. ދައުލަތުގެ ފަރާތުން މިއިން އެއްވެސް ކަމަކާ ޖާމިނެއް ނުވާނެއެވެ. ތިބެނީ ކައިގެންތޯ ނިދައިގެންތޯ ނުބަލާނެއެވެ. ބަލާކަށް ނުވެސްޖެހެއެވެ. ތިޔަބައިމީހުންނަށް އޮތީ މަހަށް ދަރަށް ވަލަށްގޮސްގެން އުޅުމެވެ. ވައްކަމެއްކޮށް މީހެއްގެ ހައްގަކަށް އަރައި މީންޒާތުގެ އެެއްވެސްކަމެއް ކޮށްގެން ނުވާނެއެވެ.
މަހަށްގޮސް އުޅޭއުޅުމުގައި އެހެން ރަށަކަށް ގޮސްގެން ނުވާނެއެވެ. ފެންހުސްވެގެން ވިއްސާރަވެގެން މިފަދަ ތަކުލީފެއް ކުރިމަތިވެއްޖެ ހާލަތެއްގައި އެހެން ރަށަކަށް ފައިބާން މަޖުބޫރުވިޔަސް ފައިބައިގެން ނުވާނެއެވެ. ކޮންމެވެސް ގޮތަކުން އެރަށެއްގެ މުދިންމީހާ ނުވަތަ ކަތީބަށް އަންގައިގެން ފެން ހޯދާނީއެވެ. ދެން މިތަރުތީބަކުން ހުއްދަ ކަންތަކާއި ހުއްދަނޫން ކަންތައް އަންގަވައި އިގުރާރު ކުރުވުމަށްފަހު އަހަރެމެން ފޮނުވީ އެރަށުގެ ރަށު އޮފީހަށެވެ. އެތަނުގައި ތިބި ކަތީބުންވެސް އަހަރެމެންނަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނޭ ކަންކަމުގެ ވާހަކަ ތަކުރާރުކޮށް ކިޔައިދީ މީން ކަމަކާ ޚިލާފުވެއްޖެނަމަ ލިބޭންހުރި އަދަބުގެ ބޮޑުކަމުގެ ވާހަކައިން އިންޒާރުދީ ބިރުގެންނެވުމަށްފަހު ދެން ދާނޭތާކަށް ދިޔަޔަސް އެންމެ ރަގަޅޭ ބުނެ ރަށުތެރެއަށް ފައްސާލައިފިއެވެ.
ހދ އަތޮޅުގެ ވެރިކަންކުރާ ރަށަކީ ނޮޅިވަރަންފަރު ކަމަށްވިޔަސް މިރަށަކީ އަތޮޅެއްގެ ވެރިކަންކުރާ ރަށެއްގައި ހުންނާންޖެހޭ އެއްވެސް ސިފައެއް ހުރި ރަށެއް ނޫނެވެ. ވެެރިކަންކުރާ ރަށްވީމާ އަތޮޅުވެރީން އެެރަށުގައި ހުންނެވުން ފިޔަވައި ޚާއްސަ އެއްވެސް ކަމެއް ނެތެވެ. މީސްކޮޅު މަދުކަމުން ހުކުރުކޮށެއްވެސް ނޫޅެއެވެ. ހުކުރުހަމަނުވާ ރަށެއްގައި އަތޮޅުވެރިކަންކުރާ ހަމައެކަނި ރަށަކީވެސް މިރަށެވެ. މިކަހަލަ ރަށެއް އަތޮޅުގެ ވެރިކަންކުރާ ރަށަކަށް ހަމަޖެއްސުމުގެ ފަހަތުގައި ބޮޑެތި ސިއްރުތަކެއް އޮވެދާނެއެވެ.
ކޮންމެއަކަސް މިއީ ފުދޭވަރަކަށް ބޮޑު ރަށެކެވެ. އެހެންވީމާ ރުއްގަސް ވަރަށް ގިނައެވެ. ބޮޑުފަޅެއް އޮވެއެވެ. ފެންހެޔޮވިޔަސް މީހުން އެހާ ހެވެކޭ ނުބުނެވޭނެއެވެ. މީސްކޮޅު މަދުވީމާ މަހަށް ފުރާ ދޯނިފަހަރު ވަރަށް މަދެވެ. ބައްތެލިފަހަރާއި ބޮއްކުރާތައްވެސް ވަރަށް މަދެވެ. ރަށުގެ މުޅި އާބާދީ ސަތޭކަޔަށްވެސް ނާރައެވެ. އެއީ ބޮޑެތި މީހުންނާއި ކުޑަކުދީންވެސް ހިމަނައިގެންނެވެ. ބިން ތަނަވަސްވެފައި މީސްކޮޅުމަދުވީމާ ރަށު މީހުންނަށް ދުއްޕާންނުކޮށް ބޭރުން އަރާ ބަޔަކަށްވެސް ދުވަސްކޮޅަކު އުޅެވިދާނެ ތޯއްޗެކެވެ.
ރަށު އޮފީހުން ނެރެ އަހަރެމެން ފައްސައިލީމާ ހިނގައިގަންނާނޭ ކޮޅެއްވެސް ނޭގި އިރުކޮޅަކު ތިބޭން ޖެހުނެވެ. ވަންނާނޭ ގެއެއް ނެތެވެ. ދަންނަ ބަޔަކު ނެތެވެ. ސަރުކާރުން އެބުނީ ކެޔަސް ނުކެޔަސް ނިދިޔަސް ނުނިދިޔަސް ފަރުވާލެއް ނެތް ވާހަކައެވެ. އެއްވެސްކަމަކާ ޖާމިނު ނުވާނޭ ވާހަކައެވެ. އަހަރެމެންތިބީ ބަނޑުހައިވެގެންގޮސް ތަންދޮރު ވަކިނުވާ ހިސާބުގައެވެ. އެހެންނަމަވެސް ކާއެތިކޮޅަކަށް ސަލާންޖަހަން އަހަރެމެންގެ ޒަމީރު ގަބޫލެއް ނުކުރެއެވެ. އަހަރެމެން ތަރުބިއްޔަތުވެފައި ތިބި ގޮތުން ސަލާންޖެހުމަކީ ބަނޑަށް މަރުވިޔަސް އަހަރެމެންނަށް ރުހެވޭނޭ ކަމެއް ނޫނެވެ. ކުރާނޭ ކަމެއް ނޫނެވެ.
ނޮޅިވަރަންފަރުގައި ލިބުނު މެހުމާންދާރީ
ދާނޭ ކޮޅެއް ނޭގި އިރުކޮޅަކު ތިބެފައި އަހަރެމެންގެ ތެރެއިން މީހަކު ބޭއިޚުތިޔާރުގައި އެރަށު ބޮޑުމަގުން ރަށުތެރެއަށް ހިނގައިގަތީމާ އޭނާގެ ފަހަތުން އެންމެންވެސް ހިނގައިގެންފިއެވެ. މިމަގުން ދަނިކޮށް ފެނުނީ ބަނބުކެޔޮ ކަނޑައިގެން އެޔަށް ގޮތްގޮތް ހަދާންތިބި މުސްކުޅިވަރެއްގެ ތިންހަތަރު އަންހެނުންނެވެ. ވަރަށް ދަހި ބެލުމަކުން ބަނބުކޭލަށް ބެލުން ފިޔަވައި އިތުރުކަމެއް ކުރާކަށް ވާހަކައެއް ދައްކާކަށް ނުކެެރުނެވެ. އަންހެންވެރީންވެސް އިހު ނުދެކޭ ބީރައްޓެހި ބަޔަކުވީމާ ބަލަހައްޓައިގެން ތިބީއެވެ. މިމަގުން ކުރިއަށްގޮސް ދެވުނީ ރަށުގެ ހުކުރު މިސްކިތަަށެވެ. ކައިރީގައި ޒިޔާރަތެއްވެސް ހުއްޓެވެ.
ދެން މިސްކިތުވަޅުން ބަނޑުފުރޭންދެން ފެންބޮއެފައި ބައެއް މީހުން ހޮޑުލައި މިޒާތަކަށް އުޅެފައި ޒިޔާރަތުގެ ކައިރީގައި ފާތިހާއެއް ކިޔަވައި މިހާލަތުން މިންޖުކުރެއްވުމަށް އެދި ދުއާކޮށްފައި ދެން ހިނގައިގަތީ އައިކޮޅަށެވެ. އޭރުވެސް އެއްކަލަ އަންހެންވެރީން އެތަނުގައި ތިއްބެވެ. އަރައިހަމަވީތަނާ މިތަނުން އެކަކު އަހަރެމެންނަށް ގޮވާފައި ކޮންރަށެއްގެ ކޮންބައެއްތޯ އަހައި ސުވާލުކޮށްފިއެވެ. އަހަރެމެންވެސް ހިތްވަރުޖެހިގެން މިއީ މިރަށަށް މިއަދު އަރުވައިލި އައްޑުއަތޮޅު ހިތަދޫ ބައެކޭ ބުނެފީމެވެ. އައްޑޫ ބަޔަކު ދުވަހަކުވެސް ފެނިފައިނެތީކަން ނޭގެއެވެ. އެއުރެންގެ މޫނުމަތީން ފެނުނީ ހައިރާންކަމެވެ. އިރުކޮޅަކުން ހަމަޖެހިލައިފައި އެކަކު ބުންޏެވެ. ކަލޭމެން ދަންނަ އެއްވެސް ބަޔަކު މިރަށުގައި އެބަތިބިބާވައެވެ.
އަހަރެމެން އަވަސްއަވަހަށް ބުނީމެވެ. ދައްތާއެވެ. ނޫނެކެވެ. ތިޔަބުނި ކަހަލަ މީހަކު ނުވަތަ ބަޔަކު މިރަށުގައި އުޅޭނަމަ މިގޮތަށް ބަނޑަށް ތިބެ ލާހޫރެމުން މިސްކިތުވަޅުން ފެންބޮއެގެން ދެކޮޅަށް ހިނގާކަށް ނުޖެހޭނެއެވެ. މިރަށަށް އަރުވައިލާކަން އެންގުމުގެ ކުރީން މިރަށުގެ ނަންވެސް ނާހަމުއެވެ. އެހެންވީމާ ދަންނަބަޔަކު ތިބޭނީވެސް ކޮންފަދައަކުން ބާވައެވެ. މިއަޑުއިވިފައި މިވެރީން މިތާކަށް ގޮނޑިތަކެއް ނެރެ ވަރުބަލިފިލުވައި ވާހަކަ ދައްކާލަން އިށީންނާށޭ ބުނެފިއެވެ. ދެން ޚަބަރު އޮޅުންފިލުވައި އައްޑޫގެ ވާހަކަ އަހާން އިރުކޮޅަކު ތިބެފައި އެތެރެއަށް ވަންނާށޭ ބުނެފިއެވެ.
އެތެރެޔަށް ވަނީމާ ބަނބުކޭލާއި ކާއްޓާއި ވަޅޯމަސް ކޮށައިގެން ނެރެ ބަނޑުބޮޑުވާންދެން ކާށޭ އަންގައިފިއެވެ. ކައިނިމުނީމާ ދުފާތަކެތި ނެރެގެން ރަގަޅަށް ދުފާންވެސް ދީފިއެވެ. މިޒާތަކަށް މެހުމާންދާރީ އަދާކުރުމަށްފަހު މީގެ ތެރެއިން އިސްކޮށްހުރި މީހާ ބުންޏެވެ. އަދިމިރޭވެސް އަންނާންވާނެއެވެ.
މާތްކަލާނގެ ކުޅަދުންވަންތަކަމެވެ. ކާއެތިކޮޅެއް ލިބުމުގެ އުއްމީދު ކަނޑާލައިގެން ތިއްބައި އަހަރެމެން ބަނޑަށް މަރުނުވެ މިއަދަށް ސަލާމަތްވީ ނުވެސް ދަންނަ ބަޔަކު ފޯރުވައިލި އެތިކޮޅަކުންނެވެ. އަހަރެމެންގެ ނިކަމެތިކަން އިހުސާސް ކުރެވިގެން އެއުރެންގެ ހިތުތެރޭގައި އުފެދުނު އޯގާތެރިކަމަކާއި ހަމްދަރުދީއެއްގެ ސަބަބުންނެވެ. ދިވެހީންގެ ތެރޭގައިވެސް ހިތްމޮޅި ދީލަތި މީހުން އަދިވެސް އުޅެނީތާއޭ ހިތަށް އެރިއެވެ. ކޮންމެއަކަސް އެގޭގެ ވެެރި އަންހެންމީހާއަށް އަހަރެމެން ފަށްފަށުން ޝުކުރު އަދާކުރީމެވެ. މިދުވަހަށްފަހު އަހަރެމެން އެންމެންވެސް އެދައިތަޔަށް ކިޔަނީ މާމައެވެ. އުމުރުގެ ތަފާތު ބޮޑުކަމުން އެދައިތަވެސް މިނަމާދޭތެރޭ މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.
އެގެއިން ނިކުމެގެންގޮސް އަހަރެމެން ތިބީ އަތިރިމަތީގައި ހުރި ހޮޅުއަށްޓެއްގައެވެ. އޭރު މެންދުރުވަނީއެވެ. ޖެހޭނަލަ ވައިރޯޅިޔާއެކު ވެފައިތިބި ވަރުބައްޔެއްގެ ބޮޑުކަމުން އެންމެނަށްވެސް ދާދި އަވަހަށް ނިދިއްޖެއެވެ. ތިލަދުންމަތީ ފުށިރަށެއްގެ މަސްވެރީން ފޫހަރާން ހަދައިފައިހުރި ބާ ހޮޅުއަށިވެސް އަހަރެމެންނަށް ފެނުނީ ދޫނިފަތުގެ އަރާމު ތަންމައްޗެއްގެ ގޮތުގައެވެ. އަސުރުވަގުތާއި ގާތްވެފައިވަނިކޮށް ހޭލެވުނީމާވެސް ކަންނެތްވެފައި މި ހޮޅުއަށި ދޫކޮށްފައި ދާހިތްނުވެގެން ދެންވެސް މިތާގައި ތިބީއެވެ.
މިހެންތިއްބައި ދުރުން އަންނަ ބައްތެއްޔެއް ގޮނޑުދޮށާއި އެބަކައިރިކުރެއެވެ. މިބައްތެލީން ފޭބި މީހުންނަށް ބަލައިލިއިރު އޭގެތެރޭގައި އަހަރެމެންނާއެކު އަރުވައިލާން އެހެން ބައްތެއްޔަކަށްލީ އަހަރެމެންގެ އެކުވެރީންވެސް ހިމެނެއެވެ. އަލަށް ގެނެވުނު މީހުންނާއިގެން ބައްތެލީގެ ނެވިމީހާ އަތޮޅު އޮފީހަށް ނައްޓާލީމާ ފަހަތުން އަހަރެމެންވެސް ހިގައްޖައީމެވެ. މިމީހުންނާވެސް އަތޮޅުވެރި ސައްޔިދު ސައީދު ދެއްކެވީ އަހަރެމެންނާވެސް ދެއްކެވި ވާހަކައެވެ. އެއަށްފަހު ގެންދިޔައީ ރަށު އޮފީހަށެވެ. އެތާގައި ކަތީބުކަލޭގެ އިހުގޮތަށް ނަސޭހަތާއި އިންޒާރުގެ ޚުތުބާ ފެށީމާ ހިމޭނުން ނުތިބެވިގެން އަހަރެމެން ބުނެފީމެވެ.
ވާހަކަ ކިތަންމެހާވެސް ފުރިހަމަައެވެ. އަހަރެމެން މިއަދު މިރަށަށް ފޭބީއެވެ. ދަންނަ މީހަކު ހުރީއެއް ނޫނެވެ. އެހެންވީމާ ކާންބޯން ކުރާނެ މަސައްކަތެއް މިއަދުން މިއަދަށް ހޯދާނީ ކިހިނަކުންހެއްޔެވެ. މިހާރުވެސް މިތިބީ ބަނޑަށެވެ. މެންދުރު ކާން ލިބުނީއެއް ނޫނެވެ. މިރޭ އަދި އޮތީއެވެ. މިހާލުގައި މާދަންވާއިރަށް މަރުނުވެ ދުނިޔޭގައި ތިބެވޭނޭކަމެއްވެސް ނޭގެއެވެ. ކަންފަސޭހަޔަކަށް ކާންބޯން ފަސޭހަޔަކަށް މިރަށަށް އަރައިތިބި ބަޔަކީމެއް ނޫނެވެ. ދައުލަތުން މިރަށަށް ފޮނުވައިލި ބަޔަކީމެވެ. ބަނދެފައި ބައިތިއްބާ ކުކުޅުހާލަށްވެސް އެއްފަހަރު ކާންދެއެވެ.
އަހަރެމެންނަކީ ހަމަ ތިޔަބައިމީހުންވެސް ފަދައިން ކެއިންބުއިމަށް ބޭނުންވާ އިންސާނުންނީމެވެ. އަމިއްލަޔަށް އުފެދިގެން އުޅޭ މަޚުލޫގުންނެއް ނޫނެވެ. އެހެންވީމާ އަހަރެމެންނަށް އެއްފަހަރުނަމަވެސް ކޮންމެވެސް ކާއެއްޗެއް ދޭށެވެ. ރަހުމްކުރާށެވެ. މިބީދައިން ޒުވާބުދިނީމާ އިރުކޮޅަކު ވިސްނާން ހުރެފައި އަހަރެމެންގެ ތެރެއިން ކޮންމެ ދެ މީހަކަށް ބަނބުކޭލަކާއި ކާއްޓަކާއި ރިހާކުރާއި ކައްކާނޭ ތެއްޔެއް ދީފިއެވެ. އެއަށްފަހު ހަރުއަޑުން ބުންޏެވެ. މިދެން ނިމުނީއެވެ. މީގެފަހަށް އެއްޗެއް ދިނުމެއް ނެތެވެ. ކިތަންމެ ގިނައިން އަޔަސް ނުލިބޭނެއެވެ. (ނުނިމޭ)
ފަހުގެ ޚިޔާލުތައް