ޕީޕީއެމަށް މީދޫ ރައްޔިތުން ނޫނެކޭ ބުނި ސަބަބު

އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމަށް އައްޑޫން ލިބުނު ވޯޓު ނުވަތަ ނުލިބުނު ވޯޓުގެ މައްސަލާގައި ހުޅުދޫ ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު ޝާހިދު ރާއްޖޭގެ ނޫސްތަކަށް ދީފައިވާ އިންޓަރވިޔު މަވެސް ބަލައިފީމެވެ. ވަރަށް މަޖަލެވެ.

ޝާހިދު ވިދާޅުވި ގޮތުން މި ވޯޓާއި އައްޑޫގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި އެއްވެސް ގުޅުމެއް ނެތެވެ. ގުޅުން އޮންނާނީ 2018ގައި ބާއްވާ ރިޔާސީ އިންތިޚާބާއެވެ. އެ އިންތިޚާބުގައި އައްޑޫގެ މެޖޯރިޓީ ރައީސް ޔާމީން ނަންގަވާނެއެވެ. ކޮންމެ މީހަކު މެޖޯރިޓީ ނެގިޔަސް މަށަށް މައްސަލައެއް ނެތެވެ. މަށަށް ގޯހީ ދޮގުހަދާތީއެވެ. އޮޅުވައިލާތީއެވެ. އައްޑޫގައި އިންތިޚާބީ ހަތްދާއިރާ އޮތްއިރު މީދޫ ދާއިރާ ފިޔަވައި އެހެންދާއިރާތަކާއި މަށާ ބެހުމެއްވެސް ނެތެވެ. ބަލާކަށް ނުވެސް އުޅެމެވެ. އެގޮތުން ޝާހިދުގެ ދާއިރާ އާއި ޝާހިދުވެސް އަހުރެންނަށް މުހިއްމެއް ނޫނެވެ. މަށަށް މައްސަލައަކީ ދެއިރު ދެދަޅަޔަށް ހުޅުމީދޫއޭ ކިޔާތީއެވެ. ޝާހިދު ބޭނުންވަރަކަށް ހުޅުދޫއޭ ކިޔާށެވެ. މަށަށް ފަރުވާލެއް ނެތެވެ. އެކަމަކު ހުޅުމީދޫއޭ ނުކިޔާށެވެ. ހުޅުމީދޫއޭ ކިޔާ ރަށެއް އައްޑޫގައި ނޯވެއެވެ. އެއްފަސްވެގެން އޮންނަ ހުޅުދޫއަކާއި މީދޫއެއް އޮވެއެވެ. ޝާހިދު މަޖިލީހަށް ހޮވީ ހުޅުދޫ ރައްޔިތުންނެވެ. މީދޫއަކީ ޝާހިދާއި ބެހޭ ރަށެއް ނޫނެވެ.

ރާއްޖޭގެ ރަށްރަށުގެ ތެރެއިން މިއަދު އެންމެ ހިތާމަވެރި ހާލަތެއް މެދުވެރިވެފައިވާ ރަށަކީ ކޮބައިތޯ ބަލައިފިނަމަ އެރަށަކަށް ވާނީ އައްޑޫ މީދޫއެވެ. ތިންހާހެއްހާ މީހުންގެ މައްޗަށް އެކުލެވޭ މީދޫއަކީ އަތޮޅު ފެންވަރުގައިވެސް އަދި ގައުމީ ފެންވަރުގައިވެސް ހަނދާން ނައްތާލެވިފައިވާ ރަށެކެވެ. އެއްވެސްބަޔަކު ފާއިތުވި ތަނުގެ ހިސާބުކިތާބަކަށް ނުބަލައެވެ. ކޮންމެ ބަޔަކުވެސް ބަލަނީ މިހާރުގެ ހާލަތެވެ. ރިޔާސީ އިންތިޚާބުގެ ކޮންމެ ބުރެއްގައި އައްޑު އަތޮޅުން ޕީޕީއެމަށް އަގުލަބިއްޔަތު ދިން ހަމައެކަނި ރަށަކީ މީދޫއެވެ. ޔާމީނަށް އާނއެކޭ ބުނި ހަމައެކަނި ރަށަކީ މީދޫއެވެ. އެކަމަކު ސަރުކާރަށް މިކަން އެނގޭބާވައެވެ؟

އެވެރިންނަކަށް މިކަން ނޭގެއެވެ. ދެނެގަންނާކަށްވެސް ބޭނުމެއް ނުވެއެވެ. ވަޒީރަކު އަތޮޅަށް އެރިޔަސް މީދޫއަށް ދިއުމެއް މީދޫ ރައްޔިތުންނާ ބައްދަލުކުރުމެއް ނޯވެއެވެ. އެހިސާބަށް ފޯރިޔަސް ފޯރަނީ ޖެހިގެން އޮންނަ ހުޅުދޫއަށް ކުރާ ޒިޔާރަތެއްގެ ތެރެއިން އެރަށުގެ މެންބަރާއި އެކީގައެވެ. އިވެނީ ކައިރީގައި ވާހަކަ ދައްކަން ތިބޭ މީހުންގެ ވާހަކަތަކެވެ.

މީދޫގެ އުތުރުފަރާތާއި އިރުމަތީ ފަރާތް ގިރަމުން ގޮސް ރަށުގެ ތިރި ސަރަހައްދާއި ޗަސްބިމުގެ ތެރެއަށް ލޮނުގަނޑު ވަދެގަތުމުގެ ބިރު ނުހަނު ބޮޑެވެ. ރަށުތެރެއަށް ލޮނުގަނޑު ވަދެ ދަނޑު ގޮވާމުގެ ސަރަހައްދާއި ތިރި ހުރިހާތަނެއް ގެއްލިގެން ދިޔުމުގެ ބިރު ވަރަށް ބޮޑެވެ. އެއީ ރަށުގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބައެވެ. އެކަމަކު ބޮޑު ހިލަ ޖަހައި ހިމާޔަތްކުރަނީ ހުޅުދޫގައެވެ. ތަރައްގީއޭ ކިޔައިގެން ކަމެއްކުރާނަމަ އެއިން ކޮންމެކަމެއް ކުރަނީ ހުޅުދޫގައެވެ. ނަމުގައި އެކަން ކުރަނީ ހުޅުމީދޫގައެވެ. މިނަމުގައި ފަށާފައި ހުޅުދޫއާވީކޮޅުގައި ކުރާނެކަމެއްކޮށްފައި ނިންމައިލަނީއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ރައްޔިތުން ޕީޕީއެމަށް ނޫނެކޭ ބުނީ މިހެންވެއެވެ. ސިޓީ ކައުންސިލުގައި ކުރިން އިންތިޚާބީ ހަ ދާއިރާ އޮވެފައި އޭގެ ތެރެއަށް މިފަހަރު އާ ދާއިރާއެއް އިތުރުވީއެވެ. އެއީ މީދޫ ދާއިރާއެވެ. އެދާއިރާއިން ޕީޕީއެމަށް ލިބުނީ ވޯޓުގެ ސަތާރަ އިންސައްތައެވެ. ރިޔާސީ އިންތިޚާބުގައި އެވަރުވެސް ނުލިބޭނެއެވެ. ވޯޓު ބޭނުމިއްޔާ މިހާރު ކަންކަން ތިކުރާ އުސޫލު ބަދަލުކުރަން ޖެހޭނެއެވެ. ތިހަދާ ދޮގުތައް ހުއްޓައިލަން ޖެހޭނެއެވެ.

މީދޫ ދާއިރާއިން ޕީޕީއެމަށް ވޯޓު ނުލިބުމުގެ އެއްސަބަބަކީ ހަމަ ޝާހިދެވެ. އެމްޕީއެލްގައި މީދޫ ޖުނައިދު ހުރެގެން އެރަށުގައި ފެރީގެ ނިޒާމެއް ގާއިމުކޮށް ޓާރމިނަލެއް ހަދައި އެތަން ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވިއިރު އެތަނަށް ހުޅުދޫ މީހުން ނުދާން އެންގީ ހަމަ ތިޔަ ޝާހިދެވެ. ތިޔަ ޝާހިދާއިއެކީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެންމެފަހުން ހުޅުދޫއަށާއި މީދޫއަށް ދިޔައިރު ފެރީ ޓާރމިނަލަށް ނުފައިބައި ޒާތީގޮތް ދެއްކީ ހަމަ ތިޔަ ޝާހިދެވެ. މީދޫއަށް އެއްވެސްކަމެއް ވިޔަނުދޭން ފައިވިއްދާފައި ހުރީ ހަމަ ތިޔަ ޝާހިދެވެ. ކުރީގެ ކައުންސިލަރާއި ހައުސިން މިނިސްޓްރީގެ އަތޮޅު މުވައްޒަފުންނަށް ބާރުފޯރުވައިގެން ހަވާސާއިންވެސް މީދޫ ބޭރުކުރަނީ ހަމަ ތިޔަ ޝާހިދެވެ. ދެން ހުޅުމީދޫއޭ ކިޔާފައި ކޮން ހާސަރުތަކެއް ހެއްޔެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *