ދިރާގު މަހަށްދޭބަލަ
ދިވެހިރާއްޖެއަކީ މަސްވެރިކަމުގެ ރާއްޖެއެވެ. ދިވެހީންނަކީ ކަނޑުގެ އަހުލުވެރީންނެވެ. ކާބަފައިންނަކީ މަސްވެރިންނެވެ. މިހާރު މިތިބީވެސް މަސްވެރިންނެވެ. ދިވެހިވަންތަކަމުގެ އެންމެފަލަ ލޭނާރަކީ މަސްވެރިކަމެވެ. ދިވެހި އިގްތިސާދުގެ ބިންގަލަކީ މަސްވެރިކަމެވެ. ދިވެހީންގެ ފަޚުރާއި ޝަރަފަކީ މަސްވެރިކަމެވެ. މިހަގީގަތާއި ދެކޮޅުހަދާ ބަޔަކު އެބަތިބިހެއްޔެވެ؟
އެބައުޅެއެވެ. ދިވެހިރާއްޖޭގެ ގައުމީ މުވާސަލާތީ ކުންފުނި ދިރާގަކީ ދިވެހި މަސްވެރިންނަށް މަލާމާތްކުރާ ކުންފުންޏެކެވެ. މިކަމުގެ ހެއްކަކީ ޕަބްލިކް ސާވިސް މީޑިއާއިން މިއަހަރު ބޭއްވި މޯލްޑިވިއަން އައިޑޮލްއާ ދިމާކޮށް ދިރާގުން ނެރުނު ވައިބަރ ސްޓިކަރޕެކެވެ. ދިރާގުން މިކަމަށްޓަކައި ނެރުނު އެކާވީސް ސްޓިކަރގެ މައްޗަށް އެކުލެވޭ ޕެކުގައި މަހަށްދޭބަލަ މިގޮތަށް ލިޔެފައިވާ ސްޓިކަރއެއް ހިމެނެއެވެ.
ދިވެހީންގެ ތެރޭގައި މަހަށްދޭބަލަ މިގޮތަށް ބުނެ އުޅެނީ ކޮންމާނައެއްގައިކަމާމެދު ޝައްކެއްވެސް ނުއުފެދެއެވެ. ކަލޭ
މަހަށްދޭބަލާށޭ ބުނެ އުޅެނީ ދެރަކޮށްލުމުގެ ގޮތުންނެވެ. އިލްމެއް ހުނަރެއް ތަޖުރިބާއެއްނެތް މީހަކަށް ކުރެވޭނެ ހަމައެކަނި ކަމަކީ މަހަށްދިޔުމޭ ބުނުމުގެ މާނައިގައެވެ. ހުނަރާއި އިލްމު ބޭނުންވާ މަސައްކަތަކަށް ކަލޭ ކުފޫ ހަމައެއް ނުވެޔޭ ކަލެއަށް އޮތީ މަހަށް ދިޔުމޭ ބުނުމުގެ މާނައިގައެވެ.
ދިވެހީންގެ ތެރެއިން ތިމާމެންމީ ކޮންބައެއްކަމާއި މަސްވެރިކަމަކީ ކިހާވަރެއްގެ ކަމެއްކަން ނޭގޭ ބަޔަކު މިބަސް މިގޮތަށް ބޭނުންކުރުމާއި ރާއްޖޭގެ ގައުމީ މުވާސަލާތީ ކުންފުނިން މިބަހަށް ހައިސިއްޔަތު ދިނުމަކީ މުޅިން ތަފާތު ދެކަމެކެވެ. ދިވެހިރާއްޖެއަށްޓަކައި ދުވާލު ހަތަރުދަމު ލޯބޯ ފިއްސައިގެން ކަނޑުމަތީގައި އުޅޭ ގައުމުގެ ބަތަލުންނަކީ އިޖުތިމާއީ
ފަންތިކުރުމުގައި މަލާމާތް ރައްދުވާ އެންމެ ދަށުދަރަޖައިގެ މީހުންކަމަށް ގައުމީ މުވާސަލާތީ ކުންފުނިން ގަބޫލުކުރާކަން ފައުޅުގައި ހާމަކުރުމަކީ ވަރަށްވެސް ހިތާމަހުރި ކަމެކެވެ.
މަހަށްދޭބަލާށޭ ކިޔައި މީހަކު ނުވަތަ ބަޔަކު ދެރަކޮށްލުމަކީ ދިރާގުން ކުރިޔަސް ސަޅިކަމެއް ކަމަށް ދިވެހިން ނުދެކެއެވެ. މިއީ އޮބިނެސް ޓުދަ މެކްސް ކަމަކަށްވެސް ގަބޫލެއް ނުކުރެއެވެ. މިކަން ލައްވާލީމާ ފޯޖީއަކަށްވެސް ނުވެއެވެ. މިއީ ގައުމިއްޔަތަށް މަލާމާތް ކުރުމެވެ. ގައުމިއްޔަތު ދެރަކޮށްލުމެވެ. ސްޓިކަރޕެކެއް ނެރުމަކީ ދިރާގުގެ އަމިއްލަ ކަމެކެވެ. އެކަމަކު ދިވެހިންގެ ލެޔާއިކުޅެ ދިވެހީންނަށް މަލާމާތް ކުރުމަކީ ދިރާގަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ. ދިރާގުން މުޅިން އަލަށް ސްޓިކަރޕެކެއް ނެރުނުއިރު ދިވެހި ގައުމިއްޔަތަށް މަލާމާތް ރައްދުކުރި ކުރުމަކީ އަޅުގަޑު ދެކޭގޮތުގައި ވަރަށް ސީރިއަސް މައްސަލައެކެވެ.
މިވާހަކަ ލިޔުނީމާ މަހަށްދޭބަލަ މިބަސް ދިރާގު ބޭނުންވާ ގޮތްގޮތަށް މާނަކޮށްގެން ނޫސްބަޔާން ނެރުން އެކަށީގެންވެއެވެ. އާޚިރުގައި ކުށްވެރިވާނީ މިވާހަކަ ލިޔުނު މީހާކަމަށްވުންވެސް އެކަށީގެންވެއެވެ. މިވާހަކަ ރާއްޖޭގެ މެއިންސްޓްރީމް މީޑިއާއިން ފެންމަތިނުކުރަނީ މީގައި މައްސަލައެއްނެތީމަ ނޫންހޭ ބުނުން އެކަށީގެންވެއެވެ. ދަންނަވަންތޯއެވެ. މެއިންސްޓްރީމް މީޑިއާއިން ފެންމަތި ނުކުރުމަކީ މައްސަލަ ނެތުމެއް ނޫނެވެ. އެއިންދައްކައިދެނީ ދިރާގުގެ ސްޕޮންސަރޝިޕްގެ ބާރުގަދަކަމެވެ.
މަސްވެރިކަމަކީ އަދި ތިޔަހެން ހުނަރެއްނެތި ކުރެވޭ ދެރަ މަސައްކަތެއް ނޫންކަން ދިރާގުގެ ވެރިންނަށް އެނގެން އެބަޖެހެއެވެ. އެކަންކުރެވޭނީ އެވެރިން މަހަށް ގޮސްގެންނެވެ. ވީމާ މަސްވެރިކަން ދަސްކޮށް މަސްވެރިންނަށް އިހުތިރާމްކުރަން ދަސްކުރުމަށް ދިރާގުގެ ވެރިން މަހަށްދާން ގޮވައިލަމެވެ.
ފަހުގެ ޚިޔާލުތައް