އަހަރެމެންގެ ކަންކަމުގައި އުޅޭނީ އަހަރެމެންނެވެ.
ރާއްޖޭގެ ރަށްރަށުގެ ތެރެއިން މިއަދު އެންމެ ހިތާމަވެރި ހާލަތެއް މެދުވެރިވެފައިވާ ރަށަކީ ކޮބައިތޯ ބަލައިފިނަމަ އެރަށަކަށް ވާނީ އައްޑޫ މީދޫއެވެ. ގާތްގަޑަކަށް ތިންހާހެއްހާ މީހުންގެ މައްޗަށް އެކުލެވޭ މީދޫއަކީ އަތޮޅު ފެންވަރުގައިވެސް އަދި ގައުމީ ފެންވަރުގައިވެސް ހަނދާން ނައްތާލެވިފައިވާ ރަށެކެވެ. އެރަށުގެ ވާހަކަ ދައްކާ ބަޔަކު ނެތެވެ. އެރަށަށް ކަމެއް ކޮށްދޭން ޚިޔާލުކުރާ ބަޔަކުވެސް ނެތެވެ.
އައްޑޫ ސިޓީ ކައުންސިލުގައި މީދޫ ތަމްސީލުކުރަން ހުންނަ މީހަކީ ހުޅުދޫއަށް ނިސްބަތްވާ މީހެކެވެ. ސިޓީ ކައުންސިލްގައި އެއީ ހުޅުމީދޫ ދާއިރާގެ މެންބަރެވެ. ހުޅުމީދޫ ދާއިރާއޭ ކިޔަނީ ހުޅުދޫ އާއި މީދޫ އަށެވެ. މީނާ ހޮވިފައިވަނީ އެމްޑީޕީގެ ޓިކެޓުގައެވެ. އެހެންނަމަވެސް ފަހުން އަހުމަދު އަދީބުގެ ފަރާތުން ލިބުނު ހަދިޔާތަކަށްފަހު މީނާ އަކީ ޕީޕީއެމްގެ ކައުންސިލަރެކެވެ. ދެން މިކައުންސިލުގައި ހިމެނޭ ފަސް މެންބަރުންނަކީވެސް އެމްޑީޕީގެ ކައުންސިލަރުންނެވެ. އެއީ ހިތަދޫ ތިން ކައުންސިލަރުންނާއި މަރަދޫ އާއި މަރަދޫފޭދޫ ކައުންސިލަރަކާއި ފޭދޫ ކައުންސިލަރެކެވެ.
ޕާޓީ ބަދަލުކުރިފަހުން މީނާއަކީ ސިޓީ ކައުންސިލް އިދާރާގައި މަސައްކަތް ކުރާ މީހެއް ނޫނެވެ. މީނާ ގޮސް އިންނަނީ ގޮނޑިއަޅައިގެން ހުޅުދޫ އޮފީހުގައެވެ. މީދޫއަށް އަރައިލުމެއް ވެސް ނެތެވެ. ކައުންސިލް ބައްދަލުވުންތަކުގައި ދެކެވޭ ވާހަކައެއް ނުދެކެވޭ ވާހަކައެއް މީނާއަކަށް ނޭގެއެވެ. ތިމާ ހޮވިފައިވާ ދާއިރާގެ ހައްގުގައި ދައްކަން ޖެހޭ ވާހަކައެއް ކުރަން ޖެހޭ ކަމެއް ވެސް ރޭކާލުމެއް ނޯވެއެވެ. ކަމަކާއި ބެހޭ ގޮތުން ވާހަކައެއް ދެއްކިއަސް އެވާހަކައެއް ވަނީ ހުޅުދޫއާ ގުޅޭ ވާހަކައަކަށެވެ. މީދޫއަކީ މީނާ ދަންނަ ރަށެއްވެސް ނޫނެވެ.
މީނާ ހޮވުނީވެސް އަޖައިބެއް ކަހަލަ ގޮތަކަށެވެ. ހުޅުމީދޫ ކައުންސިލަރަކަށް ހުޅުދޫ ފަޅިން ކުރިމަތިލީ މީނާ އެކަންޏެވެ. މީދޫ ފަޅިން ސަރުކާރުގެ ތާއީދު ލިބިގެންވީ ދެ މީހަކު ކުރިމަތިލިއެވެ. ދެ ރަށުގެވެސް އެމްޑީޕީ މެންބަރުން ވޯޓު ދިނީ މީނާއަށެވެ. ސަރުކާރަށް ތާއީދުކޮށްގެން ތިބި ކަމުގައިވިޔަސް ހުޅުދޫ އެންމެން ކަހަލަ ގޮތަކަށް ވޯޓު ދިނީ މީނާއަށެވެ. ސަރުކާރަށް ތާއީދުކޮށްގެން ތިބި މީދޫ ރައްޔިތުންގެ ވޯޓު ބެހިގެން ދިޔައީ މީދޫއަށް ނިސްބަތްވި ދެ ކެންޑިޑޭޓުންނަށެވެ. މިހެންވުމުން ވަރަށް ފަސޭހަކަމާއެކު މީނާ ކައުންސިލަރުކަމަށް އިންތިޚާބުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މީދޫ ދާއިރާއޭ ކިޔާ ދާއިރާއެއް ތަމްސީލުކުރަން މީހަކު ހުރެއެވެ. މިދާއިރާއަކީ މީދޫ އާއި މަރަދޫފޭދޫގެ މައްޗަށް އެކުލެވިގެންވާ ދާއިރާއެވެ. މިދާއިރާ ތަމްސީލުކުރަން ހޮވިފައި ހުރީ އެމްޑީޕީއަށް ނިސްބަތްވާ މާލޭ އަންހެނެކެވެ. މީނާ ހޮވިފައިވަނީ ގާތްގަޑަކަށް ތެއްތިރީސް ޕަސަންޓު ވޯޓުންނެވެ. އަނެއް ފަސްދޮޅަސް ހަތް ޕަސެންޓު ބެހިގެން ދިޔައީ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުންގެ މެދުގައެވެ. އެއީ މަރަދޫ ފޭދޫ މީހަކާއި މީދޫ ތިން މީހެކެވެ. އެހެންކަމުން މި ގޮނޑިއަކީ ސަރުކާރުން ގަސްތުގައި ގެއްލުވައިލި ގޮނޑިއެކެވެ.
މީދޫ ދާއިރާ ތަމްސީލުކުރަން ހޮވާފައި ހުރި މީހާއަށް މިދާއިރާގެ މައްސަލަތަކާއި މެދު ވާހަކަ ދައްކާކަށް ވަގުތެއް ނުލިބެއެވެ. އޭނާ ދައްކަނީ މުޅިން އެހެން ވާހަކަތަކެކެވެ. ހިތަދޫ ތަމްސީލުކުރަން ތިބޭ ތިން މެންބަރުންނާއި މަރަދޫ ތަމްސީލުކުރަން ހުންނަ މެންބަރަކީ އެމްޑީޕީ މެންބަރުން ކަމަށް ވިޔަސް އެ މެންބަރުންނަށް ދާއިރާއާ ބެހޭ ވާހަކަ ދައްކަން ވަގުތުވެއެވެ. އެވާހަކަ ދައްކައެވެ. އެކަމަކު މީދޫ ތަމްސީލުކުރަން ހުންނަ މެންބަރަށް ޕާޓީގެ އެންމެ ހަރުކަށި ޚިޔާލުގެ މީހުން ރުއްސައި ސަރުކާރާއި ވިއްދުން ފިޔަވައި އެހެންކަމެއް ނުކުރެވެއެވެ.
މިހެންވުމުން މީދޫގެ ރައްޔިތުންނާއި މީދޫއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ވާހަކަ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގައި ދައްކާނެ އެއްވެސް މީހަކު ނެތެވެ. މިމައްސަލަތަކާއިގެން ސަރުކާރުގެ އިދާރާތަކަށް ހިގާނެ މީހަކު ނެތެވެ. ނަތީޖާއަކަށްވީ ހުރިހާ މާނައެއްގައި މީދޫ ޔަތީމު ވުމެވެ. ކޮންމެ ދުވަހަކު ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މީދޫ ދާއިރާގެ ނަމުގައި ސަރުކާރާއި ވިއްދާފައި ހުންނަ މީހަކު ދައްކާ ވާހަކަތަކާއި ގުޅިގެން ސަރުކާރުގެ މުވައްސަސާތަކަށްވެސް ހީވެފައި އޮންނަނީ އެއީ ހަމަ ހަގީގަތުގައިވެސް ދާއިރާގެ ޚިޔާލާއި ފިކުރު ކަމުގައެވެ. އެހެންހީކޮށް ތަރައްގީގެ މަޝްރޫއުތަކާއި އެބާވަތުގެ ހުރިހާ ކަމަކުން މީދޫ އޮންނަނީ އެކަހެރި ކުރެވިފައެވެ.
އެއްވެސް ބަޔަކު ފާއިތުވި ތަނުގެ ހިސާބުކިތާބަކަށް ނުބަލައެވެ. ކޮންމެ ބަޔަކުވެސް ބަލަނީ މިހާރުގެ ހާލަތެވެ. ރިޔާސީ އިންތިޚާބުގެ ކޮންމެ ބުރެއްގައި އައްޑު އަތޮޅުން ޕީޕީއެމަށް އަގުލަބިއްޔަތު ދިން ހަމައެކަނި ރަށަކީ މީދޫއެވެ. ސިޓީ ކައުންސިލްގެ ގޮނޑި އާއި މަޖިލީހުގެ ގޮނޑި ގެއްލުނީ ރައްޔިތުން ކުރިކަމަކަށްވުރެ ބޮޑަށް ސަރުކާރުގެ އިހުމާލުންނެވެ. މިމަގުން މިކަން ހިގީމާ މަޖިލީހުގައި މީހަކު ދައްކާ ވާހަކަޔަކާއި ގުޅިގެން މީދޫ ދާއިރާގެ ރައްޔިތުންނަށް އަދަބުދޭން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި އެހެން ދާއިރާއެއްގެ މެންބަރުގެ މުށުތެރެއިން ނޫން ގޮތަކަށް މީދޫއަށް ކަމެއް ވެގެން ނުވާނެ ކަމަށް ހީކުރުމުގެ ފުރުސަތެއްވެސް ނެތެވެ.
އެކަމަކު ކަންވަނީ މިގޮތަކަށް ނޫނެވެ. ވަޒީރަކު އަތޮޅަށް އެރިޔަސް މީދޫއަށް ދިއުމެއް މީދޫ ރައްޔިތުންނާ ބައްދަލުކުރުމެއް ނޯވެއެވެ. އެހިސާބަށް ފޯރިޔަސް ފޯރަނީ ޖެހިގެން އޮންނަ ރަށަށް ކުރާ ޒިޔާރަތެއްގެ ތެރެއިން އެރަށުގެ މެންބަރާއި އެކީގައެވެ. އެކަހަލަ ވަޒީރަކަށްވެސް ރިޔާސީ އިންތިޚާބުގައި ވޯޓު ދިޔަގޮތާއި މަޖިލީހުގެ ވޯޓު ދިޔަ ގޮތް މުހިއްމެއް ނޫނެވެ. ބެލެނީ މިހާރު ކައިރީގައި ވާހަކަ ދައްކަން ތިބޭ މީހުންގެ ވާހަކަތަކަށެވެ.
މިވާހަކަ މިލިޔަނީ މީދޫއަށް ކޮންކަމެއް ނުވެގެންތޯ ސުވާލު އުފެދުން އެކަށީގެންވެއެވެ. މީދޫއަކީ މިވަގުތު ރާއްޖޭގެ ރަށްރަށުގެ ތެރެއިން އެންމެ ބޮޑު ނުރަައްކަލެއް ކުރިމަތިވެފައިވާ ރަށެވެ. ރަށުގެ އުތުރުފަރާތާއި އިރުމަތީ ފަރާތް ގިރަމުން ގޮސް ރަށުގެ ތިރި ސަރަހައްދާއި ޗަސްބިމުގެ ތެރެއަށް ލޮނުގަނޑު ވަދެގަތުމުގެ ބިރު ނުހަނު ބޮޑެވެ. ބައެއް ހިސާބުތަކުގައި މިހާރު ވިއްސަކަށް ފޫޓަށް އުސް ހިސާބު ވަނީ ތުނިވެފައެވެ. މިހެން ވެއްޖެނަމަ ރަށުތެރެއަށް ލޮނުގަނޑު ވަދެ ދަނޑު ގޮވާމުގެ ސަރަހައްދާއި ތިރި ހުރިހާތަނެއް ގެއްލިގެން ދާނެއެވެ. އެއީ ރަށުގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބައެވެ. މިހެންވެއްޖެނަމަ އެތައް ސަތޭކަ ބައެއްގެ ގެދޮރާއި ދިރިއުޅުން ގެއްލިގެންދާނެއެވެ.
ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ނަމުގައި މީދޫ އުތުރުފަރާތުގައި ބައި ކިލޯމީޓަރަށް ވުރެ ކުރު އެއްގަމު ތޮއްޓެއް ލެވިފައިވެއެވެ. އެ ތޮށިގަނޑު މިހާރު ވަނީ ހަލާކުވުމާ ކައިރީގައެވެ. ތޮށި ލެވިފައިވަނީ ގިރާ ސަރައްހައްދުގެ ވަރަށް ކުޑަކުޑަ ތަންކޮޅެއްގައެވެ. އެއާ ޚިލާފަށް ޖެހިގެން އޮތް ރަށް ހިމާޔަތް ކުރުމަށް ދެ ކިލޯމީޓަރެއްހާ ދިގު މިނުގައި ތޮއްޓެއް ވަނީ ލެވިފައެވެ. މިއަހަރުވެސް އެރަށުގެ ހިމާޔަތުގައި ބަޖެޓު ލިބިފައިވެއެވެ. އެކަމަކު މީދޫއަކަށް ބަޖެޓެއް ނެތެވެ.
މީދޫ ދަނޑުވެރިންގެ ކޯޕަރޭޓިވްއަކީ މީދޫއަށް އަހަރަކު ހަޔެއްކަ މިލިޔަން ރުފިޔާ ވައްދާ ކޯޕަރޭޓިވް އެކެވެ. އެ ކޯޕަރޭޓިވްގެ އެކްސްކޯއަށް ސަރުކާރުގެ ދެނެގަތުން ނުލިބިގެން ބަޔަކާއި އެކީ ކޮންޓްރެކްޓެއް ނުހެދި އަދި އަމިއްލަ އިމާރާތެއްވެސް ނުހެދި އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވީފަހުން މިހަފުތާގައި އެދެނެގަތުން ލިބުނު ވާހަކަ އަޑު އިވުނެވެ. ޝްންގްރިއްލާ އާއި ހެރެތެރެ ފަދަ ތަންތަނަށް ސަޕްލައި ކުރުމަށް އާ ކޮންޓްރެކްޓެއްވެސް ނުހެދި އެއްވެސް ކަމެއް ނުކުރެވި މީދޫ ދަނޑުވެރިން ގޮތްހުސްވެ ކުރާނެ ކަމެއް ނެތިފައި ތިއްބެއްކަމަކު މަޖިލީސް މެންބަރާއި ކައުންސިލަރަށް ބޮޑު ކަމަކަށް ނުވިއެވެ. އެއިން މީހެއްގެ އަނގައިން މިކަމާމެދު ބޭރުވި ޖުމްލައެއްވެސް ނެތެވެ.
މީދޫ ސްކޫލުގައި ހުރި ޕްރިންސިޕަލް ރިޓަޔަރ ކުރިތާ ހައެއްކަމަސްވީ އިރު އެ ސްކޫލަށް އާ ޕްރިންސިޕަލަކުވެސް ހަމަޖައްސައިދެވުނު ކަމަކަށް ނުވިއެވެ. ދިރާސީ އަހަރު ނިމިގެން ދިޔައީ އަދި އާ ދިރާސީ އަހަރަށް ރޭވުންތައް ރާވަން ޖެހުނީ ޕްރިންސިޕަލަކު ނެތިއެވެ. މިއީ އެތައް ހާސް ރައްޔިތުންނެއް ދިރިއުޅޭ ރަށެއްގެ ބޮޑު ސްކޫލަކާއި ދޭތެރޭ ކަން ހިނގި ގޮތެވެ. ޝަމްސުއްދީނު ސްކޫލުގައި ދަރިވަރަކު ކިޔެވިޔަސް ނުކިޔެވިޔަސް ނަތީޖާއެއް ލިބުނަސް ނުލިބުނަސް ވަރިހަމަ ކަމަށް ބުނާ ކަހަލައެވެ. މިއީ ކައުންސިލަރާއި މަޖިލީސް މެންބަރު ބަލަން ބޭނުންވާ ކަމެއް ނޫނެވެ. އަދި މިކަންކަން ހައްލުކޮށްދިނުމަށް ރަސްމީ އިދާރާތަކުންވެސް ކަމެއް ކުރިތަނެއް ނުފެނެއެވެ.
ޖެހިގެން އޮތް ރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ހޮޅިވަޅުލައި ނިމުނުއިރު މީދޫގައި ހޮޅި ލާން ޖެހޭކަން ދެނަހުރި މީހަކު ނެތެވެ. އިއުލާންކުރި މީހާ އިއުލާންކޮށް ނިންމާލީ ހުޅުމީދޫގައި ހޮޅިވަޅުލައި ނިމިއްޖެ ކަމަށެވެ. ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން ކެނޑިނޭޅި ޖެހިގެން އޮތް ރަށުގެ މަގު އެއްވަރުކޮށް ރީތިކުރާއިރު މީދޫގެ މަގުތަކުގެ ހާލަތުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ހުޅުމީދޫ މަގުތަކުގައި ގާ އަތުރާ ވާހަކަ ދައްކާއިރު ގާއަތުރަނީ ހުޅުދޫގައިތޯ މީދޫގައިތޯ ނޫނީ މިދެރަށުގައި ހަމަހަމަކޮށްތޯ ބަލައިލަން ބޭނުންވާ މީހަކުވެސް ނުހުރެއެވެ. ހައްތާވެސް އަޑު އިވެނީ ވަކި ބަޔަކު ދައްކާ ވާހަކަތަކެވެ.
ވަރަށް ފަހުން ހިގި ކަމެކެވެ. ފިނިކުރި ކުކުޅު ކައިގެން މީދޫގައި ވަރަށް ގިނަބަޔަކު ކާނާ ވިހަވީއެވެ. މިއެންމެނަށް ސިއްހީ މަރުކަޒުން ފަރުވާ ދިންކަމަށް އިވެއެވެ. ސިއްހީ މަރުކަޒާއި ހަވާލުވެގެން ހުންނަނީ ހުޅުދޫ މީހެކެވެ. ދެން މިކަމާއި މެދު މީޑިއާގެ ވަސީލަތްތަކުން މަރުކަޒު ހިންގަން ހުރި މީހާއާ ސުވާލުކުރީމާ އޭނާ ބުނެފައިވަނީ މިއީ ޒާތްޒާތުގެ ކެމިކަލް ބޭނުންކޮށްގެން މީދޫ ދަނޑުވެރިން ތަރުކާރީ އާއި މޭވާ ހައްދާތީ އެތަކެތި ކައިގެން ވިހަވީ ވިހަވުމެއް ކަމުގައެވެ. ހަމަ އެންމެ ބަހަކުން މީދޫގެ ދަނޑުވެރިކަމުގެ ސިނާއަތުގައި އޭނާ އުޅުނީ ބޮޑުތަޅު އަޅުވައި ނިންމައިލުމަށެވެ.
މިމަގުން ކަންކަން ދާން ފެށީމާ ރައްޔިތުންނަށް ދެން މަޑަކުން ނުތިބެވޭނެއެވެ. ތިބެގެންވެސް ނުވާނެއެވެ. އެހެންވެ މީދޫއަށް ނިސްބަތްވާ ރައްޔިތުން އެކައްޗެއް ކިޔައި އެއްގަލަކަށް އަރައި ލޮބީ ގްރޫޕުތައް ހަދައި މީދޫގެ މައްސަލަތަކާއި ބެހޭ މައުލޫމާތު ދައުލަތުގެ އެކިވަރުވަރުގެ ވެރީންގެ ކަންފަތްތަކާއި ހަމައަށް އުފުލުމުގެ މަސައްކަތް މިހާރު ފަށައިފިކަމަށް އިވެއެވެ. މިއީ މީދޫގެ ކަންކަން މީދޫ ރައްޔިތުން އަމިއްލައަށް ނިންމުމުގެ ފެށުމެވެ. ކައުންސިލަރަކީވެސް މަޖިލީސް މެންބަރަކީވެސް އަދި ހުރިހާ އެއްޗަކީވެސް ރައްޔިތު މީހާކަމުގައި ވާހިސާބަށް ދިޔައީމާ ދެން އެނޫންގޮތަކަށް އެކަން އޮވެގެންވެސް ނުވާނެއެވެ. އޮތަދީގެންވެސް ނުވާނެއެވެ. އިތުރަށް ރަށް ބައިބައިކޮށް އިތުރަށް ނިކަމެތިކަންދޭން ބޭނުންވާ މީހުންނަށް ފުރުސަތު ނުލިބޭނީ މިމަގުން ކަންކަން ހިންގައިގެންނެވެ.
މިހާސަރުތައް ނިންމައިލުމުގެ ކުރިން އަދި ވަރަށް މުހިއްމު އެއްވާހަކަ އެބައޮތެވެ. މީދޫއަށް މިވަރުގެ ނިކަމެތިކަމަކާއި ދެރަތަކެއް ލިބި އަދި ލިބެމުންދާއިރު އަތޮޅުގެ އެހެން ރަށްރަށުގެ މީހުންގެ ފަރާތުން ލިބެނީ ކޮންކަހަލަ އެއްބާރުލުމެއްތޯ ބަލައިލާން ޖެހެއެވެ. އެއްބާރުލުން ސުމެކެވެ. އެއްބާރުލުން ލިބޭނަމަ މިހެންވާކަށްވެސް ނުޖެހުނީހެވެ. ގެނބެމުންދާ މީހާގެ ބޮލުގައި ފައިންއަޅައި ކޮއްޕައި އިތުރަށް ގަންބައިލުމުގެ ވިސްނުން ފިޔަވައި އެހެން ވިސްނުމެއް ނެތެވެ.
މިކަމުގެ މިސާލެއް ބުނެލާނަމެވެ. އަތޮޅުގެ ކުރިއެރުމާއި ދުޅަހެޔޮކަމަށް ވަކާލާތުކުރާކަމަށް ދައުވާކުރާ ބަޔަކު ބަހުސްކުރަމުންދާ ވައިބަރ ފޯރަމްތަގައި މީދޫގެ ހާލަތާއި ބެހޭގޮތުން މީހަކު ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެމީހަކު ފޯރަމުން ބޭރުކޮށްލައެވެ. އެކަހަލަ ފޯރަމްތަކުގައި ދައްކަން ޖެހޭނީ އެހެން ރަށްރަށުގެ ވާހަކައެވެ. ސިޔާސީ ވާހަކައެވެ. މުޒާހަރާ ކުރާ ވާހަކައެވެ. މީދޫގެ ހާލަތު އޮތްގޮތުގެ ވާހަކަ އަޑު އަހާކަށް ދެނެގަންނާކަށް ބޭނުމެއް ނެތެވެ. މިކަމުންވެސް އެގެނީ މީދޫގެ ރައްޔިތުން އަމިއްލައަށް އިސްނަގައިގެން އަމިއްލައަށް ކުރާކަމަކުން ނޫނީ މީދޫއަށް ހެވެއް ނެތްކަމެވެ.
ހޮސްޕިޓަލުވެސް ބޭނުމެވެ. ހުރިހާކަމެއްވެސް ބޭނުމެވެ. އެކަމަކު އެންމެ ފުރަތަމަ މީދޫގެ ރައްޔިތުންނަށް ދިރިއުޅުނަ ދޭށެވެ. އެގޮތް ތަނަވަސްކޮށްދޭން އެއްބަސްވާށެވެ. އެކަމަށް އެއްބަސްވާނަމަ މީދޫގެ ރައްޔިތުންނަށް އެމީހުންގެ ވާހަކަ ދެއްކިޔަދޭށެވެ. އެވާހަކަ އަޑުއަހާން ނުރުހެވޭނަމަ ތިޔަ މީހުން ތިޔަދައްކާ ވާހަކަތަކާއި އެއްބައިވެވޭކަށް އަހަރެމެންނަކަށްވެސް ނޯންނާނެއެވެ. އަތްތިލަބަޑި ޖެހޭނީ ދެއަތުންނެވެ. އެއްއަތަކުން ނޫނެވެ.
އަތޮޅުގެ ތަރައްގީއާއި އެނޫން ކަންކަމުގެ ވާހަކަ ދައްކާނަމަ މީދޫގެ ވާހަކަވެސް ދެއްކިޔަދޭށެވެ. ތިމާމެން ބޭނުންވާ ކަމެއް ކުރެވޭގޮތް ނުވާއިރަށް ސަރުކާރާއި ދެކޮޅަށް ތެދުވެގަންނަން ބާރު ހޯދަންވީމާ ކޮންމެހެން މީދޫ މީހުން ތިބިތޯ ބަލަން އުޅުމުގެ ބޭނުމެއް ނެތެވެ. އިހަށްވެސް މީދޫ ރައްޔިތުން ތިބިގޮތް ވޯޓުން ފެންނާނެއެވެ. އިހަށް ތިމީހުން ތިބިގޮތްވެސް ވޯޓުން އެއޮތީ ފެންނާށެވެ. މީދޫ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތިކަމުގައިވެސް އިޚުތިޔާރު މިކުރަނީ ކެތްތެރިކަމާއި މަޑުމައިތިރިކަމެވެ. ކަންކަން ސިޔާސީނުކޮށް މިއުޅެވެނީ ރީތިމަގުން ކަންކަން ކުރެވޭތޯއެވެ. ސަރުކާރާއި އެކީގައި ތިބިކަމަށް ހެދިފައި ހަމަ ބޭނުންވާ ކަމެއް ނުވާއިރަށް ވީދުމަކީ މީދޫ ރައްޔިތުންގެ ސިފައެއް ނޫނެވެ. އެހެންވީމާ ދުރުގައި ކުޅިބަލަން ތިބޭ ބަޔަކަށް އިޚުލާސްތެރިކަން ހުރީ ކޮންބައެއްގެ ކިބައިގައިކަން ފެންނާނެއެވެ.
ފަހުގެ ޚިޔާލުތައް