އައްޑޫ ބަހުން ކުރުވާހަކަ – 3 ބީރިބޮލް އޭއި ނިލަފާ ހަޖާމުކަލޭގެ

އަކުބަރު ރަސްގެފާނާއި އެންމެ އަރިސް ވަޒީރަކީ ބީރިބޮލް ކަމައްވުމުގެ އިތިރައް އޭ ރައްޔިތުންނަސް އެންމެ އަލެއި ހިންނަ ވަޒީރު. ބީރިބޮލްގެ ބުއްދިވެރިކަމާއި ހިއްވަރަ ގަދަކަމައް އެންމެޔާސް އިހުތިރާމް ކެރަތާ. ދުރެ ރައްރަށުނަސް ދަތެރެ ހަދަގެން މީހާ އެތާ ބީރިބޮލް އެކަހައް އެކިކަންކަމި ލަފާ އަހުވާއް. މިލެކައް ބީރިބޮލްގެ މަގުބޫލުކަން އިތިރިވޭއް ފެށިމެއި ހަސަދަލާގެން ހިއްނިބައިކޮއްގެން ވޭޑޭ ބާކިޔާސް ވަޒީރުންގެ އެތެރެ ތިބެތާ. މިވެރިންގެ ކަމަކީ ބީރިބޮލް ހިންނަ ތަންތަނި އެޔައް ސަނާ ކޭފެއި ނިހިންނަ ތަންތަނި އެޔަގެ ދުވަސް ދިއްވަލާއް ރޭވުން.

އަކުބަރު ރަސްގެފާނު ބޯކޮށައި ތިނބިޅި ބާއިދެރެ ހަދާ ހަޖާމުކަލޭގެއަކީ ރަސްގެފާނާއި ވަރައް ގާއް މީހައް. މިވެރިޔަ ހަޖާމުކަލޭގެ އެކަހައްގޮސް ކޭފިޔަ މިވޭޑޭ ބީރިބޮލްއަކާއި ހެދި މިކޯ ދެން ވޭޑެވޭށަސް ނެތިގެޔައު. ވީމެއި އެޔަގެ ދުވަސް ތެބެޖެހެއްޔައު މިޅިން ދިއްވަލާއް. މިކަމި ތިމާފިރިންނާއި ބައިވެގެން މިޔަ މަރައި ދެރެފީފެހޭ ފުރެއި މުދަލާއި ފާއިސާސް ދޭށުމާއު. ފާއިސާގެ އެދުމެ ހަޖާމުކަލޭގެ އުދުރައް އެއްބަސްވެގައް.

ފަހި ދުވެހި ރަސްގެފާނުގެ ތިނބިޅި ބާއިދޭއް ހިށަފެއި ހަޖާމުކަލޭގެ ފަށަގައް ރަސްގެފާނުގެ ބައްޕާގެ މުޅުކަމާއި ފުރިހަމަކަމާއި ދީލަތިކަމުގެ ވާހަކަ. މި ހަޖާމުކަލޭގެއަކީ އަކުބަރު ރަސްގެފާނުގެ ބައްޕާ ދުނިޔެ ހިށިކޯ އެމީހާސް ބޯކޮށައިދެރެ ތިނބިޅި ބާއިދިން މީހާ. މިދެ ކޭފި އަކުބަރު ސާހިބާއު. ބައްޕާ މިކޯ މަރަވެގޭތާން ދެހައިއްތަކައް އަހަރަސް ވެގެޔައު. ސުވަރުގައި ބައްޕާ ވޭޑޭ ނިވޭޑޭލެކަސް ތެބެ ބަލާތައު. އަކުބަރު ރަސްގެފާނު ކޭފި ހަޖާމުކަލޭގެޔައު މީހަކާ ދެން އަންތަރީސް ނިވޭހެއްތައު މަރަވެފެއި ތިބި މީހުން ސުވަރުގައްޔޭއި ނަރަކައި ވޭޑޭނިވޭޑޭ ބަލަނީ ކެހެނަކައްތައު.

ހަޖާމުކަލޭގެ ކޭފި ތޭ އެއްވިޔަސް ކަމައް ނުނާއު. ތިމާ ދެނުމާއު މިޒާތި ކަންކަމައް ވަރައް މުޅު ޖާދޫގަރަކާ. ސާހިބާގެ ބައްޕާ ސުވަރުގައި ވޭޑޭލެއް ބަލައި އެހީތެރިވޭއް ސުވަރުގާއް މީހަކާ ފެނޑުވުމަކީ އެމީހާއް ވަރަށް ފަސޭހަ ކަމަކާއު. އެހެން ފެހެނާސް ސުވަރުގާއް ފެނޑުވާ މީހާ ވޭއްޖެހޭށިޔައު ވަރައް ބުއްދިވެރި ހިކުމައްތެރިޔަކާއް. ޖާދޫގަރަކަލޭގެ އަނގުވާ ހުށިހެއި އެނގުވުންތަކައް އަމަލަކެރާއް އެނގުމާއި އަމެއްލާއް ނިންމުމައް ނިންމާއް ޖެހިގޭފެހޭ އެކަމަސް ވޭވަރަ ބުއްދިވެރި ޒިންމާދާރަ މީހަކާއް ވޭއްޖެހޭށިޔައު. އެކަހަލެއި މީހަކާއް ސާހިބާގެ މިޅި ދަރުބާރުނަސް ތިމާއް ފެނެނީ އެހެކާއު. އޭ ބީރިބޮލް ވަޒީރާއު.

މަރަވެފެއިވޭ ބައްޕާ އެކަހައް ނޯކަރަކާ ފެނޑުވާއްވީލެއް އޮޅުންފެލިމެއި އަކުބަރު ރަސްގެފާނަސް ވީއުފަލުން ކޭފި ތޭ ވަރައް ރަނގަޅަ ކަމަކާއު. އެހެންވީމެއި ބައްޕާ އެކަހައް ބީރިބޮލް ފެނޑުވުމުގެ ހުށިހެއިކަމައް ރާވައި ހަމަޖައްސާއްކެން. ހަޖާމުކަލޭގެ ކޭފި ހާސް ނިވޭއްކެން. ބީރިބޮލް ވަޒީރު ވަރައް އިއްޒަތި އިނދޯލަކައް ލާގެން ނާގެން ރައްބޭރައްގޮސް ދަރަ ފޫނަކި އެތެރައް ލާފެއި ހުޅުޖަހަލީމެއި މިކަން ވީޔައު. ދަރަފުނި އަނދަގަންމެއި ޖާދޫގަރަކަލޭގެ ޒާއްޒާތި މަންތަރާއި އިސްމު ކިޔަވާށިޔައު. އޭ އަލިފާނުން ބީރިބޮލްއައް ގެއްލުމައް ވިޔަނިދިނުމައް ކެރާ ކަމަކާއު. ދެން އަލިފާނުން އަރާ ދުމާއި އެކީ ބީރިބޮލްއަސް ސުވަރުގާއް ގޮސް ނިމިއޭށިއައު. މިލެއް ކިހެއި ފަސޭހަތައު.

ހަމައެދުވެހި ބީރިބޮލް ވަޒީރު ދަރުބާރައް ގިނާސް ރަސްގެފާނު އަނގުވަފި ބައްޕާ އެކަހައް ސުވަރުގާއު އޭއް ތައްޔާރަވޭއްކެން. ބީރިބޮލް ކޭފި ތޭ ހައުދަހައި ބޮނޑަ އިއްޒަތަކާއި ޝަރަފަކާއު. ދުނިޔެ ހިށަގެން މިގިޔެނީ ސުވަރުގާށާއު. ތެވަރަ މުޅު ލެކައް ހޯދައިދިން މީހަކީ ހައުދަހައި ދަރަޖަ އުހުލިގެންވޭ މީހަކާއު. ދަރުމާސް ވޭށިޔައު އޭ ކަންކާތައު. ރަސްގެފާނު ކޭފި މިވަރަ ކަމަކައް ކުފޫ ހަމަވޭ އެހެން މީހަކާ ހިންނަހެއްތައު ތިމާގެ ހަޖާމުކަލޭގެ ފިޔަވައި.

ބީރިބޮލް ކޭފި ހާނ ތިމާ ތައްޔާރާއު. އެކަމަކި ސުވަރުގާއް ކެރާއް ޖެހޭ ދަތެރަކީ ވަރަށް ދިގި ދަތެރަކައް ވޭ ހެދިޔެއި އެތަނި ހިންނައް ޖެހޭ ވަކި މުއްދަތަކަސް އަދި ނިއެނގޭ ހެދި ތެކަމައް ވަރަށް ގިނަ ފާއިސާ ދޭއް ޖެހެއްޔައު. އަދި ތިމާ ނެތި އޭދުވަސްތަކި ގޭ މީހުން ވޭނޑުވާށަސް ޖެހޭށިޔައު. އެހެންވީމެއި އެއްމަސް ދުވަސް ދޭއްކެން ތައްޔާރަވޭއް. ރަސްގެފާނު އުދުރައް ކޭފި ފާއިސާ މިތިބީއައު ޗުއްޓީއަސް ދެރެފިމާއު.

ބީރިބޮލް ވަޒީރު ގެއްގޮސް މިޔަގެ ފަރާތައް ތިބޭ އިތުބާރަ ހިފޭ ދޮޅަހަކައް މީހުން ގިނާސް ކޭފި ރައްބޭރެ ހިންނަ މީހުން އަނދަކެރާ ދަރަ ފޫނެ ފުލުން ފެށިގެން މިގޭއި ހަމާއް ބިންގަރާހައް ތައްޔާރަކޮއްދޭއް ވެގެޔައު. ފުރެއި ފާއިސާ ދިންމެއި މަސް ހަމަނިވޭތިކޮއް މިވެރިޔަ މިކަން ކޮއް ނިންމަލިޔަ. ދަރަ ފުނިޔެއި ބިންގަރާހާއި ދޭތެރެ މިވެރިޔަ ސިއްރު ދޮރަކަސް ބާހިށުވިޔަ. ބީރިބޮލް ސުވަރުގާއް ފެނޑުވާއްވީ ދުވެހި އެތާން ގިނިގޮސް ދަރަފުނިޔެ ވަތި މިޔަ ބާހިށުވައި އެޔާއި މައްތައް ދަރަ އެޑަފެއި ހުޅައް ޖެހުމުގެ ކުރިން އެއްކަލަ ސިއްރު ދޮރުން ވެދެގެން ބިންގަރާސް މަގުން ބީރިބޮލް ވަޒީރު އެޔަގެ ގެއް އެބެގެ.

ފިލަގެން ގޭ ވޭނޑޭތާ ހައެއްކަމަސް ވީކޯ ބީރިބޮލް ވަޒީރު ބޮލަސް ނިކޮށައި ތިނބިޅަސް ނިބާއި ހިށިމެއި ބަލާ މީހަކާއް އޭ ހައްބޯރާއްސަކާއު ހީވޭ ވަރައް އިއްސަށި ދިގިވެގެ. މިވަރައް ދިގިވީމެއި އެބެގެ ރަސްގެފާނުގެ ދަރުބާރައް. އެކޯ އެއްކަލަ ހަސަދަވެރި ވަޒީރުން ތިބީ ބީރިބޮލްގެ ކަންތެތި މިޅިން ނިމިގޭ ކަމައް ޔަގީންކޮއްގެން ވަރައް އުފަލި. ހަޖާމު ކަލޭގެއަށަސް ފުރެއި ފާއިސާ ލިބިގެން އެޔަސް ހިންނެއި އާސްމާނެ. ދަރުބާރައް ބީރިބޮލް ގޭމެއި ރަސްގެފާނު ވަރައް އުފަލުން ހިށެ އަހަފި ކޮބާ ބައްޕާގެ ހާލަ ކެހެނަކައްތައު. ސުވަރުގައި ވޭޑެނީ ވަރައް އަރާމި އުފަލިތައު. ބީރިބޮލް ކޭފި އެއްކެމި ކަމަކުން ނުންފެހޭ އެހެން ހުށިހެއި ކަމަކުނަސް ބައްޕާ ހިށީ ފުދި އިތިރަސް ވެގެނާއު.

އަކުބަރު ރަސްގެފާނު ކޭފި ބަލަ ބީރިބޮލް ވަޒީރާއު. ބައްޕާއް ސުވަރުގައި ނިލިބި ނިވެ އޮތީ ކޮންކަމައްތައު. ބީރިބޮލް ކޭފި. ސާހިބާއު ސުވަރުގައި ނިތިބެއްޔައު ބޯކޮށައި ތިނބިޅި ބާއިދޭއް ދެންނަ ބާކިން. އޭޔައު އެތެއި ދެރަކަމަކައް އޮންނަ ކަމަކީ. ވީމެއި ބައްޕާ ހިންނެއި ތިނބިޅި ނިބާއި ބޮލަސް ނިކޮށައްޔައު. ތިމާސް މިވަރައް ބޮލާއި ތިނބިޅި ދިގިވެފެއި މިހިށީ އެހެންވެގެނާއު. ބައްޕާއް ކަމައް ކޮއްދޭފެހޭ އިހަށަސް ބައްޕާ ތިނބިޅި ބާއިދިން ހަޖާމުކަލޭގެ ސުވަރުގާއް ފެނޑުވާއް ތެބެ އެނގުވިޔައު.

އަކުބަރު ރަސްގެފާނު ކޭފި ހާނ ތެކަމައް ލަހައް ފަހައް އޯގެން ނިވޭށިޔައު. މެހެން ކޭފެއި ހަޖާމުކަލޭގެ އޭއި ޖާދޫގަރަކަލޭގެ ގިނާސް އަނގުވަފި ހަޖާމުކަލޭގެ ހަމަ މިވަގުތެ ބައްޕާ ތިނބިޅި ބާއިދޭށާއި ބޯކޮށައިދޭއް ސުވަރުގާއް ފެނޑުވާއްކެން. ދަރަފޫނެ ވަތައް ހަޖާމުކަލޭގެ ލާފެއި ހުޅައް ޖެހިމެއި އެޔަ ވަގުތުން މަރަވެގެ. ހަޖާމުކަލޭގެއަށަސް އަދި ޖާދޫގަރަށާއި ހަސަދަވެރި ވަޒީރުންނަށަސް ތޭ ބަލަ ހޯޅަކާއު ކޭއް ކުޅަދާނާއްނިވި. އެވެރިން ރޭވި މަޅިއެ އެވެރިން ރިއެތިކޮއް ޖެހި ނިމިގެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!