މާފީށެ ބޮނޑަވަޑަ ހިމާޔަތްކޮށްދިނީތީ ޝުކުރިއްޔާއެވެ.
ހުޅުދޫ މާފިށީގައި ވަރަށް ތާރީޚީ ވަރަށް މުހިއްމު ފެންވަޅެއް ހުރެއެވެ. އެވަޅަކީ ދެވަނަ ބޮޑުހަގުރާމައިގެ ދުވަސްވަރު އިނގިރޭސި ސިފައިން މީދޫ މާއެޅެ ސަރަހައްދުގައި ޑިފެންސް ޕޯސްޓެއް ހަދައިގެން ތިބިތިބުމުގައި ބުއިމަށާއި ފެންވެރުމަށް މީދޫއާއި ހުޅުދޫގައި ގާއިމުކުރި ތިން ވަޅުގެ ތެރެއިން މިހާރު ފެންނާންހުރި ހަމައެކަނި ވަޅެވެ. އަނެއް ދެވަޅުހުރީ މީދޫ މޫސާގެފަންނާއި މާއެޅެ ސަރަހައްދުގައެވެ. އެދެވަޅުގެ އަސަރެއްވެސް މިހާރަކު ނެތެވެ.
މާފިށީގައި ގާއިމުކުރި ވަޅު މިހާރު އެހެރީ މާފިށިން ހުޅުދޫ ރައްޔިތުންނަށް ގޯތިދީ އާބާދުވާން ފަށާފައިވާ ސަރަހައްދުގައެވެ. އެވަޅުގެ މުހިއްމުކަމާއި އެވަޅުގެ ތާރީޚީ ވަނަވަރުގެ މުހިއްމުކަން ހުޅުދޫ ރައްޔިތުން ގަބޫލުކުރާތީ ވަޅު ހިމާޔަތް ކުރުމުގެ މަޝްރޫއެއް ވަނީ ފެށިފައެވެ. އަދި އެވަޅާއި ގާތުގައި ބޮޑުވަޅު ޕާކުގެ ނަމުގައި ޕާކެއް ތަރައްގީ ކުރުމުގެ މަޝްރޫއެއްވެސް ވަނީ ފެށިފައެވެ. މިއީ ތާރީޚަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން އަދި ހުޅުދޫއާއި މީދޫގައި ހުރި ތާރީޚީ ބިންތަކާއި އާސާރުތައް ހިމާޔަތްކުރަން ބާރުއަޅާ މީހެއްގެ ހައިސިއްޔަތުން ހުޅުދޫ ރައްޔިތުންނަށް އަޅުގަނޑު ސާބަސް ރައްދުކުރާ ކަމެކެވެ. ހުޅުދޫ ރައްޔިތުންނަށް އައްސަރިބަހާއި ސާބަހެވެ.
އިނގިރޭސިން މާއެޅެ ސަރަހައްދުގައި ތިބި ބޭނުމާއިމެދު އިހަށް ދެތިން އެއްޗެއް ދަންނަވައިލާނަމެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ހުޅުގަނޑު އޭޝިއާގައި ފެތުރުމުގެ ހަތަރުމަސް ކުރިން 1941ގެ ސެޕްޓެމްބަރ މަހު އިނގިރޭސި ކަނޑުގެ ސިފައިންގެ މަރުކަޒެއް އައްޑުއަތޮޅު ގަމުގައި ގާއިމުކުރިއެވެ. ހަނގުރާމަ ނިމެންދެން މިމަރުކަޒުގެ ނަމަކީ ޕޯރޓް-ޓީ އެވެ. މިއީ ސިންގަޕޫރުގައިވާ ފޯވާޑް ބޭހާއި އެފްރިކާގެ އިރުމަތީގައިވާ ބޭސްތަކާއި ދޭތެރޭ ގާއިމްކުރެވުނު ސަޕޯޓް އެންޑް ކޯޑިނޭޓް މަރުކަޒެކެވެ. މިމަރުކަޒުގެ ގޮފީގެ ގޮތުގައި އަތޮޅުގެ އިތުރު ހަތަރު ޕޮއިންޓެއްގައިވެސް އިނގިރޭސިންގެ ޑިފެންސް ޕޯސްޓްތައް ގާއިމުކުރިއެވެ. އެއީ ހިތަދޫ ކޯއްޓޭ ސަރަހައްދާއި މަރަދޫ ވެންބޮޅަފިށި އަދި ވިލިގިއްޔާއި މީދޫ މާއެޅެ ސަރަހައްދުގައެވެ.
އައްޑޫގައި މިފަދަ ތަންތަން ހެދުމުގެ ސަބަބަކީ ސްޓްރެޓީޖިކް ގޮތުން އައްޑޫ އޮތް ހިސާބަކީ އިންޑިޔާކަނޑުގެ ޝިޕިން ލޭނަށް ވަރަށްވެސް މުހިއްމު ހިސާބަކަށް ވުމެވެ. ހަނގުރާމައިން އިނގިރޭސިން ބަލިވުމާއި ނުވުން ގުޅިފައި އޮތީ އިނގިރޭސިންގެ ސަޕްލައި ދެމެހެއްޓުމާއެވެ. ސަޕްލައި ދެމެހެއްޓެން އޮތީ އިންޑިޔާ ކަނޑުގެ ކޮންޓްރޯލް ދެމެހެއްޓިގެންނެވެ. ޖަޕާނުގެ ލޯތަކަށް ވަރަށްވެސް ސިއްރުން ހިންގަމުން ދިޔަ މިމަރުކަޒަކީ އިނގިރޭސިންގެ އިރުމަތީ އަރުމާޒުގެ އެންމެ މުހިއްމު އެއްމަރުކަޒެވެ.
މިހާ ސިއްރުން މިތަން ހިންގިކަމަށް ވިޔަސް ޖަޕާނަށް މިމައުލޫމާތު ކޮންމެވެސް މިންވަރަކަށް އެނގެއެވެ. އެކަން ޔަގީންވަނީ އައްޑު އަތޮޅު ކައިރީގައި އޮތް އިނގިރޭސިންގެ ތެޔޮ ޓޭންކަރެއް ކަމަށްވާ “ބްރިޓިޝް ލޯޔަލްޓީ” އަށް ހަމަލަދީ ފައްތާލާފައި ވުމެވެ. މީގެ އިތުރުން އައްޑުއަތޮޅާއި ސިލޯނާއި ދެމެދު ދަތުރުކުރި ބައެއް އޮޑިފަހަރު ހިފަހައްޓައި އިނގިރޭސިން ތިބި ތަނާއި ކުރާ ކަންކަމާއިމެދު ސުވާލުކޮށް ހަދާފައިވާތީއެވެ.
އެދުވަސްވަރަކީ ފުޅީގައި ފެން ބަންދުކުރާ ޒަމާނެއް ނޫނެވެ. ވާރޭފެން ނެގޭނެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ޒަމާނެއް ނޫނެވެ. އެހެންވީމާ އިނގިރޭސިންނަށްވެސް މަޖުބޫރުވީ ރަށުން ލިބޭން ހުރި ފެނަށް ބަރޯސާކުރުމަށެވެ. މިގޮތް މަޖުބޫރުވެގެން އިނގިރޭސިންގެ ތަޖުރިބާކާރުން ހުޅުދޫއާއި މީދޫ ސާރވޭކޮށް އެކި ސަރަހައްދުތަކުން ފެންނަގައި ތަހުލީލުކޮށް ބުއިމަށާއި ފެންވެރުމަށް ކަމުދާ ކޮލިޓީގެ ފެން ލިބޭން ހުރިކަމަށް ފެނުނީ ތިން ސަރަހައްދަކުންނެވެ. އެއީ ހުޅުދޫ މާފިށި، މީދޫ މޫސާގެފަންނު އަދި މީދޫ މާއެޅެއެވެ. މި ތިން ސަރަހައްދުގައި ތިންވަޅުކޮނެ އެވަޅުތައް ކޮންކްރީޓުކުރީ އިނގިރޭސިންނެވެ.
އާއްމު ބޭނުންތަކަށް ފެން ނަގަނީ މާއެޅެ ސަރަހައްދުގައި ބެހެއްޓި ވަޅުންނެވެ. އެހެންނަމަވެސް ބުއިމަށާއި ކެއްކުން ފަދަ ކަންކަމަށް ފެން ނަގައި އުޅުނީ މީދޫ މޫސާގެފަންނު ވަޅުންނާއި ހުޅުދޫ މާފިށީގައި ބެހެއްޓި ވަޅުންނެވެ. މިވަޅުވަޅުން ނަގާ ފެން އުފުލަނީ އެކަމަށް ޚާއްސަ ލޯރިއެއްގައެވެ. މިވަޅުވަޅުން ފެން ނަގާފައިވާނީ ގަވާއިދުން ވަޅުތައް ކްލޮރިން ކޮށްގެންނެވެ. ވަޅުތަކުގެ ކައިރިއަށް ލޯރި ދުއްވަނީ ދެރަށުގެ ވަށައިގެން އިނގިރޭސިން ހަދާފައިވާ މަގަކުންނެވެ. އެމަގަށް ކިޔައި އުޅުނީ ލޮރި މަގެވެ. މިމަގަކީ ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމަށްފަހު ޗަސްބިމަށް ފަސްއަޅައިގެން ހަދާފައިވާ މަގެކެވެ. މިމަގު ހެދުނީ މެދުނުކެނޑި ދެމަސް ދުވަހުގެ މަސައްކަތުންނެވެ. މަގު ހެދުމުގައި ރަށުގެ ވަރަށް ގިނަ ބަޔަކު އިނގިރޭސިންނަށް މަސައްކަތް ކޮށްދިނެވެ. މަސައްކަތު ދިޔަ މީހުންނަށް އުޖޫރައެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ދިނީ ކާބޯ ތަކެއްޗެވެ.
ދާދިފަހުން ހެރެތެރެ ރިސޯޓަށް ޒިޔާރަތްކުރި އިނގިރޭސި މުސްކުޅި ދެމަފިރިއަކު އަމިއްލައަށް އެދިގެން މާއެޅެ ސަރަހައްދު ބަލައިލާން ދިޔައެވެ. އެއީ އެތާގައި ބޮޑު ބަޑި ބެހެއްޓި ބަޑިދާނާއި ބިންގަރާސްތަކުގެ ވަޅުތައް ބަލައިލުމަށްޓަކައެވެ. މާފިށީގައި އިނގިރޭސިން ބެހެއްޓި ބޮޑުވަޅު ބަލައިލާން ވެސް ދިޔައެވެ. ފިރިހެން މީހާ ބުނި ގޮތުގައި އޭނާ އަކީ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އިނގިރޭސި އަސްކަރިއްޔާގައި މަސައްކަތްކުރި މީހެކެވެ. ގަމުގެ މަރުކަޒާއި މާއެޅެ ޑިފެންސް ޕޯސްޓްގައިވެސް މަސައްކަތް ކުރިއެވެ. މާފިށީގައި ވަޅު ބެހެއްޓުމުގައި އިސްވެ މަސައްކަތް ކުރީވެސް އޭނާއެވެ.
ކުރީންވެސް ދެންނެވުނުފަދައިން މާފިށީގައި ގާއިމުކުރި ވަޅު މިހާރުވެސް އެހެރީއެވެ. އެއީ ދެވަނަބޮޑުހަނގުރާމައިގެ ނާމާންކަމާއި އައްޑޫގެ އޭރުގެ ތާރީޚު ކިޔައިދޭ އާސާރެކެވެ. އެހެންނަމަވެސް އަނެއް ދެވަޅު ވަނީ ނައްތާލެވިފައެވެ. އިނގިރޭސިން މާއެޅެދޫކޮށް 1945 ގައި ހަމަފޭބުމާއެކު އެދެވަޅު ވަނީ ނައްތާލާފައެވެ. އެކަންކުރީ މީދޫ ރައްޔިތުންނެވެ. މޫސާގެފަންނު މިސްކިތުގެ ހަމަކުރިމަތީގައި ހުރި ވަޅުގެ ކޮންކްރީޓް ރިންގް އުފުރާލައިގެން މީދޫ ވެރިންގެ އެންގުމަށް ގެންދިޔައީ މީދޫ މާމިސްކިތުގެ ކައިރީގައި އަލަށް ކޮނުނު ވަޅަކަށެވެ. ޝަރީފީ ޕްރީސްކޫލުގެ ބޭނުންތަކަށް ފެންބޭނުންކުރުމަށް މިހާރު ހޮޅި ގުޅާފައިވާކަމަށް ބެލެވެނީ އެވަޅާއެވެ. މޫސާގެފަންނު މިސްކިތުގެ ކައިރީގައި އޮރިޖިނަލް ވަޅު ހުރިތަން ޗަސްބިމެއްގެ ގޮތުގައި އޮވެފައި ކޮންމެވެސް މީހަކު އޮޅުއަލަ އިންދައިގެން ގެންގުޅުމަށްފަހު މިހާރު އެއީ މީހެއްގެ ގޯތީގެ ތެރެއަށް އިތުރުކޮށްދެވިފައިވާ ތަންކޮޅެކެވެ.
މާއެޅެ ސަރަހައްދުގައި ހުރި ބޮޑުވަޅުގެ ކޮންކްރީޓް ރިންގް އުފުރާލައި ވަޅަށް ފަސްލައި ފޮރުވުމަށްފަހު ރިންގް ގެންދިޔައީ ކޯގަންނު ގަބުރުސްތާނުގެ ތެރޭގައި ހުންނަ ފަނޑިޔާރު މިސްކިތުގެ ކުރިމަތީގައި އަލަށް ކޮނުނު ވަޅަކަށެވެ. އެ ރިންގު ދާދިފަހަކާހަމަޔަށްވެސް ހުއްޓެވެ. އެކަމަކު ވަރަށް ބޮޑަށް ތެޅި ހަލާކުވެފައިވާ ގޮތެއްގައެވެ.
ދެވަނަ ބޮޑުހަނގުރާމައިގެ އެހެނިހެން އާސާރުތަކަށް ބަލާއިރު ބަޑިދާންތަކާއި ބިންގަރާސްތައްވެސް ވަނީ ހަލާކުވެ ނެތިގެން ގޮސްފައެވެ. މިތަންތަން ހަލާކުވުމުގެ ސަބަބަކީ މީހުންނާއި މޫސުމެވެ. ބަޑިދާންތަކުގައި ހުރި ދަގަނޑުގެ ބޭނުމުގައި ކީހައިގެންނާއި ތަޅާލައިގެން ބައެއް ފަށަލަތައް ވަނީ ނައްތާލައިފައެވެ. ދެން އެ ދެ ބްލޮކްވެސް މިހާރުވީ މޫދުގައެވެ. ބިންގަރާސްތައް ހަލާކުވުމުގެ ސަބަބަކީ މީހުންނެވެ.
ހުޅުދޫގައި 1970ގެ އަހަރުތަކުގެ ތެރޭގައި ބަނދެފައިވާ ބައެއް ބޯޓުފަހަރުގެ އެކި މަސައްކަތްތަކަށް ދަގަނޑު ބޭނުންވެގެން ހުޅުދޫ މީހުން ގޮސް ބިންގަރާސްތަކުގެ ކޮންކްރީޓްގަނޑު ތަޅައިލައި ދަގަނޑު ކީހައިގެން ގެންގޮސްފައިވެއެވެ. އިނގިރޭސިން ގާއިމުކުރި ފޭލިގެ ބުޑުތައްވެސް ނެތިގެން ދިޔައީ ހަމަ މިއުސޫލުންނެވެ. މިހާރު ފެންނަން ހުރި ބިންގަރާހުގެ މަތީބައި ހަލާކުވެގެންދިޔައީ މީދޫ މީހުން އޭގެ މަތީގައި މަސް ފިހުމާއި އެނޫންވެސް ކަންތަކަށް އަލިފާން އެންދުމުގެ ސަބަބުންނެވެ. ދެން ދަގަނޑުގެ ބޭނުމުގައި ކޮންކްރީޓު ތަލާލުމުންނެވެ. މިކަން ކުރަނީ ބައެއްފަހަރު ދޯނިފަހަރުގެ ނަގިލި ތައްޔާރުކުރުމުގެ ގޮތުންނެވެ.
ފަހުގެ ޚިޔާލުތައް