ގާތަކުގެ ތެރެއިން އެންމެ މަޝްހޫރު ބޮނޑޮގަލާގެ ވާހަކަ
ރާފަޅާގެ ވާހަކަ ލިޔެވިއްޖެއެވެ. ބޮނޑޮދޮންވެލިގަނޑުގެ ވާހަކަވެސް ލިޔެވިއްޖެއެވެ. ބައެއް މީހުން އެދެން ފަށައިފިއެވެ. ބޮނޑޮގަލާގެ ވާހަކަވެސް ލިޔެދޭށެވެ. އެހެންވީމާ ބޮނޑޮގަލާގެ ވާހަކަ ލިޔާން ގަސްތުކުރީއެވެ. އަނެއް ދެތަންފަދައިން ބޮނޑޮގަލާއަކީވެސް އިރުމަތީއަވަށުގެ ވިންދާއި ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ. ބޮނޑޮގަލާގެ ފެށުން އޮތީ ނޭގުމުގެ ތެރޭގައެވެ. ފަރުމައްޗަށް އެގާ އެރީ ތޫފާނެއްގެ ތެރޭގައިކަން ނުވަތަ އެހެން ގޮތަކުންކަން އެނގޭނެ އެއްވެސް ގޮތެއްނެތެވެ. އެހެންނަމަވެސް ބޮނޑޮގަލާއާ ގުޅިފައިވާ ފޯކްލޯރެއް އޮވެއެވެ. ވަރަށް ކުރީޒަމާނުން ފެށިގެން މިވާހަކަ އެކިމީހުން ކިޔައި އުޅުނެވެ.
ވަރަށް ކުރީގެ ޒަމާނެއްގައި ފުވައްމުލައް އޮތީ މީދޫއާ ވަރަށް ގާތުގައެވެ. ވެލިފެންނަ ހިސާބުގައެވެ. އެދުވަސްވަރު ހުވަދޫ ވާދޫގައި ހުރި މާވަރުގަދަ ކަންވެރިޔަކު ކިޔެވެލި ކިޔަވައިގެން ކަނޑުފުރޭތައިގެ ލަޝްކަރެއް ޖަމާކޮށް ފުވައްމުލައް ކޮއްޕަމުން ގެނެސް ވާދޫ ކައިރީގައި ބޭއްވުމަށް ނިންމައިފިއެވެ. ފުރޭތައިންގެ ލަޝްކަރު މި މަސައްކަތާއިގެން އުޅުނުރޭ މީދޫ އެދުރު އުމަރު ތަކުރުފާނު ގަޟާހާޖަތަކަށް އަތިރިޔަށް ނިކުންނެވިއިރު ފުވައްމުލައް ފެންނާކަށް ނެތެވެ.
މިވީގޮތެއް ބެއްލެވުމަށް އެދުރުތަކުރުފާނު ޖެއްސެވި ރަމަލަށް ފެނުނީ ވާދޫ ކަންވެރިއެއްގެ އަމުރަށް ކަނޑުފުރޭތައިން ފުވައްމުލައް ކޮއްޕަމުން ވާދޫއާ ގާތަށް ގެންދަނީ ކަމަށެވެ. ދެން އަވަސްއަވަހަށް މިކަން ހުއްޓުވުމަށް މިތަކުރުފާނު މަންތަރެއް ހައްދަވައި ދޫކޮށްލައްވައިފިއެވެ. މިމަންތަރުން ފައިދާވީ ވަރުގަދަ މާރިދެކެވެ. މި މާރިދު ކަނޑުފުރޭތައިންނާ ދިމާލަށް ވަރުގަދަ ބިޔަ ގަލެއް ހޫރައިލީމާ ވަރަށް ގިނަ ފުރޭތައިން މަރުވެއްޖެއެވެ. އެތަނުގައި ހުރި މާވަރުގަދަ ނުލަފާ ފުރޭތަޔަކު ރައްދުގައި ހޫރާލިގައު ޖެހުނީ މީދޫގެ އުތުރުފަރާތު ފަރުމަތީގައެވެ. ބޮނޑޮގަލާގެ ނަމުން މަޝްހޫރުވެފައިވަނީ މިގަލެވެ.
ބޮނޑޮގަލާއަކީ ފަރުމަތީގައި ހުރި އެހެން ގައުގަލަށްވުރެ ބިޔަ ގަލެކެވެ. ގަލުގެ އެންމެ ތިރިން މެދަށްވާގޮތަށް އުތުރުން ދެކުނަށް ހޮހޮޅައެއްގެ ސިފައިގައި އޮއިދެމޭ ޖާގައެއް ހުރެއެވެ. ގައު އެންމެ ފުޅަލީ ހުޅަނގުން އިރަށެވެ. އަށެއްކަ ފޫޓު ހުންނާނެއެވެ. އުސްމިން ހަތަރު ފޫޓެވެ. ގަލުގެ އެންމެ މަތީގައި އިށީދެގެން ތިބެވޭ ގޮތަށް ފުން ކެނޑުމެއް ހުރެއެވެ. ތިން ހަތަރު ކުއްޖަކަށް ތިބެވެއެވެ. ދިޔަވަރު އެންމެ ބޮޑުވާދުވަސްދުވަހުވެސް ގަލުގެ އެންމެ މަތީބައި ފެންނަން ހުރެއެވެ. މިގައު އޮންނަނީ ކޯގަންނު މަގާދިމާލުން ފަރުމަތީގައި ރާޅުބަނޑުދޮށަށްވުރެ ކުޑަކުޑަތަންކޮޅެއް އެތެރޭގައެވެ.
ބޮނޑޮގަލާގެ އިރުމަތީން ދާދިކައިރީގައި އޮންނަނީ ފަކީރާއެޅެ ކިޔާ ކެނޑުމެކެވެ. މިއީ ފުން ކެނޑުމެކެވެ. ދިޔަވަރު އެންމެ ހިކޭ ފަހަރުވެސް ފަކީރާއެޅަށް ފައިބާކުދިން އިސްކޮޅު ނުޖެހެއެވެ. އިރުމަތީއަވަށުގެ ކުދިން މޫދަށް އެރެން އާއްމުކޮށް ދާނީ މިތަނަށެވެ. ފަކީރާއެޅަށް ފޭބުމާއި ބޮނޑޮގަލާއަށް އެރުމަކީ އެކުދިން ވަރަށް ޝައުގުވެރިވާ ކުޅިވަރެކެވެ.
އިރުމަތީއަވަށުގެ ކުދިން ބޮނޑޮގަލާ ކައިރިޔަށް ނިކުންނާނީ އާއްމުގޮތެއްގައި މެންދުރުފަހުއެވެ. މިގޮތަށް ނިކުމެފައި އިރުއޮއްސުމާ ހަމަޔަށްވެސް ތިބެދާނެއެވެ. އެހެންތިބޭ ތިބުމުގައި ހުޅުދޫ މަސްދޯނިފަހަރު ރަށަށްދާ މަގުމަތީގައި ބޮނޑޮގަލާ ކައިރިން ހުރަސްކުރީމާ ދިމާކުރުމުގެ ގޮތުން ހަޅޭލައި ބައެއްފަހަރު ކެޔޮޅުން ރުޅިއަންނަ ޒާތުގެ އެއްޗެހިވެސް ގޮވާނެއެވެ. މަސްނުބޭނި ހުސްއަތާ ދާދުވަސްދުވަހު ދިޔަވަރުބޮޑުވެފައި ރާޅުގެ އަސަރެއް ނެތިއްޔާ ބޮނޑޮގަލާ ކައިރިން ފަރު ހުރަސްކޮށް އެތެރެޔަށްވަދެ މީދޫ ކުދިންނަށް އަނިޔާކުރުމަކީ ވެސް ހުޅުދޫ މަސްދޯނިފަހަރުގެ ފަޅުވެރިން ކޮށްއުޅޭ ކަމެކެވެ. ކުދިވެެރިން ތިބެނީ ކަރުތާފެނުގައި މޫދުގައެވެ. އެހެންވީމާ ބެޗޭނެ ގޮތެއްވެސް ނޯވެއެވެ. ދޯނިފަހަރު އެތެރެއަށްވަދެ ކުދިންގެ ގައިގައި ތަޅައި ހަދަނީ ރިތުންނާއި ފަލިންނެވެ. ފީނައިގެން ކިތަންމެ އަޑިޔަށް ދިޔަޔަކަސް ރިތުގެ ހަމަލައިން ރެކިގަނެވޭކަށް ނޯވެއެވެ.
ބޮނޑޮގަލާގެ ކައިރިން ފަރުން ބޭރުގައި ބައެއްފަހަރު ކަނދުފަތި އެޅުމަކީވެސް އިރުމަތީއަވަށުގެ ކުދީން ކޮށްއުޅޭ ކަމެކެވެ. މިކަނދުފައްޗެއް އަޅަނީ ފުއްޓަރުފަރާތުން ކިރިޔާ އަޑި ފެންނަ ހިސާބު ބޭރުގައެވެ. ދެން ކުރާކަމަކީ ބޮނޑޮގަލާގައި ތިބެފައި ރާޅުތަކުގެ ތެރެއިން ފުއްޓަރު ފަރާތަށް ބޭރަށް ނުކުމެ ފަތާފައި ކަނދުފައްޗަށް ގޮސްފައި އިރުކޮޅަކު އޭގައި ތިބެފައި އަލުން ފަތާފައި ބޮނޑޮގަލާއަށް އަންނަނީއެވެ. މިކަހަލަ ރިސްކީ ކަންތަކަށް ހޭނިފައިތިބޭތީ ބިރުގަތުމުގެ އެއްވެސް އަސަރެއް އެއްވެސް ކުއްޖެއްގެ ކިބައިގައި ނުހުރެއެވެ.
ހުޅުދޫ މަސްދޯނިފަހަރުގެ އުނދަގުލުން ސަލާމަތްވުމުގެ ގޮތުން ގަލުން ހަމަލަދޭން ޕްރެކްޓިސްކުރުންވެސް ބޮނޑޮގަލާ ކައިރީގައި ބައެއްދުވަސްދުވަހު އޮވެއެވެ. ޕްރެކްޓިސް ކުރުން އޮންނަ ގޮތަކީ ރާފަޅާދޮށުން ގޮނޑުދޮށުގައި ތިބެފައި ވީހާވެސް ދުރަށް ގާއުކާން ފަރިތަކުރުމެވެ. ބައެއްކުދިން ގޮނޑުދޮށުގައި ތިބެފައި ބޮނޑޮގަލާއާ ވަރަށް ކައިރިޔަށް ގާއުކާނެއެވެ. އެއީ ގާއުކުމުގެ ތަޖުރިބާ ހުންނަ ކުދިންނެވެ. އެކަހަލަ ކުދިން ތިބޭނީ މުޅޯށިހަދައިގެން އެޔަށް ގާއަޅައިގެން ބޮނޑޮގަލާ ކައިރިޔަށް ނުކުމެއެވެ. އެހެންތިބެފައި ހުޅުދޫ ދޯނިފަހަރުގެ ފަރާތުން ނުކަސިޔާރު ހަރަކާތެއް ފެނިއްޖެނަމަ ގަލުގެ މިސައިލް އޮއްސައިލަނީއެވެ. މިކަމެއް ކުރާނީ ދިޔަވަރުހިކިފައި އޮންނަ ދުވަސްދުވަހުއެވެ. އެކަހަލަ ވަގުތެއް ވިއްޔާ ހުޅުދޫ ދޯނިފަހަރު ބޮނޑޮގަލާ ހުރަސްކުރާނީ ގަލުގެ ހަމަލާ ނުފޯރާ ހިސާބު ބޭރުންނެވެ.
ރާޅުބޮޑު މޫސުމުގައި އިރުމަތީއަވަށުގެ ކުދިން ރާޅާއަޅަން ނިކުންނާނީވެސް ބޮނޑޮގަލާ ކައިރިއަށެވެ. ރާޅާއެޅުން އޮންނަގޮތަކީ ދޮންމަނިކުގެ، ދާޔާގެ، ދޮންފުތާގެ، ދެށިނާގެ މިކަހަލަ އިހުޒަމާނުގެ އަށި ހުންނަ ގޭގޭގެ އަށިން ލުއިލަކުޑީގެ ފިލާ ނައްޓައިގެން އެ ފިލާތަކުގެ މަތީގައި ބަނޑުޖައްސައިގެން ތިބެ ރާޅާއެޅުމެވެ. މާކަބޮޑު ހުނަރެއްނެތަސް އެއީ ހުރިހާކުދީންވެސް ވަރަށް ފޯރީގައި ކުރާކަމެކެވެ.
ބޮނޑޮގަލާގެ ވާހަކަ ދައްކާއިރު ކޮންމެހެންވެސް ހަނދާނަށް ގެންނަންޖެހޭ އެހެން ވާހަކައެއްވެސް އެބައޮތެވެ. އެއީ މަސްމަރާ ބަޑީގެ ވާހަކައެވެ. ބަޑިން މަސްމެރުމަކީ އިރުމަތީއަވަށުގެ ޒުވާނުންގެ ތެރޭގައި ކުރިން ވަރަށް މަގްބޫލު ކުޅިވަރެކެވެ. މަސްމެރުމަށްޓަކައި ދެވައްތަރެއްގެ ބަޑިއެއް ގެންގުޅުނެވެ. އެއްވައްތަރަކީ ވައިބަޑިއެވެ. މިއީ ރާއްޖެއިން ބޭރުން ގެންނަ އެއްޗެކެވެ. އެޒަމާނުގައި މިކަހަލަ ބަޑި ގެންގުޅުން ހުއްދައެވެ. ދެވަނަ ވައްތަރަކީ ރަބަރު ބަޑިއެވެ. މިއީ ރަށުގައި އަމިއްލަޔަށް އުފައްދާ އެއްޗެކެވެ.
ބަޑިން މަސްމެރުން އޮރިޖިނޭޓްވީ ބޮނޑޮގަލާ ކައިރީގައެވެ. ބަޑި ހިފައިގެން މަސްމަރަން ނިކުންނަނީ ބޮނޑޮގަލާ ކައިރިން ފުއްޓަރުފަރާތަށެވެ. އެންމެ ފުރަތަމަ މިކަންކުރީ މާސްކެއް ފިންސެއްވެސް ބޭނުން ނުކޮށެވެ. ތަންކޮޅެއްފަހުން މާސްކާއި ފިންސް ބޭނުންކުރަން ފެށިއެވެ. މިކަމަށް އިރުމަތީއަވަށުގެ ޒުވާނުން ވަރަށް ކުޅަދާނައެވެ. އެމީހުން ފިޔަވައި ރަށުގެ އެހެންބަޔަކު އަދި އަތޮޅުގެ އެހެންބަޔަކުވެސް މިކަމެއް ނުކުރެއެވެ. ނުވަތަ ކުރާކަށް ނުދަނެއެވެ. އިރުމަތީއަވަށުގެ ކުޑަކުދިންވެސް އަމިއްލަޔަށް ކުދިކުދި ރަބަރުބަޑި ހަދައިގެން މަސްމަރައެވެ. އަދި ވާލުގެ އުނދަގުލުން ސަލާމަތްވުމަށްޓަކައި ވާމެރުންވެސް އޮންނަނީ މިކަހަލަ ބަޑިންނެވެ.
ބޮނޑޮގަލާއަކީ އިރެއްގައި ކިތަންމެ ހައިބަތުބޮޑު ބިޔަ ގަލަކަށްވިޔަސް ނުވަދިހައިގެ އަހަރުތަކަށް އަޅައިގަތުމާއެކު ބޮނޑޮގަލާގެ ސައިޒަށް ބަދަލުތަކެއް އަންނާން ފެށިއެވެ. މިކަމަށް މެދުވެރިވި ސަބަބަކީ ގެދޮރު ރޭނުމަށްޓަކައި ތެޅިގަލުގެ ޑިމާންޑް މައްޗަށް ދިޔުމެވެ. އެހެންވެ ޒުވާން ކުދިވެރިން ސިއްރިޔާތުގައި ގާނެގުން އާއްމުވިއެވެ. އަދި ނުނެގޭވަރުގެ ބޮޑެތި ބިޔަގައުގައު ތަޅައި ހިމުންކޮށް އެތިއެތިކޮޅުން ގެންދިއުންވެސް އާއްމުވިއެވެ. ބޮނޑޮގަލާވެސް މި ހަރަކާތުން ސަލާމަތެއް ނުވިއެވެ. ގޮނޑުދޮށުންނާއި ފަޅުތެރެއިން އަދި ފަރުމަތިން ގައުނެގުން މަނާވެ އެޅިގަލުން ގެދޮރު ރޭނުން އާއްމުވިއިރު ބޮނޑޮގަލާ އޮތީ އޭގެ ބޮޑުކަން ގެއްލި އާދައިގެ ބޮޑުމިނުގެ ގަލަކަށް ބަދަލުވެފައެވެ. ދިޔަވަރުބޮޑުވީމާ ބޮނޑޮގަލާ ނުވެސްފެނެއެވެ.
ބޮނޑޮގަލާގެ ގްލޯރީ މިބީދައިން ގެއްލިފައިވަނިކޮށް ދެހާސް ސޯޅަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތޭރަ ވަނަ ދުވަހު ބޮނޑޮގަލާ ކޮންމެވެސް ގޮތަކުން ދެފަޅިވެއްޖެއެވެ. މިކަމެއް ހިނގީ އަހަރެންވެސް ރަށުގައި ހުރި ވަގުތެއްގައެވެ. އަހަރެން އިނީ މެންދުރު ވިޝްޕޮއިންޓުގެ ހަޓެއްގެ ދަށުގައި ކޮފީއެއްގައެވެ. އެހެންއިންދާ ވޮއިސް އޮފް މީދޫ ވެބްސައިޓުގެ އެޑިޓަރު އައިސް ބޮނޑޮގަލާ ދެފަޅިވެފައިވަނިކޮށް ހަމަދެންމެއަކު ފެނިއްޖެޔޭ ބުނެފިއެވެ. ވަގުތަކީ ދިޔަވަރު ބޮޑުނޫން ވަގުތެއްވީމާ އަހަރެން އަވަސްއަވަހަށް ސައިކަލުގައި އެދިމާލަށްގޮސް ގޮނޑުދޮށުގައި ސައިކަލު ބަހައްޓާފައި ހުރިގޮތަށް މޫދަށް ފައިބައިގެންގޮސް ބޮނޑޮގަލާ ކައިރިއަށް ދިޔައީއެވެ. އޭރު ބޮނޑޮގަލާ އޮތީ ދެފަޅިވެފައެވެ. ދެފަޅިވެފައި އޮތީ މެދުންނެވެ.
ތަންކޮޅެއްފަހުން މައުލޫމާތު ލިބުނުގޮތުގައި ބޮނޑޮގަލާ ދެފަޅިވީ އަމިއްލަޔަކަށް ނޫނެވެ. ކޮންމެވެސް ބަޔަކު ގަސްތުގައި ކުރިކަމެކެވެ. އެބައެއްގެ ބޭނުމަކީ ގަލުގެ އެދުމުގައި ބޮނޑޮގަލާ ފަޅިފަޅިކޮށް އެތަނުން ނެގުންކަމަށް ވެދާނެއެވެ. ކޮންމެއަކަސް ބޮނޑޮގަލާ މިހާރުއެވަނީ މާޒީއާއެކުވެފައެވެ. އެގަލާގެ ހައިބަތެއް ބޮޑުކަމެއް ޝަރަފެއް މިހާރަކުނެތެވެ. އަދި ފަހުގެ ކުދީންނަށް މިގަލާގެ ތާރީޚެއްވެސް އެހެން އެއްޗެއްވެސް އެނގުމެއް ނެތެވެ. މިސަބަބަށްޓަކައި ބޮނޑޮގަލާގެ ގްލޯރީއާއި ގުޅިފައިވާ ބައެއް ވާހަކަ ކިޔައިދޭންކަމަށް މިލިޔުން ލިޔުނީއެވެ. މައުލޫމާތުކޮޅެއް ހާސިލުވިކަމަށް ހީކުރަމެވެ.
ފަހުގެ ޚިޔާލުތައް