ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 16

އައިސާދަރި އައިމިނާދައިތައަށް ޖެއްސުން ކުރުން
އައިސާދަރި ދޮންބެއްޔާގެ އައިމިނާދި ނުވަތަ އައިސާދަރި އާމިނާދައިތަ އަކީ ވަރަށް އިލްމުވެރި މުރާލި އަންހެނެކެވެ. އަރަބިބަސް ރަނގަޅަށް ދަނެއެވެ. އަރަބިބަހުން ޅެން ހަދާންވެސް ދަނެއެވެ. ފިގުހު އިލްމާއި ނުޖޫމީ އިލްމުވެސް ދަނެއެވެ. ދޮންބެއްޔާ ނިޔައުވިއިރު އައިސާދަރި ފެންޑާއަކީ މަދަރުސާއެކެވެ. ދޮންބެއްޔާއަށް ފަހު މި މަދަރުސާ ހިންގި މީހަކީ އައިމިނާދައިތައެވެ. އައިމިނާދައިތައޭ ކިޔެއްކަމަކު އޭރު އެއީ ޒުވާނެކެވެ. މީހަކާ ކައިވެނިވެސް ނުކޮށްހުރި އެންމެ ޅަބާޅަ ޒުވާނެކެވެ. ބުރުސޫރަވެސް ރަށުމީހުންނަށް ނިސްބަތްކުރާއިރު ވަރަށްވެސް ފުރިހަމައެވެ.

އައިމިނާދައިތަ ކައިރިއަށް ކިޔަވާންދާ ކުދިންގެ ތެރޭގައި އުމުރުގެ ގޮތުން އޭނާއާ ދާދި ކައިރިކުރާ ބޮޑެތި ފިރިހެންކުދިންވެސް ހިމެނެއެވެ. އެހެންވީމާ އެދުރުދައިތައަކަށްވެގެން ކުދިވެރިންގެ ހިތުތެރޭގައި އޮންނަންޖެހޭ ބިރާއި ލަދު އެއްގޮތަކަށްވެސް ނޯވެއެވެ. ޚާއްސަކޮށް ބޮޑެތި ފިރިހެންކުދިންގެއެވެ. އައިމިނާދައިތަ ކިޔަވައިދޭ މާއްދާތަކުގެ ތެރެއިން މިޒާތުގެ ލާނެތް ފިރިހެންކުދިން އެންމެ ގަޔާވާ މާއްދާއަކީ އަރަބި ބަހެވެ. އަރަބި ބަސް ކިޔަވައިދިނުމުގައި އަރަބި ޅެންވެރިކަން ކިޔަވައިދިނުން ވެސް އޮވެއެވެ. ބައެއްފަހަރަށް އައިމިނާދައިތަ އަމިއްލައަށްވެސް އަރަބި ޅެން ހަދައިގެން ކުދިންނަށް ދަސްކޮށްދެއެވެ.

ޒުވާން ރީތި ހުސްހަށިބައި އެދުރުދައިތައެއްގެ ކައިރިއަށް ފުރާވަރަށް އަރަމުންދާ ޒުވާން ފިރިހެންކުދިން ކިޔަވާން ދާނަމަ ލާނެތްބަސްތަކުން ޖެހުމާއި މިޒާތުގެ ކިތަންމެ ކަމެއް ހިގުމަކީ ތަބައީކަމެކެވެ. މިގޮތުން އައިމިނާދައިތަގެ ޅެންތަކުގެ މާނަ މިކުދިން ބޭނުންގޮތަކަށް ބަދަލުކޮށްގެން ކިޔުމާއި އާއިމިނާދައިތަ މީހަކާ ނީދެ ހުންނަނީ މީގެ ތެރެއިން ކުއްޖަކާ އިންނަންވެގެންނޭ ބުނެ ހަޖޫކިޔުންވެސް އޮވެއެވެ. މިކަމުގައި އެންމެކުރީގައި ތިބެނީ ދެށިނާގެ އަހުމަދުމަނިކުގެ ދޮށީ ދެފިރިހެންދަރިންނެވެ. އެއީ ފެންނާމަނިކުފާނާއި ދެށިނާގެ އިބްރާހިމް ދީދީއެވެ. މީގެ ތެރެއިންވެސް ފެންނާމަނިކުފާނުގެ ތުރާތައް ވަކިންބޮޑެވެ. އެހެންވެގެން އައިމިނާދައިތަ އެންމެފަހުން މިކުލާހަކުން ފެންނާމަނިކުފާނު ވަކިކޮށްފިއެވެ. އޭރު އެއީ ފެންނާމަނިކުފާނެއް ނޫނެވެ. އޭރު އެއީ ދެށިނާގެ މުހުއްމައިދި އެވެ.

ކުލާހުން ވަކިކުރީމާ އިހުނަށްވުރެ ފެންނާމަނިކުފާނުގެ ކަންތައް ބޮޑުވެއްޖެއެވެ. މީނާ ކުރާކަމަކީ އައިމިނާދައިތައަށް ޖެއްސުންކޮށް ހޯއްގޮވަން އެގޭ ދޮށަށް ދިޔުމާއި އައިމިނާދައިތަ ކިޔަވައިދޭ އަރަބި ޅެމުގެ މާނަ ބަދަލުކޮށްގެން ކުޑަކުދިންނަށް ދަސްކޮށްދީ އައިސާދަރަށް ފޮނުވައިގެން މިއަޑު އައިމިނާދައިތައަށް އިއްވުމެވެ. ފެންނާމަނިކުފާނު އުޅެނީ އައިމިނާދަައިތައާ ހިތާވެ ފަހަތުން ނެއްޓޭން ނޭގިގެންނޭ ބުނެވޭވަރަށް މިކުޅިވަރު އޮތެވެ.

އެދުވަސްވަރަކީ ރާއްޖޭގެ ރަސްކަމުގައި ހުންނެވި އިމާދުއްދީން މިސްރުގެ ސުވޭހުން ފެނުނު އަންހެނަކާއި ހިތާވެގެން މިސްރަށް ގޮސް ކައިވެނިކޮށްގެން އެކަރައިގައި އުޅޭން ދިމާކުރީމާ ރަސްކަމުން އަޒުލުކޮށް ޝަމްސުއްދީން ތަޚުތުގައި ބޭންދި ދުވަސްވަރެވެ. ސުވޭހު ކައިވެނީގެ ވާހަކަޔާއި ސުވޭހު އަންހެނުންގެ ރީތިކަމުގެ ވާހަކަ ދިވެހިންގެ ތެރޭގައި ވަރަށް ގަދަޔަށް ދެކެވެމުންދިޔަ ދުވަސްވަރެވެ. އެހެންވެގެން އައިމިނާދައިތައަށް ނިސްބަތްކޮށްފައި އެއީ ސުވޭހު އައިމިނާދި ކަމަށް ވެސް ފެންނާމަނިކުފާނު ދިޔައީ ބުނަމުންނެވެ. ފިރިޔަކު ހޯދަން އައިމިނާދައިތަ ކުރާކަމަކީ ބޮލުގެ ހުޅީގެ ތެރެއަށް ތަވީދުލައިގެން ފިރިހެންކުދިންނަށް ކިޔަވައިދޭން ނުކުންނަނީއޭ ވެސް ބުނެއެވެ.

މިހުރިހާ ހާސަރުތަކެއް އަމުނާފައި އާމިނާދައިތައަށް ދޫނުކުރާންވެގެން ދިވެހިބަހާއި އުރުދޫ އަދި ފާރިސީ ބަސް މަސްހުނިކޮށްގެން ޅެން ހަދައިފައި ވެސް ފޮނުވައެވެ. މިގޮތުން ފެންނާމަނިކުފާނު ފޮނުވި އެންމެ މަޝްހޫރު ޅެމަކީ މިއެވެ.

ޗާންދީ ކޯ ބަނާ ތައުވީޒު
ލަގާ ސިރު ބާލު މިބުނާ ޗީޒު
ކުރާށޭ ޝައުގު ފިރީ ތިލްމީޒު
ސުވޭހުގެ އާމިނާ ދީދީ

އައިމިނާދައިތަގެ އަރަބި ޅެންތަކުގެ މާނަ ބަދަލުކޮށްގެން ކުދީންނަށް ދަސްކޮށްދީ ހެދުމުގެ ތެރޭގައި ތިރީގައިވާ ޅެންވެސް މިލިޔާގޮތަށް މާނަ ބަދަލުކުރިއެވެ. މިއީވެސް ވަރަށް މަޝްހޫރު ވާހަކައެކެވެ. އަރަބި ބަހުގައި ބުނާ އެއްޗަކާއި ފެންނާމަނިކުފާނު މީގެ މާނަކަމަށް ލިޔުނު އެއްޗަކާއި އެއްވެސް ގުޅުމެއް ނެތެވެ. މިޅެމަކީ ހަގީގަތުގައި ދުނިޔޭގެ ޒީނަތްތެރިކަން ލިބިގަތުމަށް މޭކަޕްކުރުމާއި ބެހޭގޮތުން ހެދިފައި އޮތް ޅެމެކެވެ. މީގެ މާނަ ފެންނާމަނިކުފާނު ބަދަލުކޮށްގެން ކިޔާފައިވަނީ މިގޮތަށެވެ.

أَيَا زِيْنَةَ الدُّنْيَا (އަޔާ ޒީނަތައް ދުންޔާ) އޭ ދުނިޔެއިން މޮޔަ ސޮހާއެވެ.
وَ يَا غَايَةَ الْمُنَا (ވަޔާ އާޔަތަލް މުނާ) އޭ ތަންދޮރު ނުދަންނަ ބީތާއެވެ.
فَمَنْ ذَا الَّذِيْ (ފަމަން ޒައްލަޒީ) ފަހެ ކޮން މަރެއް ޖެހެންހެއްޔެވެ.
عَنْ حُسْنِ وَجْهِكَ (އަން ހުސްނި ވަޖްހިކަ) ޅެން ހަދަން ނުދަންނަ ހާލު.
يُبْصِرُوْا (ޔުބްސިރޫ) ޅެން ހަދައި އުޅެނީ.

You may also like...

error: Content is protected !!