ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 5

ދުނބުރިއެއް ދޮންކުރިއަސް ދޮން އަނބަކަށް ނުވާނެއެވެ.
ދުވަސްވަރަކީ އިނގިރޭސީން ދެވަނަ ފަހަރަށް ގަމަށް ފައިބައި އެތަނުގައި ދާއިމީ ސްޓޭޖިން ޕޯސްޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރި ދުވަސްވަރެވެ. އެދުވަސްވަރު ގަމަށް މަސައްކަތު ދިޔަ އައްޑޫ ޒުވާނުންގެ ތެރެއިން ވަރަށް މަދުބަޔަކު އިނގިރޭސީން ހެދުން އަޅައި އުޅޭގޮތް ކޮޕީކޮށްފިއެވެ. ރަށަށް ގޮސް އުޅޭ އުޅުމުގައި ކާކީ ސޯޓުލައިގެން އަވިއައިނު އަޅައިގެން އަދި ބައެއްފަހަރު ތޮފިވެސް އަޅައިގެން އުޅޭން ފަށައިފިއެވެ.

މީދޫގައި އެންމެފުރަތަމަ ކާކީ ސޯޓު ލައިގެން އުޅޭންފެށި ޒުވާނަކީ އަސެއިސާގެ ހަންނާ (ހަސަނާ) އެވެ. މީނާއަކީ ރިހުލާ އާއި ނާޝިދުގެ ބައްޕައެވެ. ވަރަށް ސްޓައިލްގައި އުޅުނު މީހެކެވެ. ހަސަނާގެ ފަރަންޖީ ސްޓައިލް އިސާހިތަކު ފެންނާމަނިކުފާނުގެ ދުރުމިއަށް އަރައިފިއެވެ. މިކަމާ ވަރަށް ހިތާނުވެ ވަރަށް މުނާސަބުގޮތެއްގައި ހަސަނާ ލަދުގަންނަވައިލަންވެސް ބޭނުންވެއްޖެއެވެ. ގަމަށް މަސައްކަތުދާ މީހުންނަށް ކިޔަނީ ލޭބަރުންނެވެ. ލޭބަރުން ދުވާލުގަޑީގައި ރަށުގައި އުޅޭނީ ހުކުރު ދުވަހު އެކަންޏެވެ. އެހެންވީމާ ހަސަނާވެސް ކާކީ ސޯޓުލައިގެން ރަށުތެރޭގައި އުޅެނީ ހުކުރުދުވަސް ދުވަހުއެވެ.

އެދުވަސްވަރު އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ މީހުން މާގިނައެއް ނޫނެވެ. މީދޫގައި އަމްދުން އެފަދަ މީހަކު ނުވެސް އުޅެއެވެ. ހުޅުދޫގައިވެސް ފަރިތަކަމާއެކު އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ ހުންނަނީ އެންމެ މީހެކެވެ. އެމީހަކީ އިބިރިހިމް ބެއްޔާގެ އަހައްމައިދި އެވެ. އިނގިރޭސިން އެކިކަންކަމުގައި ހުޅުދޫ އާއި މީދޫއަށް ދިޔައިމާ ތަރުޖަމާނެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މި އަހައްމައިދި އެވެ. އެހެންވީމާ އެއީ އެދުވަސްވަރުގެ ރަސްމީ ތަރުޖަމާނެވެ. މި އަހައްމައިދި އަކީ ފެންނާމަނިކުފާނުގެ ދެބެންގެ ދަރި މީހެކެވެ. ފެންނާމަނިކުފާނަކީ އެޅެގޭ އިބްރާހިމްދީދީގެ އައިމިނާދިގެ ދަރިއެކެވެ. އަހައްމައިދިއަކީ އެޅެގޭ އިބްރާހިމް ދީދީގެ ހައްވައިދީގެ ދަރިއެކެވެ.

ހުކުރުދުވަހެއްގެ މެންދުރު ކެއުމަށް ބަނޑިހިގެއަށް އައުމުގެ ދައުވަތު ފެންނާމަނިކުފާނުގެ ފަރާތުން އިބިރިހިން ބެއްޔާގެ އަހައްމައިދި އަށް ފޮނުވައިފިއެވެ. މި ދައުވަތު ގަބޫލުކޮށް ހުކުރުން ފައިބައިގެން އަހައްމައިދި ބަނޑިހިގެއަށް ހިގާއްޖެއެވެ. މެންދުރު ކެއުމުން ނިމިގެން ވާހަކަ ދައްކާލަން މީގެ ދެވެރިން ޖައްސައިލީ ބަނޑިހިގޭ ބޭރު ފެންޑާގައެވެ. ފެންނާމަނިކުފާނު އިނީ އޭނާގެ ރަސްމީ އުނދޯލީގައެވެ. އަހައްމަދި އިށީނީ ފެންޑާގައި ހުންނަ ރަސްމީ ބޮޑު ސަރަންފީ ގޮނޑީގައެވެ. މިގޮތަށް ތިބެފައި ފެންނާމަނިކުފާނު އެގޭ ޚާދިމަކަށް ގޮވާފައި ގެނެސް އަސެއިސާގެ ހަސަނާ މިތަނަށް ހާޒިރު ކުރުމަށް އަމުރުކޮށްފިއެވެ. މިމީހަކު އާދޭހޭ ދަންނަވާފައި ހަރުކޮށް ހިގާފައި ހަސަނާ ހޯދަން ހިގާއްޖެއެވެ.

ގިނައިރުތަކެއް ނުވެ ހަސަނާ ހާޒިރުކޮށްފިއެވެ. ހަސަނާ ބޭންދީ ބަނޑިހިގޭ ބޭރު ފެންޑާގައި ހުންނަ ދިގު ގޮނޑީގައެވެ. ފެންނާމަނިކުފާނާއި އަހައްމައިދީގެ ކުރިމަތީގައެވެ. އޭރުވެސް ހަސަނާ އިނީ ކާކީ ސޯޓެއް ލައިގެން ވަރަށް ފަރަންޖީވެފައެވެ. ފެންނާމަނިކުފާނު ހަސަނާގެ މޫނަށާއި ހެދުމަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިފައި މަލާމާތުގެ ހިންޏަކުން ހީފައި އަހައްމައިދި އަށް ބުންޏެވެ. އަހަރެން މިއުޅެނީ މި އިންނެވި ފަރަންޖީ ކަލޭގެފާނާއި ވާހަކަ ދައްކާނެ ގޮތެއް ނޭގިގެންނެވެ. ވާނީވެސް އެހެންތާއެވެ. މަށަކީ ފަރަންޖީ ބަސް ދަންނަ އެބަހުން މޮށެ އުޅޭ މީހަކީމެއް ނޫނެވެ. އެހެންވީމާ މިކަމުގައި އަހައްމައިދީގެ އެހީތެރިކަން އެބަ ބޭނުންވެއެވެ. އަހަރެން މިކުރާ ސުވާލު އޭނާގެ ފަރަންޖީބަހުން އޭނާއަށް އިއްވައި ދޭށެވެ. އަދި އޭނާ ދައްކާ ވާހަކަ އައްޑޫ ބަހުން އަހަރެންނަށް ތަރުޖަމާވެސް ކޮށްދޭންވީ އެވެ.

އަހައްމައިދިވެސް ޒާތަކަށް ހިނިއައިސްފައި އާނއާނ ތިޔަ ކުރަން އުޅޭ ސުވާލަކާއި ދައްކާން އުޅޭ ވާހަކައެއް ދައްކައިބަލާށޭ އަހަރެން ތައްޔާރޭ ބުނެފިއެވެ. ފެންނާމަނިކުފާނު ބުންޏެވެ. މިއިންނެވި ފަރަންޖީ ކަލޭގެފާނު ކުރެން އައްސަވަބައްލަވާށެވެ. ތިޔައީ ފަހެ ވިލާތުގެ ކޮން ބައްރަކުން ވަޑައިގެން އިންނެވި ކޮންނަމެއް ކިޔާ ބެއިކަލެއްތޯއެވެ. އަދިވެސް އައްސަވާށެވެ. މިރަށަށް ވަޑައިގެން ތިޔައުޅުއްވަނީ ކޮން ބޭނުމެއްގައިތޯ އާއި މިރަށަށް އަރާވަޑައިގެންނެވީ ކާކުގެ އިޒުނަޔަކާއި ރުހުން ލިބިގެންތޯއެވެ. ފެންނާމަނިކުފާނު މިދެއްކި ވާހަކަ އިނގިރޭސި ބަހުން އަހައްމައިދި ވަރަށް ފަރިތަކަމާއެކު ހަސަނާއަށް އިއްވައިފިއެވެ. ހަސަނާ އިނީ ހައިރާންވެ އާސޯޚުވެ ބުނާނެ އެއްޗެއް ނޭގިފައެވެ. އިސްދަށަށް ޖަހައިގެން އިރުކޮޅަކު އިނދެފައި ހަސަނާ ބުންޏެވެ. މާފުކުރައްވާށެވެ. އަހައްމައިދި ތިޔަ ވިދާޅުވި އެއްޗެއް ނޭގުނެވެ. އެކަމަކު ފެންނާމަނިކުފާނު ވިދާޅުވި އެއްޗެއް މޭރުން ވެއްޖެއެވެ. ތިމަންމީ ފަރަންޖީއަކީމެއް ނޫނެވެ. މިއީ މިރަށު އަސެއިސާގެ ހަސަނާއެވެ. ތިޔަބޭކަލުންނަށް އެނގިވަޑައިނުގަތީ ދެއްތޯއެވެ.

މިއަޑުއިވިފައި ތެދުވެ އަތްތިލަބަޑި ތަޅައިގެންފައި ފެންނާމަނިކުފާނު ބުންޏެވެ. އަނހާ އަނހާ މިއީ އަދި ފަރަންޖީއެއް ނޫންދޯއޭ މިއީ މިރަށު އަސެއިސާގެ ހަސަނާ ދޯއޭ ކަލާނގެ ކުޅަދުންވަންތަކަން ދެކިބަލާށޭ މިހިރަ ހަސަނާވެސް ފަރަންޖީއަކާ މިހައިރު ހާދަވައްތަރުވެއްޖެއެވެ. ވާނީވެސް އެހެންތާއޭ އުޅެނީ ފަރަންޖީންގެ ކައިރީގައި ވިއްޔާއޭ ރީތީވެސް އެއުރެން އުޅޭގޮތް ވިއްޔާއޭ ލައިގެން އުޅެނީވެސް އެއުރެން ލައި އުޅޭ ޒާތުގެ ތަކެތި ވިއްޔާއޭ ދެން ބަޔަކަށް އޮޅުން ނާރައިފިއްޔާ ދެރަ ދޯ އެވެ. މިމޭރުމަކުން ހަސަނާއަށް މަލާމާތްކޮށް ހޯއްގޮވައި އޭނާއަށް ރޮވެންދެން ހިފަހައްޓައިފިއެެވެ.

އެންމެފަހުން ބުންޏެވެ. ދުނބުރިއެއް ކިތަންމެ ވަރަކަށް ދޮންކުރިއަސް ދޮން އަނބަކަށެއް ނުވާނެއެވެ. މި މީދޫ މީހަކު ކިތަންމެ ވަރަކަށް ހެދުނަސް ދޮން ފަރަންޖީއަކަށެއް ނުވާނެއެވެ. މީނދަ ފެންނަނީ އެކަމުގެ މިސާލެކެވެ. ފަރަންޖީއަކަށްވާ ހިތުން އުޅޭއިރު އެވެރިންގެ ބަސް އެނގެނީކީ ނޫނެވެ. އެވެރިންގެ ހިލްމާއި ހުނަރު ހުރީކީ ނޫނެވެ. ކުރެވޭހާވެސް ކަމަކީ އެވެރިން ގޮނޑަށް އުކާލައިފައި ހުންނަ ސޯޓުބުރި ނަގައި އެތަކެތި ލައިގެން އުޅުމެވެ. އެވަރުން ފަރަންޖީއަކަށްވީޔޯލައެވެ. އޭ މީނދަ ހަސަނާއެވެ. މިތަނުން ފެއްސިގެން ހިނގައިދާށެވެ. އަހުރެން މިރަށުގެ ނާއިބަކަށް ހުރިހާ ދުވަހަކު ތިޔަޒާތަށް މިރަށުގައި އުޅުނަކަ ނުދޭހުށީމެވެ. އަހުރެން ނެތަސް މި ހުކުމް އަހުރެންގެ ދަރީންވެސް ތަންފީޒު ކުރާނެއެވެ.

ކޯގަންނު މިސްކިތުން އަދުނާނު ފައްސައިލުން
ފެންނާމަނިކުފާނު ނިޔާވުމަށް ފަހުވެސް މި ވައުދު ދެމެހެއްޓޭތޯ އޭނާގެ ތިމާގެ މީހުން ދުވަސްކޮޅަކު ވަރަށް މަސައްކަތް ކުރިއެވެ. ފެންނާމަނިކުފާނު ނިޔާވެގެން ކޯގަންނު ގަބުރުސްތާނުގެ މިސްކިތެއްގައި ސާޅީސް ދުވަހު ގުރުއާން ކިޔަވައި ޚަތިމުކުރަން ޖަމާއަތެއްގެ މީހުން ބޭތިއްބިއެވެ. މި ޖަމާއަތުގެ މީހުންގެ މަސައްކަތް ސާޅީސް ދުވަސް ފަހުން ނިމުނީމާ އެވެރިން މިސްކިތުން ބާލަން ޚާއްސަ ރަސްމިއްޔާތެއް އިންތިޒާމު ކުރެވުނެވެ. އެތާކަށް ރަށުގެ ކަމުވޮށިގެންވާ ކުދިބޮޑު ހުރިހާ ފިރިހެނުން ޖަމާވިއެވެ. މިތާކަށް ސުވީޓްޕީވިލާ އަދުނާނު މުހައްމަދު ދީދީ (ޕަޑީ) ދިޔައީ ފަޓުލޫނު ލައިގެން އަތްދިގު ގަމީސް ލައިފައި ދަށަށް ޖަހައިގެން ޓައީވެސް އަޅާފައެވެ. މި ޓައީއަކީ ވެއިޓަރުން އަޅާ ޒާތުގެ ކުރު ޓައިއެކެވެ. އަދުނާނު އެދުވަހު ލައިގެން ހުރި ހެދުމުގެ އެއްވެސް ބަޔަކީ މީދޫގައި އޭރު އާއްމު އެއްޗެއް ނޫނެވެ.

އަދުނާނު ފެނުނީމާ ފެންނާމަނިކުފާނުގެ ކޮއްކޮ ދެށިނާގެ އިބްރާހިމް ދީދީ ރުޅިގަދަވެގެން ބުންޏެވެ. އެހެރަ ފަރަންޖީއަކު ދެކިބަލާށެވެ. އެމީހަކު މިތަނަށް ގެނައީ ކާކުބާވައެވެ. ހަމަ މިހާރު އޭނާ ފައްސައިލާށެވެ. ސާޅީސް ދުވަސްވަންދެން މިކުޅަ ހެޔޮކަމާއި ކުރި ހުރިހާ ސަދަގާތެއްވެސް މިކަލޭގެއާ ހެދި އެވީ ބޭކާރުކަން ޔަގީނެވެ. މި ބަހަށް މާދަރިގޭ އަބްދުﷲ ދީދީ އާއި ފާއިޒުވެސް ތާއީދުކޮށްފިއެވެ. އެވެރިން ބުންޏެވެ. އަދުނާނު އަޅައިގެން އެހެރަ ޓައިއަކީ ނަސާރާ ދީނުގެ ފާދިރީން ބޭނުން ކުރާ ރަމްޒެކެވެ. އެއީ ސަލީބު ޒާތުގެ އެއްޗެކެވެ. އެކަހަލަ ތަކެތި އިސްލާމުންގެ ގަބުރުސްތާނަކަށް ވެއްދުން ހެޔޮނުވާނެއެވެ. މިހެން ކިޔައިފައި މިވެރިން އެންމެން ވެގެން ކޯގަންނު ގަބުރުސްތާނުން އަދުނާނު ފައްސާލައިފިއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!