ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 10

އަޑިބަނޑަކަށް ވުރެ ގެރިބަނޑަކުން ލިބޭ މަންފާ ބޮޑުވާނެ
އެޅެބެއްޔާގެ މުހުއްމައިދި އަކީ ޕްލޭބޯއި ސްޓައިލްގެ މީހެކެވެ. ރަންރިހީގެ މަސައްކަތަށް އޭރު އެއީ ރާއްޖޭން ދެކުނުގެ އެންމެ މޮޅު މީހާއެވެ. މަހަށް ފުރާ ދޯންޏެއް ގެންގުޅުނެވެ. އޮޅުދޫކަރަޔަށް ދަތުރުކުރާ އޮޑިއެއް އޮތެވެ. ރަންރިހީގެ މަސައްކަތަށް މޮޅު މީހެއްވީމާ އަބަދު ކަހަލަ ގޮތަކަށް ކޮންމެވެސް ބޮޑު މަޝްރޫއެއް ނަގައިގެން އެމަސައްކަތެއް ނިންމުމަށް އެދީދީ ހުންނަނީ ރަށުން ބޭރުގައެވެ. ގިނަފަހަރަށް ހުވަދޫ ނުވަތަ ފުވައްމުލަކުގައެވެ. ބައެއްފަހަރަށް މާލެ އާއި އެނޫންވެސް ރަށްރަށުގައެވެ. މިހެން ހުންނަ ހުރުމުގައި އެރަށަކުން މީހުންނާއި އިނދެ ދަރިން ހޯދުންވެސް އޮވެއެވެ.

މުހައްމައިދިގެ ރަށު އަނބިމީހާއަކީ ކަޅިހާރި އައިމިނާދި އެވެ. މުހުއްމައިދި މިހުރިހާ ސަކަރާތެއް ޖަހާއިރުވެސް އައިމިނާދި ހަމަ ދެނަހުރިކަމަށްވެސް ނުހަދާ ރީއްޗަށް ރަށުގައި ހުރެއެވެ. މުހައްމައިދި ރަށުގައި ނެތީވިއްޔާ އޮޑި އޮންނަނީ ފަޅުގައެވެ. މި އޮޑީގެ ނަމަކީ ގެރި ބަނޑާއެވެ. މިއީ ވަރަށް ބޮޑު އަދި ވަރަށްވެސް ވަރުގަދައަށް ބަނދެފައިވާ އޮޑިއެކެވެ. މި އޮޑިއާ މެދު ފެންނާމަނިކުފާނުގެ ހިތުތެރޭގައި ދަހިވެތިކަމެއް ހިގައިފިއެވެ.

އައިމިނާދިގެ ބައްޕައަކީ ދެށިނާގެ އަލިމަނިކުގެ މޫސާމަނިކެވެ. މިހެންކަމުން އައިމިނައިދިއަކީ ފެންނާމަނިކުފާނާ ދެބެންގެ ދަރި މީހެއްގެ ދަރިއެކެވެ. ތިމާގެކަމުގެ މިހައިސިއްޔަތު ކުރިއަށް ނެރެގެން އައިމިނާދި ކައިރިއަށް ފެންނާމަނިކުފާނު ހިގައްޖެއެވެ. ގޮސް ބުންޏެވެ. ބަނޑުއަޑި މުހައްމައިދި އެއުޅޭ ގޮތް އަހަރެންނަށް ހަމައެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. ބަނޑުއަޑި މިނަމަކީ މުހައްމައިދިއަށް ވަނަމަކަށް ކިޔައިއުޅޭ ނަމެކެވެ. މިހާރުވެސް އެވީ ފުވައްމުލަކުގައެވެ. މީހުން ކިޔާތީ އިވެއެވެ. އެރަށުން މީހަކާވެސް އިނދެފިއެވެ. ތިޔައީ އަހަރެމެންގެ ތިމާގެ މީހާއެވެ. އެހެންވީމާ މިއައީ އައިމިނައިދި އާއި ކުދިންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމުގެ ތަދުބީރަކާއިގެންނެވެ.

އައިމިނާދި ބުންޏެވެ. ތިޔަ ތަދުބީރަކީ ފަހެ ކޮބައިހެއްޔެވެ. ފެންނާމަނިކުފާނު ޖަވާބުދިނެވެ. އެތަދުބީރަކީ މިއެވެ. ފަޅުގައި އެއޮތީ ބަނޑުއަޑި މުހައްމައިދިގެ ގެރިބަނޑާ އޮޑިއެވެ. އެ އޮޑި ހަމައެހެން އޮންނަނީ އެވެ. އޮލުދޫކަރަޔަކަށް އަދި އެހެން ކަރަޔަކަށް ދަތުރެއްވެސް ނުކުރެއެވެ. މުހުއްމައިދިގެ ކަމަކީ އެރި ކޮންމެ ރަށަކުން މީހުނާ އިނދެ ނާޗަރަނގީ ކުޅުމެވެ. އެހެންވީމާ ހަދަންވީގޮތަކީ އެއޮޑި ރައްޔިތުންގެ އޮޑިއަކަށް ހަދަން ރުހޭ ބަސް ދޭންވީއެވެ. އޭރުން އަހަރެމެން ކޮންމެ ދަތުރަކަށް ފަހު އައިމިނައިދީއަށް އެދަތުރެއްގެ ޖުމްލަ ނަފާގެ ފަންސަވީސް ޕަސަންޓް ދޭނަމެވެ. މިހެން ހެދީމާ މުހައްމައިދި ރަށަށް އަޔަސް ނަޔަސް އަދި އެއްޗެއް ދިނަސް ނުދިނަސް އައިމިނައިދިއަކަށް ވެސް އަދި ކުއްޖަކަށް ވެސް ދަތިކަމެއް ނުލިބޭނެއެވެ. އަދި ނުވިތާކަށް މުހައްމައިދިއަށް ވެސް ރަނގަޅު ފިލާވަޅެއް އޮންނާނީ ދެވިފައެވެ.

މިޒާތަކަށް ފެންނާމަނިކުފާނު ވާހަކަ ދައްކަން ފެށީމާ އައިމިނައިދި ވެސް މިކަމަށް ރުހޭ ބަސް ދީފިއެވެ. މިބަސް ލިބުނީމާ ފެންނާމަނިކުފާނު ބުންޏެވެ. އަޑިބަނޑަކަށް ވުރެ ގެރިބަނޑަކުން ލިބޭ މަންފާ މާބޮޑުވާނެއެވެ. އެކަން ދާދިއަވަހަށް ފެންނާނެއެވެ.

އެދުވަހަށްފަހު ބަނޑުއަޑި މުހައްމައިދީގެ ގެރިބަނޑާ އޮޑި ބަދަލުވީ ރައްޔިތު އޮޑިއަށެވެ. އޭގެ ވެރިޔަކީ އަދި ހުކުމްގާރަކީ ފެންނާމަނިކުފާނެވެ. އެއިންލިބޭ އެއްޗެއް އައިމިނައިދިއަކަށް ވެސް އަދި ކުއްޖަކަށްވެސް ނުފެނެއެވެ. މުހައްމައިދި ރަށަށް އައިއިރު މިމަގުން ކަންތައް އޮތީ ހިނގައިފައެވެ. އެކަމަކު މަސްލަހަތަށް ބަލާފައި މާބޮޑުކަމަކަށް ނުހަދައި ދޫކޮށްލީއެވެ.

ނިޔަމިކަމުގެ ސާމާނަކީ ގޭގޭގެ މަތިވަޑާން ފަޅުފިލުވާ އެއްޗެއް ނޫން
ގެރިބަނޑާ އަމިއްލަކުރުމަށްފަހު ފުރަތަމަ ދަތުރުގައި އޮޅުދޫ ކަރަޔަށް ފުރާންވީއިރު އޮޑީގައި ނިޔަމިކަމުގެ އެންމެ މުހިއްމު ހަތިޔާރުކަމަށްވާ ނިޔަމިފިލާ އެއް ނެތެވެ. މި ފިލައަކީ އެދުވަސްވަރު ސަމުގާގެ ބަދަލުގައި ބޭނުންކުރާ އެއްޗެކެވެ. އޮޑީގެ މިސްރާބާއި އޮޑި ހުރި ހިސާބު ދެނެގަތުމަށް އޭރު އެންމެ އާއްމުކޮށް ބޭނުންކުރާ އާލާތަކީ މިއެވެ. މި ފިލާ ނެތިގެން ހަދާނެ އެއްޗެއް ނޭގިގެން އުޅެނިކޮށް ކޮންމެވެސް މީހަކު ފެންނާމަނިކުފާނުގެ ކައިރީގައި ބުނެފިއެވެ. ހަސަންކާރި އިބްރާހިމް ދީދީ ގެންގުޅޭ ފިލައެއް ތުނޑާގެ މަތިވަޑާންގަނޑުގައި އޮންނަކަން އަހަރެން ދަންނަމެވެ. އެކަމަކު އިބްރާހިމް ދީދީ މިވަގުތު ރަށަކު ނެތެވެ.

ފެންނާމަނިކުފާނު ބުންޏެވެ. ތިޔަވީ އަދިމާރަނގަޅަށެވެ. އިބްރާހިމްދީދީ ރަށުގައި ނެތްކަން އެއީ ނަސީބެކެވެ. ދޮން އައްލާއެވެ. އަހަރެންނާއެކު ހިނގާށެވެ. މިހެންބުނެފައި ދޮންއައްލާ ގޮވައިގެން ތުނޑާގެއަށް ގޮސް މަތިވަޑާންގަނޑަށް އަރައި ފިލާ ނަގަން އަމުރުކޮށްފިއެވެ. އޭރު ގޭގައި ތިބީ އިބްރާހިމްދީދީގެ ދޮށީދަރި ވަދީފާ އާއި އިބްރާހިމް ދީދީގެ އަނބި މީހާ ބަންދާރަދަޑިގޭ އައިމިނައިދި އެވެ. މިދެމައިން މިކަމަށް ހުރަސް އެޅީމާ ފެންނާމަނިކުފާނު ބުންޏެވެ. ތަންތާ ތިބޭ ރަނޑާލި އަންހެނުންނަކަށް ކަންކަން ކުރާނެ ގޮތާއި ކުރަން ޖެހޭނެ ގޮތެއް ނޭގޭނެއެވެ. ދޮން އައްލާއެވެ. އަވަހަށް އަރައި ފިލާ ނަގާށެވެ. ނިޔަމިކަމުގެ ސާމާނަކީ ގޭގޭގެ މަތިވަޑާން ފަޅުފިލުވާން ހުންނަ އެއްޗެއް ނޫނެވެ. އެތަކެތި ހުންނަންވާނީ އޮޑި އޮޑީގައެވެ. މިއަދަށް ފަހު ތިޔައީ ހަސަންކާރި އިބްރާހިމް ދީދީއާ ބެހޭ ފިލައެއް ނޫނެވެ. ތިޔައީ ރައްޔިތު އޮޑީގެ އެއްޗެކެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!