އައްޑޫ ބަހުން ކުރުވާހަކަ 10 – ގުގުރުފެލާ ރަނިން
ހިތަދޫ ސަދަން ސެކަންޑަރީ އިސްކޯލެ އައުކެޑެ އެތާން ކިޔަވާއްގޭ ކުދިންގެ އެތެރުން ދެ އަންހެން ކޫދަކާމެން އިސްކޯލު ނިންމަލާއި ގެއު އެނީ އަބަދަށަސް މައިލޯ ދަޑި ކަވެރިން ލާފެއި އެކީ. މެހެން އޭކޯ ދަޑި ކަވެރިން ފުރެެއި ގުގުރުފެލާ ފެނެއި. ބައެއް ދުވަސް ދުވަހި ގުގުރުފެލާ ތިބެނީ ހިކިފެއި ސަންދަރޯސްހެން ހަރަވެގޮސް. އެނައްބައި ދުވަހި ތިބެނީ ތެމި މަޑަވެ ލޮނދަވެގޮސް. އައުއަރާ ދުވަސްވަރި ހިކިފެއި ވާރެއި ގަރާ ދުވަސްވަރި ލޮނދަވެފެއި.
މިގޭ ދެކުދިން ގެއު އޭ މަގަމައްތެ މިތަނުން ގުގުރުފެލާ ނާގެން އެކިފަވަރި ބައުބަލައް ޖަހަމުން ސަމާސާ ވާހަކަ ދައްކަމުން އެނީ. މިތަނުން އެއްކޫދަކީ ސެކަންޑަރީ ކޮންމިޔަސް ކިލާހަކި ރިޕީޓު ވީމެއި އެނައް ކޮއްޔާއްވަނި އުމުރު ބޮނޑަ ކޫދައް. ދެކުދިން އެއް ގުރޭޑަކި ތިބިޔަސް އެއްކިލާހައް ނުން. ކޮންމިޔަކަސް މިގޭ ދެކުދިންގެ ރައްޓެހިކަން އޮންނެއި އިސްކޯލުން ގެއު އޭ މަގަމައްތެ ގުގުރުފެލާން ކުޅިވަރަ ކޮޅުމުގައި.
އެދުވަސްވަރި މިގޭ ދެވެރިން ދެވެންނަށަސް ކޭއި ހަދަތާ ތިމާފިރިން މުސްކުޅިވެ ހޮއްޑޮއްޑޯ ވިޔަސް މިދުވަސްމަތިން ދުވަހަށަސް ހަނދާން ނިނެތޭށިޔައު. ތިމާފިރިން މީ ގުގުރުފެލާ ރައްޓެހިންމާއު. ގުގުރުފެލާ ފެނޭކޯ އެހެކާ އެނަހަކާ މަތިން ހަނދާން ވޭށިޔައު. އަދި ގުގުރުފެލާ ފެނިގޭފެހޭ އެނައްމީހާ މަތިން ހަމަ ޔަގީނުނަސް ހަނދާން ވޭށިޔައު.
ސެކަންޑަރީ ނިންމަލާއި މިތަނުން ބޮނޑަ ކޮއްޔާ މާލެ އެބެގެ. ފަހުން މިޅިނަސް ވޭނޑި ހަދަނީ މާލޭ. އެނައް ކޮއްޔާ ވޭނޑެނީ ރަށި. ދިރިއުޅުން އޮންނެއިޔަސް މިޅިން ރަށި. އަހަރަކައް ފަހި އަހަރައް މިލެކައް ފާއިތުވެމުންގޮސް މިގޭ ދެވެންނަސް އެހެކާ މަތިން އެނައްމީހާ ހަނދާން ނެތިގެން އެބެގެ. މިދުވަސްތަކި މާލޭ ވޭނޑޭ ކޮއްޔާ މާލޭ ކޮންމިޔަސް ފިރިހެން ކަލޯއަކާއި އިނދަގެން މިޅިން މާލޭ މީހަކައް ވެގައް. މި ފިރިހެންމީހާ ފަހުން ވެގެ ދައުލަތި ކޮންމިޔަސް މުވައްސަސާކި ވެރިޔަކައް. ދެން މިމަގާމާއި އެކަށީގެންވޭ ގޮތައް ގޭދޮރައް ނޯކަރުން ލާގެން ބޭރުން ބަލާ ބާކިންނައް އެވެރިން އެތިބީ ނިކަން ފޯރާ ވޭނޑުމަކިޔައު ހީވޭ ދިރިއުޅުމަކި ތެބެ ވޭނޑެތާ.
ފޭސްބުކާއި ވައިބަރާއި ޓުވިޓާ ޒަމާން އާސްގެން އެއްކަލަ އިހުގެ ދެ ރައްޓެހިންނައް އެހެކާ އެނަހަކާ ފެނިގެ. ވައިބާއިން މިވެރިޔަ އަލުން ކަތާ ކެރާއް ފަށަގަތާ. މިލެކައް ކަތާ ކެރަމުން ގޮސް ރަށި ވޭނޑޭ ކޮއްޔާ ކޮންމިޔަސް ދުވަހަކި ކޭފި ތިމާފިރިން މީ ގުގުރުފެލާ ރައްޓެހިން ނުންތައު. ދެވެރިން ގުގުރުފެލާ ނާގެން ފަވަރި ބަލައް ޖަހާ ހަނދާން މިކޯ ނިވޭތައު. މާލޭ ވޭނޑޭ ކޮއްޔާ އުދުރު އުދުރައް ކޭފި. ތޭ ތިމާ ދުވަހައް ދިށި އެއްތަކަސް ނުނާއު. މިނުންފެހޭ އަޑަސް ނިއަހަމާއު. ގުގުރުފެލާކީ ކޮންތައްތައު.
މިސުވާލާ އާމެއި ރަށި ވޭނޑޭ ކޮއްޔާ ހައިރާނުން ބައިނާޅި ތެއު ހީގެ. ފަހުން ތެވާހަކަ ތެބެ ދައްކަމާއު ކޭފެއި އޮފްލައިން ވެގައް. މިކޮއްޔާ ހިތައު އެރި. ކުއްޅަވައްފަލި ރަނިން އައު ކީ އަންހެނަކާގެ ވާހަކަ އަޑަ އަހަމާއު. ރަސްކަލަކާއި ކާވެނި ވީމެއި ތިމާ ވެހައި ބޮނޑަވީ ލެކާއި އަދި ކާއިބޯއި ހެދި ލެކުގެ މަތިން ހަނދާން ނިވީ މީހަކާއު ކުއްޅަވައްފަލި ރަނިން އަކީ. މިކޯ މިދިމާވީ އައު ވައްތަރަކި ރަނިން އަކާއްޔައު. މީ ގުގުރުފެލާ ރަނިން އައު. ގުގުރުފެލާކީ ކޮންތައްކަން އެންމެ ފެރެތަމާއް ދަސްކޮއްދިން މީހާ އަދި އުމުރުނަސް ދުވަސްވީ މީހާ މިކޯ ތިމާ އެކުހުން އެ އެހީ އޭ ކޮންތައްތައު. ލޮލުނަސް ދިށި އެއްތަކައް ނިވިޔައު. މިނިވަން މުވައްސަސާކި ވެރިޔަކާގެ އަންހެނުންނައް ވިޔަސް މީދެން ހަކަ ފަލަވަރަ ނުންތައު.
ފަހުގެ ޚިޔާލުތައް