އައްޑޫ ބަހުން ކުރުވާހަކަ 9 – ހުސޭނު އެއި އާބާދީ އެވޯޑު

މައުމޫނުގެ ވެރިކަމި ފަހިކެޑެ ރާއްދެ އާބާދީ އިތިރިވުން ހުއްޓުވާއް ކެޑެ މަސައްކަތި އެތެރުން އެއްކަމަކީ އެންމެ ކުދުކޮއް އާބާދީ އިތިރިވޭ ރައްރައް ބަލަފެއި އެރައްރަށައް އެވޯޑައް ދިނުން. މިޔާއް ކޭނީ އާބާދީ އެވޯޑާއު. މިޔާ ދެނީ އެހެން ރައްރަށި މީހުންނަސް މިޔާ ހޯދާއް ވޭނޑޭހެއް ކަމައް ބަލަގެން ހިއްވަރަ ދޭއް. މެހެން ހެދިމެއި މިޅި ރާއްދެ އާބާދީ ދަށައް އޭހެއް ކަމައް ބަލަގެން. އާބާދީ އެވޯޑާއިއެކީ ދެނީ ސެޓްފިކެޓަކާއި ކުދު ލާރިކެޑައް.

އާބާދީ އެވޯޑު ދިން ޒަމާނި ހުޅުދޫއަށަސް އެއުއަހަރަކި މިޔާ ލިބިގެ. ރޭޑިޔޯ ޓީވީން މިވާހަކަ ކޭއި ނޯސްތަކި މިކަބަރަ ލޭއި ހަދަލިޔަ. މިޔާ ލިބިގޭތާން ދުވަސްކެޑައް ފަހުން އެއްދުވަހަކި ހުޅުދޫ ބަނދަރި ކަވެރިޔެ ތިބަފެއި ކޮންމިޔަސް ބާކިޔަ ކޭފިޔަ މިރަށައް އާބާދީ އެވޯޑަސް ލިބިގެޔައު. ސަރުކާރުން ލާރިކެޑަކަސް ދެރެފިޔައު. އެހެންފެހެނާސް ރައްޔަތުންނައް މިލާރިކެޑާ ބެހާއް ކަތީބު ނިހިނގައްޔައު. މިވަރަ އެވޯޑައް ލިބިފެއި އޮތީ ހުށިހެއި ރައްޔަތުން ކިހެއި ބޮނޑަ ގުރުބާނީއައް ވެގެންތައު. ގާމުނަސް އަމެއްލަ ނަފުސާއި ހަނގަރާމަކޮއް އަމެއްލަ އުހައު ގުރުބާން ނިކެޑެ އެއްތެންނާ މީދެން ވޭވަރަ ކަންތެއްތަކަސް ނުނާއު.

މި އަޑަ އަހާއް މިތެއި ކަނިލާގެން ތެބެހިށެއި ހުސޭނު އައު ކޭ މީހައް. މި ހުސޭނުއަކީ ނިކަން އަނގަ ހަލޫ ބަސްކީކަމައް ކުޅަދާނަ ފިރިހެނައް. މިވެރިޔަ ކޭފިޔަ ހުސޭނު އައު. އޮފީސް ދޮރައް ގޮއްސެލާއްކެން ލާރިކެޑާގެ ކަބަރައް ދަބަރައް ބަލާއް. މެހެން ތިބަގެން ނެއްނުންތައު އެއްތައް ލިބޭއް. އެވިންދާއް ކަތީބު ހެދިއެއްތަކަސް ބަލާއް ތެބެޖެހެއި ނުންތައު. ހުސޭނު ކޭފި ހާނ މިއެނީޔައު. މެހެން ކޭފެއި އޮފީސް ދޮރައް އެބެގެ.

އޮފީހައް ވަންނައް ނިކެރިގެން ދޮރަމައްތެ ދެކެޑައް ކުރުކާލި ކަނޑަކަނޑައި ހުސޭނު ތެބެހިށެއި. މެހެން ހިންނަތާން ފަނަރާހެއި މިނިޓު ފަހުން ކަތީބުއައް މިމަންޒަރަ ފެނިގެ. ފެނިގެން ކޭފި ބަލަ ހުސޭނު އަދަ ކޮން ވަޑާމައްތައު މާ ހަލޫކޮއް ދެކެޑައް ދެކެޑައް ތެ ހިނގަނީ. ހުސޭނު ކޭފި ހާނ ދީޔައު. މިއައި ވަރައް އެހެން ކަހަލެއި ކަމަކާއްޔައު. މިރަށައް އާބާދީ އެވޯޑަކާއި ލާރިކެޑައް ލިބިގެ ނުންތައު. އެވިންދާ ރައްޔަތުންނައް ބެހަނީ ކޮން ކަލެކިތޯ ބަލާއްވެގެނާއު މިއައި. ކަތީބު ކޭފި. ތެ އެވޯޑަކާއި ލާރިކެޑައް އޮތީ ލިބިފެއްޔައު. މިރަށަކީ ތިން ހަތަރަ ހާސް މީހުން ވޭނޑޭ ރަށަކައް ވެފައި ސަރުކާރުން ދިން ދޭއްތަކައް ހާސް ރުފިޔާ އެންމެންނައް ބެހިމެއި އެޔާ ޖެހެނީ ކޮންތާކިތައު. މީހަކާއް ބައިރުފިޔާ މަގުން ދިންމެއި ދެން ކިހެއި ޖޯކު ވޭހެއްތައު.

ހުސޭނު ގައި ކުލަވަރަ ބަދަލަވީތާން ބަލާއް ހިށަފެއި ކަތީބު ކޭފި. ތެކަހަލެއި ކަންތެތި އޮންނަ ލެހަކީ ރަށި ތަރައްގީއައް ހިނގުވާ ކޮންމިޔަސް މަޝްރޫއަކި އެތެރުން އެކަހަލެއި ލާރިކެޑެކެޑެ ޚަރަދު ކެރަނީޔައު. އާބާދީ ލާރިކެޑާސް ތެބިހިށާއު ރަށި އޮފީހެ އެކައުންޓަކި ޖަމާވެފެއި. ވީމެއި ދެން އެންމެ އަވަހައް ހިނގުވާ މަޝްރޫއަކި އެތެރުން އެވިންދާ ހުސްކޮއްލާށުމާއު. ރައްޔިތުންނައް ބައިރުފިޔާ މަގުން ބެހާ ލެހަކައް ނުނާއު މިވިސްނަނީ.

ހުސޭނު ރިޑިއަރަގެން ކޭފި. ހާނ އެހެން ދީޔައު. ދެން ބަލާއް ދުވަހައް އާބާދީ އެވޯޑު ހޯދަފެލާއްކެން. ލާހިކަ ހައްދައް ނުނާއު ދެން މިރަށި އާބާދީ ކޮންޓްރޯލް ކެރާއް. ރައްޔަތުން މެހެއި ބޮނޑަ ގުރުބާނީއައް ވެގެން ހޯދި ލާރިކެޑާން ލޯލާރިޔަކަސް ތެހިނގަނީ އެހެން މީހަކާއް ނިދޭއް ނުންތައު. ވީމެއި ރިވެތިން ހަދައި ދޭށުމާއު. ގޭދޮރައް މިއޭލެކައް ގޮސް އަންހެނުން ބަނޑަދަށައް ވަންނަލެކައް މިރެއި ފަތުސްވިޔަސް މީހަކާ ދުރައް ނިވޭށިޔައު. އެހެން ހަދަގެން ދެން އާބާދީ އިތިރިވޭ ހަލޫކަން ދައްކާށުމާއު. ދެން ބޯކޮއް އާބާދީ އެވޯޑު ހޯދަފެލާއްކެން. ވީކެހިޔައު.

 

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!