އައްޑޫ ބަހުން ކުރުވާހަކަ – 1 ބީރިބޮލް އޭއި ތިން ސުވާލަ

ބީރިބޮލް ވަޒީރަކީ އަކުބަރު ރަސްގެފާނާއި އެންމެ އަރިސް ވަޒީރު. މެހެން މިކަންއޮންމެއި ވަރައް ރިޑިއަރަގެން ހަސަދަ ލާގެން ވެޑޭ ވަޒީރަކަސް ހިށެއި. މިވަޒީރު އެދިއެދި ހިށީ ބޮނޑަވަޒީރު ކަމައް. މިކަން ނިވެގެން ހިނގަނީ އެމަގާމި ބީރިބޮލް ވަޒީރު ހިށިމެއި.

އެއްދުވަހަކި ހަސަދަވެރި ވަޒީރަސް ހިށިވޭލެއި ނިކަން ދިގިކޮއް ބީރިބޮލް ވަޒީރައް އަކުބަރު ރަސްގެފާނު ތައުރީފު ކޮއްލި. މިކަމާއި ކުރިނައްވަނި ބޮނޑައް ރިޑިއަރަގެން މިވަޒީރު ކޭފި ބަލަ ރަސްގެފާނާއު ތޭ ނިހައްގުން ވެވޭ ތައުރީފަކާއު. ތިމާ މިކެރާ ތިން ސުވާލާކި ޖަވާބު ބީރިބޮލް ދެރެފީފެހޭ ތޭ ހައްގު ތައުރީފު ކަމައް ތިމާސް ގަބޫލުކޮއްގަންނަށުމާއު. އެނުންފެހޭ ތޭ ހަމަ ހުސްދޮގާއު.

އަކުބަރު ރަސްގެފާނަސް ހިންނެއި ބީރިބޮލް ވަޒީރު އިމްތިހާނުކޮއް އެޔަގެ ބުއްދިވެރިކަން އިތިރައް ޔަގީން ކެޑުމައް ކެއް މަދަވެފެއިކަމުން އުދުރައް މިކަމައް އެއްބަސްވެގައް. ދެން ކޭފި ބީރިބޮލް އައު މިހިށި ވަޒީރު ކެރާއް އެހިނގާ ސުވާލަތަކައް ހެއު ޖަވާބަ ދޭއްކެން. ނިދީގޭފެހޭ ބޮނޑަވަޒީރުކަމުން އިސްތިއުފާސް ދޭއް ޖެހޭށިޔައު. ބީރިބޮލް ކޭފި ހާނ ތެކަމައް ތައްޔާރާއު.

ހަސަދަވެރި ވަޒީރު ކެޑެ ފެރަތަމަ ސުވާލާކީ އުޑެ ހިންނައި ކިތެއް ތަރިތައު. ދެވަނަ ސުވާލާކީ ދުނިޔޭގެ މެދަކީ ކޮބާތައު. ތިންވަނަ އަދި ފަހި ސުވާލާކީ މިވަގުތެ ދުނިޔެ ތިބީ ކިތެއް އަންހެނުންނާއި ފިރިހެނުންތައު.

ސުވާލަތައް އަޑަ އަހާއް ހިށަފެއި ބީރިބޮލް މިތާން ބަގިނައި ފުރެއި ކެހެރި ތިބި ބަކަރިއައް. މިޔާ ގިނާސް ކޭފި އުޑެ ތަރިތިބީ މިޔާގައި ކެހެރި ތިބިވަރަށާއު. ވިޔަކޮއް ބެލުމަކީ ވަޒީރުގެ ކަމަކާއު. ކެރޭފެހޭ ވިޔަކެރާއްކެން. ދެން މިތެއި ބިމެ ދެތިން ރޮނގައް ކުރަހަފެއި އޭނެ ރޮނގަކި މެދައް ކަށާއް ޖަހަފެއި ކޭފި ދުނިޔޭގެ މެދަކީ މީޔައު. މިން އެޑައި ބަލައި މީގެ ދޮގަތެދެ ސާބިތުކޮއް ދިނުމަކީ ވަޒީރުގެ ކަމަކާއު. ކެރޭފެހޭ ކެރާއްކެން. ދެން ދުނިޔެ އަންހެނުންނާއި ފިރިހެނުން ތިބި ވަރަ ބެލުމަކީ މިވަގުތެ ފަސޭހަ ކަމައް ނުނާއު. އެހެން ދިމާވެގެން ހިނގަނީ މިހިށި ވަޒީރު ކަހަލެއި ވަކި ޖިންސައް ކަށަވަރަ ނިވޭ މީހުންނަސް ތިބޭ ހެދިޔައު. މި ވަޒީރު މަރަފީފެހޭ އަދަދު ވަގުތުން ހޯދިޔޭށިޔައު.

މި ޖަވާބު ބީރިބޮލް ދިންމެއި އަކުބަރު ރަސްގެފާނު އިހައިފެޑިގެން ކޭފި ހަމަ ސާބަހާއު. ތޭ ހުސް ތެދާއު. މެހެން ކޭފެއި ހަސަދަވެރި ވަޒީރު މަގާމުން ވަކިކޮއްފެއި ދަރުބާރުނަސް ފަހަލިޔަ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *