އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 1

ފަށައިގަތުން
ދުވަސްވަރަކީ އިސްލާމީ ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔާ އަބްދުލްގާދިރު ޖީލާނީ އިރާގުގެ ބައުދާދުގައި ދީން ކިޔަވައިދެއްވި ދުވަސްވަރެވެ. މީނާއަކީ އިސްލާމީ ދުނިޔޭގައި މަޝްހޫރުވެގެންދިޔަ ސޫފީ ހަރަކާތް ނުވަތަ ގާދިރީ ތަރީގާގެ ބާނީއެވެ. އެދުވަސްވަރު ބައުދާދުގައި މިކަލޭގެފާނަށް އެހީތެރިވި މީހުންގެ ތެރޭގައި ޔަމަނުގެ ހަޒުރަމައުތަށް ނިސްބަތްވި ސުލައިމާން ހަޒްރަމީ އާއި އޭނާގެ ދަރިކަލުން މުހައްމަދު ހިމެނިގެންވިއެވެ. މި މުހައްމަދުގެ މަންމަގެ ރަށް އޮމާނުގެ ސޫރަށް ނިސްބަތްކޮށް އޭނާއަށް ސޫރީއޭ ކިޔައެވެ. ސުލައިމާން ހަޒްރަމީ ދާދި ޒުވާން އުމުރުގައި ވިޔަފާރިކަމު ރަށުން ނިކުމެގެން އުޅުމުގެ ތެރޭގައި މީހަކާއި އިނދެވުނީ އޮމާނުގެ ސޫރުންނެވެ. އެރަށުގައި ސުލައިމާން ހަޒްރަމީއަށް ލިބުނު ކުއްޖަކީ މުހައްމަދެވެ. މީނާގެ އުމުރުން ސާދަ ވަރަކަށް އަހަރުގެ ތެރޭގައި މިދެބަފައިން ދަތުރުކޮށްފައި ދިޔައީ ބައުދާދަށެވެ.

މުހައްމަދުގެ އުމުރުން ނަވާރަ ވަރަކަށް އަހަރުގެ ތެރޭގައި ބައުދާދުގެ އަންހެނަކާއި އިނދެގެން ލިބުނު ކުއްޖަކީ އީސާއެވެ. މީނާ ބޮޑުވެގެން އައި ދުވަސްވަރަކީ އަބްދުލްގާދިރު ޖީލާނީ ފާރިސްކަރައިން ބައުދާދަށް ވަޑައިގެންނެވި ދުވަސްވަރެވެ. އެހެންކަމާއެކު އަބްދުލްގާދިރު ޖީލާނީ ވެވަޑައިގެންނެވީ މި އާއިލާގެ ރަހުމަތްތެރިއެއް ކަމުގައެވެ. އޭރު ސުލައިމާން ހަޒްރަމީ ވަނީ ފުދޭވަރެއްގެ ބޮޑު ވިޔަފާރިއެއް ފަށައިފައެވެ.

ސުލައިމާނު ހަޒްރަމީ ބައުދާދުގައި ހުރެގެން ގަލްފުގެ އައްސޭރިއަށާއި ހަޒްރަމައުތަށް ވިޔަފާރި ގާފިލާ ފޮނުވަނީ ދަރިކަލުން މުހައްމަދާއި ކާފަ ދަރިކަލުން އީސާގެ ހަވާލުގައެވެ. މިހެން ދިޔަ ދަތުރެއްގައި އީސާ ވަނީ ސުލައިމާނުގެ ގާތްތިމާގެ މީހުންގެ ތެރެއިން އަންހެން ކުއްޖަކާއި އިނދެގެން ބައުދާދަށް ގެންގޮސްފައެވެ. މިކައިވެންޏަށް މާގިނަދުވަސްތަކެއް ނުވެ އީސާއަށް ފިރިހެން ކުއްޖަކު ލިބުނެވެ. އެއީ ޔޫސުފް ބިން އީސާއެވެ.

ޔޫސުފް ބިން އީސާ ބޮޑުވަމުން އައި ދުވަސްވަރަކީ ސޫފީ ގާދިރީ ތަރީގާގެ ބިންގައު އަބްދުލްގާދިރު ޖީލާނީ އަޅުއްވަމުން ގެންދެވި ދުވަސްވަރެވެ. އާއިލާގެ ގާތް މީހަކަށްވާތީ ޔޫސުފް ހޭފުޅުލެއްވެމުން ވަޑައިގެންނެވީ އަބްދުލްގާދިރު ޖީލާނީގެ މަދަރުސާގައެވެ. އަބްދުލްގާދިރު ޖީލާނީގެ ފިކުރުތަައް މިއާއިލާގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް ބަލައިގަނެވިފައެވެ. އެހެންކަމުން އަބްދުލްގާދިރު ޖީލާނީ ފުޅާގޮތެއްގައި ގާދިރީ ތަރީގާ ފެއްޓެވިއިރުވެސް މި އާއިލާ އޮތީ އެކަލޭގެފާނުގެ ދަރުސްތަކަށް ތަބާވެގެންނެވެ. މިއަށްފަހު މިއާއިލާގެ ކޮންމެ ފަރުދެއްގެ ނަން ގާދިރީ އަށް ނިސްބަތްކުރާން ފެށުނެވެ.

ޔޫސުފުގެ އުމުރުން ބާރަ ތޭރަ އަހަރުގައި މުނިކާފަ ސުލައިމާން ގާދިރީ ނިޔާ ވެއްޖެއެވެ. އޭރު ޔޫސުފު ހިމެނިފައިވަނީ އަބްދުލްގާދިރު ޖީލާނީގެ ދަރިވަރުންގެ ތެރޭގައެވެ. އުމުރުން ސަތާރަ ވަރަކަށް އަހަރުގައި އަބްދުލްގާދިރު ޖީލާނީގެ އަރިހުން އިޒުނަ ލިބިގެން ޔޫސުފު ވަޑައިގަތީ އޮމާނާއި ޔަމަނުގައި ގާދިރީ ތަރީގާގެ ދަރުސް ދެއްވުމަށެވެ. މިގޮތުން ހަޒްރަމައުތުގައި ހުންނަވައިގެން ކަނޑި ލޮންސީގެ ހެވިކަމާއި ބަނޑުމުސާރައިގެ ހުނަރުތައް ރަގަޅަށް ދަސްކުރެއްވިއެވެ.

ދުވަސްވަރަކީ ދެކުނު އޭޝިޔާ އާއި ދެކުނު އިރުމަތީ އޭޝިޔާގައި އިސްލާމްދީން ފެތުރުމަށްޓަކައި ހަޒްރަމައުތުންނާއި އެނޫންވެސް ތަންތަނުގެ އަރަބީން އޭޝިއާގެ އިރުމަތީ ބިތަށް ދަތުރުކުރުން ގިނަ ދުވަސްވަރެކެވެ. ޔޫސުފު ގާދިރީގެ އުމުރުން ވިއްސަކަށް އަހަރުގައި އަސޭކަރައިގައި ގާދިރީ ތަރީގާގެ ދަރުސް ދިނުމާއި ދީން ދަސްކޮށްދިނުމުގެ ވިސްނުމެއްގައި ހަޒްރުމައުތުގެ މުކައްލާއިން ފުރި ނަވެއްގައި ޔޫސުފު ގާދިރީ ފުރާވަޑައިގެންފިއެވެ. މިކަމެއް ހިގީ މީލާދީން 1125 ގައެވެ.

ޔޫސުފު ގާދިރީ މީދޫއަށް ލެއްގުން
އައްޑޫ މީދޫއަކީ ރާއްޖޭގެ ދެކުނުގައި އެންމެ ފުރަތަމަ އިސްލާމް ދީނުގެ ހިދާޔަތު ގަބޫލު ކުރި ރަށެވެ. މިއީ ލިޔެވިފައިވާ ތާރީޚާއި ނުލިޔެވޭ ތާރީޚަށް ބުރަވާއިރު ސާބިތުވާ ހަގީގަތެކެވެ.

މީދޫއަށް އިސްލާމްދީނުގެ މަތިވެރި ނޫރު ގެންނެވި ބޭކަލަކީ އައްޝައިޚުލް ޢާލިމް ޔޫސުފް ގާދިރީއެވެ. އެއީ މީލާދީ ސަނަތުން 1125 ވަނަ އަހަރެވެ. މީގެ ގާތްގަޑަކަށް 900 އަހަރު ކުރިއެވެ. ރާއްޖޭގެ ދެކުނުގައި މިކަލޭގެފާނު މަޝްހޫރުވެގެން ވަނީ ޔޫސުފު ނާއިބުގެ ނަމުންނެވެ. މިކަލޭގެފާނުގެ ޒިޔާރަތް ހުރީ މީދޫގައެވެ. އައްޑު އަތޮޅު މީދޫއަށް މިކަލޭގެފާނު ވަޑައިގެންނެވިއިރުވެސް އެރަށުގައި މީހުން ދިރި އުޅޭތާ އެއްހާސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވެއެވެ.

އަލްއިސްލާހު ނޫހުގައި ހުސައިން ސަލާހުއްދީން ލިޔުއްވާފައި ވަނީ މިފަދައިންނެވެ. އައްޑޫ މީހުން އިސްލާމްވީ މާލެ އިސްލާމްވުމާއި ދާދި ގާތުގައި އެ އަތޮޅަށް ފިލައެއްގެ މަތީގައި ލެއްގި ބެއިކަލެއްގެ އަތްޕުޅު މައްޗަށެވެ. އެބެއިކަލެއްގެ ނަމަކީ ޔޫސުފު ނާއިބެވެ. ނަސަބާއި ހަސަބު ވެސް އެރަށު މީހުން ކިޔައި އުޅެއެވެ. މި ޔޫސުފު ނާއިބު ފަސްދާނު ލެވިގެންވަނީ މީދޫ ކޯގަންނު މެދުޒިޔާރަތުގައެވެ.

ސަލާހުއްދީނު ލިޔުއްވާފައިވާ ފަދައިން ޔޫސުފު ގާދިރީ މީދޫއަށް ލެއްގީއެވެ. ދަތުރު ކުރެއްވި ނައު ކޮންމެވެސް ގޮތެއްވެގެން އަރަގު ވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިއީ ހަޒްރަމައުތުން ފުރައިގެން އަސޭކަރައަށް ދަތުރު ކުރި ނަވެކެވެ. މިކަމެއް ދިމާވިއިރު ޔޫސުފު ގާދިރީ އަކީ އުމުރުން ވިއްސަކަށް އަހަރުގެ ޒުވާނެކެވެ. ނައު އަރަގުވީމާ ފިލައެއްގެ މަތީގައި އޮންނަވަނިކޮށް މީދޫއަށް ލެއްގީއެވެ. އެކަލޭގެފާނު އެއްގަމަށް އަރައިވަޑައިގެންނެވީ މިހާރު އެޅެދިހަރި ފަންނޭ ކިޔައި އުޅޭ ދިމާލުންނެވެ. މިކަމެއް ހިގާފައި އޮތީ ދިވެހިރާއްޖޭގެ ވެރިރަށް މާލެ 1153 ގައި އިސްލާމްވުމުގެ އަށާވީހަކަށް އަހަރު ކުރިންނެވެ. އައްޑޫ މީހުން އިސްލާމްވީ މާލެ އިސްލާމްވުމާއި ދާދި ގާތުގައި ކަމަށް ސަލާހުއްދީން ލިޔުއްވާފައިވަނީ އެހެންވެގެންނެވެ.

ހާލުގައިޖެހި ބިކަވެފައި ހުރި ބީރައްޓެއްސަކު ރަށުތެރެއަށް އަރައިގެންދާން ފެށީމާ އިސާހިތަކު ރަށު މީހުން މިކަލޭގެފާނު ގޮވައިގެން ރަށުގެ ވެރިމީހާގެ ގެއަށް ހިގައްޖެއެވެ. ރަށުގެ ވެރިޔަކީ ކަޅިހާރުއެވެ. މީނާގެ ހިތުގައި މިބީރައްޓެހި ކަލޭގެފާނާއި ދޭތެރޭ ރަހުމް އުފެދި ގޭގައި ބަހައްޓައި ކާންބޯންދީ މެހުމާންދާރީ އަދާކުރާން ފަށައިފިއެވެ. ކަޅިހާރުގެ ކުދީންގެ ތެރެއިން އެންމެ ހަގަށް ހުރި އަންހެން ދަރިފުޅު އެޅެދިހަރާގެ ހެޔޮކަން އަދި ވަކީން ބޮޑެވެ. މިކަމާއިހެދި ގިނަދުވަސްތަކެއް ނުކޮށް ޔޫސުފު ގާދިރީ އާއި އެޅެދިހަރާގެ ކައިވެނިވެސް ކުރެވިއްޖެއެވެ. ޔޫސުފު ގާދިރީ މީދޫއަށް ލެއްގި ސަރަހައްދަށް ފަހުން އެޅެދިހަރި ފަންނޭ ކިޔުނީ ޔޫސުފު ގާދިރީ ކައިވެނި ކުރެއްވީ ކަޅިހާރުގެ ދި އެޅެދިހަރާއާ ކަމަށްވުމުން އެކަމަނާގެ ހަނދާނުގައެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!