އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 2

ދީނަށް ގޮވައިލެއްވުން
ޔޫސުފު ނާއިބު މީދޫގައި އެންމެ ފުރަތަމަ ހުންނެވި ދިހަ ވަރަކަށް މަސް ދުވަހުގެ ތެރޭގައި އިސްލާމްކަން ފާޅެއް ނުކުރައްވައެވެ. އޭގެ ސިއްރަކީ މީދޫގައި އޮތީ ބުދުދީން ކަމަށްވެފައި ރަށުގެ ވެރި ކަޅިހާރުއަކީ ދީނުގެ ކަންކަމުގައި ހަރުކަށި މީހަކަށް ވުމެވެ. މީދޫގައި ބޮޑުވެގެންވާ ފައްޅިއެއް ހުރެއެވެ. އެފައްޅި ހުންނަނީ ރަށުގެ އިރުމަތީ ފަރާތުން މިހާރު ވޭރާނޑޭ ކިޔުނު ސަރަހައްދުގައެވެ.

މީދޫގައި އަދި މުޅި އަތޮޅުގައިވެސް އޮތް ކަމަށް ގަބޫލު ކުރެވެނީ ބުއްދާ ދީނެވެ. މި ދީނުގެ މައި މަރުކަޒަކީ ގަމެވެ. އެންމެ ބޮޑު ހާމުދުރާއި އޭނާގެ އެހީތެރިން ތިބެނީ ގަމުގައެވެ. މީދޫގެ ވެރި ކަޅިހާރުއަކީ ގަމުގައި ހުންނަ ބޮޑު ހާމުދުރުގެ ތިމާގެ މީހެކެވެ. އެހެންވީމާ މީދޫގައި ރަށުވެރިކަމާއި ދީނުގެ ފަރާތުން ހިންގާން ޖެހޭ އަމުރު މައުރޫފުގެ ވެރިޔަކީ ކަޅިހާރުއެވެ.

މީދޫގެ ބޮޑު ފައްޅި އާއި ބުއްދާ ދީނުގެ މުހިއްމު ތަންތަން ބިނާކުރެވިފައި ހުރި ސަރަހައްދު ކަމަށްވާ ވޭރާނޑުގެ އަސްލަކީ ވޭރު އެވެ. އިނގިރޭސި ބަހުން ކިޔާނަމަ މޮނާސްޓްރީއެވެ. ވޭރަކީ ބުދުދީނުގެ އަޅުކަމުގެ މުޅި ކިއްލާއަށް ކިޔާ ނަމެވެ. ބުދު ދީނުގެ އަޅުކަމުގައި ބޭނުން ކުރާ ހުރިހާ ތަކެެއްޗާއި އިމާރާތްތަކާއި ތަންތަން އެކުލެވޭ ގޮތަށެވެ. މީގެ ތެރޭގައި ހިމެނެނީ ދާގަބާ އާއި ސްޓޫޕާއާއި ޕިރިވޭނަ އާއި ވިހާރަ ފަދަ ތަންތަނެވެ. މިޒަމާނަށް އައިއިރު މިތަންތާގެ އަސްލު ވަނީ ގެއްލިފައެވެ. މިހެން ދިމާވެފައި އޮތީ މީދޫ އިސްލާމް ވުމާއި ހަމައިން ބުދު ދީނުގެ ނިޝާން ނައްތާލުމަށްޓަކައި ވޭރާނޑުގެ ބިނާތައް ތަޅައި ތިރިކޮށް ބިމާ ހަމަކޮށްފައި އޮތުމުންނެވެ.
Veyraanduވޭރާނޑާއި ގުޅުން ހުރި ކަމަށް ބެލެވޭ އެއްޗަކަށްވެސް އެސަރަހައްދުން އެންމެފަހުން މީގެ ދިހަވަރަކަށް އަހަރު ކުރީން ފެނިފައިވަނީ އުއްބަތި ރަމްޒު ކޮށްދޭ ގޮތަށް ހިރިގަލުން ކުރެހުން ނަގައިގެން ހަދާފައިވާ ކުޑަ ސްޓެޗޫ އެކެވެ. އެއީ ދިގު މިނުގައި ގާތްގަޑަަކަށް ދެފޫޓް ބައި އަދި ފުޅާ މިނުގައި ދިހަ ވަރަކަށް އިންޗި ހުރި އެއްޗެކެވެ. ބުއްދާ ދީނުގެ އަޅުކަމުގައި ތަފާތު އެތައް ވައްތަރެއްގެ ބައްތި ގެންގުޅެއެވެ. އެއީ އަލި ކުރުމުގެ އިތުރުން ބައްތީގެ ހުޅުކޮޅަށް ނަޒަރު ހުއްޓުވައިގެން މެޑިޓޭޓް ކުރުމަށްޓަކައެވެ. ބުދުދީނުގެ އަޅުކަމުގައި ގެންގުޅޭ މިފަދަ ބައްތިތަކަށް އެމީހުން ކިޔައި އުޅެނީ ލީ ބައްތިއެވެ. މީދޫގައި އޮތީ ބުދު ދީންކަން މިއެއްޗަކުންވެސް ވަރަށް ބޮޑަށް ކަށަވަރުވެއެވެ.

ޔޫސުފު ނާއިބުގެ އިސްލާމްކަން އެންމެ ފުރަތަމަ ބޭޒާރުވީ އޭނާގެ އަންހެނުން އެޅެދިހަރާއަށެވެ. އިސްލާމްދީނުގެ އަސާސްތައް އެޅެދިހަރާއަށް އޮޅުން ފިލުވައި ދިނުމުން އެކަމަނާ ދާދިފަސޭހައިން އިސްލާމްވެއްޖެއެވެ. އެއަށްފަހު ނަމަކީ ހައްވާ އެވެ. ގޭތެރޭގައި ވަރަށް ވަންހަނާކޮށް ނަމާދު ކުރުމުގެ ކަންކަން ހިންގަމުންދަނިކޮށް ހައެއްކަ މަސް ފަހުން ކަޅިހާރުއަށް މިކަންތައް ހިލަން ވެއްޖެއެވެ. މިކަމާއި ގުޅިގެން ގޭތެރޭގައި ވަރަށް ބޮޑު ދެބަސްވުމަކާއި އަރައިރުމެއް އުފެދުނެވެ.

ބުނެވޭ ގޮތުގައި ރޭގަނޑެއްގެ މެންދަމު ޔޫސުފު ނާއިބު އަވަހާރަފުޅު ލައްޕަވާފައި އޮންނަވަނިކޮށް އެކަލޭގެފާނުގެ ކަންތައް ނިންމައިލުމަށް ކަޅިހާރު މަސައްކަތްތަކެއް ކުރިއެވެ. ނުރައްކާތެރި ޚަންޖަރެއް ހިފައިގެން ވަދެ އެކަލޭގެފާނު ގަތުލު ކުރުމަށް ރޭވިއެވެ. ކަޅިހާރުއަށް ފެނުނީ ޔޫސުފު ނާއިބުގެ އަރިހުގައި އޭނާ ދުވަހަކުވެސް ނުދެކޭ ސިފަ ރިވެތި ބަޔަކު ފާރައަށް ތިބި މަންޒަރެވެ. ބޭރަށް ނުކުމެފައި އެއީ ހުވަފެނެއްކަމުގައި ހީކޮށް ދެވަނަ ފަހަރަށް ދިމާކުރީމާވެސް ފެނުނީ ހަމަ އެމަންޒަރެވެ. މިހެންގޮސް ތިންފަހަރު ދިމާކުރި ކަމަށްވެއެވެ.

ފަތިސްވެގެން ޔޫސުފު ނާއިބު ހޭފުޅުލައްވައި ތެދުވެވަޑައިގެން ކަޅިހާރުއަށް ގޮވައިލެއްވިއިރު އޭނާ ހުރީ ފެނުނު މަންޒަރުތަކުން މުޅިން އާސޯޚުވެ ގަނޑުވެފައެވެ. ޔޫސުފު ނާއިބު ގޮވައިލެއްވީމާ ހޭޖެހުނުއިރުވެސް އަތުގައި ޚަންޖަރު އޮތެވެ. މިދަނޑިވަޅުގައި ޔޫސުފު ނާއިބު ވަރަށް ހިކުމަތްތެރިކަމާއެކު ދީނުގެ އަސާސްތައް ކަޅިހާރުއަށް އޮޅުން ފިލުވައިދެއްވައި ނަރަކައާއި ސުވަރުގޭގެ ވާހަކަ ދެއްކެވުމުން މާބޮޑު ޖަދަލު ކުރުމެއް ނެތި ކަޅިހާރު އިސްލާމް ވެއްޖެއެވެ. އެއަށްފަހު އިސްލާމްވީ ކަޅައިހާރުގެ މުޅި އާއިލާއެވެ. ދެން ރަށުގެ ރައްޔިތުންނެވެ. ކަޅިހާރު އިސްލާމްވިތާ މަސްދުވަސްވީއިރު މުޅިރަށް އޮތީ އިސްލާމްވެފައެވެ. މުޅި މީދޫ އިސްލާމްވި ކަމަށް ބެލެވެނީ މީލާދީން 1127 ގައެވެ.

ޔޫސުފު ނާއިބު މީދޫއަށް ލެއްގިއިރުވެސް އަދި މީދޫ އިސްލާމް ކުރައްވައި މުޅި އަތޮޅުން ބުދުދީން ފުހެލައްވައި ފުވައްމުލަކާއި ހުވަދޫއަށް އިސްލާމްދީން ފެތުރުއްވިއިރު މާލޭގައި އޮތީ ބުދު ދީނުގެ ރަސްކަމެވެ. ތަޚުތުގައި އިންނެވީ މަހާބާރަނަ އަދީތިޔާ ކޮއިމަލާއެވެ. އޭނާ 1141 ގައި އަވަހާރަވެގެން އޭނާއަށް ބޮޑުބޭބެ ވިދާޅުވާ ތީމުގޭ މަހާ ކަލަމިންޖާ ރަސްކަމަށް އިސްވެވަޑައިގެން 1153 ގައި ފާރިސްކަރައިގެ ތަބްރޭޒުން ވަޑައިގެންނެވި އަބޫ ރިކާބު ޔޫސުފް ޝަމްސުއްދީނޭ ކިޔުނު ބެއިކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމްވެވަޑައިގެން ސުލްތާނު މުހައްމަދު ބިން އަބްދުﷲ ނުވަތަ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުގައި އިސްލާމީ ރަސްކަމެއް ފެއްޓެވިއިރު އައްޑޫ މީދޫ އިސްލާމްވިތާ 28 އަހަރު ވެއްޖެއެވެ.

ދީނަށް އުޅެން ފެށުމާއި ދީން ކިޔަވައިދިނުން
މީދޫ އިސްލާމްވުމަށްފަހު ޔޫސުފު ނާއިބުގެ އަމުރަށް އެންމެ ފުރަތަމަ ކުރެވުނީ މައިގަޑު ތިން ކަމެކެވެ. ފުރަތަމަ ކަމަކީ ވޭރާނޑު ތަޅައި ނިންމާލުމެވެ. މިތަން ބިމާއި ހަމަކުރުމުގެ ބޭނުމަކީ ބުދު ދީނުގެ އަސަރުވެސް ނުބެހެއްޓުމާއި ފަހުންވެސް ބަޔަކު އަގީދާ ފަސާދަކުރުމަށް ބޭނުންކޮށްފާނެ އާސާރެއް ނުބެހެއްޓުމެވެ. ދެވަނަ ކަމަކީ މަރުވާ މީހުން އެންދުމުގެ ބަދަލުގައި ވަޅުލާން ފެށުމެވެ. ތިންވަނަ ކަމަކީ މިސްކިތެއް ބިނާކޮށް ޖަމާއަތުގައި އެންމެނަށް ނަމާދާއި ހުކުރު ކުރެވޭނެ ގޮތް ހެދުމާއި ދީނީ އިލްމު ކިޔަވައިދޭން ފެށުމެވެ.

ބުދު ދީނުގެ ޒަމާނުގައި މީހުން އެންދި ސަރަހައްދަކީ ކޯގަންނު ސަރަހައްދެވެ. ކޯގަންނޭ ކިޔާފައި އޮތީވެސް މީހުން އަންދާ ސަރަހައްދު ކަމަށް ވުމުންނެވެ. މި އެންދުމެއް އެންދީ ވީހާވެސް ގޮނޑުދޮށާއި ކައިރީގައެވެ. އެއީ ކޯގަންނާއި އަތިރިމައްޗާއި ދޭތެރޭގައި ހުސްކޮށް އޮންނަ ބޮޑު ދޮންވެލިގަނޑޭ ކިޔުނު އޭރިޔާއެވެ. އިސްލާމް ދީނަށް އެނބުރުމަށްފަހު ކޯގަންނު ހެދީ މީހުން ވަޅުލާ ގަބުރުސްތާނަކަށެވެ. ގަބުރުސްތާނަކަށް ކޯގަންނު ބަދަލުކުރީ މީލާދީން 1127 ގައެވެ. އެހެންކަމުން މިހާރުގެ ކޯގަންނަކީ އެއްވެސް ޝައްކެއްނެތި 900 އަހަރާއި ގާތްވެފައިވާ އަދި ރާއްޖޭގެ އެންމެ ގަދީމީ ގަބުރުސްތާނެވެ

ކޯގަންނާއި ޖެހިގެން ގޮނޑުދޮށާއި ދޭތެރޭގައި އޮންނަ ހުސް ބިންކަމަށްވާ ބޮޑު ދޮންވެލިގަޑާއިމެދު މީދޫ އިސްލާމްވުމަށްފަހު ވެސް ދެކެވޭ ވާހަކައެއް އޮވެއެވެ. ބޮޑެތި މައްސަލަތަކާއި ގުޅިގެން ހުވާކުރަން ޖެހޭ މީހުން ހުވާކުރަން ނިކުންނަނީ ބޮޑު ދޮންވެލިގަޑަށް ކަމަށްވެއެވެ. މީގެ ބޭނުމަކީ ދޮގު ހުވައެއްކޮށްގެން ހޮނު އެޅުންފަދަ ކޯފާއެއް އަޔަސް މީހުން ދިރިއުޅޭ ސަރަހައްދު އެފަދަ ކަމަކުން މިންޖު ކުރުމެވެ. ކޮންމެވެސް މީހަކު ކުރި ދޮގު ހުވަޔަކާއި ގުޅިގެން ހޮނު އެޅުންފަދަ ކަމެއް ކުރިމަތިވެ ރަށުތެރެއަށް ގެއްލުންވުމަކީ މިކަމަށް ބޮޑު ދޮންވެލިގަޑު ޚާއްސަ ކުރަން ޖެހުނު ސަބަބު ކަމަށްވެސް ކިޔައި އުޅެއެވެ.

އިސްލާމުންގެ ގަބުރުސްތާނަކަށް ކޯގަންނު ހެދުމަށްފަހު އެތަނުގައި ޔޫސުފު ނާއިބު މިސްކިތެއް ބިނާކުރެއްވިއެވެ. އެމިސްކިތަކީ މިހާރުވެސް ކޯގަންނުން ފެންނަން އެހެރަ ބޯދާ މިސްކިތެވެ. މި މިސްކިތް ހެއްދެވީ މީލާދީން 1127 ގައެވެ. އެ މިސްކިތަށް ބޯދާއޭ ކިޔައި ނަންދިނީ މާފަހުން މިސްކިތް އާކުރިއިރު އެއީ ކޯގަންނުގައި ހުރި އެންމެ ބޯދާ މިސްކިތްކަމުގައި ވާތީ އެކަން ކުރި ބައެކެވެ. އެއީ ޔޫސުފު ނާއިބު ދެއްވި ނަމެއް ނޫނެވެ.  އޭގެ ކުރިން ކިޔައި އުޅުނީ ގާދިރީ މިސްކިތެވެ. މިހާރު އެފެންނަ އިތުރު މިސްކިތްތަކާއި ފަހުން ވީރާނާވެ ނެތިގޮސްފައިވާ ދެ މިސްކިތަކީ ބޯދާ މިސްކިތަށްވުރެ މާފަހުން އެކި ދަރިކޮޅުތަކުގެ މީހުން އެކި ސަބަބުތަކަށްޓަކައި ކޯގަންނުގައި ބިނާކުރި މިސްކިތްތަކެވެ.

ބޯދާ މިސްކިތުގެ ބޯގަ ބެހިގެންވީ އިހުގެ ދަރިކޮޅުތަކަކީ އުހުނިއަރާއި ދޮން މަރިޔާ، ކަޅިހާރާއި ކެއުޅާރާ، ހެނެއިކަމަނާރާއި ދޮންމަރިޔަމްބޫގެ ދޮން އަލީކަލޭގެ ދަރިކޮޅެވެ. ބޯދާ މިސްކިތް ނުވަތަ ގާދިރީ މިސްކިތަކީ ޔޫސުފު ނާއިބު ބިނާކުރެއްވި ތިން މިސްކިތުގެ ތެރެއިން އެއްމިސްކިތެވެ. އަނެއް ދެ މިސްކިތަކީ މަޝްހޫރު މާމިސްކިތާއި ރަށުގެ ހުޅަނގު ދެކުނު ކޮޅުގައި ހުންނަ ޒިޔާރަތް މިސްކިތެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!